Share

“ބޮޑޭ” އަށް އެހީތެރި ކަމުގެ އަތެއް

“ބޮޑޭ” އަށް އެހީތެރި ކަމުގެ އަތެއް
ޢަލީ އާދަމް

ޚަބަރު ލިބުމާއި އެކު ފުރަތަމަވެސް ފޭސްބުކް ގައި ސަރޗް ކޮއްލެވުނީ “ހެލްޕް” ލިޔެލާފައެވެ. ފުރަތަމަ ސަރޗް އިންވެސް ޑޮނޭޝަންއަށްޓަކާ ހަދާފައިވާ ތިން ފޭސްބުކް ގުރޫޕާއި ދެ ޕޭޖް ފެނުނެވެ. ރަނގަޅަށް ބަލާލިއިރު، މީގެތެރެއިން ދެގްރޫޕާއި އެއް ޕޭޖް ވަނީ ކިޑްނީގެ ބަލިތައް ތަހައްމަލްކުރާ ޒުވާނުންނަށް ހާއްސަ ކުރެވިފައެވެ.

ކިޑްނީއާ ގުޅުންހުރި ބަލިތަކަށް އެހީ ހޯދުމަށް ސޯޝަލް ނެޓްވޯކްތަކުގައި ގްރޫޕްތަކާއި ޕޭޖްތައް ފެންނަން ފެށުމުން ކިޑްނީގެ ބަލިތަކަކީ ކިހާވަރެއްގެ ނުރައްކާތެރި އަދި ރާއްޖެއިން ކިހާވަރަކަށް ފެންނަމުންދާ ބަލިތަކެއްތޯ އޮޅުން ފިލުވާލުމަށް ބޭނުން ވިއެވެ. ސިއްހީދާއިރާގައި މަސައްކަތް ކުރަމުން ގެންދާ ދެތިން ރައްޓެއްސަކާ މިކަންތައް ހިއްސާކޮށްލީމެވެ. އެ އެންމެންގެ ފަރާތުންވެސް އެނގުނު ގޮތުގައި ކިޑްނީގެ ބަލިތަކަކީ ރާއްޖޭގައި އާންމު ކޮށް ފެންނަމުން އަންނަ ބަލިތަކެކެވެ. މީގެތެރެއިން އެންމެ އާންމު ކޮށް ފެންނަ އެއްބައްޔަކީ “ކިޑްނީ ސްޓޯންސް” ނުވަތަ ކިޑްނީގައި ހިލަ އުފެދުމެވެ. މީގެއިތުރުން ކިޑްނީ ކެންސަރ އަދި ކިޑްނީ ފެއިލިއަރ އަކީވެސް މަދުންނަމަވެސް ފެންނަމުންދާ ބަލި ބައްޔެވެ.

ދެން އަޅުގަނޑު ކުރިންދެންނެވި ހަބަރުގެ ވާހަކަ އެވެ. އާދެ މީގެ މަހެއްހާދުވަސް ކުރިން “އެކިއުޓް ކިޑްނީ ފެއިލިއަރ” ގެ ޝިކާރައަކަށްވީ 29 އަހަރުގެ ޒުވާނެއްގެ ވާހަކައެވެ. ހދ ހަނިމާދޫ ބޯގަންވިލާ މުހައްމަދު އާދަމް (ގިނަމީހުންގެ ނަމުން ނަމަ ބޮޑޭ) އެވެ. މިބަލީގެ ސަބަބުން ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުންވެސް ބޮޑޭއަށް މިހާރުވަނީ ފަރުވާދެވިފައެވެ. މިގޮތުން އިންޑިއާގެ ކިމްސް ހޮސްޕިޓަލުން، ލަފާ ދީފައިވަނީ ވީއެންމެ އަވަސް ފުރުޞަތެއްގައި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށެވެ. މީގެ އިތުރުން ބޮޑޭ މިހާރު ފަރުވާ ހޯދަމުން އަންނަ އައި ޖީ އެމް ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި ބޮޑޭމިހާރުވަނީ މިބަލީގެ އެންމެ ފަހުގެ ސްޓޭޖްގައެވެ. އަދިމިހާރު ދެވެމުންދާ ވަގުތީ ފަރުވާއަކީ ހަފްތާއަކު ދެފަހަރު ހެމޮޑައިލެސިސް ހެދުން ކަމަށާއި މީނާއަށް މިބަލި ޖެހުމަށް ދިމާވި ސީދާ ސަބަބު ބުނަންނޭގޭ ކަމަށް ހޮސްޕިޓަލްގެ ފަރާތުން މައުލޫމާތު ދެއެވެ. “އެކިއުޓް ކިޑްނީ ފެއިލިއަރ” އަކީ ކުއްލިއަކަށް ދިމާވާ ބައްޔެއްކަމަށް ހޯދުންތަކުން ދައްކައެވެ.

