Share

ޖަލާލުއްދީން ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފި

ޖަލާލުއްދީން ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފި

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. މިއަހަރު އެ ސްކޫލުން 142 ކުދިން 351 އިނާމް ވަނީ ހާސިލް ކޮށްފައެވެ.

ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާން މޯލްޑީވްސް ކޮލެޖް އޮފް ހަޔާރ އެޑިޔުކޭޝަންގެ ރެކްޓަރ ޑރ. ޙަސަން ޙަމީދު ސްކޫލަށް 8:45 ގައި ވަޑައިގެންނެވުމާއިއެކު، ސްކޫލް ބޭންޑުން އެރައިވަލް ކޯލްއެއް ދިނެވެ. ޝަރަފްވެރި މެހްމާނަށް ސްކޫލުން އިސްތިޤްބާލުކުރެއްވީ، ސްކޫލްގެ ޕްރިންސިޕަލާއި، ސީނިޔާރ މެނޭޖްމެންޓް ޓީމާއި، ރަސްމިއްޔާތަށް ދަޢުވަތުއެރުވި ޢިއްޒަތްތެރިންނެވެ.

ޝަރަފްވެރި މެހުމާނަށް، ސްކޫލްގެ މުވައްޒަފުންގެ ތަޢާރަފެއް ޕްރިންސިޕަލް އެރުއްވުމަށްފަހު، ޑްރިލް ސްކްއޭރ ގައިވާ ރޮސްޓްރޮމަށް ޝަރަފްވެރިމެހުމާން ވަޑައިގެންނެވުމުން، ސްކޫލް ބޭންޑްގައި ޤައުމީ ސަލާމްކުޅުން އޮތެވެ. އެއަށްފަހު، ކެޑޭޓުން އެރުވި ގާޑް އޮފް އޮނަރ އެއް ޝަރަފްވެރި މެހްމާން، އިންސްޕެކްޓްކޮށްދެއްވިއެވެ.

އިނާމްދިނުމުގެ ރަސްމިއްޔާތު ސްކޫލްހޯލުގައި ފެށިގެންދިޔައީ، 9:00 ގައެވެ.

މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް މުހައްމަދު ހުސެއިނެވެ. އެއަށްފަހު ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހްމަދު އަހަރީ ރިޕޯރޓް އިއްވަވައި ދެއްވިއެވެ.

ޕްރިންސިޕަލްގެ ރިޕޯޓްގައި، 2009 ވަނަ އަހަރު ސްކޫލް ހިނގައިދިޔަ ގޮތުގެ މައްޗަށް އަލި އަޅުވައިލެއްވިއެވެ. މި ގޮތުން ކިޔަވައިދިނުމާއި ސީދާގުޅޭ ޙަރަކާތްތަކާއި އެކްސްޓްރާ ކަރިކިއުލާރ ޙަރަކަތްތައް ބޭއްވުނުކަން ފާހަގަކުރެއްވިއެވެ. އަދި، ސްކޫލް ސްޕަވިޝަންގެ އިތުރުން، ޓީޗަރުންނަށް، ކޮލޮމްބޯ ޔުނިވާސިޓިގެ ސީނިޔާ ފެލޯ އެއްކަމަށްވާ، މރ. ޑެނިއަލް ރިންގޯލްޑް އާއި ޔުނިވާސިޓި އޮފް އެޑިންގްބާގް ގެ ކުރީގެ ޕްރޮފެސަރެއް ކަމަށްވާ، ޑރ. ޖޯން ލޭންޑަންގެ އެހީތެރިކަމައިއެކު ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގުރާމް ހިންގުނު ކަން ފާހަގަކުރެއްވިއެވެ.

ދަރިވަރުންނަށް މަގުދައްކައި ދިނުމަށް ކެރިއާރ ގައިޑެންސް ވާކްޝޮޕް ހިންގުނުކަންވެސް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

ނިމިދިޔަ، 2009 ވަނައަހަރު ސްކޫލްގައި ތިބި ދަރިވަރުންގެ ޢަދަދަކީ، 839 އެކެވެ. މީގެ ތެރެއިން 13 އިންސައްތަ ދަރިވަރުންނަކީ އެހެން ރަށްރަށުގެ ދަރިވަރުންނެވެ. މި ދަރިވަރުންނަށް ކިޔަވައިދެއްވުމަށް 61 ޓީޗަރުން މިދިޔަ އަހަރު ޙަރަކާތްތެރިވެފައިވާކަން ޕްރިންސިޕަލްގެ ރިޕޯޓްގައި ފާހަގަކުރައްވާފައިވެއެވެ.

