3 ވަނަ ޔޫތް ސްވިމިންގ މުބާރާތް 2009 ކުޅުދުއްފުށީގައި މިހާރު ފެށިގެން ކުރިޔަށް އެބަދެއެވެ. މިމުބާރާތަކީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގުޅިގެން ބާއްވާ މުބާރާތެކެވެ.
3 ދުވަހުގެ މުއްދަތަކަށް ކުރިޔަށްދާ މިމުބާރާތުގައި ޢާއްމު ފެތުންތެރިންގެ ގޮތުގަޔާއި ޓީމް އިވެންޓްގެ ގޮތުގައި ފެތުންތެރިން ވާދަކުރެއެވެ. އެގޮތުން 3 އުމުރު ފުރާޔަކުން ޖުމްލަ 39 ފެތުންތެރިން ޢާއްމު ފެތުންތެރިންގެ ގޮތުގައި ވާދަކުރެއެވެ. އެއީ 13 އަހަރުންދަށުން 7 ފެތުންތެރިން، 16 އަހަރުގެ އުމުރުފުރާއިން 15 ފެތުންތެރިންނާއި އަދި 16 އަހަރުންމަތީގެ 17 ފެތުންތެރިންނެވެ. އަދި މީގެ އިތުރުން ޓީމް އިވެންޓްގެ ގޮތުގައި 9 ޓީމަކުން ޖުމްލަ 50 ފެތުންތެރިން ވާދަކުރެއެވެ. އެއީ ރޫޙް، އެޗް.ޓޫ.އޯ، ފުލައްބަރު، ޓައިމްޒޯން، ނިއުއޭޖް، ނިއުއޭޖް އިންވިސިބަލް، ކޮރަލް، ކޮރަލްޑްރޯ އަދި ބީޓާ ކޮރަލްއެވެ.
އަގުހުރި އިނާމްތަކެއް ކަނޑައެޅިފައިވާ މުބާރާތުގެ ޢާއްމު ފެތުންތެރިންގެ ބައިންނާއި ޓީމްތަކުގެ ފެތުންތެރިންގެ ބައިން ކޮންމެ އިވެންޓަކުން އެއްވަނަ ފެތުންތެރިޔާއަށް ގޯލްޑް މެޑަލް އަދި ސެޓްފިކެޓް، ކޮންމެ އިވެންޓަކުން 2 ވަނަ ފެތުންތެރިޔާއަށް ސިލްވާ މެޑަލް އަދި ސެޓްފިކެޓް އަދި މީގެ އިތުރުން 3 ވަނަ ފެތުންތެރިޔާއަށް ބްރޮންޒް މެޑަލްއާއި ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވެއެވެ. ޓީމް ތަކުގެ ބައިން އަންހެން އަދި ފިރިހެން ޓީމަކަށް -/5000 ރުފިޔާ، 2 ވަނަ ޓީމަކަށް -/3000 ރުފިޔާ އަދި 3 ވަނަ ޓީމަކަށް -/1000 ރުފިޔާ ދިނުމަށް ކަނޑައެޅިފައިވެއެވެ.
މީގެ އިތުރުން ޢާއްމު ފެތުންތެރިންގެ ބައިން ކޮންމެ އުމުރު ފުރާޔަކުން އަންހެން އަދި ފިރިހެން 1 ވަނަ ފެތުންތެރިޔަކަށް -/500 ރުފިޔާ، 2 ވަނަ ފެތުންތެރިޔަކަށް -/300 ރުފިޔާ އަދި 3 ވަނަ ފެތުންތެރިޔަކަށް -/200 ރުފިޔާ ދިނުމަށް ކަނޑައެޅިފައިވެއެވެ. މިމުބާރާތުގެ ދިގު ފެތުމުގެ އިވެންޓުން އަންހެން އަދި ފިރިހެން 1 ވަނަ ފެތުންތެރިޔަކަށް -/1000 ރުފިޔާ، 2 ވަނަ ފެތުންތެރިޔަކަށް -/750 ރުފިޔާ އަދި 3 ވަނަ ފެތުންތެރިޔަކަށް -/500 ރުފިޔާ އާއި މެޑަލް އަދި ސެޓްފިކެޓް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާރޭ 8 ޖަހާއިރުކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ހާމަކުރައްވައެވެ. މިރަސްމިއްޔާތު އޮންނާނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ.

އާދަމް ފަޔާޒު ވިދާޅުވީ
ތާރީޚް:06/02/2009
ޔޫތު ސްވިމިންގ އެއީ ކޯޗެއްތޯ؟
ޢަލީ ވިދާޅުވީ
ތާރީޚް:07/02/2009
ދޮގެއް ނޫން. ޔޫތު ސްވިމިންގ އެއީ އަނެއްކާ ކޯޗެއްބާ؟ އެބުނަނީ ޒުވާނުންގެ ފެތުމުގެ މުބާރާތެއްގެ ވާހަކަ ނަމަ، ދިވެހިބަހުން ކިޔާގޮތަށް ނުކިޔަނީ ކީއްވެބާ؟ އަނެއްކާ އެގޮތަށް ދިވެހި ބަހުން ކީމައި އެކަކުވެސް ފަތަން ނުގޮސްފާނެތީ ކަންނޭނގެ ދޮއްތޮ؟ ކުޅިވަރު މުބާރާތަކަށް ވިއްޔާ، މިހާރު މުޅިންވެސް ނަން މި ކިޔަނީ އިނގިރޭސި ބަހުން. މި ކަމުގެ ޙިކްމަތަކީ ކޮބައިބާ؟ ކުދިންގެ ބުންވަރު ރަނގަޅު ވާނީ އެގޮތަށް ނަން ކީމާ ކަން ނޭނގެ ދޮއްތޮ؟
ކުޅުދުއްފުށީގެ ހުރިހާކުދިން ސްވިމިންގ ނުކޮށް ފަތަން ދަސްކުރާނެ ކަމަށް ހީކުރަން.
