Share

ކުރުވާހަކަ – ސޮރީ

ކުރުވާހަކަ – ސޮރީ
މުހައްމަދު އިސްމާއިލް

ލޮނުޒިޔާރަތް މަގުން ހެންވޭރަށް ދުއްވާފައި ދިޔައީ ވަރަށް ބާރަށެވެ. ކަލާފާނު ސްކޫލަށް ކޮއްކޮ ބަލައި ދާންޖެހެނީ 1:30 ށް ކަމުގައި ވިޔަސް އެދުވަހު އަހަރެންނަށް އޮފީހުން ނުކުމެވުނީ ވަރަށް ލަސްވީފަހުންނެވެ. ފޭސްބުކްގައި ކިތައްމެ ގިނައިރަކު އިނަސް ފޫހިވާގޮތެއް ނުވެއެވެ. އެހެންވެ ގަޑި ޖެހިގެން ދިޔައިރުވެސް ހޭވެރިކަން ނުވެއިނދެވުނީއެވެ.

ލޮނުޒިޔާރަތް މަގުން އަހަރެން ދުއްވަމުން ދިޔައީ ވަރަށް ބާރަށެވެ. އޭރުވެސް ގަޑި ޖެހުނުތާ 15 ވަރަކަށް މިނިޓް ވެދާނެއެވެ. ކުއްލިއަކަށް ބުރަކި ޖައްސަން ޖެހުނީ ކުރިމަތިން ދުއްވާފައި ދިޔަ ކާރު ހުއްޓުނީމައެވެ. އެހެންނަމަވެސް ކާރުގެ ކަނައަތް ފަރާތުން ކުޑަ ޖާގައެއް އިނުމުން އެތަނުން އަނެއްކާވެސް ސްޕީޑް ބާރުކޮށްލީމެވެ. ކާރުގެ ފަހަތު ދޮރާ ހަމަވިކަން އެނގުނެވެ. ކުއްލިއަކަށް ކާރުގެ ދޮރު ހުޅުވުމާއެކު ދުއްވަން އިން ސައިކަލުގެ ހުންގާނު ދޮރުފަތުގައި ޖެހި ވިއްސައިގެން ގޮސް 10 ފޫޓް ދުރައް ވެއްޓުނެވެ.

ހޭވެރިކަން ވީއިރު އަހަރެން އޮތީ ހޮސްޕިޓަލުގައި ކަން އެނގުނެވެ. މަޑުމަޑުން ދެލޯ ހުޅުވާލުމަށްފަހު ވަށައިގެން ބަލާލީމެވެ. އެހެންނަމަވެސް ގައިގައި އެވަރުގެ ބާރެއް ނެތެވެ. އަނެއްކާވެސް ދެލޯމަރާލީމެވެ. އަހަރެންނަށް އެއްވެސް ތަދެއް އިހުސާސެއް ނުވެއެވެ. އެކަމަކު ގައިގެ އެއްވެސް ގުނަވަނެއް ހަރަކާތް ކުރާނެ ހިތްވަރެއް ނެތެވެ.

އަހަރެން ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައި އޮންނަތާ މިވީ ތިން ދުވަހެއެވެ. މިއަދު އަހަރެންގެ ގައިގެ އެކިތަންތަނުގައި ރިއްސާ ކަން އަހަރެންނަށް އިހުސާސްވެއެވެ. އަދި ވަރަށް ބޮޑަށް ބޯފަޅައިގެން ގޮސްފައިވާކަން އެނގުނެވެ. ކަނައަތު ފަޔާއި ވައަތުގެ ކޮނޑު ހުޅުކައިރިން ބިނދިފައި ވާކަންވެސް އެނގުނީ މިއަދުއެވެ. އަހަރެން ކުޑަކޮށް އެނދުގެ ބޯލާކޮޅު އުސްކޮށްލުމަށް މަންމަ ކައިރީ ބުނީމެވެ. އެވަގުތު އަހަރެންގެ ކައިރީގައި ތިބީ މަންމަ އާއި އެންމެ ދޮށީ ދައްތައެވެ. ބޭބެ ދިޔައީ ބޭހެއް ނަގަން ކަމަށް މަންމަ ބުންޏެވެ.

