Share

މަސްހުނި ރުނބައެއް

މަސްހުނި ރުނބައެއް

ޝުކުރިއްޔާއޭ ނުބުންޏަސް..

ފަންއަރި

އެންމެ ފުރަތަމަ މަންމައަށް ޝުކުރުއަދާކުރާށެވެ. ގަޑިންގަޑިއަށް ކާންދީ، ކާއިރު ތަށިމަތި ބަލަހައްޓާ، ކައި ނިމުމުން ކޭތަށިތައްނަގާ ދޮވުން މިއީ ކުޑަކަމެއްތޯއެވެ؟ ކައި ނިމިގެން ކޮންމެ ފަހަރަކު ޝުކުރިއްޔާއޭ ނުބުންޏަސް މަންމައަށް ވަރިހަމަވާނެއެވެ. އެކަމަކު އެންމެ ކުޑަމިނުން ކާންހުރި އެއްޗެއްސަށް ފާޑު ނުކިޔާ މީރިއްޔާ މީރޭ ބުނެލުމަކީ ހަމަ ޔަގީނުން ވެސް ކެއްކި މީހަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ.

ކަލޭގެ ބަރު ޖީންސުތަކާއި އެތައް ބައިވަރު ފަޓުލޫނަކާއި ގަމީހެއް، ދާކޮށް ގުޅައަކަށް ޖެހުމުން، އެއެއްޗެހި ނަގާ ދޮވެ އިސްތިރިކޮށްދޭ އަންހެން ކޮއްކޮ އެހުރިހާ ކަމެއް ކޮށްދެނީ ކޮން ޙައިޘިއްޔަތަކުންތޯއެވެ؟ ކޮއްކޮއަށް ކަލޭގެ ފުށުން ލިބެނީ ކޮން ފަސޭހައެއްބާއެވެ؟ ކުޑަމިނުން ކޮއްކޮ ޓިއުޝަނަށް ދާއިރު، އޭނާ މަގުމަތީގެ ނުރައްކަލުން ރައްކާތެރިކޮށްދޭން ތިޔަ ބާރުގަދަ މުލައްދަނޑީގެ ބޭނުން ހިފުނުތޯއެވެ؟ ޝުކުރުކުރާށެވެ.

އަނބިމީހާ އަށް ތަޢުރީފުކޮށް އޭނާގެ މަސައްކަތުގެ އަގުވަޒަންކުރެވޭބާއެވެ؟ ކެއްކި އެއްޗެއްގައި ތަންކޮޅެއް ލޮނު މަޑުނަމަ ދުނިޔެ ގިޔާމަތްވުމާ އެއްފަދަކުރާ އިރު، މީރުކޮށް ކެއްކޭ ފަހަރު މީރޭ ބުނެލެވުނުތޯއެވެ؟

ނޫނެކެވެ. ކުށެއް ފެނިއްޖެންޏާ އެކަން ފާހަގަކުރެވެއެވެ. އެކަމަކު ހެޔޮކަމެއް ކޮށްދޭ އިރު އެކަން ފެންނަކަމަކަށް ނުވެއެވެ.

ޝުކުރިއްޔާއޭ ބުނުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ނާދިރުކަމެކެވެ. ބައެއްފަހަރު ލަދުވެސް ގަންނަކަމެކެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ ހަމަ އެކަނި ދުރުހިލޭ މީހުންގާތު ބުނަންޖެހޭ އެއްޗެކެވެ. ރައްޓެއްސަކަށް ޝުކުރިއްޔާއޭ ބުނުމަކީ އޭނާ ދުރުހިލޭކޮށްލުމޯލައެވެ.

އެއީ ކުށްހީއެކެވެ. ހަގީގަތުގައި ކޮންމެ ފަހަރަކު ޝުކުރިއްޔާއޭ ގޮވަމުން ނުދުވިޔަސް ފުދޭނެއެވެ. ބައެއްފަހަރު މީހަކު ހެޔޮކަމެއް ކޮށްދިނުމުން “ހާދަ ރަނގަޅޭ” ނުވަތަ “ވަރަށް އުފާވެއްޖެ” ނޫނީ “އައިސްތު ވަރެއް ހަމަ ނެތޭ” ކަހަލަ ޢިބާރާތަކުން އަނެކާ ހިތްހަމަޖައްސާލަދިނުމަކީ ވެސް ހަމަ ޝުކުރުއަދާކުރުމެވެ.

