Share

ކުޅުދުއްފުށީ ބޯޓެއްގައި އަރާމުގައި ދަތުރުކުރާނީ ކިހިނެއް؟

ކުޅުދުއްފުށީ ބޯޓެއްގައި އަރާމުގައި ދަތުރުކުރާނީ ކިހިނެއް؟

އަހަރެން މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ކުރި އެންމެ ދިގު ދަތުރަކަށްވީ ހަފުތާއެއްގެ ތެރޭ ކުރެވުނު ދަތުރެވެ. އެއީ ބޯޓުގެކަމަރާގެ މަތީގައި، ލޮނުން ތަތްތެޅި، ވާރެއިން ފޯވެ، އަވިން ފިހެވިގެން ކުރެވުނު ދަތުރެކެވެ. ރަށަށް އައިސް ދެދުވަސް ވީއިރު މޫނުމަތިން ވަނީ ހަންފޮޅިފައެވެ. މި ނޫނަސް ވަރަށް ހާލުގައި، އަހަރެން ދަތުރުކުރީމެވެ. ނަމަވެސް އެއީ އެދުވަހެވެ. އެވާހަކަ އިހަށް ބާއްވަމާ ހިނގާށެވެ.

ކުޅުދުއްފުށީ ބޯޓެއްގައި އަރާމުގައި ދަތުރުކުރުމަށް އެޅޭނެ އެންމެ ބޮޑު ހުރަހަކީ ‘ކަނޑަށް ބަލިވުމެވެ.’ އާދެ، ބޯއެނބުރުމާއި ހޮޑުލެވުމެވެ. ވީމާ ބޯޓުމައްޗަށް އަރުވާނެ އިތުރު ބާލީހާއި، ރަޖާގެ ވާހަކައެއް މި ކުރު ލިޔުމުގައި ނުލިޔާނަމެވެ. ބޯޓުން ލުއިކާނާއާއި ބުއިމާއި ލިބެންހުރެއެވެ. މިހެންވެ، އެ އެއްޗެހީގެ ވާހަކައެއްވެސް ނުލިޔާނަމަވެ.

ކުޅުދުއްފުށީ ބޯޓުފަހަރުގައި ހޮޑުލުމާއި ފާޚާނާކުރެވޭނެ އިންތިޒާމްކުރެވިފައި ވީނަމަވެސް އަދިވެސް ކަނޑަށް ބަލިވުމަކީ ދަތުރުމަތީގައި ދިމާވާ ވަރަށް ބޮޑު މައްސަލައެކެވެ.

ދަތުރުމަތީގައި މީހަކު ބޯއަނބުރާ، ހޮޑުލައި، ބޯ ހިއްލާލަން ނުކެރި، ދެމިފައިއޮންނަންޖެހުމުން، އެކުރެވޭ އިޙްސާސަކީ، ލިޔުމަކުން، ބަޔާންކުރެވޭ ވަރަށްވުރެ، ހިތި އިޙްސާސެކެވެ. އެހެންކަމުން ދަތުރުމަތީގައި އެފަދަ ޙާލަތަކަށް ނުގޮސް ސަލާމަތްވާނެ ގޮތަކާމެދު ކަލޭ ފިކުރުކުރާނެއެވެ. ކަނޑުމަގުން ކުރާ ދަތުރުތަކުގައި ބަލިވާބަލިވުމަށް ފަރުވާގެ ގޮތުގައި ކުރެވިދާނެ އެތައްކަމެއްވެއެވެ. ބަލިނުވެ ސަލާމަތްވެވިދާނެ ވެސް އެތައް ގޮތެއް ވެއެވެ.

އެއްބަޔަކަށް ބޮނބިނަރެއްގައި ގޮށެއްޖަހައި، އަނގަޔަށްލުމުން ހޮޑުލުމަށް ލުއިކަމެއް ލިބޭހެން ހީވާއިރު، އަނެއްބައި މީހުނަނަށް ކަރަންފުލަކީ، އެންމެ މޮޅު ޙަކީމަށްވެގެން އުޅެފާނެއެވެ. ތަވީދަކީ ކަމަށް އޮތް އެންމެ މޮޅު ފަންޑިތަކަމަށް ގަބޫލުކުރާ މީހުންވެސް އުޅެއެވެ. ނަމަވެސް މިލިޔުމުގައި ބޮނބިނަރާއި، ކަރަންފުލާއި ތަވީދުގެ ވާހަކަ ތަފުސީލުކުރާކަށް ގަސްތެއް ނުކުރަމެވެ.