ސްވިމް ފޭން ވިދާޅުވީ
ތާރީޚް:07/02/2009
މިކަހަލަ މުބާރާތްތައް ބޭއްވުމަކީ ވަރަށް ރަނގަޅުކަމެއް. މިރަށުގައި ގެއްލިފައި ތިބި ބަޠަލުން ފެންނާނެ މިކަހަލަ ޙަރަކާތްތަކުގެ ސަބަބުން. ދެން ޔޫތު ސުވިމު ނޭނގިގެން އުޅޭ މީހުންގާތުގަ ބުނެލަންބޭނުންވަނީ ކަލޭމެން ދާށޭ މަލިކަށް. ދިވެހިކަނޑުތަކުގަ މިހާރު ފަތާމީހުނެއް ނޫޅެޔޭ، އުޅެނީ ސްވިމްކުރާ ކުދިންނޭ، މިހާރު ކޯމަހެއް ވެސް ނޫޅެޔޭ، އުޅެނީ ޑޮލްފިން ކިޔާ އެއްޗެއް، ދެން ފާޑުފާޑުގެ ފިޝް. މަލިކަށް ދާށޭ މި ބުނިކަމަކީ މަލިކަކީ އިންޑިޔާ ރަށަކަށްވާތި އިންޑިޔާ ސަރުކާރުން އޮތީ އެރަށު މީހުން ވާހަކަދައްކާ ބަސް ރައްކާތެރިކޮށް ހިމާޔަތްކޮށްފަ އެހެންވެގެން.
މަލިކު މީހުންނަކީ ކަނޑުގަ ފަތާ ބަޔެކޭނުން ދޯ؟ އެހެންވެ މިބުނީ މަލިކަށް ދާށޭ.
އިބްރާހިމް މޫސާ ވިދާޅުވީ
ތާރީޚް:07/02/2009
މިހާރު ދިވެހި ވެށީގައި މުޅިންވެސް މިހުންނަނީ އިނގިރޭސި އެއްޗެތި. ގޮނޑުދޮށެއް ނޯވޭ އޮންނަނީ ބީޗް. ފަރެއް ނޯވޭ އޮންނަނީ ރީފް. ފަޅެއް ނޯވޭ އޮންނަނީ ރީތި ލެގޫން އެއް. ދިވެހިން ދިވެހިބަހާއި ސަގާފަތް ހިމާޔަތްކޮށް އެއަށް ފަޚްރުވެރި ވަނީ ޖަލްސާތަކުގައި އެކަނި. ދެން ދިވެހި ލިބާހެއް ލައިގެން ބަތްޕޮޅި ހިފައިގެން ނަށާފާނެ. ކާބަފައި ދިވެހިން ބަތްޕޮޅި ހިފައިގެން ނަށާކަމެއް ނުދެނެހުރިން.
ނާއިޒް ވިދާޅުވީ
ތާރީޚް:07/02/2009
އޭ. އަދި ޓާރޓްލް ކިޔާ އެއްޗަކާއި ބިއުޓިފުލް ކޮރަލްސް ކިޔާ އެއްޗެއްވެސް މިފަހަކަށް އައިސް ރާއްޖޭގެ ފަރާއި ކަނޑުފަޅުގައި ހުރެޔޯ. އެވެދާނެ ދޯ ތިމާވެށީގެ މައްސަލަޔަކަށް ވެސް. މައުމޫން ވެއްޖެ ތިމާވެށީގެ ޖަލްސާއަކަށް ބޭރަށް ވަޑައިގެން. އެމަނިކުފާނު މި މައްސަލައަށް ވާހަކަފުޅު ދައްކަވާނެބާ؟
ބްރިޓިޝް އެޑިޔުކޭޓެޑް ގަޔި ވިދާޅުވީ
ތާރީޚް:07/02/2009
މަވާ ހީކުރީ އަނެއް ދިވެހިރާއްޖޭގާ ވާހަކަދައްކާނީ ރީތި ދިވެހިބަހުން ކަމަށް. އެއިރު ނިކަން ޗާލު ދިވެހި ބަހުން، ގުލްޗަންޕާ ޖަގަހައިގަ ހިޔަނި ކެބިނެޓު ބޭފުޅުން ވަލީ ކޮމެޓީގެ ލަފަޔާ އިރުޝާދު ލިބިގެން، ވަރަށް ފޯރީގަ ވާހަކަދައްކާ އަޑު އިވުން.
އެކަމަކު އަނެއް ދިވެހިރާއްޖެއަށް އާދެވުމުން، ސްޕެޝަލް އެންވޯއި ޓުދަ ޕްރެސިޑެންޓާ، އެޑްވައިޒާ ޓުދަ ޕްރެޒިޑެންޓް ފަދަ ބޭފުޅުން ޕްރެޒިޑެންޓަކަށް މިކަހަލަ ދިވެހި މަޝްވަރާއެއް ނުދޭ.
