Share

ވާހަކަ – ވަރި

ވާހަކަ – ވަރި
ރިދަހިޔަ

އިބްރާހީމަށް ހެނދުނު ސައިބޮއި އަވަދިވެވުނީ ބަރާބަރު ނުވައެއް ޖެހިއިރުއެވެ. ނުވަގަޑި ދިހައެއް ހަމަ ހިނގުމާއެކު ފޯނު ރިންގްވާން ފަށައިފިއެވެ. އިބްރާހީމް ފޯނު ނެގިއެވެ. ފޯނު ކަންފަތުގައި ޖައްސައިގެން އިރުކޮޅަކު ބުދަކަށް ވެގެން ހުރެފައި، މަޑުމަޑުން ވާހަކަ ދައްކަން ފެށިއެވެ.

” އެކޮން ހާސްނުވޭ! އަހަރެން މިދަނީ މިހާރު” ފާރުގައި ހަރުކޮށްފައިހުރި ފޯނުގެ އަތްގަނޑު އަޅުވާލިއެވެ.

އެއަށް ފަހު ސިންކު ދޮށުގައި، ހުރި އޭނާގެ އަންހެނުން ނަޖުފާ އަށް އާދައިގެ ވަރަށް ވުރެ ބާރަށް ގޮވާލިއެވެ. ” އަހަރެން މިދަނީ އޮފީހަށް… ދެއެއް ޖަހާކަންހާއިރު އަންނާނަން”

“ކޮންތާކަށް ތި ދަނީ؟ ބަލަ ބުނީމެއްނު މިއަދު ޗުއްޓީ ނެގިއްޔޭ… ހިނގާބަލަ ފިހާރަތަކަށް ވަދެލަން،  ދެ މީހުން އެއްކޮށް”

” އޫންނނ! މިއަދަކު ނޫން… އަހަރެން ޗުއްޓީ ނެގީ މި ބައްދަލުވުމަށް ދާށޭ… މި ވަރަށް މުހިންމު ބައްދަލުވުމެއް”

” މުހިންމު ބައްދަލު ވުމެކޭ؟ ކޮންތާކަށް ތި ދަނީ؟”

އަންހެނުން ހުރީ ދޫކުރާކަށް ނޫނެވެ. ރީތިކޮށް ސާފުކޮށް ތެދަށް ބުނުން ނޫން އިތުރުގޮތެއް ނެތްކަން އިބްރާހީމަށް ޔަގީންވިއެވެ. އަންހެނުންގެ ގޮތް އިބްރާހީމަށް ވަރަށް ރަނގަޅަށް އެނގެއެވެ. ނަޖުފާއަކީ ކިޔަންފަށައިފި އެއްޗެއް އޭނަ ބޭނުންވާގޮތަށް ކޮޅެއްގައި ނުޖައްސާ ހުއްޓާލާ ވައްތަރު އަންހެނެއް ނޫނެވެ.

“އަހަރެން މިދަނީ އާއިލާ އާއި ބެހޭ ކޯޓަށް.” އިބްރާހީމް އެންމެ ފަހުން ބުންޏެވެ.

” އާއިލާ އާއި ބެހޭ ކޯޓަށޭ. އެ ކީއްކުރަން؟” ނަޖުފާގެ  އަޑުގައި ހުރީ ޝައްކުގެ ރާގެވެ.

” ވަރީގެ މައްސަލާގައި ކޯޓަށް މިދަނީ”

” ވަރިކުރަނިއްޔޭ؟ ކަލޭ ތި އުޅެނީ އަހަރެންނަށް ނާންގަ ކޯޓުގައި އަހަރެން ވަރިކުރާށޭ؟” ނަޖުފާ ކެކެމުން ދޮންވަމުން ދިޔައެވެ.

