Share

ކޮމްޕިއުޓަރަށް އެކަކާއި ސުމެއް އެނގެނީ ކީއްވެ؟

ކޮމްޕިއުޓަރަށް އެކަކާއި ސުމެއް އެނގެނީ ކީއްވެ؟
މުހައްމަދު އަރުޝަދު

ފާރިސީ ރަސްކަލެއްގެ ދަރުބާރަށް އައި މީހަކު އެރަސްގެފާނުގެ ހަކީމުން ކުރެން އެންމެ މޮޅު ބުއްދިވެރިޔާއާ މުނާޒަރާކުރުމަށް ހުށައެޅިއެވެ. އެފަދަ ޢިލްމީ ބަހުސްތަކަށް ރަސްގެފާނުވެސް ލޯބިކުރައްވާލެއް ބޮޑުކަމުން، މޮޅުވެއްޖެ ނަމަ އިނާމަކަށް ބޭނުންވަނީ ކޮން އެއްޗެއްތޯ ރަސްގެފާނުން އެމީހާއާ ސުވާލުކުރެއްވިއެވެ. ޖަވާބުގައި އެމީހާ ދެންނެވިއެވެ. ރާޒުވާ ފިލާގަނޑެއް ގެނެސްފައި އޭގެ ފުރަތަމަ ގޮޅިއަށް ދެ ހަނޑޫ ފުއް، އެއާ ޖެހުނު ގޮޅިއަށް ހަތަރު ފުއް، ދެން ޖެހުނު ގޮޅިއަށް އަށް ފުއް، މި (ކޮންމެ އަދަދެއްވެސް ދެގުނަވާ) ތަރުތީބުން ރާޒުވާ ފިލާގަނޑުގެ ފަސްދޮޅަސް ހަތަރު ގޮޅިއަށް ވާވަރަށް ހަނޑުލެވެ.

މި އިނާމުގެ ކުޑަކަމާއި މެދު ރަސްގެފާނު ވެސް ހިސާބަކަށް ހައިރާންފުޅުވެފައި، މުނާޒަރާ ފެށުމަށް އަމުރު ނެރުއްވައިފިއެވެ. ކޮންމެ އަކަސް މާ ދިގުލައިގެން ދާގޮތް ނުވެ، ދަރުބާރަށް އަލަށް އައި ކަލޭގެ ބުއްދީން ނެރުނު އަޖައިބުވާ ފަދަ ހަމަތަކާއި، ދުލުގެ ކުޅަދާނަކަމުގައި ހަކީމު ރަނގަޅަށް ބެދި އަމާންދީފިއެވެ.

ދެން އޭނާއަށް ހައްގުވީ އިނާމު ތައްޔާރުކުރުމަށް ރަސްގެފާނު އަމުރުފުޅު ނެރުއްވައިފިއެވެ. އޭނާ ބުނި އުސޫލުން ރާޒުވާގޮނޑީގެ ހުރިހާ ގޮޅިއަކަށް ހަނޑޫ ހަމަކުރިއިރު ހަނޑޫފުކުގެ އަދަދު 18,446,744,073,709,551,615 އަރައެވެ. އެއްހާސް ފުކުގެ ބަރުދަނަކީ 25 ގްރާމް ކަމަށް ވާއިރު އޭނާއަށް މުޅިއެކު 460 ބިލިއަން ޓަނުގެ ހަނޑޫ އެބަ ދޭންޖެހެއެވެ. މި މިންވަރަކީ މުޅި ފާރިސްކަރައިން ވެސް ފަސޭހައިން ހޯދޭނޭ މިންވަރެއް ކަމުގައި ނުވާތީ، އެކި ފަހަރުމަތީން ދަރަނިފުޅު އަދާކުރެއްވުމަށް ރަސްގެފާނު ނިންމެވިއެވެ.

ކޮމްޕިއުޓަރުގެ މެމަރީ ވެސް ޑަބަލް ވަނީ މިގޮތަށެވެ. އިތުރުވަނީވެސް 2 ގުނަ އިންނެވެ. އެހެންކަމުން 64 ބިޓްގެ ޕްރޮސެސަރަކަށް އެހާ ބޮޑު އަދަދުގެ ޑޭޓާ ކޮންޓްރޯލް ކުރެވެއެވެ. މި އަޖައިބު ކުރުވަނިވި މެޝިނަށް 1 އާއި 0 މި ދެ އަދަދު އެކަނި އެނގެނީ ކީއްވެކަން ބަލަން ތާރީޚަށް ޖެހިލަމާ ހެއްޔެވެ.

