އެތައްހާސް ބައެއްގެ ކުރިމަތީ ގައި މުޅި ރާއްޖެއަށް އެމަންޒަރު ޓީވީ މެދުވެރިކޮށް ލައިވް ކުރަމުންދަނިކޮށް، ތިމަންނައަކީ މުސްލިމެއް ނޫންކަމަށް ދިވެއްސަކު ބުނި ބުނުމުން ހިތުގައި ތަފާތު ސުވާލުތަކެއް އުފެދިގެން ދިޔައެވެ. ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން ދެން ވާނީ ކިހިނެތްކަމާ މެދު ސުވާލު އުފެދުނެވެ. އަދިވެސް މިއީ ހަމަ 100 ޕަސެންޓް މުސްލިމް ގައުމެކޭ ކިޔޭނެ ގައުމެއްކަމާމެދު ސުވާލު އުފެދިގެންދިޔައެވެ.
ދިވެހި ޖުމުހޫރިއްޔާގެ ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބުނެފައި ވަނީ ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެހުރެކަމަށެވެ. އެހެންކަމުން ދިވެހި ކޮންމެ ރައްޔިތަކީ މުސްލިމެކެވެ. އަދި ހަމަ އެގާނޫނު އަސާސީގައި ދިވެހި ރައްޔިތެއް ކަމުގެ ހައްގު އެއްވެސް ދިވެއްސެއްގެ ކިބައިން ނިގުޅައި ނުގަނެވޭނެކަމަށް ބަޔާން ކޮށްފައި އޮވެއެވެ. ގާނޫނު އަސާސީ ތަރުޖަމާ ކުރުމަކީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް ކަމަށް ވީ ހިނދު މިކަމުގައި ގޮތެއް ނިންމުމަކީ މުހިއްމު ކަމެއްކަމަށް ދެކެމެވެ.
ގާނޫނު އަސާސީގައި ބުނާ ފަދައިން ދިވެހި ރައްޔިތެއްގެ ޝަރުތު ފުރިހަމަ ވަނީ މުސްލިމެއް ކަމުގައި ވާނަމެއެވެ. ތިމަންނައަކީ ކާފަރެއް ކަމަށް އާއްމު ކޮށް އިއުލާން ކުރުމުން އޭނާގެ ކިބައިން ދިވެހި ރައްޔިތެއް ކަމުގެ ހައްގު ނިގުޅައިގަތުމަށް ކިތައްމެ ބޭނުންވިޔަސް އެކަން ކުރުމަށް އދ ގެ ގަރާރުތައް ތަނެއް ނުދެއެވެ. ދިވެހިރާއްޖެ އަކީ މިހާރު އދ ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ މެމްބަރު ގައުމަކަށް ވެފައި ދިވެހިރާއްޖެ ބައިވެރި ވެފައިވާ އދ ގެ ގަރާރު “ކޮންވެންޝަން އޮން ރިޑަކްޝަން އޮފް ސްޓޭޓްލެސްނެސް” ގެ ދަށުން މިފަދަ ކަމެއް ކުރުމަށް ދަތިތަކެއް ދިވެހި ސަރުކާރަށް ކުރިމަތިވާނެކަން ކަށަވަރެވެ. ހަމައެކަނި އޮތް ފުރުޞަތަކީ އެހެން ގައުމަކުން އޭނާ (ނާޒިމް) އަށް ރަށްވެހިކަން (ސިޓިޒަންޝިޕް) ދިނުމެވެ.
ދިވެއްސަކު ތިމަންނައަކީ މުސްލިމެއް ނޫނޭ ބުނެފިއެވެ. އެންމެންގެ ކުރިމަތީގައެވެ. އަދިވެސް މިގައުމަކީ 100 ޕަސެންޓް މުސްލިމް ގައުމެއް ހެއްޔެވެ؟ އެއްވެސް ޝައްކެތް ނެތް ގޮތުގައި ދިވެއްސަކު އަދި ތިމަންނައަކީ މުސްލިމެއްނޫންކަމަށް ބުނިކަމުގައި ވިޔަސް އެކަން އޮންނާނީ ހަމަ އެގޮތުގައެވެ. ސަބަބަކީ ދިވެހި ޖުމުހޫރިއްޔާގެ ގާނޫނު އަސާސީން ދިވެހި ރައްޔިތެއްކަމުގައި ބަލަނީ އެމީހަކީ އިސްލާމެއް ކަމުގައި ވާނަމައެވެ. އެހެން ވުމުން އެގާނޫނު އަސާސީ އެގޮތުގައި އޮތްހާ ހިނދަކު މިގައުމުވާނީ 100 ޕަސެންޓް މުސްލިމު ގައުމަކަށެވެ.