” ތަންކޮޅެއް މަޑުން ވާހަކަ ދައްކަ ބަލަ… އަހަރެމެންނެއް ނޫނޭ. ޝާދިޔާ އަހަރެން ގާތު ބުނީ ކޯޓަށް އަންނަން ވާނެޔޭ”

” ޝާދިޔާ؟ ކޮން ޝާދިޔާއެއް؟”

” ނަޖޫ އަށް ހުންނާނީ އޭނައާއި ބައްދަލުވެވިފައި މިހާރު. އެއީ އަހަރެންގެ އޮފީހު ކުއްޖެއް”

” އާން. ހަނދާން ވެއްޖެ. އެއްކަލަ ދުވަހު ދިމާވި ޝާދިޔާ ދޯ؟ މަށަށް އެ ދުވަހު ވެސް އެނގުނޭ ކަލެއަށް އޭނަ ކަމުދާކަން”

” މިއަދު ކޯޓުގައި އޮންނާނެ އޭނަގެ ވަރީގެ މައްސަލަ ނިންމުން… އެހެންވެ އަހަރެންނަށް ގުޅާފައި ބުނީ ކޯޓަށް އާދެވި ދާނެހޭ؟” ނަޖުފާގެ އަޅުވާކިޔުން ނީވޭކަމަށް އިބްރާހީމް ހެދިއެވެ.

” ވަރިކުރާތި ކަލެއަށް ގުޅިއްޔޭ؟ ކަލޭ އެކަމުގެ ތެރެއަށް ތި ބޭނުނީ ކިހިނެއް؟ ކަލޭގެ ސަބަބުން ކުރާ ވަރިއަކަށް ނުވެއްޖިއްޔާ ރަނގަޅު. މަށަށް އަބަދުވެސް ހީވޭ ކަލޭ ތި ކަހަލަ ބޯގޯސް ކަމެއް ކުރާނެހެން. އެ ޝާދިޔާ އެހުރީ ކަލޭ އޭނަގެ ކަންކަމުގެ ތެރެއަށް ރަނގަޅަށް ބައްސާފައި. ރަނގަޅަށް އުޅޭ މީހަކަށް ދުވަހަކުވެސް ކޯޓަކަށް ދާކަށް ނުޖެހޭނެ”

ހެޔޮނުވާނެ ނަޖުފާ! ކަލޭގެ ތި އަނގަ މަޑުން ލައިގެން ހުރެ ފާނަންތަ؟ ޝާދިޔާ އަހަރެންނަށް ގުޅާފައި އަންނަން ބުނީ އޭނަ ދެރަވެފައި ހުރިވަރުންނޭ”

” އޭނަ ހިތްހަމަ ޖައްސާލަދޭން ކަލޭ ތި ދަނީ… ކަލެއަކަށް ނުވިސްނޭ ދޯ އޭނަ ކުރަން އެ އުޅޭ ކަމެއް؟ އަހަރެން ދާނަން ކަލެޔާ އެކީ”

” ނަޖުފާ! ތި ދެން ކިހާ ދެރަކަމެއް. ޝާދިޔާ އަކީ އަހަރެންނާއެކީ މަސައްކަތްކުރާ ރައްޓެއްސެއް. އޭނައަށް ކަމެއް ބޮޑުވާއިރަށް އެހީވުން އެއީ އަހަރެން ކުރަންޖެހޭނެ ކަމެއް ނޫންތަ؟ އަހަރެންގެ ހިތްހެޔޮކަން އޭނައަށް ދައްކާކަށް ނުޖެހޭނެތަ؟” ހަރުކަށި ކަމެއް އަޑުގައި ހުއްޓަސް އިބްރާހީމް ހުރީ ގޮތް ހުސްވެ ކަރުއެލިފައެވެ.

