Share

ލޭ މައްޗަށްދާ ބައްޔާއިއެކު ދުޅަހެޔޮކޮށް ހުންނާނީ ކިހިނެއް؟

ލޭ މައްޗަށްދާ ބައްޔާއިއެކު ދުޅަހެޔޮކޮށް ހުންނާނީ ކިހިނެއް؟

ވަރަށް އެހެން ކަހަލަ ސުވާލެއް ދޯއެވެ؟ ލޭ މައްޗަށް ދިޔުން ނުވަތަ ހައި ބްލަޑް ޕްރެޝަރ އެއީ ދުޅަހެޔޮ ނޫންކަމުގެ ޢަލާމާތެކެވެ. ނަމަވެސް ލޭ މައްޗަށް ދިޔުން އެއީ، ސިއްޙަތަށް ކުރިމަތިވާ، ‘މަންމަން’ ޙާލަތެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، އެއީ ލަސްލަހުން އެހެން ބަލިތަކަށް މަގުކޮށައިދޭ ޙާލަތެކެވެ. މި ގޮތުން، ހިތްހުއްޓުމާއި، ވާގިނެތުން ފަދަ ނުރައްކާތެރި ބަލިބައްޔަށް ލޭ މައްޗަށްދިޔުން މަގުފަހިކޮށްދެއެވެ.

ލަފާކުރެވޭ ގޮތުގައި ދުނިޔޭގައި ފަންސާސް މިލިޔަން މީހުންނަށް ލޭމައްޗަށް ދިޔުމުގެ ބައްޔާއި ކުރިމަތިލާން ޖެހިފައިވެއެވެ. ވީމާ، ޑޮކްޓަރެއްގެ ގާތަށް ގޮސް ލޭގެ ޕްރެޝަރު ހުރިނެތްގޮތެއް ބަލާލުން ބުއްދިވެރިއެވެ.

ލޭ މައްޗަށްދާނަމަ ބަރުދަން ލުއިކުރާށެވެ. ބަރުދަން ލުއިކުރުމުން ލޭ މައްޗަށްދިޔުން ދަށްކުރުމަށް އެހީއަކަށް ވާނެއެވެ. ބަރުދަން ދަށްކުރުމުން ކުރާނެ އިތުރު ފައިދާ ތަކުގެ ތެރޭގައި ހަކުރުބައްޔާއި ކޮލެސްޓްރޮލްގެ ނުރައްކާ ކުޑަކުރެވޭނެއެވެ. ލޭ މައްޗަށްދާތީ ޑަކްޓަރު ދީފައިވާ ބޭހުގެ ފައިދާ ރަނގަޅަށް ކުރުމަށް އެހީއަކަށް ބަރުދަން ލުއިވުން ވެއެވެ.

ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު ކޮންޓްރޯލް ކުރާށެވެ. ލޮނުގެ ސަބަބުން ލޭ މައްޗަށްދިޔުން އިތުރުކޮށްދޭނެއެވެ.

ދުންފަތުގެ އިސްޓިޢުމާލްކުރާނަމަ، ޚާއްސަކޮށް ސިނގިރޭޓް ބުއިމާއި ދުންބޯނަމަ، އެކަން ވަގުތުން ހުއްޓާލާށެވެ. ސިނގިރޭޓް ބޯއިރު ދަމާލާ ކޮންމެ ފަހަރަކު ލޭގެ ޕްރެޝަރު މައްޗަށް ދުއްވާލައެވެ. ދުންފަތުގެ އިސްތިޢުމާލުކުރާނަމަ، ޑޮކްޓަރު ދީފައިވާ ބޭހުގެ ފައިދާ ރަނގަޅަށް ނުކުރުން ވަރަށް އެކަށީގެންވެއެވެ.

ފިކުރުބޮޑުވުން ( ސްޓްރެސް ) އާއި ދުރުގައި ހުރެވޭތޯ ބަލާށެވެ. ދިރިއުޅުމުގެ ހާސްކަން ކުޑަކޮށް ހިތްހަމަޖެހުން ހޯދުމަށް މަސައްކަތްކުރާށެވެ. އަރާމުކުރާށެވެ. ފިކުރުބޮޑުވުމަކީ ލޭ މައްޗަށް ދާ ސަބަބެކެވެ.

ސިއްހަތަށް ފައިދާހުރި ކާނާ ކާށެވެ. ބަންދު ކޮށްފައި ހުންނަ (ޕްރޮސެސްޑް) ކާނާގެ ބަދަލުގައި ތާޒާ މޭވާ އާއި ތަރުކާރީ އަދި ފެޓްގެ މިންވަރު ދަށް ކާނާ ބޭނުން ކުރާށެވެ. ބަންދުކޮށްފައިހުންނަ ކާނާގައި ލޮނުގެ މިންވަރު އިތުރުވާނެއެވެ.

