Share

PAT ތައުލީމީދާއިރާގައި…

PAT ތައުލީމީދާއިރާގައި…
އ.މ.ކ އަދި އ.އ.ވ ގެ ޤަލަމުން…

މީކޯޗެއްހެއްޔެވެ؟ މި ސުވާލު މީ ވަރަށް ގިނަބައެއްގެ ހިތުގައި އުފެދޭނެ ސުވާލެއްކަން ޔަގީނެވެ. ތައުލީމީވަޒީރު ބޮޑުތިލަދުންމައްޗަށް، އާދެ “މަތި އުތުރު ޕުރޮވިންސަށް” ކުރެއްވި ޒިޔާރަތުގެ އެންމެބޮޑު އެއްބޭނުމަކަށް ވީ PAT ސުކޫލުތަކަށާއި ބެލެނިވެރިންނަށް ތަޢާރަފުކޮށް އެރުވުމެވެ. PATމީ ކޯޗެއް ހެއްޔެވެ؟ މިއީ ރަމްޒީ އަކުރުތަކެކެވެ. މީގެ ދިގުގޮތަކީ:

Positive visible change: P (ފެންނަން ހުރި ރަގަޅު ބަދަލުތައް)

Accountability: A(ޒިއްމާދާރު ކުރުވުން)

Targets: T(ވާޞިލުވާން ބޭނުންވާ އަމާޒު)

މައުޟޫޢަށް ދަމާތޯއެވެ. Positive visible change ފެންނަ ރަގަޅު ބަދަލުތައް ތަޢުލީމީ ދާއިރާއަށް އަންނަނީ ކިހާވަރަކަށްތޯއެވެ. އަންނަމުން ދާ ބައެއް ބަދަލުތަކަށް ބަލާލަމާތޯއެވެ.

• އެއްދަންފަޅިއަށް ކިޔަވައިދިނުން ނުވަތަ ވަށާޖެހިފައިވާ ތަޢުލީމް

މިއީ ރަގަޅު ބަދަލެކެވެ. މީގެ ސަބަބުން ކުދިން ސުކޫލުގައި ހޭދަ ކުރާވަގުތު ކުރިޔަށްވުރެ ރަގަޅުގޮތުގައި ބޭނުން ހިފޭނެއެވެ. ކުދިންނަށް އިތުރު ގަޑިތަކާއި އިތުރު ޙަރަކާތްތަކުގައި ދުވާލުގަޑީގައި ސުކޫލުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ލިބޭނެއެވެ. ހަފުތާބަންދު ދެދުވަސް އެއީ ޗުއްޓީ ދެދުވަހުގެ ގޮތުގައި ހެދުމަށް ޓީޗަރުންނަށާއި ކުދިންނަށް ފުރުޞަތު ބޮޑުވާނެއެވެ. ނަމަވެސް ސުވާލަކީ ފަސް އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ވަށާޖެހިފައިވާ ތަޢުލީމު ޤާއިމް ކުރެވޭނެބާވައެވެ. އިޤްތިޞާދީގޮތުން ވެއްޓެމުންދާ ދުވަސްވަރެއްގައި ސުކޫލުތަކުގައި އިތުރު 12 ނުވަތަ 15 ކުލާސް އެޅުމަކީ ވާނެކަމެއްބާވައެވެ. ހަމައެކަނި ވަށާޖެހިފައިވާ ތަޢުލީމުދޭ ސުކޫލެކޭބުނެ ނަންބޯޑު ބަދަލުކޮށްލުމަކުން މި މަޝްރޫޢުގެ ފުރިހަމަ ފައިދާ ދަރިވަރުންނަށް ކުރާނެބާވައެވެ. ސަރުކާރުގެ ބަހުން ބުނާނަމަ “ޕޮޒިޓިވް ވިސިބްލް ޗޭންޖެއް” ފެންނާނެބާވައެވެ. ނުވަތަ ފައިދާ ނުފެންނަކަމަށްވާނަމަ ވާނީ “ނެގެޓިވް ވިސިބްލް ޗޭންޖަކަށް” ބާވައެވެ؟ މިއީ ސަރުކާރުން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެއްކަމަށް ދެކެމެވެ. ހަމައެކަނި ވެވިފައިވާ ވަޢުދެއް ފުއްދުމަށް ، ކަމަކަށް ކަމެއްކުރާ އުޞޫލުން މިކަން ނުކުރުމަށް ސަރުކާރަށް ގޮވާލަމެވެ.

