Share

ވާހަކަ – ދަންވަރު ޑިއުޓީ (2)

ވާހަކަ – ދަންވަރު ޑިއުޓީ (2)
މުހައްމަދު އިސްމާއިލް

(ފުރަތަމަ ބަޔާގުޅޭ)

ފާއިޒު ހަވީރު ކުޅެންގޮސް އައިސް ވަނީ ފެންވަރާށެވެ. ފާއިޒު ފާހާނާ އަށް ވަދެ ފެންވަރަން ފެށިތަނާހެން ފަހަތުން މީހަކު ގަޔަށް ފުމެލިހެން ހީވެގެން ފަހަތަށް ބަލާލިއެވެ. ފާއިޒަށް ހީވި ގޮތެއް ކަމަށް ބަލާ އަނެއްކާވެސް ފެންވަރަން ފެށިއެވެ. ދެވަނަ ފަހަރުވެސް ހަމަ އެގޮތަށް ކުރީފަހަރަށްވުރެ ބާރަށް ފުމެލިހެން ހީވިއެވެ. މިފަހަރު ފާއިޒު ކުޑަކޮށް ހިތްނުތަނަވަސްވާ ގޮތް ވިއެވެ. އަވަސް އަވަހަށް ފެންވަރާލުމަށްފަހު ފާހާނާއިން ނުކުތެވެ.

“ފާއިޒް…ކީއްވެ ހާދަ ފާޑަކަށްތި ހުރީ. އަނެއްކާ ފަޔަށް ތަދުކޮށްލީތަ މިއަދުވެސް..” ފާއިޒް ހުރި ގޮތުން ޝިފާނާ ސުވާލުކުރިއެވެ.

“އާނ. މިއަދުވެސް އެއްކަލަ ނާޒިމް ފަހަތުން އައިސް ކުޑަހުޅަށް ޓެކްލް ކުރީ.. އޭނަ ދަންޏާ ކުޅެން ދާހިތްވެސް ނުވޭ. ވަރަށް ގެރި ވާނެ.” ފާއިޒް ފެށީ ކުޅިވަރުގެ ވާހަކައެވެ.

“ކޮބާ މަންމަ ނާދޭތަ އަދިވެސް” ފާއިޒް ބުންޏެވެ.

“މަންމަ އަންނާނެތަ މިރޭ. އެކިހިނެތްވީ؟” ޝިފާނާ ސުވާލުކުރިއެވެ.

“އާން އަދި އެވާހަކަ ނުބެނެވޭދޯ. މިރޭ ދެމީހުން ކުޑަކޮށް ބޭރަށް ޖައްސާލަން ކަމަށް މިއުޅެނީ. އެހެންވެ މަންމަ ކައިރީ މިއަދު ބުނިން މިރޭ މިގެއަށް ޖައްސާލައްޗޭ ބޭބީ ކައިރީ މަޑުކޮށްލަން.” ފާއިޒް ގެ ނައިކީ ބޮޑީ ސްޕްރޭ ޖަހަން ހުރެ ޖަވާބު ދިނެވެ.

ފާއިޒް އާއި ޝިފާނާ ކައިވެނި ކޮށް ދަރީން ލިބުނުކަމުގައި ވިޔަސް މިހާރުވެސް ދެމީހުން ހިނގާލަން ދިޔުމަކީ އާދައެކެވެ. މަދުވެގެން ހަފްތާއަކު އެއްފަހަރު ދެމީހުން އެކީ ގެއިން ބޭރުގައި ހުސްވަގުތުކޮޅެއް ހޭދަކުރެއެވެ. ކައިވެނީގެ ކުރިން މާފޮޅުވަން އާންމުކޮށް ގޮސް އުޅޭތަންތަނަށް ދާހިތްވެއެވެ. ބާޒާރު ކުރުމަށާއި ރަހްމަތްތެރީންގެ ގޭގެ އަށް ޒިޔާރަތް ކޮށްލުމަށް ހަފްތާގެ އެއްރޭ ހުސްކުރެވޭތޯ ބަލައެވެ.

