Share

ރައީސަށާއި ދިވެހިންނަށް ހަދިޔާއެއް

ރައީސަށާއި ދިވެހިންނަށް ހަދިޔާއެއް

ދިވެހިންގެ މައްޗަށް އިސްކޮށް ތިއްބެވި ވެރިންގެ އެންމެ ގާތް އަތްމަތީ ބަހަކީ މި ފަހަކަށް އައިސް ތިމާވެއްޓެވެ. ‘ތިމާވެށި’ ވެފައިވަނީ، ބޭރު ދުނިޔޭގައި ދިވެހިރާއްޖޭގެ ވެރިންގެ ޤަދަރު އުފުލުމަށް އީޖާދުކުރެވުނު، ޖާދުވީ ލަފުޒަކަށެވެ.

ތިމާވެއްޓާއި ގުޅިގެން ދިވެހި ވެރިން ބޭނުންކުރައްވާ ވަރަށް ޚާއްޞަ ‘ޓެކްނިކަލް’ ލަފުޒުތަކެއްވެއެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ލަފުޒުތަކުގެ ތެރޭގައި، މިލިއަން ގަސް، ދުނިޔެ ހޫނުވުން، ކަނޑުގެ ލޮނުގަނޑު އުފުލުން، ރަށްގިރުން، ކާބަން ނިއުޓްރަލްކުރުން އަދި އިޢާދަކުރަނިވި ހަކަތަ ހިމެނެއެވެ.

ދިވެހިރާއްޖޭގެ ވެރިން، ކޯޓުފަޓުލޫނުގައި ހުންނަވައި، ދެންމެ މިދެންނެވި ލަފުޒުތައް ބޭނުންކުރައްވާއިރު، ބޭރުގެ ފަރާތްތަކަށް، ދިވެހިން ތަޞައްވުރުކުރެވޭނީ ދުނިޔެއާއި ދުނިޔޭގައި ލެއްވިހައި ތަކެއްޗެއް ދެކެ ލޯބިވުމުގައި ނަމޫނާ ބައެއްގެ ގޮތުގައެވެ. ވެއްޓަށް ލޯބިކުރުމުގައި އިންސާނާ އަރާނެ އެންމެ އުހަކަށް އަރައިގެންގޮސް އަނެއް ގޮތްވެފައިވާ، އެހެން ނަމަވެސް އެބައެއްގެ ކިބައިން މިރޮގުން ފިލާވަޅު ލިބިގަންނަން ޖެހޭފަދަ، ނިފާޤުގެ ޒައްރެއްގެ މިންވަރުވެސް ތިމާވެއްޓާމެދު ނެތް، ފަސްބައި ސާފު މާތް ބައެއްގެ ގޮތުގައެވެ!

ބޭރުގެ ފަރާތްތަކުގެ ހަރުހިލަ ހިތުގައި މިދެންނެވި ނާދިރު، މާތް ޝުޢޫރު ދިވެހިންނާމެދު އުފެދުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިންނަށް ހަދިޔާއެއްގެ ގޮތުން އެމީހުން ވަނީ، ސިކުނޑިފެލައިގެން، ދެފެން ދޭތެރޭ އޮންނަ ރަށެއް، އާދެ، ‘ފްލޯޓިންގް އައިލަންޑް’ އެއް ދިވެހިންނަށްޓަކައި ފަރުމާކޮށްފައެވެ. ތިރީގައި މިވާ ފޮޓޯއިން އެފެންނަނީ ދިވެހިރާއްޖޭގެ ރައީސަށާއި ޢާންމުކޮށް ހުރިހާ ދިވެހިންނަށްޓަކައި ޑިޒައިންކުރި، ‘ފްލޯޓިންގް އައިލަންޑް ވޯޓާރ ސްކައިސްކްރެޕާރ’ގެ ތަސްވީރެކެވެ. އާދެ، ތިމާވެށީގެ ވާހަކަ ވިދާޅުވާތީ ދިވެހިންނަށް އެރުވި ހަދިޔާއެވެ.

