(ކުރީދުވަހުގެބަޔާއި ގުޅޭ)
ކުރިން ދެންނެވި ތިންވަނަ ފިކުރަކީ ހަގީގަތުގައި މިރާއްޖެއަށް އެންމެ ފައިދާވާނެ ފިކުރުކަން ޔަގީނެވެ. އާދެ ތަހްޒީބު ވެފައިވާ ގާނޫނުގެ ވެރިކަން ދަމަހައްޓާނެ ސިޔާސީންތަކެއް އައުމަކީ ގައުމުގެ ކުރިއެރުމަށް މުހިއްމުކަމެވެ. ގާނޫނުގެ ވެރިކަމެއް ކުރުމަށްޓަކައި ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ފުރިހަމައަށް ބޯލަނބައި އެ ގާނޫނުތައް ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކު ތަންފީޒު ކުރާނެ ސަރުކާރެއް މުހިއްމެވެ. އަމިއްލަ އެދުމާ ޒާތީ މަސްލަހަތު އެކަހެރިކޮށް ގައުމު އަމާން ބަނދަރަކަށް ގެންދިޔުމަށްޓަކައި ގާނޫނުގެ ހުކުމް އިސް ކުރަން ޖެހެއެވެ.
ޒުވާނުންގެ އާބާދީ ބޮޑު ކުޅުދުއްފުށީގައި ތިންވަނަ ފިކުރުގެ ޒުވާނުން މަދުވާން ފަށައިފިނަމަ، އެގެއްލުނީ ކުޅުދުއްފުށީގެ ތަސައްވަރެވެ. ސިޔާސީގޮތުން އައި ބޮޑު ބަދަލާއެކު ކަންކަން ބަދަލުވަމުން އަންނަ ދުވަސްވަރެއްގައި ޒުވާނުންގެ ސިކުނޑި “ދޮވެލައިފި” ނަމަ އެގެއްލުނީ ތަރައްގީގެ ހުންގާނެވެ. އެހެންވެއްޖެނަމަ ޒުވާން ޖޯޝު ސިޔާސީ ދާއިރާގައި “ކުނި” ވެގެންދިޔައީއެވެ.
ހަގީގަތަކީ ކުޅުދުއްފުށީގެ ރައްޔިތުންވެސް އަދި ހަމަ ކޮންމެ ރަށެއްގެ ރައްޔިތުންވެސް ބޭނުންވަނީ ތަރައްޤީކަމެވެ. ތަހްޒީބު ވުމެވެ. މިއަދަށް ވުރެ ފާގަތިކަމެއް މާދަމާ ބޭނުންވެއެވެ. މިއަދު ކަންކުރަމުން އައި ގޮތަށް ހެޔޮ ބަދަލެއް މާދަމާ ގެންނަން ބޭނުންވެއެވެ. ދިރިއުޅުމުގެ ފަސޭހަތައް މިއަދަށްވުރެ ރަނގަޅުކުރަން މާދަމާ ބޭނުންވާނެއެވެ. ދަރިންނާއި މައިންބަފައިންނަށް އަދި ތިމާއަށާއި ތިމާގެ އަނބި ނުވަތަ ފިރިމީހާއަށް އެންމެ ހެޔޮ ގޮތް ވުމަށް ބޭނުންވެއެވެ. އަނެކުންގެ އަޅުވެތިކަމުން ސަލާމަތްވެ އަމިއްލަ ފުދުންތެރިކަން ހުރި މީހަކަށް ވާން ބޭނުންވެއެވެ. މިއީ ރައްޔިތުންގެ ބޭނުން ތަކެވެ. އުއްމީދު ތަކެވެ. ވެރިކަން ބަދަލުކޮށް ޕާޓީތަކަށް ސަޕޯޓްކޮށް އެޕާޓީތައް ވެރިކަމަށް ގެނައުމުގެ ބޭނުމަކަށް ވާން ޖެހޭނީ މިކަންތައްތައް ހާޞިލުކުރުމެވެ.
ލާމަރުކަޒީ އުޞޫލުން ރަށްތައް ހިންގަން ފެށުމުން އެރަށެއްގެ ރައްޔިތުންނަށް ރަށުފެންވަރުގައި ކުރާ ކަންތައްތައް ނުވަތަ ރަށު ފެންވަރުގެ ސިޔާސީ ނިންމުންތައް ނިންމުމުގެ ބާރު ލިބެއެވެ. ގާނޫނުތަކުގެ ދަށުން ހެދިފައި ހުރި ގަވާއިދުތައް ރަށުގެ ހާލަތާ ގުޅޭ ގޮތަށް ބަދަލުކޮށް ނުވަތަ އައު ގަވާއިދުތައް ހެދުމުގެ ބާރު ކައުންސިލަށް ލިބެއެވެ. މިފަދަ ބާރުތަކެއް ރައްޔިތުންގެ އަތްމައްޗަށް ދާއިރު ޒުވާނުންގެ ސިކުނޑި “ފޮށްޓަކަށް” ލެވިފައި އޮތުމަކީ ނުރައްކާތެރި ކަމެކެވެ. މިރިޕޯޓުގައި ކުރިން ބުނެވުނު ދެފިކުރުން ސިކުނޑިތައް ތަޣައްޔަރު ވެއްޖެނަމަ ސިޔާސީ އަދި އިގްތިޞާދީ އަދި އިޖްތިމާއީ ތަރައްގީވެސް އެންމެ ހެޔޮ ގޮތުގައި ލިބުމަކީ އުނދަގޫކަމަކަށް ވާނެއެވެ.