އަހަރެންގެ ފޯނުގެ މަތިން ހަނދާން ވީވެސް އެވަގުތުއެވެ. ފޯނު ނަގާ ބަލާލުމުން ވަރަށް ގިނަ ކޯލް ތައް މިސް ވެފައިވާކަން އެނގުނެއެވެ. އަދި ނުދަންނަ ނަންބަރަކުން ތަކުރާރުކޮށް އެއް މެސެޖެއް ކޮށްފައިވެއެވެ. ރަށްޓެހިންގެ މެސެޖްތަކަށް ވުރެ އަހަރެއްގެ ސަމާލުކަން ހުއްޓުނީ ނުދަންނަ އެ ނަންބަރުން ކޮށްފައިވާ މެސެޖަށެވެ. “ސޮރީ،ސޮރީ ޕްލީޒް ފޮގިވް މީ” މިހެން ލިޔެފައިވާ ވިއްސަކަށް މެސެޖް ފޯނަށް ލިބިފައިވެއެވެ. އެއް ނަންބަރަކުންނެވެ. ފުރަތަމަ އެއީ ކޮން ނަންބަރެއްތޯ ބަލާލީމެވެ. އަހްމަދު އާތިފްގެ ނަމުގައި ނަގާފައިވާ ނަންބަރެކެވެ. އެނަންބަރަށް ގުޅާލީމެވެ. ކޮންމެ ފަހަރަކުވެސް ފޯނު ކަނޑާލަނީއެވެ. ފޯނު ކަނޑާލުމަށް ފަހު ދެން އަންނަނީ ކުރިންވެސް އެ ނަންބަރުން ފޮނުވާފައިވާ މެސެޖެވެ.

މިއަދަކީ އަހަރެން ހޮސްޕިޓަލުން ދޫކޮށްލާނެކަމަށް ޑޮކްޓަރު ބުނެފައިވާ ދުވަހެވެ. މިއަދުވެސް އަހަރެންގެ ފޯނަށް މެސެޖްކުރާ ނަންބަރަށް ގުޅާލީމެވެ. މިއަދު ފޯނު ނުނަގާއިރު މެސެޖެއްވެސް ނުކުރެއެވެ. އިރުއިރުކޮޅުން ފޯނަށް ބަލާލަމެވެ. އެމެސެޖް އަންނާނެ ވަގުތަކަށް އިންތިޒާރު ކުރެވޭ ކަހަލައެވެ.

ހަވީރު ފަސްގަޑި ބައިވަނީއެވެ. ރަށްޓެހީންނާއި އާއިލާގެ މެންބަރުން އަހަރެންގެ ކައިރިއަށް އަންނަ ވަގުތު ޖެހުމުގެ ކުރިން ކުޑަކޮށް ރީތިވެލީމެވެ. ދަތް އުނގުޅާލައި ބޯ އޮމާންކޮށްލީމެވެ. އަހަރެންގެ ކައިރީގައި މަންމަ އާއި ކޮއްކޮގެ އިތުރުން ދެން ތިބީ އަހްމަދާއި ރިޝްވާންއެވެ. އެއީ އަހަރެންގެ އެންމެ ގާތް ދެރަހްމަތްތެރިންނެވެ. ކުއްލިއަކަށް އަހަރެން އޮތް 54 ނަންބަރު ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު އެތެރެއަށް މީހަކުވަނެވެ. އަދި އަތުގެ އިޝާރާތުން އޭނަގެ ފަހަތުގައި ހުރި މީހަކަށް އަހަރެން ދައްކާލިއެވެ. އޭނާގެ ފަހަތުގައި ހުރި މީހެއް ދޮރު ކައިރީ ދަމާފައި ހުރި ފަރުދާގެ ސަބަބުން އަހަރެންނަށް ފެންނަގޮތެއް ނުވެއެވެ.

