ބަދުރުއްދީން ޙަސަން
އާވި އަރަމުން ދިޔަ ލަވާޒާ ތަށީގައި ތުންޖަހާލާފައި، ޝެރިން ތަށި ބަހައްޓާލިޔެވެ. ޝެރިން ގެ ޖާޒުބީ ތުންފަތުގައި ޖައްސާފައި ހުރި މަޑު ފިޔާތޮށި ކުލަ ހުދުކުލައިގެ އެތަށީގެ ބޭރަށް ތައްގަނޑެއްހެން ނެގިގެން ދިޔައެވެ. ކުޅުދުއްފުށީ އުތުރު އަވަށުގައި ހުންނަ އޮލިވް ނުއާ ރެސްޓޯރަންޓްގެ އެންމެ އެތެރެ މޭޒުގައި ޝެރިން އެކަނިމާ އެކަނި މަޑުކޮށްލައިގެން އެއިނީ ނާއިފްގެ ޚިޔާލުތަކުގެ ތެރެއަށް ޣަރަގު ވެފައެވެ. ޝެރިން ގެ ތުންފަތުގައި ހުރި މަޑު ފިޔާތޮށި ކުލައިގެ ލިޕްސް ޓިކަކީ ނާއިފް ޝެރިންނަށް ދިން އެންމެ ފުރަތަމަ ހަދިޔާއެވެ. ލިޕްސްޓިކާއެކު ޖައްސާފައިހުރި ޗެރީ ލިޕްގްލޮސްގައި ދުވަނީ ނާއިފްއަށް އެންމެ މީރު ޗެރީ ވަހެވެ.
ރެސްޓޯރަންޓްގެ އެ މޭޒަކީ ދެމީހުން އެންމެ ފުރަތަމަ ބައްދަލުކުރި ތަނެވެ. ރެސްޓޯރަންޓަށް ވަންނަ އެއްވެސް މީހަކަށް އެމޭޒުގައި އިންނަ މީހެއް ނުފެންނާނެއެވެ. އަދި ވަދެގެންއަންނަ މީހުންނެއްވެސް އެމޭޒުގައި އިންނަ މީހާއަކަށް ނުފެންނާނެއެވެ. ރެސްޓޯރަންޓްތެރެ ވަރަށް ހަމަހިމޭނެވެ.
“އަހަރެން ނާއިފް އަށް ގުޅަންވީތަ؟ ނޫނީ ނާއިފް ގުޅަންދެން މަޑު ކުރަންވީ ކަންނޭނގެ!” ޝެރިން ގެ ފިޔާތޮށި ކުލައިގެ ނޮކިޔާ އެކްޕްރެސް މިއުޒިކް ފޯނުގެ ސްކްރީންގައި އިން ނާއިފްގެ ފޮޓޯއަށް ބަލަން އިނދެފައި ހިތާހިތާ ކިޔާލެވުނެވެ.
ދެމީހުންގެ ގުޅުމަށް އެއްއަހަރު ވާން މަހަކަށް ވެފައި ވަނިކޮށް ރޭ ދެމީހުން ކުރި ޒުވާބަކީ އަދި މިހާތަނަށް ދެމީހުންކުރި އެންމެ ބޮޑު ޒުވާބެވެ. ޝެރިންނަށް ޝެރިންގެ ކުށް ގަބޫލުކުރެވެއެވެ. ނާއިފް ޝެރިންނަށް ދޭ ސަމާލުކަން ކުޑަވާހެން ހީވެ މާބޮޑަށް ޝަކުވާ ކުރެވެނީއެވެ. ނަމަވެސް ދެރައީ ނާއިފްއަށް ނާއިފްގެ ކުށް ގަބޫލު ނުކުރެވޭތީއެވެ. ނާއިފް ޝެރިންނަށް ދޭ ސަމާލުކަން ކުޑަކަމަކަށް ނާއިފް ގަބޫލެއް ނުކުރެއެވެ. ފަހަކަށް އައިސް ދެމީހުންގެ ދެމެދު ކުރެވޭ ކޮންމެ ޒުވާބެއްގެ މައިގަނޑު ސަބަބަކަށް ވަނީ ޝެރިންގެ އެޝަކުވާއެވެ.
