Share

ވޯލްޑްކަޕް ފުޓްބޯޅަ ތަރިއެއްގެ އޮއްސުން

ވޯލްޑްކަޕް ފުޓްބޯޅަ ތަރިއެއްގެ އޮއްސުން

މީހުންތަކުގެ ތެރޭގައި ހުންނައިރު ޑާޔޭ މުލަމްބާ [Ndaye Mulamba] ، ވަކި ޚާއްޞަ މީހެއްގެ ގޮތުގައި މިހާރު ފާހަގައެއް ނުވާނެއެވެ. ސަބަބަކީ، އޭނާ އަކީ މިހާރު، އެހެންވެސް ރެފިއުޖީން ފަދަ ރެފިއުޖީއެކެވެ. ފަޔަށް ލިބިފައިވާ އަނިޔާގައި ކޮރުޖަހަމުން، އިނގިރޭސިބަހުން ވާހަކަދެއްކޭތޯ މަސައްކަތްކުރަމުންދާ، ޢުމުރުން 60 އަހަރުގެ މުލަމްބާ، ދެކުނު އެފްރިކާގެ ކޭޕްޓައުނުގެ ފަގީރު، ކުށްކުރުން ހައްދުންނައްޓާފައިވާ، އަވަށްގަނޑުގައި ދިރިއުޅެމުންދާއިރު، އޭނާއަކީ، ފުޓްބޯޅައިގައި ޚާއްޞަ މީހެއްކަން ފާހަގަވާނެ އެއްވެސް ޢަލާމާތެއް މިހާރަކުނެތެވެ.

ނަމަވެސް “ވޮލްވޯ” ޑާޔޭ މުލަމްބާ އަކީ، ޒަޔާރ (މިހާރުގެ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ) ގެ ފުޓްބޯޅަ ލެޖެންޑެކެވެ. އާދައިގެ ފުޓްބޯޅަ ތަރިއެއް ނޫނެވެ. ހުނަރުވެރި، މި ސްޓްރައިކަރ ވަނީ، ގޯލްޖަހައިގެން، 1974 ވަނައަހަރު އޮތް ވޯލްޑްކަޕަށް ޒަޔާރ ކޮލިފައިކޮށްދީފައެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސް ޓޯނަމެންޓްގެ އެއް މުބާރާތެއްގައި، އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ރެކޯޑް މިހާރުވެސް އޮތީ، މުލަމްބާގެ އަތުގައެވެ. އޭނާވަނީ، 1974 ވަނައަހަރު އޮތް އެފްރިކަން ކަޕް އޮފް ނޭޝަންސް ޓޯނަމެންޓްގައި ނުވަ ގޯލްޖަހާފައެވެ.

މުލަމްބާއަށް ހުރިހާކަމެއް ގޯހުން ގޯހަށް ދާންފެށީ 90ގެ އަހަރުތަކުގެ މެދުތެރޭގައި ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ޒަޔާރ ވެއްޓުމުންނެވެ. މި ހަނގުރާމަ އެންމެ ފަހުން ނިމުނުއިރު ގައުމުގެ ފުޓްބޯޅަތަރި، މުލަމްބާގެ ހަޔާތް އެފުށް މިފުށަށް ޖެހުމުގެ އިތުރުން ގައުމުގެ ނަންވެސް އޮތީ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ އަށް ބަދަލުވެފައެވެ!

ފައިސާގެ ބޭނުމުގައި، ފުޓްބޯޅަތަރީގެ ފަޔަށް، ހަނގުރާމަވެރިން ފޮނުވާލި ވަޒަންތައް އަދިވެސް އެހުރީ އޭނާގެ ފައިގެ ތެރޭގައި ތާށިވެފައެވެ. ހަނގުރާމައިގެ ތެރޭގައި އެންމެ ފަހުން މުލަމްބާއަށް ޖެހުނީ ފުރާނަ ސަލާމަތްކުރުމަށް، ގައުމުދޫކޮށް ފިލުމަށް ދުވާށެވެ. ދުވަމުން އައިސް އޭނާއަށް އާދެވުނީ، ދެކުނު އެފްރިކާގެ ޖޮހަނަސްބާރގް އަށެވެ. ޖޮހަނަސްބާރގް އަށް ރެފިއުޖީއެއްގެ ގޮތުގައި އައިއިރު، އޭނާގެ އަތުގައި ބޮޑުލާރިއެއްގެ މިންވަރުވެސް ނެތެވެ. ” އަހަރެންގެ އާއިލާއެއް ނެތް. ފައިސާއެއްނެތް. އަބަދުވެސް އަހަރެންނަށް ވިސްނަންޖެހިފައިވަނީ ކާނެ އެއްޗެއް ހޯދާނެ ގޮތަކާއި މެދު. ފުޓްބޯޅަ ކުޅޭމީހުންގެ ޖަމާޢަތް ވަނީ އަހަރެން ދޫކޮށްލާފައި.” ފުޓްބޯޅަ ތަރި، މުލަމްބާ އޭނާގެ ހާލުހުރިގޮތް ކިޔައިދެމުން ބުނެފައިވެއެވެ.

