ދިވެހި ރެޑްކުރެސެންޓްގެ ކުޅުދުއްފުށީ ޔުނިޓް ބޯޑްގެ ހުސްވެފައިވާ މަޤާމްތަކަށް މެންބަރުން އިންތިޚާބްކުރުން ބާއްވައިފިއެވެ. މެންބަރުންނަށް ފޮނުވާފައިވާ، ޔުނިޓް ޖަލްސާގެ އެޖެންޑާއަށް ބަދަލުގެނައުމަށްފަހު، ޔުނިޓް ޖަލްސާ އާއި އިންތިޚާބް ބޭއްވީ ޖަލާލުއްދީން ސްކޫލްގެ އޯޑިއޯ ވިޝުއަލްރޫމްގައި، ޔުނިޓްގެ ވިހި މެންބަރުންގެ ހާޒިރުގައެވެ. މި އިންތިޚާބުގައި މެންބަރުން ހޮވުން އޮތީ، ކުޅުދުއްފުށީ ޔުނިޓްގެ ލީޑަރުގެ މަޤާމަށާއި، ނައިބް ލީޑަރުގެ މަޤާމުގެ އިތުރުން ޒުވާނުންގެ ލީޑަރު އަދި ޢާންމު މެންބަރުގެ ގޮތުގައި ހޮވާ ދެ މެންބަރުންގެ މަޤާމަށެވެ.
ދިވެހި ރެޑްކުރެސެންޓްގެ ކުޅުދުއްފުށީ ޔުނިޓްގެ ލީޑަރު ކަމަށް 20 ވޯޓާއިއެކު އިންތިޚާބްވީ ބަދުރިއްޔާ އިބްރާހީމެވެ. ނައިބް ލީޑަރަކަށް ޞަބިޙާ އާދަމް އިންތިޚާބްވީ، 18 ވޯޓާއިއެކުއެވެ. ޒުވާނުންގެ ލީޑަރަކަށް މުހަންމަދު ހުސައިން 20 ވޯޓާއިއެކު އިންތިޚާބްވިއިރު، ޢާންމު މެންބަރުންގެ ގޮތުގައި، ޚަދީޖާ ޢަލީ އާއި މޫސާ މުހަންމަދު ޢިންތިޚާބްވީ 19 ވޯޓާއި އެކުގައެވެ.
އިންތިޚާބް ބޭއްވުމަށް ބޭއްވި ޔުނިޓް ޖަލްސާގެ ކޯރަމް ހަމަވެފައި އޮތީ ވަރަށް ހަނިކޮށްކަން ފާހަގަކުރެވުނެވެ. އެންމެ ފުރަތަމަ، ޔުނިޓް ޖަލްސާއާއި، އިންތިޚާބް ބޭއްވުމަށް ހަމަޖެހުނީ، ޖޫން މަހު 5 ވަނަ ދުވަހުއެވެ. ނަމަވެސް، ޔުނިޓްގެ އަސާސީ ޤަވާޢިދުގައި ބުނާ ޢަދަދަށް މެންބަރުން ހާޒިރުނުވުމުގެ ސަބަބުން، އެ ދުވަހު ބޭއްވުމަށް ހަމަޖެހުނު ޔުނިޓް ޖަލްސާ އާއި، އިންތިޚާބް ކެންސަލްކޮށް، 10 ޖޫން ގައި ބާއްވާގޮތަށް ހަމަޖެއްސީއެވެ.
ދިވެހި ރެޑްކުރެސެންޓްގެ ކުޅުދުއްފުށީ ޔުނިޓް އޮފީސް ހިންގަމުންދަނީ މާލިހާމަގުގައި ހުންނަ ދަނޑުމަތީގޭ ފުރަތަމަ ފަންގިފިލާގައެވެ. ދިވެހި ރެޑްކްރެސެންޓްގެ ހދ. އަތޮޅު ޔުނިޓްގެ ފަރާތުން ނަޔާޒް ބުނުއްވީ ތިން ކޮޓަރީގެ މި އޮފީސް އިމާރާތުގެ ބައެއް ބޭނުންކުރެވޭނީ، ކުޅުދުއްފުށީ ޔުނިޓްގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް، ކުއްޔަށް ދިނުމަށް ކަމަށެވެ.
ދިވެހި ރެޑްކްރެސެންޓްގެ ފަރާތުން ހދ. އަތޮޅުގައި ރަށު ފެންވަރުގެ ޔުނިޓްތައް އަދި ގާއިމްކުރެވިފައިވަނީ، ހަމައެކަނި ކުޅުދުއްފުއްޓާއި ނޮޅިވަރަމުގައެވެ.

ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:12/07/2010
ތިޔާ ބަޔަކު އިންތިހާބުކޮށްގެން ތިމަންމެންނަށް އޮތީ ކޮން މަންފާއެއް.
މީ ކީއްކުރާ ބަޔެއްކަން ނިކަން ކުއްޖަކު ބުނެދީބަލަ؟
Ayya ވިދާޅުވީ
ތާރީޚް:12/07/2010
ރަށަށް ދިމާވާ ބޮޑެތި ކާރިސާތަކުގައި ގުޅިގެން މަސައްކަތް ކުރާނެ ޓްރެއިންވެފަ ތިބި ތިފަދަ ޖަމާއަތެއްގެ ބޭނުން ވަރަށްވެސް މުހިއްމު.