ޝެރިން އެ ޝަކުވާ ނުކުރަންވީ ސަބަބެއް ނެތެވެ. ފަހަކަށް އައިސް ނާއިފްގެ އުޅުމަށް ބަދަލުތަކެއް އައިކަން ޝެރިން ގަބޫލުކުރެއެވެ. ދެމީހުން ރައްޓެހިވިތާކައިރީގައި ކޮންމެ މަހަކުވެސް ދެމީހުން ގެ ގުޅުމަށް އިތުރު މަހެއް ފުރޭ އިރު އެދުވަސް ދެމީހުން ފާހަގަ ކުރެއެވެ. ނާއިފްގެ ގެޔަށް ޝެރިން ގެންދެޔެވެ. އަގުބޮޑެތި ހަދިޔާ ގެނެސްދެއެވެ. ކަރުގައި އަޅާފަށާއި އަތުގައި އަޅާ ކެވެއްޔެވެ. ހޭންޑް ބޭގާއި ފައިވާނެވެ. އެރޭރޭ ފިނިފެން މަލުގެ ތަންމަތި ތަކުގައި ޝެރިން ނިންދެވިއެވެ. އަލީމަގު ފުއްޓަރުގައި ހަނދުވަރުގެ އަލިކަމުގައި ދެމީހުން ލޯބީގެ “ޑާންސް” ކުރިއެވެ.
“ދުވަހަކުވެސް ޝެރިން ދޫކޮށްފައި އަހަރެން ނުދާނަން” ޝެރިންގެ ކަނދުރާގައި ބޮސްދީފައި ވައިއަޑަކުން ކަންފަތް ބުޑުގައި ކޮންމެ ރެއަކުވެސް ނާއިފް ބުނެއެވެ.
ނަމަވެސް ދެމީހުންގެ ގުޅުމަށް ހަމަސްވީފަހުން އެ ލޯބި ފަނޑުވާން ފެށިއެވެ. ދެމީހުން އެކުގައި ބުރު ޖަހަންދިއުން މަދުވެގެން ދިޔައެވެ. ނާއިފްގެ ގެޔަށް ނުގެންދާތާ ޝެރިންގެ ގެޔަށް ނާއިފް ދަނީވެސް ހަފްތާއަކު އެއްފަހަރުއެވެ. ލޯބީގެ ހަދިޔާތައް މަޑުމަޑުން މަދުވާން ފެށިއެވެ. ކޮކާހަނދުވަރުގެ ތެރެއަށް ދެމީހުން ނުދާތާ މިހާރު ހަތަރު މަސްވެއްޖެއެވެ. ލޯބީގެ އެ ޗެޕްޓަރ ނިމި މުޅިންއާ ޗެޕްޓަރ އެއް ފެށިފައިވާ ކަހަލައެވެ.
ޝެރިން ޝަކުވާ ކުރަން ފެށީ އެހިސާބުންނެވެ. ނާއިފްގެ ޖަވާބަކަށް ވަނީ ބިޒީވުމެވެ. ތެދެކެވެ. ނާއިފްއަށް ޕްރޮވިންސް އޮފީހުން ޕްރޮމޯޝަން ލިބުނެވެ. ދުވާލުގެ އިތުރުން ރޭގަނޑުވެސް މަސައްކަތްތައް ނުނިމޭތީ މަސައްކަތް ކުރަން އުޅެއެވެ. ރޭގަނޑު ގެޔަށް އާދެވޭ އިރު ހުންނަނީ ވަރުބަލިވެފައެވެ. އެކަމަކު ކޮންމެ ރެޔަކުވެސް އެހާ މަސައްކަތް ހުރޭބާވައެވެ؟
“މަގާމުގެ ކުރިއެރުމާއެކު މަސައްކަތްވެސް ގިނަ. ދެން ކިހިނެތް އަވަހަށް ގެޔަށް އަންނަނީ” ނާއިފް ޝެރިންނަށް ދެނީ އަބަދުވެސް އެޖަވާބެވެ.