މިވެނި، އެވެނި ގޮތެއް ހަދައިފިނަމަ، ބޮލެއް ނުއަބުރާނޭ، ހޮޑެއްނުލެވޭނޭ، ކަމަށް ބައެއް މީހުން ހުވާކޮށްފައި، ބުނާއިރު، އަނެއްބައި މީހުންނަށް އެއީ އެއްވެސް ތާކުންތާކުޖެހޭ ގޮތަކަށް ނުވެއެވެ. ވީމާ، ވިސްނަންވީ ނުކުތާއަކީ، ތިމާޔަށް އެންމެ ރަނގަޅުގޮތް ފެންނަންދެން ތަފާތު އުކުޅުތަކާއި ފަރުވާ ތަޖުރިބާކުރުމެވެ.

އެންމެ ފުރަތަމަ ކަމަކަށް ބޯޓަށް އެރުމުގެ ކުރިން ރަނގަޅަށް ކާށެވެ. ފުރަންޖެހޭނީ، ބަނޑުވެސް ފުރައިގެންނެވެ. ނަމަނަމަ، ހައިބަނޑާހުރެ ދަތުރަށް ނުފަށާށެވެ. ކާއިރު ވިސްނަންވީ، ތެޔޮ އެއްޗެތި ނުކެއުމަށާއި އެސިޑްގެ މިންވަރު ވީހާވެސް ދަށް ކެއުން ކެއުމަށެވެ. މިގޮތުން ދޮންކޭލާއި ބަނަހާއި، ކިރު އަދި ފޮނިރޮށި ވަރަށް ރަނގަޅުވާނެއެވެ.

ފޮނިރޮއްޓަކީ ކުޅުދުއްފުށީ މީހުން ކަނޑުމައްޗަށް އަރާއިރު ވަރަށްގިނައިން ކުރީގައި ގެންދާ، އަހަރެންނަށް ވަރަށް މީރުވެސް އެއްޗެކެވެ. މި ޒަމާނުގެ ޒުވާނުންނަށް ފޮނިރޮށިކެއުންވެސް އެއީ ފަހަރެއްގައި ރަށުގެ ނާތަހުޒީބު ޢަމަލަކަށް ވެދާނެއެވެ. ނަމަވެސް ފޮނިރޮށްޓަކީ ދަތުރުމައްޗަށް ހަމަ އެއްވަނައިގެ އެއްޗެކެވެ.

ދަތުރަށް ފެށުމުގެ ކުރިން ރަނގަޅަށް އަރާމުކުރާށެވެ. ވަރުބަލިކަން މަތީހުރެ ކަނޑުމައްޗަށް އެރުން ރަނގަޅެއްނޫނެވެ. ސަބަބަކީ ދަތުރުކުރުން އެއީ، ބުރަކަމެކެވެ.

ދަތުރަށް އެރުމުގެ ކުރިންނާއި ދަތުރުމަތީ ގިނަގިނައިން ފެންބޯށެވެ. އަހަރެމެންނަށް ވާގޮތަކީ ދޯއްޔަށް (ފާޚާނާއަށް) ދާންޖެހިދާނެތީ ފެންވެސް ނުބޮނީއެވެ. ފެނުގެ އިތުރަށް ދިޔާ ތަކެތި ބޯށެވެ. ދަތުރުމަތީގެ ފަރުވާއަކަށް އިނގުރުލައިފައި ހުންނަ އެއްޗެއް ބޭނުންކުރުމުން (މިސާލަކަށް ބައެއްވައްތަރުގެ ބިސްކޯދު) މޭނުބައިކުރުން ކަންޓްރޯލް ވެދާނެއެވެ. ވިޓަމިން B-6 އަކީ ވެސް މިކަމަށް ބޭނުންކުރެވިދާނެ ވިޓަމިނެކެވެ. މޭނުބައިކުރުން މަތަކުރުމަށް ވިޓަމިން B-6 ބޭނުންކުރާއިރު ދުވާލަކު 10 އާއި 25 މިލިގުރާމަށްވުރެ އިތުރު ނުކުރާށެވެ.

