Share

ދެ އޮފިޝަލަކަށް ރިޝްވަތުދޭން އުޅެފި! މައްސަލަ ކޯޓުގައި!

ދެ އޮފިޝަލަކަށް ރިޝްވަތުދޭން އުޅެފި! މައްސަލަ ކޯޓުގައި!

ދަންނަވަންތޯއެވެ؟ ރިޝްވަތަކީ ވަރަށް ގިނަ ގޮތްގޮތަށްދެވޭ، އެއްޗެކެވެ. ‘ރިޝްވަތުދިނުން’ މިއީ ރިޝްވަތުދިނުމަށް ކިޔާ އެންމެ ހުތުރު ނަމެވެ. އެއަށް ކިޔާ ރީތި ނަންތަކުގެ ތެރޭގައި، ސައެއްދިނުން، ހަދިޔާއެއްދިނުން، ގަތުން، ފަދަ ނަންތައް ހިމެނެއެވެ. ދިވެހިރާއްޖޭގައިވެސް މިހާރު މިއުޅެނީ ރިޝްވަތެއްދީގެންނެވެ. ނޫނީ އެކަމަށް ޝައްކުވެގެންނެވެ. ދިންކަމަށް ޝައްކުވި ރިޝްވަތުގެ ބޮޑުކަމުން، ވަޒީރުންވެސް އިސްތިޢުފާދެއްވާފައި އޮފީހުން ނިކުމެވަޑައިގެން، އާދައިގެ ރައްޔިތުމީހާ، ފަދައިން މަގުމައްޗަށް ނުކުމެވަޑައިގަންނަވައިފިއެވެ.

ތެދެއް ދަންނަވަންތޯއެވެ؟ ކިޔުއްވާށެވެ.

މިލިޔުން ލިޔަމުން ދާއިރު، ރަޝިޔާގައި އެ ތަނުގެ ދެ އޮފިޝަލެއް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރަނީއެވެ. މިލިޔުން ލިޔަމުން ދާއިރު، ރިޝްވަތުދިންކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރެއް ހައިކޯޓަށް ހާޒިރުއެބަ ކުރެއޭ ދެންމެއަކު، ރައްޔިތުމީހަކު ފޯނުކޮށްފައި ބުނެފިއެވެ.

ނަމަވެސް، ދަންނަވަން މިއުޅޭ ތެދަކީ، ރަޝިޔާގެ ދެ އޮފިޝަލުންގެ ވާހަކައެވެ. ކިޔުއްވާށެވެ.

ކަންތައްވީ ގޮތަކީ މިއެވެ. ރަޝިޔާގެ ފެޑަރަލް ސިކިއުރިޓީ ސާރވިސްގެ އެޖެންޓުން، ކާރޫބާރޫ ބޮޑު ހައިވޭއެއްގައި، ޝައްކު ކުރެވޭ ކާރެއް ފަހައި ދުއްވީއެވެ. ކާރުގައި ތިބީ، ރަޝިޔާގެ މަސްވެރިކަމާއިބެހޭ އޭޖެންސީގެ ދެ އޮފިޝަލުންނެވެ. ސިކިއުރިޓީ އެޖެންޓުން ކާރު ފަހާދުއްވަން ފެށުމުން ކާރުގައި ތިބި ދެ އޮފިޝަލުން، ރިޝްވަތުދިނުމަށް ކަންތައްކުރި ގޮތަކީ، ކަރުދާހުފޮށިގަނޑެއް ފުރެންދެން ފައިސާ އަޅާފައި، ކާރުގެ ކުޑަދޮރުން، ސިކިއުރިޓީ އެޖެންޓުންނާއި ދިމާލަށް ހޫރާލީއެވެ. އެނގިލައްވާނޭފަދައިން ރަޝިޔާގެ ފުލުންނާއި، ސިކިއުރިޓީ އޭޖެންޓުންނަކީ ރިޝްވަތަށް ގަނެލެވޭކަމަށް މުޅިދުނިޔެއަށް މަޝްހޫރު ބައެކެވެ.

ކޮންމެޔަކަސް ކާރުގެ ކުޑަދޮރުން ހޫރާލި ފޮށިގަނޑުގައި އެމެރިކާ ޑޮލަރުން އަގުކުރާނަމަ، ތިންލައްކަ ބާވީސްހާސް ޑޮލަރު ހުއްޓެވެ. ހަމަ ނަގުދު ޑޮލަރެވެ.

މި ދެންނެވި ރިޝްވަތުދިނުމާއި، ކާރުފަހާދުއްވުމުގެ ހާދިސާގައި، ހަތްމިލިއަން ރަޝިޔާރުފިޔާގެ އަގުހުރި ކާރުވަނީ ފުނޑިގެންގޮސްފައެވެ.

