Share

ބޮންޑް، ބޮންޑަކަށްވީ ކީއްވެ؟

ބޮންޑް، ބޮންޑަކަށްވީ ކީއްވެ؟

ޖޭމްސް ބޮންޑު، ބޮންޑަކަށް ވަނީ ކިހިނެއްކަން އެނގިވަޑައިގަނޭތޯއެވެ؟ ބޮންޑަކީ ވަރަށް ވިސްނުންތޫނު، އެހާމެ ހީލަތްތެރި، ޖެހިލުން ކުޑަ ހިތްވަރުގަދަ، ޙިލްމުވެރި، ސަމާސާ މިޒާޖެއް ހުންނަ، މި ހުރިހައި ކަމަކާ އެއް ދަރަޖައެއްގެ ފިރިހެންވަންތަ ހަށިގަނޑެއް ލިބިހުރި، އަދި ދުނިޔެއާ ނުބައްދަލު ޝަހުވާނީ އެދުމެއް ލިބިހުރި ޝަޚްޞިއްޔަތެކެވެ. މީނާގެ ލޮލުގެ ރާޑަރަށް، މީނާ ހިތްކިޔާ ޒާތުގެ އަންހެނަކު އަރައިފި ނަމަ ފިލްމު ނިމޭނީ އޭނާގެ ތަންމަތީގައި އެކަނބުލޭގެ ނިދި އިރަކުންނެވެ.

ޒަމާން ބަދަލުވެ، ފެމިނިސްޓް ޚިޔާލުގެ ނުފޫޒުން އަދުގެ ޖީލުގެ ވިސްނުން ބަދަލުކޮށްލައިފިއެވެ. ބޮންޑުގެ މި ޝަޚްޞިއްޔަތަކީ، އަންހެން ޖިންސަށް ވެވޭ އިހާނާތެއްކަމުގައި ބޮންޑް އިންޑަސްޓްރީއަށް ރޭކާލައިފިއެވެ.

އެހެންކަމުން، ފަހުގެ ބޮންޑަކީ މިޔަށްވުރެ ރޮމޭންޓިކު، ލަޠީފީ ޖިންސަށް ހަމްދަރުދީވާ، އަދި އެކަނބަލުންނަށް އިޙްތިރާމްކުރާ، އަދި އިންސާނީ ޟަމީރެއް ހުރި މީހެއްކަމުގައި ވެއްޖެއެވެ. ބޮންޑުގެ ކުރިން ހުރި އެ ނުބައި ސިފައަކީ، އެއީ ފިރިހެންވަންތަކަމާއި ދުރުން ވެސް ގާތުން ވެސް އެއްވެސް ގުޅުމެއް ހުރި ކަމެއްކަމުގައި ނުވާތީ އެ ސިފަ އުނިކޮށްފިއެވެ. އެކަމަކު، ބޮންޑު ބޮންޑަކަށް ވަނީ ކުރިން ހުރިގޮތަށް ކަމުގައި ގަބޫލުކުރަންޏާ މިހާރު މި އުޅެނީ ބޮންޑެއް ނޫނެވެ.

އެކަމަކު.. އާދެ އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބޮންޑު ބޮންޑަކަށް ވަނީ ފިސާރި ފިރިހެންވަންތަ ފިރިހެނަކަށް ވެގެންނެވެ. ބޮންޑުގެ މުޅި މަފްހޫމަކީ ފިރިހެންވަންތަކަމެވެ. ބޮންޑު އީޖާދުކުރި ސިކުނޑިތައް މީހުންނަށް ކުރަހައިދޭން ބޭނުންވާ ތަޞްވީރަކީ އެއީއެވެ. އެހެންކަމުން، ކުރީގެ ބޮންޑަށް ވުރެ މިހާރުގެ ބޮންޑު މާ ބޮންޑެވެ. އަންހެނުންނަކީ ތިމާގެ އަލާ ފިލުވާ ޝަރާބެއްކަމުގައި ދެކުމަކީ ފިރިހެންވަންތަކަމެއް ނޫނެވެ.

