Share

ހަޤީޤީ ތަހުޒީބު މީހުން

ހަޤީޤީ ތަހުޒީބު މީހުން
ހަސަން

އިންސާނުން ތަހުޒީބު ނުވާ ޒަމާނުގައި ފަރުބަދަ އާއި ހޮހޮޅައިގައި ދިރިއުޅުން މީހުންތެރެއިން މީހަކު އެއްދުވަހު އެންމެންގެ ކުރިމައްޗަށް ތެދުވެފައި ބުންނެވެ. “މީހުންނޭ ރަނގަޅަށް އަޑު އަހާ! މީގެ ފަހުން މަށަކީ ކަލޭމެންގެ ރަސްގެފާނު. އިރަކީ މަގޭ ބައްޕަ އަދި ހަނދަކީ މަގޭ މަންމަ. ކޮންމެ ދުވަހަކު ދަނޑު ގޮވާންކޮށް ޝިކާރަކޮށްގެން ލިބޭ އެއްޗެހިން ދެބައިކުޅަ އެއްބައި މަށަށް ލިބެންވާނެ! އަދި އެއްކަންތައް ހަދާންނައްތާ ނުލާތި! ކަލޭމެންގެ އަނބީންވެސް މަށަށް ހުއްދަ”. އަލަށް މި ހޮވިގަތް ރަސްގެފާނުގެ ވާހަކަ މިހިސާބަށް ދިއުމުން އަޑު އަހަންތިބި މީހުން އެކަކު އަނެކަކާއި ދިމާލަށް ބަލާލާފައި ކިޔަންފެށިއެވެ. “މިއީ ވަރަށް އޮށްޓަރު ހުރި ވާހަކަ ދައްކާ މީހެއް! މީނައާއި މަ އެއްބަސް”.

އާންމުކޮށް ކުރީގެ މީހުނަކީ އަވަހަށް ބޯޖަހާލާ ކަންތައްތަކާއި އެއްބަސްވާ ބައެކެވެ. ޚާއްސަކޮށް ފިރިހެނެއްގެ ފަރާތުން ހުށައެޅޭ ކަންތަކެވެ. މީގެ ތެރެއިންވެސް މަތީ ފަންތީގެ ދީނީ އެކި އެކި މީހުންގެ ބަހަށް މީހުން އަވަހަށް ހެއްލެއެވެ. މިފަދަ މީހުން ނިންމާ ނިންމުމަކާއި ސުވާލު ކުރުން އެއީ ނާތަހުޒީބު ޒަމާނުގައި އުޅުން އިންސާނުން ކުރަން ޖެހިލުންވިކަމެކެވެ. ސަބަބުތައް ބައިވަރެވެ. ކޯރުތަކުން ފެން ހިނދުމާއި، ދަނޑު ގޮވާންތަކުން އެއްޗެއް ނުލިބިދާނެ ކަމުގެ އެކި އެކި ބިރުތައް އޭރުވަނީ މީހުންގެ ހިއްތަކަށް ވައްދާފައެވެ. ބިރުދެއްކުމުގެ ބޭނުމަކީ އެކި އެކި ސިޔާސީ ބައެއް ކަންތައް ހާސިލުކޮށް މީހުން ކޮންޓްރޯލް ކޮށް އެއް “ލައިނެއްގައި” އެންމެން ބެހެއްޓުމެވެ.

ބިކުރުވެރި އަންހެންކުދިން އަލިފާން ފަރުބަދަ އަށް ވައްޓާލުމާއި، ކޯރަށް ފެއްތުން، އަދި ދިރިހުއްޓާ ވަޅުލުންވެސް އެއީ ހަމަ އިންސާނުންތެރޭގައި ފެށުނު ކަންތަކެވެ. މެކްސިކޯގެ ބަޔަކަށް ނިސްބަތްވާ އޭޒްޓެކުންނަކީ ކަލާންގެ އާއި ކުއްތަންވުމުގެ ނަމުގައި އިންސާނުން ޤުރުބާން ކުރި ބައެކެވެ. އެއީ އެހާ ކުރިއަކުންވެސް ނޫނެނެވެ. ފަސް ސަތޭކަ އަހަރު ކުރިންނެވެ. ގިނަ މީހުނަކީ އަބަދުވެސް “އޮކީޑޯކް” ގަންނަ ބައެކެވެ. ކުނި ބުނީގައި އަވަހަށް ހިފާ “އަޑު އަހާ ކިޔަމަންވެ”، ބަލައިގަންނަ ބައެކެވެ.

