Kulhudhuffushi.com » މަތީން

ޖެރަމީ ބެންތަމްގެ “ނަޡަރިއްޔާ އައްނަފަޢިއްޔާތު” ނުވަތަ ޔުޓިލިޓޭރިއަނިޒަމް (2)
އަޙްމަދު ޢަބްދުލް މަތީން

(އެއްވަނަބަޔާއި ގުޅޭ)

ކޮންމެއަކަސް ބެންތަމްގެ ހެޑްނޮސްޓިކް ކަލްކިއުލަސްއިން ސަރުކާރު މުވައްޒަފުންގެ މުސާރަކުޑަކުރުމަކީ އެކަމުގެ ސަބަބުން ގެއްލުން ހުރިކަމެއްތޯ ފައިދާ ލިބޭނެކަމެއްތޯ ބަލަންޖެހޭ ވަގުތު އައީއެވެ. ފުރަތަމަ ކަމަކަށް މުސްކުޅި މީހާއަށް އުފާވެރިކަން ލިބޭނީ 15 އަހަރުއެވެ. އެއީ އޭނާއާއި އޭނާގެ ދަރިއާއި އަދި ލޯބިވެރިޔާއަށެވެ. ދެން އޮތީ ހަބީބެއެވެ. ހަބީބުގެ އައުލާދުންނަށް ލިބޭ ގެއްލުން އިންތިހާއެވެ. އަދި މުއްދަތަށް ބަލާއިރުވެސް 20 އަހަރެވެ.

ކޮންމެއަކަސް ބެންތަމްގެ ނަޟަރިއްޔާތު ހުރިގޮތުން މުސާރަކުޑަ ކުރުމަކީ ރަގަޅުކަމެއްނޫނެވެ. އަޅުގަނޑު “މުސާރަ ކުޑަ ކުރާ” މިސާލު ނެގީ ތަންކޮޅެއް ފަސޭހައިން މީހުންނަށް އެކަން ދޭހަވާނެތީއެވެ. އެއްވެސް ހާލެއްގައި ސިޔާސީ ބޭނުމެއްގައެއްނޫނެވެ. އެހެންކަމުން މިލިޔުމާއި ސަރުކާރުގެ ސިޔާސީ ފިކުރަކާއި ނުގުޅުވުމަކީ އަޅުގަނޑުގެ އެދުމެކެވެ. މުސާރަ ކުޑަކުރީ ފައިސާ ނެތިގެން ކަމަށް ވާނަމަ މިނަތީޖާއަށް ބަދަލުއަންނާނެއެވެ.

ބެންތަމްގެ މިތިޔަރީ ބުނާގޮތުގެ ޖުމްލަ މިސާލެއް ގެނެސްދޭނަމެވެ. ޔުޓިލިޓީ ކުންފުނިން މިދިޔަމަހުގައި މުސާރަ ބޮޑު ކުރާނެކަމަށް ހުރިހާ މުވައްޒަފުންނަށް އެންގިއެވެ. އެހެންނަމަވެސް މުސާރަ ބޮޑެއް ނުކުރިއެވެ. އެކަމުގެ ސަބަބުން މުވައްޒަފުން މާޔޫސްވެ، ދެރަވެ، މަސައްކަތަށް ފަރުވާކުޑަވެ، ކޮމިޓްމަންޓް މުޅިން ގެއްލިއްޖެއެވެ. ދެން ހުރީ އެތަނުގެ ވެރިންނެވެ. ސަރުކާރެވެ. ސަރުކާރުންވެސް މިކަމާއި ވިސްނިއިރު  އެމީހުންނަށް ވެފައިވާ ގޮތުން ރަށްރަށް ކަރަންޓް ނުދެވި، އަސާސީ ހިދްމަތް ފޯރުކޮށްނުދެވުމުގެ ސަބަބުން ރައްޔިތުން މިހާރު ނުތަނަވަސްވެފައިވާތަން ފެނެއެވެ. އެހެންކަމުން އެކަމުން ސަލާމަތްވުމަށް ވަޢުދުވީފަދައިން މުވައްޒަފުންގެ މުސާރަ ބޮޑުކުރީއެވެ.

އެހެންވީމާ ބެންތަމްގެ މި ނަޟަރިއްޔާ މިއީ ޢަމަލީ ގޮތުން ކުރެވޭނެކަމެއް ހެއްޔެވެ؟ ބެންތަމް އަބަދުވެސް ބުނަނީ ވީހާވެސް ގިނަ ބަޔަކަށް އެންމެ ބޮޑު އުފަލެއް ލިބޭ ކަންތައްތައްއެއީ ރަގަޅު ޢަމަލުކަމުގައެވެ. މިސާލަކަށް މާލޭގައި ވަރަށް ޕާޓޭން ގިނައެވެ. ވައްކަންވެސް ގިނައެވެ. އެވައްކަންތައް ކުރާމީހުން ބަންދުކޮށް ތަޙްޤީޤުގައި މަރަނީއެވެ. އެއީ އެމީހުން ވައްކަން ކުރާތީ މީހުންގަނޑު ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރާތީއެވެ. ފުލުހުން ބުނަނީ މިހާރު ރައްޔިތުން އުފާވޭ ނޫންހެއްޔެވެ؟ މެރީމަ ނިމުނީ ނޫން ހެއްޔެވެ؟ އެއިން އާއްމުންގެ ގިނަ ބަޔަކަށް ބޮޑު އުފަލެއް ލިބިއްޖެއްނޫންހެއްޔެވެ؟ ބެންތަމް ބުނަނީ ރަގަޅެވެ. އެބޭފުޅާގެ ޕްރިންސިޕަލަކީ އެއީއެވެ. އެހެން ނަމަވެސް ބެންތަމްއަށް ވާގިވެރިވާ އެހެން މަޝްހޫރު ފިލޯސަފަރެއްކަމަށްވާ ޖޯން ސްޓެއަޓް މިލް (1873-1806) ބުނަނީ ތިޔައީ “އޫރުގެ ތިޔަރީ”އެވެ. މިލް ބުނަނީ ” އޫރެއް ހިތްހަމަ ޖެހުމަށްވުރެ މީހަކު ހިތް ހަމަ ނުޖެހުންވެސް މާރަގަޅެވެ. އަދި ” މޮޔައެއް ހިތްހަމަ ޖެހުމަށްވުރެ ސޮކްރޭޓްސް ހިތްހަމަ ނުޖެހުން މާރަގަޅެވެ”.

މިލްއަކީވެސް ނަފަޢިއްޔާތަށް ތާޢީދުކުރާ އަދި އެހެނަސް އެއިން ބަޔެއް ޤަބޫލުކުރާ އަދި އޭނާގެ އަމިއްލަ އުސޫލުތަކަކުން ނަފަޢިއްޔާތުގެ ހަމަތައް ބަދަލުކޮށް ގެނެސްދީފައިވާ ބޭފުޅެކެވެ. ހަޤީޤަތުގައި މިލް އަކީ ބެންތަމްގެ މިތިޔަރީއަށް ފާޑުކިޔުންތައް އަމާޒުވުމުން އެކަންތައް ރަގަޅުކޮށްލުމަށް އުސޫލުތައް އެކަށައެޅި ބޭފުޅެކެވެ. މިލް ބުނާގޮތުން އަހަރުމެންގެ ތެރޭގައި ހަދާފައިވާ ޤަވާއިދުތަކަށް ޢަމަލުކުރުމަކީވެސް ނަފަޢިއްޔާތުގެ ބައެކެވެ. އެއީ އުސޫލީ ނަފަޢިއްޔާތެވެ. ކުރިން އިސްވެ ދިޔައީ ބެންތަމްގެ ޢަމަލީ ނަފަޢިއްޔާތެވެ. މިލްބުނާގޮތުން “މަތީ އުފަލަކާއި” މާނައަކީ ހަޔަރ ޕްލެޒަރ އަކާއި “ދަށު އުފަލެއް” ވެއެވެ. މަތީ އުފާ ގޮސް ގުޅެނީ އިންސާނާގެ ސިކުޑިއާއި ދަށު އުފަލަކީ އިންސާނާގެ ޖިސްމެވެ. އެހެންވީމާ ސިކުނޑިން ވިސްނައިގެން ރަގަޅު ހަމަ އުސޫލު ބެލުމަކީ ކޮންމެ ކަމެއްކުރުމުގެކުރިންވެސް އެމީހެއްގެ މައްޗަށް ކުރުން ލާޒިމް ކަމެކެވެ.