” ހިތްހެޔޮކަން ދެއްކުން… ފަހުން ހިތް ކިޔާނީ! ނަޖުފާ މަލާމާތް ކުރިއެވެ. ” ވަރިވާން އުޅޭ އަންހެން ކުއްޖަކަށް ހިތްހެޔޮކަން ދެއްކުން އެއީ ފިރިހެނުން ފޫހިފިލުވަންކުރާ އެންމެ ނުރައްކާ ކަންތައް”

” މިއުޅެނީ ފޫހިފިލުވަންތަ؟ އަހަރެން ކޯޓަށް ދާން މިއުޅެނީ ރައްޓެއްސެއް ވަރިވާތީ އޭނަ ހިތްހަމަޖައްސާލުމަށް.” އިބްރާހީމަށް ރުޅީގެ ހޫނު ގަދަވާކަން އިހްސާސް ކުރެވުނެވެ.

” ރީތި އަންހެން ކުއްޖެއް ހާލުގައި ޖެހިފައި…އޭނަ ސަލާމަތްކުރަން ފިރިހެނެއް ދަނީ”  ނަޖުފާ އިބްރާހީމް އިތުރަށް ހޫނުކޮށްލިއެވެ.

” ދެން ހެޔޮ! އެހެން ވިއްޔާ ނަޖުފާ އަންނަންވީނު… މަށާ އެކީ، ކުރާކަމެއް ބަލަން؟”

ފާލުން ނެއްޓި އިބްރާހީމަށް މި ބުނެވުނު އެއްޗަކުން އޭނަ ކަންބޮޑުވެއްޖެއެވެ. ނަމަވެސް ކުރާނެ ކަމެއްނެތެވެ. މާ ލަސްވެއްޖެއެވެ. ނަޖުފާ، ކޮޓަރިއަށްވަދެ ޑްރެސިން ޓޭބަލް މަތީ އޮތް އޭނަގެ ރީތި ކުޑަ ދަބަސް ހިފައިގެން އިބްރާހީމާއި އެކު ދިޔުމަށް ނުކުމެއްޖެއެވެ.

ހަތްވަނަ ބުރީގައި ހުރި އެމީހުންގެ ފުލެޓުން ފައިބައިގެން ނުކުމެ މަގުމަތީގައި ޕާކުކޮށްފައިހުރި ވޭވް ސައިކަލަށް އިބްރާހިމް އަރައި އިސްޓާޓްކޮށްލިއެވެ.

” ޝާދިޔާމެން ވަރިކުރަނީ ކީއްވެތަ؟” ނަޖުފާ ސައިކަލު ފަހަތަށް އަރާފައި ރަނގަޅަށް ހަމަޖެހިލިއެވެ.

” ވަރިކުރަނިއްޔެއް ނޫން. އެ ދެމަފިރިން ވަރިވަނީ. އަމިއްލައަށް ހަމަ ކައިވެނި ރޫޅާލަނީ” އިބްރާހީމް ސައިކަލް ދުއްވާލިއެވެ.

” ހަމަ އެއްވެސް ސަބަބެއް ނެތި ވަރިވަނީ؟ ކޮންމެވެސް ސަބަބެއް އޮންނާނެ” ނަޖުފާ ހައިރާންކަން ފާޅުކުރިއެވެ.

” މާ ބޮޑު ސަބަބެއް އޮވެގެނެއް ނޫން. ހަމަ ދެމީހުންގެ ޚިޔާލު ބައެއް  ފަހަރަށް ތަފާތުވާތީ   ދެމީހުން އެއްބަސް ވެގެން ވަރިވަނީ”

” ވަރިވާން އެ ދެމީހުންނަށް އެއްބަސް ވެވެންޏާ، އިނދެގެން އުޅެން އެއްބަސް ނުވެވެންވީ ކީއްވެ؟”

” އަހަންނަކަށް ނޭނގެ. ކަލޭ ވީނު ޝާދިޔާކުރެން އަހަން” އިބްރާހީމް ރުންކުރުވިއެވެ.

