ކުޅުދުއްފުށީގައި ކިޔަވައިގެން ތިބި މީހުން، އާބާދީގެ ނިސްބަތުން ބަލާއިރު މަދު ވާހަކައަކީ، ބައެއް މީހުން ދައްކާ ވާހަކަ އެކެވެ. އަޅުގަނޑަށް ލަފާކުރެވެނީ، މި މައުޟޫޢު އަށް ވާހަކަ ދައްކާ ހަމަ ހުރިހާ މީހުން ވެސް ތައުލީމީ މީހުންނޭ ބުނެ އިޝާރާތް އެ ކުރަނީ އާދައިގެ މަދަރުސީ ތަޢުލީމަށްވުރެ މަތީ ތަޢުލީމަކަށް ނުވަތަ ޔުނިވާސިޓީ ތައުލީމަށެވެ. ތަޢުލީމުގެ މާނަ އަކީ ވަރަށް ފުޅާ އެއްޗެއް ކަމަށް ވިޔަސް، މި ލިޔުމުގައި އަޅުގަނޑުވެސް ‘ތައުލީމީ މީހުން’ ނުވަތަ ‘ކިޔަވައިގެން ތިބި މީހުން’ މާނަކުރާނީ ތައުލީމުގެ ޢާއްމު މާނައަށްވުރެ ހަނިކޮށް، ޔުނިވާސިޓީ ތައުލީމު ނުވަތަ ފަންނީ ތަޢުލީމު ލިބިފައިވާ މީހުންނަކީ ތައުލީމީ މީހުން ކަމަށެވެ. ވީމާ ލިޔުން ކިޔަމުން ދާއިރު މިކަން ހަނދާނުގައި ބެހެއްޓެވުން އެދެވިގެން ވެއެވެ.
ކުޅުދުއްފުށީގެ ތައުލީމާއިމެދު އެއްޗެއް ދެންނެވުމުގެކުރިން، މިރަށު މީހުން ދިރިއުޅުމާ މެދު ގެން ގުޅޭ ޢާއްމު ވިސްނުން ކަމަށް އަޅުގަނޑަށް ފެންނަ ކަންތައްތަކެއްގެ ވާހަކަ ދަންނަވާލާހިތްވެއެވެ. މި ބާވަތުގެ އިޖްތިމާއީ މައުޟޫޢު އެއްގެ ވާހަކަ ދައްކަން ވާނީ، ފެންނަން އޮތް ދިރާސާއެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް އެންމެ ފުރަތަމަ އެއްބަސް ވާނީ އަޅުގަނޑެވެ. ނަމަވެސް، މިނޫން އެހެން ގޮތެއް ނެތުމުން އަޅުގަނޑުގެ މި ފޮޅުވަތްތައް މި ލިޔަނީ ފެނިދެނިވާ ކަންތައްތަކެއްގެ މައްޗަށާއި އެކަން ކަމުން އަޅުގަނޑަށް ދޭހަވާ ދޭހަވުމުގެ މައްޗަށެވެ.
ކުޅުދުއްފުށީ މީހުން ދުނިޔެ ތަޢުބީރުކުރާގޮތް
އަޅުގަނޑު ދެކޭ ގޮތުގައި ކުޅުދުއްފުށީ މީހުންނަކީ މާއްދީ ތަރައްގީއަށް ވަރަށް ސަމާލުކަންދޭ، ބުރަކޮށް މަސައްކަތްކުރާ، އިޖްތިމާޢީ ބަދަލާއި އެހާ ދޯޅު ނޫން ރައްޔިތެކެވެ. އަތްލެވޭ، ދިމާލަށް ފެންނަން ހުންނަ ތަރައްގީ ނުވަތަ ބަދަލު އެއީ، މީހުންގެ އެތެރެ ފުށަށް އަންނަ ބަދަލަށްވުރެ، ކުޅުދުއްފުށީ މީހުންނަށް މުހިންމު އެއްޗެއްކަމުގައި އަޅުގަނޑު ދެކެމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ކުޅުދުއްފުށީ މީހުންނަކީ އެއްޗެއް ދަސްވެގެން ވިސްނުމަށް އަންނަ ބަދަލަށްވުރެ، އުމްރާނީގޮތުން އަންނަ ބަދަލަށް ސަމާލުކަންދޭ ބައެކެވެ. މިކަން، ރަށުގެ ޢުމްރާނީ ތަރައްގީ އާއި ރަށްވެހިކަމަށް ބަލާއިރު، ހުރިހާ ޒަމާނެއްގައިވެސް ފާހަގަ ކުރެވެއެވެ.
ރާއްޖޭގެ ރައްޔިތުން، މާލެއަށް ހިޖުރަކުރަމުން ދިޔައިރު، ކުޅުދުއްފުށީ މީހުންގެ ތެރެއިން މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވަނީ މަދުބައެކެވެ. އޭގެ ބަދަލުގައި ކުޅުދުއްފުށީ ފިރިހެނުން، އެމް. އެސް. އެލް (ފަހުން އެމް. އެން. އެސް. އެލް) ބޯޓުފަހަރުގައި ދިޔައީ ސީމަނުންގެ ގޮތުގައި ދަތުރުކުރަމުން އަނބި ދަރިންނަށް، އެމީހުންނަށް ލިބޭ ފައިސާ (މި ރަށުގެ ކުރީގެ ސީމަނުންގެ ބަހުންނަމަ އެލޮޓުމަންޓު) ފޮނުވައި ގެދޮރު ހަދަމުންނެވެ. އާދެ، މި ރަށުގެ މީހުން ތިބީ މާލެއަށް ހިޖުރަކުރަން ފެށުމުން، އުފެދުނު އިޖްތިމާއީ ބަދަލާއި ދުރުގައެވެ. މާލޭގެ ސްކޫލް ތަކުގައި ރާއްޖެތެރޭގެ ކުދިން ކިޔަވަމުން ދިޔައިރު މިރަށުގެ ކުދިން ތިބީ އަމީރު އަމީން ސްކޫލުގައި އާއި އަލަށް ހުޅުވުނު، ހދ. ކޮމިޔުނިޓީ ސްކޫލުގައެވެ.
