މައްސަރުތަކުގެތެރެއިން ރޯދަމަހަކީ އެއްމެ މާތް އެއްމައްސަރެވެ. އަޅުކަމުގެ މައްސަރެވެ. ޘަވާބާއި ދަރުމަ ހޯދުމަށް މުޢުމިނު އަޅުތަކުންނަށްޓަކައި ހުޅުވާލެވިފައިވާ މައްސަރެވެ. މާތްﷲގެ އޯގާވަންތަކަން މުޢުމިނު އަޅުތަކުންނަށްޓަކައި އިތުރުކޮށްދޭ މައްސަރެވެ. އެހެންނަމަވެސް އަޅުގަނޑުމެން ދިވެހިން މިފަދަ މައްސަރެއްގެ ބޭނުން ހިފަމުންދާގޮތާމެދު ސުވާލުއުފެދެއެވެ.
ސައްތައިން ސައްތަ މުސްލިމުންކަމަށް ދަޢުވާކުރާ މި ދިވެހި މުޖުތަމަޢުގައި މިއުޅޭ “ޒުވާނުން”ގެ ނަޒަރުގައި ރަމަޟާން މަހަކީ ކުޅިވަރާއި މަޖަލުގެ މައްސަރެކެވެ. ނުކައި ނުބޮއި ހުރުމުން މިމަހުގެ އަޅުކަން އަދާކުރެވުނީ ކަމަށްދެކޭ ޒުވާނުން އުޅެނީ އެހެން ވެގެންނެވެ.
މިކަމުގެ ހެއްކަކަށް މިސްކިތްތައް ފުދޭނެއެވެ. އެހެނީ ރަމަޟާންމަހުގެ ފުރަތަމަ ހައެއްކަ ދުވަހަކީ މިސްކިތްތައްފުރި ތޮށްޖެހިގެންދާ ހައެއްކަ ދުވަހެވެ. މަހުގެ ދެވަނަ ދިހަޔަށް އެޅުމުން މިސްކިތްތަކަށް ބާރުކުޑަވެ ޖަމާޢަތް ޖަމާޢަތަކަށްވަނީ ހަމަކިރިޔާއެވެ. ފަހުދިހަޔަށް އެޅުމުން ތިބޭނީ މަދު މުސްކުޅިން ކޮޅެކެވެ. މީގެއިތުރުން ރަމަޟާން މަހުގައި އަޅުކަންކޮށްއުޅޭ “ބައިގަނޑެއް” އުޅޭތަންވެސް ފެންނަކަން ފާހަގަ ކުރެވެއެވެ. މިކަމުން ސިފަވެގެންމިދަނީ ދިވެހިންގެ އަޤީދާހުރި ހިސާބެވެ.
ރަމަޟާންމަހަކީ ގެތައް ފޮޅާ ސާފުކުރެވޭ މައްސަރެކެވެ. ފަރުނީޗަރުތައް އާކުރެވިގެންދާ މައްސަރެކެވެ. އެހެންނަމަވެސް މި މަސްވަރާ ދިމާކޮށް މިކަންކަމުގައި މަޝްޢޫލުވެ މިއުޅޭ މީހުންގެ ހިތްތަކުގައިވާ ހިރަފުސްތައް ފޮޅާ ސާފުކުރުމުގެ ޚިޔާލެއް ނެތެވެ. ޢަމަލުތައް ގެންގުޅޭގޮތުން މުސްލިމެއްބާއޭ ހިތަށް އަރާފަހަރު މަދެއްނުވާނެއެވެ.
ގޭގޭގައި ހިޔާނުކޮށް ހުންނަތަންތަން ރީތިހާގޮތްގޮތަށް ހިޔާކޮށްލެވެއެވެ. ކޮންކަމަކަށްތޯއެވެ؟ ކުޅިވަރާއި މަޖަލުގައި އަރާމު ވަޤުތުތަކެއް ދުއްވާލުމުގެ ބޭނުމުގައެވެ. ތާސްކުޅުމާއި ކެރިމް ކުޅުމަށެވެ. އަދި އެނޫންވެސް ނާޗަރަންގީތައް ކުޅުމަށެވެ. ރޭގަނޑުގެ ގަޑީތައް ދުއްވާލަނީ މިފަދަ ތާކުންތާކުނުޖެހޭ އެންމެހާ ވިޔާނުދާ ގޮތްގޮތަށެވެ. ރޭގަނޑު މިފަދަ ކަންކަމުގައި މަސްޢޫލުވެ އުޅުމަށް ފަހު ދުވާލުގަޑި ނިދުމުގައި ހޭދަކޮށްލަނީ ތިމާ ހައްދަވާ ގެންގުޅުއްވާ އިލާހު ތިމާއަށް ބައްލަވާކަން ނުދެނެވާ ހާލުގައެވެ. ތިމާގެ ޢަމަލުތައް ނޯޓްކުރެވެމުންދާކަން ނުއެނގިވާހާލުގައެވެ.
