Share

ވާހަކަ – ދަންވަރު ޑިއުޓީ (1)

ވާހަކަ – ދަންވަރު ޑިއުޓީ (1)
މުހައްމަދު އިސްމާއިލް

ފާއިޒަށް އެއާޕޯޓުން ވަޒީފާ ލިބުނުތާ މިވީ ދެއަހަރެވެ. ފާއިޒުގެ އަންހެނުން ޝިފާނާ ވަޒީފާއިން ވަކިވި ފަހުން ވެސް މިވީ ދެއަހަރެއެވެ. ޝިފާނާ އަށް ކުއްޖަކު ލިބުމުން ފާއިޒު ޝިފާނާ ވަޒީފާއަށް ނުގޮސް ގޭގައި މަޑުކުރަން އެދުނެއެވެ. ޝިފާނާވެސް ބޭނުންވަނީ އެގޮތެއެވެ. ފާއިޒު ކުރިން އުޅުނު ރިސޯޓުން ކެނޑިގެން ހަނިމާދޫ އަށް ދިރިއުޅުން ބަދަލު ކުރީ އަންހެނުންނާ ދަރިފުޅުގެ ހައްޤުގައެވެ. އަނބިދަރީން ކައިރީގައި އުޅުމަކީ އުފާވެރި ހިތްހަމަޖެހޭ ކަމެއްކަން އެނގޭތީއެވެ.

“ފާއިޒް، އޭ. ފާއިޒް މިރޭ ޑިއުޓީ އަށްވެސް ނުދަނީތަ؟” ޝިފާނާ އެނދުގެ މަގަތުގައި އިނދެ މަޑުމަޑުން ގޮވާލިއެވެ.

ފާއިޒަކީ ހަނިމާދޫ އެއާޕޯޓް ސެކިއުރިޓީ އޮފިސަރެކެވެ. ފާއިޒް ދަންވަރު ޑިއުޓީއަށް ދިއުމުގެ ކުރިން ކުޑައިރުކޮޅަކު ނިދާލައެވެ. ފާއިޒް ތެދުވެ ފެންވަރައިގެން ނުކުތްއިރު ޝިފާނާ އަށް އޮތީ ނިދިފައެވެ. ފާއިޒް ތައްޔާރުވެގެން ޑިއުޓީއަށް ދާން ނުކުތެވެ. ދަންވަރު ޑިއުޓީއަށް ދާއިރު ގޭގެ ބޭރު ދޮރު ތަޅުލަނީ ފާއިޒެވެ. އެއީ ޝިފާނާ އަށް ދޮރު ތަޅުލާފަ އެކަނި ކޮޓަރިއަށް ވަންނަން ނުކެރޭތީއެވެ. ކޮޓަރި ދޮރާ، ބޭރު ދޮރު ތަޅުލުމަށްފަހު ފާއިޒު މަގުމައްޗަށް ނުކުމެ ބަލާލިއެވެ. ރެއަކީ ވަރަށް ވިއްސާރަ ރެއެއް ކަމުން މަގުމަތިން އެއްވެސް މީހަކު ނުފެނެއެވެ. ވަރަށް އަރާމު ރެޔެކެވެ. މަގުމައްޗަށް ނުކުތުމުން އިހްސާސް ކުރެވުނު އަރާމު ފިނީގެ ސަބަބުން ފާއިޒު ހުރީ ދެ ހިޔާލެއްގައެވެ.

ޝިފާނާ އަށް ނިދުނުތާ މާގިނައިރެއް ނުވާނެއެވެ. ފާއިޒު ގައިގައި ފިރުމާހެން ހީވެގެން ހޭލެވުނެއެވެ. “ފާއިޒް، ކީއްވެ ތިއައީ އެހާ އަވަހަށް؟” ލޯމަރައިލައިގެން އޮވެ މަޑުމަޑުން ޝިފާނާ ސުވާލުކުރިއެވެ.

“ވަރަށް ބޯކޮށް ވާރެވެހޭތީ މިރޭ ނުދާނަން ޑިއުޓީއަކަށް، އެއަށްވުރެ ލޯބި ކައިރީ އޮވެ ނިދާލަން ބޭނުން” ފާއިޒް ޝިފާނާ އާ ގާތްވެލިއެވެ.