މިސާލަކަށް ޑޮކްޓަރަކާއި މިލިޔުން ކިޔާ މީހާގެ ބައްޕައާއި ދެމީހުން އާޓިފިޝަލް ބީޗަށް މޫދަށް ގޮސް އުޅެނިކޮށް ދެމީހުންވެސް ގެނބުނީނެވެ. މިލިޔުން ކިޔާމީހާއަށް ސަލާމަތް ކުރެވެން އޮތީ އެކަކެވެ. ޑޮކްޓަރު އަތުގައި ވަރަށް ގިނަ ބަލިތަކުގެ ބޭސްތައް ހުއްޓެވެ. އޭނާ މަރުވެއްޖެ ނަމަ އެއިން އެއްވެސް އެއްޗެއް ބޭނުންކުރެވޭކަށް ނޯންނާނެއެވެ. އެހެންވީމާ މިލިޔުން ކިޔާމީހާ ސަލާމަތް ކުރާނީ ކާކު ހެއްޔެވެ؟ ބައްޕަ ހެއްޔެވެ؟ ނޫނީ ޑޮކްޓަރ ހެއްޔެވެ؟ މިލް ބުނަނީ ސަލާމަތްކުރަން ޖެހޭނީ ޑޮކްޓަރު ކަމަށެވެ.

މިއީވެސް ދުނިޔޭގެ ނަން މަޝްހޫރު ފިލޯސަފަރުންގެ ވިސްނުމުން އަޅުގަނޑުމެންނަށް ނެރެވޭނެ އަޡަރުތަކެވެ. ބެންތަމްގެ މިނަޡަރިއްޔާއަކީ ޑިމޮކްރެސީއެވެ. ޑިމޮކްރަސީއަކީ ގިނަ ބައެއް އެދޭގޮތެވެ. އެހެންކަމުން  މިތިޔަރީގައި މަޝްހޫރު ފިލޯސަފަރު ރޫޒޯ (1778-1712)ގެ ތިޔަރީއެއްކަމަށްވާ “ކަލެކްޓިވިޒަމް”އާއި އެއްގޮތް ކަމެއް ހުރި ތިއަރީއެކެވެ. ވިސްނާ ފިކުރުކުރުމަކީ ތަނަވަސްކަމުގެ މަގެކެވެ.

(ނިމުނީ)

ޖެރަމީ ބެންތަމްގެ “ނަޡަރިއްޔާ އައްނަފަޢިއްޔާތު” ނުވަތަ ޔުޓިލިޓޭރިއަނިޒަމް (1)
އަޙްމަދު ޢަބްދުލް މަތީން

ޖެރަމީ ބެންތަމް (1832-1748) އަކީ އިގިރޭސިރައްޔިތެކެވެ. 19 ވަނަ ޤަރުނުގެ މަޝްހޫރު ފިލޯސަފަރު ބެންތަމްއަކީ ތަބަޢީ ޤާނޫނުތަކާއި ތަބަޢީ ޙައްޤުތަކާއި ދެކޮޅު ބޭފުޅެކެވެ. ބެންތަމްއަކީ ޔުނިވަރ ސިޓީ އޮފް ލަންޑަންއާއި ޔުނިވަރސިޓީ ކޮލެޖް ލަންޑަން އުފެއްދުމުގައި ބައިވެރިވިބޭފުޅެކެވެ. އަދި ހަމައެހެންމެ އެބޭފުޅާގެ ވިސްނުންފުޅުން ޔުނިވަސިޓީ ކޮލެޖް ލަންޑަންގައި ނަސްލީތަފާތުތައްނައްތާލާ އެތަންއާއްމުކުރިއެވެ. ބެންތަމް ކިޔަވާވިދާޅުވީ މާސްޓަސް ޑިގްރީ ފެންވަރަށެވެ. ތަޚައްޞުޞް ވީ ޕޮލިޓިކަލް ފިލޯސަފީއިންނާއި، ފިލޯސޮފީއޮފް ލޯ އިންނާއި އެތިކްސްއިންނާއި އަދި އިކޮނޮމިކްސްއިންނެވެ.

ބެންތަމްގެ ލިޔުމެއްކަމަށްވާ “އިންޓްރޮޑަކްޝަން ޓު ޕްރިންސިޕަލް އޮފް މޯރަލް އެންޑް އެތިކްސް” ނަމަކަށް ކިޔާ ފޮތް 1789 ގައި ޗާޕް ކޮށް އާއްމުވިއެވެ. ބެންތަމްގެ އެފޮތުގައި އެންމެ މަޝްހޫރު އަދި އާދަޔާ ޚިލާފު ނަޡަރިއްޔާތަކަށް ފެނުނީ އައްނަފަޢިއްޔާތެވެ. ބެންތަމް ވިދާޅުވަނީ “އިންސާނުންވަނީ ތަބީޢީ ގޮތުން ދެޙުކޫމަތްތެރިކަމަކަށް ބިނާވެފައެވެ. އެއީ ތަދާއި އުފަލެވެ.” ކޮންމެއަކަސް މިއީ ވަރަށް ބޮޑުތެދެކެވެ. އިންސާނާގެ ހުރިހާ ޢަމަލެއް ކިރާލެވޭ މީޒާނުގެ އަސާސަކަށް އަދި އެޢަމަލަކުން ހާސިލްވާނެ ނަތީޖާގެ އަސްލު ދެބަޔަކީ “ތަދާއި އުފަލެވެ”. ބެންތަމްވިދާޅުވަނީ “ކޮންމެމީހަކު ކަމެއްކުރިކަމުގައިވިޔަށް އެކަމެއްގެ ނަތީޖާއަށްވިސްނައިގެން މެނުވީ އެކަމެއްކޮށްގެން ނުވާނެއެވެ. ކޮންމެ ޢަމަލެއްގެ ނަތީޖާއަކަށްވާން ޖެހޭނީވެސް އުފަލެވެ. އެހެންނޫނީ އެކަމެއް އެމީހަކު ކޮށްގެން ނުވާނެއެވެ. ”އަސާސަކީ” އެންމެ ގިނަބަޔަކަށް ނުވަތަ ވީހާވެސް ގިނަ ބަޔަކަށް އުފާވެރިކަން ގެނެސްދިނުމެވެ.

މިސާލަކަށް ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުންއެއީ އެކަމުން އުފާވެރިކަން ގެނެސްދޭކަމެއްތޯ ނޫންތޯ ކިރާލާނެ އެއްމީޒާނަކަށް ބެންތަމްގެ “ހެޑްނޮސްޓިކް ކަލްކިއުލަސް” އެވެ. ހެޑްނިސްޓިކް ކަލްކިއުލަސް އިން އެކަމެއް ވަޒަންކުރުމުގައި ހަތްކަމަކަށް ބަލަން ޖެހޭނެކަމަށް ބެންތަމް ވިދާޅުވެއެވެ. 1. އުފާވެރިކަމާއި ހިތާމަ ލިބިގެންދާނެ މުއްދަތު. 2. އުފާވެރިކަމާއި ހިތާމައިގައި ބާރު ހުރި މިންވަރު . 3. އުފާވެރިކަން ނުވަތަ ހިތާމަވެރިކަން ގެނެސްދޭނެ ކަމުގެ ޔަޤީންކަން 4. އުފާވެރިކަން ނުވަތަ ހިތާމަ މިހާރާއި ހުރި ދުރުމިން، 5. އުފާވެރިކަމުން އެހެން އުފާތަކަށް އޮތް ފުރްސަތުގެ މިންވަރު. 6. ހިތާމައިން އެހެން ހިތާމަތަކަށް މަގު ހުޅުވިފައިވާ މިންވަރު އަދި 7 ވަނަކަމަކީ މިއުފާވެރިކަމުގެ ނުވަތަ ހިތާމައިގެ އަޘަރު ކިތައްމީހުންނަށް ކުރާނެތޯއެވެ.