ރަމަޟާން މަހުގެ ރޭތައް ދުއްވާލަނީ ހީސަމާސާކުރުމާއި، ފިނިބުރުޖެހުމާއި، ތަފާތު މުބާރާތްތަކުގައި ވާދަކުރުމުގައެވެ. ތިމާގެ އަޖަލު ހަމަވާނީ ކޮންއިރަކުން ކަންވެސް ވިސްނާލަން ބޭނުންނުވާކަހަލައެވެ. މީހުންނަށް އުނދަގޫކުރުމާއި މީހުންނާ ފޮށުމުގައި ރޭގަނޑުގެ ބޮޑުބައި ދުއްވާލެވޭއިރު އެއްވެސް ފޫހިކަމެއްނެތެވެ. އެހެނަސް ޤުރުއާނުން މިންވަރެއް ކިޔެވުމަށް އިށީނދެއްޖެނަމަ ތާއްޔާޖެހޭވަރުން ޤުރުއާނުން އަކުރެއް ކިޔޭކަމަކަށް ނުހަދާނެއެެވެ. ނަމާދަށްޓަކައި ތެދުވެއްޖެނަމަ އާފުރޭވަރުން ނަމާދު ކުރެވޭ ނުކުރެވޭ ގޮތެއް ނޭނގޭނެއެވެ.
މާތްﷲ އަހުރެމެންނަށްޓަކައި ލައްވާފައިވާ މި މައްސަރަކީ އަހަރެމެން މުނިފޫހި ފިލުވުމަށް ލައްވާފައިވާ މައްސަރެއް ނޫނެވެ. މި މައްސަރުގެ ޘަވާބާއި ދަރުމަ އަހުރެމެންނަށް އިހުސާސް ކުރެވޭ ވަރަށްވުރެ މާގިނައެވެ. އެހެންނަމަވެސް އަތްފައިންނާއި ދުލުން ކުރެވިފައިވާ ފާފަތައް ދޮވެލުމަށް ލިބިފައިވާ ރަނުގެ ފުރުޞަތުތައް ނަގާލެވެނީ ނާޗަރަންގީކުޅޭ ގުރޫޕްގަނޑަކާއެކުގައެވެ. ނޫންނަމަ ރައްޓެހިވެގެން އުޅޭކުއްޖާ ހިތްއުފާކޮށްދިނުމުގައެވެ.
ފާފަތަކުން ޠާހިރުވެގެންވި ނަބިއްޔާގެ މިސާލެއްނެއްފަދަ ޢަމަލުތައް އެއީ މި ދިވެހި މުޖުތަމަޢުގައި އަގެއްނެތް އެއްޗެއްކަމުގައި ވާތަން މިހިރަދަނީ ފެންނަމުންނެވެ. ތަރާވީސް ބޯންވެގެން އެއްގެއިން އަނެއްގެއަށް ދުއްވާއިރު ތަރާވީޙް ނަމާދުގެ ޘަވާބުހޯދުމަށް އުޅޭތަނެއް ނުފެނެއެވެ. ރަމަޟާންމަހަށް ޚާއްޞަ ކުރެވިގެން ރޯދަވެރިންނަށްޓަކައި ދީފައިވާ “ހަދިޔާތައް” ގެންދާތަން ފެންނަނީ މަދުބަޔެކެވެ. ނިޢުމަތުގެ ދާއިމީ ގޯއްޗަށްވުރެ ވަގުތީ އުފާ އިސްކުރެވޭތީއެވެ. ޝައިތާނުން ކަސްތޮޅު އެޅުވިގެންވީ މައްސަރުގައިވެސް އެ ޝައިޠާނުންގެ އަވާގައި ޖެހެވޭތީއެވެ.