ޝިފާނާ ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު “އޯކޭ” އޭ ބުންޏެވެ. ފިނި ރޭގެ ފިނިކަން ފިލުވާލަން ފާއިޒްގެ އެހީ ބޭނުންވެއެވެ.

ޝިފާނާ އަށް ހޭލެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. ޝިފާނާ ސިއްސައިގެން ދިޔައީ ކައިރީގައި ފާއިޒް ނެތީމައެވެ. “ފާއިޒް” ޝިފާނާއަށް ހިތާހިތާ ކިޔާލެވުނެއެވެ.

“ރޭގަ ފާއިޒް….، އެވާނީ ހުފަނަކަށް.” ޝިފާނާ އަމިއްލަ ނަފްސާ ވާހަކަ ދައްކަން ފެށިއެވެ. އަނެއްކާވެސް އެނދުގައި އޮށޯވެ ނިދާލެވޭތޯ ދެލޯ މަރާލިއެވެ.

ފާއިޒަށް ގެއަށް އާދެވުނު އިރު ޝިފާނާ އޮތީ ދަރިފުޅު ގޮވައިގެން ބޭރު ޖޯލިފަތީގައެވެ. ފާއިޒް ފެނުމާއެކު ޝިފާނާގެ މޫނަށް ހިނިތުންވުން ގެނުވައެވެ. ވާނީ ވެސް އެހެންނެވެ. ޝިފާނާގެ ފުރަތަމަ ލޯބިވެރިޔަކީވެސް އަދި އަލަތު ފިރި އަކީވެސް ފާއިޒެވެ. ފާއިޒުގެ އޯގާތެރިކަން ޝިފާނާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އެދެމަފިރިންނަކީ ނަމޫނާ ދެމަފިރިންނެވެ. އެކަކު އަނެކަކު ދެކެ ލޯބިވެއެވެ. އަޅާލައެވެ. އިތުބާރުކުރެއެވެ. އިހްތިރާމް ކުރެއެވެ. ދެމީހުންގެ ވިސްނުންވެސް މަދުފަހަރަކު މެނުވީ އެއްގޮތެވެ.

- ނުނިމޭ -

, ,

‮ ‬6‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޓިން ޓިން‮ ‬ވިދާޅުވީ


    ތާރީޚް:19/06/2010

    ވަރަށް ރީތި ވާނެހެން ހީވޭ މިވާހަކަ، މާލަސްނުކޮށް އަނެއްބައި ގެނެސް ދޭނެކަމަށް އުއްމީދުކުރަން،

  2. ހުމް‮ ‬ވިދާޅުވީ


    ތާރީޚް:19/06/2010

    ހާދަ ކުޑަ ތަންކޮޅެއް!

  3. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:20/06/2010

    އޭ ވަރަށް ފައްކާ ވާނެހެން ހީވަނީ. އެކޮން ލަސްނުކޮށް ބާކީ ވާނެ ގެންނަން. ކޮންމެ ހޮނިހިރު ދުވަހެއް ކީއް؟

  4. އެކުވެރިޔާ‮ ‬ވިދާޅުވީ


    ތާރީޚް:21/06/2010

    އަޅެ ހާދަހާ ރީތި ފެށުމެކޭ. ހީވާގޮތުން މިއީ ވަރަށްވެސް ރީތި ވާހަކައަކަށް ވާނެ. މުޙައްމަދު އިސްމާއީލް އަކީ ވާހަކަ ލިޔުމުގެ ފަންނަށް ވަރަށް މޮޅު ބޭފުޅެއްހެން ހީވޭ. އެހެންވީމާ ލަސްނުކޮށް މިވާހަކައިގެ އަނެއްބައި ގެނެސްދޭނެ ކަމަށް އުންމީދުކުރަން. ޝުކުރިއްޔާ!

  5. އަސްލުވެސް‮ ‬ވިދާޅުވީ


    ތާރީޚް:22/06/2010

    އަވަސް ކުރޭ

  6. ހުމް‮ ‬ވިދާޅުވީ


    ތާރީޚް:01/07/2010

    އަދިވެސް އަނެއްބައި ލިޔާކަށް ނުވޭތަ؟ ނޫނީ ވާހަކަ އެހާ ހިސާބުން finish ތަ؟

ޚިޔާލު ފާޅުކުރައްވާ