އެއްޒަމާނެއްގައި އުޅުނު ތަހުޒީބު ނުވާ އިންސާނުންގެ ތެރެއިން މީހަކުދެ އަތުގެ އިނގިލިތައް ބޭނުން ކޮށްގެން ގުނާ ހިސާބު ހެދުމަށް ޚިޔާލު ކުރިއެވެ. އަދި މިގޮތަކީ ފަސޭހަ ގޮތަކަށްވެ އެދުވަސްވަރު އިންސާނުންނަށް ބޭނުންވި އެކި އެކި ހިސާބުތައް ހެދުމަށް އިނގިލި ބޭނުން ކޮށް އުޅުނެވެ.

އިންސާނުން ހަދާ ހިސާބު ބިނާވެފައިވަނީވެސް ދިހަ އަކަށެވެ. ލިބިފައިވަނީ ދިހަ އަކުރެވެ. އެއީ ސުމަކުން ނުވަ އަކާއި ހަމަ އަށެވެ. މިސާލަކަށް 456 އެއީ(1*6+10*5+10*10*4). ޖުމްލަ ހަތަރު ސަތޭކަ ފަންސާސް ހައެކެވެ.

މިއާ ޚިލާފަށް ބޯވަ އަކަށް ލިބިފައިވަނީ އަށް ފައެވެ. ހިސާބު ހެދުމަށް ލިބިފައިވަނީވެސް އަށް އަކުރެވެ. އެއީ ސުމަކުން ހަތަކާއި ހަމަ އަށެވެ. އަހަރެމެން ލިޔެ މިއުޅޭ 85، ބޯވަ އަށް ލިޔެވޭނީ 125 ގެ ގޮތުގައެވެ. (1*5+8*2+8*8*1) އެއީ ޖުމްލަ 85 އެކެވެ. މިހިސާބަކީ ވެސް އަތުގެ އިނގިލި ތަކުން ގުނާއުޅޭ ގުނުމާއި އަޅާ ބަލާއިރު ހަމަހަމަ ސައްހަ ނަތީޖާއެއް ނެރެވޭނެ އުސޫލެކެވެ. ނަމަވެސް ތަފާތަކީ މިވައްތަރު ނަންބަރު ސިސްޓަމްގެ ބޭސް އަކީ ދިހަ އެއްގެ ބަދަލުގައި އަށެއް ކަމުގައި ވުމެވެ. މިއީ އަތުގައި ދިހަ އިނގިލިވާ އިންސާނުންނަށް އެހާ ފަސޭހަ ގޮތެއް ނޫނެވެ.

ތަރިތަކާއިބެހޭ ޢިލްމުވެރިންނާއި ވިޔަފާރިވެރިން، އަދި ބޮޑެތި ހިސާބުތައް ހެދުން މުހިންމުވެފައިވާ މަތީ ފަންތީގެ މީހުން އެފަދަ ފޫހި، ސިކުނޑި އަށް ބުރަކަން އަންނަ މަސައްކަތްތަކުގައި ބޯގާނާ ވަގުތުތަކެއް ނަގާލުމުގެ ބަދަލުގައި އަޅު އަންހެނުން ލައްވާ އެކަންތައް ޒަމާނެއްގައި ކުރުވިއެވެ. މިމީހުނަށް ކޮމްޕިއުޓަރޭ ކިޔާ އުޅެއެވެ. ނަމަވެސް އެއީ އިންސާނުން ކަމުގައި ވީތީވެ ގިނަ އިރު ހިސާބު ހަދަންޖެހުމުން ފޫހިވެ، ހަދާ ހިސާބުތަކުގައި ކުށް ގިނަވެ، ވާނުވާ ނޭނގޭ ހިސާބަށް މަސައްކަތް ބޮޑުވެ، ދިގުލައިގެންދާންފެށިއެވެ.

މިކަމަށް ހައްލެއް ހޯދުމަށްޓަކައި ވިސްނޭ އަދި އެއްޗެހި ހަނދާނުގައި ބެހެއްޓޭފަދަ މެޝިނެއް އުފެއްދުމުގެ ހުވަފެން އިންސާނުން އައީ އޭރުއްސުރެ ދެކެމުންނެވެ.