އިރުކޮޅަކު އެހެން ހުރެފައި އެމީހަކު ބޭރަށް ނުކުތެވެ. އޭރުވެސް ފަރުދާގެ ފުރަގަހުގައި އެ ކުއްޖަކު ހުރިކަން އަހަރެންނަށް އެނގުނެވެ. ފުރަތަމަ ފެނުނީ މާބޮނޑިއެކެވެ. އެމާބޮނޑި ހިފަހައްޓައިގެން ހުރެ އެތެރެއަށް ވަދެގެން އެ އަންނަނީ ދުވަހަކުވެސް އަހަރެންނަށް ފެނުނު ކުއްޖެއް ނޫނެވެ. އޭނަގެ މޫނުމަތިން ލަދުވެތިކަމާ ހިތްނުތަނަވަސް ވެފައިވާކަން ފާޅުވާން ހުއްޓެވެ. އޭނަގެ އެތޫނު ދެލޮލުން އަހަރެންނާ ދިމާއަށް ބަލާލުމުން އަހަރެންގެ ހިތުގެ ވިންދު އަވަސްވިއެވެ. ބޮލުގައި ހުރި ތަދު ފިލައިގެން ދިޔަ ކަހަލައެވެ. އޭނާ މަޑުމަޑުން އައިސް އަހަރެންގެ ކައިރީ ހުއްޓުނެވެ.

“ސޮރީ. ރިއަލީ އައި އެމް ސޮރީ” އޭނާގެ އެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކު އަހަރެންގެ އެތެރެހަށީގައި ހުރި ތަދު އެއްކޮށް ފިލައިގެން ދިއައެވެ. އޭނާ އަހަރެންގެ ކަނައަތުގައި ހިފަހައްޓާލިއެވެ. އެފިނިފިނި މަޑު އަތުން އަހަރެންގެ އަތުގައި ފިރުމާލުން އަހަރެންގެ އިސްތަށިތައް ކޮޅަށް ޖެހުނެވެ. ފާޑެއްގެ ތުރުތުރު އެޅުމެއް ހަށިގަނޑުގައި އަޅާލިއެވެ. އޭނާ އެހާވެސް ރީއްޗެވެ. އަނެއްކާވެސް އެ ޖުމްލަ އޭނާ ތަކުރާރު ކޮށްލިއެވެ. އަހަރެންނަށް ނުދަންނަ ނަންބަރަކުން މެސެޖް ކުރަނީ އެކުއްޖާކަން ޔަގީންވިއެވެ. އަހަރެންގެ ހިތަށް ފިނިކަމެއް އިހްސާސް ކުރެވުނެވެ.

“ކިހިނެތްވީ ސޮރީ އޭ ތިބުނީ. އަނެއްކާ ކިހިނެތްވީ” އަހަރެންނަށް އޭނަ އާއި ވާހަކަ ދެއްކުނީ ގާތް ރަހްމަތްެރި އަކާ ވާހަކަ ދައްކާގޮތަށެވެ. އަލަށް ފެނުނު ކުއްޖެއް ހެން ހިއެއް ނުވެއެވެ.

އަހަރެން އެކްސިޑެންޓްވީ ކާރުގައި އިނީ އެހަންކުއްޖާ ކަމަށާއި އޭނައަށް ކާރުގެ ދޮރު ހުޅުވާލެވުނީ ފަހަތުން އެއްޗެއް އާދޭތޯ ނުބަލާކަމުގައި ބުންޏެވެ. އަދި އަހަރެން އެކާރުގެ ދޮރުފަތުގައި ޖެހި އެކްސިޑެންޓް ވީފަހުން ހޮސްޕިޓަލަށް ކޮންމެ ދުވަހަކު ހަވީރު އަންނަ ވަހަކައާއި އެކަމަކު އަހަރެން ރުޅި އައިސް ދާނެތީ ވަންނަން ނުކެރިގެން އަނބުރާ ދަނީ ކަމުގައި ބުންޏެވެ.