މަސްވެރިކަމާއިބެހޭ އޭޖެންސީގެ ދެ އޮފިޝަލުން ކަމަށްވާ ބޮރިސް ސިމަނޯވާއި ރޯމަން ޕޮސްޓްނިކޯވަށް މިހާ އަގުބޮޑު ކާރާއި، ފައިސާ ލިބުނީ މަސްވެރިކަންކުރުމުގެ ހުއްދަދޭ ކޮންޓްރެކްޓެއްގެ ތާރީޚް، ބޮޑު މަހުޖަނަކަށް އޭނާ ބޭނުންވިގޮތަށް ބަދަލުކޮށްދީގެން ކަމަށްވެއެވެ.

***

ކިޔުއްވަމުން ގެންދަވާށެވެ. ދަންނަވަން މިއުޅެނީ އެހެން ވާހަކައެކެވެ.

ރާއްޖޭގައި އަބަދުވެސް އެކަކު އަނެކަކަށް ރިޝްވަތުދީއުޅެއެވެ. މިފަހަރު ރިޝްވަތުގެ ކަންތައްތައް މިހިލުނީ އެއާޕޯޓެއް ކުއްޔަށްދޭ ކޮންޓްރެކްޓަކާއި މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހެއް، ފަސްމަންޒަރަށްވެގެންނެވެ.

އަދިވެސް ކިޔުއްވާށެވެ. ރިޝްވަތަކީ ވަރަށް ގިނަ ގޮތްގޮތުން ދެވޭ އޭގެ ދާއިރާ ފުޅާ އެއްޗެކެވެ.

ބ. އަތޮޅު ތުޅާދޫގެ ބިން ހިއްކީމާ އެ ދާއިރާގެ މެންބަރު، ބިން ހިއްކައިދިން ސަރުކާރު ކޮޅަށް ލެނބޭނެ ކަމަށް ބުނެފައި، ނުލެނބި، އެޑިޔުކޭޝަން މިނިސްޓަރުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއިކުރުމުން، ޕާލަމެންޓަރީ ގުރޫޕްގެ ލީޑަރު ކޯފާވި މަންޒަރު އަޅުގަނޑު ޓީވީއިން ދުށީމެވެ. ކޯފާވެފައި، ބިންހިއްކައިދިނީމާވެސް ހެދިގޮތަކީ ތިއީއޭ، ވިދާޅުވި ކަހަލައެވެ.

ފަގީރުކަން ނައްތާލުމަށް ފުރަތަމަ ޕާޓީ ހެދި މީހެއް، އޭނާގެ މައްސަލަ ރިޔާސީކޮމިޝަނުން ބަލައި، ކޯޓުގައި ވަނިކޮށް، ޕާޓީ ބަދަލުކުރިއެވެ. މިހާރު މައްސަލައިގެ އަޑެއް ބަޑެއް ނީވެއެވެ.

އޮޅުވައި ނުލައްވާށެވެ. އޭނާ އެކުރީ އަދި އެހެން ކަމެކެވެ. މި ބުނި މީހާ އެކުރި ކަމަކީ ފްލޯ ކުރޮސް ކުރުމެވެ.

ކުރީގެ ބަންޑާރަ ނައިބުގެ ފިރިކަލުންގެ މައްސަލައަކަށް އިޝާރާތްކޮށް، ރައީސް އޮފީސް “ބަދުނާމުކޮށް”، އިދްހާމް މުޢިއްޒު ރިޔާސީ ކޮމިޝަނުން އިސްތިޢުފާދިނެވެ. ދެ ދުވަސް ފަހުން ރައީސް އޮފީހުގައި ތިއްބެވި ބޭފުޅުންގެ ޕާޓީއާއި ކުރީގެ ބަންޑާރަ ނައިބުގެ ފިރިކަލުން ގުޅިލެއްވިއެވެ. ރިޔާސީ ކޮމިޝަންގައި އޮތްކަމަށް ބުނާ މައްސަލައިގެ އަޑެއްބަޑެއް ނީވެއެވެ.

***

އަޅުގަނޑު މިވަގުތު މިކުރާކަމެއްގެ ވާހަކަ ވަކިވުމުގެ ކުރިން ދަންނަވާލާނަމެވެ.
އަޅުގަނޑު ވިސްނަނީއެވެ. އަޅުގަނޑު މި ވިސްނަނީ ބްލެކްމެއިލް އަށް ކިޔާނެ ރީތިނަމަކާއި މެދުގައެވެ. އާދެ، ބޭނުންވަނީ ރިޝްވަތަށް ކިޔާކަހަލަ ރީތި ނަންނަމެވެ. ކޮޕީރައިޓަށް ކިޔާނެ ދިވެހި ނަމެއް ނެތިގެން މަޖިލީހުގެ މެންބަރަކު ދިވެހިބަހާމެދު ނުރުހުނުވާހަކައެއް ނޫހެއްގައި އޮއްވާ ދުށީމެވެ.