ދަރިވަރުންގެ ތެރެއިން މޮޅު ނަތީޖާ ލިބޭ ކުދިންގެ ޢަދަދު ގިނަކުރަންޖެހޭކަމަށާއި، ސްކޫލްގެ ނަތިޖާތައް ދުވަހުން ދުވަހަށް ކުރިއަރައިގެންދާ ސަބަބުތައް ދެނެގަނެ، އެކަންކަމަށް، އިތުރަށް މަގުފަހިކުރަންޖެހެކަމަށް، ޕްރިންސިޕަލް ސައީދު އަހްމަދު ސްކޫލްގެ އަހަރީ ރިޕޯޓްގައި ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ގްރޭޑް 8 ން އިނާމް ހާސިލް ކުރިކުދިންނަށް އިނާމްތައް ބައްސަވައިދެއްވީ މަތިއުތުރު ޕްރޮވިންސް އޮފީހުގެ އެޑިޔުކޭޝަން ޔުނިޓްގެ އިންޗާޖް އަދި އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް މަގާމް ފުރުއްވަމުންދާ އަލްފާޟިލް އިބްރާހިމް އާޞިފް ރަޝީދެވެ. ގްރޭޑް 9 ން އިނާމް ހާސިލްކުރި ކުދިންނަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް ގެ ފަސްޓްލެފްޓިނެންޓް އަލީ ސަލީމް އިނާމްތައް ބައްސަވައި ދެއްވުމަށްފަހު، ގްރޭޑް 10 ން އިނާމް ހާސިލް ކުރި ކުދިންނަށް އިނާމްތައް ބައްސަވައި ދެއްވީ އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު އަޒްހާންއެވެ.

ހާއްސަ ވަނަތަކަށް ތައްޓާއި އިނާމްތައް ހަވާލު ކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން މޯލްޑީވްސް ކޮލެޖް އޮފް ހަޔާރ އެޑިޔުކޭޝަންގެ ރެކްޓަރ ޑރ. ޙަސަން ޙަމީދެވެ.
2009 ވަނަ އަހަރު ސްކޫލްގެ ބެސްޓް އޯރައުންޑް ސްޓޫޑެންޓް އަކަށް ހޮވުނީ ޢަބްދުﷲ އިބްރާހިމެވެ. މީނާވަނީ އޯލެވެލް އިމްތިޙާނުގައި 8 އޭ ފާސް ހޯދާފައެވެ.

މުބާރާތްތަކުން ސްކޫލަށް ޝަރަފްހޯދައި ދިން ދަރިވަރުން

ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ބޭއްވި ޕޯސްޓަރ ކޮމްޕެޓިޝަން އިން ސޯޅަ އަހަރުން ދަށުގެ ބައިން އެއްވަނަ ހާސިލްކޮށްގެން، އުންމުޙަނީ ޙުސައިން
ގިރިފުށީގައި ބޭއްވި 12 ވަނަ އެމްއެންސީސީ ކެޑޭޓް ކޭމްޕްގައި ފަސްޓްއެއިޑް އިން އެންމެ ރަނގަޅު ކެޑޭޓްގެ މަގާމު ހާސިލްކޮށްގެން، ސައުޝަން ޙަސަން
އެތުލެޓިކްސް އެސޯސިއޭޝަންގެ 13 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގެ އެންމެ މޮޅު އަންހެން އެތުލީޓް ކަމާއި 19 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓްގެ މަޤާމް ހާސިލްކޮށްގެން، އައިމިނަތު އަހްމަދު

އިނާމްތައް ދިނުމަށްފަހު ސްކޫލް ބޭންޑުގައި އިނާމު ދިނުމުގެ ދުވަހަށް ހާއްސަކޮށް ތައްޔާރު ކުރެވިފައިވާ ލަވަ ކުޅެވުނެވެ.

މިޖަލްސާގައި ޝަރަފްވެރި މެހުމާން މޯލްޑީވްސް ކޮލެޖް އޮފް ހަޔާރ އެޑިޔުކޭޝަންގެ ރެކްޓަރ ޑރ. ޙަސަން ޙަމީދުގެ ވާހަކަފުޅުގައި، ކިޔެވުމަށް އެންމެ މޮޅީ އެމެރިކާ ނޫނީ އިނގިރޭސިވިލާތުގެ ކުދިން ނޫންކަމަށާއި ނަމަވެސް އެއީ ކުޑަކުޑަ ފިންލޭންޑްގެ ކުދިން ކަމަށް ވިދާޅުވިއެވެ. ދިރާސާއަށް ޙަވާލާދެއްވައި ޑރ. ޙަސަން ޙަމީދު ވިދާޅުވީ، ފިންލޭންޑްގެ ދަރިވަރުންގެ ކާމިޔާބީގެ ސިއްރަކީ، ދެއްކުންތެރި ޓެކްނޯލޮޖީ ނޫންކަމަށާއި، ނަމަވެސް ޑައިރެކްޓް އިންސްޓްރަކްޝަން ނުވަތަ، ދަރިވަރަށް އުނދަގޫ އޭރިޔާ ފާހަކަކޮށް ބުނެދިނުންކަމަށެވެ.