ވަޒަނެއްނެތް، ރެފިއުޖީއެއްގެ ގޮތުގައި މަގުމަތީގައި ދެމެނިކޮށް މުލަމްބާ ސަލާމަތްކުރީ ދެކުނު އެފްރިކާގެ ޢާއިލާއެއްގެ ފަރާތުންނެވެ. މިހާރު ދެކުނު އެފްރިކާގެ އަންހެނަކާއި ކައިވެނިކޮށް، އެތަނުގެ އެމެޗަރ ފުޓްބޯޅަ ޓީމުތަކަށް ކޯޗްކޮށްދެމުން އަންނަ، މުލަމްބާއަށް އަދިވެސް ވޯލްޑްކަޕް ބަލާލަންދާނެ ޓިކެޓްގަނޑެއް ނުލިބެއެވެ. އެހެންވީމާ، އިރެއްގައި ފުޓްބޯޅަ ދަނޑުގައި ވިދުންގަދަ ތަރިއެއްގެ ގޮތުގައި ހުރި މުލަންބާއަށް މިއަދު ޖެހިފައިވަނީ އެހެން މީހުންނެކޭ އެއްފަދައިން، ޓީވީ ބުޑުގައި އިނދެ މެޗްތައް ބަލާށެވެ. އަނެއްކޮޅުން، ކޮންގޯގެ ފުޓްބޯޅަ ފެޑެރޭޝަނުން މުލަމްބާއަށް އެހީވުމުގެ މާބޮޑު ޝައުގުވެރިކަމެއް ފާޅެއް ނުކުރެއެވެ.

މުލަމްބާގެ ރަންޒަމާނާއި 1974 ވަނަ އަހަރުގެ ވޯލްޑް ކަޕާއި ބެހޭގޮތުން މުލަމްބާ ބުނެފައިވަނީ، އެދުވަސްތައް މަތިން ހަނދާންވުމުން ރޮވޭކަމަށެވެ. ޔޫގޮސްލާވިޔާ އާއި ބައްދަލުކޮށް ޒަޔާރގެ ޓީމްގެ ކޮޅަށް 9 ލަނޑުޖަހައިގެން ބަލިވިގޮތް ކިޔައިދެމުން މުލަމްބާ ބުނީ އެއީ، ކޮންމެ ކުޅުންތެރިއަކަށް ދިނުމަށް ހަމަޖެހިފައި އޮތް، 45000 ޑޮލަރު، ޓީމުގެ އިސް އޮފިޝަލެއް އަތުލުމަށް ފަހު، ފިލައިގެން ޖަރުމަނަށް ދިޔުމުން، ކުޅުންތެރިން ކުޅެން ބޭނުންނުވެގެން ދިމާވި ގޮތެއް ކަމަށެވެ.

‮ ‬6‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ދޮންބެއްޔާ‮ ‬ވިދާޅުވީ


    ތާރީޚް:10/06/2010

    މިލިޔުމުގެ އެންމެ ފަހު ޕެރެގިރާފުން އަހަރެންނަށް ވިސްނެނީ، ބާރުހުރި ފަރާތްތަކުގެ ފަސާދަ. މިހާރުގެ ގޮތަށްނަމަ، ކަރަޕްޝަން. އޮފިޝަލުގެ ގައުމީ ލޯތްބެއްނެތް ތާނގައި އެހެން މީހުން އޮހޮރާދަލާއި ލިބެންޖެހެހޭ ޙައްޤަށްވެސް ބާރުހުރި ފަރާތްތަކުން ނުބަލާކަން. ކޮލޯނިއަލިޒަމުން މިނިވަންވިޔަސް މިޒާތުގެ ފަސާދަ މިއީ އެފްރިކާގެ ވެރިންގެ ވަރަށް ޠޮބީޢީ ސިފައެއް.

    ދިވެހި ވެރިންގެ ވާހަކައެއް މަށެއް ނުދައްކާނަން!

  2. މަހާސިންތާ‮ ‬ވިދާޅުވީ


    ތާރީޚް:10/06/2010

    މިވެސް މިވީ ސިޔާސީ ބޮނޑިބަތްގަނޑަކަށް ދޯ! އަހަން ބުނަން.

  3. ބޯސޮރު‮ ‬ވިދާޅުވީ


    ތާރީޚް:12/06/2010

    އެހެން ވީމަ ބުނަނީ ރީތިނަމާއި ޤަދަރާއި ޝަރަފްމިދުނިޔެމަތީގައި އެކަނި ލިބޭގޮތަށް އުޅުނަކަށް އެޔަކުން ފައިދާ އެއް ނުކުރާނެޔޭ! ހަމަޔަގީނުންވެސް އަނެއްދުނިޔޭގެ ޤަދަރާއި ޝަރަފަށް އެވަރަށް މަސައްކަތް ކޮށްފިނަމަ އެދުވަހުން ގަދަކީރިތިވަންތަ ﷲ އަޅަމެން ކާނެއެއްޗެއް ބޯނެއެއްޗެއް ހޯދާނެގޮތަކާއިމެދު ފިކުރުކުރާކަށް ނުޖައްސަވާނެ. އެކަނިކޮށް ދޫކޮށްލާފަ ނުބަހައްޓަވާނެ. މިކަހަލަ ކަންކަމުން އިބްރަތް ހާޞިލްކުރުން ހުށި.

  4. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:12/06/2010

    ވިސްނާ ފިކުރުކުރާ ބަޔަކަށް މިކަމުގައިވެސް އިބްރަތެއް ވާކަން ކަށަވަރެވެ.

  5. ފޭސްބުކް ފޭން‮ ‬ވިދާޅުވީ


    ތާރީޚް:12/06/2010

    މިދެން ދުނިޔެ މަތީގަ ވިޔަސް ވަރަށް ނާއިންސާފުގޮތެއް. ޒަޔަރ ކޮންގޯއަށް ބަދަލުވިޔަސް ރައީސަކަށް ކަބީލާ ނޫނީ ކަބީލާގެ ދަރި ހުރި ކަމުގައި ވިޔަސް، އެނގިތިބެ މިފަދަ ގޮތެއް އިންސާނަކަށް ހަދައިގެން ނުވާނެ.

  6. ކަބީލާ‮ ‬ވިދާޅުވީ


    ތާރީޚް:16/06/2010

    އޭ ކަބީލާ އާ ނުބެހޭތި!