ކުޅުދުއްފުށީގެ ނަމާއެކު އަންނަ “ތަހްޒީބު” މިލަފްޒުގެ މާނައަށް ވިސްނާލުން މުހިއްމެވެ. ތަހުޒީބުވުމުގެ މާނައަކީ އާރާސްތުވުމެވެ. ޒަމާނާއެއްގޮތަށް ބަދަލުވުމެވެ. ރަނގަޅު ރީތި ގޮތްތަށް އަށަގެންނެވުމެވެ. މިތިން މާނައަކީ ވެސް ތަހުޒީބުވުން މިބަހުން ދޭހަ ކޮށްދޭ މާނަތަކެވެ. ކުޅުދުއްފުށީ ރައްޔިތުން ތަހްޒީބު ނުވުމޭ ބުނުމުގެ މާނައަކީ ކޮބައިތޯއެވެ؟ އާރާސްތު ނުވުން ހެއްޔެވެ. ޒަމާނާއެއްގޮތަށް ދިރިއުޅުމުގެ ވައްޓަފާޅި ނުވަތަ ކަންކުރަމުން އަންނަ ގޮތް ބަދަލު ނުވަނީ ހެއްޔެވެ؟ ދިރިއުޅުމުގައި ނުވަތަ ދޭދޭ ފަރުދުންގެ މެދުގައި ކުރާ މުޢާމަލާތް ތަކުގައި ރަނގަޅު ރީތި ގޮތްތަށް އަށަނުގަންނަނީ ހެއްޔެވެ؟ އަމިއްލަ ސިކުނޑިން ސިޔާސީ ކަސްތޮޅުން ނެއްޓިހުރެ ވިސްނާލުން މުހިއްމެވެ.
(ނިމުނީ)
ގުޅޭ ލިޔުން: ފަސޭހަކަމާއެކު ކުޅުދުއްފުށި ސިޔާސީ ކުރާނީ ކިހިނެއް؟

ނިދީގައި ވިދާޅުވީ
ތާރީޚް:05/09/2010
އާއެކެވެ. އަހަންނަށް ވިސްނޭ އެއްޗަކާއި އެހެން މީހަކަށް ވިސްނޭ އެއްޗެއް ތަފާތު ވުމަކީ މައްސަލައެއް ނޫނެވެ.ލިޔުންތެރިޔާ ތަހުޒީބު މާނަކުރި ތިންގޮތުންވެސް ސިފަވަނީ އުމްރާނިއްޔަތެވެ. އެކަމަކު ތަހުޒީބުގެ މާނަ ފުރިހަމަވާނީ އުމްރާނިއްޔަތާއި އެކު އިލްމާނިއްޔަތާއި ރޫހާނިއްޔަތުވެސް ހިމަނާލުމުންނެވެ. ޖުމްލަކޮށް އެންމެ ކުރުކޮށް ބުނާނަމަ ތަހުޒީބަކީ ހެޔޮވިސްނުމެވެ. ކުޅުދުއްފުށީގައި އެންމެ ބޮޑަށް އަށަގަންނުވަންވީ އެސިފައެވެ.
ޖޭމްސް ވިދާޅުވީ
ތާރީޚް:05/09/2010
އަޅުގަނޑަށް ހީވާގޮތުން ލިޔުންތެރިޔާ ތަހުޒީބު މާނަކޮށްފައިއެވަނީ ދިވެހި ބަހުގެ ރަދީފުގައި އެބަސް މާނަ ކޮށްފަ އޮންނަ ގޮތަށް ހެން. ތަހުޒީބުގެ މާނައަކީ ސިވިލައިޒް. ސިވިލައިޒް ވުމުގެ މާނައަކީވެސް އެއް ހާލަތަކުން އެއަށް ވުރެ ރަނގަޅު ހާލަތަކަށް ބަދަލުވުން. ނުވތަ ހަމަ އާރާސްތުވުން. އާރާސްތު ގެ މާނައަކީ ތަނެއް އިމާރާތް ކުރާ ވާހަކައެއް ނޫން.
