އަސްލު ލިޔުއްވީ ޑރ އިބްރާހީމުލް ފިޤީ
ދަރިފުޅާއެވެ. ތިބާގެ ހަށީ ތެރޭގައި މަސްކޮޅެއްވެއެވެ. އެއީ ކޮންމެ ދުވަހަކު ސަތޭކަހާސްފަހަރަށް ވުރެ ގިނައިން ވިންދުޖަހަމުންދާ ހިތެވެ. ކޮއިގެ އެއްވެސް ވިސްނުމަކާ ނުލައެވެ. ތިބާގެ އެންމެހާ ގުނަވަނެއް ވެސް އެފަދައިން ހަރަކާތްވަނީ މަތިވެރި ހިކުމަތާއެކުގައެވެ. ﷲ ވަނީ ކޮޔަށް އެންމެހާ ތަކެއްޗެއް ޚިދުމަތްކުރައްވާފައެވެ. ތިބާއަށް ޖެހެނީ އަތް އުފުލާލުމަށް ނިންމާށެވެ. ނިކަން ލުއި ގޮތަކަށް އަތް ހުންނަނީ އުފުލިފައެވެ. ހަރަކާތެއް ވުމަށް ހަމަ ނިންމުމާއެކު ހަރަކާތްކުރުމުގެ ކުޅަދާނަކަން ކޮޔަށް ލިބެއެވެ. ތިބާގެ ކޮންމެ ގުނަވަނަކަށް ﷲ އަމުރުކުރައްވާފައިވަނީ ތިބާއަށް ކިޔަމަންގަތުމަށެވެ. ކޮއި ބޭނުންވާ ގޮތަކަށް ހަރަކާތްތެރިމަށެވެ.
ދަރިފުޅާއެވެ. މީހާއާއި އޭނާގެ ސުލޫކު ވަކިކުރުމުގައި ސަމާލުވުން ކޮންމެހެން ބޭނުމެވެ. އެހެނީ މީހާއަކީ ﷲ ގެ ޙަޟްރަތުގައި އެންމެ މާތް މަޚްލޫޤެވެ. އޭނާއަށް ފުރާނައެޅުއްވީ އެކަލާނގެ ރޫޙުފުޅުންނެވެ. އަދި އެކަލާނގެ ޚަލީފާއެއްކަމުގައި ބިމުގައި އޭނާ ލެއްވިއެވެ. އެހެންވެގެން މީހާއާއި އޭނާގެ ސުލޫކު ވަކިކުކުރުން ލާޒިމެވެ. މީހަކާ މެދު ސަމާލުކަން ދޭނަމަ ސީދާ އޭނާގެ ނަފުސާއި މެދު ސަމާލުކަން ދޭށެވެ. އެހެނީ އިންސާނާއަކީ ﷲ ގެ ޙަޟްރަތުގައި އެންމެ މާތް މަޚްލޫޤެވެ. ދެން އޭނާ ސުލޫކު ބަދަލުކުރުމަށް މަސައްކަތްކުރާށެވެ.
ޒުވާނާ ބުންޏެވެ. މިސާލަކަށް އަހަންނަށް އިހާނާތްތެރިވި މީހެއްގެ ސުލޫކު ބަދަލުކުރާނީ ކިހިނަކުންހެއްޔެވެ؟ ބުއްދިވެރިޔާ ބުންޏެވެ. އޭނާ އެދިން މެސެޖަށް ވިސްނާށެވެ. އެ އިހާނަތަކީ އޭނާގެ މޫނުމަތީގެ ކުލަވަރުން އެހެންނާ ހަށިގަނޑުން ކުރި ހަރަކާތަކުން ވިޔަސް ތިބާއަށް ފެނުނު ނަތީޖާއެކެވެ. ހަގީގަތުގައި އެހިސާބަށް އޭނާ ދިއުމަށް މެދުވެރިވި ސަބަބަކީ ކޮބާހެއްޔެވެ؟
ޒުވާނާ އިނދެލާފައި ބުންޏެވެ. ހަމަ އަސްލަށް ވެސް އެއް ދުވަހަކު ތިޔަފަދަ ކަމަކާ އަހަރެންނާ ދިމާވިއެވެ. މީހަކު އަހަންނާ ދިމާއަށް ކަލޭ ތީ ސޭކެކޭ ބުންޏެވެ. އަހަރެން ބުނީމޭ ތިޔަހެން ތިޔަބުނީ ކީއްވެގެންހެއްޔެވެ؟ ދެން އޭނާ ބުނީ ކަލޭ އެވެނި މިވެނި އެއްޗެހި ކިޔާ ތިމަންނާއަށް މައްލަވަކުރީ ކަމުގައެވެ. އަހަރެން ބުނީމެވެ. ތިޔަފަދައަކުން އަހަރެން ކަންތަކެއް ނުކުރަމެވެ. އަދި ތިބާއަށް ތިޔަ މާނަ ނެގުނީ އަހަރެން ގަސްދުކުރި ގޮތާއި މުޅީން ޚިލާފަށެވެ. ދެން ކޮންމެހެނެއް ވީ ކަމުގައި ވިޔަސް އަހަރެން ވަރަށް ބޮޑަށް އެކަމާ މާފަށް އެދެމެވެ. ދެން އެމީހާ ބުންޏެވެ. އަހަރެން ވެސް އެފަދައިން އަހެރެންނަށް ބުނެވުނު ބަހާމެދު މާފަށް އެދެމެވެ.