ތަސްވީރުގައިވާ، ‘ފްލޯޓިންގް އައިލަންޑް ވޯޓާރ ސްކައިސްކްރެޕާރ’ އަކީ ޝަހަރެއްގައި ދިރިއުޅޭ އެންމެންނަށް ބޭނުންވާ ހުރިހާއެއްޗެއް އެރަށުގައި އުފައްދާގޮތަށް ޑިޒައިންކޮށްފައިވާ މަސްނޫޢީ ރަށެކެވެ.

މި ރަށުގައި، ރައީސް ނަޝީދު އެވިދާޅުވާ ޒާތުގެ އިޢާދަކުރަނިވި ހަކަތަ މަދުނުވާވަރަށް އުފެއްދޭނެއެވެ. އަދި ރަށްވެހިންނަށް ބޭނުންވާ ކާނާވެސް އުފެއްދޭނެއެވެ. މި ރަށުގައި ހަކަތަ އުފައްދަނީ ރައީސް ނަޝީދު އެންމެ ލޯބިފުޅުކުރައްވާ ވަސީލަތް ކަމަށްވާ، ވައިން އަނބުރާ ބުރަފަތި ތަކުންނާއި ކަނޑުގެ ރާޅުންނެވެ. މީގެ އިތުރުން އިރުގެ އަލި ވެސް ހަކަތަ އުފެއްދުމަށް މި ރަށުގައި ބޭނުންކުރެވެއެވެ. ގަސް ހައްދަނީ، ހައިޑްރޯޕޯނިކްސް ނުވަތަ ފެނުގައި ގަސްހައްދާ ނިޒާމެއްގައެވެ. ކާނެ މަހުގެ ބާވަތްތައް އާލާކުރަނީ، އެކުއާކަލްޗަރް ނިޒާމެއްގައެވެ.

ރައީސް ނަޝީދުގެ އިޢާދަކުރަނިވި ހަކަތައާއި، ކާބަން ނިއުޓްރަލް ކުރެއްވުމުގެ ޕްރޮގުރާމަށް ސަމާލުކަން ދެވިފައިވާ ފަދައިން، ރައީސް މައުމޫންގެ މިލިއަން ގަސް އިންދުމުގެ ހަރަކާތަށްވެސް، ރަށް ޑިޒައިންކުރި ފަރާތުންވަނީ ސަމާލުކަންދީފައެވެ. ރައީސް މައުމޫންއަށް ތަޚްޞީޞްކޮށް، މިއިން ކޮންމެ ރަށެއްގައި ފޮރެސްޓް އޭ މިކިޔާ ބާވަތުގެ އާދައިގެ ވަރެއްގެ ޖަންގައްޔެއް ހައްދާފައިވެއެވެ.

ރަށް ޑިޒައިންކޮށްފައިވަނީ އަޑިއަށް ނުގޮސް ދެފެންދޭތެރޭ އޮންނަގޮތަށް ކަމުން ރައީސް ނަޝީދާއި، ރައީސް މައުމޫން އެންމެ ކަންބޮޑުވެ ވަޑައިގެންނެވި މައްސަލަތައް ކަމަށްވާ، ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި، ރަށްތައް ގިރުމާއި އަޑިއަށް ދިއުމުގެ މައްސަލަތައް މިރަށްތަކަށް ކުރިމަތިނުވާނެއެވެ.

މިފަދަ ދެފެން ދޭތެރޭ ދުވާ ރަށްތަކެއްގައި ދިވެހިން ރަށްވެހިކުރުވައިފިނަމަ، ރައީސް ނަޝީދުގެ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވާލުމުގެ ހުވަފެންފުޅު ބިލާހަކަށް ނުވާނެކަން ކަށަވަރެވެ.

***

ދެން އެހެން ވާހަކައެއް ދަންނަވާލާނަމެވެ.

