Share

ސިޔާސީ މައިދާނުގައި ކުޅުދުއްފުށި

ސިޔާސީ މައިދާނުގައި ކުޅުދުއްފުށި

ފާއިތުވެގެންދިޔަ ވިއްސަކަށް ދުވަހު ކުޅުދުއްފުއްޓާއި މެދު އިވެމުންދިޔަ އަޑުތަކަކީ ކުޅުދުއްފުށީގެ ދަރިއެއްގެ ހައިޘިއްޔަތުން އަޑުއަހަން އެހާ ފަސޭހަ ވާހަކަތަކަކަށް ނުވިއެވެ. ސިޔާސީ ވެބްސައިޓުތަކުގަޔާއި ފޭސްބުކް ފަދަ ސޯޝަލް ނެޓްވޯކް ތަކުގައި ކުޅުދުއްފުށީގެ ނަމާ ގުޅުވައިގެން ދެން އެއިވުނު ވާހަކަތަކަކީ ސިޔާސީ މަސްރަހުގައި އަދިވެސް ކުޅުދުއްފުށްޓަށް ދެވިފައިވާ ދަރަޖަ އެނގިގެން ދިޔަ ވާހަކަތަކެކެވެ. މިއަހަރު ފާހަގަ ކުރި މިނިވަންދުވަހަށް ފަހު ކުޅުދުއްފުށީގެ ރައްޔިތުންނާ މުހާތަބު ކޮށް ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ޖުލައި ސައްބީހުގައި ކުޅުއްފުށީގައި ފެށުނު ބައެއް މަޝްރޫއުތަކާ ގުޅުމެއްވެއެވެ.

އެއްބަޔަކު ކުޅުދުއްފުށީ ސިފަކުރަމުންދަނީ، އިދިކޮޅު ފަރާތްތަކުގެ ސަޕޯޓަރުން މަދުވެ ނުވަތަ ސަރުކާރާ އިދިކޮޅު ފަރާތްތަށް މަދުވެ ގިނަ ބަޔަކު ސަރުކާރު ހިންގާ ޕާޓީ އަށް ވަންނަމުންދާ ވާހަކައެވެ. ނުވަތަ އެމްޑީޕީ އަށް ވަރަށް ގިނަ ބަޔަކު ތާއީދު ކުރަން ފަށައިފި ކަމުގެ ހަބަރެވެ. އަނެއްބަޔަކު ބުނަމުންދަނީ ޖުލައި ސައްބީހުގައި ކުޅުދުއްފުށީގެ ރައްޔިތުންގެ ބޮލަށް “ޗިޕް” ޖެހީ ކަމުގައެވެ. ސަރުކާރުން ކުޅުދުއްފުށީގެ ރައްޔިތުންގެ ލޮލުގައި “ނިކަން” ރަނގަޅަށް އަނދުން އަޅުވައިފި ކަމުގައެވެ. ލޮލުގައި އަނދުން އަޅުވައި ބޮލުގައި ތެޔޮ ވެށި ކަމުގައި ވިޔަސް ސިޔާސީ ފަރާތްތަކުގެ ސަމާލުކަމަށް މިކަން މިހާބޮޑަށް އައީ ކީއްވެކަމެއްނޭގެއެވެ.

