Share

ފަންޑިތަވެރި އެދުރުން ކުޅެލާނެ ވިސްނުމާ

ފަންޑިތަވެރި އެދުރުން ކުޅެލާނެ ވިސްނުމާ
ރިދަހިޔަ

ޚަބަރު ފަތުރާ އޭޖެންސީ، ރޮއިޓާޒް އިން މިދިޔަ ހުކުރު ދުވަހު އާދެ، ޖެނުވަރީ 23 ވަނަ ދުވަހު، ޚަބަރުދިންގޮތުގައި، ހަތިޔާރުން ބިރުދައްކައިގެން ފޭރެން އުޅުނުކަމުގެ ތުހުމަތުގައި، ނައިޖީރިޔާގެ ފުލުހުން ބަކައްޓެއް ހައްޔަރުކޮށްފިއެވެ. ކަޅާއި ހުދު މި ބަކަރި، އަތުލައިގަތް މީހުން އެސޮރު ގެންގޮސް، ފުލުހުންނާއި ޙަވާލުކުރަމުން ބުނީ، އެ މީހުން އަތުލި ބަކައްޓަކީ، މަޒްޑާ ކާރެއް ފޭރިގަތް މީހެއް ކަމަށާއި، ފަންޑިތަ ހަދައިގެން އޭނާ އަމިއްލަޔަށް ބަކައްޓަކަށް ބަދަލުވީ ކަމަށެވެ. ކޮންމެޔަކަސް، ބަކަރި ވަނީ ފުލުހުންގެ ހައްޔަރުގައެވެ.

މިހާރު ފުލުސް ސްޓޭޝަނަށް، މި ނުލަފާ ބަކަރި ދެކެލުމަށް މީހުން ޒިޔާރަތްކުރަމުން ދާކަމަށް ވެއެވެ. މި ބަކަރީގެ ފޮޓޯވަނީ އެ ގައުމުގެ ގައުމީ، ދުވަހުނޫހެއްގެ ބޭރުގަނޑުގައި ވެސް ޖަހާފައެވެ. ނައިޖީރިޔާއަކީ މިބާވަތު ގަބޫލްކުރުންތައް ޤަބޫލުކުރުން ޢާއްމު ގައުމެކެވެ. ފަންޑިތަވެރިންނަކީ އެގައުމުގައި ވަރަށް ބަސްވިކޭ ނުފޫޒުގަދަ ބައެއް ކަމަށް ވެއެވެ.

ނައިޖީރިޔާ ނޫނަކަސް، ދިވެހިންނަކީވެސް މިބާވަތުގެ ޚުރާފާތުގެ އަމަލަށް ނިކަން ވަރު ހުންނަ ބައެކެވެ. މިއަތޮޅު ސްކޫލެއްގެ ދަރިވަރުން ހޭނެތޭތީވެ ފަންޑިތަވެރިން ގެނެސް ސްކޫލްގެ ގޯތިތެރެ ކޮނެ، ރީތިގަހެއް ކަނޑާ ބިމާ ހަމަކޮށްލިތާ މާގިނަ ދުވަހެއް ނުވެއެވެ. މިދިޔަ ހަފުތާގައި ނޫހުގައި ރިޕޯޓްކޮށްފައި އޮތީ، މަސްވެރި ފަންޑިތަވެރިއެއް، ކުޑައަންހެން ކުއްޖަކަށް ފަންޑިތަ ހަދަމުން ރޭޕްކުރިވާހަކަ އެވެ!!

މީހުން ދައްކާހާ ވާހަކައެއް އަމިއްލަ ސިކުނޑިން ވަޒަން ނުކޮށް ގަބޫލުކުރުމީ، ﷲ ތަޢާލާ އިންސާނާއަށް ދެއްވާފައިވާ މަތިވެރި ނިޢުމަތްކަމަށްވާ، ބުއްދިއަށް ކުރެވޭ މަލާމާތަކަށް ނޫނީ ނުވާނެއެވެ.