އިހަކަށްދުވަހު، އަޅުގަނޑުގެ ރައްޓެއްސަކު ސުވާލުކުރަނީ، ރާއްޖޭގައި، ޢިއްޒަތްތެރި ބޭބޭފުޅުން ތިމާވެއްޓޭ ކިޔައިގެން އެވިދާޅުވާ ވާހަކަފުޅުތައް އެ ވިދާޅުވަނީ އިޚްލާޞްތެރިކަމާއެކު ހެއްޔެވެ؟ އޭނާ ޤަބޫލްކުރާގޮތުގައި، އޭރުވެސް އަދި މިހާރުވެސް ސަރުކާރުން ކުރައްވާ ވަރަށްގިނަ ކަންތައް ހުންނަނީ ތިމާވެއްޓާއި ވަރަށް ބީރައްޓެހިކޮށެވެ. އެތެރެގޭތެރޭގައި ދައްކަވާ ސިފައާއި ބޭރުގޭތެރޭގައި ތަމްސީލުކުރައްވާ ސިފަ، ވަރަށް ތަފާތެވެ.

އެއީ އެނާގެ ޚިޔާލެވެ.

***

އަހަރެމެންގެ ތިމާވެށީގެ ބައްޕަޔާއި، އެންވައިރޮންމެންޓަލް ހީރޯ… ޒިންދާބާދު!

ތިޔަ ހިނިފުޅުވެޑުވީ ކީއްވެތޯއެވެ؟

‮ ‬13‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޖަމްޝީދު‮ ‬ވިދާޅުވީ


    ތާރީޚް:27/06/2010

    ކުޅުދުއްފުށީގައި އަދިވެސް މަދުންނަމަވެސް އުޅުއްވާނެ ގަމާރު ޒުވާނުންކޮޅެއް. އެކުދިންނަށް މިފަދަ އޮއްޓަރު ހުރި ލިޔުންތައް ވެސް ވާނީ ހަޖޫޖެހުމަށް. އެކުދިންނަށް އަދިވެސް ސިޔާސަތަކީ ކޮންއެއްޗެއްކަން ރައްޔިތުންގެ ހައްގުތަކަކީ ކޮބައިކަން ވެރިކަމުގެ ނިޒާމު އޮންނަ ގޮތެއް ނޭގޭނެ. އެހެންވީމަ އެފަދަ ކޮމެންޓް ވެސް އަންނާނެ. އެޑްމިން ހާސް ނުވާތި އަހަރެމެން މިތިބީ މިސައިޓުގެ ފަހަތުގައި.