ބޮޑޭގެ އާއިލާގެ ފަރާތުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން، ބޮޑޭގެ ކޮއްކޮއެއް ކަމަށްވާ އާދަމް އިބްރާހިމް ބުނިގޮތުގައި ބޮޑޭގެ ދެކިޑްނީގެ 90 އިންސައްތަ ވަނީ ފެއިލްވެފައެވެ. އަދި ވަގުތީ ފަރުވާއެއްގެ ގޮތުން ޑައިލެސިސް ހަދަމުން ގެންދިޔަ ނަމަވެސް ހާލު ރަނގަޅުވަމުން ނާންނަ އެއްސަބަބަކީ ބަލީގެ ސަބަބުން ބޮޑޭއަށް ނަފްސާނީ ގޮތުން އަސަރު ކުރަމުން އަންނާތީ ކަމަށް އާއިލާއިން ބުނެއެވެ.

“ބޮޑޭގެ ދާއިމީ ފަރުވާއަށް (ކިޑްނީ ޓްރާންސްޕްލާންޓް އަށް) ގާތްގަނޑަކަށް 6 ލައްކަ އެއްހާ ރުފިޔާ ނުވަތަ 35 ހާސް ޑޮލަރު ހަރަދުވާނެކަމަށް ލަފާކުރެވޭ. މިހާރު ހެޔޮއެދޭ ބައެއްފަރާތް ތަކުގެ އެހީ ދަނީ ލިބެމުން. ފަންޑު ފޮށިތަށްވެސް ރަށުގެ އެކި ހިސާބުގައި ވާނީ ބެހެއްޓިފަ. ކައިރި ރައްރަށަށް އެންގުމަށް ސިޓީ ފެކްސް ކުރުމުގެ ކަންތައް މިހާރުމިކުރަނީ.” އާދަމް އިބްރާހިމް މައުލޫމާތު ދިނެވެ. އަދި ޖޫން މަސް ފެށުމުގެ ކުރިން ވަޒީފާތަކުގައި އުޅޭ ރަށުގެ ހުރިހާޒުވާނުނަށް ސިޓީ ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާބުންޏެވެ.

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުން ތައުލީމް ހާސިލް ކުރުމަށްފަހު ހަނިމާދޫގެ ތަރައްޤީއަށް ގިނަގުނަ ހިދުމަތްތަކެއް ކުރަމުން އައި ބޮޑޭ އަކީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސްގެ އިތުރުން ހަނިމާދޫ ކްރައިމް ޕްރިވެންޝަން ކޮމިޓީގެ ނައިބު ރައީސެވެ. ޒިންމާދާރު ބައްޕައެއްގެ އިތުރުން ރަހުމަތްތެރިން ސިފަކުރާގޮތުގައި ބޮޑޭއަކީ ހިތްހެޔޮ އެކުވެރިއެކެވެ.

މިފަދަ ހާލަތްތަކުގައިވާ ޒުވާނުންނަށް އެހީތެރިކަމެއް ފޯރުކޮއްދިނުމީ ކޮންމެ ބޭފުޅެއް، ހާއްސަކޮށް ކޮންމެ ޒުވާނެއްގެވެސް އުފަލަކަށް ހަދަމާތޯއެވެ. އަދި މިފަދަ ކަންކަން ދިމާވާ ސަބަބުތައް ހޯދާ އެކަން ކަމުން ރައްކާތެރިވެ ތިބުމަށް އާދަކުރަމާ ތޯއެވެ. މާދަމާ ތިމާވެސް އެހެން މީހެއްގެ އެހީތެރިކަމަށް ބޭނުންވެދާނެއެވެ. މާތް ﷲ މުޙައްމަދު އާދަމް އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި.

ނޯޓް: އެހީ ފޯރުކޮށް ދިނުމަށް އަބްދުއްރަޝީދް އާދަމް (ބޭބެ) :- 7798800 ، އާދަމް އިބްރާހިމް :- 7959989 އާއި ގުޅުއްވާ.