މޭނުބައިކުރާގޮތްވާނަމަ، އަތުގެ ކުޑަހުޅުގައި އަޅާ ބޭންޑްވެސް މިހާރު ހުރެއެވެ. މި ބޭންޑް އެޅުމުން އަތުގެ ވަކި ހިސާބަކަށް ޕްރެޝަރުކުރުމުން މޭނުބައިކުރުން ރަނގަޅުކޮށްދޭކަމަށްވެއެވެ. މީގެ ބޭންޑް، ބަޔޯބޭންޑް.ކޮމް އިން ލިބެން އެބަހުއްޓެވެ. ބައެއްމީހުންނަށް އަތުކުރީގައި އަޅާ ބޭންޑް އެއީ ތަވީދާއި، އަނގަޔަށް ލާ ބޮނބިނަރު ފަދަ އެއްޗަކަށް ވުން ވެސް ހަމަ އެކަށީގެންވެއެވެ.

މޭނުބައިކުރުން ހައްލުވާ ޒާތު ބޭހެއް ބޭނުންކުރާށެވެ. މިގޮތުން އެންޓިހިސްޓަމިންސް ގެ ތެރޭގައި ހިމެނޭ ބޮނައިން އާއި ޑްރެމަމައިން ބޭނުންކުރެވިދާނެއެވެ. ޑްރެމަމައިން ބޭނުންކުރުމުން ނިދިއަންނަގޮތްވާނެއެވެ. ނަމަވެސް ބޮނައިން ބޭނުންކުރުމުން މި މައްސަލަ ދިމާނުވެއެވެ. މިހާރު ޑްރެމަމައިން ވެސް ނިދި ނާންނަގޮތަށް އުފައްދައިފިއެވެ. ދަތުރަށް ފެށުމުގެ ގާތްގަނޑަކަށް ދެގަޑިއިރު ކުރިން ބޭސް ބޭނުންކުރަން ފަށާށެވެ. ސްކޮޕޮލޮމައިން އަކީ ވެސް ކަނޑުމައްޗަށް ބަލިނަމަ ބޭނުންކުރެވިދާނެ ބޭހެކެވެ. މިބޭސް ދެގޮތަކަށް މިހާރު ލިބެންހުރެއެވެ. އެއީ ކަންފަތުގެ ފަހަތުގައި ތަތްކުރާ ޕެޗެއްގެ ގޮތުގަޔާއި ބޭސްގުޅައެއްގެ ގޮތުގައެވެ.

އިންޒާރެއްގެ ގޮތުގައި ބުނަމެވެ. މިއިން ކޮންމެ ބޭހެއްވެސް ބޭނުންކުރުމުގެ ކުރީން ޑަކްޓަރެއްގެ ލަފާހޯދަންޖެހޭނެއެވެ.

ދަތުރަށް އެރުމަށް ފަހު، ކަމަރާގެ ތެރޭ އަބަދު ނޯންނާށެވެ. އެހެން ފަސިންޖަރުންނަށް އުނދަގޫ ނުވާނޭހެން ހެލިފެލިވެ އުޅޭށެވެ. މިގޮތުން ކަމަރާގެ ފުރާޅު މައްޗަށްވެސް އެރިދާނެއެވެ. ހަނދުވަރު ނުދިނަސް، އުޑުމަތި ސާފު ކަޅުފޮއިރޭގަނޑުވެސް، ކަމަރާގެ ފުރާޅުމަތި ވަރަށް ހިތްގައިމުވާނެއެވެ. ފުރާޅުމައްޗަށް އަރަން ބޭނުން ނޫންނަމަ، ކަމަރާގެއިން ނުކުމެ ބޯޓުގެ ކޮންމެވެސް ހިސާބެއްގައި އިރުކޮޅަކު މަޑުކޮށްލެވިދާނެއެވެ. ނަމަވެސް އިންޖީނުގެ ދުމާއި،ވަސް ނުޖެހޭ ހިސާބެއްގައި ހުންނަން ހަނދާން ބަހައްޓާށެވެ. ބޯޓްގެ ދިރުބާކޮޅަށް ގޮސް އިނދެ، އެހެން ފަސިންޖަރަކާއި އަނގަތަޅާލައި، ބިސްކޯދެއް ކާލައި ހަދާށެވެ. ބިސްކޯދުފަދަ ދަތުގައި ތަތްލާއެއްޗެއް ކައިފިނަމަ، ދަތްއުނގުޅަން ހަނދާން ބަހައްޓާށެވެ. ނޫނީ، އަނގަނުބައިވެ ދަތުރު ޚަރާބުވެދާނެއެވެ.