‮ ‬25‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ދޮންބެއްޔާ‮ ‬ވިދާޅުވީ


    ތާރީޚް:01/07/2010

    މި ދައުރަށް މަޖިލީސް ހުޅުވޭއިރު، މަޖިލީސްގެ އަޣުލަބިއްޔަތެއް ލިބޭތޯ މަސައްކަތްކުރާވާހަކަ ރައީސް އަންނި ނަޝީދު، ރައްޔިތުމީހުންނާއި މުޚާޠަބްކުރައްވައި ވިދާޅުވި.

    ދެން އިވުނީ، ދެތިން ގޯތި މިލިޔަން ރުފިޔާއިން ދާދި މިދާކަށް ދުވަހު ބައްލަވައިގެންނެވި ސަރަނގު އާދަމް މަނިކު، އިތުރު ދެ މެންބަރެއް، އެމްޑީޕީކޮޅަށް ހޯދައި ދެއްވި ވާހަކަ ވިދާޅުވި އަޑު.

  2. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:01/07/2010

    މިލިޔުން ލިޔުނު ކުއްޖަކު އެއޮތީ އަބުރުގެ ދައުވާ ނުކުރެވޭނެހެން ވަރަށް ފުރިހަމަޔަށް ވާހަކަތައް ގެނެސްފަ. އެހެންވީމަ ކޮމެންޓް ކުރާކުދިންވެސް އެވަރު ވިސްނާތި. އާ ތިއެއް ނޫނޭ! ރިޝްވަތުދޯ! މިހާރު ރިޝްވަތު ދޭކަމަށް މިވީ މިދެމީހުންތާ. ކޮބާތަ މިލިޔަން ރުފިޔާގެ “ސައި” ތައް ދީގެން އެމްޑީޕީ އަށް ވައްދާ ވެއްދުން. ކޮބާ ޖީއެމްއާރު ކުންފުނިން މިހާރު އެހެރި ތިމާވެށީގެ ޖެނެރަލްއަށް ދޭ ކަޓުތައް. ކޮބާތަ އައިޖީއެމްއެޗް ހަވާލު ކުރީމަ ޖެނެރަލަށް ލިބުނު “ހަދިޔާ”ތައް. މި އެއްޗެހީގެ ވާހަކަ ނުދައްކަ މަޖިލީހުގަ ރިޝްވަތު ދެނީއޭ އަދި އެބަ ވީދެއޭނުން. ޖެނެރަލްގެ އަސްކަރީ ވެރިކަމުގެ ސަބަބުން މިއަދު ލޭއޮހޮރުވުންތައް ފެށޭނެ.

  3. މޭގާވި އަލިކުރި ނޫރު‮ ‬ވިދާޅުވީ


    ތާރީޚް:01/07/2010

    ޖެނެރަލް މިހާރު އެ ހުންނެވީ އެއްކަލަ އެއްޗަށް ފައިން އެރިފަ. މާލެތެރޭގަ ހަމަނުޖެހުން ހިންގަންވެގެން މިހާރު ވަރަށް މަސައްކަތް އެބަކުރޭ. އޭރުންނޭނުން ސްޓޭޓް އޮފް އެމަޖެންސީ އިއުލާނު ކުރެވޭނީ. އެކަމަކު ހޫނުކުރަން މިބާއްވާ މުޒާހަރާތަކަށް ނުކުންނަނީ އެމްޑީޕީގެވެސް ދެމީހަކާ ފަޅިއެއް. ޑީއާރުޕީއެއް ނުނުކުންނާނެ ތިތާކަށް. ދެން ޖެނެރަލް ހުރޭ ފައިން އެރިފަ.

  4. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:01/07/2010

    ނޭވައެއް ލާން ހަނދާންވަސް ނެތިފަ މީނީ..