ބަދިގެ ބަދިގެއަކަށް ވަނީ އެތާ ކުރަތްޕާ މީދަލާ ވެސް އުޅޭތީބާއެވެ؟ ތަންކޮޅެއް ކުރީގައި ނަމަ، އެ ފަދަ ސޫފާސޫފި ނެތް ބަދިގެއެއް ނުހުންނާނެއެވެ. އެކަމަކު، ބަދިގެއަކީ އިންސާނާގެ ކާނާ އުފައްދާ ތަނެވެ. ކާނާއަކީ އިންސާނާގެ ޞިއްޙަތަށް ރަނގަޅު އަސަރެއްވިޔަސް ގޯސް އަސަރެއް ވިޔަސް ކުރުވުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މައިގަނޑު ވަޞީލަތެވެ. އެހެންކަމުން، ބަދިގެ ވާންޖެހެނީ، އިންސާނާ ކެއުމަށް އެންމެ ރައްކާތެރި ކާނާ ތައްޔާރުކުރާ ތަނަށެވެ. ކުރަތްޕާ މީދަލަކީ ބަލިތައް އުފުއްލާ ހަޑިމުޑުދާރު އެއްޗެއްސެވެ. ބަދިގެ ފުރިހަމަ ވަނީ މި އެއްޗެއްސާ ލައިގެންކަމަށް ވާނަމަ، މިކަންތައްތައް އެބަ ބަދިގޭގެ އަސްލު މަފްހޫމާ ތަޢާރަޟްވެއެވެ. ވީމާ އިންސާނާ އަބަދު ވެސް ބޭނުންވެގެން މި އުޅޭ ޙަޤީޤީ ބަދިގެއަކީ ކުރަތްޕާ މީދަލާ ނެތް ބަދިގެއެކެވެ. އެއެއްޗެހި އުޅެންޏާ އެ ނައްތާލަން ކުރެވެން ހުރި ހުރިހައި ކަމެއް، ކުރިން ވެސް މިހާރު ވެސް އިންސާނާ އަންނަނީ ކުރަމުންނެވެ.

އާދަމް މަނިކު އާދަމް މަނިކަކަށް ވަނީ ނުބައި ދުލެއް ލިބިގެންވާތީތޯއެވެ؟ ބޮޑާކަމާއި ތަކައްބުރު ހުރެގެންތޯއެވެ؟ އެހެންކަމަށް ވާނަމަ ތަހްނިޔާއެވެ! ތިޔައީ ފިސާރި އާދަމް މަނިކެކެވެ.

އާދޭހެވެ. ހިޓްލަރު ހިޓްލަރަކަށް، އަޅުގަނޑުމެން މި ދަންނަ މަފްހޫމުގައި ވީ އޭނާ އެ ކުރި ކަންތައްތަކުގެ ސަބަބުންނެވެ. އެކަމަކު، އެއީ އޭނާގެ މައިންބަފައިން މި ދުނިޔެއަށް އުފަންކުރި އެމީހުން ލޯބިވި ހިޓްލަރެއް ނޫނެވެ. ޖަރުމަނުގެ ތަރްބަވީ މުއައްސަސާއިން، އެމީހުންގެ ޤައުމީ މަޤްޞަދު ޙާޞިލްކުރުމަށް އުފެއްދި ޞާލިޙް މުވާޠިނު ހިޓްލަރެއް ވެސް ނޫނެވެ.