• “ސިވިކް އެޑިއުކޭޝަން” ނުވަތަ މަދަނީތަޢުލީމު ފެށުން

މަދަނީ ތަޢުލީމު ފެށުނުކަން ތަޢުލީމާބެހޭވަޒީރު މިސަރަޙައްދަށް ކުރެއްވި ދަތުރުގައި އިޢުލާނުކުރެއްވިއެވެ. މިއީ މީޑިއާގެ ޒަރިއްޔާއިން ހިންގާޕުރޮގުރާމެއްކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އަދިއަދަށްދާދެންވެސް މިނިސްޓްރީގެ ފަރާތުން މިކަމާބެހޭ ތަފްޞީލް ގިނަސުކޫލުތަކަށް ނުލިބޭކަން ފާހަގަކޮށްލަމެވެ. މާނަޔަކީ ޓީވީންނާއި ރޭޑިޔޯއިން ޕުރޮގުރާމުތަކެއް ހިންގާކަމެއްވެސް އަދި ހިންގަންޏާ ހިންގަނީ ކޮން ގަޑިޔެއްގައިކަންވެސް ނޭގޭ ކިތަންމެ ސުކޫލެއް އެބަހުއްޓެވެ. މިހެންވުމުގެ ސަބަބުން ކުދިންނަކަށްވެސް އަދިބެލެނިވެރިންނަށްވެސް މިމަޢުލޫމާތު ދެވޭނެގޮތެއްނެތް ކިތަންމެ ސުކޫލެއް އެބަހުއްޓެވެ. މިއީ އެބުނާ “ޕޮޒިޓިވް ވިސިބްލް ޗޭންޖް”ތޯއެވެ. ނޫނީ މިއީ ވާޞިލުވުމަށް ބޭނުންވާ އަމާޒަށް ވާޞިލުވެވޭނެގޮތްތޯއެވެ؟ ނުވަތަ މިއީ އެންމެ ޒިންމާދާރު ގޮތުގައި މިކަން އެންމެ ފުރިހަމައަށް ކުރެވޭނެ ގޮތްތޯއެވެ؟