ޝިފާނާގެ މޫނު މަތިން މިރޭ ތަފާތު އުފާވެރިކަމެއް ފެންނަން ހުއްޓެވެ. ރޭ ފާއިޒް ޑިއުޓީ އަށް ދިއުމަށް ފަހު ގެއަށް އައިސް އެ ހޭދަ ކުރި ވަގުތަކީ ޝިފާނާގެ ހިތުން ފިލައިގެންދާނެ ވަގުތުތަކެއް ނޫނެވެ. ބައެއް ފަހަރު އެއީ ހުވަފެނެއްބާވައޭ ވެސް ޝިފާނާ ހިތައް އަރައެވެ. ދެ އަހަރު ދުވަހުވެސް އެފަދަ އުފާވެރި ރެއެއް ނާންނަކަހަލައެވެ. ފާއިޒްގެ ހިތްވަރު އެރޭ ތަފާތެވެ. ޝިފާނާ އަށް ލިބުނު އަރާމު އޭގެ ކުންނަށް އެރޭ ދިޔައެވެ. އެހެނަސް ޝިފާނަ އެވާހަކަ ފާއިޒް ކައިރީ ބުނާކަށް ބޭނުމެއް ނުވެއެވެ. މިރޭވެސް ދަންވަރު ޑިއުޓީ އަށް ދިއުމަށްފަހު ފާއިޒް ގެއަށް އައުމަށް ޝިފާނާގެ ހިތް އެދެމުން ދިޔައެވެ.

***************************

ފާއިޒް ބޭނުންވީ ބާޒާރުކޮށްލުމަށްފަހު އާއިލާގެ ބައެއް ގޭގެއަށް ދާށެވެ. އެހެނަސް ޝިފާނާގެ ޕްލޭން ތަފާތެވެ. ކުޑަ ދުވަސްކޮޅަކަށްފަހު ދެމީހުން އެކީ ބޭރަށް ނުކުމެވުމުން ޝިފާނާ ބޭނުންވީ ބާޒާރަށް ދިއުމަށްފަހު ބީޗަށް ދާށެވެ. ފާއިޒަށް މިރޭ ފާހާނާތެރެއިން ދިމާވި ކަންކަން ހަނދާން ވުމުން ފުރަތަމަ ޝިފާނާގެ ޕްލޭނާ ދެކޮޅު ހެދިކަމުގައި ވިޔަސް ފަހުން ޝިފާނާ ބޭނުންވާގޮތް ފާއިޒްވެސް ގަބޫލުކުރިއެވެ.

ގެއަށް ބޭނުންވާ ބައެއް ސާމާނު ގަތުމަށްފަހު ދެމީހުންވެސް މިސްރާބު ޖެހީ ކައިވެނީގެ ކުރިން ދެމީހުން މާފޮޅުވި ބީޗަށް ދިއުމަށެވެ. ހަނދުވަރުގެ އަލީގައި ހަނދާ ތަރިތައް ހެކިކޮށް ދެމީހުން ވަޢުދުތައްވި އެ ދޮންވެލި ގޮނޑުދޮށަށް ދިއުމަށެވެ.

ފާއިޒް އާއި ޝިފާނާ މަޑުމަޑުން ހިނގަމުންދިޔައެވެ. ފާއިޒް އަތުން ޝިފާނާގެ އުނަގަނޑު މަތީ އަތް އަޅުވާލައިގެން ކޮނޑާ ކޮނޑު ޖައްސައިގެން ވަލުތެރެއިން ގޮނޑުދޮށަށް ދެވެން އޮތް މަގުން ހިނގަމުން ދިޔައެވެ. ދެމީހުންވެސް ދައްކަމުން ދިޔައީ މާޒީގެ ވާހަކަތަކެވެ. ކުރިން އެގޮނޑުދޮށުގައި ދެމީހުން އުޅުނު އުފާވެރި ރޭތަކުގެ ވާހަކަތަކެވެ.

ފާއިޒް ސިއްސައިގެން ދިޔައީ ކުރިމައްޗަށް އެއްޗެއް ވެއްޓުމުންނެވެ. ފާއިޒް ގައިގައި އެއެއްޗަކުން ނުޖެހުނީ ހަމަކިރިޔާއެވެ. ޝިފާނާވެސް ސިއްސައިގެން ދިޔަގޮތުން ފާއިޒްގެ ގައިގައި ބައްދައިގަތެވެ.

“އޭ އެއީ ކާއްޓެކޭ. ނަސީބެއްނު ބޮލުގަ ނުޖެހުނުކަން ދޯ. ދެން ހިނގާބަލަ.” ފާއިޒް އަށް އެއީ ކާއްޓެއްކަން އެނގުމުން ހިތުގައި އުފެދުނު ބިރުވެރިކަން ފިލައިގެން ދިޔައެވެ.

އަނެއްކާވެސް ހަމަ އެގޮތަށް ފާއިޒް ސިއްސައިގެން ދިޔައީ ބާރަށް އެއްޗެއް ވެއްޓުނު އަޑަށެވެ. މިފަހަރު ފާއިޒްގެ ފަހަތަށެވެ. މިފަހަރު ފާއިޒަށް ކުރިއަށް ދުއްވައިގަނެވުނެވެ.

“ހިނގާ ދެން ގެއަށް ދާން. ދެން ނުކެރޭނެ ކުރިއަށް ދާކަށް.” ޝިފާނާއަށް ރޮވެން ފެށިއެވެ.