އިބްރާހީމް ހިލްމީ ދީދީ ސިފަކުރައްވާ، މަނުކާޅޭ އެދުރުން ސްޓައިލްގެ ފަންޑިތަވެރިންނާއި ޚިލާފަށް، ސީޔާސީ ފަންޑިތަވެރިންގެ ޒަމާން މިއޮތީ އައިސް ފައެވެ. މަނުކާޅޭ އެދުރުން ރިހަބަތްގަނޑަކަށް ދަހިލަވަމުން ދުވި ގޮތަށް، ދިރިއުޅުން ރަގަޅުކުރުމަށް ކުރަންވީ ކަންކަމާއި، ކުރާނެ ކަންކަމުގެ ވާހަކަ ދައްކަމުން، ވޯޓަށް ދަހިލަވަމުން ހިނގުން އެއީ، މި ބުނި ސިޔާސީ ފަންޑިތަވެރިންގެ މަސައްކަތެވެ.

ކުރާ ވަޢުދުތަކާއި، ހުށަހަޅާ ހައްލުތަކާއި، ދިފާޢުވާން ދައްކާ ޙުއްޖަތްތައް އަމިއްލަ ސިކުނޑިން ކިރާވަޒަންކުރަން އެބަ ޖެހެއެވެ. އެހެންނޫނީ ސިޔާސީ ފަންޑިތަވެރިޔާ މުޅި ޤައުމު ރޭޕްކޮށް ހަފުސް ކޮށްލަފާނެއެވެ. ވޯޓްދިނުމުގެ ކުރިން ވޯޓް މިދެވެނީ ޙަޤީޤަތުގައި ވެސް ތަންދޮރު ދަންނަ، މީހަކަށްތޯ ބެލުން ބުއްދިވެރިއެވެ. ނޫން ނަމަ، އެއްކަލަ ރޭ “ރާއްޖެ މިއަދު” ޕްރޮގުރާމަށް އަރައި، އެއިން ޢިއްޒަތްތެރި މެންބަރު ބުނި ކަހަލަ ވާހަކައެއް ބުނެފާނެ މީހަކަށް ވޯޓް ދެވި ދާނެއެވެ. މި ބުނި މެންބަރު ބުނީ، މެންބަރުންގެ ޗުއްޓީއަށް ވޯޓްދެވުނީ، ވާނުވާ ނޭގިގެން ކަމަށެވެ!

ވާނުވާ އެނގޭނީ، ތަންދޮރު އެނގޭނަމައެވެ. ތަންދޮރު އެނގޭނީ ހަމަހޭގައި ތިބޭނަމައެވެ. ހަމަހޭގައި ތިބެވޭނީ ޢިލްމާއި ޙިލްމު ހުރިނަމައެވެ. އަހަރެމެން ވޯޓްދީގެން ހޮވާމީހުން ވާންޖެހޭނީ، ޙަވާލުކުރެވޭ މަސައްކަތް ދަންނަ ބަޔަކަށެވެ.ވާހަކަ ދައްކަން އެނގޭ ބަޔަކަށެވެ. ރަށަށް އުފަންވިޔަސް، އެއީ އަދި ވޯޓްދޭން ޖެހޭވަރުގެ ކަމެއް ނޫނެވެ. މިސްކިތުގައި ފާޚާނާބަރިއެއް ހަދައި ދިނަސް ކުލަބަށް ވިހި ބޯޅަ ހަދިޔާކުރިޔަސް، އަދި ކިޔެއްހެއްޔެވެ؟ ޓީމަށް ވިހިހާސް ރުފިޔާދިނަސް، ވޯޓް ވާން ޖެހޭނީ ވޯޓަށެވެ. އެ ދޭންޖެހޭނީ، ތަންދޮރު ދަންނަ ވަކާލާތު ކުރަން ކެރޭ މީހާއަށެވެ. ސުވާލުކުރާށެވެ. ކުރާ ސުވާލަށް ދޭ ޖަވާބު، ބުއްދިން ވަޒަން ކޮށްލާފައި ގޮތެއް ނިންމާށެވެ. ކަމެއް ކޮށްދިނީތީ ވޯޓް ދިނުމުގެ ބޭނުމެއް ނެތެވެ.