އަވަސްކަޅިއަކުން ކުޅުދުއްފުށީގެ ތައުލީމު
ކުޅުދުއްފުށީގެ ތައުލީމަށް ބަލާއިރު ތިން ދައުރެއް ވަރަށް ސާފުކޮށް ފެނެއެވެ. އެއީ 1985 ގެ ކުރިއާއި، 1985 ން 1998 ށް އަދި 1998 ން ފެށިގެން މިހާރެވެ. އަޅުގަނޑު ދެކޭ ގޮތުގައި މިއިން ކޮންމެ ޒަމާނަކީ، މިރަށުގެ ތައުލީމަށް، ބަދަލު ތަކެއް އައި ޒަމާންތަކެކެވެ. އިސްވެ ލިޔެވުނު ފޮޅުވަތްތަކަށާއި މި ދެންނެވި ތިން ޒަމާނަށް ވިސްނައި ބަލައިފި ނަމަ، މި ލިޔުމުގެ ސުރުޚީގައި އެވާ ސުވާލަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް ލިބިދާނެ ކަމަށް ފެނެއެވެ.
ފުރަތަމަ ދައުރު: 1985 ގެ ކުރި
މިދައުރުގައި، ކުޅުދުއްފުށީގެ ތަޢުލީމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ހދ. ކޮމިޔުނިޓީ ސްކޫލް (ފަހުން ހދ. އަތޮޅު ތަޢުލީމީ މަރުކަޒު) އާއި އަމީރުއަމީން ސްކޫލެވެ. އެއް ދުވަސްވަރެއްގައި އަމީރު އަމީން ސްކޫލް އޭރުގެ ނިސްބަތުން ރަނގަޅަށް ހިންގިއެވެ. މި ދުވަސްވަރު ތަޢުލީމް ޙާސިލްކުރި ބައެއް ދަރިވަރުންނަކީ، މިލިޔުން ލިޔާއިރު މުސްކުޅިކުރެވިފައިވާ، ސިވިލް ސާރވަންޓުންނެވެ. މިދެންނެވި ސިވިލް ސާވަންޓުންގެ ގޮތުގައި ކުޅުދުއްފުއްޓާއި އަދި ހދ.ގެ އެހެން ބައެއް ރަށްރަށުގެ ކަތީބުން ހިމެނެއެވެ.
މުހަންމަދު އަމީނުގެ ވެރިކަމުގައި އަތޮޅުތަކުން ކިޔެވުމަށް، މާލެ ގެންދެވި ދަރިވަރުންގެ ތެރޭގައި މިރަށުގެ ދަރިވަރުންވެސް ހިމެނެއެވެ. މިރަށުގެ ދަރިވަރުންގެ ތެރެއިން ކިޔެވުމުގައި “ކޮންމެވެސް ވަރެއް” ކޮށްލެވުނީ މަދު ކުއްޖަކަށެވެ. ކިޔަވާނިމިގެން، މާލޭގައި ދިރިއުޅުން ބިނާކޮށް، ސަރުކާރުގެ މަތީ މަގާމަކަށް ވާސިލްވެވުނު ކުއްޖަކު ޢަމުދުން ނެތޭވެސް ދެންނެވިދާނެއެވެ.
އަމީރު އަމީން ސްކޫލުގެ ފަހުގެ ތާރީޚަށް ބަލާއިރު، އެ ސްކޫލުން ތައުލީމް ހާސިލްކުރި އެއްފުރާގެ ކުދިންތަކެއް، ނެޝަނަލް ސިކިޔުރިޓީ ސަރވިސް ނުވަތަ ސިފައިންގެ (މިހާރުގެ ޤައުމީ ދިފާޢީ ބާރު) އާއި ގުޅުނެވެ. މިހާ ހިސާބަށް އައިއިރު އޭރު، ސިފައިންގެއާއި ގުޅުނު ފަރާތްތަކަށް އާދެވިފައިވަނީ، އާންމުގޮތެއްގައި ސާރޖަންޓްގެ ރޭންކަށެވެ.
މިދައުރުގައި އަމީރު އަމީން ސްކޫލްގެ އަންހެން ދަރިވަރުން ކޮޅަކަށް ސިއްޙީދާއިރާއިން ކިޔެވުމުގެ ފުރުސަތު ލިބުމާއެކު އަލަށް ހުޅުވުނު ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް މިރަށުގެ ޒުވާން އަންހެންކުދިންނަށް ޕްރޮފެޝަނަލް ވަޒީފާއެއް އަދާކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.
މި ދައުރުގައި، ހދ. ކޮމިޔުނިޓީ ސްކޫލްގައި ކިޔެވުންފެށި ބައެއް ކުދިން މާލެއަށް ކިޔަވަން ދިޔައެވެ. އޭގެ ތެރެއިން ބައެއް ދަރިވަރުން އޯލެވެލް އިމްތިޙާނުހަދައި، ރާއްޖެއިން ބޭރުންވެސް ތަޢުލީމް ޙާޞިލްކޮށްފައިވެއެވެ. ހަމަ މިގޮތަށް އަމީރު އަމީން ސްކޫލުން ތަޢުލީމީ ޙަޔާތްފެށި ދަރިވަރުންގެ ތެރެއިންވެސް މަދުން ނަމަވެސް މާލެއަށް ތައުލީމު ޙާސިލްކުރުމަށް ދިޔަ ދަރިވަރުން އުޅެއެވެ.
ދެވަނަ ދައުރު: 1985 ން 1998 ށް
ކުޅުދުއްފުށީ މީހުން ޢާއްމުކޮށް އެބައިމީހުންގެ ދަރިން ކިޔެވުމަށް މާލެ ފޮނުވަން ފެށީ 1985 ވަނަ އަހަރުން ފެށިގެންނެވެ. އެއީ އެހެން ގިނަރަށްރަށާއި، ޚާއްސަކޮށް ދެކުނުގެ ރަށްރަށާއި އަޅާބަލާއިރު ވަރަށް ފަހެވެ. ފުރަތަމަ ފަހަރަށް ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ޖޫނިއާ ސްކޫލް ސެޓްފިކެޓް އިމްތިޙާން (ޖޭ. އެސް. ސީ އިމްތިޙާން) ފުރިހަމަކުރީ 1985 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފަހުކޮޅުގައެވެ.
ޖޭ.އެސް.ސީ އިމްތިހާނުގެ އެންމެ މާއްދާއެއް ފިޔަވައި، ހުރިހާ މާއްދާއިން ޑީ ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހޯދައިފި ކޮންމެ ދަރިވަރަކަށް އަމީނިއްޔާ، މައުހަދުއް ދިރާސާތިލް އިސްލާމިއްޔާ ނުވަތަ މަޖީދިއްޔާ ސްކޫލުން ޖާގަ ދެއްވާގޮތަށް ސަރުކާރުން ހަމަޖެއްސެވުން ވެގެން ދިޔައީ، ތަޢުލީމާއި މެދު ބެލެނިވެރިން ސީރިޔަސްކޮށް ވިސްނަން މަޖުބޫރުކުރުވި ކަމަކަށެވެ. ސަރުކާރުން ހުޅުވާލެއްވި މިފުރުސަތުގެ ބޭނުން ހިފައި، ކުޅުދުއްފުށީގެ ދަރިވަރުން މާލޭގެ ސަރުކާރު ސްކޫލްތަކުގައި، ކިޔަވަން ފެށިއެވެ.
ސަރުކާރުގެ ސްކޫލްތަކަށް ވަދެވޭ ފެންވަރަށް ފާސްނުވި ކަމުގައި ވިޔަސް، ދަރިން ކިޔެވުމަށް މާލެ ފޮނުވުން ޢާންމުކަމަކަށް ވެގެން ދިޔައީ 1985 ވަނަ އަހަރުން ފެށިގެންނެވެ. މިގޮތުން، އަމީނިއްޔާ އާއި މަޖީދިއްޔާ ސްކޫލު ފިޔަވައި، ދެން އެންމެ ގިނަ އަދަދަކަށް ކުޅުދުއްފުށީ ކުދިން ތައުލީމް ޙާސިލްކުރަމުން ގެންދިޔައީ އިންގްލިޝް ޕްރެޕް ސްކޫލް ( ފަހުން އީ.ޕީ. އެސް.އެސް) އިންނާއި، މާލޭ އިންގްލިޝް ސްކޫލުންނެވެ.
ޖޭ.އެސް.ސީ އިމްތިޙާނުގެ ސަބަބުން ބެލެނިވެރިންނާއި ދަރިވަރުންގެ މެދުގައިވެސް ކިޔެވުމަށް ފާޑެއްގެ ވާދަވެރިކަމެއް އުފެދުނުކަމަށް ދެންނެވި ދާނެއެވެ.
ކުޅުދުއްފުށީ މީހުން މާލެއަށް ދަރިން ކިޔަވަން ފޮނުވަން ފެށިއިރު، އެހެން ރަށްރަށުގެ ކުދިން ޢާއިލާ އާއިއެކު މާލެއަށް ހިޖުރަކޮށްގެންނާއި، މާލެ ފައިބައިގެން ނޯކިރީކޮށްދެމުން ފޯރީގައި ކިޔަވަމުން ގެންދަނީއެވެ. ކޮންމެޔަކަސް، މާލެއަށް ކިޔަވަން ދަރިން ފޮނުވުމުގެ ‘ޓްރެންޑް’ ވައިގައި ހިފުމާއެކު، ކުޅުދުއްފުށީގެ މުޅިން އާޖީލެއްގެ ބިންގާ އެޅިގެން ދިޔައެވެ. މި ދުވަސްވަރު މާލެއިން ތަޢުލީމް ޙާސިލްކުރި ބައެއް ދަރިވަރުން މިހާރު، ފުރަތަމަ ޑިގްރީ ނަގައި، މާސްޓަރޒް ޑިގްރީ ފުރިހަމަކުރިއިރު އަނެއްބައި ދަރިވަރުން ޕްރޮފެޝަނަލް ތަމްރީންތައް ހޯދައިފައިވެއެވެ.
ޖޭ.އެސް.ސީ އިމްތިޙާނާއިއެކު ހުޅުވުނު ތައުލީމީ ފުރުސަތު ވެގެން ދިޔައީ، ޚާއްސަކޮށް ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ ފަންނީ ޒުވާނުން ކުޅުދުއްފުށީގައި އުފެދުމުގެ ފެށުން ކަމަށެވެ.
ކިޔަވައިދިނުމަށް ދަރިން މާލެ ފޮނުވުމުގެ ‘ޓްރެންޑް’ އެންމެ ފޯރީގައި ދެމި އޮތީ 1998 ވަނަ އަހަރާއި ހަމައަށެވެ. ފާހަގަ ކުރަން ޖެހޭ ނުކުތާއަކީ، ހދ. އަތޮޅުތަޢުލީމީ މަރުކަޒުގައި ސެކަންޑަރީ ތައުލީމު 1998 ގެ ކުރިން ފެށިގެން ދިޔަކަމަށް ވިޔަސް، ކިޔަވައި ދިނުމަށް ދަރިން މާލެ ފޮނުވުމުގެ ޖޯޝަށް މާ ބޮޑު ބަދަލެއް ނާންނަ ކަމެވެ.
ތިންވަނަ ދައުރު: 1998 ން މިހާރަށް
ކިޔަވައިދިނުމަށް ދަރިން މާލެ ފޮނުވުމުގެ ޖޯޝަށް ބޮޑު ބަދަލެއް އަންނަންފެށީ، 1998 ވަނަ އަހަރު ހުޅުވި ޖަލާލާލުއްދީން ސްކޫލާއި އެކުގައެވެ. މި ދެންނެވި، ވަސީލަތުގެ ގޮތުން ފުރިހަމަ ސްކޫލާއިއެކު ކުޅުދުއްފުށީގެ ތައުލީމީ، އިޖްތިމާޢީ، އަދި ފިކުރީ ތަރައްޤީގެ އާ ދައުރަކަށް އަލިވިލުނީއެވެ. އެއާއިއެކު، މިހާރު، މިރަށުގެ ޒުވާނުން ރާއްޖެއާއި ރާއްޖޭއިން ބޭރުން ތައުލީމް ޙާސިލްކުރަމުން ގެންދަނީއެވެ.