ހުކުރު ދުވަހުގެ ރޭ ހިނގާ މިދިޔަ ހާދިސާ އިން އިތުރު ފިލާވަޅުތަކެއް ލިބިގަންނަން ޖެހެއެވެ. ދިވެހި ރާއްޖޭގައި މީގެ ކުރިންވެސް މިފަދަ ތަފާތު ކަންކަން ހިނގާފައިވިޔަސް މިއަދު އަޅުގަނޑުމެންގެ ގައުމުގެ ކަންކަން ގޮސްފައި މިއޮތް ހިސާބު އެނގިގެން ހިނގައްޖެއެވެ. ދިވެހިރާއްޖޭގައި އިސްލާމްދީނާ ދުރަށް ދަތުރުކުރަމުންދާ އެތައް ބަޔަކު އުޅެމުން އެބަދެއެވެ. އަދި ދީނަށް ވަނުމުގެ ނަމުގައި ހައްދު ފަހަނައަޅައިގެންދާ އެތައް ބަޔަކުވެސް އެބައުޅެއެވެ. ސްކޫލް ތަކުގައި ހާއްސަކޮށް ސީއެޗްއެސްސީގައި އެއްވެސް ދީނެއް ގަބޫލު ނުކުރާ ކުދިންތަކެއް އުޅެމުންދާ ކަމަށް ވެއެވެ. ފޭސްބުކް ފަދަ ވެބްސައިޓުތަކުގައި ވެސް އެތަށް ދިވެހިންނެށް ކުފުރު ވެފައިވެއެވެ. އަމިއްލަ ބުލޮގް ހިންގާ ބުލޮގަރުން ވެސް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމޭ ބުނެ ފާޅުގައި ދީނާ ދެކޮޅު ޝުއޫރުތައް ފާޅު ކުރަމުންދެއެވެ. މިކަންކަން ބަލައި ފިޔަވަޅު އަޅަން ތިބީ ކޮންބައެއް ބާވައެވެ. މާތް ﷲ މިދިވެހި ގައުމު އިސްލާމީ ގައުމެއްގެ ގޮތުގައި ލަހަށްޓަވައި ދިވެހިން އަބަދުވެސް އިސްލާމުންގެ ގޮތުގައި ތިބުމުގެ ހެޔޮ ތައުފީޤު ދެއްވާށި. އާމީން.

މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:29/05/2010
މި ބަލަމާ ފެށުމެއްކަމަށް. މިހެން ދީން ގަބޫލު ނުކުރާ އެތައްބައެއް ރާއްޖޭގަ އުޅޭނެ. މިއީ އެމީހުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށްވެސް ވާނެ. ދެން ފަހަރަކު މީހަކު ނުކުންނަން ފަށާނެ އެއްބަސްވަމުން. ބަލަންތިބޭ.
ދިވެހި ވިދާޅުވީ
ތާރީޚް:29/05/2010
ގާނޫނުގަ އެހެން އޮތިއްޔާ އޭނަ އަކީ މިހާރު ދިވެއްސެއް ނޫން. އަލިފުދާލު ކޮންމެ އެއްޗެކޭ ކިޔަސް. އަލިފުދާލު އެހެން އޮއްވާ އެކަހަލަ ގާނޫނެއް ފާސްކުރެވިއްޖެއްޔާ، ދެން ކޮން އަލިފުދާނެއް. އޭނަ އަކީ މިހާރު ދިވެއްސެއް ނޫން. ޕާސްޕޯޓު އަތުލާފަ ވިސާ ނަގަން ފަށަންވީ އަވަހަށް.