  5. ނަލަ މޮހޮންމަދު ރައްޓެހި ސޮރަކު‮ ‬ވިދާޅުވީ


    ތާރީޚް:01/07/2010

    ތިޔެއް ދޮގެއްނޫން މޮހޮންމަދާ ބުނާކަށް…

  6. މަރިޔާދު‮ ‬ވިދާޅުވީ


    ތާރީޚް:01/07/2010

    ވީ ގޮތެއް އަދި ރަނގަޅަކަށް ފުލުހުންވެސް ހާމަނުކުރާއިރު، މި މީހުން އެބަޖެހޭ މިހާރު އެ މައްސަލަ ނިންމާ ހުކުމްވެސް ޖަހަން، އަހަން ހަމަ މޮޔަވެދާނެ، “ދެން ކިޔުއްވަމުން ގެންދަވާށެވެ!” އެޑިޔުކޭސަން މިނިސްޓަރުގެ އިތުބާރު ނެތް މައްސަލައަކީ ހަމަ ސަރުކާރަށް ދުއްޕާން އަރުވަން ކުރާ ކަމަކަށް ވީހިނދު، ޕާލަމެންޓްރީ ލީޑަރު ކޯފާވިލެއް މަށަށް ކުޑައެވެ. ހަގީގަތަކީ އިސްލާމާ ދިވެއްސާއި މިހާރު މި ކިޔަވައިދޭ ގޮތަށް ކިޔަވައިދެންޏާ އެގާރަ ބާރަ ނޫން ޑިގްރީ ނިމެންދެން ކިޔަވައިދިނަސް ނަތީޖާ ޖެހޭނީ އެއްތާކުއެވެ. އިސްލާމާ ދިވެއްސަށް ކުދިން ރަނގަޅުކުރަންޏާ ބޭނުންވަނީ ފެންވަރު ރަނގަޅު ޓީޗަރުންނާއެކު ފެންވަރު ރަނގަޅު ތަޢުލީމެއް ދިނުމެވެ. ކޮންމެހެންނަކުން އަރަބި ތާނަ ކިޔަންވެސް ރަނގަޅަށް ނޭނގޭ މީހުން ލައްވާ އެގާރަ ބާރައިގަ އިސްލާމާ ދިވެހި މަތީން ކުދީން ފޫހިކުރުވުމެއް ނޫނެވެ. މިދެންނެވީ އާންމުކޮށް އިސްލާމްޓީޗަރުންގެ ފެންވަރު ދަށް ވާހަކައެވެ. އެންމެންގެ ވާހަކައެއް ނޫނެވެ.
    ދެން ރިޔާސީ ކޮމިސަނާހުރެ ޕާޓީ ބަދަލުކުރާ މީހުންގެ ވާހަކަ ކިޔުއްވާށެވެ. ޖާބިރަށް ވެސް ވީ ގޮތަކީ އޭ ކަލޭގެ މައްސަލައެއް އެބަ ބަލައޭ ބުނާއިރަށް އަވަސްއަވަހަސް ތެޅިގަނެގެން ގޮސް އެމްޑީޕީއަށް ސޮއިކުރީއެވެ. އެހެންނާ އެމައްސަލައިގައި ހަގީގަތަށް ބެދެނީވެސް ޖާބިރެއް ނޫނެވެ.
    ދެން ރިސްވަތުގެ ވާހަކައަށް ބަލާއިރު ކަން އޮތީ ހަމަ މި ލިޔުމުގައި ވެސް މި އޮތް ފަދައިންނެވެ. ކޮންމެ ބަޔަކު ވެސް ރިސްވަތުދެނީއެވެ. ވާނެ ގޮތަކީ ޑިމޮކްރަސީ ނޫން ކޮންމެ އެއްޗެއް ގެނެޔަސް ބަޔަކު ގެ ކިބައިގައި އަޚްލާގެއް ނެތީމާ ދެން ކުރާނެ ކަމެއް ނޯންނާނެއެވެ. އެހެންވެގެންތާއޭ، އިންސާނުން އުޅުމަށް ދީނެއް މުހިންމު ވަނީ، މި ތަނަށް ކޮމެންޓު ކުރާށޭ ކިޔައިން މިތަން ނަޖިސްކުރަމުންދާ ޔޫރަޕުގެ ހަގީގީ ކުރިއެރުން އައި ގޮތާއި ޔޫރަޕާއި އިސްލާމީ ދުނިޔޭގެ ތަފާތާއި ތަންދޮރު ނުދަންނަ މީހުން ދީނުގެ ކަންކަމަށް ޖޯކުޖަހާ ހަދާފައި ހުއްޓަސް…

  7. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:01/07/2010

    އަހަންނަށް ހީވަނީ ޖެނެރަލް ނަޝީދު(ކުރީގެ ރައީސް) ވެސް ދެން އިސްތިއުފާދީފަ ގެޔަށް ދިޔުން މާ ރަގަނޅު ވާނެހެން

  8. އިއްބެ‮ ‬ވިދާޅުވީ


    ތާރީޚް:01/07/2010

    މަރިޔާދުއެވެ. އަދިވެސް ކިޔުއްވަމުން ގެންދަވާށެވެ.

    ކަން ހިނގީ މަރިޔާދަށް ތިޔަ ހީވިގޮތަކަށް ނޫނެވެ. ތެދަކީ މއެވެ.