ގުރޭޑް ދިހައެއްގެ ކުލާހަކަށް އައި ޓީޗަރަކު އެއްދުވަހު ބުންޏެވެ. “މުދައްރިސް މިކުލާހަށް ކިޔަވަދޭން މިއައީ ކީއްވެ؟ ކުލާހު ކުދިން ބަސްހުއްޓިފައި ބަލަން ހުއްޓެވެ. “އެއީ މުޖްތަމައަށް ފައިދާ އެއް ހުރި މަސައްކަތެއް ކުރުމުގެ ބޭނުމުގައި”. އެއީ ހަމަ ތެދެއް ތޯއެވެ؟ މި ސުވާލުގެ ޖަވާބާއި ދޭތެރޭ އަދިވެސް ޝައްކުވެއެވެ. އެހެނީ މުދައްރިސެއް ކަމަކު ކިޔަވަދޭން ދާނީ ލާރި ބޭނުން ވެގެން ނޫން އެހެން ކޮންކަމަކު ހެއްޔެވެ؟ އަދި ކިޔަވައިދިމުމަށްވުރެ ރަނގަޅު މުސާރަ ލިބޭ ވަޒީފާއެއް އޮތްނަމަ އޭނާ ކިޔަވައިދޭނެތޯ އެވެ؟

ކަމެއް ބުއްދިއާއި ވިސްނުމުން އެއްކިބާކޮށް މީހުންގެ ބޮލަށް ވެއްދުމަށް އިނގިރޭސިން “އިންޑޮކްޓްރިނޭޓް” ކުރުމޭ ކިޔައެވެ.

ދިވެހިންތެރޭގައި ކުރިން އުފެދިގެން އައި މަތީ މީހުންގެ ބަސްތައްތަކާއި ދެކޮޅު ހަދާ ބަޔަކީ ބޯހަރު، ގަމާރު، ޖާހިލު ބައެއް ކަމުގައި އޭރުގެ ދިވެހިން ހީކުރަމުންދިޔައެވެ. ދިވެހިންގެ ވިސްނުމުގައި، ވެރިންނަކީ ކުއްތަކުން އެއްކިބާވެފައި، މައުސޫމް ބައެކެވެ. އަދި އެމީހުން ބުނާ ގޮތަށް ނުރުހޭ ބަޔަކީ ނުބައި ބައެއްކަމުގައި ގަބޫލު ކުރަމުންދިއައެވެ.

ދިވެހިންގެ މިވިސްނުން ބަދަލުވާންފެށީ ވަރަށް ފަހުންނެވެ. އެއީ ޒަމާނީ ތަހުޒީބީ ދުނިޔޭގެ އޮއެވަރު ދިވެހިންގެ ހިތްތަކަށް ވަދެ ފެންނަން ފެށި ހިސާބުންނެވެ. ދިވެހި ސިޔާސަތަށް އައި ބައެއް ހެޔޮ ބަދަލުތަކާއި އެކީ މިފަދަ ބައެއް “އިންޑޮކްޓްރިނޭޝަން” ތައް ދިވެހިން ތެރޭން ފިލާފާވެއެވެ. ޤަބުރެއް ކައިރިއަށް ނަދުރު ބުނަން އެއްވެސް ދިވެއްސެއް މިއަދު ދޭ ހެއްޔެވެ؟ ވެރިންނަކީވެސް ހަމަ އެހެނިހެން އިންސާނުންހެން އަމިއްލަ އެދުމައިގެން ނުކުމެގެން އުޅޭ ބައެއް ކަން މިއަދު އެންމެ ކުޑަ ކުއްޖާ އަށްވެސް އެނގޭނެއެވެ.