“އޭ ދެން ބިރުނުގަނެބަލަ. މަވެސް މިހުރީ އެއްނު. އެއީވެސް ކާއްޓެކޭ. ރުއްރުކުން ކާށިވެސް ފައިބާނެދޯ. ދެން ނެތޭނުން ރުކެއްވެސް ހިނގާދާން. މިހިސާބަށް އާދެވުނީމަ މިތާ މަޑުކޮށްލާފަ ދެވޭނީ. ކިހާ ރީތި ހަނދުވަރެއް މިދެނީ.” ފާއިޒް ބޭނުންވީ ބީޗަށް ދިއުމަށެވެ.

ދެމީހުންވެސް ގޮނޑުދޮށަށް ނިކުމެވެންދެން ތިބީ ވާހަކަ ނުދައްކައެވެ. ގޮނޑުދޮށަށް ނުކުމެ ހަނދުވަރުގެ އަލީން ދިއްލިފައިވާ މޫދާ އެ ދޮންވެލި ތުނޑި ފެނުމުން ހިތުގައި ހުރި ބިރުވެރިކަން ފިލައިގެންދިޔައެވެ.

“ހޫން. މިއޮތީ އާދެވިފަ. ވަރަށް ދުވަސްވެއްޖެ ދޯ މިތަނަށް ނާދެވޭތާ؟ ލޯބީ އަދިވެސް ކަޑަވެފައިތަ ތިހުރީ؟ ދެން އާދެބަ ކައިރިއަށް!” ފާއިޒް ޝިފާނާގެނެސް މެޔާ ކައިރިކޮށްލިއެވެ.

“ނޭގެ މިރޭ ނެތް އެހާ މޫޑެއް. ދެން ހިނގާ ދޯ ދާން. މިހާރު ނޭގެ ބޭބީ ހޭނުލާކަމެއްވެސް.” ޝިފާނާ ފުން ނޭވާއެއް ބޭރަށް ދޫކޮށްލިއެވެ. ޝިފާނާ ބޭނުންވީ އަވަހަށް ގެއަށް ދާށެވެ.

ދެމީހުންވެސް ގެއަށް ދިއުމަށްޓަކައި ހިނގައިގަތެވެ. މިފަހަރު ފާއިޒް ހަޅޭލަވައިގަތީ ފާއިޒްގެ ގައިގައި އެއްޗަކުން ޖެހުމުންނެވެ. އެހިސާބަކީ ވިނަ ހެދިފައި ހުރި ހިސާބެއްކަމުން ކާއްޓެއް އެތަނަށް އަންނަންވީ ގޮތެއް ފާއިޒަކަށް ނުވިސްނުނެވެ. ފާއިޒްގެ ކަނައަތު ކޮނޑުގައި އެޖެހުނީ ކާއްޓަކުން ކަން ފާއިޒަށް ޔަގީނެވެ. ދެމީހުން ދުއްވައިގަތީ މީހުން އުޅޭ ހިސާބަކަށް ދެވޭތޯއެވެ. ޝިފާނާ ދުއްވައިގައިތީ އަރައިގެން ހުރި ފައިވާން ވެސް ދޫކޮށްލާފައެވެ. ދެމީހުންނަށް ވަކި ހިސާބަކަށް ދެވުނުތަނާހެން ކުރިމަތިން އަލިފާންގަނޑެއް ހުރަސްވިތަން ފެނުނެވެ. އެކަމަކު އެ އަލިގަނޑު ފެނުނީ ހަމައެކަނި ފާއިޒަށެވެ.

“ފާއިޒް… އޭ . ފާއިޒް ދެން ތެދުވެބަ ޑިއުޓީ އަށްވެސް މިރޭ ނުދަނީތަ؟ މިހާރު އެއޮށް ގަޑިޖެހެނީ.” ޝިފާނާ ފާއިޒަށް ގޮވަން ފެށިއެވެ.

“ޝިފާނާ. ކޮންތާކު މިއޮވެވުނީ. އޭ!!!” ފާއިޒަށް ފެނުނު ހުވަފެނުގެ ސަބަބުން ފާއިޒު ހުރީ ވަރަށް ބިރުގެންފައެވެ.

“ހެހެހެ. މިރޭވެސް ހުވަފެނެއް ފެނުނީތަ؟ އޭ. މީ ހުވަފެނެއް ނޫނޭ. ދެން ތެދުވެބަ. ހެޔޮ އެއްޗެއް ކިޔައިގެން ނިދާބަލަ. މަންމަ ވެސް ގެއަށް އައިސް އިނދެއިނދެފަ އެދިޔައީ. މިރޭ ބާޒާރަށް ދާން ވެގެން މަންމަ ކައިރީ ބުނީމެއްނު” ޝިފާނާ ފާއިޒަށް ހުރިހާ ކަމެއް އޮޅުންފިލުވަދޭންފެށިއެވެ.