މުސާރަކުޑަކުރީމާ ގެއްލުން ލިބޭނީ މުސާރަ ކުޑަކުރިމީހާއަށެވެ. ފައިދާވަނީ ކާކަށްތޯއެވެ. ފައިދާ ގޮސް ވަންނާނީ ކާކުގެ ޖީބަށްތޯއެވެ. މިސާލަކަށް މުވައްޒަފެއްގެ އަތުން ކަނޑާލާ ފައިސާ ޕާކެއް ހަދަން ބޭނުންކޮށްފިއްޔާ އަޅާކިޔާލަން ފަސޭހަވާނެއެވެ. އެއީ މުސާރަކުޑަކުރި މީހާއަށާއި އެމުސާރަކުޑަކުރުމުން ގެއްލުން ލިބޭނެ އާއިލާއަށާއި އެއިން ބޭނުންކުރަން ތިބި މީހުންނަށެވެ. ފަސޭހަ ކޮށްލަމާ ހިނގާށެވެ. 10000 ރުފިޔާގެ މުސާރަލިބޭ މީހާގެ 3 ދަރިންތިބެއެވެ. އެއީ ހަބީބެވެ. އަންބަކު ހުރެއެވެ. ދެފިރިހެން ކުދިން ކިޔަވަނީ މަޖީދިއްޔާގައެވެ. އަންހެންކުއްޖާ އަމީނިއްޔާ ސްކޫލުގައެވެ. އެކުދިންގެ ބައްޕަގެ މުސާރައިން ކެނޑީ 2000 ރުފިޔާއެވެ. ކަނޑާފައި އެފައިސާ އިން އެހީވަނީ މުސްކުޅިންނަށެވެ. އެއީ 65 އަހަރުވީ މީހުންނަށް ފައިސާ ދިނުމަށްޓަކައެވެ. ބެންތަމްގެ ތިޔަރީއަށް މައްސަލަ ހުށައަޅާލީމާ ނަތީޖާ ތިރީގައިއެވަނީއެވެ.

1. މުސްކުޅިމީހާއަށް އެއިން ފައިދާ ލިބިގެންދާނެ މުއްދަތު ބަލާނެގޮތަކީ އޭނާ ދުނިޔޭގައި ހުންނާނެ ކަމަށް ލަފާކުރާ އުމުރަށެވެ. އެއްވެސްމީހަކަށް މަރުވާނެ އިރެއްނޭގެއެވެ. އެކަމަކު ރޭޝަނަލް ވިސްނުމަކުން ބަލާއިރު ދޭހަވާނެ ގޮތެއްވެސް އޮންނާނެއެވެ. މިގޮތަށް ތަޚްމީނުކުރާކަށްވެސް ބޭނުންނުވެއެވެ. އެކަމަކުވެސް ރަގަޅުވާނެކަމަށް ފެނެއެވެ. އާއްމު ކޮށް ފިރިހެނަކު މަރުވާނީ 85 އަހަރުގައިކަމަށް ބަލަމާހިގާށެވެ. މިހާރު އެއްކަލަ މުސްކުޅި މީހާގެ އުމުރަކީ 70 އެވެ. ހަބީބުގެ އުމުރަކީ 35 އެވެ. އެހެންވީމާ ހަބީބު މުސްކުޅިކުރެވޭނެ އެންމެ އަވަސްމުއްދަތަކީ 55 އަހަރެވެ. އަދި ވިހި އަހަރު މުސްކުޅިކުރުމާއި ދެމެދު އެބައޮތެވެ. ހަބީބު އަތުން ކަނޑާލާ 2000 ރުފިޔާ މުސްކުޅިމީހާއަށް ލިބޭނެކަމަށް ބެލެނީ 15 އަހަރު ވަންދެނެވެ. އެހެންވީމާ ބެންތަމްގެ މީޒާނުގެ ފުރަތަމަ އަސާސްއިން ކިރާލީމާ ވާގޮތަކީ ހަބީބު އަތުން ފައިސާ ކެނޑީމާ ހަބީބާއި މުޅި އާއިލާއަށް 20 އަހަރު ދުވަހުގެ ގެއްލުން ލިބެއެވެ. މުސްކުޅި މީހާއަށް ލިބެނީ 15 އަހަރު ދުވަހުގެ ފައިދާއެވެ.

ވީމާ މިއިން ނެރެވުނީ ހަބީބަށް 20 އަހަރު ދުވަހުގެ ގެއްލުން: މުސްކުޅިމީހާއަށް 15 އަހަރު ދުވަހުގެ ފައިދާއެވެ.

2. މިކަމުގައި ބާރުހުރި މިންވަރުން މި ހިސާބުޖެހުމަކަށް އެއްވެސް ބަދަލެއް އަންނާނެކަމަކަށް ނުފެންނާނެތީވެ ދޫކޮށްލީއެވެ.

3. މުސާރަ ކަނޑާނެ ކަމުގެ ޔަޤީންކަން ހަބީބަށްވަނީދީފައެވެ. އަދި އެލަވަންސް ހޯދުމަށް ސަރުކާރުންވަނީ މުސްކުޅިމީހާ ފޯމެއްލުމަށް އަންގާފައެވެ. މިހާތަނަށް ސަރުކާރުން ކުރަން ރާވައި ހިންގި މިފަދަ އެއްވެސްކަމެއް ސައިބޯނި ބޮތްކަކަށް ވެފައިނުވާތީ ފައިސާ ލިބޭނެ ކަމުގެ ޔަޤީންކަން އެންމެނަށް އެބައޮތެވެ.

4. ހަބީބުގެ މުސާރައިން 2000 ރުފިޔާ ކަނޑާނީ 2010 ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން، މުސްކުޅިމީހާއަށް ފައިސާ (އެލަވަންސް) ލިބޭނީ ވެސް އެމަހުން ފެށިގެން. މާނައަކީ ފުރަތަމަ ދުވަހުން ފެށިގެން ލިބޭ އެލަވަންސް ގުނެން ފެށޭނޭ، އެލަވަންސް ދެނީ ޖެނުއަރީ 31 ގައެވެ. އެހެންވިއްޔާ ދުވާލަކު އޭނާއަށް 64.51 ރުފިޔާ އޭނާއަށް ލިބެމުންދާނެއެވެ. އެހެންގޮސް މަސްނިމުނީމާ 2000 ރުފިޔާ ޖަމާކުރާނެއެވެ. ހަބީބުގެ ހިތްދަތިކަން ފެށޭނީ އެހިސާބުންނެވެ. މުސްކުޅިމީހާގެ އުފާވެރިކަން ފެށޭނީ އެހިސާބުންނެވެ. އެހެންވީމާ ހަމަހަމައެވެ.

5. މުސްކުޅިމީހާއަށް ލިބޭ ފައިސާކޮޅުން އޭނާއަށް މުހިންމު ވަނީ ފެހި ކޯލާޓަރު ފުޅިއަކާއި، ތާކިހަލަކާއި، ހުދުޓީޝާޓަކާއި، މުންޑަކާއި، ތަސްބީހައަކާއި، ވިއްސާރަ ކުޑައަކާއި، ލަކުޑި ފޮއްޓަކާއި، ލަކްސް ސައިބޯންޏަކާއި، ޒައިތޫނި ތެޔޮ ފުޅިއަކާއި މިފަދަ އެއްޗެހި ގަންނަންށެވެ. މިއިން ލިބޭ އުފާވެރިކަމަކީ މަރުވާންދެންވެސް އަމިއްލަ ހަރަދުތައް އަމިއްލައަށް ކުރުމެވެ. މުސްކުޅިމީހާގެދަރިފުޅު ކޮންމެ މަހަކުވެސް ކުރިން މިހުރިހާ އެއްޗެއް ގަނެދެއެވެ. އެކަމު އޭނަ މިހާރު ބުނަނީ އެފައިސާ ޖެނުއަރީން ފެށިގެން ނުދޭނެކަމަށެވެ. އެއީ އޭނަ ނަރުކޮށްޓަން ގިޓަރ އެއް ގަންނަން ވެގެނެވެ.

6. ހަބީބަށް މިލިބޭ ހިތާމައިގެ ސަބަބުން އޭނާ މާޔޫސްވެ، މަސައްކަތުގައި ދެމިހުރުމަށް އުދަގޫވެއެވެ. އަމީނިއްޔާ އަށެއްގައި އުޅޭ ނަޒީފާ އޭނާގެ ކޮމްޕިއުޓަރ ކްލާހަށް ފީދައްކަނީ އެއްކަލަ މުސާރައިންނެނެވެ. އޭނާ ކިޔަވަން ދާން ( ބެޗެލަސް ޑިގްރީ) ވާއިރަށް ލާރި އެއްކުރަނީ މުސާރައިންނެވެ. ދޮށީ ދެދަރިން މިހާރު ނިމެނީއެވެ. ސީއެޗްއެސްއީއަށް ވަދެވޭވަރުގެ ނަތީޖާއެއްލިބޭނީ ކުމާރު ސަރ ގާތުން ޓިއުޝަން ޖަހައިގެން ކަން ހަބީބަށް އެގެއެވެ. އެކަން ނުކުރެވޭނެ ކަމުގެ ހިތާމަ ތައް ކުރިފަޅަމުން ދަނީއެވެ.