ޢަލީ ވިދާޅުވީ
ތާރީޚް:07/02/2009
އެވާނީ ބްރިޓިޝް އެޑިޔުކޭޓެޑް އެޑްވައިޒަރަކާއި އެންވޯއީއެއް އަދި ކޮންވޯއީ އަކާއި ކޮވީނަރެއް، އަދި ކައުންސިލަރެއް ހަމަޖެއްސެވީމަ ވީ ގޮތަކަށް. ރާއިސް ވިދާޅުވި ދިވެހިންނާއި މިތަނުގެ ކަނޑުފަޅު އެންމެ ރަގަޅަށް އެނގޭނީ ހޮޅުއަށީގައި އޮންނަ މަސްވެރިޔާއަށޭ، އެކަމަކު ބޮޑު މުސާރަ ދޭންވީމާ މަގާމު މިދިނީ ބްރިޓިޝް އެޑިޔުކޭޓެޑް އަށް.
ބްރިޓިޝް އެޑިޔުކޭޓެޑް ގަޔި ވިދާޅުވީ
ތާރީޚް:07/02/2009
އާން ދިވެހިންގެ ސަގާފީ ކުޅިވަރެކޭ ކިޔާފަ ބަތްޕޮޅި ހިފައިގެން ފޭކު ނެށުމެއް ޖައްސާނެ ކޮންމެ ފަހަރަކު. ދެން އެކަކަށް ވެސް މީ ފޭކެއް ކަމެއް ރިއަލައިޒެއް ނުވޭ. ސަގާފަތާ ދޭތެރޭގަ ކަންބޮޑުވާ ލިޔުންތެރިން ވެސް ކަންބޮޑުވަނީ، ސައުދި އަރަބިޔާ ސަގާފަތާ ދެކުނު އޭސިޔާގެ އޮރި ސަގާފަތް ދެކެ.
މެކުނި ވިދާޅުވީ
ތާރީޚް:07/02/2009
އާނ. މަށަށް ވެސް ކިޔަނީ ސްޕައިޑާ މިހާރު. ކުއްތާ އެއީ އަވަގުރާނެއް. ވީމާ އެސޮރަށް މި ކިޔަނީ ޑޯގް. ދިވެހިން ހީކުރަނީ އިނގީރޭސި ބަހެއް ބޭނުންކޮށްފިއްޔާ، ހަތް ދަރަޖަ މައްޗަށް އެކަމެއް ނޫނީ އެއްޗެއް އަރާނެޔޭ. ޔޫތު ސްވިމިންގ ކީމަ އެޔޮތީ އިންޓަނޭޝަނަލް ވެފަ އެއްނު،
ގަމަރިއްޔަތު ވިދާޅުވީ
ތާރީޚް:07/02/2009
އިންޓަނޭޝަނަލް..؟ ތިޔާ މިހާރު ދުލުގަ ހިފާ ދަމަނީ. މިހާރު ތިޔާކަމަކާ ވަސް އަހަން ބޯ ގޮވައިފި. މިފަހަރު ހައްޖައް ދާން މި ޖެހެނީ ވަސް އެހެންޏާ ނުދާ ތާކަށް. މެއްކާ މެޑީނާޔަށޯ.. ބާކީ ހުރި ލާރިކޮޅު އަޅާލީ ގާޒާ ފަންޑަށް.. ކަންދައްކާކަށް ނޫން މިހެން މި ކިޔަނީ.
މެކުނި ވިދާޅުވީ
ތާރީޚް:07/02/2009
އާނ އަދި މެއްކާގައި، ކާބާ ވަށައިގެން ސަކަމްނެވިގޭޓް ވެސް ކުރާނެޔޯ ޒުވާން ސޮރުމެން ކިޔާ! ދެން މުޒްޑަލިފާގައި އޯވަރ ނައިޓް ކޮށްފައި. އެރެފަޓް ގައި ސްޓޭކޮށްފައި. މޫދުގައި ސްވިމް ކޮށްފައި. އެވްރީ ޗައިލްޑް ރީޑްސް ކޮށްފައި. މިވަނީ ފަހެ ކިޔެއްތަ
ޢަލީ ވިދާޅުވީ
ތާރީޚް:07/02/2009
ކަލޯ މެކުންޏާ.. ސޮރީ ސްޕައިޑާ! އިހަށްދުވަހު ދިމާވި އިއްޒަތްތެރިއެއް، ވާހަކަފުޅު ދައކަވާއިރު، ދިގު ޕެރެގިރާމް ހުރި ގޮތަށް އިނގިރޭސި ބަހުން ވިދާޅުވޭ. ދެން މަ ހައިރާންވީ އެވާހަކަތައް ހަމަ ދިވެހި ބަހުން އަނެއްކާ ވިދާޅުވާތި. އެއީ ކުޅަދާނަ ތަރުޖަމާނެއް.
ނާއިޒް ވިދާޅުވީ
ތާރީޚް:07/02/2009
ބައެއް މީހުން ހީކުރަނީ އިގިރޭސިބަހުން ޖުމްލަޔާއި ޕެރެގިރާފް އަދި ލަފުޒް ކިޔުން ގިނަކުރިވަރަކަށް ތިމަންނަގެ އިއްޒަތް އަރަނީ މައްޗަށޭ. އަދި އިނގިރޭސިބަހުން މުބާރާތްތަކަށް ނަންކީމައި މުބާރާތުގެ ހައިބަތު ބޮޑުވެ، މުބާރާތް ބާއްވާ ފަރާތުގެ ތަހުޒީބުކަން އިތުރުވާނެޔޭ
ޗެލާ ވިދާޅުވީ
ތާރީޚް:07/02/2009
ވަރަށް ފަހުން ރާއްޖޭގަ ބޭއްވި އޭލެވެލް ގަދަ ދިހަޔެއް ފާޅުކުރި ޖަލްސާގަ ކުދިންގެ ނަންތައް ގޮވަން ހުރި ބޭފުޅާ ގޮވިއަޑު އެހިން ޔަވިޔަނި އަތޮޅެއްގެ ވާހަކަ ވެސް. ކޮން ޔަވިޔަންޏެއްބާ؟ ހަށަނަރަޔަށް އިތުރު އަކުރެއް ލެއްގީތަ؟ މަށަކީ ޏަވިޔަނި އަތޮޅު ޓީމު މީހެއް ނަމަ މައްސަލަ ވެސް ޖެއްސީމުސް
ލިންގުވިސްޓް ވިދާޅުވީ
ތާރީޚް:07/02/2009
އަދި އެޔޮއް ނެރޭ ‘ޜ’ގެ އަޑަކާއި އެޔޮއްނެރޭ ‘ޓ’ ގެ އަޑެއްތާދޯ. މަށަށް ހީވަނީ ދިވެހި ބަސް ކިޔަވައިދޭއިރު އަކުރުތަކުގެ އަޑުތައް ވެސް ކިޔަވައިދޭން ވެއްޖެހެން. އިނގިރޭސި ކިޔަވައިދޭ ފޮތްފޮތުގައި ހުރޭ އެ ބައިވެސް ހިމަނާފައި. ދިވެހިންނަށް ދިވެހިބަސް މިހާރު އެއީ ކޮންމެވެސް ވަރަކަށް، ބިދޭސީ އެއްޗަކަށް ވެއްޖެ.