އެއީ ހިޓްލަރުގެ ހިޓްލަރުވަންތަކަން ނިގުޅައިގަތުމަށްފަހު ޝައިޠާނާ އެސޮރުގެ އަމިއްލަ އެޖެންޑާ ޙާޞިލްކުރުމަށް އުފެއްދި ހިޓްލަރެވެ. އޭނާ ދުނިޔެއަޅައި ދިޔައީ ބޮޑު ޚައިރާތެއް ކޮށް، މުޅި އިންސާނިއްޔަތު އޭނާގެ މައްޗަށް ދަރަނިވެރި ކުރުވާފައި ނަމަ، އެއިރުން ވެސް އެއީ ހިޓްލަރެވެ. އެކަމަކު އެހެން މާނައެއްގައެވެ. އަދި ތާރީޚްގައި ހިޓްލަރުގެ ނަން އަޅުގަނޑުމެން އެހީހީ މުޅިން އެހެން ގޮތަކަށެވެ.

މާލެ މާލެއަކަށް ވަނީ ހަށިވިއްކާތަންތަން ހުރެގެން ކަމުގައި ދެކޭ މީހުންނަށް އެ އުޅެނީ އޮޅިގެންނެވެ. މާލެ މާލެއަކަށް ވަނީ ދިވެހިންގެ ވެރިރަށަށް އެތަން ވެގެންނެވެ. ދިވެހިންގެ މަފްހޫމުގެ ދިވެހިންގެ ވެރިރަށަކަށް އެތަން ވެގެންނެވެ. ދިވެހިންގެ ތެރޭގައި ތިބި ހަވާ ނަފްސުގެ އަޅުންނާއި މުޖުރިމުންނާއި ވަގުންގެ ހުވަފެނީ މަންޒިލަކަށް އެތަން ހަދައިގެނެއް ނޫނެވެ. އެއިރުން އެ ވީ ދިވެހިންގެ މާލެއަކަށް ނޫނެވެ. ދިވެހި މުޖްތަމަޢާ އެކަހެރިވެގެން އުޅޭ މުޖްރިމުންގެ ބަޔަކު ދިވެހިން އަތުން ފޭރިގަނެ، އަމިއްލަކޮށް، ކުލަބަދަލުކޮށްލި މާލެއަކަށެވެ.

އެހެނީ މާލެ އަކީ އެފަދަ ބަޔަކު ބިނާކުރި ރަށެއް ނޫނެވެ. އަދި މާލެ ބިނާކުރި ބަޔަކު މާލެ ދޫކުރީ ވެސް އެފަދަ ބަޔަކުގެ އަތްމައްޗަކަށް ނޫނެވެ. މާލޭގެ ދިގު ތާރީޚްގައި ވެސް އެފަދަ ތަންތަން ފާޅުވާން މި ފެށީ ދާދި ފަހަކުންނެވެ. އަދި އެއީ ވެސް ނުރަސްމީކޮށް ވަގަށެވެ. އެހެންކަމުން މާލެ މާލެއަކަށް ވަނީ އެތަންތަން ހުރެގެންނޭ ބުނުމަކީ މާލެއަކީ ކޮބައިކަން ނޭނގުމެވެ.

މާލެއަކީ ލަސްވެގަސް ބިނާކުރި ކަހަލަ ބަޔަކު އެފަދަ މަޤްޞަދެއްގައި ބިނާކުރި ރަށެއް ނޫނެވެ. އެއީ ދިވެހި ފިކުރު ހުރި ދިވެހިންގެ ބަޔަކު އެމީހުންގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި ތަރައްޤީކުރި ރަށެކެވެ. އެ މަޤްޞަދާ ފުށުއަރާ ސިފައެއް މާލެއިން ފެނިއްޖެ ނަމަ ޖެހޭނީ ވަގުތުން އެކަމެއް ނެއްތާލާށެވެ. އަދި އެ މަޤްޞަދު ނުދަންނަ މީހެއްގެ އަތްމައްޗަށް މާލެ ދޫކޮށްލުމީ މާލެއަށް ވެވޭ ބޮޑު ޚިޔާނާތެކެވެ.