ބުއްދިވެރިޔާ ބުންޏެވެ. އަޚްލާޤަކީ ތިޔައީއެވެ. މީހުންދީ އުޅޭ މެސެޖުތަކާ މެދު ސަމާލުވުމަކީ ތިޔަހަރީއެވެ. އެގޮތަކީ ހަމަ ކޮންމެ މީހަކުމެ ކުރާ ޢަމަލުގެ ފަހަތުގައި މެސެޖެއްވެއެވެ. ކޮންމެ މެސެޖެއްގައި ފައިދާއެއްވެއެވެ. ކޮންމެ ފައިދާއެއްގައި ނިޔަތެއް ވެއެވެ. ނިޔަތަކީ އޭގެ ޒާތުގައި ދެފަރާތަށްމެ އީޖާބީ އެއްޗެކެވެ. އެހެންވީމާ އޭނާގެ މެސެޖަށް ތިބާ ވިސްނުން ހިންގައިފި ނަމަ އޭގެ ފައިދާ އެނގިދާނެއެވެ. ދެން އޭގެ ނިޔަތް ދެނެގަނެވިދާނެއެވެ. އެފަދަ މީހުންނާއި ރަނގަޅަށް މުޢާމަލާ ކުރެވިއްޖެ ނަމަ ކޮއި ހުންނާނީ ގުޅުންތެރިކަމުގެ މަތީ ފަޑީގައެވެ. މިވައްތަރުގެ ގުޅުންތެރިކަން ތިބާ ވަރަށް މުހިންމު ހިސާބަކަށް ގެންގޮސްދޭނެއެވެ. އެއީ އެކުލެވުންތެރިކަމާ ހަމައަށެވެ. އެހާ ހަމައަށް އާދެވުމުން ގިނަގިނައިން މާތްރަސްކަލާނގެ ތިބާއަށް ބަރަކާތްލައްވާނެކަން ޔަގީންކުރާށެވެ. އެހެނީ ކޮއިގެ ކުރިމަތީގައިވާ މީހާ ހުރީ ރުޅިގަދަވެފައި ނަމަ، ތިބާގެ ހިކުމަތްތެރިކަމުން އޭނާގެ ކިބައިން އެކަން ފިލާދިއުމުގައި އެހީތެރިވެވޭނެއެވެ. އެގޮތަށް އެކަންކުރުމުން ހަމަޖެހުންލިބޭނީކީ ހަމައެކަނި އޭނާއަކަށް ނޫނެވެ. ތިބާއަށް ވެސްމެއެވެ.