ސައްބީހުގެ ފަހުން ހިނގައި މިދިޔަ ކަންކަމުގައި ވިސްނާލުން މުހިއްމު ބައެއް ކަންކަން ފާހަގަކޮށްލާނަނެމެވެ. ފުރަތަމަ ކަމަކީ ކުޅުދުއްފުށީގެ އާބާދީ އަކީ ސިޔާސީ ފަރާތްތަކަށް ވަރަށް މުހިއްމު އާބާދީއެއްކަމެވެ. ހިކި އެއްފަސްގަނޑެއްގައި ބޮޑު އާބާދީ އެއް އޮތުމަކީ ސިޔާސީ މީހުން ވިސްނާނެ ކަމެކެވެ. އެއީ، ވަކި ސިޔާސީ ފިކުރެއް ވިއްކަން ފަސޭހަވާނެތީއެވެ. ދެވަނަ ކަމަކަށް ފާހަގަ ކުރެވޭ ކަމަކީ ވޭތުވެދިޔަ ތިރީސް އަހަރު ތެރޭގައި އެއިރަކު އޮތް ސަރުކާރާ ދެކޮޅަށް މާބޮޑު މަސައްކަތެއް ކުޅުދުއްފުށީ ރައްޔިތުންގެ ކިބައިން ފެންނަން ނެތްކަމެވެ. ބައެއް ފަރާތްތަކުން ސިފަ ކުރާ ގޮތުގައި ކުޅުދުއްފުށީގައި ސިޔާސީ ވިސްނުމުގެ ގިނަ ބަޔަކު ނޫޅެނީއެވެ. ނުވަތަ އަމިއްލަ ފުދުންތެރިކަން ހުރި ނިސްބަތުން ސިޔާސީ ހަރަކާތްތަކުގައި ނޫޅެނީއެވެ. އެގޮތަށް ނުވިސްނަނީއެވެ. އަމިއްލަ ރަށުން ލިބެން ހުރި ހިދުމަތް ތަކަށް ޝުކުރުކޮށް މަޑުމަޑުން ތިބީއެވެ. ނޫނީ ގައުމުގެ “ބޮޑުމަންޒަރު” ނުފެންނަނީއެވެ.

ދެންއޮތީ ނަފްސުގެ މިނިވަންކަމުގެ ވާހަކައެވެ. ކޮންމެ މީހަކަށްވެސް މިނިވަންކަމާއެކު ފިކުރުކުރުމުގެ ހައްގު ލިބިގެންވެއެވެ. ހިޔާލު ފާޅުކުރުމާއި އަމިއްލަ ވިސްނުމުން ކަންކަން ނިންމުމުގެ ހައްގު ލިބެއެވެ. ވަކި ވިސްނުމެއް ގެންގުޅުމަކީ ކުށަކަށް ވެގެން ނުވާނެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި މައިގަނޑު އޮންނަނީ ދެ ފިކުރެކެވެ. ސިޔާސީ ފޮތްތަކުން ފެންނަފަދަ ދެ ފިކުރެއް ނޫނެވެ. އެއް ފިކުރަކީ އެމްޑީޕީ އެވެ. އަނެއް ފިކުރަކީ ޑީއާރުޕީ އެވެ. ދެފިކުރު ނިސްބަތްވާ ދެ ސިޔާސީ ޕާޓީ އުފެދިގެން އައީ ދެ ވިސްނުމެއްގެ މައްޗަށެވެ. އެއް ބަޔަކީ އޭރު އޮތް ވެރިކަން ވައްޓާލަން ނުކުތް ބަޔެކެވެ. އަނެއް ބަޔަކީ އޭރު ކުރަމުން އައި ވެރިކަން ހިމާޔަތް ކުރަން ނުކުތްބަޔެކެވެ. މައިގަނޑު މި ދެފިކުރުގެ މީހުން ދެބަސްވެ އަރާރުންވަނީވެސް ދެކޮޅުންވެސް ހުއްޖަތްތަކެއް ދެއްކުމަށް ފަހުގައެވެ. ގާނޫނުގެ ވެރިކަން ދަމަހައްޓާ ތަހުޒީބުވެފައިވާ ސިޔާސީ މުޖުތަމައެއް ބައްޓަން ކުރަން ނިކުތް ބަޔަކުވެސް އުޅެއެވެ. ނުވަތަ އެފިކުރުގެ ބަޔަކުވެސް ސިޔާސީ މަސްރަހަށް ނުކުތެވެ. ސިޔާސީ މައިދާނުގައި ކުރިން މިދެންނެވި ދެފިކުރު ވަކި ހިއްޕާލިލެއް ބޮޑުކަމުން ތިންވަނަ ފިކުރު ވިކޭ ގޮތެއް ނުވިއެވެ. އެފިކުރަކީ އެންމެ ރަނގަޅު ފިކުރު ކަމުގައި ވީނަމަވަހެވެ.