7. އުފާވެރިކަން، މުސްކުޅިމީހަށާއި އޭނާއަށް ހަރަދު ކުރަންނުޖެހޭތީ އޭނާގެ ދަރި ޖަމްސީދުއާއި ޖަމްސީދު އޭނާގެ ބައްޕައަށް ހަރަދުކުރަން ނުޖެހޭތީ ޖަމްސީދުގެ ލޯބިވެރިޔާ ޕިންކީއަށެވެ. ހިތާމަ: ހަބީބާއި ހަބީބުގެ ދެދަރިންނާއި އަބިގޮއްޔެއެވެ.

ދެން އޮތީ ނަތީޖާ އާއި ހަމައަށް ވާސިލްވުމެވެ. ފުރަތަމަ ކަމަކަށް އަޅުގަނޑު މިބެލީ މުސާރަ ކެނޑުމުންވާނެ ގޮތެވެ. އޭގެ ނަތީޖާއެވެ. ހުރިހާކަމެއްވެސް ހަމަ ތަޖްރިބާއަށް ބަލައި “ހީއަށް” ދޫކޮށްލީއެވެ.

އަޅުގަނޑުމެންގެ ދިވެހިންގެ އާދައިގެ ދިރިއުޅުމާއި ވަރަށް ތަފާތު ނަޡަރަކަށްވިޔަސް ދުނިޔެއަށް ލޯހުޅުވުމަކީ ތަރައްޤީގެ އަސްލެވެ. ތަހްޒީބުވާނީ ތަނަށްވުރެކުރިން މީހާއެވެ. ތަހްޒީބު ގެނެވޭނީ އޭރުންނެވެ.

(ނުނިމޭ)

ހުޅަނގުގެ ފައިލަސޫފިންގެ އަރިހުގައި ޤާނޫނާއި އަޚްލާޤިއްޔާތުގެ ނަޒަރިއްޔާތުތައް
އަޙްމަދު ޢަބްދުލް މަތީން

މިދުވަސްވަރަކީ އަޅުގަނޑުމެންނަށް “މިނިވަން” ކަމެއް ލިބިގެންއުޅޭ ދުވަސްވަރެކެވެ. ކޮންމެ މީހަކަށްވެސް ފެންނަ ޝުޢޫރުތައް ފާޅުކުރަމުން ދަނީއެވެ. އެއީ ކޮންމެ މަޢްޟޫއަކަށްވިޔަސް އަދި ކޮންމެ ކަމަށް ވިޔަސްމެއެވެ. މިސާލަކަށް އަޅުގަނޑުމެން އަބަދުވެސް ބުނެއުޅޭބަހެއް އޮވެއެވެ. އެއީ “ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް”  ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް” މިފަދަ ބަސްތަކެވެ.އެހެންކަމުން އަޅުގަނޑުމެންނަށް ހުޅަނގުގެ ފިލޯސަފަރުން ނުވަތަ ފައިސަލޫފީން “ޤާނޫނާއި” މެދު ދެކޭ ނަޟަރުތައް ހާމަކޮށްލުމަށް އަޅުގަނޑު ޤަސްދުކުރަމެވެ.

އަޅުގަނޑުމެންނަކީ މުސްލިމުންކަމުގައި ވީހިނދު އަޅުގަނޑު އެންމެ ފުރަތަމަ ބަލާނީ އިސްލާމީ ޝަރީޢަތާއި ނުވަތަ އިސްލާމީ އަޚްލާޤިއްޔާތާއި ހުޅަނގުގެ އަޚްލާޤިއްޔާތުތަކުގެ ތަފާތު ފާހަގަކުރުމަށެވެ. އިސްލާމީ ޤާނޫނުގެ މައިގަނޑު ދެމަސްދަރަކީ ކީރިތި ޤްރުއާނާއި މާތް ރަސޫލާގެ ސުންނަތެވެ. މިއީ ކަނޑައެޅިގެން ބަޔާންވެގެންވާ އަދި ﷲ ގެ ހަޟުރަތުން އައިސްފައިވާ ޤާނޫނެވެ. މިމާނާގައި އިސްލާމީ ޝަރީޢަތަކީ ޝާމިލް އެއްޗެއްކަމާއި އެކަމުގައި ރޫޙާނީ ފައިދާއެކުލެވިގެންވާކަން އެގެއެވެ. އަދި އެއީ ޤިޔާމަތާއި ހަމައަށްދާންދެންވެސް އެއްވެސް ބަދަލުވުމެއް ނުވާ ޤާނޫނެކެވެ. އެއީ ހުރިހާ ޒަމާނަކަށް ފެތޭ ފުރިހަމަ ޤާނޫނެކެވެ. އެހެންކަމުން އިސްލާމީ އަޚްލާޤިއްޔަތުގެ މައިގަނޑު ދެއަސްލަކީ ކީރިތި ޤްރްއާނާއި ސުންނަތެވެ.

އަޚްލާޤިއްޔަތަކީ މީހަކު ކުރާކަމެއް ނުވަތަ އޭނާގެ ސުލޫކީ މިންގަނޑު ޤާނޫނާއި އެއްގޮތަށް ރަގަޅުގޮތަކަށް ހުރުމެވެ. އެހެންކަމުން ސުލޫކަކީ އޭގައި ރަގަޅާއި ނުބައި ހިމެނޭ އެއްޗެއްކަމަށް ބެލެވެއެވެ. އަދި ހަމައެހެންމެ އަޚްލާޤިއްޔަތަކީ ރަގަޅުގޮތްކަމަށް މާނަކުރެވެއެވެ.

އިސްލާމީ އަޚްލާޤިއްޔާތުތައް ތަންޒީމްކޮށްދޭ އަނެއް އަސާސަކީ އިސްނާނުން އުފައްދާ ވަޟަޢީ ޤާނޫނުތަކެވެ. އިސްލާމީ ޤާނޫނުގައި އިންސާނާކުރާ ހުރިހާ ޢަމަލެއް ޞަރީޙަކޮށް އޭގެ ޙުކުމް އައިސްފައި ނެތުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމުން އިޖްމާޢާއި ޤިޔާސްއަކީ އިސްލާމީ ޤާނޫނުގެ ތިންވަނަ އަދި ހަތަރުވަނަ މަސްދަރުކަމުގައި ފިޤްހް ޢިލްމްވެރިން ޤަބޫލުކުރައްވައެވެ. ވަޟައީ ޤާނޫނުތަކަކީ ޤްރުއާނާއި ސުންނަތާއި ޚިލާފްނުވާނޭގޮތުގެމަތިން އިންސާނުން އުފައްދާ އެއްޗެއްކަމުން އެއީ ފުރިހަމަ އެއްޗެއްކަމަށް ނުބެލެވޭނެއެވެ. އެއީ އިންސާނާގެ ވިސްނުންއެއީ ފުރިހަމަ އެއްޗަކަށް ނުވާތީއެވެ. ހުރިހާ ވަޞަޢީ ޤާނޫނުތަކެއްވެސް ދެމިއޮންނާނީ އެޤާނޫނެއް ޤްރްއާނާއި ސުންނަތާއި އަދި އެހެން އަސްލުތަކާއި ޚިލާފްނުވާނަމައެވެ.

ހުޅަނގުގެ އަޚްލާޤިއްޔަތު މިއާއި މުޅީން ތަފާތެވެ. އެމީހުންދެކޭގޮތުގައި އަޚްލާޤިއްޔަތަކީ މުޖުމަޢުގެ އުފެއްދުމެކެވެ. އެބައިމީހުންގެ މުޖުތަމަޢުތަކުގެ ނަތީޖާއެކެވެ. ހުރިހާ ކަމެއް ބިނާވެފައިވާނީ އެމީހުންގެ ވިސްނުމުގެ މައްޗަށެވެ. އެމީހުންނަށް ވިސްނޭނީ ރަގަޅަށެވެ. އެއީ ޤާނޫނެވެ. އެއަޚްލާޤިއްޔަކީ ޙުކޫމަތްތެރިކަމަށް ބިނާވެފައިވާ އެއްޗެއްނޫނެވެ. އެހެންކަމުން އެއީ އަބަދުވެސް ބަދަލުކުރަންޖެހިފައިވާ އެއްޗެކެވެ. އެކިޒަމާނާއި އެކިތަންތަނަށް އެއަޚްލާޤިއްޔާތުތައް ތަފާތެވެ. މިސާލަކަށް އެމެރިކާގެ މީހުންގެ އަޚްލާޤިއްޔަތުއެއީ އިންޑިމީހުންގެ އަޚްލާޤިއްޔަތުކަމުގައި ނުހިމެނިދާނެއެވެ.