• “އެވްރި ޗައިލްޑް ރީޑްސް” ނުވަތަ ކޮންމެކުއްޖަކީވެސް ފޮތްކިޔާކުއްޖެއް

މިއީ ވަރަށްވެސް ރަގަޅުކަމެކެވެ. މިއީ ކުދިންގެ ދުނިޔަވީ މަޢުލޫމާތު އިތުރަށް މުއްސަނދި ކުރުމަށް ކުރެވޭނެ އެންމެ ފައިދާހުރި ކަންކަމެވެ. ސުކޫލުތަކުގައި ހުރި ފޮތްތައް ބޭނުން ކޮށްގެން ލައިބުރަރީގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ބޭނުން ކުރާނެގޮތް ދަރިވަރުންނަށް ބުނެދީ މިކަންތައް ވަރަށް ފައިދާހުރި ގޮތެއްގައި ގެންދެވިދާނެއެވެ. މިއީ ބޭނުންވާ އަމާޒަށް ވާޞިލުވުމުގައި “ޕޮޒިޓިވް ވިސިބްލް ޗޭންޖެއް” ފެންނާނެކަމެކެވެ. ނަމަވެސް ރަގަޅު ފެންވަރެއްގެ ލައިބުރަރީއެއް ހުރީ ކިތައް ސުކޫލުގައިތޯއެވެ؟ ފުރަތަމަކަމަކަށް ލައިބުރަރީޔަކަށް ބޭނުން ކުރާނެ ޢިމާރާތެއް ނެތް ކިތައް ރަށް ހުރިބާވައެވެ؟ އަޅުގަނޑުގެ ތަޖުރިބާއަށާއި ފެނިފައި ހުރި ތަންތަނަށް ބަލާއިރު ސުކޫލުގެ އޮފީސްތެރޭގައި ހުރި ފޮށިގަޑެއް އެއީ ލައިބުރަރީކަމުގައި ވާ ކިތަންމެ ސުކޫލެއް މިރާއްޖޭގައި އެބަހުއްޓެވެ. މިއަހަރު ސުކޫލަށް ފޮތްގަންނަން ބަޖެޓަށް ކަނޑައެޅިފައިވާ މިންވަރު އެތައްގުނައެއް ދަށްވެފައިވާކަމަކީ ޙަގީގަތެކެވެ. ބައެއް ސުކޫލުތަކަށް ފޮތްގަންނަން 1000 ރުފިޔާ ކަނޑައަޅައިފައިވާ ސުކޫލުތައް އެބަހުއްޓެވެ. މިއީ ލައިބުރަރީއަށް ކޮންމެހެންބޭނުންވާ ޓީޗަރުންގެ ފޮތްތައް ހޯދުމަށްވެސް އެކަށޭނަ ޢަދަދެއްނޫންކަން ފާހަގަކޮށްލަމެވެ.

• ޓީޗަރުންނަށް ދޭންޖެހޭ މުސާރަ މަސްނިމޭއިރު ދިނުމަށް ދަތިވުން

މިއީ މުޅިރާއްޖޭގައި މިވަގުތު އެންމެ ހޫނުކޮށް ދެކެވެމުން އަންނަވާހަކައެވެ. މިހެން ދިމާވާންޖެހޭ ވަރަށްގިނަ ސަބަބުތަކެއް އެބަހުއްޓެވެ.

ޙަޤީޤީސަބަބަކީ ކޮބައިކަން ނޭނގުނުކަމުގައިވިޔަސް ފެންނަންހުރި ޙަޤީޤަތްތަކެއް އެބަހުއްޓެވެ. ބައެއްކަންތައްތައް ނުވަތަ ބައެއް ޚިދުމަތްތައް ލާމަރުކަޒީވެގެންގޮސް އަތްފޯރާހިސާބަށް ތިރިޔަށްއަންނައިރު ނުވަތަ ގެނެސްދޭއިރު ސްކޫލްތަކުގެ މުޥައްޡަފުންގެ މުސާރައާއި އެހެނިހެން ހިންގުމުގެ ޚަރަދަށް ބޭނުންވާ ފައިސާއަށް އަތްފޯރުވުމަށް ހުރަސްއެޅެމުންދިޔުމެވެ. ކުރީގެ އަހަރުތަކުގައި ރާއްޖޭގެ ސްކޫލްތަކުގެތެރެއިން ބަޖެޓްވަކިކުރި ސްކޫލްތަކުގެ މުސާރަފައިސާއާއި ހިންގުމުގެ ޚަރަދުފައިސާ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެމަތީން ބަލަހައްޓަވަމުންގެންދަނީ އެސްކޫލްތަކުންނެވެ. އަދި ބަޖެޓްވަކިނުކުރާ ސްކޫލްތަކުގެ އެކައުންޓްތަކަށް ނުވަތަ އަތޮޅުއޮފީސްތައްމެދުވެރިކޮށް ރަށުއޮފީސް މެދުވެރިކޮށްނަމަވެސް ސްކޫލްތަކަށް ފައިސާ ފޯރުކޮށްދެނީ އެސްކޫލެއް ހިމެނޭ ޒޯނަކުންނެވެ. ނަމަވެސް މިހާރުމިއޮތީ އެއާ މުޅިންޚިލާފަށެވެ. ރާއްޖޭގެ 7 ސަރަޙައްދެއްގައި އެސަރަޙައްދެއްގައިދިރިއުޅޭރައްޔިތުންނަށް ސަރުކާރުންދެމުންގެންދާ ޚިދުމަތްތައް އަތްފޯރާފަށަށް ގެނެސްދިނުމަށްހަދާފައިވާ ޕްރޮވިންސް އޮފީސްތަކަށްވެސް މިޚިދުމަތް އަތްފޯރާހިސާބަށްގެނެސްދިނުމަށް ކުރެވޭނެ ހަމައެއްވެސްކަމެއްނެތެވެ. އިޚުތިޔާރެއްނެތެވެ. ބާރެއްނެތެވެ. އެބޭފުޅުން ބުނުއްވާނެ “ކީއްތޯ އަޅުގަނޑުމެންކުރާނީ. ފިނޭންސުން ޖަމާކޮށްދެއްވީމާ ތިކަން ހަމަޖެހޭނީ ” ޙާލަތަކީ މިއީއެވެ.