ރަށުސޮރު ވިދާޅުވީ
ތާރީޚް:29/05/2010
ހުރި ހިތާމައެއްގެ ބޮޑު ކަމާ!. ރޭގެ އެމަންޒަރު ބަލަން އިނދެފައި ވަރަށްދެރަވި، އަދި އެހާމެ ލަދުވެސްގަތް، ބިރުވެސްގަތް. އޭނާއަށް އިސްލާމީ ޝަރީޢަތުގައިވާ އުސޫލުން ހުކުމްކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަން. ނޫންނަމަ މިޤައުމު ދެންވެއްޓިގެންދާނެ ވަޅުގަނޑެއްގެ ފުންމިނެއް ނޭނގޭ. އަޅުގަނޑު މިހާރު ބޭނުމެއްނޫން ކޮނެމެހެން ފެލެޓުތަކަކާއި ބަނދަރުތަކެއް އެއަށްވުރެ މާމުޙިއްމު އަޅުގަނޑުމެންގެ ދަރިންގެ ދަރިންނާއި ހަމައަށް މިޤައުމު އިސްލާމީ ދިވެހި ޤައުމެއްގެ ގޮތުގައި ފޯރުކޮށްދިނުން. ޑރ. މުސްޠަފާ ލުތުފީއަށްވެސް ގޮވާލަން އިސްލާމްދީނާއި ދިވެހިބަސް ރާއްޖޭގައި ހިންގާ ކޮންމެ ސްކޫލަކާއި ކޮލެޖަކާއި ޔުނިވާރސިޓީއެއްގައިވެސް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން. އަދި އިސްލާމް ދިވެހިން ފާސްވެފައިވާ ފަރާތަކަށް މެނުވީ ދަޢުލަތުގެ އެއްވެސް މަޤާމެއް ނުދިނުމަށް. ދި އެފް އެމް ވަންޓުވަންގައި ވާހަކަދައްކަމުން ޑރ.މުސްޠަފާ ވިދާޅުވީ ކޮންމެހެން ނުޖެހެޔޭ ޒާކިރު ނައިކު ބުނާގޮތެއް ހަދާކަށް. އޭނަ އެކަންޏެއްނޫން މިހެން ބުނަނީކީ ދިވެހިންގެ ގިނަބަޔަކު މިކަމަށް ތާއީދުކުރޭ.
ޖޭމްސް ވިދާޅުވީ
ތާރީޚް:29/05/2010
އަނެއް ފިކުރުގެ ކުދިން ވަރަށް ގިނަ. ރޭގަ ފެނިގެން އެދިޔައީ އޭގެތެރެއިން އެކަކު. އެގޮތަށްގޮސް އަނެއް ދިވެހިރާއްޖެއަށް ދެވޭ އިރު އެތައް ހާސްބަޔަކު މިދީން ދޫކޮށް އެހެން ދީންތަކަށް ބަދަލުވާނެ. މިއަންނަ ހަފްތާގެ ރޭޑިޔޯ ހިތާބު އަޑުއަހަން މިހާރު މިހުރީ ކެތްމަދުވެފަ. މިއިސްލާމީ ގައުމުގެ ރައީސް މިކަމާ ބެހޭ ގޮތުން ދައްކަވާނެ ވާހަކައެއްވެސް ނޭގޭ. އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ގޮނޑި ހޯދީވެސް މިފަދަ ފުރުސަތު ތައް ހޯދުމަށް ކަން ޔަގީން.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:29/05/2010
މިރާއްޖޭގައި ކާފަރުންގެ ހާލިތައް ހަދާ މިދިޔަ ތިރީހަކަށް އަހަރުދުވަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ފުޅާކޮއްފަ.އޭގެ ހާލިތަކުން ވިހައިގެން ނިކުންނަ އެއްޗެތިން މިފެންނަނީ. މީގަ އެންމެ ނުބައި ވައްތަރަކީ މުސްލިމުން ނަމުގަ އުޅޭ ކާފަރުން.މިކަހަލަ މީހުން ދެން ސިޔާސީ ޕާޓީއެއްގެ ދީނީ ގޮފީގެ ރައީސަކަށް ވެސް ވެދާނެ. ދެންކޮބައި ސަލާމަތަކީ.އެކަހަލަ މީހުން ދީނުގަ މަނާ ކަންތައް ހުއްދަ ކަންކަމަށް ވެސް ހަދާނެ. މިކަމަށް ސަމާލުވެ ސަލައިމަތްވެގެން ތިބޭ. ޑރ ޒާކިރު ވެސް މިކަމަށް ސަމާލުވުމަށް ގޮވާލި.
މައުމޫނު ވިދާޅުވީ
ތާރީޚް:30/05/2010
މީނާ އަކީ 37 އަހަރުގެ މީހެއް، އެހެންވީމަ މައުމޫނުގެ މައްސަލައެއް މީ
ޖޭމްސް ވިދާޅުވީ
ތާރީޚް:30/05/2010
މިކަންވެސް ސިޔާސީ ކަމަކަށް ހެދީދޯ. މިގައުމުގެ މެޖޯރިޓީ ތިބީ ނުވަތަ 99.99 ޕަސެންޓް މީހުންތިބީ ދީނުގެ މަތީގައި. ދެން ކީއްވެ ނުބުނީ މައުމޫނުގެ ސަބަބުންނޭ އެމީހުން އިސްލާމްކަން މަތީ ތިބީ. އެކަކު ދީނުން ބޭރުވީމަވެސް ތި ބުނީ މައުމޫނޭ. މައުމޫނުގެ ދައުރުގައެއް ނޫން ކާފަރުކަން އިއުލާނު ކުރީ. މައުމޫނުގެ ދައުރު ގައި ކިޔަވައިގެން ތިބި މީހުންތިބީ މުޅިންވެސް. އޭގެ މާނައަކީ އެހުރިހާ މީހުން ކުރާ ހުރިހާ ކަމެއް އެއީ މައުމޫނުގެ ސަބަބުން ވާ ކަމެއް ނޫނޭ. ޕިސްޕިސް އަކީ ބޯހަމަ ނުޖެހޭ ކުއްޖެއް.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:30/05/2010
ހެހެ، އެއްކަލަ ޖޭމްސް އަށް ހަޖަމުނުވެގެން އެހެންމީހުނަށް ހެއްދެވި ނެހެއްދެވިއަށް ގޮވަނީ ދޯ. ބަލަ އެއީ މިނިވަންކަމާއެކު ފާޅުކުރާ ހިޔާލު ދަސްކުރޭ.ތިހެން ނޫޅޭ ބޯހަމަޖެހޭ ކުދިން.