އެންމެ އިހުގައި މީހުން ދުށީ ޤާނޫނާއި އަޚްލާޤިއްޔަތާއި އެއްވެސް ގުޅުމެއް ނުވާކަމަށެވެ. އެކަން އެހެންވެފައިވަނީ ޤާނޫނާއި އަޚްލާޤިއްޔަތު އެމީހުންގެ މައްޗަށް ހިންގަނީ އެއް އަސާސެއްގެ މަތީގައިކަމަށްވާތީއެވެ. އަސާސްކަމުގައި އެމީހުން ދެކެނީ ހަމައެކަނި ދީނާއި އެމީހުންގެ އާދަތަކެވެ. އާދައަކާއި ޚިލާފަށް ޢަމަލުކުރިޔަސް އަޚްލާޤިއްޔަތުގެ އިމުން ބޭރުވިޔަސް އަދަބުދެވެއެވެ. އޭގެތެރޭގައި އެބައިމީހުންގެ ދީނީ ފިކުރާތުތަކުގެ މައްޗަށް އެކަށައަޅާ އަދަބުތަކާއި ހަމައެހެންމެ އިޖްތިމާޢީ ގޮތުން އަޅާ ހުރަސްތައްވެސް ހިމެނެއެވެ.

މީހުންގެ އިޖްތިމާޢީ ހާލަތުބަދަލުވެ ދުނިޔެއަށް ލޯހުޅުވެން ފެށުމާއި އެކުގައި އިސްވެ ދެންނެވުނު ވިސްނުން ބަދަލުވާންފެށިއެވެ. އަދި ހަމައެހެންމެ ޤާނޫނު އެކަށައަޅާނެ ފަރާތަކަށް އެބައިމީހުން އެއްބަސްވިއެވެ. އެއީ ރަސްގެފާނުކަމަށްވިޔަސް ނުވަތަ ފުރިހަމަ މާނައިގައި ބާރުލިބިގެންވާފަރާތްކަމުގައިވިޔަސް މެއެވެ. އެދުވަސްވަރު ވާންފެށިގޮތަކީ އަޚްލާޤިއްޔަތުގެ މައްޗަށް ޤާނޫނުތައް އެކަށައަޅަން ފެށުމެވެ. ޤާނޫނު އުފެދުނީ އަޚްލާޤިއްޔަތު ތަންފީޒުކުރުމަށެވެ. އަދި އޭގެތެރިން ބައެއްކަންތައްތައް މުޖުތަޢުގެ އިޚްތިޔާރަށް ދޫކޮށްލެވުނެވެ. އެހެންކަމުން އަޚްލާޤިއްޔަތާއި ޤާނޫނު ކަނޑައެޅިބަޔާންވެގެންވާ ފަރާތަކުން އައިކަމުގައިވިޔަސް އެއީ އެކައްޗެއްގެ ގޮތުގައި ނުބެލެވުނެވެ. މިޡާލަކަށް ޢަމަލުކުރުން ލާޒިމް ކަންތައްތައްތަކަކީ އަނެކާގެ ޙައްޤަކަށް ނޭރުމެވެ. އަދި މީހަކަށް ކަމެއްގައި އެހީވުން އެއީ މުޖުތަޢުގެ އިޚްތިޔާރުގައި އޮތް ކަމެކެވެ.

ތަބީޢަތަކީ ޤާނޫނުގެ އަސްލުކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވަނީ އިންސާނުން ހަދާޤާނޫނު ރަގަޅުވާނީ އޭގެ މަޞްދަރު ރަގަޅުވެގެންނެވެ. އިޖްތިމާޢީ ޒާވިއާއިން ދެކެވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ރޮސްކޯ ޕޮންޑް(1964-1870) ވިދާޅުވަނީ ޤާނޫނުގައި އިޖްތިމާޢީ ބޭނުމެއްވެއެވެ. ޤާނޫނުގެ މަޤްޞަދަކީ ޖަމާޢަތެވެ. އެހެންކަމުން ޤާނޫނަކީ ރައްޔިތުންނަށް ކުރިއެރުން ގެނެސްދޭ އެއްޗަކަށް ވާންޖެހޭނެއެވެ. އަދި ޤާނޫނުގެ ބޭނުމަކީ ވީހާވެސް ބޮޑު ފައިދާއެއްނަގައި ޚިޔާލުތަފާތުވުން މަދުކުރުމެވެ. އެހެންކަމުން ހަޢްޤާއި މަޞްލަހަތު ކަނޑައެޅުމުގައި ތިންކަމަކަށް ބަލަންޖެހެއެވެ. އެއީ ފަރުދާއި، ޖަމާޢަތާއި ދައުލަތެވެ.

ޖޯން އޮސްޓިން ގެ ރައުޔުގައި ޤާނޫނާއި އަޚްލާޤިއްޔަތާއި ގުޅުމެއްނެތެވެ. އެދެމެދުގައިވާ ގުޅުން އޮސްޓިން ނަފީކުރެއެވެ. އޮސްޓިންގެ މަޝްހޫރު ނަޞަރިއްޔާތަކީ “އަމުރުގެ ނަޟަރިއްޔާ”އެވެ. ނުވަތަ ކޮމާންޑް ތިޔަރީއެވެ. އޭގައިވާގޮތުން ތިންކަމެއް ފުރިހަމަވާންޖެހެއެވެ. އެއީ އަމުރަކާއި، އަމުރުކުރާފަރާތަކާއި އަދި އަދަބެވެ. މިތިޔަރީގައިވާގޮތުން އަމުރުކުރާފަރާތުން އޭނާ ކުރާ އަމުރަށް ކިޔަމަންވުން ލާޒިމެއްނޫނެވެ. އަދި އަމުރުކުރާފަރާތަކީ ކޮންމެ ހާލަތެއްގައިވެސް ބާރުވެރި ކިޔަމަންކުރެވޭ ފަރާތަކަށްވާންޖެހެއެވެ. އަދި އަމުރަށް ކިޔަމަން ނުވެއްޖެ ނަމަ އަދަބުދެވޭނެއެވެ. އެހެންކަމުން މިނަޞަރިއްޔާތަކީ އެހާ ހަމަޖެހޭ އެއްޗެއްކަމަކަށް ނުބެލެވެއެވެ. މިޒަމާނުގެ ނަޞަރިއްޔާތުތައް ހުންނަނީ ޤާނޫނު ހަދާފަރާތުންވެސް އެމައްޗަށް ލާޒިމްކުރުވާފައެވެ. ޤާނޫނުގެ ވެރިކަން ހިންގޭގޮތަށެވެ.

ޖޯން އޮސްޓިން (1890-1790) ނަޟަރިއްޔާތާއި އެންމެ ގާތްކުރާ ނަޟަރިއްޔާތަކަކީ ޖެރަމީ ބެންތަމްގެ(1832-1748) ނަޟަރިއްޔާތެވެ. ބެންތަމްވެސް ޤާނޫނާއި އަޚްލާޤިއްޔަތާއިދެމެދު ގުޅުމެއްނުވާކަމަށް ވިދާޅުވެއެވެ. ޤާނޫނެއް ޤާނޫނަކަށްވާނީ އެޤާނޫނެއް އުފެދޭގޮތަށް ބަލައިގެންނެވެ. ޤާނޫނެއް އުފެދެންޖެހޭނީ އެކަމުގެ ޙައްޤު ބާރު ލިބިގެންވާ ފަރާތަކުންނެވެ. އަދި ޤާނޫނުގައި އަޚްލާޤީ އެއްވެސް އަސާސެއްވާކަށް ނުޖެހެއެވެ. ބޭނުމަކީ އިންސާނާގެ ޢަމަލުތަކާއި ގުޅުންތައް ހިންގާނެ މަގުދެއްކުމެވެ.