ޖަލާލުއްދީން ސްކޫލްގެ ދަރިވަރުން އޭލެވެލް އިމްތިޙާން ހަދަން ފެށުމާއެކު ދަރިވަރުންނާއި ބެލެނިވެރިންގެ ނަޒަރު، ތަޢުލީމުގެ އައު މަރު ހަލާއަކަށް އާދެ، ޔުނިވާސިޓީ ތައުލީމާއި ފަންނީ ތަޢުލީމުގެ މައްޗަށް މިހާރުވަނީ ހުއްޓިފައެވެ. ނަމަވެސް، އެތަކެއް ހުރަސްތައް ގިރާކޮށްގެން މެނުވީ އަދިވެސް ކުޅުދުއްފުށީގެ ދަރިވަރުންނަށް މިދެންނެވި، ޔުނިވާސިޓީ ތަޢުލީމާއި، ފަންނީ ތަޢުލީމް ފަސޭހަކަމާއިއެކު ހޯދޭނެ މަގެއް ފެންނާކަށް ނެތެވެ.
ރަށުގައި ތަޢުލީމީ މީހުން މަދުހެއްޔެވެ؟
ފަހަރެއްގައި މިސުވާލަށް އާއެކޭ ބުނާ ފަރާތްތައް ގިނަވެދާނެއެވެ. ސަބަބަކީ ސުވާލަކީ އޭގެ ޒާތުގައިވެސް ވަޒަނުގެ ލޯތްބާއި، އުންމީދާއި ގުޅިފައިވާ ސުވާލަކަށް ވާކަމެވެ.
އަޅުގަނޑުގެ ނަޒަރުގައި، ކުޅުދުއްފުއްޓަކީ، ޒަމާނީ މަތީ ތަޢުލީމަށް އެހެން ބައެއް ރަށްރަށަށްވުރެ ހަގުރަށެކެވެ. ވީމާ، ކުޅުދުއްފުށީ ރައްޔިތުންނަށް މަތީ ތަޢުލީމަށް ލޯހުޅުވިގެން މިވީ ކުރު މުއްދަތާއި، ހުޅުވިފައިވާ ހަނި ފުރުސަތުތަކަށް ރިޢާޔަތްކުރާއިރު މިރަށުގައި ތަޢުލީމީ މީހުން އެބަތިއްބެވެ. ފަންނީ ޒުވާނުން އެބަތިއްބެވެ. ރަށާއި މާލޭގައި މިދެންނެވި ފަރާތްތައް ޚިދުމަތްކުރަމުން ގެންދާތަން އަޅުގަނޑަށް އެބަފެނެއެވެ. މިދެންނެވީ ގިނަ ޢަދަދަކަށް އެފަދަ ފަންނީ، ތަޢުލީމީ މީހުން ތިބި ވާހަކައެއް ނޫނެވެ. މިބާވަތުގެ ވަޒަނުގެ ލޯތްބާއި، އުންމީދުތައް އެކުލެވޭ ކަންކަމުގައި ގިނަ މަދު މިން ކަނޑައެޅުމަކީ އުނދަގޫ، ޚިޔާލު ތަފާތުވެދާނެކަމެކެވެ.
ރަށުގައި ތަޢުލީމީ މީހުން، މަދުކަމަށް ވާނަމަ، މަދީ، ކުޅުދުއްފުށީ މީހުންގެ ވިސްނުން ޒަމާނުއްސުރެ، ބައްޓަންވެފައިވާ ގޮތުންނެވެ. އެމީހުން އެމީހުންގެ ދުނިޔެ ތަޢުބީރުކުރުމުގައި ގެންގުޅޭ ފަލްސަފާ ގޮތުންނެވެ. އެއީ ފުރުސަތު އޮތް ރަށަށް، މާލެއަށް ހިޖުރަ ނުކުރުމެވެ. ދެވަނަ ސަބަބަކީ، ކުޅުދުއްފުށީ މީހުންގެ ވިސްނުން މިހެން ހުރިއިރު، ރަށުގައި މަތީ ތަޢުލީމު ހޯދުމުގެ ފުރުސަތު ނެތުމެވެ. އަދި ފަށާ ތައުލީމާއި ސާނަވީ ތައުލީމު ކުރިއަރަމުންދާ ސްޕީޑް ލަސްވުމެވެ. ތިންވަނަ ސަބަބަކީ، ފުރުސަތު އޮތްތަނަކަށް ދަރިން ކިޔެވުމަށް ފޮނުވުމުގެ މާލީ ކެރިފޯރުންތެރިކަން ބެލެނިވެރިންގެ ކިބައިގައި ނެތުމެވެ. އެއްވެސް ޙާލެއްގައި އެއީ ނާތަހުޒީބުކަމުން ދިމާވެފައިވާ ގޮތެއްކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަމެވެ.
އަރާފައިވާ އޮޅުމެއް
ކުޅުދުއްފުށީގައި، ވަކި ޢަދަދަކަށް ތަޢުލީމީ މީހުންނެތްކަމަށްވިޔަސް ކުޅުދުއްފުށީ މީހުންނަކީ ވަރަށް ތަހުޒީބު ބައެކެވެ. މިހާރުގެ ބައެއް ޒުވާނުންނަށް މިކަންވަނީ އޮޅިފައިކަމަށް ދެކެމެވެ. މިހެން މިދެންނެވީ އެންމެ ގިނައިން ކުޅުދުއްފުށީ ޒުވާނުން އެމީހުން ރަށަށް ނިސްބަތްކޮށް މިހާރު ބޭނުން ކުރާ އެއް ލަފުޒަކީ “ނާތަހުޒީބު” މި ލަފުޒެވެ!