ނަމަވެސް ޝެރިންނަށް އެޖަވާބު އިވިއިވި ފޫހި ވެއްޖެއެވެ. އިތުރަށް އެނގެން ބޭނުންވާތީ ގިނަ ސުވާލުތައް ކުރަން ފެށުނީއެވެ. ނާއިފްގެ ގާތަށްވެސް އެކަމާ ރުޅި އާދެވުނީއެވެ. ރުޅި އަންނާނެ ޗާންސަކަށް ނާއިފް ބަލަބަލާ ހުރިކަހަލައެވެ.
“އަހަންނަށް ތި ޖަވާބު އިވިއިވި ފޫހިވެއްޖެ. ގިވް މީ އަ ބްރޭކް. މިއޮށްހުރިހާ ދުވަހު އަހަރެން ނާއިފްގެ ތިޖަވާބު އަހާ ގަބޫލު ކޮށްފިން. ބަޓް ނޮޓް އެނީމޯ” ޝެރިންގެ ހިތުގައި ހުރި އިހުސާސްތައް ބޭރުކޮށްލީ ރަނގަޅު ގޮތެއް ވާނެކަމުގެ އުއްމީދުގައެވެ.
“އޯކޭ އެހެންވިއްޔާ. ޔޫހޭވް ޔުއަރ ބްރޭކް” ނާއިފް އަނެއްކާވެސް ކުރު ޖަވާބެއް ދިނުމަށްފަހު ފޯނު ކަނޑާލިއެވެ.
ޝެރިންވެސް ގޮތް ދޫކުރަން ބޭނުން ނުވާތީ ނާއިފަަކަށް ނުގުޅައެވެ. ނާއިފް ގުޅާނެކަމަށް ހީކޮށެވެ. ފޯނަށް ބަލަން އެހެން އޮށްވާ ޝެރިންނަށް ނިދުނީއެވެ
މިއަދު ހަތަރުދަން ނިމިދިޔައިރުވެސް ނާއިފް އެއް ނުގުޅައެވެ. ޝެރިން ފެންވަރާ ރީތިވެލައިގެން އޮލިވްނުއާ ރެސްޓޯރަންޓަށް ދިޔައީ ސިކުނޑި ހަމަޖައްސާލަން އެކަނިވެލައި، ކޮފީއެއް ބޯލާށެވެ. ނާއިފް އަދިވެސް ވާނީ އޮފީހުގައިކަން ޝެރިންނަށް އެނގެއެވެ.
އެންމެ ފަހުން ޝެރިން ނިންމީ ނާއިފްއަށް ގުޅާށެވެ. ސްޕީޑް ޑައިލް 2 އަށް ފިތާލުމާއެކު ނާއިފްގެ ފޯނަށް ރިންގްވާން ފެށިއެވެ. އެވަގުތު ނާއިފްގެ ރިންގް ޓޯން “ވަކަ ވަކަ އިޓްސް ޓައިމް ފޮރ އެފްރިކާ” ރިންގްޓޯން އެ ރެސްޓޯރަންޓްގެ ތެރެއިން އިވެން ފެށިއެވެ. ރިންގް އިވޭ މޭޒުކައިރިއަށް ޝެރިން ދިޔައިރު ނާއިފް އެހެން އަންހެން ކުއްޖަކާއި އަތާއަތް ޖޯޑުކޮށްގެން ތިބިތަން ފެނުމާއިއެކު އެމޭޒުމަތީގައި ހުރި ފެންތަށި ނާއިފްގެ މޫނަށް ޖަހާފައި ބޭރަށް ނުކުންނަން ދުއްވައިގަތެވެ.
-ނިމުނީ-

ޖަމްޝީދު ވިދާޅުވީ
ތާރީޚް:23/06/2010
ވަރަށް ރީތި ވާހަކައެއް. ތަންކޮޅެއް ކުރީ މިވާހަކަ. އެއް ނޭވާއިން ކިޔާ ނިމިއްޖެ. އެކަމަކުވެސް ވަރަށް ފުރިހަމަ. އަދި ވާހަކައިގެ ފޮޓޯވެސް ވާހަކައާ ވަރަށް ގުޅޭ.