ސައިކަލުގައި ފާޑުފާޑުގެ ވައްތަރު ނުޖެއްސެނީނަމަ ރޯދަމަހަކަށް ނުވެއެވެ. ދަންވަރު ގަޑީގައި ޑުރާމާތަކާއި އިބިލީހުންގެ ހަރަކާތްތައް ނުބެލެނީނަމަ ރަމަޟާންމަހެއް އައިކަމަކަށް އިޙުސާސެއް ނުކުރެވެއެވެ. ދިވެހިންނަށް ހަމަ ނުވިސްނެނީ ބާވައެވެ. ރޯދަމަސް ނިމިގެންދާއިރު ނަފުސު ޠާހިރު ކޮށްނުލެވޭ ބަޔަކަށްވުރެ ދެރަބައެއް ކޮބައިހެއްޔެވެ؟ ވަގުތީ ހިތްހަމަޖެހުމެއް ހޯދާލުމަށްޓަކައި ނަމާދު ދޫކޮށްލި ބަޔަކަށްވުރެ ނިކަމެތި ބައެއް ކޮބައިހެއްޔެވެ؟
މީހެއްގެ އުމުރަކީ ކުރު އެއްޗަކަށްވީއިރު ރަމަޟާންމަހެއް ނިމިދިޔުމުން އުނިވެގެން އެދިޔައީ ތިމާގެ ޙަޔާތުން ބޮޑުބަޔެކެވެ. ކުރިއަށްއޮތް ރަމަޟާންމަސް ތިމާގެ ފުރާނަހުއްޓާ އަންނާނެކަމުގެ ގެރެންޓީއެއްނެތެވެ. ސުންނަތް ނަމާދުތައް ފަރުޟު ނަމާދުތަކެއްފަދައިންވި މައްސަރުގެ ނަމާދުތައް ދޫކޮށްލައި، ސަކަރާތުގައި މަސްޢޫލުވުމުގެ ހިތާމަ ކުރިމަތިވާނީ ނަފުސީ ނަފުސީގެ އާލަމަށް ދެވޭދުވަހުއެވެ. އޭގެ ކުރިން ވެވޭނީ ތައްޔާރެވެ. ރަމަޟާންމަހަކީ އެފަދަ މުސީބާތްތަކުން ރައްކާތެރި ވުމަށް ހުޅުވާލެވިފައިވާ ފާލަމެކެވެ. އެހެންކަމުން މިފަދަ މައްސަރެއްގެ ބޭނުން ކުޅިވަރަށް ދުއްވާނުލާ ހެޔޮގޮތުގައި ހިފުމަކީ ބުއްދިވެރިންގެ ގޮތެވެ.

މުދައްރިސަކު ވިދާޅުވީ
ތާރީޚް:06/08/2010
ވަރަށް ހިތް ހަމަ ޖެހިއްޖެ ދަރިވަރެއްގެ ލިޔުން މިކަހަލަ އާންމު ތަނަކުން ކިޔާލަން ފެނުނުނީތީ. ރަނގަޅަށް ލިޔަން ބޭނުން ނަމަ،
1. ހުއްޓައިނުލައި، ލިޔަމުންގެންދޭ. 2. ލިޔުންތައް ކިޔަމުން ގެންދޭ.
ކިޔުމުން އިބާރާތްކުރުމާއި ސްޓައިލް ދަސްވުމުގެ އިތުން މަޢުލޫމާތުގެ ތެރެއަށް ވަދެވޭނެ. ހިތުގެ ޝުޢޫރު އެހެންމީހުންނަށް ސާފުކޮށް ބުނެދޭން އެނގުމަކީ، ވަރަށް ބޮޑު ނިޢުމަތެއް.
އަދިވެސް ލިޔަމުން ގެންދޭ!
އިއްބެ ވިދާޅުވީ
ތާރީޚް:06/08/2010
މިލިޔުމަށް 100 މާކުސް ދީފިން. ކިޔާލަން ވަރަށް ފަސޭހަ. ލިޔަމުން ގެންދޭ!
ޖަލާލުއްދީންގެ އެހެން ކުދިންވެސް ލިޔާނެ ކަމަށް ހީކުރަން. މިހާރު އެނގިއްޖެ، ފޭސްބުކަށް، ވަދެ، ފޮޓޯއަށް ކޮމެންޓްކުރުމަށްވުރެ އުފެއްދުންތެރި ކުދިން ކުޅުދުއްފުށީގައި އެބަ އުފެދޭކަން.