ޖަލާލުއްދީން ސްކޫލްގެ ކުދިންގެ ޢަދަދު މަދުވަމުންދާ ދިޔުމަށް އިޝާރަތްކުރައްވައި، ޑރ. ޙަސަން ޙަމީދު ވިދާޅުވީ، ކުދިންގެ ޢަދަދު މަދުވުން އެއީ އެއްގޮތެއްގައި ފައިދާއަކަށްވެދާނެ ކަމެއްކަމާއި އައު ކަންތައްތަކެއް ތަޖުރިބާކުރުމަށް ލިބިގެންދާނެ ފުރުސަތަކަށް ހެދިދާނެ ކަމަށެވެ.

މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށް ދަރިވަރުންނާއި މުޚާޠަބްކުރައްވައި ނަސޭހަތްދެއްވަމުން ޝަރަފްވެރި މެހްމާން ވިދާޅުވީ، ތިމާއަށް ކިޔެވުމުން، މަތީމަޤާމެއް ލިބުމުން ބޮޑާވެ ނުގަތުމަށާއި އެހީތެރިވުމަށެވެ.

ޖަލްސާގައި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކީ ޖަލާލުއްދީން ސްކޫލުގެ ކެޕްޓަން އަލްފާޟިލާ ސާޖިދާ ސައީދެވެ. ޖަލްސާ ނިމިގެން ދިޔައީ ސްކޫލު ބޭންޑުގައި ގައުމީ ސަލާމް ކުޅުމުންނެވެ.
———
އަވަސް ކަޅިއަކުން ޖަލާލުއްދީން ސްކޫލް

ދެވަނަ ސަރަހައްދީ ސެކަންޑަރީ ސްކޫލެއްގެ ގޮތުގައި ބިނާކުރެވުނު، މި ސްކޫލް ހުޅުވައިދެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް، 1998 ފެބްރުއަރީ 15 ވަނަ ދުވަހުއެވެ. މި ސްކޫލް ޤާއިމްކުރެވުނީ ރާއްޖޭގެ އުތުރުގެ ސަރަހައްދަށް ފެންވަރު ރަނގަޅު ސާނަވީ ތައުލީމް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ހިންގެވި މަޝްރޫޢެއްގެ ދަށުންނެވެ.

ސްކޫލްގެ ދަރިވަރުންގެ ޢަދަދު 2008 ވަނަ އަހަރުން ފެށިގެން މަދުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ސްކޫލް ނިސްބަތްވާ ސަރަޙައްދުގައި ސާނަވީ ތަޢުލީމް ފުޅާވަމުން ދިޔަވަރަށް، ޖަލާލުއްދީން ސްކޫލަށް ވަންނަ ދަރިވަރުންގެ ޢަދަދަށް ބަދަލު އަންނަމުންދާނޭކަމަށް ލަފާކުރެވެއެވެ. މި ހިނގާ 2010 ވަނަ އަހަރު ސްކޫލްގައި 787 ދަރިވަރުން ތައުލީމް ޙާޞިލްކުރަމުންދާއިރު، ސްކޫލްގެ 13 އިންސައްތަ ދަރިވަރުންނަކީ، އެހެނިހެން ރަށްރަށުގެ ދަރިވަރުންނެވެ. މިދިޔަ އަހަރު އޮތް އޯލެވެލް އިމްތިޙާނުގައި ނޭޝަނަލް ޓޮޕްޓެންގައި މިސްކޫލްގެ 8 ދަރިވަރަކު ހިމެނިފައިވާއިރު، 8 އޭފާސް ހޯދައިގެން ޢަބްދުﷲ އިބްރާހީމް ވަނީ އެއްވަނަ ހޯދާފައެވެ. މި ހިނގާ 2010 ވަނަ އަހަރުގެ މޭ/ޖޫންގައި އޮތް އެޑްވާންސްޑް ލެވެލް އިމްތިޙާނުގައި މިސްކޫލްގެ 44 ދަރިވަރުން ބައިވެރިވެފައިވެއެވެ.

(މަޢުލޫމާތު ނަގާފައިވަނީ: ޕްރައިޒްޑޭ ލީފްލެޓުން)
,

‮ ‬8‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އިއްބެ‮ ‬ވިދާޅުވީ


    ތާރީޚް:10/07/2010

    ވަނަ އަހަރު ސްކޫލްގެ ބެސްޓް އޯރައުންޑް ސްޓޫޑެންޓް އަކަށް ހޮވުނީ ޢަބްދުﷲ އާދަމް އެއް ނޫން، ރަނގަޅު ގޮތަކީ ޢަބްދުﷲ އިބްރާހީމް.