ޚަރަދުކުޑަކުރުމުގައި ކުރިން ޢަމަލުކުރަމުން އައިގޮތުން ހުރިގެއްލުމާ މިހާރު ޢަމަލުކުރަމުންގެންދާގޮތުން ހުރި ފައިދާއަށްބަލާއިރު ބަޖެޓްވަކިކުރި ސްކޫލެއްގެ 1 އަހަރުދުވަހުގެ މުސާރައާއި އެހެނިހެން ހިންގުމުގެ ޚަރަދުފައިސާ އެމްއެމްއޭ އިން އަތޮޅުތަކުގައި ހުންނަ ބީއެމް އެލްގެ ބްރާންޗްތަކުގައި އޮންނަ އެކައުންޓަށް ޖަމާކުރުމަށް އެންމެ ގިނަވެގެންވެސް ކުރިން ޚަރަދުކުރަންޖެހޭނީ 9000 (ނުވަހާސްރުފިޔާ) އެވެ. އެއީ އަހަރުދުވަހަށްބޭނުންވާ ފައިސާ ތިންފަހަރަށް ބަހާލައިގެން ޖަމާކުރީމައެވެ. ނަމަވެސް މިހާރު ކޮންމެމަހަކަށް ގާތްގަނޑަކަށް 3000.00 (ތިންހާސްރުފިޔާ) ޚަރަދުކުރަންޖެހުމުން އަހަރަކަށް 36000.00 (ތިރީސްހަހާސްރުފިޔާ) ޚަރަދުވާނެއެވެ. އަތޮޅުތަކުގައިހުރި ސަރުކާރުގެ ސްކޫލްތަކާ އެހެނިހެން އޮފީސްތަކުގެ މުޥައްޡަފުންގެ މުސާރައާއި ހިންގުމުގެ ޚަރަދަށްބޭނުންވާ ފައިސާ މަހުންމަހަށް މިގޮތަށް ޖަމާކުރުމުން ޚަރަދުކުޑަވެގެންދާނެވަރު ކިޔުންތެރިން ވިސްނާލެއްވުމަށް ދޫކޮށްލަމެވެ. އެހެނަސް މުހިއްމު ނުކުތާއެއް ފާހަގަކޮށްލަދެމެވެ. ބޭންކް އޮފް މޯލްޑިވްސްގެ އަތޮޅުތަކުގައިހުންނަ ބްރާންޗްތަކަށް ޓްރާންސްފަރކުރުމަށް މެއިންބްރާންޗާ ޙަވާލުކުރެވޭ 600000.00 (ހަލައްކަރުފިޔާ) އަށްވުރެ ދަށުގެ ކޮންމެ ޢަދަދެއްގެ ފައިސާއެއްވެސް ޓްރާންސްފަރކޮށްދިނުމަށް ބޭންކުން ނަންގަވާ ޗާޖަކީ %0.5 (ޕޮއިންޓް ފަހެއްޕަސެންޓް) އެވެ. ނަމަވެސް 600000.00 (ހަލައްކަރުފިޔާ) އަށްވުރެ މަތީގެ ކޮންމެ ޢަދަދެއްވިޔަސް ނަންގަވަނީ 3000.00 (ތިންހާސްރުފިޔާ) އެވެ. ވީމާ ، ޚަރަދުކުޑަކުރަން މަސައްކަތްކުރާ ސަރުކާރަކުން އަޅުއްވާފައިމިވަނީ ވަރަށްވެސް ހަރުދަނާ ފިޔަވަޅެކެވެ.