ހާޓް (1992-1907) ދެކެވަޑައިގަންނަވާގޮތުގައި ޤާނޫނެއް ޤާނޫނެއްގެ އަސްލުސިފަ ޖެހުމަށްފަހު ދެން އެއަށް އިންކާރު ކުރެވޭނެ ހަމަ އެއްވެސް ހަމައެއް ނޯންނާނެއެވެ. މާނައަކީ އެއަށް ޢަމަލުކުރަން ލާޒިމްވުމެވެ. ޤާނޫނެއް އަޚްލާޤިއްޔަތާއި ފުށުއަރާނަމަ އެފަދަ އެއްޗެއް ޖެހޭނީ ބަދަލުކުރާށެވެ. އަޚްލާޤީ ގޮތުން ޤާނޫނު ފުރިހަމަ ނުވިޔަސް އެއީ އެއަށް ޢަމަލުކުރުމުން އެއްކިބާވެވޭނެ ހަމައެއްނޫނެވެ. އަދި ހަމައެހެންމެ ޤާނޫނަކީ ކޮންމެތަނެއްގައިވެސް އެއަށް ޢަމަލުކުރަންޖެހޭނެ ޤާނޫނު ވުޖޫދުގައިވާނެ އެއްޗެކެވެ. ބޭނުމަކީ ގިނަބަޔަކަށް އުފާވެރިކަން ހޯދައިދިނުމެވެ.

މާކްސް (1883-1818) ޤަބޫލުކުރާގޮތުގައި ޤާނޫނަކީ މުޖުމަޢެއްގެ މަތީފަންތީގެ މީހުން ނުވަތަ ޣާލިބުން ފައިދާއެއް ނެގުމަށް ބޭނުންކުރާ މަޞްދަރެކެވެ. އަދި ފަޤީރު ފަންތީގެ މީހުންނަށް ނާޖާއިޒްގޮތުގައި މިކަން ބޭނުންކުރަމުން ދެއެވެ. އަދި އެކަމުގެ ނަތީޖާއަކީ ފަޤީރުން ޣާލިބުންގެ މައްޗަށް ބާރުހޯދައި ހުދުމުހުތާރު ވެރިކަމެއް ގެނައުމެވެ. އެހުދުމުހުތާރު ވެރިކަމުގެ ބޭނުމަކީ މުޖުތަމަޢުގެ އެންމެންގެ ހަމަހަމަކަން ޤާއިމްކޮށް އިޤްތިޞާދުގައި ތަފާތުނުކުރުމެވެ.

ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބޭ ހައްޤުތައް (3)
އަހްމަދު އަބްދުލް މަތީން

ހަމަހަމަކަން ( ޤާނޫނު އަސާސީގެ 20 ވަނަ މާއްދާ)

ހަމަހަމަކަމަކީ ތަބީޢީގޮތުން އިންސާނާ ބޭނުންވާކަމެކެވެ. ހަމަހަމަކަން ޤާއިމްވުމާއިއެކުގައި ދެބަޔައެއްގެ ދެފަރާތެއްގެ ނުވަތަ ދެޖަމާޢަތެއްގެ ދެމެދުގައިއެއްބައިވަންތަކަން ޤާއިމްވެއެވެ.. އަދި އެމީހުންގެ ހިތްތަކުން ނުތަނަވަސްކަން ފިލުވައިދެއެވެ. އެއީ ތިމާއާއި އެހެންމީހުންނަކީ ހަމަހަމަ ބައެއްކަން އެގި އެކަމުން ލިބޭ އުފަލެވެ. ހަމަހަމަކަމަކީ އެތައް އަހަރެއް ވަންދެން އެމެރިކާގެ ކަޅުނަސްލުގެ މީހުން ތަކްލީފް އުފުލި އަސާސެވެ. މިހާރުވެސް ދުނިޔޭގެ އެންމެ ވަރުގަދަ އެއް ސްޕީޗް ( ގިނަ ރޭންކިންގ ތަކުގައި އެއްވަނަ ސްޕީޗް) ކަމުގައިވާ މާޓިލް ލޫދަރ ކިންގގެ I  HAVE A DREAM” ” މި ސްޕީޗް ގައި އެބޭފުޅާ ވިދާޅުވެފައިވެއެވެ.

“I have a dream that in one day, my four little children will live in a state where they will not be judged by the color of their skin, but the content of their character”

ތަފާތުކުރުމުގެ ސަބަބުން ވޭން ލިބެމުން ދިޔަ ކަޅު ނަސްލުގެ މީހުން ދެކެމުން ދިޔަ ހުވަފެންތައް އަސްލަކަށް ވީއިރު އެތައް މަޔަކާއި ދަރިންނެއްތިބީ ޔަތީމުވެފައެވެ. އެތައް އާއިލާއެއް ތިބީ މަގުމަތިވެފައި ބޯހިޔާ ވަހިކަމެއް ނެތިފައެވެ. މިއަދު އެންމެ އަޑު އުފުލާ އިންސާނީ ޙައްޤުތަކޭ ބުނަމުންދާ އެމެރިކާގެ އޭރުގެ ހަލަތަކީއެއީއެވެ. އިންސާނީ ތަބީޢަތުން ބޭރުވެ ހައިވާނީ-ޢަމަލުތަކުގެ ވެއްޓަކަށް އެމެރިކާވިއެވެ. ޤާނޫނުގެ ރައްކާތެރިކަން ލިބެނީ ހަމައެކަނި ދޮންނަސްލުގެމީހުންނަށާއި އެމީހުން ބޭނުންވާ ބަޔަކަށެވެ.

އދ. އިން 7 ނޮވެމްބަރު 1967 ގައި ފާސް ކުރި ޑެކްލަރޭޝަން އޮން ދި އެލިމިނޭޝަން އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން ( ޤަރާރު ނަންބަރު 2263 ) ނުވަތަ އަންހެނުންނާއި ކުރެވޭ ތަފާތުކުރުން ނައްތާލާ ބައިނަލް އަގުވާމީ މުއާޙަދާ ގެ އަސްލަކަށްވީ އަންހެނުންނާއި މެދު ކުރެވޭ ތަފާތުކުރުން ނައްތާލުމެވެ. ފިރިހެނުން އަންހެނުންގެ މައްޗަށް ބާރުގެ ބޭނުންކޮށްގެން ބަނދެވުނު ގޮށުން މުހިގެން ދިއުމެވެ. ދުނިޔޭގެ ބައެއް މުޖުތަމަޢުތަކުގައި އަންހެނުންގެ ޤަދަރާއި ކަރާމާތަށް އަރައިގަނެ، އެމީހުން ސިޔާސީ ބައިވެރިވުންތަކުން އެއްކިބާކޮށް، މުޖުމަޢުގައި މުޑުދާރު ބައެއްގެ ގޮތުގައި ސިފަކުރިއެވެ. އެހެންކަމުން މިޤަރާރުގެ ބޭނުމަކަށްވީ އެކުވެރި ދަޢްލަތްތަކުގެ ޤައުމުތަކުން އެކަން ފުހެލުމެވެ. އުސޫލެއްގެ ގޮތުން އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރުމެވެ. އެކަން ކުރެވޭނީ ތަފާތު ތައް ނައްތާލައިގެންނެވެ. އަޅުގަނޑު މި ނުޤުތާގައި ފާހަގަކޮށްލަންބޭނުންވަނީ ހުރިހާ މާނައެއްގައި އަންހެނުންނާއި ފިރިހެނުން ހަމަ ކުރާކަށް ނޫނެވެ.

ހަމަހަމަކުރުމުގެ އުސޫލުން ބަލާއިރު އިންސާނީ ޙައްޤުތަކާއި ބެހޭ ބައިނަލް އަޤްވާމީ މުޢާހަދާ (ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް) އަށް ނަޟަރުކޮށްލުމަކީ މުހިންމުކަމެކެވެ. 1948 ވަނަ އަހަރު ފާސްކޮށްފައިވާ އެޤަރާރުގެ އެއްވަނަ މާއްދާގައި ބުނަނީ ޙައްޤުތައް ލިބިދިނުމުގައި “އިންސާނުން އުފަންވަނީ މިނިވަންކަމާއި ހަމަހަމަކަމާއި އެކުގައެވެ.” އަދި 7 ވަނަ މާއްދާގައިވަނީ ޤާނޫނުގެ ކުރިމަތީގައި ހުރިހާ މީހުންނަކީ ހަމަހަމަބައެކެވެ.  އަދި އެއްވެސް ތަފާތުކުރުމެއްނެތި ޤާނޫނުގެ ރައްކާތެރިކަން ލިބިދޭންޖެހޭނެކަމަށެވެ.