ވަރަށް އުފާވެއްޖެ!
ނަސީރު ވިދާޅުވީ
ތާރީޚް:07/08/2010
ވަރަށް ކަމުދިޔަ ލިޔުމެއް. މީ ސްކޫލް ގަ އުޅޭ ކުއްޖަކު ލިޔުނު ލިޔުމެއްކަމުގައި ވާނަމަ މަވެސް މިލިޔުމަށް ދޭނަން 100. ރޯދަ މަސް އަންނައިރު މިފަދަ ދީނީ ލިޔުން އިތުރު ކުރުމަށް އެޑްމިން އަށް ނަސޭހަތްތެރިވަން. އަދި އިނާޔަތު އަބްދުލް ވައްހާބަށް ވަރަށް އުފާވެރި މުސްތަގުބަލަކަށް އެދެމުން އަދިވެސް މިފަދަ ފެންވަރު ރަނގަޅު ލިޔުންތައް ފެންނާނެކަމަށް އުއްމީދު ކުރަން.
ސްކޫލުގެ އިދާރީ މުވައްޒަފެއް ވިދާޅުވީ
ތާރީޚް:07/08/2010
އިނާޔަތަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. އަހަރެއްނަކީވެސް މިސައިޓަށް ގަވާއިދުން ވަންނަ މީހެއް. އަދި މިފެނުނީ ސްކޫލް ދަރިވަރެއް މިފަދަ ފެންވަރު ރަނގަޅު ލިޔުމެއް ލިޔެފަވާތަން. ސްކޫލް ކުދިންނަށްވެސް މުޖުތަމައު އިސްލާހުކުރުމުގައި ބައިވެރިވެވިދާނެ. އިނާޔަތު ނަމޫނާ އަކަށް ބަލައިގެން އެހެން ދަރިވަރުންވެސް ދީނީ ނުވަތަ އިޖްތިމާއީ ނުވަތަ އެނޫންވެސް މައުޟޫތަކަށް އިންސާފު ކުރާނެކަމަށް ހީކުރަން. އަސްލު މިލިޔުމުގެ މައުޟޫއަކަށްނޫން މިކޮމެންޓް ކުރެވުނީ. އެހެންވެސް ވާނެ ބައެއްފަހަރު.
ފޭސްބުކް ފޭން ވިދާޅުވީ
ތާރީޚް:07/08/2010
ރޯދަ މަސް އައީމަ ފިރިހެނުންނަށް ވަނީ މަޖާ ގަނޑަކަށް. ހުރިހާ ކުޅިވަރެއް ކުޅެން ޖެހޭނެ. އަންހެނުންނަށް ހީވަނީ ކެއްކުމުގެ މުބާރާތެއް އަންނަހެން. ތަންތަނުން ރެސިޕީތަށް ހޯދައިގެން ތަކެތި ހަދާނެ. އެކަމަކު ދެބައި ކުޅަ އެއްބައި ޖެހެނީ އުކާލަން. މިޔަށްވުރެ ރަމަޟާން މަހުގެ ސަވާބާ ދަރުމަ ހޯދޭތޯ އުޅުން ވަރަށް މުހިއްމު.
މުހައްމަދު ހުސެން ވިދާޅުވީ
ތާރީޚް:08/08/2010
އަޅުގަނޑަކީ ޖަލާލުއްދީނު ސުކޫލް ދަރިވަރެއް.އަޅުގަނޑު ވަރަށް ލޯބިކުރަން މިފަދަ އުފެއްދުންތެރި ލިޔުންތަކަށް.އިނާޔަތުގެ ލިޔުން ވަރަށް ބަރާބަރު. 100 އަކުން100………މިސާލަކަށް މިވެބުސައިޓަށް އަޅުގަނޑު ލިޔުމެއް ފޮނުވަން ބޭނުންނަމަ ހަދަން ޖެހޭނީ ކިހެނެއްބާ؟ އަޅުގަނޑުވެސް ވަރަށް ބޭނުން ލިޔުމެއް ފޮނުވަން.އިނާޔަތަށް ދުނިޔޭގައި އަދި އާހިރަތުގައިވެސް ބާއްޖަވެރިކަން.