‮ ‬16‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޖަލީލް‮ ‬ވިދާޅުވީ


    ތާރީޚް:09/06/2010

    ސަރަނގު އާދަމް މަނިކު ދެއްކި ވާހަކައިން ހީވަނީ މާލޭގައި އަޅާފައިވާ ހޮސްޕިޓާތަކަކީވެސް، މާލޭ މީހުންގެ ޖީބުން ޚަރަދުކޮށް އެމީހުންނަށް އެކަނި އަޅާފައިވާ ތަންތަން ކަމަށް. ވީމާ ކިޔޫފަޅާލާފައިވެސް ޑަކްޓަރަށް ދެއްކެންޖެހޭނެ ކަމަށް. މީނާގެ ބަސްމަގުން ދޭހަވަނީ ރާއްޖެތެރޭގެ މީހުންނަކީ ސެކަންޑްކުލާސް ސިޓިޒަނުންހެން.

  2. މޭޔަރ‮ ‬ވިދާޅުވީ


    ތާރީޚް:09/06/2010

    މިލިޔުމަކީ ހާދަހާވާ ކިޔާހިތްވާގޮތަށް ގެނެސްދީފައިވާ ފުރިހަމަ ލިޔުމެކޭ. މިހާރު އެބަ މިސައިޓުގެ ރަހަތައް ކުރިޔެކޭ އެއްގޮތަށް ރަނގަޅުވޭ.

  3. އެޑަމް‮ ‬ވިދާޅުވީ


    ތާރީޚް:09/06/2010

    މަޒުމޫނުގައި ދައްކާފައި ހުރި ވާހަކަތައް ވަރަށް އިބުރަތްތެރި. އެހެންނަމަވެސް މަޒުމޫނުގެ ވަކިވަކި ބައިތައް އެއްބައި އަނެއްބަޔާއި ނުގުޅޭ. މަޒުމޫނުގެ ފެށުމާއި ނިމުމަކާއި ނުގުޅޭ. އެހެންނަމަވެސް ވަކިވަކި ޕެރެގްރާފްތައް ހުށައަޅައި ދީފައި ހުރިގޮތް ވަރަށް ފުރިހަމަ. މަޒުމޫނުގެ މައިގަނޑުނަމާއި ގުޅޭގޮތަށް ވާހަކަތައް ހުށައަޅައި ދެވިފައިހުރިނަމަ ވަރަށް ފުރިހަމަ ވީސް

  4. ރައްޔިތުމީހާ‮ ‬ވިދާޅުވީ


    ތާރީޚް:09/06/2010

    ވަރަށް ވަރަށް ފުރިހަމަ ލިޔުމެއް. ނަސްލީ އިމްތިޔާޒު ނުވަތަ ރާއްޖެތެރޭ އިމްތިޔާޒު ގެންގުޅުއްވާ ބޭފުޅެއް ސަރަނގަކީ. ކުޅުދުއްފުށީ ޒުވާނުންނަށް ސަރަނގު އާދަމް މަނިކު އެނގޭބާ އަނެއްކާ؟؟ ސަރަނގު އާދަމްމަނިކު އަކީ ލާދީނީ ވިސްނުމެއް ގެންގުޅުއްވާ ސެކިއުލަރިޒަމްގެ ސިފައިން ސިފަ ލިބިފައިވާ މީހެއް.

  5. މަ‮ ‬ވިދާޅުވީ


    ތާރީޚް:09/06/2010

    ވަރަށް މޮޅު ލިޔުމެއް

  6. އަޑަފި‮ ‬ވިދާޅުވީ


    ތާރީޚް:09/06/2010

    މާތްކަލާކޯ! ޢީބަ ނުބުނޭ ނެތިނުބައިނުކިޔާ! އަހަރެންވެސް ބުނާނީ މާލޭގައި ހަށިނުވިއްކާ ކަމަށް ވަނީނަމަ އެތަނަކަށް މާލެއެކޭ ނުކިޔާނޭ. ހަމަ ގައިމުވެސް މާލޭގަ ހަށި ވިއްކާ. އެއީ މާލޭގަ ނުކުރާކަމަކަށް ނުވާނެ.އެހެން މީހަކު ބުނެގެން ނުބައި މާނައެއް އެކަމުން ނަގައިގެން އެމީހަގެ މަސް ވީދައިގެން ތިޔަކަނީ.