ބޯޓްތެރޭ އުޅޭއިރު ފަޅުވެރިންގެ ލަފާހޯދާށެވެ. ދަތުރަށް ފެށުމާއިއެކު އުޅެނީ ކަނޑުމަތީގައި ކަން އަބަދުވެސް ހަދާންކުރާށެވެ.

އަމާން، އުފާވެރި ދަތުރަކަށް އެދެމެވެ.

ކިޔުންތެރިންނަށް:
އެއްވެސް ބޭހެއް ބޭނުންކުރަންވާނީ ޑަކްޓަރެއްގެ ލަފާގެ މަތިންނެވެ. ބޯޓުގައި ފަންސިންޖަރުންނަށް ކުރަން ހުއްދަ އޮންނަ ކަންކަމާއި މަނާކަންކަން ބޯޓްގެ ކައްޕިތާނު ނޫނީ ފަޅުވެރިއެއް ކުރެން އަހައި އޮޅުން ފިލުވާށެވެ. އަބަދުވެސް އަމިއްލަ ރައްކާތެރިކަމަށާއި އެހެން މީހުންގެ ރައްކާތެރިކަމަށް ސަމާލުވާށެވެ.
,

‮ ‬8‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޖަމްޝީދު‮ ‬ވިދާޅުވީ


    ތާރީޚް:28/06/2010

    ވަރަށް ރަނގަޅު ވަރަށް ގިނަ މައުލޫމާތު ލިބިގެންދިޔަ ވަރަށް ފުރިހަމަ ލިޔުމެއް. މިފަދަ ލިޔުންތައް ލިޔާ ފަރާތްތަކަށް ކިޔުންތެރިއެއްގެ ހައިޘިއްޔަތުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މިސައިޓުގައި މީގެ 2 އަހަރު ކުރިންސުރެ ގެނެސްދީފައިވާ އިބްރަތްތެރި މޮޅެތި ލިޔުންތައް އަލުން ޝާއިއު ކޮށްދިނުމަށް އެޑްމިންގެ އަރިހުން އެދެން.

  2. މޭޑް‮ ‬ވިދާޅުވީ


    ތާރީޚް:28/06/2010

    މަވާ މިހީކުރީ ކުރީގެ ދަތުރުފަތުރާއި މިހާރުގެ ދަތުރުފަތުރުގެ ފަސެހަ ކިއަންއުޅޭކަމަށް / މިވެސް ވ ބެސްޓް

  3. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:28/06/2010

    ކަލެމެން ތިޔާ ކިޔަނީތާ ކަލޭ ކުންނާރު ނުކަނީ ކިޔެއްވެހޭ؟ ވީގޮތެއް ބުނަން..؟ އާނނނ.. ވީގޮތަކީ މަ ކުޑައިރު ކުރި ދަތުރެއްގަ ދޯނި މަތީގަ ކުންނާރު ކޮތަޅެއް ކައި ހުސްކޮށްލެވުނީ.. އެލެވުނީ ހޮޑު.. އެހިސާބުން ކުންނާރެއް ފެނުނަސް މޭނުބައިވޭ މިޔޮޅެ މީހަޔާ އިން އިރުވަސް.. މިހާރު ދެން މޭ ނުބައި ނުކުރިޔަސް އެޔެއް ކާހިތެއް ނުވޭ.. ނުކަން.. މީހަކު މޫނު ކެނޑިދާނެހެން ހީވީމަ ނޫނިއްޔަކާ.. އެއިރު ދެން އަހަރެމެން ހީކުރަނީ ކިތެމެ ކުޑަޔަސް ފިރިހެންކުއްޖަކަށް ވިއްޔާ ހޮޑުލެވުނީމަ އެވީ މޯލަކަށޭ.. އެހެންވެ އެދޮހު ނިކަން ލަދުވަސް ގަތްމެ.. އެކަމަކު ފަޅުވެރިޔަކު އާސް ނިކަން ފައްކަލަށް އަނގަތަޅަތަޅާފަަ އެއްވަސް ފަކުރެއް ފޫއްސެއް ނެތި އެތަން ސާފުކޮށްލާފަ ހެދި ގޮތުން ލައްކަ ހިތްހަމަ ޖެހުން.. މިރަށު ފަޅުވެރިން ނިކަން ރަނގަޅުވާނެ.. އެއްމެ ސިކުންތެއް ތެރޭ އެތައް ހާސް މެމޮރީއަކާ އެކީ އެއްނޭވައިން މި ލިޔުން ކިޔާލެވިއްޖެ… ނިޔާމަ ދަތުރަކަށް އެދެން.