    ސަރުކާރުން ބޭނުންވީ، ޓީޗަރުންގެ ފެންވަރު ރަނގަޅުކުރާކަށް ނޫނެވެ. އަދި ފެންވަރު ރަނގަޅު ޓީޗަރުން ލައްވާ ކިޔަވައިދެއްވާކަށްވެސް ނުމެ، ނޫންމެއެވެ. އެކަމަކު ދިވެއްސާއި އިސްލާމް މާއްދާ އިޚްތިޔާރީ ދެ މާއްދާއަށް ހެދުމަށެވެ. އެއީ ތަޢުލީމީ ގޮތުން ބަލާއިރު އެކަމުން މާ ބޮޑު މަންފާއެއް ކުރާނެ ނިންމުމެއް ނޫނެވެ.

  9. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:01/07/2010

    ފުލުހުންގެ ތަހުޤީޤުގައި ޔާމީނާއި ޤާސިމް ހަނުހުރުމުގެ ޙައްޤުގެ ބޭނުން ކުރައްވައިފި

    ރައްޔިތުންގެ މަޖިލިހުގެ ދެމެންބަރުން ކަމަށްވާ އަދި ރާއްޖޭގެ ސިޔާސީ ދެޕާޓީގެ ދެލީޑަރުންކަމަށްވާ ޕީއޭގެ ލީޑަރ ޢަބްދުﷲ ޔާމީން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ މައްޗަށް ސަރުކާރުން ކުރައްވާފައިވާ ތުހުމަތުތަކާގުޅިގެން ފުލުހުން ކުރާ ތަހުގީގުގައި އެދެބޭފުޅުންވެސް ހަނު ރުހުމުގެ ޙައްޤު ބޭނުން ކުރައްވައިފިއެވެ.

    ޤާނޫނީ ވަކީލުންގެ ޓީމުން ކަށަވަރުކޮށްދެއްވި ގޮތުގައި މިހާރުވަނީ އެކަން ބަޔާންކޮށް ޕޮލިސް ކަމިޝަނަރަށް ސިޓީވެސް ފޮނުއްވާފައެވެ.

    މައްސަލައިގެ އަޑުއެހުމުގައި ފުލުހުން ބުނެފައިވަނީ، ޤާސިމް އިބްރާހިމް އާއި، ޢަބްދުﷲ ޔާމީން ހައްޔަރުކުރައްވާފައިވަނީ، ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ކަމަށާއި، މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުވެސް އެދެބޭފުޅުންގެ މައްޗަށް ކުރެވިފައިވާކަމަށެވެ. ނަމަވެސް ޤާސިމްއާއި، ޔާމީން އާއި ދެބޭފުޅުންވެސް ވަނީ އެތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ.

  10. ބޮލުރޮދި‮ ‬ވިދާޅުވީ


    ތާރީޚް:01/07/2010

    ހަނުހުރުމުން ދޭހަވަނީ އެއީ ސައްހަދައުވާއެއްކަން

  11. މަރިޔާދު‮ ‬ވިދާޅުވީ


    ތާރީޚް:01/07/2010

    އަދި އެއިން ދޭހަވޭ އެހެން ކަންތައްތަކެއް ވެސް، މި މީހުން މަޖިލީހުގައި ތިއްބަސް ހަގީގަތުގައި ބަސްބުނަންޖެހޭ ތާ ބަސްބުނާނެ އުސޫލެއް ހަމައެއް ނުދަންނަކަމާ، ގާނޫނު ހެދިއިރު ހަނު ހުރުމުގެ އުސޫލު މާ ފުޅާކޮށްފަ އޮތް ސަބަބާއި، މިހުރިހާ ކަމެއް އެނގޭ، ޒަޢީމު މައުމޫނުވެސް އެއްކަލަ ރޭ އަހަން ހަދާންވަނީ ހެދީ އެހެންނޭ، އެހެންޏާ ދުނިޔޭގެ އެހެންތަންތާ ވެސް ހުރޭ ހަނު ހުރުމުގެ ހައްގު ހަނިވާ ކަހަލަ ގޮތްތަކަށް ގާނޫނުގައި އައިސްފައި، ރާއްޖޭގަ މި އޮންނަހާ މިނިވަންކޮށް ހަނުހުރުމުގެ ހައްގު ދިނުމެކޭ ގާނޫނެއް ނެހެދުމެކޭ މި ޖެހެނީ އެއްތާކު،
    އަދި ދެން ތިބި ވަގުންތައް ވެސް ގެންގޮސް ހައްޔަރުކުރަންވީ، ޑރ ސަހީދު ބުނާހެން މި ކަމެއް ނުވާނެ ވަގުންބޮނޑި ލައިގެންނެއް،

  12. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:02/07/2010

    މަރިޔާދޫ ތިބުނާ ވަގުން ކުރި ވައްކަންތައް ކިޔާދީބަލަ އެކަމަކު އެ ތެދަކަށް ވާންވާނެ

  13. ބިއްޕޮއްޅެ‮ ‬ވިދާޅުވީ


    ތާރީޚް:02/07/2010

    ދެން އެނގި ދާނެތާ.. ތިބޭ ބަލަން..