އެހެންކަމުން ވަރަށް އެވޭލާ ދެ އުސޫލެއްގެ ނަކަލެއް އޭރުގެ ތަންދޮރު ދަންނަ މީހުން ބޭނުން ކުރަން ވިސްނިއެވެ. އެއީ ބޭސް 2 ނަންބަރު ސިސްޓަމެވެ. މިއީ އިންސާނުންނަށް އާ ގޮތެއް ނޫނެވެ. އޮސްޓްރޭލިއާގެ އެންމެ ކުރީގެ މީހުން ގުނާ އުޅުނީ ދެ ނަންބަރު ބޭނުން ކޮށްގެންނެވެ. ދެވަނަ އުސޫލަކީ އެފްރިކާ މީހުން ބާރު އަދި މަޑު ޕިޗް ތަކެއްގައި، ވަކި ތަރުތީބަކުން ބެރުޖަހައިގެން ސިއްރު މުވާސަލާތުތައް ކޮށްއުޅުމަށް ބޭނުންކުރި ހަމައެވެ.

ނަމަވެސް ކޮމްޕިއުޓަރަށް އެއްވެސް ނަންބަރެއްގެ އިތުރުން އަޑެއްވެސް ދެނެއެއް ނުގަނެވޭނެއެވެ. އެހެން ކަމުން ކޮމްޕިއުޓަރު ލައްވާ މަސައްކަތް ކުރުވުމަށްޓަކައި އޮސްޓްރޭލިއާ މީހުން ފަދައިން ދެ ނަންބަރު ނުވަތަ އެފްރިކާ މީހުންހެން ދެ ވައްތަރުގެ އަޑުގެ ބޭނުމެއް ނެތެވެ. އޭގެ ބަދަލުގައި ދެ ހާލަތް ބޭނުން ކުރަން ފެށުނެވެ. އެއީ ކަރަންޓް ހުރުމާއި ނުހުރެމެވެ. ނުވަތަ އޮން، އޮފް، މި ދެ ހާލަތެވެ. މިއަށް 1 އަކާއި ސުމެއް ކިޔާ އުޅެއެވެ. އެކަކީ ކަރަންޓް ދަތުރު ކުރުމެވެ. ސުމަކީ ކަރަންޓް ދަތުރު ނުކުރުމެވެ. އެހެންގޮތަކަށް ބުނާނަމަ ކޮމްޕިއުޓަރަށް ގުނަން ލިބިފައިވަނީ ދެ އިނގިއްޔެވެ. ބިޓް އެއީ އަތެއް ކަމުގައި ބެލެވިދާނެއެވެ.

މިސާލަކަށް އަހަރެމެން ބޭނުން ކުރާ ނަމްބަރު 13، ކޮންޕިއަޓަރު ދެނެގަންނާނީ 1101 ގެ ގޮތުގައެވެ. (1*1+2*0+2*2*1+ 2*2*2*1) އެއީ ޖުމްލަ 13 އެވެ. މިއިން ކޮންމެ އެކަކީ، އޮން ކޮށްފައިވާ ސްވިޗެއް ކަމުގައި ބަލާށެވެ. އަދި ކޮންމެ ސުމަކީ އޮފް ކޮށްފައިވާ ސްވިޗެކެވެ. މިހެންކަމުން ނަންބަރު 13 ޖެހުމަށްޓަކައި ކޮމްޕިއުޓަރަށް ހަތަރު ސްވިޗް އެބަ ބޭނުންވެއެވެ. މި ސްވިޗްތައް އެކި އެކި ތަރުތީބުން، އޮން އޮފް ކޮށްގެން އެކި އެކި ނަތީޖާ ނެރެވިދާނެއެވެ. ނަމަވެސް އެންމެ ހަތަރު ސްވިޗަކީ ހިސާބު ހެދުމަށް ވަރަށް ކުޑަ ކުޑަ ލިމިޓެކެވެ. ނެރެވޭ ނަތީޖާތައް މާ މަދެވެ.އަދި ކޮމްޕިއުޓަރަކާއި ބަލާނަމަ އެއްވެސް އެއްޗަކަށް ނުވެއެވެ.