  4. އޭމަލާ‮ ‬ވިދާޅުވީ


    ތާރީޚް:28/06/2010

    ލިޔުންތައް ތަންކޮޅެއް ކުރުކޮށް ފޮނިކޮށް ލިޔެލުން މުހިއްމު ކަމަށް ފެނޭ. ކިޔާ ކިޔާ ވަރުބަލި ވާއިރުވެސް ލިޔުމެއް ނުނިމޭ…

  5. ދޮންބެއްޔާ‮ ‬ވިދާޅުވީ


    ތާރީޚް:28/06/2010

    މިލިޔުން އަހަންނަކަށް ދިގެއް ނޫން. ތާނަކިޔަން އެނގުނަސް މިނަށްވުރެ ކަންނެތްވީމާ ލިޔުމެއް ނޫނަކަސް ކޮންމެ އެއްވެއްވަސް ދިގުވެފަ އޮންނާނީ! ނަލަމޮހޮންމަދުބެ އެބުނިހެން ދޯނިމަތީ ފިރިހެންކުއްޖަކަށް ހޮޑުލެވިއްޖެއްޔާ އެވީ މޯލަކަށް. އެވަސް އަޖައިބެއް!

  6. ކަނޑަށް ބަލިބެ‮ ‬ވިދާޅުވީ


    ތާރީޚް:28/06/2010

    ބުރިލިއެންޓު މައުލޫމާތުތަކެއް ލިޔުމުގެ އެހީގައި ލިބިއްޖެ.ދެން ކަނޑުމައްޗަށް އަރާ ފަހަރަކުން މިލިޔުމުން އެނގުނު ފަރުވާތައް ކުރެވޭތޯ ބަލާނަން

  7. ކަނޑޫ ދޮންމަނިކު‮ ‬ވިދާޅުވީ


    ތާރީޚް:29/06/2010

    ބަލަ ނަލަ މޮހޮންމަދާ..ކަލޭ މިހާރު ހޮޅުވަށިން ހާދަ ނުފެނެޔޭ…އަނެއްކަ ފަހަރިދައިތަ ބަލީތަ މިހާރު؟

  8. މަރިޔާދު‮ ‬ވިދާޅުވީ


    ތާރީޚް:02/07/2010

    ހަމަ ހަގީގަތުގަ ވެސް ކަނޑުމަތީ ހޮޑުލުމަކީ އަންހެން ސިފައެއް ފިރިހެނުންގެ ކިބައިގައި ހުއްޓަސް، ދެން އެކަމަކު ހޮޑުލާމީހުންނަކަށް އެކަން ގަބޫލެއް ނުކުރެވޭނެ، ފަލަ މީހުންނަށް ވެސް ހީވާނެ ގިނަފަހަރަށް އެމީހުންވެސް ނިކަން ސްމާޓޭ، އަނެއްކަ ފަލަ މީހަކު މި ކޮމެންޓު ކިޔާފަ ރުޅި ނާންނާތި، މީ ހަގީގަތް،
    ދެން ކަނޑުމަތީ ހޮޑުލުން އެއީ އަސްލު ސިއްހީ ގޮތުން ހުންނަ މައްސަލައަކުން ވާ ކެމެއް، މިހާރު ދާން ޖެހިއްޖެ ފަހުން އެމައުލޫއަށް އިންސާފުކުރާނަން،

ޚިޔާލު ފާޅުކުރައްވާ