ޗެލާ ވިދާޅުވީ
ތާރީޚް:07/02/2009
މަޖިލީހުގަ ވެސް ޒުވާބުކުރާތި ފެނޭ ރަށު ބަހުރުވައިން ވާހަކަ ނުދެއްކެނިއްޔޭ ކޔައިގެން. އެކަމަކު ހަމަ އެގޮތަށް ޒުވާބުކުރާ މީހުން އެހާ އިނގިރޭސިވެގެން އުޅޭތި ކަމު ނުދަނީ.
އިބްރާހިމް މޫސާ ވިދާޅުވީ
ތާރީޚް:07/02/2009
ޏަވިޔަނި، ޔާއަށް އެބަ ބަދަލުކުރޭ ލިޔާއިރުގައިވެސް. ރަސްމީލިޔުންތަކުގައިވެސް.ޓީވީގެ އިސްކިރީނަށް ވެސް އެބަ އަރުވާ އެގޮތަށް ލިޔެފައި! ދެން ބުނަންއޮތީ، މޮޅުމީހުން ދިވެހި ބަހުން ވާހަކަދައްކާއިރު ދައްކާނީ ދިވެހި ބަހުންނޭ. އިނގިރޭސިބަހުން ދައްކާއިރު އިނގިރޭސި ބަހުންނޭ.
ނީނާ ވިދާޅުވީ
ތާރީޚް:07/02/2009
އިހައްރޭ ޓީވީން ދެއްކި ރިޕޯޓެއް، ބޭރު މީހުންގެ ސަބަބުން ދިވެހި ބަސް ހަލާކުވޭތޯ ނުވޭތޯ ސުވާލުކޮށްފަ. ބޭރުމީހުންތަ ދިވެހިބަސް މި ހަލާކު ކުރަނީ؟ ދިވެހި ސަރުކާރު ދިވެހި ބަސް ހަލާކު ކުރަނީ، ތިޔަ ބުނާ ޕޮލިސީ ލެވެލެއްގަ އެ ތިބޭ ބަޔަކު ކުރާކަމެއް އެއީ. އެއީ ހަމަ ރާވައިގެން ވަރަށް މުޑުދާރުގޮތެއްގަ ދިވެހި ބަސް ހަލާކުކޮށްލުމުގެ ހާއްސަ އެޖެންޑާއެއްގެ ދަށުން ކުރަމުން އަންނަ ކަމެއް. މަ ހާދަ ރުޅިއެއް އަރައޭ މިކަމަކާ.
މެކުނި ވިދާޅުވީ
ތާރީޚް:07/02/2009
ނީނާއާއި މަވެސް އެއްބަސްވަން. ކޮން ޕްރޮވިންސެއްތަ؟ ސަރަހައްދު ކީމަ ވީނު. ކޮން ޒޯން ސްޓޭޑިއަމެއްތަ؟ ސަރަހައްދީ ސްޑޭޑިއަމް ނޫނީ ކުޅެބިން ކީމަ ވީނު.
ސަރުކާރުން ރާވައިގެން ކުރާކަމެކޭ ބުނާނެ ޖާގަ އެބައޮތް. ކީއްވެ ދިވެހި ޓީޗަރުން ތަމްރީނު ކުރާކޯހުގައި އެންމެ 30 ޖާގަ ބާއްވަންވީ. ޓީވީއިން ކީ އެކޯހަށޭ އެންމެ ގިނަ ކުދިން ވަންނަން އެދެނީ.
ލިންގުވިސްޓް ވިދާޅުވީ
ތާރީޚް:07/02/2009
ދިވެހިބަސް ކިޔަވައިދޭނެ މީހުންނެއް އިރު، އަދިވެސް 30 ކުދިން އަހަރަކު ތަމްރީނު މިކުރަނީ އެންމެ ގިނަވެގެން. ކޯހަށް އެބަ އެދޭ އޭގެ ދެގުނަޔަށް. ކިޔެކޭ ބުނާނީ.
ނީނާ ވިދާޅުވީ
ތާރީޚް:07/02/2009
މަށަށް ފެންނަނީ ހުކުރު ހުތުބާކިޔާ އިރު ވެސް، ބޭރުގެ މެހެމާނުންނަށްޓަކައި އިނގިރޭސި ބަހުން ތަންކޮޅެއް ހިމަނާލަން. ޖަލްސާތަކުގަ އެ ހަދާހެން.