  14. ހެޑް‮ ‬ވިދާޅުވީ


    ތާރީޚް:02/07/2010

    ސަލީމ އާ ޝާހް ރުކް ހާން ފަހުމީ އެމްޑީޕީއަށް ސޮއެކުރީ އެމީހުންނަށް ކޯޗެއް ދީގެންބާ؟؟؟؟

  15. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:02/07/2010

    އިސްތިއުފާދިން ވަޒީރުން އަދިވެސް އުޅެނީ ސަރުކާރުން ދިން ކާރުގަ ހެ ހެ ހޭ

  16. މަރިޔާދު‮ ‬ވިދާޅުވީ


    ތާރީޚް:02/07/2010

    އެ ކަމުދާނެ، ދެން ހުށައަޅަންވީ ފޯމަރ މިނިސްޓަރުންގެ އިމްތިޔާޒު ބިލު ކިޔާ ބިލެއް، ދެން މަހަކު އެ ގުރޫޕަށް ވެސް މައުމޫނަށް ދޭހެން ބިލިޔަނުން ލާރި ދިނީމަ ހުންނާނީ ރައްޔިތުންނަށް ޚިދުމަތްދެވި ރައްޔިތުންގެ މަޖިލީހަށް، ކުޅުދުއްފުށީ މެންބަރު ކީ ގައިމުން މުސާރަ ދެބަޔަށް ކުޑަ ވަންދެން އޭނަގެ މުސާރައިން ކުޅުދުއްފުއްޓަށް ބައި އަޅާނަމޭ، އެކަން ފަހެ ކުރޭތަ ތިހެންވިއްޔާ؟ މިކަން މި އެހީ ހަމަ ނޭނގިގެން، ކޮންމެސް އެނގޭ ކުއްޖަކު އަޅެ މިއަށް ޖަވާބުދީބޯ!

  17. ޖަމްޝީދު‮ ‬ވިދާޅުވީ


    ތާރީޚް:02/07/2010

    އެމްއެންޑީއެފް ހެޑްކުއާޓާރ އަށް ނުވަތަ ސިފައިންގެ އަށް އާންމުން ވަދެ ނުކުމެ ވަނީ ވިސިޓަރ ކާޑެއް ޖަހައިގެން. އަދި އެހެން ވައްދަނީވެސް ހާއްސަ ހާލަތެއްގައި. އެކަމަކު މިއުޅޭ އަމީން ފައިސަލް ދިދަ ޖެހި ކާރުގަ ސިފައިންގެ މައި އިމާރާތަށް ވަންނަ މަންޒަރު އަދިވެސް ފެނޭ. އަމީން ފައިސަލް އަށް މިހާރު ސިފައިންގެ ތެރެއަށް ވަދެވެންޏާ މަށަށް ވެސް ވަދެވެން ޖެހޭނެ. ގާނޫނުގެ ވެރިކަން ކުރާނެކަމަށް ބުނެ ނަނާ ހުވަފެން ދެއްކި ސަރުކާރު މިހާރު މިވަނީ ހަމައެއްކޮށް ފެއިލްވެފަ. މިކަންކަން މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބަލަންޖެހޭނެ. އެކަންތައްތައް ބަލާތީ ބޮޑާހާކާފަ މި އިސްތިއުފާ ދެނީ. ގނޏ ބޯ އިސްތިއުފާ.

  18. އެކުވެރިޔާ‮ ‬ވިދާޅުވީ


    ތާރީޚް:02/07/2010

    އަޅެ މިލިޔުން ލިޔުނު ކުއްޖާއަށް ބްލެކް މެއިލް އަށް ކިޔާނެ ރަނގަޅު ނަމެއް ތިކޮމެންޓް ކުރާ ކުދިން ބުނެދޭންވީނުން……………. އަހަންނަކަށްނުވިސްނުނޭ……….