ޖޭމްސް ވިދާޅުވީ
ތާރީޚް:30/05/2010
ކެނެރީގޭ ނަސީމާގެ ދަނބި ދަރިއެއް މި ނާޒިމަކީ…. މީ ތެދެއްބާ؟؟
އަޑަފި ވިދާޅުވީ
ތާރީޚް:30/05/2010
ނޭނގެ، އަހަންނަށް ހެޔޮކޮންމެމީހަކު ދަރިޔަކަށް ވިޔަސް، މައުމޫނު ދަރިޔަކަށް ވިޔަސް ކާފަރެއްވާނީ ކާފަރަކަށް.
އަޑަފި ވިދާޅުވީ
ތާރީޚް:30/05/2010
ޖޭމްސް މެން ކަހަލަ މީހުނަށް މިވާގޮތަކީ”: މިތުރުންގެ ލޮބުވެތި މީމުވެސް ފުރޮޅިއްޖެޔޭ އަދު ހާއަހަށް
ހަތުރުންނެ ދުނިޔޭގައިވަނީ ވީމާ އައިސް މިޒަމާނަކަށް
އަޚުވަންތަކަން ގެއްލިއްޖެޔޭ ރަހުމާއި ލޯބި އޮޅިއްޖެޔޭ
އަޚުލާޤު ނަގަހައްޓަން ހިފީ ކެހިވެރިކަމޭ ހަތިޔާރަކަށް
އެދުމެއް އޮތިއްޔާ ދައްކައޭ އަލިމޫނު ވަދެލާފާ ގެއަށް
ފުދުމުން އެކަން ހަމަ ނުހަދައޭ ދުވަހަކު ތިމާ ދުށްމީހަކަށް
އަޙްމަދު ވިދާޅުވީ
ތާރީޚް:31/05/2010
ދިވެއްސަކު މިފަދަ ގޮތަކަށް އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ޤައުމަށް ލިބިގެންދިޔަ ހުތުރު ނަމެއްކަމުގައި ނޫނީ ނުވާނެ، މިއަދު ހުޅުވާލެވިފައިވާ ދުނިޔެއެއްގައި ރާއްޖޭގެ ނާޒުކު ކަމާއިއެކުގައި ދީނުގެ މިނިވަންކަން ދިނުމަކާނުލައި، ޝަރީޢާގެ ޙުކުމްތައް ތަންފީޒުކުރަމުން، އަދި އެހުރިހާ ގޮންޖެހުންތަކަށް ރައްދުދެމުން ރާއްޖެއަށް ވާޞިލުވެފައިވާ މަގަކީ އަޖައިބުކުރަނިވި ކަމެކެވެ. އެކަމަށް ދިވެހިން އެއްބާރުލުން ނުދީފިނަމަ ތިޔަކަހަލަ އެތައް ނާޒިމެއް ފެނިގެންދާނެއެވެ.