ތަކެއްޗާއި ފައިސާގެ އެހީ އެއީ ސިޔާސީ ފަންޑިތަވެރިންގެ އުކުޅެކެވެ. ހަމަ އެގޮތަށް، ފޮނި ވަޢުދުތަކަކީވެސް އެމީހުންގެ އުކުޅެކެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް މިބުނާ ސިޔާސީ ފަންޑިތަވެރިންނަށް، އެޅިހާ ބަތަކަށް ރިހަވެވިފައި ތިބި ވަރަކީ، ހައިރާންވާން ޖެހޭ މިންވަރެކެވެ. ފަންޑިތައެއްގެ އަސަރުން ކަނުވެފައިވާ މިހެކޭ އެއްގޮތަށް، ތިމާ ގަޔާވާ ސިޔާސީމީހުން ބުނާ ކޮންމެ އެއްޗެއް ދެވަނަ ވިސްނުމަކާއި ނުލައި ޤަބޫލުކުރެއެވެ. ނައިޖީރިޔާގެ ބައެއް މީހުން އެއްކަލަ ބަކަރި އެއީ އިންސާނެއްކަމަށް ގަބޫލުކުރަނީ އެމީހުން ފަންޑިތަވެރިންނަށް ކުރާ އިތުބާރަކުންނެވެ.

‮ ‬12‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ފަރކާޅު‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    ރާއްޖޭގަ ދެން މިހާރު އިތުބާރުކުރާނެ ސިޔާސީ މީހެއް ބުނެބަލަ. އަބުރެއް ގަދަރެއް އޮތް މީހަކު ވަސް ހިޔެއް ނުވޭ އުޅޭހެނެއް. އެމީހުން ގެ ބަހުރުވައިން ބުނާ ނަމަ ފަސްބައި ހަޑިވެފަ އެންމެން ވަސް. އެހެންވީމަ ގައުމު މިއޮތީ އަޚްލާޤީ ޗަކަސްގަނޑަކަށް ވެއްޓިފަ.

  2. ފަންޑިތަވެރިއާ‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    އޭ ފަރކާޅު ރާއްޖޭގެ އެންމެގިނަމީހުން އިތުބާރުކުރާ ސިޔާސީ މީހެއް އެހެރީދައްކާފައެއްނު ރާއްޖޭގެ ރައްޔިތުން ހެ ހެ ހެ ހެ ހޭ!

  3. ވަޒޭ‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    ފންޑިތަވެރިންނަކަށް ސިޔާސީ ކަންކަމެއް ނޭންގޭނެ. ފަރކާޅު އޭބުނީ ތެދެއް، މިހާރު ވާރެކޮޅެއް ވެހިއްޖެއްޔާ އޮންނަނީ ޗަކަވެފަ..

  4. ކާފަ‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    ފަންޑިތަވެރިޔާ ތިބުނާ މީހާއަށް ސަޕޯޓްކުރި މީހުން މިހާރު ކީއްވެ ކަމަކުނުދެޔޭ ގޮވަމުން އެދަނީ. އެއީ މިލިޔުމުގައި އެވާގޮތަށް ދައްކާވާހަކައާއި މެދު ފުންކޮށްނުވިސްނާ ވޯޓްދިނީމައިވާގޮތް.

  5. ހިނިތޮރުފާ‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    ރަގަޅަސް، ނުރަގަޅަސް ފަސްއަހަރު ކެއްކޮށްލާ. 30 އަހަރުވައްދެން އުޅުނު ވޭނުގައި އަދި ފަސްއަހަރުތިބުމަކީމާ ދަތިކަމެއްނޫނޭނުން!!!!!!! ހަމަޖެހޭ ހުރިހާކަމެއްވެސް އެދަނީރަގަޅައް މުސްކުޅިންބުނާއަޑުއަހަމެއްނުން “ގޯސްކޮށެއްނުވެއްވާނެއޭ” ފަސްއަހަރުނިމުނީމަބަލަންތިބޭ. އެހެންނޫނަސް މިހާރުދެން އިތުރަށްގޯސްވާންއޮތީ ބާކީކޮންކަމެއްބާ؟ ދިވެހިން ހަލާކުވީ ހަމައަމިއްލަޔައް! އަދި މިކަމުން ހަމައެކަނިސަލާމައްވެވޭނީވެސް ހުރިހާ ދިވެހިންނައެކެއްޗެއް ކިއުނުދުވަހަކުން! ވިސްނާ ވިސްނާ ކުދިންނޭ ދެންވެސް ހޭއަރާބަލަ! މިސާލަކަށް އަހުރަމެ ކުޅޫދުއްފުށީގެ ހައްގުގާ ޖިހާދުކުރި މީހުންއެތިބީ މިހާރުވެސް ޖަލުގައި، އަހުރަމެއްނަން އެމީހުންގެ ހިމާޔަތައްކޮދެވުނީ ކޮންކަމެއް؟ އަދިވެސްތިތިބީ ޕާޓޭގެ ފަޅީގައި!