އިސްލާމީ ޝަރީޢަތަށް ބަލައިރު ކީރިތި ޤްރުއާންގައި މާތް ﷲ ވަޙީ ކުރައްވަނީ ” يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ “  (ސޫރަތުލް ހުޖަރާތު 13) މާނައަކީ ” އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުން ފިރިހެނަކާއި އަންހެނެއްގެ ކިބައިން އުފައްދަވާ އެކި ޤައުމުތަކާއި ޤަބީލާތަކަށް ލެއްވީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވުމަށްޓަކައެވެ. ހަމަކަށަވަރުން ﷲގެ ޙަޟުރަތުގައި އެންމެ މާތް މީހަކީ އެންމެ ތަޤްވާވެރިމީހާއެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގަންނަވާ ޚަބީރުވަންތަ ރަސްކަލާނގެއެވެ.” މިއާޔަތަށް ބެލުމުން ދޭހަވަނީ ކޮންމެ އިންސާނެއްވެސް އުފައްދަވާފައިވަނީ ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ. މި އާޔަތަށް ބާރު ލިއްބައިދޭ އެތައް ހަދީޡެއް ވާކަމަށް ތަފްސީރު އިބްނު ކަޡީރްގައި ލިޔުއްވާފައިވެއެވެ. އަބޫ ހުރައިރާ ވިދާޅުވިކަމަށް ބުހާރީ ރިވާކުރެއްވިއެވެ. ” މީސްތަކުން ރަސޫލާ (صلى الله عليه وسلم) އާއި ސުވާލުކުރެއްވިއެވެ. “މީސްތަކުންގެ ތެރެއިންވާ އެންމެ މާތް މީހަކީ ކޮބައިތޯއެވެ؟” އެކަލޭގެ ފާނު ހަދީޘް ކުރެއްވިއެވެ. “أَكْرَمُهُمْ عِنْدَ اللهِ أَتْقَاهُم”  “އެމީހުންގެ ތެރެއިން ﷲ ގެ ޙަޟުރަތުގައި އެންމެ މާތްމީހަކީ އެންމެ ތަޤްވާވެރިމީހާއެވެ.” މިއީ މިހަދީޡްގެ އެއްބައެވެ. ކޮންމެއަކަށް އިސްލާމީ ޝަރީޢަތަށް ބެލިކަމުގައިވިޔަސް އެންމެންނަކީވެސް ހަމަހަމަ ބައެކެވެ. އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ހައްދުތަކެއް ވެއެވެ. ވައްކަމާއި، ޒިނޭއާއި، މުރުތައްދުވުމާއި، ހަރާބާ (މަގުފޭރުމާއި) ރާބުއިމާ، ޤަޛުފު ފަދަ ކުށްތަކަކީ ޝަރީޢަތުގައި ޡާބިތު ހުދޫދުތަކެވެ. މިއެއްވެސް ކުށެއްގައި ނުވަތަ ހައްދެއްގައި ޤަޞާއާއި (ޤާޟީ) އާއި ހަމައަށް އައުމުން މާފެއް ނުކުރެވޭނެއެވެ. އަންހެނަކަށް ފިރިހެނަކަސްވިޔަސްމެއެވެ. އެކުށެއްގެ ޝަރުތުތައް ހަމަވާނަމަ މާތްﷲ އަށް ކިޔަމަންވުމަށްޓަކައި އެހައްދެއް ޤާއިމްކުރަން ޖެހޭނެއެވެ. އެބައިމީހުންގެ ތެރެއިން އެކަން ކެނޑިގެންދާ ނުވަތަ އެކަން ތަފާތު ކުރާ ވަޒަނަކީ ހަމައެކަނި ތަޤްވާއެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތުގައި ބަޔާންކުރެވިފައިވާ މަތިވެރި މަޤާޞިދުތައް ހާޞިލް ކުރުމަށް މިއަދުގެ ވަޞަޢީ ޤާނޫނުތަކުގައި އައިސްފައިވާ މިފަދަ މަބްދައުތަކަށް ބާރު ލިބިދޭންޖެހެއެވެ. ހަމައެކަނި ޤާނޫނީ ނުވަތަ ޝަރުޢީ ކޯޓެއްގައެއްނޫނެވެ. މުސްލިމުންގެ ހުރިހާ މައިދާންތަކެއްގައިވެސް އެކަން އެގޮތަށް ކުރަންޖެހޭނެއެވެ.  ރަސޫލާގެ ވަރަށް މަޝްހޫރު ހަދީޡްފުޅެއް ތިޔައެންމެ ބޭފުޅުން ވާނީ އަޑުއައްސަވާފައެވެ. “އެކަލޭގެ ފާނު ހަދީޡް ފުޅުކުރައްވަނީ އެކަލޭގެފާނުގެ ދަރިކަނބަލުން ފާތިމާ ވައްކަން ކުރައްވައިފިނަމަ އެކަމަނާގެ އަތްޕުޅުވެސް ކަނޑުއްވާހުށީމެވެ. ކޮންފަދަ ޢިބްރަތްތެރި ވާހަކަ ފުޅެއްތޯއެވެ. މިޒަމާނުގެ “ވެރިން” މިކަންތައްތަކަށް ނަޟަރުކޮށް ބަލަން ވެއްޖެއެވެ. މީގެ އެތަކެއް ސަތޭކަ އަހަރުތަކެއް ކުރިން އައިސްފައިވި އިލާހީ ބަސްފުޅުތައް ދުނިޔޭގެ ކޮންވެންޝަންތަކާއި ޤާނޫނުގައި ހިމެނިފައިވެއެވެ. އެހެންކަމުން ހަމަހަމަކަމާއި މެދު ޤާނޫނު އަސާސީގައި ބަޔާންކުރެވިފައިވާ މާއްދާގެ ބޭނުމާއި މަތިވެރިކަން ވަރަށް ރަގަޅަށް އިސްލާމީ ޝަރީޢަތުގެ ނުޞޫޞްކުން އެގިގެން ހިނގައްޖެއެވެ.

އިސްލާމީ ޝަރީޢަތުގައި ހައްދުތަކާއި އިލްޒާމުތައް އެޅުވުމާއި ތަޞައްރަފްތައް އުފުލުމުގައި އިސްތިސްނާވެއެވެ. އެއީ އެބައިމީހުންނަކީ އެކަންކަމުން ޤަލަން އުފުއްލެވިގެންވާމީހުންނެވެ، އެއީ އެމީހުންގެ ޢަމަލުތައް ނުލިޔުއްވާނޭ މީހުންނެވެ. ރަސޫލާ ހަދީޡް ކުރެއްވިއެވެ. “ތިންމީހެއްގެ ކިބައިން ޤަލަން ވަނީ އުފުއްލެވިގެންނެވެ. އެއީ ކުޑަކުއްޖާ ބާލިޣްވުމަށް ދާންދެނެވެ. މޮޔަވެފައިވާ ހަމަބުއްދި އަންނަންދެނެވެ، އަދި ނިދާފައިވާ މީހާ ހޭލުމަށްދާންދެނެވެ.” މިތިންމީހުން އެހެން މީހުންނާއި ހަމަހަމައެއް ނުކުރެވޭނެއެވެ. އެހެނީ އެއީ އިސްތިސްނާވާ މީހުންކަމުގައިވާތީއެވެ.

ތަފާތުކުރުމަކީ މިމާއްދާގެ ދަށަން ވަންނަ އަދި މިމާއްދާގައި ބުނާ ގޮތާއި ޚިލާފުވުމެވެ. އިންސާނުންނަކީ ހުރިހާ ދާއިރާއަކުން ބަލާއިރު ހަމަހަމަވެގެންވާ ބައެއްނޫނެވެ. އެމީހުންގެ އަޤްލީ (ބުއްދި) ނުވަތަ ޖިސްމާނީ ގޮތުން ފެންނަން ހުރިކަންތައްތަކަށް ބެލިޔަސް އެކަން ވަރަށް ރަގަޅަށް އެގިފާޅުވެއެވެ. މިސާލަކަށް މަންމައަކަށް ލިބޭ ޙައްޤު ދަރިފުޅަށް ނުލިބިދާނެއެވެ. މިއީ އަދި މިކަމާއިގުޅޭ ވަރަށް އާދައިގެ މިސާލެކެވެ.  ތަފާތު ނުކުރުމަކީ ޤާނޫނުކުރިމަތީގައި ހަމަހަމަވުމެވެ. އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީގެ ކުރީގެ ޤާނޫނީ ޕްރޮފެސަރެއްކަމުގައިވާ ޑރ. އެލް، ޖޭ، މާކް، ކޫރޭ ވިދާޅުވަނީ “ޤާނޫނުގެ ކުރިމަތީގައި ހަމަހަމަ ވުމޭ ބުނެވެނީ ޤާނޫނުހަދާއިރު ދެމީހަކު ނުވަތަ ޖަމާޢަތެއް ތަފާތު ނުކުރުމެވެ. ޤާނޫނުގެ ރައްކާތެރިކަމަކީ ހެދިފައިވާ ޤާނޫނެއް ތަންފީޒުކުރުމުގައި ހަމައާއި އިންސާފަށް އަރައިނުގަނެ ތަފާތުނުކުރުމެވެ.”