ހާޝިމް ވިދާޅުވީ
ތާރީޚް:31/05/2010
އަޅުގަނޑުގެ ވަރަށް ކަންބޮޑުވޭ އޭނާއަކީ ދެން ބޮޑު މުޖުރިމަކަށް، އިބިލީހަކަށް ހަދައިގެން ވާހަކަ ދައްކަމުން ގެންދާތީ. އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑުމެންގެ ކިބައިގައި، އެފަދަ މީހުން ދައްކާ ވާހަކަ އަޑުއެހުމުގެ ޤާބިލްކަން ހުންނާނެ. އޭނާ އެބުނަނީ، ތިމަންނާއަކީ އިސްލާމެއް ނޫނޭ. އަދި އެއްވެސް ދީނެއް ޤަބޫލުކުރާ މީހެއް ނޫނޭ. އެ ވަރު ބުނެގެން އަދި އަޅުގަނޑުމެން ފުއްމަފުއްމައިގެން ގޮސް އޭނާ އުލުބައިންދާކަށް ނުވޭ. ދެން އަޅުގަނޑުމެން އޭނާ ކުރެން އަހަންވީ ކީއްވެތޯ؟ އޭނާ ދޭ ޖަވާބަކުން، އޭނާއަށް ވިސްނައިދޭން ފަށަންވީ. އޭނާއަށް ޤަބޫލުކުރެވޭ ރާގުގައި، އޭނާއަށް ކައުންސެލިންގ ދޭންވީ. އޭގެ ބަދަލުގައި، އަތުރާފައިވާ ހުރިހާ ގޮނޑިއަކާއި، ދުވާރުގައި ހުންނަ ގާތައް އޭނާއަށް އަމާޒުކުރަންވީކީ ނޫން. ކަންކަމުގައި ދެކޮޅު ބަލައި، ރިވެތި ހައްލެއް ހޯދަންވީ، ޤުރުއާނުގައި ވެސް އޮންނާނެ އާޔަތެއް. އޭގެ މާނާގައި އޮންނަނީ، ކަލޭގެފާނު އެބައިމީހުންނާ (ޣައިރު މުސްލިމުންނާ) ރިވެތި ގޮތުގައި ޖަދަލުކުރައްވާށެވެ. އެއީ، ރީތިކޮށް އެމީހުންނާ ބަހުސްކުރުން. ހަމަދެއްކުން. އެމީހުން މަރާލާކަށް ނުވޭ. އަދި ކޮބައިތޯ، އަޅުގަނޑެއް އަޑެއް ނާހަން އޭނާ އިސްލާމްދީނަށް އިހާނެތި ބަސްތަކެއް ބުނިއަޑެއް. އޭނާ އެކަމެއް ނުކުރޭ އެރޭ. އެހެންވީމާ، އޭނާގެ ސަބަބުން އަދި އިސްލާމްދީނަކަށް ހުތުރު ނަމެއް ނުލިބޭ. އޭނާއަށް ހެޔޮއެދޭ ކަމަށްވަންޏާ، އަދި މިކަން ރިވެތިކޮށް ކުރަންޏާ ކުރަންވީ ކަމަކީ، އޭނާއަށް ނަސޭހަތްދީ، ހަމަ ދައްކައިދޭންވީ. އެކަމަކު، އަޅުގަނޑެއް ނުދަންނަވާނަން އެކަން ޑރ ބާރީ، ނޫނީ ޝައިޚް ޝަހީމަށް ކުރެވޭނެއެކޭ.
ހާޝިމް ވިދާޅުވީ
ތާރީޚް:31/05/2010
އަޙުމަދަށް.
ނާޒިމު އިސްލާމްދީނަށް ފުރައްސާރައެއް ނުކުރޭ. އެކަން އޮޅުވާ ނުލައްވާ. އޭނާ ބުނިހާ ވެސް އެއްޗަކީ، އޭނާ އިސްލާމްދީން ނުވަތަ އެހެން ވެސް ދީނެއް ޤަބޫލެއް ނުކުރަމޭ. އެހެންވީމާ، އޭނާ ހަދަންވީ ކިހިނެތްހޭ.
ދޮންބޭބެ ވިދާޅުވީ
ތާރީޚް:31/05/2010
އަޅުގަނޑު ވަރަށް ކަންބޮޑުވޭ މި ހާޝިމް މެން ކަހަލަ ނޭފަތަށް ވުރެ ދުރު ނުފެންނަ މީހުން މި އުލޭ ލާދީނީ މީހުންފެ ދިފާޢުގަ މި ކެކިގަންނަ ގޮތުން. ނާޒިމް އެތަނަށް ނުކުތީ ހަމަ ކަނޑައެޅިގެން ބައިނަލް އަގްވާމީ ދުނިޔެއަށް ވަކި މެސެޖެއް ދިނުމަށް، ބޭނުންވަނީ އެމީހުން ރާވާފައިވާ ޕްލޭނެއްގެ ފުރަތަމަ ސްޓެޕް ފެށުން، އޭނާ ނުކުތީ ބޮޑާ ކަމާ ގޮންޖަހާލުމާ އެކު އެތައް ހާސް މުސްލިމުންތަކެއްގެ ކުރިމައްޗަށް. އެރޭގެ ދަރުސް ބެލި މީހަކަށް ވިއްޔާ ފެންނާނެ ޣައިރު މުސްލިމަކު އޭނާ ނޫނަސް އެރޭ ނައިކް އާ ސުވާލުކުރި. މީނާގެ މި ހުރި ބޮޑާކަމެއް ނުފެނޭ. އޭނާގެ އަޑި އެބަ ޖެހޭ ރަނގަޅަށް ތަޙްޤީޤުކުރަން. އެކަމުގެ އަޑީގަ ތިބި ބައެއް ބަލަން ޖެހޭ އެބަ. ހާޝްމް މެން މިކަހަލަ މީސްމީހުންގެ ދިފާޢުގައި ވާހަކަ ދައްކާކަމަށް ވަންޏާ އޭނާ ވެސް މިހާރު ތަޙްޤީޤް ކުރަން ވެއްޖެ. މީނާގެ ކަންތައް މިހާރު މި އުޅެނީ ފުކެއް މަތީގަ. މީނާ އަކީ އެންޓި އަރަބް ރޭސިސްޓެއްކަން ވެސް މިނާގެ ކޮމެންޓްތަކުން އެނގޭ.
