أحمد عبد المتين
މިއަދަކީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. މުސްލިމުންނާއި އަހަރަކު އެއްފަހަރު ބައްދަލުކުރާ މިމާތް މައްސަރުގެ ތަޙްނިޔާ އަރިސްކުރަމެވެ. މިއީ އަޅުކަމުގެ މައްސަރެވެ. ތަޤްވާއާއި ފުއްސެވުމުގެ މައްސަރެކެވެ. ކޮންމެ މުސްލިމް އަޚެއްވެސް ވީއެންމެ ފުރިހަމައަކަށް އަޅުކަމައިގެން ޝާމިލްވާންވީއެވެ.
އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ގޭގައި ބޭނުންކުރާ އާލަތްތައް ބަދަލުކުރެވިއްޖެއެވެ. ރޯދަމަސް ބައްދަލުކުރާ ހިނދު އަޅުގަނޑުމެން ބަދިގޭގެ ތެލިތަށިވެސް ބަދަލުކުރެވިއްޖެއެވެ. ފާރުގައި އައު ކުލައެއްލައި ޒީނަތް ކުރެވިއްޖެއެވެ. ފަރުނީޗަރު ބަދަލުކޮށް ނިދާލާނެ އަރާމު ގޮތެއް އިންތިޒާމްކުރެވިއްޖެއެވެ. އެކަމު އަޅުގަނޑުމެންނަށް ޤިޔާމަތްދުވަހު ސުވާލުކުރެވޭނެ ކަންތައް ދޫކޮށްލައިގެންނުވާނެއެވެ. މިފަދަކަންކަމަށް ވިސްނައި އަޅުގަނޑުމެންނަކީ ހުރިހާ ފާފަތަކުން ސަލާމަތްވެގެންވާ ބަޔަކަށް މަސައްކަތް ކުރަމާތޯއެވެ.
ރޯދަމަސް އަޅުގަނޑުމެންނާއި ބައްދަލުކުރި ހިނދު އަޅުގަނޑުމެންގެ ހާލަތަށް ވިސްނާ ފިކުރު ކޮށްލަމާހެއްޔެވެ. އަޅުގަނޑުމެންނަށް ކުރެވިފައިވާ ފާފަތަކާއިމެދު ވިސްނާލަމާހެއްޔެވެ. ރޯދަމަހުގެ ކުރިން އެއްވެސް އަޅުކަމެއް ނުކުރެވުނުމީހާވެސް ނާއުންމީދުވުމުގެ ބަދަލުގައި އެކަލާނގެ ހަޟްރަތުގައި ފާފަފުއްސެވުން އެދި ދަންނަވަންވީއެވެ. ދެން ދުވަހަކުވެސް އެފަދަ ފާފައެއް ނުކުރާނެކަމުގެ އުންމީދުގައެވެ. އެޢަޒުމުގައެވެ. އޭރުން އެކަލާނގެ ކޮންމެ އަޅަކަށްވެސް ރަޙްމަތް ލައްވާނެއެވެ.
އަޚުންނޭވެ! އަޅުގަނޑުމެންގެ މުޖުތަމަޢުން އިސްލާމީ އަޚުވަންތަކަން ގެއްލިފައިވާ މިދަނޑިވަޅުގައި ހަދާންކުރާށެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޖަރީމާތައް އާއްމުވެފައިވާ މިދަނޑިވަޅުގައި ވިސްނާ ފިކުރުކޮށްބަލާށެވެ. އަޅުގަނޑުމެންގެ މުޖުތަމުގައި އިސްލާމީ ވަންތަކަން ނެތިގެންދާހިނދު ހަނދާންކުރާށެވެ. އަޅުގަނޑުމެންނަށް ތަކުރާރުކޮށް ކުށްކުރެވޭ ހިނދު ހަނދާންކުރާށެވެ. އަޅުގަނޑުމެން އެންމެން އެކަލާނގެއަށް ބިރުވެތިވެ ރައްކާތެރިވާށެވެ. އެކަލާނގެ އަށް ދުޢާކޮށް އިސްތިޣްފާރުކުރާށެވެ.