  7. ރައްޔިތުމީހާ‮ ‬ވިދާޅުވީ


    ތާރީޚް:10/06/2010

    މީ ހުސް ފިކުރީ ހަނގުރާމަ. އަޑަފި މެން ނަށް އަދި ދުނިޔޭގެ ކަންކަން ހިނގާ މަގު ނޭގެނީ. މިއީ ސަރަނގޭ ހަމަ ހުރެފަ މަޖަލަކަށް ބުނި އެއްޗެއް ނޫން. ފިކުރީ ހަނގުރާމަ އެނގޭތަ ފުރަތަމަ

  8. އަޑަފި‮ ‬ވިދާޅުވީ


    ތާރީޚް:10/06/2010

    ފިކުރެކޭ އަނެއް އެއްޗެކޭ ކޔާނެކަމެއްނެތް. މާލެ މާލެމާލެއަކަށް ނުވާނެ ފިކުރީ ހަގުރާމަ ނޫނަސް ހަށިވިއްކުމާ ފޭރުމާ ވައްކަން ކުރުމާ ރާބުއިމާ މާލޭގައި ނެތޭ ބުނެފިނަމަ. އެތަނުގައި މިހުރިހާ ކަމެއްވެސް ކުރޭ.މީމަޖަލަކަށް ބުނާ ވާހަކައެއްނޫން. ހަމަ ހަގީގަތް މިބުނީ. މާނަ އޮޅުވާލަން ނޫޅޭ.

  9. ގު‮ ‬ވިދާޅުވީ


    ތާރީޚް:10/06/2010

    މި އަޑަފިޔޭ ކިޔައިގެން މި ކޮމެންޓުކުރާ މީހަކަށް މަށަކަށް ހިޔެއް ނުވޭ ދިވެހި ވެސް އެނގޭ ހެނެއް. މާލޭގަ އެކަހަލަ ކަންތައްތައް ނުކުރެޔޭ ކާކުތަ ބުނީ؟ މާ ބޮޑު ހަގީގަތެއް އޮޅިދާނެތީ ތިއުޅެނީ. މައްސަލައަކަށް ވެގެން މި އުޅެނީ މާލެ މާލެއަކަށް ވަނީ އެކަންތައްތަކާ ލައިގެންނޭ ކިޔާތީ. މާލެ މާލެއަކަށް ވަނީ އެ އެއްޗެހި ހުރެގެންތަ؟ ކަލޭ ތިޔަ ބުނާގޮތުން ވިއްޔާ އެ ތަންތަން ބަންދުކުރީމަ މާލެ މާލެއަކަށް ނުވާނެތާ؟ އެހެންކަމަށް ވަންޏާ މި ހުރިހާ ގަންޖާބޯތަކާ ވަގުންނާ ޕާޓޭންތައް ނެތިއްޔަކާ މިތަނަކަށް ދިވެހިރާއްޖެއެއް ވެސް ނުކިޔޭނެތާ؟ ދެން އެހެންވީ އިރު މިތަނުން އެ ކަންތައްތައް ނައްތާލަން ބަޔަކު މިގޮވަނީ ކީއްވެ؟ އަހަރެމެން ބޭނުން މިތަނަށް ދިވެހިރާއްޖެ ކިޔަން. ބަލަގަ މާލޭގަ ގޯސް ކަންތައްތަކެއް އެބަ ހިނގިޔަކަސް އެކަންތައްތަކާ ލައިގެނެއް ނޫނޭ މާލެ މާލެއަކަށް ވަނީ. ސަރަނގޭ އެބުނަނީ ވަރަށް ނުރައްކާ ވާހަކައެއް. އެކަމަށް އެންމެން ވެސް ސަމާލުވާތި.