  2. އަދްހަމް‮ ‬ވިދާޅުވީ


    ތާރީޚް:27/06/2010

    އަޅުގަނޑަކީ އަތަމަނާފުށީގެ ގްރީން ޒޯން ގައި ހުންނަ ކުޑަވަރެއްގެ ގުދަނެއްގައި ދިރިތެޅޭ މީހަކީމެވެ. ގްރީން ޒޯން މި ކީ މިތަން އަމާންވީމައެވެ. މިކަހަލަ ޒޯނު ހުންނާނީ ނާމާން ރަށްރަށުގައެވެ. މިތަން އަމާންވާ ސަބަބަކީ: އެވްރެޖްގޮތެއްގައި މަހަކު ދެ ޤަތުލު، ހައެއްކަ ފޭރުން، ދެތިން ހަތަރު ކަޓަރުއެޅުމާއި މަދުމަދުން މި ހިނގާ ރޭޕްކުރުމުގެ ހާދިސާތަކުގެ ސަބަބުން ނާމާންވެފައިވާ އަތަމަނާފުށީގެ އެންމެ ހައި ސެކިޔުރިޓީ ސަރަޙައްދަށް މި ތަންގަނޑު ވީމައެވެ. އަޅުގަނޑު ދިރިއުޅޭ ހޮރު ހުންނަނީ މަޖީދިއްޔާ ސްކޫލާ ދަރުމަވަންތަ ސްކޫލާ ފައިވުސްޓާ ހޮޓަލާ މަޖިލީސް ކުރާ ގެޔާ ހުކުރު މިސްކިތާ މުލީއާގެޔާ ސިފައިންގެޔާ އިސްލާމީ މަރުކަޒު ފަދަ ތަންތަނުގެ މެދުގައެވެ. ވަށައިގެން ސިކިޔުރިޓީ ކެމެރާއެެވެ. އެހެންވީމާ މި ނުރައްކާ ރަށުގައި އަޅުގަނޑު ނިދަނީ ވަރަށް އަމާންކަމާ އެކީގައެވެ.
    އެކަމަކު މި ދެންނެވި މޮޅު ތަންގަނޑުގައި ވެސް ފިސާރި މައްސަލަތައް އެބަހައްޓެވެ. މަދިރިޔާ ހެދި އުޅެން އުނދަގުލެވެ. ކުރިން އަޅުގަނޑު ހީކުރަނީ މާލެއަކީ، ކާޅެއް، ވާލެއް، މަދިރިއެއް، އެރުން މަނާ ރަށެއްކަމަށެވެ. މިހައިރު މިއެއްޗެއްސަށް ވެސް މިވަނީ މިނިވަންކަމެއް ލިބިފައިތާއެވެ.
    މަގުމަތީގައި ހުންނަ ކުނިބުނި އެހާ ގިނައެވެ. ފާޚާނާ ހުޅުވާލައިފީމުން ދޮވާ ނަރުދަމާ ވަހުންނާ މާލޭ ބިމުން ނެގޭ ފެނުގައި އެހުންނަ ވަސްގަނޑާ ހުރެ ނޯށް ދަމާލަން ނުކެރެއެވެ. ޕޮލިޔުޝަންގެ އެއްވައްތަރުކަމުގައިވާ އަޑުގަދަވުން އެހާ ބޮޑެވެ. ސްކޫލްކުދިން ބޭންޑް ޕްރެކްޓިސްކުރުން މެންދަމަށް ދެމިގެން ދެއެވެ. ދޭތެރެ ދޭތެރެއިން ކޮންމެސް ލޮރީއެއްގައި ތާޅަފިލި ބަހައްޓައިގެން ކޮންމެވެސް ހަޅޭކެއް ލަވަމުން ލަވަޖަހަމުން ދުއްވަފާނެއެވެ. “ޒުވާނުން” ދުއްވާ ސައިކަލުގެ އަޑަށް ސިހިގެން ހޭލެވޭ ފަހަރު މަދެއް ނޫނެވެ. އަޅުގަނޑުމެންނަކަށް މިއިން އެއްވެސް ކަމެއް ނުފެނެެއެވެ.
    ތިހެންވިއްޔާ އަޅެ ވިދާޅުވެބައްލަވާށެވެ. މަދިރިއަކީ ފަހެ ތިމާވެއްޓާ ބެހޭ ކަމެއްތޯއެވެ؟ ކުނިބުނީގެ ހުކުމަކީ ކޮބައިތޯއެވެ؟ މާލޭ ފެނާއި ނަރުދަމާ ނިޒާމުގައި މިހުންނަ ވަސް ދޮވުމުގެ މައްސަލަ މިކަމާ ގުޅުން އެބަހަރިތޯއެވެ؟ މީހުން ދިރިއުޅޭ ގެދޮރުގެ އެތެރެ ބިތް ގުޑާ ވަރަށް އެތެރެވަރީ ކުދި ގޯޅިތަކުގައި އަޑުގަދަވުމަކީ ތިމާވެއްޓާ ގުޅޭ ކަމަކަށް ވެދާނެތޯއެވެ؟ ތިމާވެށި ކިޔަނީ ތިމާގެ ވަށައިގެންވާ ކާއިނާތަށް ނަމަ އެންމެ ފުރަތަމަ ހޭހަންކުރަންވީ ވަށައިގެންވާ ގާތަށެވެ. އަތްފޯރާ ހިސާބަށެވެ. އެޔާ ޚިލާފަށް ތިމާވެށީގެ މާނައަކީ “ހުރިހައިވެސް އެއްޗަކީ ތިމާ ކަމުގައި ދެކި މުޅި ދުނިޔެ އެނބުރެން ޖެހެނީ ތިމާގެ ފަލަކުގައި ( ތިމާ ވަށައިގެން ) ކަމަށް ދުށުން” ކަމުގައި ވާނަމަ އަޅުގަނޑުމެންގެ ވެރިން، ވެށި މާނަކުރާ ގޮތް ރަނގަޅެވެ.
    ކޮމެންޓު ކުރުމުގެ ވެށި ކިލަނބުކޮށްލެވުނީތީ މާފަށް އެދެމެވެ.