ނަމަވެސް، މި މޮޅު އުފެއްދުންތެރި އީޖާދު ވެގެން ދިޔައީ ޑިޖިޓަލް އިންގިލާބެއްގެ ފެށުމަކަށެވެ. އަދި ކަރަންޓުން ބޭނުން ކުރާ ހުރިހާ އެއްޗެއް “ވާހަކަ” ދައްކާ ރަސްމީ ބަހަށެވެ. އޮން، އޮފް ބަހެވެ. ނުވަތަ 1، 0 ގެ ބަހެވެ.

ކުރިން މިބުނި ދެ ހާލަތް އެކި އެކި ތަރުތީބު ތަކުގައި ބޭނުންކޮށްގެން ކޮންޕިއުޓަރު އޭގެ ހުރިހާ މަސައްކަތެއް ކުރެއެވެ. މިކަމަށް ޓަކައި ކޮންޕިއުޓަރުގެ ޕްރޮސެސަރުގައި ވަނީ އެންމެ ދެތިން ސްވިޗެއްވެސް ނޫނެވެ. ނަމަވެސް އެތައް ޓްރިލިއަން ސްވިޗެކެވެ. ނުވަތަ ޓްރާންސިސްޓަރު ތަކެކެކެވެ. ކޮމްޓިއަރަށް ޖައްސާ ކޮންމެ މަސައްކަތަކާއި، ނުވަތަ ކޮށްލާ ކޮންމެ ކްލިކް އަކާއި ނުވަތަ ފިތާލާ ކޮންމެ ފިތަކާއި އެކީ މި އޮން އޮފް ސްވިޗް ތަކުގެ ތަރުތީބު އަމިއްލަ އަށް ބަދަލު ކުރެއެވެ. އަދި އެހެނިހެން ޑިވައިސްތަކުގެ ތެރޭގައި ހިމެނޭ ރެމް، ޕްރިންޓަރ، މައުސް، ކީބޯޑް، މޮނިޓަރު ފަދަ އެއްޗެއްސަށް އަމުރުކޮށް މަސައްކަތް ކުރުވައެވެ.

,

‮ ‬5‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ރަށުމީދާ‮ ‬ވިދާޅުވީ


    ތާރީޚް:05/06/2010

    ވަރަށް ފައްކާ ފުރިހަމަ މައުލޫމާތު ލިބިގެންދިޔަ ލިޔުމެއް މިއީ. މިފަދަ ލިޔުންތައް އިތުރު ކޮށްލަދީބަލަ. އަރުޝަދު ވެސް ހާދަ ނުފެނެޔޭ މިހާރު މިކަހަލަ ލިޔުންތައް ލިޔާތަން.

  2. މަހާސިންތާ‮ ‬ވިދާޅުވީ


    ތާރީޚް:05/06/2010

    އޭ އޮބި، އެކަމް އެބުހެން މެދުކެނޑޭލެއް ގިނަވީމަ ކަޑައީ، އެހެން ނޫންނަމަ މި ސައިޓު ވަރަށް ސަޅިވީސް

  3. ކޮންޕިއުޓަރާއި ސުމެއް‮ ‬ވިދާޅުވީ


    ތާރީޚް:07/06/2010

    ކަލޯ އަރުސަދާ ބުނާކަށް ހާދަ ފައްކަލޫ މިގޮލާ..

  4. ބޯސޮރު‮ ‬ވިދާޅުވީ


    ތާރީޚް:07/06/2010

    އަރުޝާދު މިހާރުއުޅޭނީ ރާއްޖޭންބޭރުގަ ކޮމްޕިއުޓަރ ކިޔަވަން. އެހެންވެ އެސޮރަށް އެގެމުން ދާވަރަކަށް އެބުނެދެނީ. ތިމާއަށް އެގެ އެއްޗެހި އެހެން މީހުނަށް ބުނެދިނުމަކީ ރަގަޅު އަދި ރީތި ސިފައެއް. ތިގޮތުގަ ހިފަހައްޓާ

  5. ބިއްޕޮއްޅެ‮ ‬ވިދާޅުވީ


    ތާރީޚް:07/06/2010

    އެސޮރުވާ ކިޔެވި ވަރަކަށް އަހަރެމެނަށް ކިޔައިދޭތާ އެބަ.. އެހެން މީހުން ކިޔަވަ ކިޔަވަ ހުންނަނީ..