އިރުފާހު ވިދާޅުވީ
ތާރީޚް:23/06/2010
ކުރުވާހަކަ ލިޔުމުގެ ހުނަރު ބުންޒީލަގެ ކިބައިގަ ހުރިކަން ވަހަކަ ކިޔާލުމުން ދޭހަވެއްޖެ. ތިޔަ ހުނަރުގެ ބެނުން ހެޔޮގޮތުގައި ހިފާ ކުޅުދުއްފުށީ ރައްޔިތުންގެ ނާތަހުޒީބީ ދިރިއުޅުމާއި ފިކުރު ހަމަ މަގައް އެޅިގެން ދާނޭ ފަދަ ވާހަކަތަކެއް ލިޔުމަށް ހިޔާލުދެމެވެ. ވާހަކައިގެ ކުންނު ގެނެސްފައިވާ ގޮތުން ބުންޒީލައަކީ ލޯބީގެ ކާމިޔާބު މުސްހަނދި މާޒީއެއް ލިބިފައިވާ ލިޔުންތެރިއެއްކަން ފާހަގަވޭ. ހުށައަޅައި ދިނުމާއި ސިފަކުރުންވެސް ހަމަ ވަރައް ރިވެތި އަދި ބުންޒީލަ ނަފިއު ފަދައިން ނުވުމަށް ވަސިއްޔަތް ކުރާހާލު ކޮމެންޓް ކުރުކޮށްލަމެވެ. ވަރައް ސަލާން = އިރުފާހު =
އިކްރާމް ވިދާޅުވީ
ތާރީޚް:23/06/2010
ކުޅުދުއްފުށި މިނަން އަންނަ ކޮންމެ ފަހަރަކު “ނާތަހުޒީބު” މިބަސް ބޭނުން ކުރެވޭތަން ވަރަށް ގިނަ ފަހަރު ފެނޭ. އަޅުގަނޑަކީ ކުޅުދުއްފުށްޓަށް ގޮސް އުޅޭ މީހެއް ކަމުން އަޅުގަނޑަށް ވެސް ކޮންމެވެސް ވަރަކަށް ތިކަންތައް ފާހަގަވޭ. ހާއްސަ ކޮށް އަޅުގަނޑުމެންގެ އޭޖްގެ ގިނަ ފިރިހެންކުދިން މަގުމަތީގައާއި ހޮޓާ ތަކުގައި ވަރަށް ހަޑި ހުތުރު ބަހުން ވާހަކަދައްކަނީ. ދެން އެވާހަކަ ދައްކާއިރުވެސް ހީވަނީ ބަޔަކަށް މަލާމަތް ކުރާހެން. ކުޅުދުއްފުށީގެ ގަދީމީ ރާގު އަށް ވެސް މަލާމަތް ކުރާ ފަދަ ގޮތަކަށް އެމީހުން ވާހަކަދައްކަނީ. މިހެން ބުންޏަސް ކުޅުދުއްފުއްޓަކީ އަޅުގަނޑު އެރަށަކަށް ވަރަށް ގަދަރު ކުރާ ރަށެއް. މަދު ބަޔަކު ހާއްސަކޮށް ޒުވާނުން މިހެން އުޅުނު ކަމުގައި ވިޔަސް.
ހުދުނާ ވިދާޅުވީ
ތާރީޚް:23/06/2010
މަގޯތި އެންމެނެށްވެސް މި ވާހެކެޔާ ވަރަށް ހިތްގައިމު. ކަލޯގެ ތިޔަ ވާހަކަ ލިޔުނު އިރު ކިތަށް ފަހަރު ދޮހުންގަޑު އާކުރެވުނުތާ…
ޓަކަ ބޫން ޓަކަބޫން ވިދާޅުވީ
ތާރީޚް:23/06/2010
ވާހަކަ ވަރަށް ވަރަށް ރީތި، އެކަމަކު ނިންމުން އެހާ ފައްކަލެއްނޫން. ދެން ލިއުއްވާ ވާހަކަ އަދި މިއަށްވުރެން ރީތިވާނެކަމަށް އުއްމީދުކުރަން.
