ވިއްސާރަވުމުގެ ސަބަބުން ޕާކިސްތާންގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ކުޅުދުއްފުށީގެ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއް ނޫރުގެ ފަރާތުން، ކުޅުދުއްފުށީގައި ބެހެއްޓި ފަންޑް ފޮށިތަކަށް ލިބުނު -/130000 ރުފިޔާ ޕާކިސްތާން ހައިކޮމިޝަނާ ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީގެ 3 ސަރަހައްދެއްގައި ބެހެއްޓި ތިން ފޮށްޓަށް ލިބުނު އެއްލައްކަ ތިރީސްހާސް ރުފިޔާގެ ޗެކް ހަވާލުކޮށްދެއްވީ އެކަމަށްޓަކައި އިއްޔެ ޕާކިސްތާން ހައިކޮމިޝަންގައި އޮތް ބައްދަލުވުމެއްގައެވެ. ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން ލިބުނު އެހީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާކިސްތާނުގެ ހައިކޮމިޝަނަރ އަހްތަރު އާއި ހަވާލުކޮށްދެއްވީ ނޫރު ޖަމްޢިއްޔާގެ ފަރާތުން އަލްފާޟިލް މުޙަންމަދު ޒުހައިރާއި ނައިބްރައީސް އަލްފާޟިލް ތޮލްޙަތު އިބްރާޙީމެވެ.
ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން ޕާކިސްތާނުގެ ރައްޔިތުންނަށް ވެދެއްވި އެހީއާއި ހަވާލުވެޑައިގަތުމަށްފަހު ހައިކޮމިޝަނަރ އަހްތަރު ދެއްކެވި ވާހަކަފުޅުގައި މިހާރުވެސް ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވަމުން ދިއުމާއި ބަލިމަޑުކަން ފެތުރި ކުޑަކުދިން މަރުގެ ތުންފަތްމައްޗަށް ހުށަހެޅެމުންދާކަމަށް ވިދާޅުވިއެވެ. އަދި މިފަދަ އެހީއެއް ޕާކިސްތާނުގައި ހާލުގައި ޖެހިފައި ތިބި މުސްލިމް އަޚުންނަށް ވެދެއްވިކަމަށްޓަކައި ކުޅުދުއްފުށީގެ ރައްޔިތުންނަށާއި ޖަމްޢިއްޔަތުއް ނޫރަށް ޝުކުރު ދެންނެވިއެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައި ހުރި ޕީކޭ ރިލީފް ފަންޑަށް މިހާތަނަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ޕީކޭ ރިލީފް ފަންޑުން ހާމަކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