ނުނިމޭ

‮ ‬10‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ހަސަން‮ ‬ވިދާޅުވީ


    ތާރީޚް:16/08/2010

    ވަރަށް ރަނގަޅު ލިޔުމެއް. މަށަށްވެސް މިހާރު އެނޫން ވާހަކައެއް ނީވޭ ފޭސްބުކަށް ވަނަސް. އަބަދުވެސް ކޮންމެވެސް ޗިޕެއްގެ ވާހަކަ.

  2. ދޮންކަލޯ‮ ‬ވިދާޅުވީ


    ތާރީޚް:16/08/2010

    މިހުންނަނީ ރީތި ލިޔުން

  3. ޖަލީލު‮ ‬ވިދާޅުވީ


    ތާރީޚް:16/08/2010

    “ސިޔާސީ ފޮތްތަކުން ފެންނަފަދަ ދެ ފިކުރެއް ނޫނެވެ.” މި ޖުމްލައިގައި، މިބުނާ އެއްޗެއް ނުވިސްނުނު! ސަބަބަކީ ތިޔަބުނާ ސިޔާސީ ފޮތްތަކުގައި ހުންނަނީ ސިޔާސީ އެންމެ ދެފިކުރަށް ނުވާކަން.

    ދެން އަނެއް ޕޮއިންޓަކީ، ބޮޑެތި އާބާދީ ތަކަށް ސިޔާސީ މީހުން ޝައުގުވެރިވަނީ ސިޔާސީ ފިކުރު ވަކި ވިއްކަން ފަސޭހަވާނެތީ އެއް ނޫން. އެކަމަކު ބޮޑެތި އާބާދީ ތަކުގެ ވޯޓް އެއީ އެމީހުނަށް މުހިންމު އެއްޗަކަށްވާތީ.

    އެމްޑީޕީ އާއި ޑީއާރުޕީ އެއީ ސިޔާސީ ދެ ފިކުރެއްނޫން އޭގެ ޒާތުގައި. އެއީ ސިޔާސީ ދެ ޙަރަކާތް. ލިޔުމުގައި ފިކުރުކަމަށް، މި ދެ ޕާޓީއާއި ގުޅުވައިގެން ބުނެފައި އެ އޮތީ ޙަގީގަތުގައި ދެޕާޓީ ފެށި މަގުސަދު.

  4. ސުހައިލް‮ ‬ވިދާޅުވީ


    ތާރީޚް:16/08/2010

    މިއީ ހަގީގަތުގައި ވަކި ފަރާތަކަށް ނުޖެހޭ ލިޔުމެއް ނޫނެވެ. ނޭގޭ ގޮތަށް ވަކި ފަރާތެއް ޕްރޮމޯޓް ކުރަން ލިޔެފައިވާ ލިޔުމެކެވެ. މިއީ އެ ބުނާ 3 ވަނަ ވިސްނުމެއް ނޫނެވެ.

  5. އަންނި‮ ‬ވިދާޅުވީ


    ތާރީޚް:16/08/2010

    ސިޔާސީ ފޮތްތަކުގައި ފެންނަފަދަ ދެފިކުރެއް ނޫނޭ ރާއްޖޭގައި މިފެނިގެން އުޅެނީ. އޭގެ މާނައެއް ނޫން ސިޔާސީ ފޮތްތަކުގައި އޮންނަނީ އެންމެ 2 ފިކުރުކަމަށް. ރާއްޖޭގައި މިފެންނަ 2 ފިކުރަކީ ސިޔާސީ ފޮތްތަކުން ފެންނަ ދެ ފިކިރެއް ނޫންކަން ހަމަ ޔަގީން. ގައުމަށް ހެޔޮއެދިގެން އުޅޭ މީހަކު ވަރަށްމަދު. ގިނަ މީހުން އުޅެނީ އަވަސްއަވަހަށް އަންބޮޑިއަށް ބަރުކޮށްލައިގެން ރައްކާވެވޭތޯ