  19. ފަންއަރި‮ ‬ވިދާޅުވީ


    ތާރީޚް:02/07/2010

    އެކުވެރިޔާއަށް: ތިޔައީ ވަރަށް މޮޅުކަމެއް. މަށަށް ވިސްނުން އެއްޗެއް ވެސް ހިއްސާކޮށްލާނަން.
    ދިވެހިބަހުގަ އޮވޭ “ބަލިފައި” ކިޔާ އެއްޗެއް. އަދި “ބަލިފައިގައިހިފުން” ކިޔާ އެއްޗެއްވެސް.
    ބަލިފައިގައިހިފުމުގެ މާނައެއްކަމަށް ރަދީފުގައި އޮންނަނީ އަންނަނިވި ދެމާނަ:
    1: މީހަކު ދެރަކުރުމަށް އެމީހެއްގެ ފުށުން ވެފާއޮތް ދެރަކަމެއްގެ ވާހަކަ ގޮވައިލުން.2: މީހެއްގެ ކިބައިގައި އަށަގެންފައި ހުންނަ އެމީހަކު ލަދުގަންނަންޖެހޭ ސިފައެއްގެ ވާހަކަ ގޮވައިލުން.
    ދެން ބްލެކްމެއިލްކުރުމަކީ، މީހެއްގެ ފުށުން ވެފައި އޮތް ދެރަކަމެއް، ނުވަތަ ލަދުކަމެއް، ނުވަތަ ފާޅުކުރަން ބޭނުންނުވާ ސިއްރެއް ފާޅުކޮށްލާނެ ކަމުގެ އިންޒާރު ދީގެން އެމީހާ ލައްވާ ކަމެއް ކުރުވުން. އެހެންކަމަށްވާނަމަ އެކަހަލަ ފާޅުކުރަން ބޭނުންނުވާ ސިއްރަކީ އެއީ އެމީހާގެ ބަލިފައި، ބަލިފައިގައި ހިފައިގެން މީހުން ލައްވާ ކަންތައްތައް ކުރުވާ ނަމަ އެވެސް ހަމަ ބްލެކްމެއިލް ކުރެވެނީ. އެހެންކަމުން މަށަށް ފެންނަ ގޮތުގައި ބްލެކްމެއިލްކުރުމަށް “ބަލިފައިގައިހިފުން” ކީދާނެ. އެގޮތް ކަމުނުދަންޏާ “ބަލިފައިރަހީނުކުރުން” ވެސް ކީދާނެ. ސަބަބަކީ ރަހީނުކުރުމަކީ މީހަކު މީހެއްގެ އެއްޗެއް އަތުލުމަށްފަހު އޭގެ ޒަރީޢާއިން އެމީހާ ލައްވާ ބޭނުންކަމެއް ކުރުވުން. އެގޮތުން ބަލާއިރު، މީހެއްގެ ބަލިފައި ރަހީނުކުރުމަށްފަހު އެބަލިފައިގެ ޒަރީޢާއިން އޭތި ރަހީނުކުރި މީހާ ބޭނުން ޙާޞިލްކުރެވިދާނެ. ވަﷲ އަޢްލަމް.
    މިއީ އެކުވެރިޔާ ކޮމެންޓުގައި އެ ހުޅުވާލި މައުޟޫއާ މެދު ވިސްނައިވިސްނައިގެން މަށަށް ވިސްނުނު ގޮތެއް. ރަނގަޅުތަ؟

  20. އިހަށްދުވަހު އާފާޑަކަށް އިސްތިއުފާދިގެން ރާއްޖޭގައި ރިކޯޑްހެދިތަނުން މިނިސްޓަރެއް‮ ‬ވިދާޅުވީ


    ތާރީޚް:03/07/2010

    ކަލޭނޭ މިއީވާ ފައްކާ ލިޔުމެއް. ބައެއްކުދިން ހަޖަމުގޯސްވެގެން ކޮމެންޓްކުރިޔަސް އަޅާނުލާ މިފަދަ ލިޔުންތައްކުރިޔަށް ގެންދާތި.

  21. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:03/07/2010

    ގައުމުދެކެ ލޯބިވާންވެއްޖޭ ގައުމުކުރިއަށް ނެރޭން ވެއްޖޭ
    ފައުޖުތައް ރުކުރުވާން ވެއްޖޭ ގައުމުގެ ގޮވުން އަހާން ވެއްޖޭ

    ކިހާ ކޮންފަދަ ނަސީބެއް ހޭ ކިހާ އުފަލާ އަރާމެއް ހޭ
    މިހާމަދު މީސްކޮޅެއް އުދުހޭ މިހާރު ޔަގީން ކުރާން ވެއްޖޭ

    ދުނިޔެވީ ވެށި ބަލައިލާއިރު ހުނިޖެހޭ ގައުމަކަށް ވީއިރު
    ފުނިފުނިންރަނގަޅު މޮޅުއޮތްއިރު އުނިނުވާމަގުހިނގާން ވެއްޖޭ

    ވަސީލަތްތައް މަދޭ ނުކިޔާ ދަށޭ ދެރައޭ އަބަދު ނުގޮވާ
    ވަސީލަތްހުރިނެތެއް ނުބަލާ ފަސޭހަ ނުކޮށް އުޅޭން ވެއްޖޭ