  3. ހެސޭ‮ ‬ވިދާޅުވީ


    ތާރީޚް:27/06/2010

    ތިމާވެއްޓޭ ކިޔައިގެން އޭރުވެސް، މިހާރުވެސް ސަރުކާރުން ކުރާ ކަންކަމުން ފެންނަނީ، މުނާފިޤުކަން. ބޭރަށް ގޮސް ތިމާވެއްޓޭ ކިޔާއިރު، ތިމާވެށި ސަލާމަތްކުރަން ހަގީގަތުގައި، ޕޯސްޓަރެއް، ލީފުލެޓެއް ޗާޕުކުރުން ފިޔަވައި ކުރާކަމެއް، ކުރިކަމެއް ނެތް.
    ‘ތިމާވެށި’ މި ލަފުޒު ބޭނުންކުރަނީ އޭރަކު ވެރިއަކަށް ހުރި މީހެއްގެ ގަދަރު ބޭރުގެ ފަރާތްތަކުގެ ކުރިމަތީ އުފުލުމަށް. ތިމާގެ މޭގައި މެޑަލް ޖެހުމަށް. ދެން ފައިސާ ހޯދުމަށް.

  4. މޭޔަރ‮ ‬ވިދާޅުވީ


    ތާރީޚް:27/06/2010

    މީހަމަ 1 ވަނާގެ ލިޔުމެއް

  5. އިއްބެ‮ ‬ވިދާޅުވީ


    ތާރީޚް:27/06/2010

    މިހާރުވެސް ރައީސްވީ ތިމާވެށީގެ ކޮންމެވެސް ކަމެއް ރަނގަޅުކުރައްވަން ރާއްޖޭން ބޭރުގައި. އެއްބަޔަކު ބުނަނީ އެއީ، ވިޔަފާރި ޑީލް ތައް ހައްދަވާށޭ، އަނެއް ބަޔަކު މި ބުނަނީ އެއީ، ޓީވީ އާއި ނޫސްތަކަށް ތިމާގެ ނަން އަރުއްވައި މަޝްހޫރުވެލައްވަން ވެގެން ކުރާ ދަތުރު ތަކެކޭ.

    އެނގޭ ކަމަކީ، ރާއްޖޭގެ ތިމާވެށި އޮތީ އޮތް ތާނގައި ހަމަ އެ ހާލުގައި ކަން!

  6. މުހަންމަދު‮ ‬ވިދާޅުވީ


    ތާރީޚް:27/06/2010

    ކުރީގައި ތިމާވެއްޓެ ކިޔަމުން ފަރުތަކާ ގިރިތައް ގޮއްވީ! ރަށް ތައް އެޔެއް މިޔެއް ނުބަލަ ހިއްކީ! މިހާރުވެސް ހަމަ އެގޮތް. މިހާރު ބޮޑަށް މި ބަލަނީ ދޯ ބޭރުގެ ތިމާށީގެ ވާހަކަ ދައްކާށާއި ބޭރުގެ ކުންފުނިތަކަށް ތިމާވެއްޓާއި ރައްޓެހި އިނާރޖީ އުފައްދާނެ ގޮތުގެ އިރުޝާދު ދޭން.

    ދެން ކޮންމެޔަކަސް ރާއްޖޭގެ ރައީސެއް ވިއްޔާ މިވަނީ ހުރިހާކަމެއް ދަންނަ، ތިމާވެށީގެ މާހިރު، ރޯނުއެދުރަކަށް!

  7. އަލީ‮ ‬ވިދާޅުވީ


    ތާރީޚް:27/06/2010

    މަށަށް އެންމެ ބެސްޓް ކަމަކަށް ކުރީ މިލިއަން ގަސް ޕްރޮގުމާއި، ދެ މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމް! ގަސްތައް ބޯކަމުން މުޅި ރާއްޖެ މިޔޮތީ ދެކުނު އޭޝިޔާގެ އެމެޒަން ފޮރެސްޓަށް ބަދަލުވެފައި.