  6. ފަރިކާޅު‮ ‬ވިދާޅުވީ


    ތާރީޚް:29/01/2009

    ފަންޑިތަވެރިޔާ! އެޔޭ ނޫންތަ މި ލިޔުމުގަ ވަސް އެ ބުނާ ވާހަކައަކީ؟ ފަންޑިތަ ހަދާލިލެއް މޮޅުކަމުން ގިނަ މީހުންނަށް އޮޅުނީޔޭ މި ކިޔަނީ. މަށަށް ވަސް އޮޅުނީ. ވަރަށް ބާރުގަދަ އެއްޗެއް އެއީ.

  7. ސަރަ‮ ‬ވިދާޅުވީ


    ތާރީޚް:30/01/2009

    ވޯޓް ދިނުމުގެ ކުރިން އެމީހަކީ ތައުލީމީ މީހެއްތޯ ބަލާށެވެ. މިހާރުގެ ސިޔާސީ ފައްޑިތަ ވެރިންނަކީ ކިޔަވައިގެން ތިބިބައެކެވެ. ދެންއޮތީ އމީހަކީ ހިކުއަމަލީ މީހެއްތޯ ބެލުމެވެ. އެމީހެއްގެ ފަސްބައި ބެލުމީ ވަރަން މުހިއްމު ކަމެކެވެ. އަމަލީ ތަޖުރިބާ އަކީ ވޯޓުގެ ކުރައިޓީރިއާ ކަމުގައި ހަދާށެވެ. ވޯޓް އެއީ އެޚުޓީވިސްޓޫންނަން ދޭ އެއްޗެއްގެ ބަދަލުގައި ވަކާލާތު ކުރާ މީހާޔަން ދޭއެއްޗަކަން ހެދުން މުހިއްމެވެ.

  8. އިލެކްޝަންސް ކޮމިޝަނުން‮ ‬ވިދާޅުވީ


    ތާރީޚް:30/01/2009

    މަޖިލީހުގައި މިހާރުވެސް އެތިބީ ވަކާލާތު ކުރާ މީހުން
    ތަނެއްދޮރެއް ކިޔޭ ނުކިޔޭއެއް، ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ފެންވަރުގެ މީހުން،
    ބަލަ އެލިބޭ ލާރިކޮޅު ލިބެންޏާ އެއްޗެއް ނޭނގުނަކަސް ކޮންމެ މީހަކުވެސް ކުރިމަތި ލާންވީނު،
    ހާދަ ލާރިއެކޭ، ފަސް އަހަރުން ހާދަ އެއްޗެއް ލިބޭނޭ، އެހެންވެޔޭ ނޫންތަ އެ ތެޅި މަރުވަނީ،
    ވޯޓޫ ލާންތިބި މީހުންވަސް، އެމީހަކަށް ފައިދާ ބޮޑު ގޮތަކަށް ވޯޓު ލުން، މީހުންގެ ވިސްނުމުގަ މިހުންނަނީ،
    މަޖިލީހަކީ ކޮންމެހެން ފިލްމުސްޓާރުން، ރިސޯޓުއޯނަރުން، މުއްސަނދިން، ނޫނީ މަޝްހޫރު މީހުން ތިބެން ޖެހޭ ތަނެއް ނޫން،
    އެއީ، ޤާނޫނީޢިލްމު އެނގޭ، ރައްޔިތުންގެ ފައިދާއަށް ވަކާލާތު ކުރެވޭނެ މީހުން ތިބެން ޖެހޭނެ ތަނެއް
    އެވިސްނުން މީހުންގެ ނުހުންނަނީ އަދި