ﷲ ތަޢާލާ އަޅުގަނޑުމެންގެ މައްޗަށް ރޯދަހިފުންވަނީ ފަރުޟު ކަމެއްކަމުގައ ލައްވަވާފައެވެ. ﷲ ވަޙީކުރައްވަނީ يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ} (البقرة:183 ) މާނައީ: އޭއީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންނަށް ރޯދަ ފަރުޟް ކުރެއްވުނު ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރްޞުކުރެއްވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ.
އަޅުގަނޑުމެންގެ ތެރޭގައި ރަމަޟާންމަހުގެ މުސްލިމުންނާއި ހުކުރުދުވަހުގެ މުސްލިމުން ވެސްއުޅެވެ. އެމީހުން ތެރެއިން ބައެއްމީހުންނަށް މިސްކިތް ފެންނާނީ ހުކުރު ދުވަހުއެވެ. އަނެއްބަޔަކަށް މިސްކިތް ފެންނާނީ ހަމަ އެކަނި ރަމަޟާން މަހުގެ ފުރަތަމަ ދިހަ ދުވަހުއެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ބައްލަވާ ވޮޑިގަންނަވާ ރަސްކަލާނގެއެވެ. أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم “إذا جاء رمضان فُتِّحت أبواب الجنة وغُلِّقت أبواب النار…..”. متفق عليه. رسول الله صلى الله عليه وسلم ގެ މިބަސްފުޅުންވެސް ރޯދަމަހުގެ މާތްކަމާއި މަތިވެރިކަން އެގެއެއެވެ. އެކަލޭގެފާނު ހަދީޡްކުރައްވަނީ ރޯދަމަހު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި އަދި ނަރަކައިގެ ދޮރު ތައް ބަންދުވާވާހަކައެވެ. އެހެންކަމުން ހުރިހާ އަޚުންނާއި އުޚުތުންވެސް ވިސްނަންވީ މިމަތިވެރިވެރި އަދި ބަރަކާތްތެރި މައްސަރުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ.
މިފަދަ މަތިވެރި މާތް ފުރްޞަތެއް ލިބި ފުރްޞަތުގެ ބޭނުން ނުހިފޭމީހާއަށްވުރެ ވަކި ނިކަމެތި މީހަކީ ކާކު ހެއްޔެވެ؟ ދުނިޔަވީ ނިކަމެތި ކަމަށްވުރެ އުޚްރަވީ ނިކަމެތިކަން މާބޮޑެވެ. މިއިސްލާމީ މުޖުތަމަޢުގައި ދުވާލުގެ ބޮޑުބައިގައި ނިދާފައި ހަވީރު ފެންވަރާލައިގެން ބުރުޖަހަން ނިކުމެ، ރެސްޓޯރެންޓަކުން ރޯދަވިއްލީމާ ނިމުނީތޯއެވެ. މިއީ އަޅުގަނޑުމެންފުރައިގެ ޒުވާނުންގެ ކިބައިގައި އަށަގެންފައިވާ ނުބައިއާދައެވެ. ރޯދަމަހު ދުވާލު ބޮޑުވައިގައި ނިދާފައިތިބޭ ޒުވާނުންނޭވެ! ތިޔަ ޖާހިލުކަމުން ނުކުމެ އީމާންކަމުގެ ވޮށުން އަލިކަން ލިބިގަންނާނެވެ. ތިޔަފަދައިން އަޅުގަނޑުމެންގެ މުޅި ޖީލު ހަލާކު ނުކުރާށެވެ. ހަށިގަނޑުގައި ވަރުހުރިދުވަހު އަޅުކަމައިގެން އުޅޭށެވެ. ޖާހިލުކަމުން ނުކުމެ އިންސާނީ އަސްލަށް ރުޖޫޢަވާށެވެ.