    އެއންމެ ބެސްޓް ކަމަކީ މިލިޔަން ގަސް ހަމަކުރި ގޮތް. ކުޅުދުއްފުށިން ގަހެއް ގެންގޮސް އިންދީމާ އެޔޮތީ އެއް ގަސް އިންދިފައި. ހަމަ އެގަސް ނަގައިގެން ގެން ގޮސް ނޮޅިވަރުމުގައި އިންދިމާ އެ އިންދުނީ ދެވަނަ ގަސް.

  8. މަރިޔާދު‮ ‬ވިދާޅުވީ


    ތާރީޚް:27/06/2010

    އަދުހަންގަނޑާ ބުނަންތަ ވާހަކައެއް! މިއެއް ދޮންކަލޯ ގަލޯހާޖަތްކުރަން ހަދާފަ އޮތް، އަތިރިމަތީ އޮތް ކަށިކެޔޮގަސްބުޑެއް ނޫނިއްޔަ، ތިޔަވަރެއް އަރުވާލާކަށް، ތިޔަހާ ފޯރިއެއް ހުރިއްޔާ ނިކަން މަޒުމޫނެއް ލިޔެފަ ޖަހަންވީނު!

  9. އަޑަފި‮ ‬ވިދާޅުވީ


    ތާރީޚް:29/06/2010

    ތިމާވެއްޓޭ ކިޔައިގެން މިސައިޓުގައި އަނގައެރުވޭކަށް ނެތް އެކަކަށްވެސް .ފުރަތަމަ ބަލަމާ ހިނގާ މިކަހަލަ ތިމާވެއްޓާ ނުގުޅޭ ރޯނުފިލާ ރިޕޯޓުތަކާއި ކޮމެންޓުތަކަށް. ތިމާވެށި ހިމާޔަތްކުރެވޭނީ ހުރިހާ މިކަހަލަ ކަންތައްތައް ވެސް ރަނގަޅުވެ މުޖުތަމައުގައި މިކަމުގެ ރޫހު އާލާ ކުރެވިގެން. އޭގެބަދަލުގައި މީހުންނަށް ހަޖޫޖަހާ މަލާމާތް ކުރުމަކީ ރަށުގެ ނަމުގައި އުފައްދައިފައިވާ ސައިޓުތަކުގެ ކަމެއްކަމުގައި ވެގެނެއް ރަނގަޅެއްނުވާނެ. ތިމާވެއްޓަށް ހޭލުންތެރިވެ ސަރުކާރުން ކުރާމަސައްކަތް ތަކުގެ އަގު އާންމުންނާހިސާބަށް ފޯރުކޮށްދީ މީހުންނަށް ކަމުގެ މުހިއްމުކަން ވިސްނައިދޭންވީ.މީ ހުރިހައިމީހުންގެ ޒިންމާއެއް.

  10. ޖަމްޝީދު‮ ‬ވިދާޅުވީ


    ތާރީޚް:29/06/2010

    އަޑަފި އަދި އިއްޔެ މެންދުރު މިސައިޓަށް ވަދެގެން ތިޔަ ބުނަނީ ތިމާވެށީގެ ވާހަކަ މީގަ ނުޖަހައޭ. އަޅުގަނޑު ވެސް މިސައިޓަށް ވަންނަން ފެށީ މީގެ 2 އަހަރު ވަރު ކުރިން. އޭރުއްސުރެ ރަށުގެ ތިމާވެށީގެ ވާހަކައާއި މޫސުމަށް އަންނަ ބަދަލު ތަކުގެ ވާހަކަ ދޭތެރެ ދޭތެރެއިން ފެނޭ. ދެން މީގަ ހަމަ އޮންނާނެ ގޮތަކީ އަޑަފި ވެސް ތިމާވެށީގެ އެއްޗެއް ލިޔެފަ ފޮނުވަންވީ.