  2. އިއްބެ‮ ‬ވިދާޅުވީ


    ތާރީޚް:10/07/2010

    2009 ވަނަ އަހަރު ސްކޫލްގެ ބެސްޓް އޯލްރައުންޑް ސްޓޫޑެންޓް ޢަބްދުﷲ އިބްރާހީމް އަށާއި ހުރިހާ ދަރިވަރުންނަސް މަރުހަބާ

  3. ނަލަ މޮހޮންމަދު ވަރަށް ފުން ފިކުރެއްގަ އިނދެފަ ކުއްލިއަކަށް‮ ‬ވިދާޅުވީ


    ތާރީޚް:10/07/2010

    ހުރިހާ ދަރިވަރުންނަށް ވަރަށް ބޮޑަށް ތަހުނިޔާ ކިޔަން.. ޑޮކްޓަރު ހަސަން ހަމީދު އެ ދެއްކެވީ ވަރަށް … އާނ މަ މިބުނީ ހަމަ ވަރަށް އަގުހުރި ވާހަކަކޮޅެއްކަން އެނގިއްޖެ މި ހަބަރުގަ ހިމަނާލާފަ މިޔޮއް ދެތަންކޮޅުން ވަސް. ކުދީނޭ ހިތްވަރުކުރޭ.. އިބުރާހިންބޭބެ ގޯތި އަބުދު ﷲ.. އެ ނިކަން އަހުލާގު ވަސް ރަނގަޅު ކުއްޖެއް.

  4. ބޮލުރޮދި‮ ‬ވިދާޅުވީ


    ތާރީޚް:10/07/2010

    މަނަދޫލައިވްގައި އިން ފޮޓޯ މީނީ

  5. ޖަމްޝީދު‮ ‬ވިދާޅުވީ


    ތާރީޚް:10/07/2010

    ހުރިހާ ކުދިންނަށްވެސް މިފުރުޞަތުގަ ތަހުނިޔާ ކިޔަން. ރެކްޓަރ ހަސަން ހަމީދު އެދެއްކެވީ ވަރަށް ރަނގަޅު ވާހަކައެއް. މިސައިޓު މިހާރު ވަރަށް ރަނގަޅު. އެހާ ބޮޑަށް ސިޔާސީ ނުވެ މިފަދަ ހަބަރުތައް ގިނަ ކުރޭ.

  6. ވާހި‮ ‬ވިދާޅުވީ


    ތާރީޚް:11/07/2010

    މަނަދޫލައިވް ގަ އިން ފޮޓޯއަށްވުރެން މި ފޮޓޯ މާ ސާފުވެފަ ބޮޑު. މި ސައިޓު ހިންގާ މީހުން މޮޅުކަމުން، އެހާ ނުސާފު ފޮޓޯއެއް ޝާޕުކޮށްލާފަ އެންލާޖުކޮށްލީތޯޗެ

  7. ޑިގިޑިގި‮ ‬ވިދާޅުވީ


    ތާރީޚް:11/07/2010

    ހުރިހާ ކުދިންނަށް ސާބަސް

  8. އިއްބެ‮ ‬ވިދާޅުވީ


    ތާރީޚް:12/07/2010

    ހަސަން ހަމީދު ދެއްކެވި ވާހަކަފުޅުތަކަށް ފުންކޮށް ވިސްނުމަށް ދަރިވަރުންނަށް އަދި ބެލެނިވެރިންނަށް ގޮވާލަން. މިފުރުޞަތުގައި ޓީވީއެމްގެ ކެމެރާމަން އެތަނުގެ ސްޓޭޖްމަތި ހިސޯރުކޮށްގެން ކުޅުނު ނާޗަރަންގީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ހަރުކަށި އިބާރާތުން ކުއްވެރިކުރަން. އާނ! އެސޮރު ޖެއްސި ވައްތަރުން ހަސަންހަމީދު ދެއްކެވި ވާހަކަކޮޅުގެ އަސަރު ކުޑަކުރުވި. އެކެމެރާމަންއަށް ހީވީ ހަސަންހަމީދު އައިސްހުރީ އޭނާގެ ފިލްމެއްގައި ސޫޓިންގ އެއްކުރަންހެން. އެހެންމީހަކަށް ސަރަފުވެރި މެހެމާން ވާހަކަ ދައްކާތަނެއް ނުފެނުނު. އެސޮރު ހުރީ ޕޯޑިއަމްގެ ކުރިމަތީގައި އަޅާފައިހުރި ފުޅަފެއހެން. އައްދެ އަދި އިނާމްހޯދި ކުދިންނަށް މަރުހަބާވެސް ނުކިޔޭދޯ! އާނ. ހުރިހާކުދިންނަށް ހެސްކިޔާފަ މަރުޙަބާ.

ޚިޔާލު ފާޅުކުރައްވާ