ރޯދައަކީ ކުރުކުރަންޖެހޭ އެއްޗެއްނޫނެވެ. ބައެއްމީހުން ވަގުތު ދާލެއް ލަސްކަމުން އުޅެއެވެ. އެކިއެކި ކުޅިވަރުތަކުގައި ޝާމިލްވެ އުޅެއެވެ. އެހެންނަމަވެސް ކުރަންޖެހޭ އަޅުކަންތައް އަބަދުވެސް އަދާކުރާށެވެ. އެއަށްފަހު ދުނިޔަވީކަންކަމުގައި މަޝްޣޫލްވާށެވެ. ރޯދަ އަޅުގަނޑުމެންނަށް ފަރުޟުކުރެވިފައިވާއިރު އެއަޅުކަން އެހެން އަޅުކަންތަކާއި ވަރަށް ތަފާތެވެ. ޤުދުސިއްޔަ ހަދީޡެއްގައިވެއެވެ. قال رسول الله صلى الله عليه وسلم “قال الله عز وجل: كل عمل ابن آدم له إلا الصوم فإنه لي وأنا أجزي به ، ” ރަސޫލާ ހަދީޘްކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ކޮންމެ އަމަލެއްވެސް ވަނީ އާދަމުގެ ދަރިޔާއަށެވެ. ނަމަވެސް ރޯދަވަނީ ތިމަންރަސްކަލާނގެ އަށެވެ. އެއަށް ޖަޒާދެއްވާހުށީ ތިމަން ރަސްކަލާނގެއެއެވެ. މި އިން ދަލީލުލިބެނީ ރޯދައަކީ ﷲ ތަޢާލާ އާއި އިންސާނާއާއި ދެމެދު ވާއެއްޗެއްކަމެވެ. ރޯދައަކީ އީމާންތެރިކަމާއި ތަޤްވާގެ އަސާސެވެ. އެކަލާނގެއާއި އަޅާއާއި ދެމެދުގައިވާ އިތުބާރެވެ. އެހެންކަމުން ރޯދައަށް މިފަދަ ކަންކަމުން ރައްކާތެރިވާށެވެ.
ރޯދައަށް ތިބެ ކުޑަނަމަވެސް ނުބައިކަމެއް ނުކުރާށެވެ. ޣީބަ ބުނުމާއި ދޮގުހެދުމާއި، އޮޅުވާލުންފަދަ ކަންކަމުން ރައްކާތެރިވާށެވެ. އަޅުގަނޑުމެންނަކީ އަބަދުވެސް ﷲ ތަޢާލާއާއި ގުޅިފައިވާ ބައެކެވެ. އެގުޅުން މެދު ނުކެނޑޭނީ އެކަލާނގެ ގިނައިން ހަދުމަކުރުމުންނެވެ. އަބަދުވެސް އެކަލާނގެއަށް ޙަމްދު ކުރާށެވެ. އަދި ޝުކުރުވެރިވާށެވެ. އެކަލާނގެއީ ޝުކުރުވެރިވާ އަޅުންނަށް ރަޙްމަތް އިތުރުކުރައްވާ ރަސްކަލާނގެއެވެ.އެކަލާނގެއީ ރޯދަހިފާ އަޅުންނަށް ނިޢްމަތް އިތުރުކުރެއްވި ރަސްކަލާނގެއެވެ. އަދި ސުވަރުގޭގައި ރޯދަވެރީންނަށް ބާބުއްރަޢްޔާން ނަމުން ނަންދެވިވާ ދޮރުކޮޅު ލެއްވެވި ރަސްކަލާނގެއެވެ.

Dog ވިދާޅުވީ
ތާރީޚް:11/08/2010
ބަރަކާތްތެރި ރަމަޟާން މަހުގެ ތަޙްނިޔާ އެންމެހާ މުސްލިމުންނަށް ކިޔަމެވެ. އަދި މިމަސް ހެޔޮގޮތުގައި ބޭނުންކޮށް އާހިރަތް ބާއްޖަވެރިކުރުމުގެ ތައުފީގު އަޅުގަނޑުމެން އެންމެނަށް ދެއްވުން އެދި މާތް ﷲގެ ޙަޞުރަތުގައި ދުވާ ދަންނަވަމެވެ. އާމީން.
މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:12/08/2010
ހުރިޙާ ކުދިންނަށް ރަމަޟާން މުބާރިކް. މި މާތް މައްސަރުގެ ހެޔޮ ދަރުމަ މާތް ﷲ އަޅަމެންނަށް ދެއްވާށި. އާމީން.