ކުޅުދުއްފުށީ ޒުވާނުންގެ ވިސްނުމަކީ ކޮބައިކަމެއް އަހަރެމެންނަކަށް ނޭގޭ. އެގޭ ކަމަކީ ކުރިއަށްވުރެ މިހާރު ތިރަށް ސިޔާސީ ވެއްޖެކަން. އަދި ސިޔާސީ ވާހަކަވެސް ތިރަށު މީހުން މިހާރު ކުރިއަށްވުރެ ގިނައިން ދައްކާކަން.
ޖަލީލު ވިދާޅުވީ
ތާރީޚް:05/09/2010
އިލްމާނިއްޔަތޭ…އެ ފަހެ ކޯޗެއް. ރޫޙާނިއްޔަތާއި އިލްމާނިއްޔަތަށް އެއްތާކު ތިބެވޭނެތަ؟ އަޅެ ޢަރަބި ދަންނަކުއްޖަކު އިލްމާނިއްޔަތުގެ މާނަ ބުނެދީބަލަ… ޔަގީނުންވެސް އެދައްކަނީ ޢިލްމުގެ ވާހަކައެއް ނޫން. ނިދީގައި، ކޮންމެ ފަދަ އެއްޗެއްވެސް ލިޔެވިދާނެ. އެހެންނު؟
ތަކުރުފާނު ވިދާޅުވީ
ތާރީޚް:06/09/2010
ކުޅުދުއްފުށިގެ ޒުވާނުންނަކީ އެހާ ހަރުދަނާ ވިސްނުމެއް ގެންގުޅޭ ބަޔެއްނޫން، އެމީހުންގެ ކަމަކީ މީހަކު އެމީހުންށް ހަރަދު ކުރަންޔާ އެމީހެއްގެ ވަށައިގެން އެބުރުން އެގޮތުން މިބުނި ވިސްނުމުގެ ޒުވާނުން އެބުރެމުން ދަނީ އެތުރު ދާއިރާގެ މެންބަރު ގަފޫރުގެ ފަހަތުން، އޭނަ ވިޔާ އެމީހުންނަށް ކޮފީދީ ސައިދީ ހަދަނީ، ރަށުގަ ނެއް ހަގީގަތުގަ ރަށާމެދު ވިސްނާ އެއްވެސް މީހަކު، ކޮންމެ މީހަކު ވެސް ކުރިޔަށް ނެރެނީ އެމީހެއްގެ އަމިއްލަ އެދުން
ބޯސޮރު ވިދާޅުވީ
ތާރީޚް:06/09/2010
ތަކުރުފާނަށް ހަމަ ސާބަސް. އަޅުގަނޑު ތާޢީދު
އަހްމަދު އާދިލް ވިދާޅުވީ
ތާރީޚް:06/09/2010
އޭ ގަފޫރާ ނުބެހޭތި. އެއީ އަޅުގަނޑުމެންގެ މެމްބަރަކީ. މަޖިލީހުގެ ހާޟިރީއަށް ބެލިއަސް އެނގޭނެ. އަދި ގަފޫރަކީ އަޅުގަނޑުމެން ނަށް ވަރަށް އެހީވާ ބޭފުޅެއް. އިންތިހާބުގެ ތެރޭގައިވެސް އެތަށް ހާސް ރުފިޔާއެއް އަޅުގަނޑުމެން ކުޅުދުއްފުށީގެ ރައްޔިތުންނަށް ބެހި. އަދި ހަމަ މިހާރުވެސް އެ ފައިސާގެ އެހީތައް ދަނީ ލިބެމުން. އަހަރެމެންގެ ކޮރަލް ޓީމަށް ގަފޫރު ދެއްވާ ފައިސާގެ އެހީއަށް ޝުކުރު އަދާކުރަން. އަދިވެސް ތިގޮތަށް ލާރި ދޭކަމުގައި ވަންޏާ ހަމަ ހޮވާނީ ގަފޫރު.
ތަކުރުފާނު ވިދާޅުވީ
ތާރީޚް:07/09/2010
އަހްމަދު އާދިލް ނަމުގަ ކޮމެންތް މިކުރީ މަމިބުނާ އެބޯޅޭ މިބޯޅޭ ޒުވާނެއްހެން ހީވަނީ، ކޮރަލްސްގަ ގިނަ ވާނީ އޭގެ ޒުވާނުން، މީހަކު ދޭ ކޮފީޔަކަށް އެމީހުން ކިތަމެ ބޮޑު ކަމެއްވެސް ކޮށްފާނެ ހެހެހެހެހެހެހެހެ ލާރި ދީގެން ވޯޓް ގަތުމަކީ ބޮޑު ކުށެއްކަން ވެސް މިކުދިންނަށް ނޭގޭތީ އަހަރެންގެ ހިތުގަ މިކުދިންނާ މެދުގަ ހަމްދަރުދީ އުފެދޭ، އެއީ ރިޝްވަތް ދިނުން އެކަމަކީ ބޮޑު ފާފަޔެއް