މިއީ ފާރެއް ނޫނެވެ.

ފަންވަތް

ތިޔަ ހީފުޅުކުރެއްވީ  އަދި މުޅިން ރަނގަޅަކަށް ނޫނެވެ. މިއީ ކުޅުދުއްފުށީގެ މަގުފާރެއް ނޫނެވެ. ތަކުރާރުކޮށް ބާރުލައިފައި ދަންނަވަމެވެ. ބައެއް ބޭފުޅުން އެބޭފުޅުންގެ ހިތްޕުޅަށް އަރާ، ފުޅަ ބަސްތަކާއި ޚިޔާލު ސްޕްރޭ ދަވާދުން ކުޅުދުއްފުށީގެ މަގުފާރުގައި ލިޔުއްވާގޮތަށް މިތަނުގައި ލިޔުއްވަން މިއީ، އެފަދަ ފާރެއް ނޫނެވެ. ވީމާ، އާދޭހާ އެކު ދަންނަވަމެވެ. ތިޔަހެން ނުހައްދަވާށެވެ.

މިތަނުގައި ހުންނަ ލިޔުންތަކުގެ ޢިބާރާތަށާއި ހުށަހަޅާފައިވާ ޚިޔާލާއި މައުލޫމާތަށް ނިކަން، ވިސްނަވާށެވެ. މިއީ ތަހުޒީބު ތަނެއްކަން އެނގިލައްވާނެއެވެ. މި ތަނުގެ މަގުސަދަކީ، އެދެވޭ ހެޔޮބަދަލެއް ފިކުރަށް ގެނައުމެވެ. މިއީ ފިކުރީ މަސައްކަތެކެވެ. އެއްގޮތަކަށްވެސް ބާޒާރުމަތީ ޚިޔާލާއި، ރަށުތެރޭގެ ‘ގޮސިޕް’ އަށް މިތާނގައި ޖާގައެއް ނެތެވެ. އަޅުގަނޑުމެންނަށް އެފަދަ ގޮސިޕެއް ކަމަކު ނުދެއެވެ.

މިއީ އަޅުގަނޑުމެންގެ މޫނު ބަލާ ލޯގަނޑެވެ. މިތަނުން މި ފެންނަނީ ސޫރައެކެވެ. އެ ސޫރަ އަޅުގަނޑުމެން  ބެހެއްޓޭތޯ މި ބަލަނީ ރީތި، ތަހުޒީބު ސިފައެއްގައެވެ. އެސޫރަ ތިޔަބޭފުޅާގެ ހިތްޕުޅުގެ ކޮންމެވެސް ގޮނޑު ހިސާބަކުން ފައިދާވާ ހަޑިން، ހަޑިނުކުރައްވާށެވެ. ހަނދުމަފުޅު ބަހައްޓަވާށެވެ. މިތަނުގައި ފާޅުކުރައްވާ ޚިޔާލުން ދޭހަވަނީ އަޅުގަނޑުމެންގެ ސަގާފަތާއި ފިކުރު ހުންނަގޮތެވެ. ފުޅަ ބަހުރުވައާއި އެފަދަ ޚިޔާލުން މިތަން ކަޅިކުރެއްވުމުން، އެއީ ވެސް އަޅުގަނޑުމެންގެ ސަގާފަތް ކަމުގައި އެބަ ހިމެނެއެވެ. ވީމާ، މިހާރު ތިޔަ ކަންކުރައްވާގޮތް ބަދަލުކުރައްވާށެވެ.

އަޅުގަނޑުމެންގެ ޒުވާނުންނާއި، ކުޑަކުދިންވެސް، މި ތަނަށް ލެފިލައި، މިތަނުން ފައިދާ ހޯދިޔަ ދެއްވާށެވެ. ރަނގަޅު ފުރުސަތެއް ލިބިވަޑައިގަތުމުން ޝުކުރިއްޔާއޭ ވިދާޅުނުވެ، ޝުކުރުވެރިވެވޭނެ އެއް ގޮތަކީ ހެޔޮގޮތުގައި، ފުރުސަތުގެ ބޭނުން ހިއްޕެވުމެވެ. މި ތަނުން ތިޔަ ލިބިވަޑައިގެންނެވީ ރަނގަޅު ފުރުސަތެކެވެ.