އަޅުގަނޑުގެ ރައްޓެއްސަކު މީގެ ދުވަސްތަކެއްކުރިން ބުނީ ތެދެކެވެ. ކުޅުދުއްފުއްޓަކީ، އަމިއްލަ ޒާތުގައިވެސް ޙަޟާރާއެކެވެ. އަޅުގަނޑުމެންގެ ކާފަ އާއި މާމަމެންގެ ޖީލުގެ ފަންނާއި މަސައްކަތްތެރިކަމާއި، އުޅުމުގެ ރީތި ވައްޓަފާޅި ސާބިތުކޮށްދެނީ ކުޅުދުއްފުއްޓަކީ ތަހުޒީބު ރަށެއް ކަމެވެ. ތައުލީމުގެ ފުޅާމާނައިގެ އެހީގައި ވަޒަންކޮށް ދަންނަވާނަމަ، ކުޅުދުއްފުށީގެ އުމުރާނީ ކުރިއެރުމާއި ރަށްވެހިކަމުގެ ތަރައްގީ ރަމްޒުކޮށްދެނީ، ކުޅުދުއްފުށީގައި ގިނަ އަދަދަކަށް ޑިގުރީ ސަނަދު ތަކެއް ނެތްކަމަށް ވިޔަސް، ތަހުޒީބު ރައްޔިތެއް ދިރިއުޅުނު ރަށެއްކަމެވެ.



ޖަލީލު ވިދާޅުވީ
ތާރީޚް:18/08/2010
ފައްކާ ރިޕޯޓެއް. އަހަރެންދެކޭގޮތުގައި، ނިސްބަތުން ކިޔަވައިގެން ތިބި މީހުން ކޮންމެ ސަބަބަކާހުރެ ކަމަށް ވިޔަސް މަދު.
ދެން އޮތީ ކުޅުދުއްފުށީ ޔަންގް ޖަނަރޭޝަންގެ ހިތްވަރު މި ކަމުގައި
މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:18/08/2010
ވަރަށް ކޮމްޕްރިހެންސިވް ރިޕޯޓެއް. ޔޫސުފްގެ ތިމަސައްކަތަށް ހަމަ ސާބަސް ދެން. މިހާރުދެން ކިޔަވައިގެން ކުދިން އެބައާދޭ ދޯ މަދުމަދުން. އެކަމަކު ދެރައީ ކޮންމެ ކުއްޖެއްވެސް ކިޔަވައިގެން ރަށަށް ނައިސް މާލޭގަ އުޅޭތީ. އެހެންތާ ވާނީވެސް. މިތަނަށް އައިސް ދާނެ ވަޒީފާ ގަނޑެއްވެސް ނޯންނާނެ. ދެން އެކަމަކު އެބަ ރަނގަޅުވޭ އިނގޭ. މިހާރު ޖަލާލުއްދީނުން ވަނަތައް ހޯދާ ކުދިންވެސް ދަނީ ގިނަވަމުންތާ. ކުރިޔަށްމިއޮތް ގާތްގަނޑަކަށް ފަސްހައަހަރު ތެރޭ ހީވޭ ވަރަށް ތިޔާގި ވާނެހެން.
އަހްމަދު މުހައްމަދު ވިދާޅުވީ
ތާރީޚް:18/08/2010
މިއީ އަދި މިއަހަރު މިސައިޓުން ފެނުނު މަދު ރަނގަޅު ލިޔުންތަކުގެ ތެރެއިން އެއްވަނައިގެ ލިޔުމެއް. ވަރަށް މޮޅަށް މިލިޔުމުގައި ކުޅުދުއްފުށީގެ ތައުލީމީ ހާލަތު ބަޔާން ކޮށްދީފައިވޭ. ދެން ކުޅުދުއްފުށީ ޔަންގް ޖެނެރޭޝަން އެ މާނަ ކުރަނީ ފޭސްބުކް ގްރޫޕަކަށްނަމަ ދެންނެވޭނީ އެފަދަ ގްރޫޕެއްގަ އަދި ކޮމެންޓް ތަކެއް ކުރިޔަސް ކުޅުދުއްފުށީގެ ހާލަތު ރަނގަޅެއްނުވާނޭ. ހާލަތު ބަދަލުވާނީ ކުޅުދުއްފުށީ ރައްޔިތުން ނުކުމެ އެހާލަތު ބަދަލުކުރަން އުޅުނީމައޭ. ޔޫސުފް ގެ މަސައްކަތްތައް ހަމަ އައްސަރިބަހާ ސާބަސް. ފުރަތަމަ ކަމެއް ރަނގަޅަށް ކުރުމަށް ބޭނުންވަނީ ތިޔަފަދަ ދީރާސާ ލިޔުންތަކެއް. ދެން އޭގެ ހައްލު ހޯދޭނީ. ދެން އެއަށްފަހު އަމަލީ މަސައްކަތަށް ނިކުންނާނީ.
ahmed hassan ވިދާޅުވީ
ތާރީޚް:19/08/2010
ކުޅުދުއްފުށީގައި ތަޢުލީމީ މީހުން ހަމައެއްގޮތަކަށް ވެސް މަދެއްނުވާނެ.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:19/08/2010
ކުރީޒަމާނުގަވެސް ތައުލީމީމީހުން އަދި މިޒަމާނުގަވެސް ތިޔަބުނާ މަތީ ތައުލީމު ލިބޭ ކުދިންނަށް ވާގޮތަކީ މާލޭގަ ވަޒަންވެރިވެ ރަށްމަތިން ހަދާންނެތެނީ، މިރަށުގެ ދަރިން އެބައުޅޭ ޕީއެޗްޑީ އާއި ޕުރޮފެސަރ ފެންވަރުގެ. ދެރައީ މިރަށުގައި ނޫޅޭކަން، މިކަން
ޕިސްޕިސް ވިދާޅުވީ
ތާރީޚް:19/08/2010
މިކަން ރިޕޯޓުގައި ހިމަނާލިނަމަ ވަރަށް ފުރިހަމަ ވީސް.