ޢަލީ ވިދާޅުވީ
ތާރީޚް:07/02/2009
ފެތުމުގެ މުބަރާތެއް ބޭއްވުން ވަރަށް މުހިންމު. މިހާރު މިއުޅޭ ކުދިންނަށް ފަތާކަށް ނޭގޭ. ވަށައިގެން ހުންނަ ތަކެއްޗަށް ކިޔާ ނަންނަމެއް ނެގޭ. ދިވެހި ބަހުން ލިޔާކަށް ވާހަކަ ދައްކާކަށް ނޭގޭ. ކޮންމެ ކަމަކަށް ވީ މުބާރާތެއް ބާއްވަން.
ލިންގުވިސްޓް ވިދާޅުވީ
ތާރީޚް:07/02/2009
ނީނާޔާ ހުރެވެސް ދެން މިހާރު ނެއް ވާކަށް. ޖަލްސާގައި ފުރެންދެން ތިބީ ދިވެހިންނަށް ވިޔަސް ޖަލްސާ ކުރިއަށް ގެންދިޔުމާއި ވާހަކަ ދެއްކުމުގައިވެސް އިނގިރޭސި ބައެއް ނުލައި ހަމަ ގެންދެވޭ ކަމަކަށް ނުވޭ. ކައިވެނީގެ ދައުވަތު ކާޑުގައިވެސް އިނގިރޭސިން ނުލިޔުނިއްޔާ ދައުވަތު ދެވުނު ކަމަކަށް ނުވޭ.
ޝީނު މީމު ވިދާޅުވީ
ތާރީޚް:07/02/2009
ދެން މިއުޅޭ ނާސިގޮރެން ވައްތަރު ދިވެހިން އުޅޭ ގޮތެއްދޯ؟ ބަނޑަށް ފާޑެއްގެ ހީލިގަނޑެއް އަރަނީ މި މީހުން ތޭންކްސް ވެފަ ތިބޭ އިރު!!!
ކުލަބޮކި ވިދާޅުވީ
ތާރީޚް:07/02/2009
ދިވެހިން ރެސްޓޯރަންޓަކަށް ގޮސްފިއްޔާ ކާނީ ނާސިގޮރެން އެއް ބޯނީ ފްރެޝް އޮރެންޖެއް. މާފުކުރޭ! ތާޒާ ފޮނިލުނބޯ ފަނި ތައްޓެއް. ނޫނީ ކޯކް.
ތިޔަ ބުނީ ހަމަ ތެދަށް.. ތުއިކޮށް ތޭންކްސް ބުނެފައި އެޔޮއް ޖައްސާ ވައްތަރެއް. ހީވަނީ ތޭންކްސް އޭ ބުނެވިގެން ލަދުން އުޅޭހެން. ފިރިހެނުންވެސް ހަމަ މި ފާޑަށް. ދިވެހިން އެކި ހާލަތްތަކުގައި ޢަމަލުތައް ބަހައްޓާގޮތް ދަސްކޮށްދޭ ކޯހެއް ހިންގަންވެއްޖެ.
ދޮހާބޮލި ވިދާޅުވީ
ތާރީޚް:07/02/2009
އޭތް. ތިޔެއް ނޫނޭ މަ ކޮސްވަނީ ފަތަން ނޭގޭ ދިވެހިންނާއި މޫދާއި ކަނޑުފަޅުގެ ވެށި، އެޔާއި ގުޅިފައި އޮންނަ ދިވެހި ބަސްކޮށާރަށް މިހާރު ދިވެހިން ބީރެއްޓެހި ވެފަ ތިބިވަރު ފެނިފައި.
އަލްފާޟިލް އަދްހަމް މުހަންމަދު ވިދާޅުވީ
ތާރީޚް:07/02/2009
އަޅުގަނޑުމެން ދިވެހިން އަޅުގަނޑުމެންގެ މާދަރީ ބަހާ މެދު މިގޮތަށް ކަންތައް ކުރުމަކީ ވަރަށް ހިތާމަ ހުރިކަމެއް، ދިވެއްސަކަށް ވީތީ ފަޚްރުވެރި ވެވޭނީ ފުރަމާލޭ ރެސްޓޯރެންޓަކަށް ވަދެ މެނޫ ބަލާލާ އިރު ދިވެހި ބަހުން ލިޔެފައި އޮންނަ ނަމަ. އަދަބުވެރިކަމާއި އެކު އެތާގެ ވޭޓަރުން ރީތި ދިވެހި ބަހުން މުޢާމަލާތުކުރާ ނަމަ. ތަނަކަށް ޚިދްމަތެއް ހޯދާލުމަށް ގުޅާލާއިރަށް ޚިދުމަތުގައި އިންނަ އޮޕަރޭޓަރު ފުރަތަމަ ވާހަކަދައްކަން ފަށާ ބަހަކީ ދިވެހިބަސްކަމުގަ ވެގެން.
އައް ޝައިޚާ ނަރުހުއްޔަ ވިދާޅުވީ
ތާރީޚް:07/02/2009
އަދްހަމް މުހަންމަދު ތިޔަ ވިދާޅުވީ ހައްގު ތެދު ބަސްފުޅެއް. ދިވެއްސެއްވިއްޔާ، ދިވެހިވެށީގައި އުޅޭއިރު ކޮންމެހެން އެނގެން ޖެހޭނެ ކަންކަމާއި، ހުނަރު ހުންނަން ޖެހެނީ އެގިފައި. ލިބިފައި. އެއީ މޫދުގައި ފެތުން ކަމަށް ވިޔަސް ހެޔޮ. ރީތިކޮށް ވާހަކަ ދެއްކުން ކަމަށް ވިޔަސް ހެޔޮ.