އަހަރެންނަށް މިހާ ބޮޑު އަނިޔާއެއް ލިބުނީ އެކުއްޖާގެ ސަބަބުންކަން އެނގުނީމަވެސް އޭނަ ދެކެ ރުޅި އާދެވޭ ގޮތެއް ނުވިއެވެ. އޭގެ ބަދަލު އަހަރެންނަށް އޭނަ ފެނުމުން ބަލީގެ ޝިފާ ލިބުނު ކަހަލައެވެ. އަހަރެންނަށް ލިބުނު އަނިޔާތަކުގެ ފަރުވާ އަކީ ވެސް އެއަނިޔާ ދިން ފަރާތްކަމުގައި ވެއްޖެއެވެ.

މިހާރު އަހަރެންނަކީ ލޯބިލޯބި ކުއްޖެއްގެ ބައްޕައެވެ. އަހަރެންގެ ދަރިފުޅުގެ މަންމައަކީ އަހަންނަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އަނިޔާ ލިބުމަށް މެދުވެރިވި ކުއްޖާ އެވެ. އާއެކެވެ. ލޯތްބަކީ މިޒާތުގެ އެއްޗެކެވެ.

,

‮ ‬13‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:04/09/2010

    ވަރަށް ފައްކާ ވާހަކަޔެއް، މިކަހަލަ އިތުރު ވާހަކަތަކަށް އިންތިޒާރު ކުރަން

  2. ފާޚިރު‮ ‬ވިދާޅުވީ


    ތާރީޚް:04/09/2010

    ފައްކާ އިނގޭ! ކޮބައި “ދަންވަރު ޑިއުޓީ؟

  3. މީހަކު‮ ‬ވިދާޅުވީ


    ތާރީޚް:04/09/2010

    ވާހަކައެއް ލިޔެލަން ވާހަކައެއް ލިޔުމުގެ ބަދަލުގައި ބަޔަކަށް އިބުރަތެއް ލިބޭގޮތަށްވެސް ލޯބީގެ ވާހަކަ ވެސް ލިޔެވޭނެ… މިވާހަކައިގެ ހާދިސާ މާލޭގެ ބަދަލުގައި ކުޅުދުއްފުށީގަ ހިނގިނަމަ ކުޅުދުއްފުށީ ކުދިންނަށް ކިޔާއިރު ޝައުގުވެރިކަން އިތުރުވާނެކަމަށް ފެނޭ… ދަންވަރު ޑިއުޓީ ވާހަކައަށް އިންތިޒާރު ކުރަން.. ސައިޓް ގެ ކިޔުންތެރިންނަށް ތިގެނެސްދޭ ހަދިޔާތަކަށް ޝުކުރިއްޔާ!!!

  4. އެހެން މީހަކު‮ ‬ވިދާޅުވީ


    ތާރީޚް:04/09/2010

    މަށަށް މިވާހަކައިން ލިބޭ އިބްރަތް ތިޔަބޭފުޅުންނާ ތަފާތު ވެދާނެ. މަށަށް މިވާހަކައިން ލިބޭ އިބުރަތަކީ، އިންސާނާގެ ސިކުނޑި އަކީ ބައެއް ފަހަރު އޭގެ މައްޗަށް ބާރުފޯރުވުން އުނދަގޫ ގުނަވަނެއްކަން. އަދި މުސްތަގްބަލްގައި ތިމާގެ ހަޔާތް ކޮންމެ ފަދަ ގޮތަކަށްވެސް ބައްޓަން ވެދާނެކަން. މިއަދު ތިމާގެ ދުޝްމަނު މީހާ މާދަމާގެ އެންމެ ލޯބިވާ މީހާ އަށްވެސް ބަދަލުވެދާނެކަން. މިއަދު ކުރިމަތިވާ ފުން ބޮޑު ހިތާމައެއްގެ ނަތީޖާ މާދަމާ ވަރަށް އުފާވެރިކޮށް ވެސް ލިބިދާނެކަން.