  10. އަޑަފި‮ ‬ވިދާޅުވީ


    ތާރީޚް:12/06/2010

    ގުއަށް! ވަރަށް ބޮޑަށް އޮޅިފަ ތިއޮތީ،މަ ހިތަށް އަރާ ހަމަހޭގަބާވައޭ ތިޔަހުރީ ، ދިވެހިބަސް އޮޅިފަ ތިޔަހުރީ ކަލެއަށް!މަމިބުނާ ވާހަކަ އެއްކޮށް ވިސްނުންތެރިކަމާއެކު ކިޔާބަލަ.ބޮލުރޮދި ނުކެޑި ހުރިއްޔާ އޭރުންއެނގޭނެ. ހަށިވިއްކުމާ ފޭރުމާ ވައްކަން ކުރުމާ ރާބުއިމާ މާލޭގައި ނެތޭ ބުނެފިނަމަ،އެތަނަކަށް މާލެޔެކޭ ނުކިޔާނޭ!މައުމޫނު އަބުދުލްޣައްޔޫމް ރާއްޖޭގެ ރައީސް ކަން ނުކުރެޔޭބުނެފިނެ ދިވެހިރާއްޖެ އަކަށް ނުވާނެއެވެ. މިއީ މަޖާޒީ ލިޔުމެވެ. އެހެން މީހުނަށް އެތިވަރު ނުގޮވާ ތިމާގެ ސޫރަ ހަމަލޮލުންބަލާލާށެވެ. މިދެއްކިވާހަކައިން ނެގޭ މާނައަކީ އެއީ އެތަނެއްގައި ހުރި ސިފައެއް ނުވަތަ ކަމެއް އެތަނެއްގައި ވާކަމުގެ ހެކި ރަމްޒުން ދެއްކުމެވެ. އަލްމަރހޫމް އިބްރާހީމް ޝިހާބު އަދި ހުސެން ސަލާހުއްދީން އަދި މުހައްމަދު ޖަމީލުގެ ލިޔުން ތައްވެސް ނުކިޔާ ކުއްޖެއްކަން އެނގިއްޖެއެވެ.

  11. ދޮންބެއްޔާ‮ ‬ވިދާޅުވީ


    ތާރީޚް:12/06/2010

    ކަލޭ ކިތަންމެ ވަރަކަށް ފުންމަ ފުންމައިގެން އެރިޔަސް މިފަހަރު ‘ގު’ އެ ބުނަނީ ރަނގަޅަށް. ދެން އެހެންވިއްޔާ، މާލެއިން ހަށިވިއކާތަންތަން ނައްތައި ލައިގެން ނުވާނެތާ… އޭރުން ކަލޭ ތިޔަބުނާގޮތުން މާލެ، މާލެ އަކަށް ނުވާނެ ވިއްޔާ! މިއީ، މަޖާޒީގޮތުން މީހުން ބުނާ ގޮތެއްނޫން…

  12. އަޑަފި‮ ‬ވިދާޅުވީ


    ތާރީޚް:13/06/2010

    ހޭވެރިކަން ނުވާވަރުގެ ކުޑަކުދިން މިކަހަލަ ފޯރަމް ތަކަށްވަދެ އުޅޭތީ ދެން ވަރަށްހެވޭ. ކޮއްކޯ ބޭބެ ނުބުނަމޭނުން އެކަންތައް ނައްތާލައިފިއްޔާމުން މާލެ މާލެ އަކަށް ނުވާނެ، ނުވަތަ ނައްތާލައިގެން ނުވާނެއެކޭ. މަމިބުނާވާހަކަ މިހާރު ހެޔޮބުއްދި އެއްހުރި ކޮންމެ މީހަކަށް ވެސް އޮންނާނީ އެނގިފައި. ޕަކާސް.