ޝާޠިރު ވިދާޅުވީ
ތާރީޚް:07/02/2009
އަދްހަމް ނިކަން ވިސްނާވަޑައިގެންބައްލަވާ އަޅުގަނޑުމެން ކުޑައިރު އިނާމުތަކަށް ދޭ އެއްޗެއްސަށް ވެސް ހުންނަނީ ދިވެހިބަހުން ނޫންތޯ ނަންކިޔާފަ؟ އެހެންނޫންތޯ؟ ކީކޭތޯ އަދްހަމް ވިދާޅުވަނީ؟ އެއިރު ކިޔާ ނޫންތޯ ރައީސުލް ޖުމުހޫރިއްޔާގެ ވާދައިގެ ތައްޓޭ ވެސް. އެހެންނޫތޯ؟ އަދި އެއިރު ނޫންތޯ ހަނދާނީ އައްޑަނަޔާ ހަނދާނީ ފިލާވެސް އަރުވަނީ؟ އެހެންނޫންތޯ؟ އެކަމަކު މިހާރު މި އިވެނީ މުޅިން ވެސް ކޮންމެވެސް ކަޕެއްގެ ވާހަކަ ނޫންތޯ؟ ނޫނި ޝީލްޑެއް.. އެހެންނޫންތޯ؟
އައް ޝައިޚާ ނަރުހުއްޔަ ވިދާޅުވީ
ތާރީޚް:07/02/2009
ޝާތިރު ތިވިދާޅުވީ ރަނގަޅަށް. މިހާރު ޕްރެޒިޑެންޓްސް ކަޕް. މަގުލަސް ސިކްސް އަސައިދް ކަޕް. މިވަނީ ކިހިނެއްބާ. އެކަމަކު ރައީސްގެ ތަގުރިރުތަކުގައި ވަރަށް އިނގިރޭސިބަސް ބޭނުންފުޅު ނުކުރައްވާ
ސުޒީ ވިދާޅުވީ
ތާރީޚް:07/02/2009
އިޓްސް އީޒީ ދޯ؟
އަޅުގަނޑު ވިދާޅުވީ
ތާރީޚް:07/02/2009
ކޮމެންޓްތަކަށް ބަލާލުމުން އަޅުގަނޑަށް ވީ ވަރަކީ އާޓިކަލްގެ އޮތް އެއްޗެއްވެސް ހަނދާން ނެތުން. އަޅުގަނޑު ހީކުރީ ކޮމެންޓް ކޮށްފަ މިއޮތީ ދިވެހި ބަހާބެހޭ ލިޔުމަކަށް ކަމަށް. ކޮމެންޓް ތަކަށް ރިއާޔަތްކޮށް ދަންނަވާލަން ޖެހެނީ ސުރުހީގައި އޮންނަންވާ ގޮތަކީ “ތާރޑް ޔޫތު ސްވިމިންގ ކޮމްޕެޓިޝަން 2009 ފެށިއްޖެ” މިހެން ކަމަށް. މިފަދަ ތަފާތު މުބާރަތްތައް ޒުވާނުންނަށް އަމާޒު ކޮށްގެން ބޭއްވުމަކީ ގިނަގިނައިން ކުރަންވެއްޖެ ކަމެކޭ ދެން ދެންނެވޭނީ. ޒޯން ސްޓޭޑިއަމްގެ ހަރަކާތްތައް މިހާރަށްވުރެ އިތުރު ކުރުމަށް އަޅުގަނޑު އެދެން.
ސިކަންދަރުން މުދާބާލާ ކުދިން ވިދާޅުވީ
ތާރީޚް:07/02/2009
އަޅުގަނޑަށް ހަމަ ސާބަސް. އެހެން އެންމެން މިތާހީވަނީ ދިވެހި ބަހާތާރީހަށް ހިދުމަތްކުރާ މަރުކަޒަށް ވަންނަން ކެމްޕެއިން ކުރާހެން. އަޅުގަނޑު ތިލިޔުނު ކޮމެންޓް އެކަނި ސައްހައީ.
އާ…ޔޫތު ސުވިމިން ދޯ…އަދި ޔޫތު ސުވިމިން ބާއްވާފަ ހުއްޓާލުމަކުން ނުވާނެ. އެތަނުން ވަނަތައް އެހޯދިކުދިންގެ އެހުރި ހުނަރު އިތުރަށް ފުޅާކޮށް އިތުރު ފުރުސަތުތައް ދީ ހަދަން ޖެހޭނެ. މާލެގަ ތިބި ކުދިންނާ ވާދަކުރުމުގެ ފުރުސަތު ލިބެންޖެހޭނެ. ގައިމު މާލޭގަ ތިބޭ ކެނައިންނަށް ވުރެ މާބާރަށް ފަތާނެ ރާއްޖެތެރޭ ކުދިން. ގައުމީ ޓީމެއް ހަދައިފިއްޔާ ސްވިމިންގ ޓީމުގަ އަބަދުވެސް ރޫޔާ އާއި މުބާހު ނަގާފަ ހުންނަނީ. ބަލަ ރާއްޖެތެރޭގަ ވެސް ޓެލެންޓް އެބަހުއްޓޭ. ފުރުސަތެކޭ ހޯދައިދޭންވީ.