މުސާރަ ދިނުމުގައި ލަސްވަމުންދާ އަނެއްސަބަބަކީ މުސާރަދިނުމާބެހޭ ހުރިހާ ލިޔެކިޔުމެއް ފިނޭންސް މިނިސްޓްރީއަށް ފެކުސް ކުރަން ސަރުކާރު ހުރިހާ އޮފީސްތަކަކަށް ދެއްވާފައިވަނީ ހަމައެންމެ ފެކްސް ލައިނެކެވެ. މިހެންވުމުން މި ލިޔެކިޔުންތައް ފޮނުވަންޖެހޭ ދުވަހަށް ފެކުސްކުރަން މަސައްކަތްކޮށް އެކަންނުކުރެވި އެތައްވަގުތެއް ބޭކާރުވެގެން އެބަދެއެވެ. ލާމަރުކަޒީވެގެންދާއިރު ކުރިން ސުކޫލުތަކުގެ އަމިއްލަ އިޚްތިޔާރުގެ ދަށުގައި ހުރިކަންތައްތަކަށްވެސް ފިނޭންސްމިނިސްޓްރީގެ ހުއްދަ ކޮންމެފަހަރަކު ހޯދަންޖެހުން މިއީ ޙަޤީޤީ ލާމަރުކަޒީ ނުވާކަމުގެ ހެއްކެކެވެ. މިކަމާއިމެދު ޖަވާބުދާރީވުމަށް މިކަންތަކާއިގުޅޭ ޚާއްޞަ ބޭފުޅަކު އޮފީސްތަކަށް ނޭނގޭކަމީ ޒިންމާދަރުވުމަށާއި ޒިންމާދާރުކުރުވުމަށް އެޅޭވަރަށްބޮޑު ހުރަހެކެވެ. އެއްފަހަރު ވާހަކަދައްކަވާބޭފުޅަކާ ދެވަނަފަހަރުގުޅާލުމުން ވިދާޅުވާނެ “މިހާރު ތިމަސައްކަތްކުރަނީ އަޅުގަނޑެއްނޫން.. ސާމިރާ(އަޞްލުނަމެއްނޫން) އާގުޅާލާ!” މިއީމިބޭނުން ވާ “އެކައުންޓަބްލް” ކުރުވުން ތޯއެވެ؟ ނުވަތަ މިބުނާ “ޕޮޒިޓިވް ވިސިބްލް ޗޭންޖް” ތޯއެވެ؟

• އަހަރުފެށުނުއިރު ބޭނުންވާޓީޗަރުން…

އަޅުގަނޑު ޖުމުލަ މިނިންމާނުލީ ހަމަޤަޞްދުގައެވެ. ސަބަބަކީ ކުރީ އަހަރުތަކާ ޚިލާފަށް ސުކޫލުތަކަށް ބޭނުންވާ ގިނަ ޓީޗަރުން ހަމަވެފައިވާކަން ފާހަގަ ކުރާތީއެވެ. ނަމަވެސް އަދިވެސް ބައެއްމާއްދާތަކަށް ކިޔަވައިދޭނެ ޓީޗަރުން ނުލިބިގެން ކިޔަވައިނުދެވި މިގަޑިތައް ރިލީފް ގަޑިތަކުގެ ގޮތުގައި ނަގަން ޖެހިފައިވާ ސުކޫލުތައް ޖަލާލުއްދީން ސުކޫލް (ނޫހުގައިވާގޮތުން) ނޫނަކަސް އެބަހުއްޓެވެ. މިކަމާއިމެދު ޖަވާބުދާރީވާނެ ފަރާތެއް އެޑިޔުކޭޝަންމިނިސްޓްރީން ނުވާކަމަށް މިފަދަ ބައެއް ސުކޫލުތަކުގެ ވެރިން ހާމަ ކުރައްވައެވެ. މިއީ އެކައުންޓަބަލް ކުރުވުން ތޯއެވެ؟ ނުވަތަ ވާޞިލުވާން ބޭނުންވާ އަމާޒަށް ވާޞިލުވުމަށް އަންނަ “ޕޮޒިޓިވް ވިސިބްލް ޗޭންޖް” ތޯއެވެ؟