,

‮ ‬5‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ކަނބޯރަނި‮ ‬ވިދާޅުވީ


    ތާރީޚް:18/02/2009

    ދޮގެއް ނޫން! ޝުކުރުކޮށްބަލަ! ކަލޭނޭ… ހިތަށް އަރާހާ ތަކެތި ލިޔަން މިއީ ފާރެއް ނޫނެވެ.

  2. ޙާލުގެ ދުލުން‮ ‬ވިދާޅުވީ


    ތާރީޚް:18/02/2009

    ފަން އަރީގެ ތިޔަ ލިޔުއްވުމަށް ޝުކުރުދަންނަވަން. ހަމަ ޔަޤީނުންވެސް މިރަށުގެ ވިޔަސް އަދި އެހެން ރަށެއްގައި ކަމުގައިވިޔަސް ހިތުގައި އުފެދޭ ޝުޢޫރުތައް މަގުފާރުތަކުގައި ލިޔުމަކީ އެއްވެސް ހައިސިއްޔަތަކުން ބަލާއިރު ތާކުންތާކު ޖެހޭކަމެއްކަމުގައި ނުވާނެ، ހަމައެކަނި ލިޔުމެއްވެސް ނޫން އިނގޭތޯ ފާޑު ފާޑުގެ ހަޑިހުތުރު ބައްޓަންތަކުގެ ކުރެހުމަކީވެސް ވަރަށް ދަށުދަރަޖައިގެ ކަމެއް. ސަރުކާރުގެ ބައެއް ޢިމާރާތްތަކާއި، އަމިއްލަ މީސްމީހުންގެ ގެދޮރު ނުވަތަ އިންފާރުތަކުގައިވާ ކުރެހުންތަކާއި، ލިޔުންތައް ފެނުމުން އެރަށަކަށް ނިސްބަތްވާ ހެޔޮވިސްނޭ ހަމަ ކޮންމެމީހަކުވެސް އެކަމާ ލަދުގަނެ އެކަންކަން ކުރާމީހުނާ ދޭތެރޭ ހިތުގެ އަޑިން ނަފުރަތު ކުރެވޭނެކަން ހަމަ ޔަޤީން. އަޅުގަނޑުގެ ނަސޭހަތަކީ މިފަދަ ތާކުންތާކު ނުޖެހޭ ކަންކަމުގައި އެހެންމީހުންގެ ނަފުރަތު ލިބޭފަދަ މީހަކަށް ތިމާނުވައްޗޭ….. ޝުކުރިއްޔާ!

  3. ގުދުބެ‮ ‬ވިދާޅުވީ


    ތާރީޚް:18/02/2009

    މިސައިޓުން ވަރަށް ރަނގަޅަށް ކުޅުދުއްފުށީ މީހުންގެ ތަހުޒީބު އެބަދައްކުވައިދޭ. މިނޫނަސް އެކިރަށްރަށުގެ ނަމުގައި ސައިޓްތައް އެބަހިންގާ… އެކަމަކު މިސައިޓްވަރަށް އެކަކު އަނެކަކުގެ މަސްކާ ސައިޓެއް މަވާ ނުދެކެން…. ސާބަހޭ ކުޅުދުއްފުށީ ދަރިންނޭ…. ތިޔައީ ތަހުޒީބަކީ ތިޔައީ ތަރައްގީއަކީ….. ކުރިޔަށްގެންދޭ…….

  4. ކުލަބޮކިފަތި‮ ‬ވިދާޅުވީ


    ތާރީޚް:18/02/2009

    އާން … މިތާކު މީހަކު ތިޔަބުނާ ގޮތަށް މަހެއް ނުކައި!

  5. އަހަންމަދު‮ ‬ވިދާޅުވީ


    ތާރީޚް:18/02/2009

    ގުދުބެ ގުދަށް އޮތީމަ ތިއޫޅެނީ އަދި ކަން ހިނގާ ގޮތް ނޭގިގެން.. ނިކަން ތެދުވެބަލަ