ބަޔާންވެ މިދިޔަ އިންޑޮކްޓްރިނޭޓް ކުރުމުގެ ކުޑަ ކުޑަ މިސާލުތަކެކެވެ. މިފަދަ ކަންތައްތަކަކީ މީހުން ސުވާލު ނުކުރާ ކަންތަކެވެ. އެކަކުވެސް އޭނާ ކުރާ ކަންތައް ތަކާއި ސުވާލު ކޮށްލުމެއް ނޯވެއެވެ. ބަޔަކު ބުނާތީ ކޮށްލަނީއެވެ. މީގެ ތެރޭގައި ފާޅުކޮށް މާނައެއް، ބޭނުމެއް ނެތް ކަންތަކާއި މާނަ އާއި ބޭނުމެއް ހުރެއޭ ހީވާ ކަންތައްވެސް ހިމެނެއެވެ. މިސާލަކަށް “ދިވެއްސަކަށް ވީތީ ފަޚުރުވެރިވުން”. މިއީ ކޮންތާކުން ކޮން އިރަކު ފެށިގެން އައި ކަމެއް ކަން ބުނާކަށް ނޭގެއެވެ. ނަމަވެސް ދިވެހިންގެ ބޮލަށް ވައްދާފައި އޮތް “އަޤީދާއެކެވެ”. ފަޚުރުވެރިވުން ހައްޤުވަނީ މީހާ އަމިއްލަ އަށް ހޯދައިގަން ކަންތަކަށް އެކަނި ނޫންތޯއެވެ؟ ދިވެއްސަކަށްވުން އެއީ ބަޔަކު އަމިއްލަ އަށް ހޯދި ކަމެއް ހެއްޔެވެ؟. އަޅުގަނޑަށް އެނގޭ ކިޔުންތެރިޔާ މިވަގުތު ހިތަށް އަރާނެ “ދުނިޔޭގެ ވަރަށް ގިނަ މީހުން އަމިއްލަ ގައުމާމެދު ފަޚުރުވެރި ވޭނުން ހެއްޔެވެ؟”. އާނ އެކެވެ. ދުނިޔޭގެ ވަރަށް ގިނަ މީހުން މޮޔަވެސް ނޫންހެއްޔެވެ؟

ކަމެއްގެ މާނަ އާއި ހަގީގަތް ނޭނގެންޏާ، އެއްވެސް މީހަކު ދައްކާ ވާހަކަ ގަބޫލު ނުކުރާށެވެ. އެއްވެސް މީހެއްގެ ވާހަކަ އަށް އިތުބާރު ނުކުރާށެވެ. އެއްވެސް ސުކޫތަކަށް ހިމޭންވެގެން ބަސް އަހައިގެން މަޑުން ނުހުންނާށެވެ. ދެކޮޅު ހަދާށެވެ. ހަދާން ކުރާށެވެ. ބޯހަރު ކަމަކީ ތަހުޒީބު ސިފައެކެވެ. އެއީ އިހުގެ މީހުންގެ ސިފައެއް ނޫނެވެ.

ދުނިޔެއަށް މަޝްހޫރު ކުންފުންޏެއް ކަމަށްވާ އިންޓެލްގެ ފައުންޑަރ ރޮބާޓް ނޮއިސް ބުނެފައިވެއެވެ. “ކޮންމެ މީހަކާ ކޮންމެ ކަމަކާމެދުވެސް ސުވާލު ކުރެވިދާނެއެވެ. ކަލެއަށް ޖެހޭނީ ކަލޭ ތިބުނަނީ ކީކޭ ކަން އެނގެންށެވެ”.

‮ ‬8‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:21/07/2010

    “އެއްވެސް ސުކޫތަކަށް ހިމޭންވެގެން ބަސް އަހައިގެން މަޑުން ނުހުންނާށެވެ. ދެކޮޅު ހަދާށެވެ. ހަދާން ކުރާށެވެ. ބޯހަރު ކަމަކީ ތަހުޒީބު ސިފައެކެވެ.” މި ޖުމުލަ ތަކަކީ ހަސަން މި މަޒުމޫނުގައި ބުނެ ފައިވާ ވާހަކަތަކެކެވެ. ހަސަންއެވެ. ވީމާ މާރާމާރީ ހިންގުން އެއީވެސް ތަހްޒީބީ މީހުން ގެ ކަމެއްދޯއެވެ. އިސްލާމް ދީން ގަބޫލް ނުކުރުން ވެސް ހަސަނު ތިބުނާ ތަހުޒީބަށް ފެތޭދޯއެވެ.
    ތިރީގައިމިވާ މާނަ ތަކަކީ ތަހުޒީބުގެމާނަ، މީގަ ބޯހަރުވުމެއްނެއްދޯ!(1) އާރާސްތުވުން. (2) ޒަމާނާ އެއްގޮތަށް ބަދަލުވުން. (3) ރަނގަޅު ރީތިގޮތްތައް އަށަގަތުން