” ކަލޭ ނުބުންޏަސް އަހަރެން ޝާދިޔާކުރެން އަހާނަން. ޝާދިޔާގެ ފިރިމީހާއަށް ވެސް ބުނާނަން ޝާދިޔާއަށް ދެން ޖެއްސުން ނުކުރާށޭ”

” ހެޔޮ ނުވާނެ ނަޖުފާ! ކަލޭ އަނގަމަޑުންލައިގެން އެތާ ހުންނާތި! އެމީހުން ވަރިވަނީ ހަމަ ރައްޓެހިންގެ ގޮތުގައި ތިބެޔޭ” ސައިކަލް ޓްރެފިކް ބައްތިއަށް މަޑުކޮށްލިއެވެ.

” ރައްޓެހިންގެ ގޮތުގައި ވަރި ވެވޭ ކަމެއް މަ ނުދެނެހުރިން، ކައިވެންޏަކީ އެއީ ރައްޓެހިކަން ކަމަށް ވަންޏާ، ދެން ވަރި ވެސް، ރައްޓެހިކަމަށް ވާނެތަ؟ އެ މީހުންނަށް ރައްޓެހިންގެ ގޮތުގައި ވަރިވެގެން ތިބެވެންޏާ، އިނދެގެން ރައްޓެހިންގެ ގޮތުގައި ނުތިބެވެން ވީ ކީއްވެތަ؟”

” އަނގަ މަޑުންލައިގެން އިނދެ ދީފާނަންތަ؟ މަ މީނީ ސައިކަލެއް މަތީގަ އިނގޭ” އިބްރާހީމް ގާތަށް ހަމަ ރަނގަޅަށް ރުޅި އަތުވެއްޖެއެވެ.

ޓްރެފިކް ބައްތި ބަދަލުވުމާއެކު ސައިކަލް ދުއްވާލިއެވެ.

” ޝާދިޔާގެ ފިރިމީހާއަށް ކިޔަނީ ކޮން ނަމެއް؟”

” ޝާހިދު”  ފޫހި ގޮތަކަށް އިބްރާހީމް ނަން ބުނެލިއެވެ.

” ޝާހިދު، ޝާދިޔާ… ގުޅޭ ޖޯޑެއް. ޔަގީން ޝާހިދު އެހެން މީހަކާ ހިތާވީކަން. ނޫނީ ޝާދިޔާ ކަމެއް ހިންގާލީ”

” ތި ދެން ކިހާ ވަރުގަދަ ކަމެއް! ޝާދިޔާ އެއީ އެކަހަލަ ކުއްޖެއް ނޫން”

” ކަލެއަށް ކިހިނެއް އެނގެނީ އެކަން؟”

” އަހަރެންނަށް އޭނަ ވަރަށް ރަގަޅަށް އެނގޭ. އޭނަ ހުރިހާ ވާހަކައެއް ކިޔައިދިން. އަހަރެންނާ އޭނަ ވަރަށް ގާތްވާނެ.”

” ކަލެޔާ އޭނަ ވަރަށް ގާތް ވާނޭ! އަނެއްކާ… ކަލޭ ކުރިކަމަކުން ވާ ވަރިއެއް ނޫންތަ އެއީ؟ ”

“  ފާޑުފާޑު ވާހަކަ ނުދައްކަ ހިމޭނުން އިނދެ ބަލަ. ބުނެފީމެއްނު ބައެއް ފަހަރަށް ކުޑަކޮށް ޚިޔާލުއެއްގޮތް ނުވާތީ ހަމަ ވަރިވަނިއްޔޭ” އިބްރާހީމް އިނީ ހަމަ ރަނގަޅަށް އައްޑިހައަށް އަރާފައެވެ.