  13. ގު‮ ‬ވިދާޅުވީ


    ތާރީޚް:14/06/2010

    ކަލޭ އައިޕީ އެޑްރެހޭ ކިޔައިގެން މިހާރު ތިޔާ ދަމަންފެށީ ކޮން ދޮޅިވަރެއް. މޮހޮންމަދު ޖަމީލޭ ކިޔައިގެން ތިޔާ ކިޔަންފެށި އެއްޗަކުން މަށަށް އެބަ ހީވޭ ތީ ކާކުހެން މިހާރު. އެހެންޏާ ވެސް ކޮމެންޓް ކުރާ ނަމުގަ ނުކޮށް ކޮން އައިޕީ އެޑްރެހެކޭ ތިކިޔަނީ. ކަލޭ ތިޔަ ބުނަން އުޅޭ މާނަޔަކު ނޫން ސަރަނގޭ އެ ދެއްކި ވާޙަކަ ދެއްކީއެއް. އޮޅުވާ ނުލާ.

  14. ގު‮ ‬ވިދާޅުވީ


    ތާރީޚް:14/06/2010

    އަޑަތްޕާ ދޮންކަލޯ ކަލޭ ތި ދައްކަނީ އަދި މުޅިން އެހެން ބާވަތެއްގެ ވާހަކައެކޭ ދޫންޏާ. ތި ކިޔަނީ މީހަކަށް ކަމެއް ގަބޫލު ނުކޮށް އިންކާރުކޮށް ގަދަހަދަން އުޅޭ ތަނެއްގަ އޭނަޔަށް ޗެލެންޖުކޮށްފަ ބުނާ ގޮތެއްގެ ވާހަކަ. މިސާލަކަށް “މަ މިބުނީ ދޮގެއްވިއްޔާ މަށަށް ކިޔަނީ ހަސަނެއްނޫނޭ” ބުނާ ގޮތަށް.
    ތި ދައްކާ ވާހަކަ ކަމު ގޮސްފީސް، މާލޭގަ އެ ހިނގާފަ ހުރި ކަންތައްތައް އެއީ ނުހިނގާ ކަމެކޭ ބަޔަކު ކިޔާތީ އެޔަށް ޗެލެންޖް ކުރުމުގެ ގޮތުން ސަރަނގޭ ބުނެފަ އޮތް އެއްޗެއް ނަމަ. އެއިރުން ސަރަނގޭއަށް ބުނެވިދާނެ، މި ބުނީނޫންހޭ މާލޭގަ ހަށިވިއްކާ ތަންތަން ވެސް ހުރެޔޭ، ނެތޭ ބުނެފިއްޔަކާ ދެން މިތަނަށް ކިޔަނީ މާލެއެއް ނޫނޭ..
    ކޮބާ! މިހާރު ވިސްނިއްޖެދޯ؟ މި ވާހަކަޔާ ސަރަނގޭ އަސްލު ބުނި ވާހަކަޔާ ބުނި މަގުސޮދާ ވެސް ވަރަށް ތަފާތެއްނު؟ ދިވެހިބަސް ދަސްކޮށްދޭން ދޭ އެހެން ތާކަށް. މީ ކުޅުދުއްފުށި. މިރަށު މީހުން ނޫޅޭ ދިވެހިބަސް ނޭނގިގެނެއް.