ހަމަ މިހިނދުގައި އަހަރެން މި ވަސިއްޔަތްކުރަނީއެވެ. ދަރިފުޅާއެވެ. ސުލޫކަށް ނުބަލައި އޭގެ ފަހަތުގައި އޮތް މެސެޖަށް ސަމާލުކަންދޭށެވެ. އޭރުން ގުޅުންތެރިކަން އުފެދޭނެއެވެ. އެކަމަކު ސުލޫކަށް ވިސްނައިފި ނަމަ އުފެދޭނީ އޭގެ ރައްދެވެ. އޭރުން ކޮއިވެސް ކޮއިގެ ދިފާޢުގައި އޭނާ ކުރިކަންތައް ކުރާނީއެވެ. އެޔަކީއެއް ބޭނުންކަމެއް ނޫނެވެ. ބޭނުންވާ ހަމައެކަނި ކަމަކީ އޭނާއާއި ގުޅާލުމާއި މައްސަލައިގައި ތިބާގެ ރައުޔު އޭނާއަށް ކިޔައިދިނުމެވެ. އޭނާއާ މެދު ދެކޭ ގޮތް ހާމަކުރުމެއް ނޫނެވެ. ބޮޑު މައްސަލައެއް ދިމާވެއްޖެ ނަމަ ތިބާއަށް ލާޒިމުވެގެންވަނީ އެ އިންސާނާއަކީ ﷲ ގެ ޙަޟްރަތުގައި އެންމެ މާތް މަޚްލޫޤުކަން ހިތަށް ގެނައުމެވެ. އެހެންވީމާ އަބަދުވެސް އެކުލަވާ އިއްތިފާގުވެވޭނޭ ގޮތުން ފަށާށެވެ. އެއްވެސް މީހަކާ އެކު އިދިކީލިވެ ޚިލާފުވެރިވުމުގެ ނުގުތާއިން ނުފަށާށެވެ. ޚިލާފުވެގަތުމަކުން ހަމަ ފެށުމާއެކު އޭނާ ވެސް އޭނާގެ ނަފުސު ދިފާޢުކޮށް ތިބާއާ އިދިކީލިވެގަންނާނެއެވެ. ދެން އޭނާގެ ހިތުގެ ވޭންވަރު ބޮޑުވެދާނެއެވެ. ނޭވާލުން އަވަސްވެދާނެއެވެ. ހަށިގަނޑުގެ ހޫނުމިން މައްޗަށްގޮސް، ލޭކެކި، މިފަދައިން ވާންފަށާފާނެއެވެ. އެޑްރިނާލިން ގެ ބޮޑެތި ގުޅަވަރުތައް އޭނާގެ ހައްޓާއި ގުނަންތަކާއި ވިސްނުމުގައި ފޮއްސިވެދާނެއެވެ. އޭނާގެ ނަފުސު ދިފާއުކުރަން އުޅެގަތްގަތީނުންނެވެ. އެފަދަ ހަރުކަށިކަމާއެކު މީހަކާއެކީ ފަށައިގަތްނަމަ ތިބާގެ ވަގުތުން އެތައް ތަނެއް ގެއްލިގެންދާނެއެވެ. އެހެންވީމާ އަބަދުވެސް އެކުލެވުންތެރިކަމާއެކު ފަށާށެވެ. އެއީ ގުޅުންތެރިކަމުގެ އެންމެ މަތީ ފަޑިއެވެ. އާދޭހެވެ. މީހުންނާއި އެކުވެ އުޅުމާއި އެކުލެވުމެވެ. ޒުވާނާ ސުވާލުކޮށްލިއެވެ. ވީއިރު މީހަކާއި އަރާރުމެއް ވެވުންނަމަ ކުރަންވީ ކޮން ކަމެއްހެއްޔެވެ؟ ބުއްދިވެރިޔާ ޖަވަބުދިނެވެ. ކުރަންވީ ނިކަން މުހިންމު ކަމެކެވެ. އެއީ އޯގާތެރިވުމެވެ.
އޯގާތެރިކަން
ބުއްދިވެރިޔާ ބުންޏެވެ. އަހަރެންނަށް ކޮއިގެ ވާހަކަ ރަނގަޅަށް އިވެއެވެ. އަދި ކޮއި ރަނގަޅަށް ފެނެއެވެ. ކޮޔާ މެދު އިހުސާސްކުރެވެނީ ވެސް ރަނގަޅަށެވެ. އެއަށްފަހު ކަނޑައެޅިގެން އަހަރެން ސުވާލުކުރަމެވެ. އަހަރެމެން އޯގާތެރިވީމާ ކޮޔާއި އަހަރެންނާއި އެއްތާކު ވީމެވެ. އެ އޯގާތެރިކަން ނެތަމަ އަހަރެމެން ދެމީހުން ދެކޮޅުވެރިވެދާނެއެވެ. މީހާއާއި ގުޅެވެނީ އޯގާތެރިކަމުގެ ސަބަބުންނެވެ. ވިސްނުމާއި ސަމާލުކަން ދިނުމުގެ ސަބަބުން