  11. ޖުހާ‮ ‬ވިދާޅުވީ


    ތާރީޚް:29/06/2010

    ހަޖޫއަކީ ވެސް އަދަބާ ހިލާފު ނުވެ މީހުން ހޭލުންތެރިކުރުވުމަށް ވެސް މީހުން ސަމާލުކުރުވުމަށް ވެސް ނޫސްވެރިކަމުގައި ބޭނުންކުރެވޭ އެއްޗެއް. ދުނިޔޭގެ ބޮޑެތި ނޫސްތަކުގަ ޖަހާ ކާޓޫނުތަކަކީ ވެސް ހަޖޫ. ބޮޑެތި އަދީބުން ހުރޭ މުޅި މުޖުތަމައަށް ވެސް ހަޖޫ ޖަހާފަ. ހަޖޫގެ މެސެޖު ދެނެގަންނަން ދަނޭ ކުޅުދުއްފުށީ މީހުން. ކުޅުދުއްފުށީ މީހުންނަކީ ސަމާސާ މިޒާޖެއްގެ ބައެއް. އަޅުގަނޑަށް ހީވަނީ މިކަހަލަ ލިޔުންތައް ވިދާޅުވެފައި ރައީސް ވެސް ހިނިފުޅު ވަޑުވާފައި، މީގެ މެސެޖު އެދެވޭގޮތެއްގައި ބަލައިގަންނާނެހެން.

  12. ދޮންބެއްޔާ‮ ‬ވިދާޅުވީ


    ތާރީޚް:29/06/2010

    އަޑަތްޕާ! ގަބޫލުކުރަންވީ، ހަޖޫވެސް ޖަހާނެކަން. ރިޕޯޓްވެސް ލިޔާނެކަން! އެހެން މީހުންގެ ފިކުރު ކަލޭގެ ފިކުރާ އެއްގޮތް ކުރަން އުޅުން އެއީ ކަލޭގެ ހުރި ނުފޯރާކަން! ކިޔެއްވެތަ، ހަޖޫ ނުޖަހަންވީ؟ ހެދެ…؟ އަޅެ ބުނެބަލަ!

    އަދި އެއްވާހަކަ ބުނެލާނަން… އަނގަ ދޮވެލައިގެން އައިސް ކީބޯޑުގައި ތަޅާ!

  13. އަޑަފި‮ ‬ވިދާޅުވީ


    ތާރީޚް:29/06/2010

    ތިމާވެއްޓޭ ކިޔައިގެން މިސައިޓުގައި އަނގައެރުވޭކަށް ނެތް އެކަކަށްވެސް .ފުރަތަމަ ބަލަމާ ހިނގާ މިކަހަލަ ތިމާވެއްޓާ ނުގުޅޭ ރޯނުފިލާ ރިޕޯޓުތަކާއި ކޮމެންޓުތަކަށް. ތިމާވެށި ހިމާޔަތްކުރެވޭނީ ހުރިހާ މިކަހަލަ ކަންތައްތައް ވެސް ރަނގަޅުވެ މުޖުތަމައުގައި މިކަމުގެ ރޫހު އާލާ ކުރެވިގެން. އޭގެބަދަލުގައި މީހުންނަށް ހަޖޫޖަހާ މަލާމާތް ކުރުމަކީ ރަށުގެ ނަމުގައި އުފައްދައިފައިވާ ސައިޓުތަކުގެ ކަމެއްކަމުގައި ވެގެނެއް ރަނގަޅެއްނުވާނެ. ތިމާވެއްޓަށް ހޭލުންތެރިވެ ސަރުކާރުން ކުރާމަސައްކަތް ތަކުގެ އަގު އާންމުންނާހިސާބަށް ފޯރުކޮށްދީ މީހުންނަށް ކަމުގެ މުހިއްމުކަން ވިސްނައިދޭންވީ.މީ ހުރިހައިމީހުންގެ ޒިންމާއެއް.، ދެން، މިފެލޭ ކުދިންނަށް ބުނެލަން އޮތީ މިކޮމެންޓުކިޔާފަ، ޕަކާސް. ވަރެއްވެއްޖެތާ. އެންމެ އައިޑީ އަކުން އެކަނި . ޕަކާސް.

ޚިޔާލު ފާޅުކުރައްވާ