ދެން ސްޓޭޑިއަމްއާ ގުޅިގެންނޭ ތިބުނާ ބުނުން. ތިބުނާ ސްޓޭޑިއަމްއެއްގަ ނެތް ކަމެއް ކުރެވޭ ވަރު ބަޔެއް. މިޔެއްވެސް އެމީހުން ރާވާ ކަމެއް ނޫން. ސްވިމިން އެސޯސިއޭސަން ހުރިހާވެސް ކަމެއް ކުރީ. މުބާރާތް އޮތް ދުވަސް ނޫން ކުރީ ދުވަހު އަހަރެމެންގެ ގުރޫޕުވެސް ބައިވެރިވާން ވެގެން ހަބަރު ދަބަރު އަހާލީމަ ބުނީ “އަހަންނަކަށް ނޭގެ ކަލޯމެންނޭ! މިނިސްޓްރީ މީހުން އެބައާދޭ. އެމީހުން އައިސް ބައިވެރިވާ ކުދިންނާ މިރޭ ބައްދަލުކުރޭ. އޭގަ މަށަށްވެސް އެނގޭނީ”…ދެން ކިހިނެތް އަހަރެމެން ގުރޫޕު ބައިވެރިވާނީ. މާލަސްވެފަ އެއޮތީ. އެހެންވީމަ ސްޓޭޑިއަމްގަ ނަމަކަށް ތިބޭ (ބައެއް) ސްޓާފުން އަމިއްލަޔަށް ކެނޑެން އަހަރެމެން ގުރޫޕު ފަރާތުން ގޮވާލަން.
އޭނާ ވިދާޅުވީ
ތާރީޚް:07/02/2009
ސިކަންދަރުން މުދާބާލާކުދިންނަށް އެނގިފައިނެތީކަންނޭގެ މިދިޔަ ޑިސެމްބަރުމަހުތެރޭގައި މާލޭގައިބޭއްވި ފެތުމުގެ މުބާރާތުގައި ތިޔަބުނާ މާލޭ ކެނައިންނާއެކު ވާދަކުރުމުގެ ފުރުޞަތު ރާއްޖެތެރޭގެ ކުދިންނަށް ވެސްދިން.އެކަމަކު ތިބުނާ ކެނައިންނާ ވާދަކޮށް މިރަށުން ދިޔަގްރޫޕްވެސް އައީ ހަމަބަލިވެގެން. މަވެސްހީކުރިން ކޮންމެވެސް އެއްބަޔަކުން ނަމަވެސް ފާހަގަކުރެވޭވަރުގެ ވަނަތަކެއް މިކުޅުދުއްފުށްޓަށްވެސް ގެންނާނެޔޭ. އެކަމަކު އެތަނަށްދިޔަ ކުޅުދުއްފުށީކުދިންގެ ބަޔަކު އައީ މާލޭގެ ފިހާރަޔަކުން ވަގަށް ފައިވާނެއް ނަގައިގެން .މާލޭގެ ސިފައިންގެ އަށްވެސް އެދެ ފެތުންތެރިން ގެންދިޔަކަމަށް ފެތުންތެރިންނާ ޙަވާލުވެގެން ދިޔަ ބޭފުޅަކު ވިދާޅުވި. ދެން ތިކުދިންބުނެބަލަ ރަނގަޅު ކާމިޔާބެއްހޯދޭނެ ގޮތެއް. އެއީ ސްވިމިން އެސޯޝިއޭޝަންގެ މައްސަލައެއްތަ. ނޫނީ ބައިވެރިވާންދިޔަ ފެތުންތެރިންގެ އަޚުލާޤުގެ މމައްސަލައެއްތަ؟
އައް ޝައިޚާ ނަރުހުއްޔަ ވިދާޅުވީ
ތާރީޚް:07/02/2009
އަޅުގަނޑު އަދި ސިކަންދަރުން މުދާބާލާކުދިންނަށް.
އަހަރެމެންނަށް މައްސަލަޔަކަށް މިވީ، މުބާރާތްތަކަށް އިނގިރޭސިބަހުން ނަންކިޔުމުގެ ފޯރި ހަމަ ގަދަވެފައި މިރާއްޖޭގައި އޮތީމަ!
އިބްރާހީމް މޫސާ ވިދާޅުވީ
ތާރީޚް:07/02/2009
އޭނަ އަށް:
‘އޭނަ’ގެ ނަމުގައި ކޮމެންޓްކުރި ފަރާތަށް ވަރަށް ޚާއްޞަ މެސެޖެއް އެބައޮތް. އެއީ، އަޑުއެހިވާހަކަތަކާއި ޔޯލަކޮށްފައި ދައްކާވާހަކަތަކަށް ބިނާކޮށް މީސްމިހުންގެ އަބުރަށް އަރަައި ނުގަތުމަށް. ސީދާ ނަން ނުޖަހަވެސް ތި ކޮމެންޓް ލިޔެވުނީސް. ޝަރީޢަތަށް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީ މައުސޫމް މީހެއް. މީހުންގެ ބޮލުގައި ވަގު ބަދުނާމް ތިޔަ ގޮތަށް އަޅުވާނަމަ އެއީ ވަރަށް ދަށުދަރަޖައިގެ ކަމެއް.
ނިއުސް ރީޑަރ ވިދާޅުވީ
ތާރީޚް:07/02/2009
ބްރަދަރ މެންގެ ކޮމެންޓްތައް ރީޑް ކޮށްފައި މަމިހުރީ ހަމަ ސަޕްރައިސްވެފައި. ހަމަ އަސްލުވެސް.
ހަމްޒާ ވިދާޅުވީ
ތާރީޚް:07/02/2009
ނިއުސް ރީޑަރ މަވެސް ހަމަ ތެންކުސްވެފަ މިހުންނަނީ، އެހެންޔާ ފަހެ.