  5. ފާޚިރު‮ ‬ވިދާޅުވީ


    ތާރީޚް:04/09/2010

    ކުރުވާހަކައިގައި ފެންނާނީ ދިރިއުޅުމުގެ ކުޑަ ހިނދުކޮޅެއް. ދެން ވާހަކައިގައި ޢިބްރަތެއް އޮތުން އެއީ މަޖުބޫރުކަމެއްނޫން. ވާހަކަ ކިޔާ އެއްބޭނުމަކީ ހަމައެކަނި އިބްރަތް ހާސިލްކުރުމެއް ނޫން. ވާހަކައިގެ ބޭނުމެއް އެއީ ހަމަ އެންޓަޓައިންމެންޓްވެސް. މިވާހަކަ ވަރަށް ފައްކާ. ވާހަކައިގެ ސެޓިން ގެނެސްދީފައި އޮތް ތަންވެސް ފައްކާ!

    ދަންވަރު ޑިއުޓީ ފަހެ، ކޮބައި؟ މުހުންމަދާ!  

  6. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:05/09/2010

    ވަރަށް ރީތި ކުރުވާހަކައެއް. އަބަދުވެސް މިކަހަލަ ވާހަކަ ގެނެސްދޭން ވާނެ. ދަންވަރު ޑިއުޓީ ކޮބާ؟ އަދި ހާޝިމް ކައިރީ ބުނެގެން އެސްފީނާވެސް ޖައްސަންއުޅޭ.

  7. RILWAN‮ ‬ވިދާޅުވީ


    ތާރީޚް:05/09/2010

    ވަރަށް ސަޅީ ވާހަކަ އެއް ހީވަނީ ހަމަ ހަޤީޤަތުގައިވެސް ތމި ވާހަކަ ލިޔުނު ފަރާތާ ވަރަށް ބޮޑު ގުޅުމެއް ވާހެން

  8. އެކުވެރިޔާ‮ ‬ވިދާޅުވީ


    ތާރީޚް:05/09/2010

    އޯ މޯޑް. ސަޅި ވާހަކައެއް. އެކަމަކު ދަންވަރު ޑިއުޓީގެ އަނެއް ބަޔަށް ވަރަށް އިންތިޒާރުކުރެވޭ. އަޅެ ޕްލީޒް އަވަހަށް އަނެއްބައި ގެނެސްދީބަލަ….

  9. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:06/09/2010

    ސާފު ރަސްގެފާނު ވާހަކަޔާ އަމީރު ހަމްޒާ ވާހަކަ ވަސް ކީން. އެކަމަކު މި ވާހަކަ ކިޔާލެވިއްޖެ އެއްނޭވައިން.. މިޔޮޅެ މީހަ މިތާ އިނދެގެން ހީހީފަ ރޮއެފަ ރޮއެފަ ފާޑަކަށް އުޅެން ފެށީމަ މަވަސް މި ބަލާލީ..

  10. އަކޭ‮ ‬ވިދާޅުވީ


    ތާރީޚް:06/09/2010

    ނަލަ މޮހޮންމަދުބެ ހާދަ ދުވަހެއް ކޮށްލާފަ. އަނެއްކާ ރަށުގަ ނޫޅުއްވަނީތަފަހެ؟ ފަހަރިދައިތަ އަށް ސަލާމް ބުނާތި.

    މުހުންމަދާ ސޮރީ ވަރަށް ކަމުދޭ.

  11. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:06/09/2010

    ރޯދަމަ މަސްވީމަ އެކޮން.. ފަހަރިދައިތަ ވަރަށް އުފާވެއްޖެ ސަލާމް ބުނީތި.. މައުލޫއާ ނުގުޅުނަސް ކުއްޖަކު ސަލާން ބުނީތި ސަލާން ބަލައިގަތުމުގެ ދަރަނި އަދާކޮށްލީ މި. ހުރިހާ ކުދިންނަށް އީދު މުބާރިކު

  12. ބޯސޮރު‮ ‬ވިދާޅުވީ


    ތާރީޚް:11/09/2010

    ތިން ދުވަސް ވީ އިރުވެސް ފޯން އޮވޭ ދޯ ޖީބުގަ!!!!!!! ހަމަ ހަދާންވާއިރަށް ނަގާ ބަލަން!!!!

  13. ނާނި‮ ‬ވިދާޅުވީ


    ތާރީޚް:18/09/2010

    ވަރަށް ބެސްޓް ހަމަ……

ޚިޔާލު ފާޅުކުރައްވާ