މައްސަލަ ހައްލުކުރެވެއެވެ. މީހާ ދައްކާ ވާހަކައަށް ކަނުލައި އަޑުއަހައިގެން ހުރުމަކީ އަޚްލާޤުގައި ވަރަށް މުހިންމު ކަމަކެވެ. ފަހަރުގައި މާތްރަސްކަލާނގެ އަހަރެމެންނަށް އެންމެ ދުލެއް ދެއްވާފައި ދެ ކަންފަތް ދެއްވީވެސް އެހެންވެ ތޯއްޗެކެވެ. ވާހަކަދައްކާލަކަށް ވުރެ ގިނައިން އަޑުއެހުމަށެވެ. –އަދި އެންމެ ހެޔޮ ބަސްމޮށުމަކީ ކުރުވެފައި މާނަ ދޭހަވާ ބަސްމަގެވެ.- ކަނުލައިގެން ތިބާ އަޑުއަހާ ކޮންމެފަހަރަކުު ވާހަކަދައްކާ މީހާގެ ކިބައިން ކިތަންމެ އެއްޗެއް އިތުރަށް ވިސްނޭނެއެވެ. އަދި ކުރިއަށްވުރެ ބޮޑަށް އޭނާގެ އަގުވަޒަންކުރެވޭނެއެވެ. އެޔާ ޚިލާފަށް ތިބާ ވާހަކަދައްކަނީ ނަމަ ތިބާއަށް ވިސްނޭނީ ތިބާ ކިޔާ އެއްޗެކެވެ. އެއީ ތިބާއަށް ކުރިންވެސް އެނގިހުރި އެއްޗެއްސެވެ. ވީއިރު ފައިދާބޮޑު ގޮތް ކަމުގައި ވިސްނެނީ ކޮން ގޮތެއްހެއްޔެވެ؟
ޒުވާނާ ބުންޏެވެ. ބުއްދިވެރިޔާގެ މުރާދު އެބަވިސްނެއެވެ. ވާހާކަދައްކާލަކަށް ވުރެ ގިނަވާންވީ އަހާ މިންވަރެވެ. އެކަމަކު ކަނުލައިހުރުމަކީ ކޮބާހެއްޔެވެ؟ ބުއްދިވެރޔާ ބުންޏެވެ. އެއީ ކަންފަތުން އެހުމާއެކު ހިތުން ކަނުލައިހުރުމެވެ. އަބަދުވެސް ވާހަކަދައްކާ މީހާއާ ދިމާއަށް ކޮއިގެ މޫނުން އަންގައިދިނުމެވެ. “ކަލޭ ތި ބުނީ ހާދަ މޮޅު ވާހަކައެކެވެ. ތިޔަ ކުރީ ހާދަ މޮޅު ކަމެކެވެ. ތިކަން ކުރީ ކިހިނަކުންހެއްޔެވެ؟ އެކަން ކުރި ގޮތެއް ބަލަން އަހަރެން ވަރަށް ބޮޑަށް ބޭނުންވެއްޖެއެވެ.”
އޭރުން މީހާ އަބަދުވެސް ތިބާއާ ބޮޑަށް ގާތްވަމުން އިތުރަށް ކިޔައިދެމުންދާނެއެވެ. އެއީ އޭނާއަށް ކަނުލައިހުރީމައެވެ. ކަނުލައިހުރުން ސަމާލުކަން ގެނުވައިދެއެވެ. ސަމާލުކަން ލޯބި ގެނެސްދެއެވެ. ގިނަފަހަރަށް ލޯބި އުފަންވުމުގެ ސަބަބެއް ކަމުގައިވަނީ ވެސް ހިތުގެ ކަނުލުމާއި ކަންފަތުގެ އެހުމެވެ.
ޒުވާނާ ބުންޏެވެ. ވަރަށް ވެސް ފުރިހަމައެވެ. އެހުމާއި ކަނުލައިހުރުމުގެ މާނަ އެނގުނު މީ ފުރަތަމަ ފަހަރެވެ. ދެން އޮތީ ކޮން ވާހަކައެއްހެއްޔެވެ؟
ބުއްދިވެރިޔާ ބުންޏެވެ. އަހަރެން މިހާރު ކޮޔާމެދު އުފާވެރިވަމެވެ. ކޮއިގެ ކިބައިގައި ހޯދާބެލުމުގެ ލޯބި ޖެހިއްޖެއެވެ. އަބަދުވެސް އިތުރަށް އުގެނުމަށް ބޭނުންވާން ފަށައިފިއެވެ. ތިޔައީ މޮޅުވުމުގެ މަގުގައި ހިމެނޭ ކަމެކެވެ. އުގެނެން ބޭނުންވުމެވެ. އަދި ކުރިއަށް ހުރި މަރުހަލާތަކުގައި އެބައި ވެސް ހުށައަޅައިދޭނަމެވެ. ޒުވާނާ ބުންޏެވެ. އެހެންވީއިރު ދެން އޮތީ ކޮން ކަމެއްހެއްޔެވެ؟
-ނުނިމޭ-

ދީނާއި ދުނިޔެ