މީހަކު ވިދާޅުވީ
ތާރީޚް:23/06/2010
ހަޤީޤީ ވަހަކައެއްތަ؟
ހުސެއިން ސޮލާހުއްދީންގެ ފޭންއެއް ވިދާޅުވީ
ތާރީޚް:23/06/2010
ފުރަތަމަ ޕެރެގުރާފުގައި އެވާ “ފިޔާތޮށި ކުލައިގެ ލިޕްސް ޓިކަކީ” މިޖުމްލައިގައި ހުސްތަން ދިނުމުގެ ކުޑަކުޑަ މައްސަލައެއް އެބައިން. އަދި ފަހަތުން ތިންވަނަ ޕެރެގުރާފްގައި “ނާއިފަަކަށް ނުގުޅައެވެ.” މިޖުމްލައިގައި ނާއިފް ލިޔުއްވިއިރު އެބައިން ދެފަހަރަށް “އަބަފިލި” ޖެއްސެވިފައި. ކުރިއަށްއޮތްތާނގަ މިކަހަލަ ކޫސަނި ތަނކޮޅު ކޮޅައް ވިސްނާ ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރަން.
ޝެރީން ވިދާޅުވީ
ތާރީޚް:23/06/2010
މި ވާހަކަޔާ މި ލަވަ ވަރަށް ގުޅޭނެ ކަންނޭނގެ….http://www.youtube.com/watch?v=Jz937fkSW8k
ފޭސްބުކް ފޭން ވިދާޅުވީ
ތާރީޚް:23/06/2010
ވާހަކަ ގެނެސްދީފައި ވާގޮތް ވަރަށް ފުރިހަމަ. އެކަމަކު ނިންމުން އެވަރުން ދޫކޮށްނުލާ އިތުރު ލިޔުންކޮޅެއް އިތުރު ކޮށްލިނަމަ މާ ފުރިހަމަ ވީސް. އިތުރު ވާހަކަ ތަކަށް އިންތިޒާރު ކުރަން.
ވަފާތެރި އަލީ މިސްބާހް ވިދާޅުވީ
ތާރީޚް:25/06/2010
މި ވާހަކަ ކިޔަމުން ދިޔައިރު މަހިތަށްއެރި، އޮލިވްނުއާއަށް ވަދެ ޝެރިންގެ ހުއްދަޔާ އެކު އޭނަ ކައިރީގަ އިއްތާފަ ކޮފީއަކަށް އޯޑަރުކުރަންވެއްޖޭ.. ވާހަކަގައިގެ ދެވަނަ ޗެޕްޓަރު މަގޭ ވަފާތެރިކަމުން ޝެރިންގެ ހިތް ފުރާލެވޭނެ ނަމަ ވަރަށް ރަނގަޅު..
ހައްޖަ ވިދާޅުވީ
ތާރީޚް:29/06/2010
ގަދަވާހަކައެއް. މިވާހަކަ ލިޔުން ކުއްޖަކަށް އައްސަރިބަހާ ސާބަސް. ވާހަކައިގެ ނިމުން އެންމެ ގަދައީ.
Anthu ވިދާޅުވީ
ތާރީޚް:22/03/2011
މީ އަހަރެންނަށް ދިމާވެފައިވާ ގޮތް ހަމަ، އަހަރެންވެސް ހަޔާތުގެ ބައިވެރިއަކަށް ވުމަށް އެދިގެން މިއުލޭ ޒުވާނާ އެއީ ހަމަ ތިޔަފަދަ ފިރިހެނެއް، އަބަދުވެސް ބިޒީ، ވާހަކަ ދައްކާލާނެ ވަގުތެއް ނުލިބޭ،ބައްދަލެއް ނުވޭ، ގުޅާލާއިރަށް ބުނާނެ އައި އެމް ޖަސްޓް ބިޒީ އައި ވިލް ކޯލް ޔޫ ލޭޓަރ އޮކޭ އޭ ކިޔާފަ ކޮންމެފަހަރަކުވެސް ފޯނުބާއްވަނީ . އޭނައަށް އިތުބާރު ކޮށްފަ އެވާހަކަ ޤަބޫލުކޮށްފަ. އެކަމު ރުޅިއެއް ނާދޭ ތިވަރަކަށް، އިންތިހާއަށް އޭނާދެކެ ލޯބިވޭ ހަމަ.
ޒައި ވިދާޅުވީ
ތާރީޚް:15/12/2011
ވަރަށް ކިޔާހިތުން އިންދާ ވާހަކަ ނިމިއްޖެ. ނިމުންގޮތް ކަމަކު ނުދޭ. އެކަމް މައިގަނޑު ވަރަށް ސަޅި.