އެކައުންޓްގެ ނަން: އަބްދުއްރަޝީދު ޢާދަމް

އެކައުންޓް ނަންބަރ 001-258539-7701



‮ ‬7‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ނޫރު‮ ‬ވިދާޅުވީ


    ތާރީޚް:29/05/2011

    ރޮވިއްޖެ މީތި ކިޔާފަ

  2. އަހްމަދު‮ ‬ވިދާޅުވީ


    ތާރީޚް:29/05/2011

    ހުރިހާ ބޭފުޅުންވެސް ބޮޑޭ އަށް އެހީތެރިކަން ފޯރުކޮށްދެއްޗޭ. މާދަމާ ތިމާ މީހާއަށްވެސް މިކަހަލަ ދެރަ ކަމެއް ދިމާވެދާނެ.

  3. އިބްނި ހުސޭނު‮ ‬ވިދާޅުވީ


    ތާރީޚް:29/05/2011

    އެހީތެރިކަމަށް ބޭނުން ޖެހިފައިވާ މީހަކަށް އެހީވުމަކީ ﷲގެ ޙަޟްރަތުގައިވާ ތިމާގެ ފާފަތައް ފުއްސެވޭނެ ކަމެއް. ވީމާ، ކޮންމެ ބޭފުޅަކުވެސް އެމީހަކަށް ވެވުނު ވަރަކުން މިފަދަ މީހުންނަށް ހެޔޮ ނިޔަތުގައި އެހީވެދެއްވާ. އިންޝާ ﷲ އޭރުން އެމީހެއްގެ ފާފަ މާތް ﷲ ފުއްސަވައިދެއްވާނެ.

  4. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:29/05/2011

    ވަރަށް ސަޅި ފީޗަރ އެއް އަލީ އާދަމް. މިކަހަލަ އެއްޗެހި ގިނަ ގިނައިން ގެނެސް ދޭތި. މުޖުތަމައުގައި ހުރި މިފަދަ ކަންކަން އެންމެންގެ ސަމާލުކަމަށް ގެނައުމަށް ކުޅުދުއްފުށީ އޮންލައިންގެ ޓީމު ތިކުރާ ހިތްވަރަށް ހަމަ ސާބަސް. ބޮޑޭއަށް ވެދެވޭ ވަރަށް ބޮޑު އެހީއަކަށް ވާނެ މިލިޔުން.
    ކޮންމެ ބޭފުޅެއްވެސް އަވަހަށް އެހީގެ އަތެއް ދިއްކޮށްލެވޭތޯ ބަލާ. އޭގެ ބަދަލް މާތް ރަސްކަލާނގެ ދެއްވާނެ.

  5. އެމްޑީޕީ ކުދިންގެ މަންމަ‮ ‬ވިދާޅުވީ


    ތާރީޚް:29/05/2011

    މި ފީޗަރ ފަށާފައިވަނީ ވަރަށް ރީތިކޮށް ނަމަވެސް، އެންމެ ފަހު ފެރެގިރާފު އެޔޮތީ މަޒުމޫނެއް ގޮތަށް ނިންމުން ގެނެސްފައި. ނިންމުން ބަދަލުކޮށްލީމާ މި ފީޗަރު ރީތިވާނެ މިޔަށްވުރެވެސް.

  6. އަހްމަދު‮ ‬ވިދާޅުވީ


    ތާރީޚް:29/05/2011

    ފީޗާރ ރިޕޯޓެއް ނިންމާލަމުން ދުއާ އެއް ގެނެސްފަ އެއޮތީ މިއީ ވަރަށް އެހެންކަހަލަ ހާލަތެއްގަ އޮތް މީހެއްގެ ވާހަކަ ގެނައި އެއްޗެއް ވީމަކަންނޭގެ. ކުޑަކޮށް ނުގުޅޭ ގޮތެއް ފަހު ޕެރެގްރާފުގައި އެހުރީ އެހެން ވެގެން ހެން ހީވަނީ

  7. އާމިރޭ‮ ‬ވިދާޅުވީ


    ތާރީޚް:30/05/2011

    ބޮޑޭއާ ބެހޭ މިލިޔުންކޮޅު މި ސައިޓުގަ ލިޔުއްވީތީ ވަރަށް ބޮޑަށް ސުކުރިއްޔާ….
    މާތްﷲ ބޮޑޭ އަށް އަވަސް ސިފާއެއް ދެއްވާށި އާމީން

ޚިޔާލު ފާޅުކުރައްވާ