  6. ކުޅުދުއްފުށީގެ ދަރިއެއްގެ ހައިޘިއްޔަތުން‮ ‬ވިދާޅުވީ


    ތާރީޚް:17/08/2010

    ހަގީގަތަކީ ކުޅުދުއްފުށްޓަކީ ސިޔާސީ ގޮތުން ވާނުވާ އެގޭ ރައްޔިތަކު އުޅޭ ރަށެއްނޫންކަމެވެ. އަނެއްކަމަކީ ކުޅުދުއްފުށީ ރައްޔިތުން ނަކީ އެމީހުނަށް ލިބޭ މުސާރަޔާ ބަލާ އިރު ބަލަން ޖެހިފަ ތިބޭ މީހުންގެ އަދަދު ގިނަބައެކެވެ. ވީމާ ވާގޮތަކީ ލާރިއެއް ނުލިބޭ ގޮތަކަށް ހަމަ އެއްފިޔަވަޅެއް ވެސް ހަމަ އެޅެން ނޯންނަނީ އެވެ. މިކަމުގެ އަލިގަދަ މިސާލަކީ މިދިޔަ މަޖްލީސް އިންތިހާބުގައި ފިނޭ ގަފޫރު ވަނީ މުޅި ކުޅުދުއްފުށީގެ އުތުރު ދާއިރާ އެއްކޮށް ގަނެލާފައެވެ. އަނެއްކަމަކީ ސިޔާސީ ގޮތުން ޒުވާނުންނަށް މަގުއަނގައި ދޭން ތިބި ރަސުގެހަރު ކުލައިގެ މީހުން ދަނީ އެމީހުންގެ އަމިއްލަ އެދުމާ އެއްގޮތައް ރަށުގެ ޒުވާނުން ވާވަށް ދަމުންނެވެ. މީގެ ސަބަބުން ރަށައް ފައިދާ ވުމުގެ ބަދަލުގައި ވަމުން ދަނީ ގެއްލުމެވެ.

  7. ފިއްތި‮ ‬ވިދާޅުވީ


    ތާރީޚް:17/08/2010

    މިލިއުމަކީ ހުންގާނުލުލާ ދުއްވާފައިވާ އޮޑިއެއްފަދަ މާކަ އާރުލާ ލިއުމެއްނޫން. ކިޔުންތެރިންނައް އަންގައިދޭންބޭނުންވާ މެސެޖަކީ ކޮބައިކަމެއް އެއްގޮތަކަށްވެސް ނޭގުނު. އެކިފަހަރު އެކިވާހަކަ އެއްވާހަކައެއްވެސް މިލިއުމާއި އެއްގޮތައް ނިންމާނުލެވޭ، ބައެއް މަޢުލޫމާތް ސައްހަކަމާމެދު ސައްކުށް އުފެދޭ. ކަމަކުނުދޭ

  8. އަރްޝަދު މުހައްމަދު‮ ‬ވިދާޅުވީ


    ތާރީޚް:17/08/2010

    ފިއްތިގެ ކޮމެންޓަށް ތޮސްބެއަކަށް އެއްބަހެއް ނުވެވޭނެ. ތޮސްބެ އާއި ފިއްތި އާއި އަދިވެސް ހަމަ މިރަށު މީހުން މާއަވަހަށްވިއްޔާ ތިޔަ ގޮތްފާޑު ބޮޑުވަނީ. އަދި ނިމުނީމަތާ އެނގޭނީ އެކޮޅާ މިކޮޅު ގުޅޭ ވަރެއް. ހަގީގަތަކީ ހަމަ ސިޔާސީ މައިދާނުގައި މިހާރު ކުޅުދުއްފުއްޓަކީ ހަމަ އެއްވެސް ރަށެއް ނޫންކަން.

  9. ހެޔޮއެދިގެން‮ ‬ވިދާޅުވީ


    ތާރީޚް:17/08/2010

    މިލިޔުމުގައި ލިޔުންތެރިކަން ހުރިނަމަވެސް ބުނަން އުޅޭ އެއްޗެއް ލިޔުން ތެރިޔާ އަށް ފުރިހަމަ އަށް ބުނަން ނުކެރިގެން އުޅޭހެން ވަރަށް ބޮޑަށް ހީވެއެވެ.

  10. ފާތުމާފުޅު‮ ‬ވިދާޅުވީ


    ތާރީޚް:24/08/2010

    މަގޭކޮމެންޓް ކަމުނުދިޔައީ ތަ ސާޢިއުނުކުރީ

ޚިޔާލު ފާޅުކުރައްވާ