“ކީއްވެ މަންމަ އައީމަ ނުގޮވީ. އަހަރެންނަށް ނިދުނީއޭ. ޝިފާނާ ފެންވަރަން ވަން ގޮތަށް ނިކުންނާކަށް ނޭގުނުވިއްޔާ. ވަރަށް ބިރުވެރި ހުވަފެނެއް ދެންމެ ފެނުނީ. މާދަމާ ކިޔައިދޭނަން އިނގޭ.” ފާއިޒް ތެދުވެ އެނދުގައި އިށީނެވެ.

(ނުނިމޭ)

, ,

‮ ‬6‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޝަމްސުއްދީން ޚަވަލް‮ ‬ވިދާޅުވީ


    ތާރީޚް:11/07/2010

    އަހަރެމެން ތަންކޮޅެއް ކުޑައިރު އަޑުއަހަން، ރަށުގަ އަންހެންކުއްޖަކު ޖިންނިއަކާ އެކީ ސައިކަލު ދުއްވި ވާހަކަ. މިހާރު ޖަލާލުއްދީން ސްކޫލް ހުރިތާގަ ހުރި ބޮޑު ރަނިކަ ގަހެއް ވަށައިގެން ބުރުޖަހާފަ ޖިންނި ގެއްލުނިއްޔޯ.. އެ ތެދެއްބާ؟

  2. hajja‮ ‬ވިދާޅުވީ


    ތާރީޚް:11/07/2010

    ޖިންނި އުޅޭ ކަމަށް ގަބޫލު ކުރަން ވާނެ ދޯ. ލިޔާ ކުއްޖާ ވަރަށް ރީތި ވާހަކަ ގެންދާ ގޮތް. އެކަމަކު އެހެން ވާހަކަތަކާ އެއް ގޮތް ކަމެއްވެސް އެބަ އުޅޭ. ފަހަރެއްގަ ވެދާނެ ޖިންނި އަވަލަނީ އެއް ގޮތަކަށް ކަމަށް ވާތީ ކަމަށް ދޯ. އެކަމަކުވެސް ލިޔުންތެރިޔާ އަށް މި ވާހަކަ ވަރަށް ރީތިކޮށް ނިންމާ ލެވޭނެ، ޔަގީން އޯލްދަބެސްޓް ޑިއަރ. ވާހަކަ ވަރަށް ރީތި.

  3. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:12/07/2010

    އޭ ހާދަ ފައްކަލޭ. މަހީކުރީ ހަމަ އަސްލޭ އެއީ. ވާހަކަ ތެރެޔަށް ވަދެވިފަ އިންދަ ޝިފާނާ ގޮވީމަ މަށަށްވެސް ހޭލެވުނީ.

    ޝަމްސުއްދީން ޚަވަލްއަށް: ތިވާހަކަ މަވެސް އަހަން. އެއީ ތެދެކޯ ބުނާތީ އިވޭ.

  4. މަލިކާ‮ ‬ވިދާޅުވީ


    ތާރީޚް:13/07/2010

    މި ވާހަކަ ލިޔާކުއްޖާ ވަރަށް ރީތި ވާހަކަ ލިޔަމުންދާގޮތް އަދި މިވާހަކަ ކިޔަމުންދިޔެ ވަގުތު ހީވީ ހަމަ އަސްލެއްހެން. ވަރަށް ރީތި މިވާހަކަ ލިޔުންގަނޑު ޑިއަރ. މިވާހަކައިގެ ދެންއޮތްބާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި މިވާހަކަ ކީފަހުން ނުވެސް ނިދޭ، މިވާހަކައިގެ ތިންވަނަ ބައިނުކުންނާނެ އިރަކަށް އިންތިޒާރު ކުރެވެނީ.. thanx dear

  5. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:14/07/2010

    އޭމާ ދޭތެރެ ދުރުނުކޮށް އަނެއްބައި ވާނެ ގެންނަން އިންގޭ އިސްމާލާ.

  6. މަންދިޔެ‮ ‬ވިދާޅުވީ


    ތާރީޚް:24/06/2011

    ވ. ސަޅި ވާހަކައެއް. ކަންނެއް ސޮރު ވިދާޅުވިގޮތައް ވާހަކަ ތެރެޔަށް ވަދެވިފަ އިންދަ ޝިފާނާ ގޮވީމަ މަށަށްވެސް ހޭލެވުނީ.

ޚިޔާލު ފާޅުކުރައްވާ