މޮއްބެ ވިދާޅުވީ
ތާރީޚް:19/08/2010
އަހަންނަކަށް ވާނޭނގެ ފުރާޅުމައްޗަށް ކުނިއަޅަން ކިޔެއްކުރަން ބަހައްޓާ ކުންނާރު ގަހެއް ؟ އަޅެމިކަމާ އުޅެލަބަލަ ޖަލާލުއްދީން ސުކޫލުން ގައިމު އެބަޖެހޭ މިއަށްވުރެން އެތައްތަނެއް ރަނގަޅުވާން. ނޫނޭދެން ބަޔަކު އުފައްދާފި ރަށުގަ އުޅޭހުރިހާ ޕާޓެންނަކީ އެތަނުން ކިޔަވާފަ ތިބިމީހުން.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:19/08/2010
މި ރަށުގަ ތައުލީމީ މީހުންނެތީ މިރަށުގެ ސުކޫލަށްދާ ކުދިންގެ ހިތުގަ ކިޔެވުމުގެ ޝައުގުވެރިކަންނެތީ، ވީމާ ކިޔަވަން މަސައްކަތް ކުރަން ބޭނުންނުވާ ބަޔަކު އުޅޭ ތާކު ދެން ތިބޭނީ ކޮން ތައުލީމީ މީހުންނެއްތަ؟
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:20/08/2010
ޕިސްޕިސް ތިބުނީ ރަނގަޅަށް. އެބައުޅޭ ހަމަ އެންމެ މައްޗަށް ކިޔަވާފަ ތިބިކުދިންވެސް. އެކަމަކު ޕީއެޗްޑީ ހަދައިގެން އެއްވެސް ކަމެއްނެތް ކުޑަކުޑަ ރަށެއްގަ އުޅެން ކާކުތަ އަންނާނީ. އެކުދިންނަށް ވެގެންވަންޏާ ރާއްޖެ އަންނާކަށްވެސް ގިނަފަހަރު ބޭނުމެއް ނުވާނެ. އަހަރެމެން ރާއްޖޭގަ ކޮންމެ މީހެއް އަތުގަ ފޯނެއް އޮވެފަ، ސައިކަލެއް ހުރެފަ، ކޮންމެ ގެޔެއްގަ އިންޓަނެޓް ހުއްޓަކަސް ކައިރިގަ މިއޮތް ލަންކާގަ ހުންނަވަރު ފެސިލިޓީއެއްވެސް ނެތް. މިއީ ރާއްޖޭގެ ވާހަކަ. ދެން އަދި ރަށުގެ ވާހަކަ ދެއްކޭނެތަ.
ނަމަވެސް އެތަނެއްގެ މީހުން އެތަނެއް ތަރައްގީކުރަންވެސް ތިބޭނީ. އެހެންވީމަ އެކުދިން އެއިއްސިއްޔާ ކިތަންމެހައިވެސް ރަނގަޅު.
އަކޭ ވިދާޅުވީ
ތާރީޚް:20/08/2010
ތިބުނާ ޔަންގް ޖަނަރޭޝަނެއްގެ ނެތް ތާކުންތާކު ޖެހޭބަޔެއް. ފޭސްބުކް ގުރޫޕެއް ހަދައިގެން ފޮޓޯއަށް ކޮމެންޓު ކުރުން އެމީހުންގެ ކަމަކީ. އެގުރޫޕަށްވެސް މާލޭގަ އުޅޭ ރީދޫ ސޮރެއް ވަދެގެން އެކުދިންގެ ބޯތައް ކާލައިފި. އަދި ކިޔެއްތަ! ގަޕޯ ލާރި ދިނީމަ އެތިބެނީ މުޅިން އެއަތަށް ހެއްލިފަ. ޖުލައި 26 ހުގަ ބޮލަށް ޗިޕު ޖެހިފަހުން އަދި މާފޯރި ނަގަޔޯ.
awsw ވިދާޅުވީ
ތާރީޚް:20/08/2010
އަކޭ ހާދަ ގޮޅާވެފަ؟ޕަކާސް
ބޮނޑިތާން ބަކުރު ވިދާޅުވީ
ތާރީޚް:21/08/2010
އޭ ޕިސްޕިސް.. މަށަށް އެބަ ހީވޭ މި ލިޔުމުގަ މި އޮތް އެއްޗަކާ ކަލޭ ތިޔަކީ އެއްޗަކާ ކޮންމެސް ދިމާލަކުން އެބަ ދިމާވާހެން.. ކަލޭ ތިޔަ ބުނަނީ ރާއްޖޭގަ ފެސިލިޓީ ނެތީމަ ރާއްޖެ އަންނަހިތެއް ނުވާނޭ ކިޔަވައިގެން ތިބޭ މީހުނެއް. މި ލިޔުން ބުނާގޮތުން، ކުޅުދުއްފުށީ މީހުންގެ ވިސްނުން ހުންނަނީ ރަށުން ބޭރަށް ނުގޮސް ފުއްދާލާގޮތަށް. އެހެންވީމަ އޭގެ ނަތީޖާއަކީ ކުޅުދުއްފުށީ މީހުން ކިޔަވާނީ ރަށަށް ބޭނުންވާ މިންވަރު ބަލައިގެން. ޕީއެޗުޑީ ނަހަދަ ރަށުގަ އުޅެވެން ނެތް ދުވަހަކުން ބަޔަކު ނިކުންނާނެ އެކަންވަސް ކުރެވޭތޯ ބަލަން. އެހެންވީމަ އެކަކުވަސް ހާސްވާނިކަމެއް ނެތް. މިރަށު މީހުން ތިބޭނީ މިރަށުގަ. ކިޔަވާ ވަގުތު ޖެހުން ޖެހުންހެން އެކަމާވަސް އުޅޭނެ. ދުވަސްކޮޅަކުން ރަށަށް ސޭހުންގެ ބޭނުންވަސް ޖެހިފަ އޮންނާނީ.. އެހާތަނަށް ތިބޭނެ އެކަހަލަ ބޭކަލުންވަސް. ބަލަންތިބޭތި.