ރަށުސޮރު ވިދާޅުވީ
ތާރީޚް:31/05/2010
ދޮންބޭބެއަށް ތިޔާބުނީ ހަމަ އަހަންވެސް ކަންނެތްކަމުން ނުބުނެވިގެންމިއުޅޭ ވާހަކަ. ދޮންބޭބެއަށް ސާބަސް.
އަޑަފި ވިދާޅުވީ
ތާރީޚް:02/06/2010
ހާޝިމް ތިޔަބުނީ ހެޔޮކޮށް ، މިހާރު އެސޮރު މުސްލިމަކަށް ވެއްޖެ.
ހާޝިމް ވިދާޅުވީ
ތާރީޚް:02/06/2010
ދޮންބޭބެއަށް.
“އަޅުގަނޑު ވަރަށް ކަންބޮޑުވޭ މި ހާޝިމް މެން ކަހަލަ ނޭފަތަށް ވުރެ ދުރު ނުފެންނަ މީހުން މި އުލޭ ލާދީނީ މީހުންފެ ދިފާޢުގަ މި ކެކިގަންނަ ގޮތުން. ” – މީގެ ޖަވާބަކީ: ލާދީނީ މީހުންގެ ދިފާޢުގައި ނުކުންނަނީކީ ނޫން. އޮޅުވާލެވެމުންދާ ތާރީޚީ ނުކުތާއެއް ސާފުކޮށްދިނީ އަޅުގަނޑު.
“ނާޒިމް އެތަނަށް ނުކުތީ ހަމަ ކަނޑައެޅިގެން ބައިނަލް އަގްވާމީ ދުނިޔެއަށް ވަކި މެސެޖެއް ދިނުމަށް، ބޭނުންވަނީ އެމީހުން ރާވާފައިވާ ޕްލޭނެއްގެ ފުރަތަމަ ސްޓެޕް ފެށުން”: މިއީ ދެން އެއްޗެއް އެނގިވަޑައިނުގެން ވިދާޅުވާ މަރުކޮސް. ހަމަ ޚިޔާލީ ފޮލާ. މީގެ ހެއްކެތް ނިކަން ދައްކަވާބައްލަވާ ދޮންބޭބެ.
“އޭނާ ނުކުތީ ބޮޑާ ކަމާ ގޮންޖަހާލުމާ އެކު އެތައް ހާސް މުސްލިމުންތަކެއްގެ ކުރިމައްޗަށް. އެރޭގެ ދަރުސް ބެލި މީހަކަށް ވިއްޔާ ފެންނާނެ ޣައިރު މުސްލިމަކު އޭނާ ނޫނަސް އެރޭ ނައިކް އާ ސުވާލުކުރި. މީނާގެ މި ހުރި ބޮޑާކަމެއް ނުފެނޭ.”: ބޮޑަކަމަކީ ސަބްޖެކްޓިވް އެއްޗެއް. އަޅުގަނޑަށް ބޮޑާ މީހަކު، ދޮންބޭބެއަށް ބޮޑާ މީހަކަށް ނުވެދާނެ. އެހެންވީމާ، މިހެން ކަންކަން ޖެނެރަލައިޒްކުރައްވާކަށް ހެޔޮ ނުވާނެ.
“އޭނާގެ އަޑި އެބަ ޖެހޭ ރަނގަޅަށް ތަޙްޤީޤުކުރަން. އެކަމުގެ އަޑީގަ ތިބި ބައެއް ބަލަން ޖެހޭ އެބަ. ހާޝްމް މެން މިކަހަލަ މީސްމީހުންގެ ދިފާޢުގައި ވާހަކަ ދައްކާކަމަށް ވަންޏާ އޭނާ ވެސް މިހާރު ތަޙްޤީޤް ކުރަން ވެއްޖެ. މީނާގެ ކަންތައް މިހާރު މި އުޅެނީ ފުކެއް މަތީގަ.”: މިއީ ދެން ދެރަވީމާ ވިދާޅުވާ އަނެއް މަރުކޮސް. މީގައި ޙަޤީޤަތެއް ވާ ނަމަ އެކަން ސާބިތުވާން ޖެހޭނެ. އެހެންނޫނީ، މިއީ ވެސް ހޮޅި ވާހަކަ.