” ބައެއް ފަހަރަށް ދެބަސް ވާން ޖެހޭތީ ވަރިވަނީ! … މީހެއްގެ ބަނޑޭ ކިޔާބަލަ. އިބޫ.. ވާހަކައެއް ބުނަން؟ އަހަރެމެން ދެ މީހުނަށްވުރެ ގިނައިން ދެބަސްވާން ޖެހޭ ބައެއް އުޅޭނެތަ؟ އެކަމަކު އަހަރެމެން މި އުޅެނީ ވަރިކުރަންތަ؟”

” އަހަރެމެން ވެސް ވަރިވާން ވީނު؟ އޭރުން ނަޖޫގެ ތިޔަ ކުސްތެޅުމުން އަހަރެން ސަލާމަތްވާނެ.” އިބްރާހިމް އޭނަގެ ހިތުގެ އެދުން ހާމަކުރިއެވެ.

” އަޗީ! އޭރުން ކަލެޔަށް ޝާދިޔާ އާ އިނދެވޭނެތީދޯ؟ ދުވަހަކުވެސް ކަލެއަކަށް އެކަމެއް ނުވާނެ. އަހަރެން ކަލޭ ދާހާތާކަށް އެކީގައި ދާނަން. މަޙްޝަރުގައިވެސް އޮންނާނީ އެކުގައި.”

” ބަލަ މަށަށް ދެ އަނތްބަށް އިނދެވޭނެ އެއްނު”

“އޭރުން ވެސް އަހަރެންގެ ކިބައިން ސަލާމަތެއް ނުވެވުނެއްނު… ޝާދިޔާމެންގެ ކިތައްކުދިން ތިބޭ؟”

” ދެކުދިން…އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް. ދެކުދިންވެސް ސްކޫލްގައި.”  ކުރި ސުވާލަށް ބޭނުންވާ ވަރަށްވުރެ، އިތުރަށް އިބްރާހިމް ޖަވާބު ތަފްސީލްކޮށްދިނެވެ.

ދެ މީހުންކުރެ އެކަކުވެސް އަނގައިން ނުބުނެ އިރުކޮޅަކު ހޭދަވެގެން ދިޔުމަށްފަހު، ނަޖުފާ ފެށިއެވެ.

” ދެން ދެކުދިންނަށް ކިހިނެއް ހަދަނީ؟”

” ޝާހިދުގެ ބޮޑުދައިތަ ގާތަށް އިންޑިޔާއަށް ފޮނުވަނީ”

” ހާދަ ހެއްވައޭ. އެ މީހުން ދަރިން ލިބުނީމަ ވެސް ވަރިކުރަނީ. އަހަރެމެން ކުދިން ނެތްއިރު ވެސް މި ތިބީ އިނދެގެން.”

“އާނ. ތި ކަމާ މަ ވެސް ކޮސްވޭ. އަހަރެމެން އަބަދުވެސް މިގޮތަށް ޒުވާބުކޮށް އަރާރުންވަން. އެކަމަކު އެއްކޮށް މިއުޅެނީ. ޝާދިޔާމެން އެހާ ގާތްކޮށް އުޅޭއިރުވެސް އެ ވަރިވަނީ!”

” އިނދެގެން އުޅުމަކީ އެކުވެރިކޮށް ދެބަސްނުވެ ހިމޭންކޮށް އުޅުމެއް ނޫން.” ނަޖުފާ، އިބްރާހީމްގެ އުނަގަނޑުގައި ގަދަޔަށް ބައްދާލާފައި، ބުރިކަށީގައި ތަތްވެގަންނަމުން ބުންޏެވެ.

” އަހަންނަށް އެއް ކަމެއް އެނގިއްޖެ” އިބްރާހީމް، ނަޖޫގެ ގައިގޯޅިވުމާ ގަޔާވެލާފައި ބުންޏެވެ.