  2. ބޮޑުތަރުތީބު‮ ‬ވިދާޅުވީ


    ތާރީޚް:21/07/2010

    ހެ ހެ ހެ….ތަކުރުފާނާ މަ އެއްބަސް… ބަލަގަ، ކޮންމެ ކަމަކީ، އިންސާނާގެ ސިކުނޑިއަށް ވިސްނޭނެ ކަމެއްނޫން. މިސާލަކަށް، މުސްލިމުން ޣަޢިބަށް އީމާންވަނީ، ކަލާންގެ ޢަމުރުފުޅަށް ބޯލެނބުމުގެ ގޮތުން…އެކަލާނގެ ވަޙީ ބަސްފުޅަކީ ޙައްޤު ތެދު ކަމަށް ޤަބޫލުކުރާތީ…ސިކުނޑިން ވިސްނައިގެން މިކަންކަން ފުރިހަމައަށް ނޭނގޭނެތީ، ރަސޫލުން ފޮނުއްވުނީ…މުޢުޖިޒާތްތަކާއިގެން… ނިކަންވިސްނަބަލަ…ކުޑަ ކުއްޖަކަށް ފުރަތަމަ އަލަށް އަލިފުބާ ދަސްކޮށްދޭއިރު، އަކުރުތަކުގެ ސިފަ އެހުންނަ ގޮތަކަށް އެހުންނަނީ، ކީއްވެތޯ އެކުއްޖަކު ސުވާލު ކުރަންފަށައި، މުދައްރިސަށް އެއަށް ޖަވާބު ނުދެވުމުން…ދަސްނުކުރަން ބޮޑާހާކައި، އަލިފުބާ ޤަބޫލު ނުކުރެވިގެން ފައިތަޅާފައި ރޮއި ހޭރި…ބޯ ކިތަންމެ ވަރަކަށް ގާނައި ކަންފަތިވިޔަސް، އެ ސުވާލުގެ ޖަވާބެއް ނޭނގޭނެ! އެހެންވީމާ، ބައެއްކަންކަން ޖެހޭނީ ހަމަ އިންޑޮކްޓްރިނޭޓް ކުރަން! މީގެ މާނައެއްނޫން…ހުރިހާ ކަމެއް ވިސްނާލުމެއްނެތި ޤަބޫލުކުރުމެއް! ވިސްނުމަށް އިސްލާމްދީން ބާރުއަޅާ..މިހެންވީމަ، އަޅުގަނޑަށްވެސް ހަސަނުގެ ހުރިހާ ވާހަކައެއް ޤަބޫލު ނުކުރެވުނީ…ތެދާއި މަސްހުނިކޮށްގެން ނުބައި އަޤީދާއެއް ކިޔުންތެރީންގެ ބޮލަށް ވައްދައި އިންޑޮކްޓްރިނޭޓް ކުރަން ޙަސަނުވެސް މިލިޔުމުގައި މަސައްކަތް ކޮށްފައިވަނީ…ކަމެއް އޮޅުން ފިލުވައިދޭއިރު، އެކަމެއްގެ ހުރިހާ ކޮޅުތަކެއް ޖެހޭނެ ބުނެދޭން…ނޫނީ، އިނގިރޭސި ހަރުބަހެއްގައި ބުނާހެން ވާނީ…”އަ ލިޓިލް ނޮލެޖް އިޒް އަ ޑޭންޖަރަސް ތިން”!!! ސަލާމް!

  3. ޖަމްޝީދު‮ ‬ވިދާޅުވީ


    ތާރީޚް:21/07/2010

    ހަސަންގެ މިލިޔުމަށް މަ ވަރަށް ތާއީދު. މިފަދަ އޮއްޓަރު ހުރި ލިޔުންތައް މިސައިޓުން ފެންނާތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން އެޑްމިންއަށާއި ލިޔުންތެރިން ނަށް. ހަސަންގެ ލިޔުމުން ވަރަށްގިނަ މައުލޫމާތު ތައް ލިބިއްޖެ.