އިނާޔަތު ވިދާޅުވީ
ތާރީޚް:08/08/2010
މިސައިޓަށް ލިޔުމެއް ފޮނުވަން ހަދަން ޖެހޭނެ ގޮތަކީ އެ ލިޔުމެއް ލިޔެފަ ހަމަ ފޮނުވަންވީ ތިރީގަ އެއިން މެއިލް އެޑްރެސް އަށް. admin@kulhudhuffushi.com
ޕިސްޕިސް ވިދާޅުވީ
ތާރީޚް:09/08/2010
މލިޔުން، ޖުމުލަ ގޮތެއްގައި ރަނގަޅު.އެހެންނަމަވެސް ބައިވަރު ކުށްވެސް އެބަހުރި. އިނާޔަތަށް ވެސް އެނގޭނެފަދައިން ޒުވާނުންނަކީ ވަރަށް ގިނަ އަދަދެއްގެ ބައެއް. އެހެންވީމާ މިޖުމުލަ ރަނގަޅު ކޮށްލަން ފެނޭ”ސައްތައިން ސައްތަ މުސްލިމުންކަމަށް ދަޢުވާކުރާ މި ދިވެހި މުޖުތަމަޢުގައި މިއުޅޭ “ޒުވާނުން”ގެ ނަޒަރުގައި ރަމަޟާން މަހަކީ ކުޅިވަރާއި މަޖަލުގެ މައްސަރެކެވެ. މިތަނުގައި ލިޔުމުގެ “އަހުލާގު” މިކިޔާ މާއްދާ މިއޮތީ އުނިވެފައި. މިކަހަލަ ބަސްތައް ރަނގަޅު ކުރާއިރަށް އެރަނގަޅުވީ. ދެން މިޒަމާނުގެ ޒުވާނުންނަކީ ހާއްސަކޮށް މިރަށުގެ ޒުވާނުން މިހާރު ދީނީ ކަންތައް ތަކަށް ދޭޗަމާލުކަން ބޮޑު ކުރިއަށް ވުރެ ބޮޑު.ކޮންމެ ނަމާދަކަށްވެސް މިހާރު މީގެ 3 އަހަރު ކުރިޔާ ހިލާފަށް ދާޒުވާނުންގިނަ. މުސްކުޅިންނަށް ވުރެ މިހާރު މިސްކިތް ތ5ަކުގައި ގިނައީ ޒުވާނުން.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:09/08/2010
ދެން މިޒަމާނުގެ ޒުވާނުންނަކީ ހާއްސަކޮށް މިރަށުގެ ޒުވާނުން މިހާރު ދީނީ ކަންތައް ތަކަށް ދޭސަމާލުކަން ބޮޑު ކުރިއަށް ވުރެ ބޮޑު.ކޮންމެ ނަމާދަކަށްވެސް މިހާރު މީގެ 3 އަހަރު ކުރިޔާ ހިލާފަށް ދާޒުވާނުންގިނަ. މުސްކުޅިންނަށް ވުރެ މިހާރު މިސްކިތް ތ5ަކުގައި ގިނައީ ޒުވާނުން.
ހަސަން ވިދާޅުވީ
ތާރީޚް:10/08/2010
މިހާރު މިރަށުގެ ވަރަށް ގިނަ ޒުވާނުން ގަންޖާވެސް ބޮއި. މީގެ 5 އަހަރު ކުރިން ވަރަށް މަދު އެއްޗެއް އެއީ ކުޅުދުއްފުށީގަ. މިހާރު ވަރަށް ގިނަ ޒުވާނުން ގަންޖާބޮއި އަދި އޭގެ ވިޔަފާރި ވެސް ކުރޭ. މާލޭގަވެސް ވަރަށް ގިނަ ވެއްޖެ. ބޯދިގު ޒިޔައްޓޭ އަށް ވަރަށް ރަނގަޅަށް މިކަން އެނގޭނެ.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:10/08/2010
ހަސަނާ ކޮއިފުޅާ ބުނާކަށް ގަންޖާ ވެސް މިހާރުވެސް ކުރީގެ ވެރިކަމުގަ ވެސްބޮއެ، އެއީ ސިޔާސީ މީހުން ސުވާނުން ލައްވާ އެމީހުންގެ އަމިއްލަ ފައިދާ އައް ކުރުވާކަންތައް