  9. ސަފަރުކަތްދަ‮ ‬ވިދާޅުވީ


    ތާރީޚް:30/01/2009

    ވޯޓްދިނުމުގެ ކުރިން އެންމެ ބޮޑަށް ވިސްނަންވީ އެމީހެއްގެ ދީންވެރިކަމާއި އަޚްލާޤާއި ތެދުވެރިކަމާއި ކެތްތެރިކަން ދެން ބަސްމުށޮންތެރިކަމަށް ދެން ތަޢުލީމަށް. މިއިން އެންމެކަމެއް މަދުވިޔަސް ކަމަކުނުދާނެ. މިސާލަކަށް: އެމީހަކީ ފަސޭހަކަމާއި އެކު ވާހަކަނުދެއްކޭ މީހެއްނަމަ އެތަށްވަގުތެއް ބުނަންއުޅޭއެއްޗެއް ނުބުނެވިގެން ބޭކާރުކޮށްލާނެ. އަޚްލާޤެއްނެތިއްޔާ މޭޒުމައްޗަށް ކޮޅަށް އަރާ ހަލޭލަވާނެ. ޢިލްމެއް ނެތިއްޔާ ހީވާނީ މޮޔައަކު ދޫކޮށްލީމައި ހިތުހުރިހާއެއްޗެއްގޮވަމުންދާ އުސޫލުން ކަމާނުބެހޭ އެތައް ކޮހެއްގޮވާނެ. ދެންވާނެ ގޮތަކީ އަންނި ކުޅުދުއްފުށީގައި އޮތް ޖަލްސާއެއްގަ ބުނިހެން އަޅުގަނޑުގެ ދަރިފުޅުވެސް “ގލބލ ގޮވައޭ” ބުނާނީ އެތައް އާންމުންނެއްގެ ކުރިމަތީގައި. ފަހުން ޖެހޭނީ އެހެންމީހުން އެކަމާއި ލަދުން އުޅެން.

  10. ހިނިތޮރުފާ‮ ‬ވިދާޅުވީ


    ތާރީޚް:30/01/2009

    ފަސްބަޔަކީ ބައެއްފަހަރު ތިމާ އަމިއްލަޔައް ހަޑިކުރާއެއްޗެއް އަދި ފަސްބަޔަކީ އެއިރެއްގައި ބާރުހުރި މީހާ އެހެންމީހުގެފަސް ބައި ހަޑިކުރޭވޭއެއްޗެ އެހެއްނޫންތޯ
    އަދި ބުނަން އެހަދަމަގާމަކަށް ހަމައެކަނި ބޭނުންވަނީ އިލްމެއްނޫން
    އިލްމާއި ހިލްމުވެސް ބޭނުންވޭ. ވިސްނަބަލަ ކިތަންމެވަރަކަށް އިލްމުހޯދިއަސް އަމަލީގޮތުން އެކަމެއްކުރަން ނޭގޭމީހާގެމިސާލަކީ ފޮތްއަޅާ ފުރާފައި ހުރި އަލަމާރީގެ މިސާލު.

  11. ދުންފަތްނާށި‮ ‬ވިދާޅުވީ


    ތާރީޚް:31/01/2009

    ފަންޑިތަޔަށް ހެއްލޭކަށް ނުވާނެ. އެކަމަކު އަހަންނަކަށް މި ކުޅުދުއްފުށިން ކުރިމަތި ލައިގެން މި އުޅޭ މީހުން ފުށަކުން އަދި ނުފެނޭ ތިޔާ ބުނާ ކަހަލަ ފަންޑިތަވެރި ވާހަކައެއް ދައްކާއްޗެއްވަސް. ދެން ކުރިމަތިލާ މީހަކު އެންމެ ރަނގަޅުތާ ދޯ ފަންޑިތައަކަށޭ ކިޔާފަ ނަމަ ވަސް އަހަރެމެން މަގުމަތިން ފެނުނީމަ ނިތް އަރުވާލަން ވަސް. އެވަރު ވަސް ވަނިއްޔެއް ނޫން.

  12. ރީހާން‮ ‬ވިދާޅުވީ


    ތާރީޚް:31/01/2009

    ހޫނ! މަ ނޫޅެން ތި ސިޔާސީ ވާހަކަ ދައްކާކަށް!

    ދެން މި ބަކަށްޓަށް ފުލުހުން މިހާރު ހެދީ ކިހިނެއްބާވަ އޭ މަހިތަށް އަރަނި! ބަކަށްޓާ ބެހޭ އިތުރު ހަބަރެއް ތީން އެއްވެސް ކުޖަކަށް ނޭގޭތަ؟