  4. Dog‮ ‬ވިދާޅުވީ


    ތާރީޚް:21/07/2010

    ހަސަން މިމަޒުމޫނުން ބުނެދޭން ބޭނުންވަނީ ކީއްކަން ދެނެގަތުމަކީ އެހާ ފައްސޭހަ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުވިސްނުނު، އަޅުގަނޑަށް މިމަޒުމޫނު ވަރަށް މޮޑުކަމަށް ގަބޫލުކުރެވޭ އެހެން ނަމަވެސް ތިލަ އިބާރާތުން އެއްޗެއް ވިސްނައިދިނުމަށް މަސައްކަތްކޮށްފިނަމަ މިމަޒުމޫނު ލިޔުމުގެ ބޭނުން ހަސަންއަށް ހިފޭނެކަމަށް ފެނޭ، މިސާލަކަށް ސުކޫލުގައި މަޑުން ނުތިބެ ޖަދަލުކުރާށޭ ބުނުމުން ކޮންމެ ކުއްޖަކު ހިތަށް އެރިގޮތަކަށް އެމީހަކަށް ވިސްނުނު ގޮތަކަށް ޖަދަލުކޮށް އެއީ އެންމެ ރަގަޅު ގޮތްކަމަށް ހެދުމަށް މަސައްކަތްކުރާނަމަ ސުކޫލަށް ދިއުމުގެ ބޭނުމެއް ނެތް، އެހެންނެތް ނޫން ކިޔަވައިދޭ އެއްޗެއްގެ އެންމެ ރަގަޅުގޮތް އޮޅުން ފިލުވުމާއި އެކު އެކަމަށް ސުވާލުކޮށް ބަހުސްކޮށް އޭގެ ރަގަޅު ގޮތް އޮޅުން ފިލުވުން ވަރަށް މުހިންމު، އަބަދުވެސް އާ ސުވާލުކުރިމަތި ކުރުމަކީ ޓީޗަރާއި ކުލާސްކުދިން އިތުރަށް މަސައްކަތްކޮށް ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް. އެއީ އެއްވެސް ޓީޗަރެއް ބޭނުމެއް ނުވާނެ ދަރިވަރު ކުރާ ސުވާލަށް ޖަވާބުގައި ނޭނގޭ ބުނާކަށް. އެހެންކަމަށްވާއިރު އެޓީޗަރު އިތުރަށް އިލުމް އުނގެނެން މަޖުބޫރުވާނެ.

  5. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:22/07/2010

    ނުފުށު މާނަ ފުން ލިޔުއްވުމެކެވެ. އަދި ނުހަނު ރަނގަޅު މޮޅު ލިޔުއްވުމެއް ވެސް މެއެވެ. މިއީ، ތަންކޮޅެއް ޢާންމު ބަހުރުވައަށް ވުރެ ބޮޑަށް އަދަބީ ލިޔުމަކަށް ވުމުން، އާދައިގެ މީހަކަށް މީގައި ދައްކާފައިވާ ވާހަކަތައް ދޭހަވުން ދަތިވުން އެއީ ޠަބީޢީ ކަމެކެވެ. އަޅުގަނޑަށް މި ލިޔުމުން ނެގޭ މާނައަކީ، ކިޔެވުމުގެ މުހިންމުކަމާއި، އަމިއްލަ ސިކުނޑިން ވިސްނުމުގެ މުހިންމު ކަމެވެ. މީހުންނަށް “ބްލައިންޑް ފޮލޯ” ނުކުރުމެވެ.
    ޙަސަނަށް ވަރަށް ބޮޑަށް މަރުޙަބާއެވެ.

  6. އިއްބެ‮ ‬ވިދާޅުވީ


    ތާރީޚް:22/07/2010

    ހުޅަނގު ކުރީގައި އޮތީވެސް، ތަހުޒީބު ވީމާ.

  7. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:23/07/2010

    ހުޅަނގުގެ ގައުމުތަކުން ތަހުޒީބުކަމުންގޮސް ކުރި ބަޔެއްކަންތައްތައް ތިރިގަ ލިޔެލާނަން:
    1.އިރާގަށް އަރާ ރައްޔިތުން ބޮލަށް ބޮންއަޅާ އަންހެނުންތައް ރޭޕްކުރުން
    2.ފަލަސްތީނުގެ ރައްޔިތުން އިންސާނީ ހައްގުތަކުން މަހްރޫމް ކޮށް ލާއިންސާނީ އެތައް އަމަލެއް އެމީހުނާ ދެކޮޅަށް ހިންގަމުންދިއުން
    3. އިސްލާމް ދީނުގެ ނަމާ ޓެރެރިޒަމާ ގުޅުވާ މިމާތް ދީނުގެ ނަން ކިލަބުކުރުން
    4. ބިންލާދިން ހޯދުމުގެ ނަމުގަ އަފްގާނިސްތާނު އަންދާ އަޅިޔަށް ހަދާލާ އެތާގާ ގޮޑިކޮއްކޮ ސަރުކާރެއް ގާއިމްކުރުން
    6.ޔަހޫދީ އިޒްރޭލް ސަލާމަތް ކުރުމުގެ ނަމުގައި އީރާންގެ ދުވަސްދުއްވާލަން މަސައްކަތް ކުރުން

  8. އިއްބެ‮ ‬ވިދާޅުވީ


    ތާރީޚް:24/07/2010

    ތިޔައީ ހަމަ ތެދުވާހަކަ. އެކަމަކު އެތަނުގެ މީހުން ތަހުޒީބު ވާނެ ޖެނެރަލް ކޮށް. ގައުމުތައްވެސް ތަރައްޤީ.

ޚިޔާލު ފާޅުކުރައްވާ