މޮހޮންމަދު ވިދާޅުވީ
ތާރީޚް:07/02/2009
އައިޖީ. ހާދަ ފައްކަލޭ ކަލޭނޭ
ދިވެއްސެއް ވިދާޅުވީ
ތާރީޚް:07/02/2009
އަޖައިބެއް.. ކިޔެއްވެތަ މައުޟޫއާ ނުގުޅެނީ؟ އަހަރެމެން މީ ދިވެހިންނެއް ނޫންތަ؟ މި ހަބަރު ގަ ހަބަރާ އެއްވެސް ގުޅުމެއް ނެތް އަރިޔަކުން، ކުޅުދުއްފުއްޓަށް އިހާނެތިވާ ކަހަލަ ވާހަކައެއް އޮތްނަމަވެސް މީހުންގަނޑު ކޮމެންޓު ކުރީސް އެކަމާ ހިތްހަމަ ނުޖެހިގެން. އެކަހަލަކަމެއް މީވެސް. އަހަރެމެން މީ ދިވެހިން.. ދިވެހިންނަށް އަމާޒުކޮށްގެން ދިވެހިންގެ ބިމުގަ ސަންދޯކު މަތިގަނޑޭ ވީދުނީމަ އެކަމާ މީހުން ކޮމެންޓު ނުކޮށެއް ނުހުންނާނެ.
ސިއްރުސިއްރުން ވިދާޅުވީ
ތާރީޚް:08/02/2009
ދިވެއްސެއް ތިބުނީ ރަނގަޅަށް. މައުޟޫއަކާ ނުގުޅޭ ކޮމެންޓްތަކެއް.
އިސުމާލު ވިދާޅުވީ
ތާރީޚް:08/02/2009
މައުޟޫއަކާ ނުގުޅުނަކަސް ބަލާނެކަމެއްނެތް، ބިނާކުރަނިވި ފާޑުކިޔުންތަކެއް އެހެރީ ހަމަރަގަޅު، މިރަށުގަ އުޅޭނެ ދިވެހިބަހަށް މޮޅެތިމީހުން ބަލަ މިރަސުގަޔޭ ދިވެހި އާއިލާ އޮތީ!
ކެރިންބޯޑު ވިދާޅުވީ
ތާރީޚް:08/02/2009
ހަބަރު ލިބޭ ގޮތުގައި ގައުމީ މުބާރާތަށް މިރަށުން ދިޔަ ޓީމަށް ލިބުނީ 4 ވަނަ،1 ވަނަ ލައިފް ގާޑް، 2 ސިފައިން، 3 ވަނަ ޕޮލިސް، 5 ވަނަ ލަންދޫ ޔޫތް ސްޕޯޓްސް ނަމގަ ބައިވެރިވި މާލޭ ގެ ފެތުންތެރިން ތަކެއް،މިދެންނެވި 1،2،3ވަނައަށް ދިޔަ ޓީމުތަކުގެ ގިނަފެތުންތެރިންނަކީ ގައުމީ ސުކޮޑުގެ މީހުން އަދި ރާއްޖޭން ބޭރުގައި ސުވިމިން ޕޫލްތަކުގަ ފަތާ މިހުން…އެކަމަކު ގައުމީޓީމުން ވެސް ސުވިމިން ގޯލްޑެއް ނުގެނޭ ބޭރުގެ މުބާރާތަކުން އަދިއެއް…އެކަމަކު ފައިނަލު ތަކުގަ ރާއްޖޭގެ ފެތުން ތެރިން ފަތާފަ އެބއހުރި،،، ހަބަރު ލިބުން ގޮތުގައި ގިނަ ހީޓް ތަކަކުން ފައިނަލަށް އެރުން އެއީވެސް ކާމިޔާބެއް، ފައިނަލްގަ ބައިވެރިވާ 8 ފެތުން ތެރިންގެ ތެރެއިން އެންމެ ފަހަރަކުވެސް ފުލަކަށް ނުދޭ، ރަށުގަ ޕްރެކްޓިސް ކުރާނެ ރަނގަޅު ޕްލެޓް ފޯމެއް ނެތި ޕްރެކްޓިސް ކުރި ބަޔަކާ ބަލާފަ 4 ވަނަ އެއީ ކާމިޔާބެއް އަދި މެޑެލް ނޭޅުވުނަސް، އަދި ސްވިމިންގެ ޓަރނިންތަށް ދަސްކުރެވުނީވެސް މާލޭގަ ޕްރެކްޓިސް ކުރި 7 ދުވަހު، ރަސުގަ ޓާރނިންނުހެދެނީ ޕްލެޓް ފޯމެއްނެތީމަ، އެކަމަކު ހަބަރު ލިބުން ގޮތުގައި އިއްޔެ ނިމުން މުބާރާތުގަ ބޭނުން ކުރި ޕްލެޓްފޯމަކީ ގައުމީ މުބާރާތަށް ފެތުން ތެރިންގެ ރާއްޖެތެރޭގެ ފުރަތަމަ ޓީމު މިރަށުން ދިޔުމުން މިރަށުގެ ފެތުމަށް ލޯބި ކުރާ ހުރީހާ ފެތުން ތެރިންނަށް ސުވުމިންގ އެސޯސިއޭސަނުން ދިން ހަދިޔާއެއް. ނިމިގެން ދިޔަ މުބާރާތުގައި ވާދަކުރި ޓީމެއްގެ މެމްބަރެއްގެ ހައިސިއްޔަތުން ބުނަން، އެންމެންވެސް ސައުގުވެރިވާ ކަމެއް ކުރަމާ ހިނގާށޭ، ގިނަ ކުޅިވަރުތަކެއްގަ ބައިވެރިވެގެން ކާމިޔާބު ހޯދަން މަސައްކަތް ކުރަމާ ހިނގާށޭ، ކާމިޔާބުވެސް ވާނީ މސައްކަތް ކޮށްގެނޭ،