މިވާހަކަތައް ލިޔުމުގެ ބޭނުމަކީ ޙަޤީޤީ “ޕޮޒިޓިވް ވިސިބްލް ޗޭންޖެއް” ތަޢުލީމީ ދާއިރާއަށް އަންނަތަން ދެކޭހިތްވުމެވެ. އަޅުގަޑުމެންގެ ދަރިންގެ މުސްތަގުބަލް އުޖާލާ ކުރުމަށްޓަކައެވެ. އަޅުގަޑުމެންގެ ރާއްޖޭގެ މުސްތަގުބަލް ރަގަޅުވުމުގެ ބޭނުމުގައެވެ. ޙަޤީޤަތުގައިވެސް “ޕޮޒިޓިވް ވިސިބްލް ޗޭންޖެއް” ގެނައުމުގެ ބޭނުމުގައެވެ.



,

‮ ‬5‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ކަލޭ ތިޔަ‮ ‬ވިދާޅުވީ


    ތާރީޚް:25/02/2009

    މުހައްމަދު އިބްރާހީމް އާއި އަބްދުﷲ އާދަމް އަށް އަޅުގަނޑު ތާއީދު ކުރަން. މިފަދަ ކޮންސްޓްރަކްތިވް ލިޔުމެއް ކިޔާލައިގެން ދޭހަވާ މާނަ އޭގެ އަސްލަށް ރުޖޫއަ ކުރާނަމަ ބުނެވޭނީ މިހާރުގެ ސަރުކާރުން ހުރިހާ ކަމެއް ވެސް ގެންދަނީ އޮޅުވާ ލުމުގެ ތެރޭގައި ކަމަށެވެ. ދޮގު ހެދުން އިންތިހާއަށް ގޮސްފައިވާ ސަރުކާރަކުން ރަގަޅު ހަމ އެއްކަމެއް ނުކުރާނެއެވެ. މައުމޫންގެ 30 އަހަރު ދުވަހަށް ވުރެ މި ވޭތުވި 100 ދުވަހުގެ ޖަރީމާ ނުރައްކާތެރިވެފައި ގެއްލުންބޮޑެވެ. ހުދުމުހުތާރުކަން މިސަރުކާރުގައި މިވަނީ ހައްދު ފަހަނަ އަޅާފައެވެ. ލިއަވް ޓެލެކާސްޓެއްގައި އަންނި ވަނީ އެންމެން އެއްލަދު ކޮއްފައެވެ.

  2. ދެން‮ ‬ވިދާޅުވީ


    ތާރީޚް:25/02/2009

    ކަލޭ ތިޔަ އަށް…
    މުޙައްމދު އިބްރާހީމްއެއްނޫން … އިބްރާހީމް މުޙައްމަދު.
    ހަމަ އެސްލާހުކޮށްލީ.. ކަލޭތިޔަ ލިޔެފައިވާ އެއްޗަކާއި މެދު އެއްޗެއްބުނާކަށެއނޫން.. ހައްޕު