“މީނާ އަކީ އެންޓި އަރަބް ރޭސިސްޓެއްކަން ވެސް މިނާގެ ކޮމެންޓްތަކުން އެނގޭ”: މިއީ ދެން އަސްލެއް ނެތް ދޮގު ތުހުމަތެއް. މިއީ އެއްކަލަ އަބުރުގެ ދަޢުވާ ކުރެވޭ ކަހަލަ އިލްޒާމެއް.
ދޮންބޭބެ ވިދާޅުވީ
ތާރީޚް:04/06/2010
ހާޝިމަށް: އޭނާ ރުޖޫޢަވެއްޖެ. އަލްޙަމްދު ލިﷲ. ކުރީގެ ވާހަކަތަށް ކޮންމެހެން އަލުން އާލާކުރުމުގެ ބޭނުމެއް ނެތް. އެހެންވީމާ އެވާހަކަ ބާއްވާނަން. އޭގެ ތެރޭގައި ހަމަ މި ސައިޓުގައި، ހާޝިމް އަރަބިންނާ އިދިކޮޅަށް ނަސްލީ ގޮތުން ކުރައްވައިފައި ހުރި ކޮމެންޓްތަކުގެ ވާހަކަ ވެސް ބާއްވާނަން. އެއީ އެއިރު އެޔާ އިދިކޮޅަށް އަޅުގަނޑު ކޮމެންޓްކޮށް ނިމިފައި އޮތް މާ ކުރީގެ ކަމަކަށްވީމާ.
މީހުންގެ ޢަޤީދާއަކީ ގަދަކަމުން ހިތަށް ވެއްދޭނެ ކަންކަމެއް ނޫން. ކަން އެހެން އޮތަސް، އިސްލާމީ ޢަޤީދާ އަކީ ދިވެހި ދައުލަތުގެ މައިގަނޑު އައިޑިއޮލޮޖީ. އެހެންކަމުން އެ ދައުލަތުގެ ވުޖޫދަށް ނުރައްކާ ހުރި ފިކުރުތައް މިތަނުގައި މަނާކުރެވެން ޖެހޭނެ. އެއީ ދުނިޔޭގެ ހުރިހާ ތާކު ވެސް އެކަން އޮންނަ ގޮތް. މިސާލަކަށް ތުރުކީގައި، އަތާ ތުރްކުގެ ޙުރްމަތް ކަނޑާލުމަކީ ބޮޑުވެގެންވާ ޖުރުމެއް. ޔޫރަޕުގައި ހޮލޮކޯސްޓަށް އިންކާރުކުރުމަކީ ވެސް އެފަދަ ކަމެއް. ހަމަ މި އުސޫލުން، ރާއްޖޭގައި އިސްލާމް ދީނާ އިދިކޮޅަށް ކެންޕޭނުކޮށް އެހެން ދީންތަކަށް ދަޢުވަތު ދިނުމަކީ ވެސް ކުށެއް، މީހަކަށް މި ދީން ގަބޫލު ނުކުރެވެންޏާ ނުކުރުން އެއީ އެހެން ކަމެއް. ޒާކިރު ނައިކް ވެސް ވިދާޅުވީ، އިސްލާމް ދީނުން ބޭރުވުމާ، އިސްލާމް ދީނާ އިދިކޮޅަށް ނުކުންނަ މީހާގެ ޙުކުމް ތަފާތުކަމަށް. ޑރ ޙަސަން ސަޢީދާ އޭނާގެ ބޭބެ ޕްރޮފެސަރު ޢަބްދު ﷲ ސަޢީދު ލިޔުއްވައި، މައުމޫން ޢަބްދުލްޤައްޔޫމް ތަޢުރީފުކުރެއްވި، މަޝްހޫރު ފޮތުގައި ވެސް އޮންނަނީ އެ ފިކުރު. ނާޒިމް ގެ މައްސަލަ ސީރިޔަސްވާ ސަބަބަކީ، އޭނާ ކުރީ ބޭކާރު ސުވާލަކަށް ވީތީ. އޭނާ ދުނިޔެއަށް އެދުވަހު ދައްކަން ބޭނުންވި މެސެޖް ވަރަށް ސާފު. އެކަމަށް އޭނާ އަމިއްލަ އިޚްތިޔާރުގައި މާފަށް އެދެފި. ނާޒިމް ގެ މައްސަލައިގެ ނަތީޖާއަކީ ޑީއޯ ސައްޕޭމެން އެވާހަކައިގައި ހިފައި ފާޑުފާޑުގެ މައްސަލަތައް ހިލުވައި، ދިވެހިންގެ ދީނީ ކަންތައް ބޮޑު ޑިބޭޓަކަށް ހަދާނެ ފުރުޞަތު ހޯދުން. އެކަން އޭނާ ކޮށްވެސްފިމެ. ނާޒިމްގެ ޙާދިސާ ހިނގިފަހުން އެތަން މިތަނުން ނެރެގެންނާއި ސައްޕޭގެ އަމިއްލަ މަސައްކަތުން ތިން ހަތަރު ލިންކު ތަފާތު ސުވާލު އުފައްދައިގެން އޭނާގެ ވެބްސައިޓުގައި އެއޮތީ ޝާއިއުކޮށްފައި، އެކަމަކު ނާޒިމް އިސްލާމްވެ އެކަން ޢާއްމުކޮށް އިޢުލާންކުރިފަހުން ތިންދުވަސް ވެގެންދާއިރު އެވާހަކަ ނުޖަހާ.