  15. އަޑަފި‮ ‬ވިދާޅުވީ


    ތާރީޚް:16/06/2010

    ހެހެ! ގުއަށް! ބޭބެ ދެއްކިވާހަކަ ކޮއްކޮއަށް ކުޑަކޮށް ރޭކައިލައިފިހެން ހިވަނީ.ބަލަ ސަރަގޭ އެކޭ ތިޔަބުނާ މީހަކު ތިވާހަކަ ބުނީ ބޭބެ މިދެއްކި މިސާލުބަހުގައި ވާގޮތަށް އިނގޭ .ކޮއްކޮމެންނަށް އޮޅިގެން ތިޔައުޅެނީ ބަޔަކު މީހުން އެވާހަކަ އެހެންގޮތަކަށް ބަދަލުކޮށްގެން ދައްކާތީ. މިބުނީ ތެދެއްކަން އެނގޭނެ. އެހެރީ ޔޫޓިއުބުގަ އެޖަލްސާ އަޕްލޯޑު ކޮއްފަ. ޖަލްސާ އެއްކޮށް ބަލާ. ތަންކޮޅެއްބަލައިގެން ނެއް ދެއްކިހުރިހާ ވާހަކައެއް ނޭނގޭނެ ދޯ ދޫންޏާ.

  16. ގު‮ ‬ވިދާޅުވީ


    ތާރީޚް:17/06/2010

    އަޑަތްޕަށް: އަދިވެސް ކަލޭ ހަމަ ގޮތުގަ ދޯ؟ ބުނަންތަ ތިޔަ ބުނާ ކަހަލަ ބަސްބަސް ބުނާ އުސްލޫބުން ނުބުނަންޏަކާ އެޔަކުން ނުނެރެވޭނެ ނެރެންވާ މާނައެއް.
    މިސާލަކަށް: 1: ރޭގަ ފަރީދާ ގާތުގަ ޖޯލިފަތީގަ އޮތީ ކަލޭ ނޫނިއްޔާ ކަލެޔަކީ ހަސަނެއްނޫން
    2: ކަލޭ ހަސަނަކަށް ވާނީ ރޭގަ އޮތް ގޮތަށް ފަރީދާ ގާތު ޖޯލިފަތީގަ ވެސް އޮވެލުމުން އިނގޭ..
    މި ދެ އިބާރާތުގެ މާނަ ތަފާތު ވަރަށް ބޮޑަށް.
    ފުރަތަމަ މާނައަކީ އޭނައަށް ހަސަނު ޖޯލިފަތިން ފެނިގެން އެކަން ސާބިތުކޮށްދޭން ވެގެން ބުނާ ގޮތެއް.
    ދެވަނަ މާނައަކީ ހަސަނަށް އެގޮތަށް އުޅުމަށް ހިތްވަރުދިނުމަށް ބުނާ ގޮތެއް.
    ސަރަނގޭ ބުނި ޢިބާރާތް އޮތީ ފަހުން މި ބުނިގޮތަށް. ކަލޭ ދެން ގަބޫލުކުރިޔަސް ނުކުރިޔަސް ހަގީގަތަކީ އެއީ. ފަހުން ބުނި ޢިބާރާތުން ބުނެފިއްޔާ، ހަސަނަށް އިޙްސާސް ވާނީ ތިމަންނަގެ ރައްޓެހިން ތިމަންނަގެ ފުށުން ދެކެން ބޭނުންވާ ތިމަންނަ ގައިގަ ހުންނަން އެހެން މީހުން އެދޭ ގޮތޭ ފަރީދާ ގާތު ޖޯލިފަތީގަ އޮތުމަކީ. މިއީ ތަފާތަކީ… ދިވެހި ބަހުގަ މި އުސްލޫބު ބޭނުންކުރާ ގޮތް މަ މި ކިޔަނީ..
    ސަރަނގޭ އެެހެން ބުނީ ކަލޭ ތިޔަ ތަރުޖަމާކޮށްދޭ ގޮތަށް ކަމަށް ވަންޏާ އެއްގޮތަކީ ކަލެޔަށް ދިވެހިބަސް ނޭނގުން، އަނެއްގޮތަކީ ސަރަނގޭއަށް ދިވެހިބަސް ނޭނގުން.. އަހަރެންގެ އުއްމީދަކީ ސަރަނގޭއަށް ދިވެހިބަސް ނޭނގިގެން ބުނެވުނު އެއްޗެއްކަމުގައި އޭތި ވުން.. އެގޮތް ރާއްޖެއަށް އެންމެ ރައްކާތެރީ..