    ވަށައިއޮތްކަނޑު މިކުދިރަށްތައް ފަޅާއިމޫދާ އަތިރިމަތިތައް
    ވަށައިގެން ހުރި މި ހަދިޔާތައް މޮޅަށް ބޭނުން ކުރާން ވެއްޖޭ

    ނިކަންހިތްހެޔޮކަމާއިއެކުގައި މިކަންމިގޮތަށްކުރަންހިތުލައި
    ވިކަންތައްވެ ނިމުނީއެ ކިޔައި އަލުން އައުކޮށް ފަށަން ވެއްޖޭ

    ނެތޭބުނެވޭކަށެއް ނެތް ނެތް ގޮތޭ ކަންއޮތް ކިއޭކަށްނެތް
    ފެތޭތީ ހަން ޖެހޭކަށް ނެތް ސަތޭކައިން ގައިމުވާން ވެއްޖޭ

    އަމިއްލައެދުން އިހަށްބާއްވާ! އަމިއްލަ ގައުމު އަމިއްލަހުވާ
    އަމިއްލަގޮތުން ވަޒަންކޮށްލާ ދަމެއް ނުޖެހޭން އުޅޭން ވެއްޖޭ

    މަގޭ ގައުމޭ ދިވެހިގައުމޭ ދިވެހި އެއްމެންގެވެސް ގައުމޭ
    އިނގޭ! ތެދެކޭ ދިވެހިއެއްމެން ގައުމުގެ މިއަޑު އަހާންވެއްޖޭ

  22. އެކުވެރިޔާ‮ ‬ވިދާޅުވީ


    ތާރީޚް:03/07/2010

    ފަންއަރި: ތިއީ ވަރަށް ފައްކާ ނަންތަކެއް……….. ދެން ތީގެ ތެރެއިން ނަމެއް އިޚްތިޔާރު ކުރުމަށް މިލިޔުން ލިޔުނު ކުއްޖާ އާއި ހަވާލުކުރަމާ!!!!!!!!!!! ފަންއަރި ގެ ވިސްނުން މިފަދަ ކަންކަމުގައި ވަރަށް ރަނގަޅުކަމަށް ފާހަގަ ކުރެވޭ……. ޝުކުރިއްޔާ ފަންއަރި………..

  23. ޖަމްޝީދު‮ ‬ވިދާޅުވީ


    ތާރީޚް:03/07/2010

    ތަކުރުފާނުގެ ޅެންތައް ވަރަށް ކަމުދޭ. ކޮންތާކުން ހޯދާ ޅެންތަކެއް. ސަރުކާރުން ހީކުރީ މިފަހަރު ގައުމު ހަލަބޮލި ކޮށްލެވޭނެ ކަމަށް. ހަލަބޮލި ވުމުން ދެން އިދިކޮޅު ހުރިހާ މެމްބަރުން ހައްޔަރު ކޮށް ޝަރީއަތް ކުރެވޭނެ ކަމަށް. ދެން ލަލަލަލަލަލަލަލަލަލަލަލަލަ

  24. ދުނބުރިހުއްތު‮ ‬ވިދާޅުވީ


    ތާރީޚް:03/07/2010

    ފަންއަރި ކުރެން އަހާލާ ހިތްވޭ، “ބަލިފައިކުރުން” ކިޔައިފި ނަމަ ސައްހަ ވާނެތޯ؟

  25. ފަންއަރި‮ ‬ވިދާޅުވީ


    ތާރީޚް:03/07/2010

    އަޅުގަނޑަށް ހީވަނީ ކޮންމެ މީހެއްގެ ވެސް ބަލިފައެއް އޮންނާނެހެން. އެހެންވީމަ ބަލިފަޔަކީ އެމީހަކު އަމިއްލައަށް ކޮށްފަ އޮންނަ ކަމެއް. ނުވަތަ ހަދާފަ އޮންނަ އެއްޗެއް. އަނެކާ ކުރާކަމަކީ އެ ބަލިފަޔަށް ތަދުކުރުން. ދުނބުރިހުއްތަކީ އަދަބިއްޔާތުން ލައްޒަތު ޙާޞިލްކުރައްވާ ބޭކަލެއްކަން ހުއްތުގެ ކޮމެންޓުތަކުން ދޭހަވޭ. ނުވަތަ ތިޔައީ އަދީބެއްކަމަށް އަޅުގަނޑު “ތުހުމަތު” ކުރަން. އެހެންވީމާ ހުއްތަށް މީގެ ޞައްޙަ ގޮތް މާ ބޮޑަށް އެނގިވަޑައިގެންފައިވާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ޙިއްސާކޮށްލަދެއްވުން އެދެން.

ޚިޔާލު ފާޅުކުރައްވާ