ނާޒިމް އެ ހިންގި ޢަމަލުގެ އަޑީގައި ބަޔަކު ތިބުމަކީ ޤައުމެއްގެ ޙައިސިއްޔަތުން ސީރިއަސް ޤަޟިއްޔާއެއްގައި ނަމަ ތަޙްޤީޤްކުރަން ޖެހޭ ކަމެއް. މިސާލަކަށް އިންޑޔާއަށް ވަރަށް ޙައްސާސީ މައްސަލައެއް ކަޝްމީރު މައްސަލަ. މީހަކު ޢާއްމު މައިދާނެއްގައި، ތިމަންނާއަށް ޤަބޫލުކުރެވޭ ގޮތުގައި ކަޝްމީރު ބޮޑަށް ޙައްޤުވަނީ ޕާކިސްތާނަށޭ ބުނެފި ނަމަ، އޭނާ ކިތައްމެ އިޚްލާޞްތެރިކަމާ އެކު އަދި އޭނާއަށް އެގޮތް ހަމަ އެކަނި ޤަބޫލުކުރެވޭތީ ފްރީޑޮމް އޮފް ސްޕީޗް ގެ ދަށުން އެހެން ބުންޏަސް، އިންޑިޔާއަށް މިހާ ސީރިޔަސް މައްސަލައެއްގައި، އެކަމުގެ އަޑީގައި ބަޔަކު ތިބެދާނެ ކަމަށް ތަޙްޤީޤް ކުރާނެ. ކުރަން ޖެހޭނެވެސްމެ. އެޔަކަށް އެއްވެސް އަސްލެއް ނެތް މަރުކޮސް ކަމެކޭ ނުބުނެވޭނެ. ޤައުމީ މަތީ މަޞްލަޙަތާއި ޤައުމީ ސަލާމަތަށް ރައްކާތެރިވާ ނަމަ އެކަން އޮންނަން ޖެހޭނީ އެގޮތަށް. އެހެންވެގެން އަޅުގަނޑު ދެންނެވީ ނާޒިމްގެ މައްސަލަ ރަނގަޅަށް ތަޙްޤީޤްކުރަން ޖެހޭނެޔޭ. އެއީ ދިވެހި ޤައުމިއްޔަތާ ގުޅިފައި އޮތް ސީރިޔަސް ކަމަކަށް ވާތީ. މިކަހަލަ ކަންކަން ހާޝިމަށް ސީރިޔަސް ވެނުލައްވާ ޙާލު، މިކަހަލަ ކޮންމެ މައްސަލައެއްގައި ހާޝިމް އާދައިގެ މަތިން “ފުންމައިވަޑައިގަންނަވާ” ގޮތުން ހާޝިމް ވެސް ތަޙްޤޤް ކުރަން އެބަ ޖެހޭކަމަށް އަޅުގަނޑަށް ފެންނަ ކަމަށް މި ދަންނަވަނީ. ހާޝިމް ތެދުވެވަޑައިގަންނަވަނީ ތާރީޚީ ގޮތުން މާބޮޑު އޮޅުމެއް އަރައިދާނެތީ ތާރީޚް ރަނގަޅުކުރައްވާކަށް ނޫން. ކުޑަކުދިންނަށް، ނުވަތަ ސޭކުންނަށް ވިސްނައިދޭން އުޅޭ ގޮތަށް، ވާހަކަ ނުދައްކަވައި، ތަންކޮޅެއް ބޮޑެތި މީހުންނާ ދައްކާ ކަހަލަ ވާހަކަ ދެއްކެވުން އެދެން. ޝުކުރިއްޔާ.