  3. ސިއްރު ސިއްރުން‮ ‬ވިދާޅުވީ


    ތާރީޚް:25/02/2009

    ކުޅުދުއްފުށީ ސައިޓް މިވާހަކަ އޮތީމަ މަށަށް ފެންނަ އެއްޗެއް ބުނެލާނަން! މަތި އުތުރު ޕްރޮވިންސް އޮފީހުގައި ހުންނަ އެޑިޔުކޭޝަން ޔުނިޓް މިރަށުގެ ބާރުގެ ދަށަށް ގެންނަންވީ، މިބުނީ ހޮސޯރު ކުރާށެކޭ ނޫން، މިރަށުގެ ތައުލީމީ ބޭފުޅުން އެތަން ހިންގުމާ ހަވާލުވާންވީ! މިއަދުވެސް އެ ޔުނިޓްގައި ޖަވާބުދާރީވެވޭނެ ފަދަ ބޭފުޅަކުނެތް، އެންމެ އިސްވެރިޔާ ވީ ވޯރކްޝޮޕްގައި ދެން ހުންނެވި ވެރިޔާ ރަށުގައި ނޫޅުނަވާ! ހަމައެކަނި ނަންބޯޓެއް ތަނެއްގައި ހުރެގެން ކަމެއް ވަންޏާވާނެއެވެ

  4. ސަކަރާތްގަނޑު‮ ‬ވިދާޅުވީ


    ތާރީޚް:26/02/2009

    މައުމޫނު ކަހަލަ ބޭފުޅަކު މިހާރު މިރާއްޖޭގެ ހުންގާނުގައި ވަންމޭން ޝޯވ ހުށަހަޅުއްވަން ހުރިނަމަ ވާނެގޮތަކީ ދުނިޔެއަށް ޖެހޭ ވައިގެ އިހުސާސް ނުކުރެވި ހުރެދާނެ. އެކަމުގެ ގެއްލުން ދަރިންގެ ދަރިންނަށް ލިބޭނެކަމީ ސައްކެތް އޮތްކަމެއް ނޫން. މަޢުމޫނަކީ ވަރަށް ބޮޑު ޚިޔާނާތްތެރިއެއް. ތަސްމީނަކީ އެއަށްވުރެ ބޮޑު ޚިޔާނާތްތެރި އެއް ކަސްޓަމަށް އެސޮރު ދޭންހުރި ލާރި ދީފަ އަނގައެރުން ރަގަޅުވާނެކަމަށް ފެނޭ……. ހުން ދެންމިއޮތީ އަންނި ސޮރުގެ ވާހަކަ ވަރަށް ޓްރާންސް ޕޭރަންޓް ދެއްތޯ؟ އެކަމަކު ވާނުވާ ނޭގެނީ ދޮގެއް ދެއްތޯ؟ ހުސްވަގުން ހުސްވަގުން ހުސްވަގުން މިގައުމަށް ރަގަޅު ވެރިއަކު ލެއްވުން އެދި މާތް ﷲ އަށް ދުޢާ ދަންނަވަބަލަ…… މަދެކެ ރުޅިއައިސްފަ ދެއްތޯ ތިހުންނަވަނީ…. އެކަމަކަު ހެޔޮ މަށަށްވެސް މިވާހަކަ ހަމަ ނުދައްކާ ނުހުރެވެނީ….

  5. ފަތްކޮޅު‮ ‬ވިދާޅުވީ


    ތާރީޚް:26/02/2009

    ފީއޭޓީ- ޕެޓް، އެމްއޭޓީ-މެޓް، ސީއޭޓީ-ކެޓް، އާރްއޭޓީ-ރެޓް!
    އަ ކެޓް ޕެޓްސް އަ ރެޓް އޮން އަ މެޓް!
    ދުވަހަކުވެސް ބުޅަލެއް ކުނާމަތީ އޮތް މީދަލެއްގެ ގައިގައި ހިތްވަރު ދިނުމުގެ ގޮތުން ” ހާދަ ރަނގަޅޭ” ކިޔާފައި ޖަހާލާނެތަ؟ އެއީ ހަމަ އޮންނާނީ ޚިޔާލީ ފޮލާއެއްގެ ގޮތުގައި! އެޑިޔުކޭޝަން މިނިސްޓަރ ގެ PAT ވެސް އެއީ ހަމަ ޚިޔާލީ ފޮލާއެއް!