ޑޮކްޓަރު ދީފައިވާ ބޭސް، އިރުޝާދު ދީފައިވާގޮތަށް ގަވާއިދުން ބޭނުންކުރަމުން ގެންދާށެވެ. ޑޮކްޓަރެއްގެ އިރުޝާދާއިއެކު ލޭގެ ޕްރެޝަރު ކޮންޓްރޯކުރާށެވެ. އޭރުން ލޭ މައްޗަށްދިޔުމާއި ގުޅިފައިވާ އެހެން ނުރައްކާތަކާއި ދުރުގައި ހުރެވިދާނެއެވެ.

ނޯޓު: މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. ލޭ މައްޗަށްދިޔުމާއި ގުޅޭ ގޮތުން ޑޮކްޓަރެއް ދެއްވާ އިރުޝާދު، މި ލިޔުމުގެ މައްޗަށް އިސްވެގެން ވެއެވެ.

‮ ‬4‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އަރްޝަދު މުހައްމަދު‮ ‬ވިދާޅުވީ


    ތާރީޚް:06/07/2010

    ވަރަށް މުހިއްމު ލިޔުމެއް. ލޭމައްޗަށްދާ ބައްޔާ ހަކުރުބަލި މިއީ ގައިން ގަޔަށް ނާރާ އަދި އާންމުންގެ މެދުގައި އެހާ ހޭލުންތެރި ބަލި ބައްޔެއް ނޫން. މިފަދަ ސިއްހީ މައުލޫމާތު ތައް ގިނަގިނައިން ލިބޭނެ ގޮތް ވުމަކީ ހަމަ ވަރަށް މުހިއްމު ކަމެއް.

  2. ދުނބުރިހުއްތު‮ ‬ވިދާޅުވީ


    ތާރީޚް:06/07/2010

    އެހެންވެގެންތާއޭ ޅެންވެރިންކިޔާފައ އެހުންނަނީ:
    ތަނެއް ތަހުޒީބުވެވި މަދަނީ ގޮތުން ކުރިއަށް އަރާދާނީ
    ކަމެއް ކުރެވޭނެ ސިއްހަތު ހުރި ދަރިން ތަނުގައި އުފެދިގެންނޭ

  3. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:07/07/2010

    ވަރަށް ރަނގަޅު މައުލޫމާތުކޮޅެއް. މައްސަލަޔަކީ ފްރެޝް އެއްޗެހި ލިބޭލެއް މަދުވުން. ކެރެޓާ ކެބެޖާ ލިބޭ. އެކަމަކު ތަރުކާރީއަކީ އެހިސާބުން ނިމޭ އެއްޗެއްނޫން. މަށަށް ވަރަށް މީރު ލޭޑީޒް ފިންގާވެސް. އެވަރަށް ރަނގަޅު އެއްޗެއް ހުޅުތަކާ އަދި ހަޖަމުކުރުމަށްވެސް. އެކަމަކު އެޔެއް ނުފެނުން އެއްވެސް ފިހާރަޔަކުން.

    މައުލޫމާތުކޮޅުގެ ބޭނުން ހިފޭތޯ އެބަ ބަލަން އިންގޭ. އެހެން ނޫނީ މުސްކުޅިވާ ދުވަހުން ބޭނުން އެއްޗެއް ކައެއްވެސް ނުލެވޭނެ.

  4. އެކުވެރިޔާ‮ ‬ވިދާޅުވީ


    ތާރީޚް:07/07/2010

    މިއީ އަޅުގަނޑު ވަރަށް ހިތްހަމަ ޖެހުނު ލިޔުމެއް.. މިސައިޓް މެދުވެރިކޮށް އާއްމު ގޮތެއްގައި މިމައުލޫމާތު ލިބޭނީ ޒުވާނުންނަށް. އަޅުގަނޑު މެންގެ މަންމަމެން އުމުރުގެ މީހުންނަށް މިބަލި ބައްޔާއި ބެހޭ މައުލޫމާތު ލިބިފައި ހުންނަނީ ވަރަށް މަދު މިންވަރަކަށް. އަދި އަޅުގަނޑުމެން މިމައުލޫމާތު ދިނުމުން ބައެއް ފަހަރު އެމީހުން ޤަބޫލުނުކުރުމަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެއް. ރަށުގައި ތިއްބެވި ޞިއްޚީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ވާހަކަ ފުޅުތައް ވަރަށް ގިނަފަހަރު މިއުމުރުގެ މީހުން ޤަބޫލްކުރޭ! ރަށުގައި ތިބި މުސްކުޅިވެރިންނަށް މިމައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުޙިއްމު ކަމެއް. ވީމާ ކުޅުދުއްފުށީގެ ޞިއްޙީ ދާއިރާގެ އިސްސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން މިހާރަށްވުރެ ގިނައިން މިބަލިތަކާއި ގުޅޭ މައުލޫމާތުތައް އުމުރުން ދުވަސްވީ ބޭފުޅުންނަށް ދެއްވުމަށް މިސައިޓް މެދުވެރިކޮށް އަޅުގަނޑު ލަފާދެން… އުންމީދުކުރަން މިހާރަށްވުރެ ކުރިމަގުގައި ރަނގަޅުވާނެ ކަމަށް.

ޚިޔާލު ފާޅުކުރައްވާ