” ކޮންކަމެއް؟ ”

” ލޯބީގެ އިދިކޮޅަކީ ނަފުރަތެއް ނޫން. އެއީ ކުސްތެޅުމާއި އަޅާނުލުން”

‮ ‬9‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އިސްމާލްބެ‮ ‬ވިދާޅުވީ


    ތާރީޚް:12/02/2009

    ނާތެދެއް! ނުދެނަހުރިން

  2. ޝާދިޔާގެ ފިރިމީހާ‮ ‬ވިދާޅުވީ


    ތާރީޚް:12/02/2009

    ކިޔުންތެރިންނޭ… ބުނަން! މަށަށް ޝާދިޔާ ވަރިކުރަން ޖެހުނީ ހަމަ އިބްރާހީމްގެ ސަބަބުން! ދެން އިބްރާހީމާއި ނަޖުފާ ވަރިވާނެ ބާއޭ އަހަރެންގެ ހިތަށް މި އަރަނީ. އޭރުން ނަޖުފާއާ މަ އިންނާނީ!

    އިބްރާހީމް މެން ވާހަކަދައްކާއިރު މަށަށް މަޖާ!

  3. ފޫކެހި‮ ‬ވިދާޅުވީ


    ތާރީޚް:12/02/2009

    ސަޅި އިނގޭ… އެކަމަކު ސައިކަލް މަތިގަ ތިބެގެން ދޯ އެ ބައްދާ ހެދީ… މަވެސް ދެން ދެބަސް ވާން ޖެހިއްޖެއްޔާ އަރާނީ ސައިކަލަށް…

  4. ނަޖުފާ‮ ‬ވިދާޅުވީ


    ތާރީޚް:12/02/2009

    ސާބަސް…. މަ އިބްރަހިމް އުނަގަނޑުގަ ބައްދާލީ އެނަގެ ލޭފިނިކޮއްލަން. އެހެންނޫނީ މަވަރިކޮއްފާނެކަން

    މަށައް އެނގޭ. އޭރުން މަވަރިކޮއްފަގޮސް އެ ޝާދިޔާއާ އިބްރާހިމް އިންނާނެ.

  5. ސިތުރީން‮ ‬ވިދާޅުވީ


    ތާރީޚް:12/02/2009

    ލޯބީގެ މާނައަކީ އަޅާލުން، ކަމޭހިތުން އަދި އެކަކުއަނެކައްގެ ހިޔާލުތައް ބައިވެރިކުރުން ނުވަތަ އިހުތިރާމްކުރުން.
    ލޯބިލިބޭނީ ލޯބިދީގެން

  6. ސޭސަރު‮ ‬ވިދާޅުވީ


    ތާރީޚް:12/02/2009

    މި ރިދަހިޔަމިއީ ހާދަ ގަދަ ގޮލަޔެކޭދޯ؟ ސިޓީ ލިޔުނަސް ރިޕޯޓް ލިޔުނަސް މިވަރެއްނެތް، އެވަރުން ނުވެގެން މިހާރު އެންމެފަހުން ވާހަކަވަސް ލިޔަން ފެށީދޯ. މިވަރުން ދަންޔާ…….. ކަލޭނޭ ބާރަށް ތަންތާ ހިފަހައްޓައިގެން ތިބޭތި.

  7. ޕޫ‮ ‬ވިދާޅުވީ


    ތާރީޚް:13/02/2009

    މިވާހަކައިގެ 2 ވަނަބައި ނިކުންނާނީ ކޮން ދުވަހަކުންތޯ؟

  8. ޖަންގަލް ޕީ ޕީ‮ ‬ވިދާޅުވީ


    ތާރީޚް:13/02/2009

    މީ ހާދަ ފައްކާ ވާހަކައެކޭ!

  9. ފުލަށްބަރޭ‮ ‬ވިދާޅުވީ


    ތާރީޚް:13/02/2009

    ގިނަ ފަހަރަށް އެންއޮފީހުގަ އުޅޭ މީހުނަށް ދިމާވާ ކަމެއްމީ! މަ ބުނާނެ ވާހަކަޔަކީ ކިތަންމެ ރީތި މަންޖެއަކު އެކުގަ މަސައްކަތް ކުރަން އުޅުނަސް އަންހެނުން ވަރިކޮށްފަ، އެކަހަލަ މަޅިއަކަށް ބޯ ނުމަހާށޭ! ޝުކުރިއްޔާ!