ފާތުމާފުޅު ވިދާޅުވީ
ތާރީޚް:22/08/2010
މިލިޔުމާމަބޮޑަށްގުޅުންނެއްނަމަވެސް މިތަނަށްމިކޮމެންޓުގެބޭނުންބޮޑުކަމުގެއިހުސާސް ކުރެވިގެން ލިޔަމެވެ.ޖަލާލުއްދީންސްކޫލްގެމެނޭޖްމެންޓުންތަންކޮޅެއްބޮޑަށްހަރުދަނާވެ ޒިންމާނުނަގާނަމަ ކުޅުދުއްފުށީގެ މުސްތަގުބަލް އުޖާލަވުމަށްވުރެނުވުންކައިރި މިހާރުވެސް އެތަނުންއެއްވެސްޒިއްމާއެއްނުނަގާ މިރަށުގައިއޮތްހުރިހާ ކްލަބް ޖަމިއްޔާތަކަށް ވެސް އަޅުގަނޑު އާދޭސްކުރަން ޖަލާލުއްދީން ސްކޫލްވަރަށްގާތުންބަލާ އިސްލާހުކުރަން. ވަރަށްހާއްސަކޮށް މިޕްރޮވިންސްގެ ތައުލީމާބެހޭޔުނިޓުންވެސް މިކަންގާތުންބަލާ އިހުމާލުވާ ފަރާތްތަކާމެދުފިޔަވަޅުއެޅުމަށް ގޮވާލަން.ފަހުންހިތާމަކުރަންޖެހޭނެ މިހަރުވެސްމިއޮތި ޖެހިފަ . ބެލެނިވެރިންވެސް ދަރިން އިސްލާމްދީނުގެމަތީގަތަރުބިއްޔަތުކުރުމަށްފަރުވާތެރިވާންޖެހޭ.
އިއްބެ ވިދާޅުވީ
ތާރީޚް:23/08/2010
ކިޔަވަގެން ތިބިކަމަށްބުނާ މިރަށުގެ މީހުންގެ ތެރޭގައި އާކިޓެކް ކިޔަވައިގެން ހުރި ހަމަ އެކަކުވެސްނެތް. ގެދޮރު އަޅަން ބޭނުންވާމީހުން އެދުވަނީ ގެގަނޑު ކުރަހާލަދޭނެ މީހަކު ނުވެގެން. އުމްރާނީ ތަރައްގީއަށް މަސައްކަތް ކުރާމިރަށުގައި މިފަދަ ދާއިރާއަކުން ކިޔަވައިގެން ހުރިމީހެއްގެބޭނުން މިހާރުން މިހާރަށްވެސް ވަރަށްބޮޑު. އަޅެ ކޮންމެވެސް މީހެއްގެ ދަރިއަކު މިދާއިރާއިން ހާނުވާލަބަލަ.
ފާޚިރު ވިދާޅުވީ
ތާރީޚް:23/08/2010
އިއްބެއަށް: މިލިޔުމުގައި ނުބުނޭ މިރަށުގައި ކިޔަވައިގެން ތިބި މީހުން ގިނަކަމަކަށް. ކޮންމެ ރަށެއްގައިވެސް މަދުން ނަމަވެސް ކިޔަވައިގެން ތިބި މީހުން ތިބޭނެތާ. އެއުސޫލުން މީހުން ތިބި ވާހަކަ މި ބުނަނީ. އަދި އެގޮތަށް އެކަން ދިމާވި ސަބަބުތައް، ދިރާސާއެއްގޮތަށް މި އޮތީ ހުށަހަޅައިދީފައި.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:23/08/2010
އިއްބޭ ! އިއްބެ ތިޔަބުނާ ރޮގުން މާސްޓަރ ޑިގުރީ ހަދާފަ ތިބި ހަތަރު ކަށިމަތި މިރަށުކުދިން އެބައުޅޭ މާލޭގަ. ދެން ކިއެއްކުރާނީ.
ލަތީފުބެ ވިދާޅުވީ
ތާރީޚް:23/08/2010
އިސާހިތަކު އާކިޓެކްޓުންވެސް ހާނަންފަށާނެ. މިރަށަށް މި ވާގޮތެއް ބުނަން؟ މިރަށު ކުދިން ކިޔަވާނީ މިރަށުގަ އުޅެވެން އޮތް ދާއިރާއަކުން. އަދި އެވަސް މިރަށުން ކިޔެވެން އޮތިއްޔާ. އެހެންވީމަ ގުދުރަތީގޮތުން މިރަށަށް އޮބި ނޯތީމަ ތިޔަ ދާއިރާޔަށް ކިޔަވައިދޭ ކޯހެއް ފެށިދާނެ. އެކަހަލަ ގޮތަކަށް މިރަށް މި ދަނީ.. އެއްގޮތަކުން އެގޮތް މާ ދެމިހުންނާނެ. މަ ނިންމާލަމުން މި ބުނި ތަންކޮޅު މީ ކުރެއްކަމަކު ވަރަށް އިލްމީ އެއްޗެއް ..
އަހަރެން ވިދާޅުވީ
ތާރީޚް:23/08/2010
މިދުވަހަކު އަޕްޑޭޓް ނުވާ ސައިޓޭއްތަ؟
އިކްރާމް ވިދާޅުވީ
ތާރީޚް:23/08/2010
އަޕްޑޭޓް ވާލެއް ތަންކޮޅެއް ލަސް މިހާރު. އެކަމަކު އަޅުގަނޑު މިސައިޓު ހިންގާ މީހުންނަށް ހަމަ އައްސަރިބަހުން ސާބަސް ދެން. އަޅުގަނޑު މީގެ 5 އަހަރު ކުރިންވެސް ރާއްޖޭގެ އެކި ރަށްރަށުގެ ނަމުގައި ސައިޓުތައް ހިންގަމުންދިޔަ ތަން ދުށީމު. މިއަށްވުރެ މާ ކުދިކުދި ރަށްރަށްވެސް. އެކަމަކު ކުޅުދުއްފުށީ ގެ ސައިޓެއް އޭރު ފެންނަން ނެތީމަ ދެރަވޭ. އެހެން އުޅެނިކޮށް މިސައިޓު އަޅުގަނޑަށް ފެނުނީ މީގެ 3 ވަރަކަށް އަހަރު ކުރިން. މިހާތަނަށް ކުޅުދުއްފުށީގެ ބަޔަކު މިފަދަ މަސައްކަތެއް މިހާ ގިނަދުވަހު ކުރި ބަޔަކީ އެމީހުން. އެމީހުން ކުޅުދުއްފުށީގެ ރައްޔިތުންނަށްޓަކައި އެކޮށްދިން އަދި އެކޮށްދޭ މަސައްކަތަށް ޝުކުރުއަދާކުރަން. އޭގެ ފަހުންވެސް އެހެން ދެތިން ސައިޓެއް ފެނުނު މިރަށަށް ނިސްބަތްވާ. އެކަމަކު މީގެން މިފެންނަފަދަ އޮއްޓަރު ހުރި ލިޔުންތަކެއް ނުފެނޭ. އަދި ފަހުން އައި މީހުން ރަނގަޅުވިޔަސް މީތި ހިންގާމީހުންގެ އަގު އަޅުގަނޑުގެ ކުރިމަތީގައި ހަމަ ޔަގީނުންވެސް މާ ބޮޑު. އަދި އެކި ނަންނަމުގައި އެލިޔާ ސޮރުމެންނަށާއި މިފަދަ އޮއްޓަރު ހުރި ލިޔުންތައް ލިޔާ ކުދިންނަށްވެސް ޝުކުރު އަދާކުރަން. އެކަމަކުވެސް މިހާރަކަށް އައިސް މިސައިޓުގެ ލޮނު މަޑުވެ އަޕްޑޭޓް ވުން ލަސްވާކަން ފާހަގަކުރެވޭ. އެކަންތައް ރަނގަޅު ކުރަނިކޮށް މީ ހަމަ އެއްނަ އޭ ބުނެވޭނީ.
ވިދާޅުވި ބަސްފުޅު ވިދާޅުވީ
ތާރީޚް:24/08/2010
ހޯ! އަޕްޑޭޓް ވާލެއް ތަންކޮޅެއްލަހީ!!! ލިޔުންގަނޑު ވަރަށް ފައްކާ!
އެމް.ޔޫ ވިދާޅުވީ
ތާރީޚް:04/09/2010
“މަގޯތި ސޮރަށް ދެން މިހާރު އެހެރީ ކިޔެވޭނެ ވަރަށް ކިޔެވިފަ” ގްރޭޑް 10 ހަމަ ނިމޭއިރަށް މިގޮތަށް ބުނާ މައިންބަފައިން އަދިވެސް އުޅޭކަން ވަރަށް ދެރަ
އަވައްޓެރިޔާ ވިދާޅުވީ
ތާރީޚް:19/09/2010
“ކުޅުދުއްފުށީގައި ތަޢުލީމީ މީހުން މަދީ ކީއްވެ؟” ޖަވާބުދޭން ވަރަށް ފަސޭހަ ސުވާލެއް. ތައުލީމު ފޯރުކޮށްދިނުމަށް ސަރުކާރުން އިމާރާތާއި ވަސީލަތް ފަހިކޮށްދެއްވިއަސް، ރައްޔިތުންނަށް ތައުލީމުގެ ބޭނުންތެރިކަން އެނިގިފައިވާލެއް ކުޑައީ.
ވަރަށް މޮޅު ރިޕޯޓެއް މިއީ.
ރަނގަޅުވާހަކައެއް. ރަށަކީ މަސައްކަތްތެރި ފުދުންތެރި ރަށެއް. އެކަމަކު ވަޠަނީ ގޮތް ބޮޑު،
މުހައްމަދު ވިދާޅުވީ
ތާރީޚް:28/04/2011
އަސްލު މިރަށުގައި ތައުލީމީ މީހުން މަދެއްނޫނޭ! ޕާޓޭން ގިނަވީމަ ހީވާގޮތް. ދެން ހަމަ ކިޔަވައިގެން ތިބިކުދިން އެބަތިބި ހަމަގޭގަވެސް. ވަކިން ފާހަގަ ކޮށްލަން އާރކިޓެކްޓިން
މަބުނަންތަ ވިދާޅުވީ
ތާރީޚް:29/04/2011
މަ ބުނެފާނަން ވާހަކައެއް.
.
މަވާ އެމިހުން މަށަށް އެވަރު ކޮއްކޮށް ހުޓަވަސް ތާހިރު ނަތީޖާއެއް ހިފައިން އެތަނުން ނިކުތީ.
ދެން ތިޔައިން މުހައްމަދު އެބުނީ މިރަށުގަ ޕާޓޭން ގިނައްޔޭ. މިތާ ޕާޓޭން ވަސް ނޫޅޭ އަލާ ކެނޑޭވަރަކަށް.ކިޔަވައިން ހުރި މީހަކުވެސް މިރަށުގަ މަދު.އެހެނެއް ނޫން މާލޭގައި އެބޯޅެ ހަމަ 6 ކަށިމަތިވެސް މިރަށުކުދީން މާސްޓަރސް ވެސް ހަދާފަ ތިބި. މިތަނުގަ ޑިމާންޑް ނެތިއްޔާ މިޔޮއް ޒަމާނުގަ ކިހިނެއް މިތާ އުޅޭނި.ކިޔަވައިން ހުރި މީހެއް ވިޔާ މިރަށުމީހުންގެ މި ފަލްސަފާ އަކަށް މާބޮޑެއްކޮށް ތާއީދެއް ނުކުރާނެ.
މި ލިޔުން ހަމަ ވަރަށް ފަހި.ޔޫސުބު ތިޔާ އެއްވަނަޔޭނުން