ދުނިޔޭގެ އާދައަށް ބަލާއިރު މޮޅު، މުއްސަދި، އާރާ ބާރުހުރި، މޮޅު ހާންދާނަކުން ނުވަތަ ރަސްމަތިފުށުގެ މީހުންނަކީ އެހެންމީހުންނަށްވުރެ މާތް ބައެއްގެ ގޮތުގައިދެކެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢަށް ބަލާއިރުވެސް މިފަދަ ކަންތައްތައް އަދިވެސް ފެނެއެވެ. އަޅުގަނޑު މެން އާއްމުކޮށް ކިޔާއުޅެމުއެވެ “ދެރަމީހާއަށް ދެރަގޮތެވެ” ނުވަތަ “ނިކަމެތިމީހާއަށް ދެރަގޮތެވެ” މިއީވެސް ހަމަހަމަކަން ގެއްލުމުގެ ސަބަބުން އެކަމުގެ މާޔޫސީ ޚިޔާލުގައި ބޭނުންކުރެވޭ ބަސްތަކެވެ. ކޮންމެމީހަކީވެސް ޢިއްޒަތުއް ނަފްސެއް ލިބިފައިވާ މާތް މީހެކެވެ. އޭނާގެ މަތިވެރިކަން އުފުލިގެންދާނީ ތަޤްވާގެ މީޒާނުންނެވެ. އެހެންކަމުން ވެރިއެއްގެ ދަރިއެއް، ރައްޓެއްސެއް ނުވަތަ ތިމާގެމީހަކާއި އާދައިގެ ދެރަ ވަރުގެ މީހަކާއި ދެމީހުން ނަކީވެސް ޤާނޫނު ކުރިމަތީގައި އަދި ރައްކާތެރިކަން ލިބިދިނުމުގައި ހަމަ ހަމަވެގެންވާ މީހުންނެވެ.

ހަމަހަމަކަން ރައްޔިތުންގެ ތެރޭގައި ޤާއިމްކުރެވޭނީ ޢަދުލުވެރިވެގެނެއެވެ. އެތަނެއްގައި އޮންނަންޖެހޭނީ ޢަދުލުވެރި ސަރުކާރެކެވެ. އަދި ސަރުކާރުވެސް ދަޢްލަތުގެވެސް އަދި ޤައުމީ އެންމެހާ ރުކުންތަކުގެ މަތީގައި  ޤާއިމްވެފައިވާންޖެހޭނީ ޤާނޫނުގެ މަތިވެރިކަމެވެ. އެއްވެސް މީހަކީ ޤާނޫނަށް ވުރެމަތީގައި ޤާނޫނުގެ ތަރަހައިން ބޭރުގައިވާ މީހެއްނަމަ އެފަދަ ބާރަކީ ޑިމޮކްރަސީއާއި ހަމަކަމާއި މުޅިން ޚިލާފް ވެފައިވާ މީހެކެވެ. ކޮންމެ ޤާނޫނެއްގައިވެސް އެޤާނޫނެއް އިސްލާޙުކުރާނެ ގޮތާއި އެޤާނޫނަކަށް ޢަމަލުނުކޮށްފިނަމަ އަދަބު ދޭނެގޮތާއި ނުވަތަ އެކަން ޙައްލުކުރާނެ ގޮތްވެސް ބަޔާންކޮށްފައިވާންޖެހޭނެއެވެ. ޤާނޫނަށްވުރެ މަތީގައި އާއްމުކޮށް ގޮތް ކިޔަން ތިބޭނީ ޚުދުމުހުތާރު ޤައުމުތަކުގައެވެ. އެއީ ރައްޔިތުންނަށް ހަރާމްކޯރުވެ، ވެރިކަމަށް ދަހިވެތިވެފައިވާ މީހުންނެވެ.

ޤާނޫނުގެ ކުރިމަތީގައި ހަމަވުމޭ ބުނެވޭ ބަހުގެ މާނައަކީ އެއީ ޢަދަބު ކަނޑައެޅުމުގަޔާއި ކުއްވެރިވުމުގައި ހަމަހަމަވުމެވެ. އެކަމަކު މީގެ މާނައަކީ ހުރިހާ ކުށެއްގައި ނުވަތަ ޤާނޫނީގޮތުން ލިބޭ ހައްޤުތަކުގައި އެއްވަރުވުމެއްނޫނެވެ. މިސާލަކަށް ވައްކަން ކޮށްގެން ގެނެވޭ މީހާއާއި ވައްކަންކޮށްގެން ގެނެވޭ އެހެންމީހަކު ތަފާތުކޮށްފާނެއެވެ. އޭރުން މިމާއްދާގައި އެބުނާ ހަމަހަމަކަން އޭގެ ޟާޙިރީ މާނާގައި ގެއްލިގެންދިޔައީއެވެ. އެހެންނަމަވެސް މިމާއްދާގައި ބުނާގޮތުގެމަތިންވެސް ކޮންމެމީހެއްގެ މަޞްލަޙަތަށް ރިޢާޔަތްކުރުމާއި އެކުގައި ތަފާތުކުރަންޖެހިދާނެއެވެ. ހުރިހާ ވައްކަމަކީ އެއްގޮތަކަށް ހިންގާކަންތައްތަކެއްނޫނެވެ. އެހެންނަމަވެސް ކުރިކުށަކީ ވައްކަމެވެ. ވަގަށް ނެގި އެތިވެސް ތަފާތުވެދާނެއެވެ. އަދި ވައްކަން ކުރިމީހާގެ އުމުރުވެސް ތަފާތުވެދާނެއެވެ. 16 އަހަރުން ދަށުގެ ކުއްޖަކާއި އެނޫން ކުއްޖެއް ޤާނޫނުގެ ކުރިމަތީގައި ތަފާތެވެ. އެހެންކަމުން ބުނެވިދިޔަ މާއްދާގައިވާ ހަމަކަން ޤާއިމްކުރުމުގައި ރައްޔިތުންނަށް އޮޅުން އަރާފާނެއެވެ. ޙަޤީޤަތަކީ ނުވަތަ އަސްލަކީ އެންމެންނަށް ހަމަހަމަކޮށް ކަންތައްތައް ކުރުމެވެ. އަދި އޭގެ އިސްތިސްނާއަކީ ޙާލަތާއި ވަގުތާއި ތަނަށް ބަލައި ބަދަލުވާނެކަންތައްތަކެވެ.

ޤާނޫނުގެ ރައްކާތެރިކަން ލިބުމުގައި ހަމަހަމަ ބުނެވޭ ބަހުގެ މާނައަކީ ޤާނޫނުން މީހުން ހިމާޔާތްކޮށްދިނުމެވެ. ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ އަށް ޤާނޫނީ ވަކީލެއް ލިބިދިނުމުގެ ޙައްޤާއި ހަނުހުރުމުގެ ޙައްޤާއި، މުދަލާ ފުރާނައާއި މިފަދަ ކަންތައްތައް ޙިމާޔަތްކުރުމުގެ ޙައްޤަކީ ސިދާ ޤާނޫނު އަސާސީގެ ވަކިމާއްދާތަކުގައ ބަޔާންކުރެވިފައި ވިޔަސް  ޤާނޫނުގެ ވެރިކަން ހިންގައިގެން މެނުވީ ވާނޭ ކަންތައްތަކެއްނޫނެވެ.

އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ހަމަހަމަވެގެން ވާންޖެހޭނެކަމަށް ބުނާ ބަހުގެ މުރާދަކީ ކޮބައިތޯއެވެ؟ އެއީ ޤާނޫނަކުން މަނާކުރެވިފައިވާ ކަމެއް ކޮށްފައިވާ ދެމީހަކަށް މަޞްލަހަތަށް ބެލުމަށްފަހު ތަފާތުކުރުމެއްނެތި ޤާނޫނު ހިންގުމެވެ. ޤައުމުގެ ވެރިޔާ ނުވަތަ ނުފޫޒުގަދަ މަޤާމެއްގައި ހުރި މީހަކު އޭނާގެ ގާތް މީހުންނާއި ރައްޓެހިންނަށް ޤާނޫނީ އިމުން ބޭރުން ކަންތައްތައް ކޮށްދެމުން ދާއިރު އެހެން މީހުންނަށް ތަފާތުކޮށް ކުރުމަކީ އެއީ ޤާނޫނު ހިންގުމުގައި ހަމަހަމަނުވުމެވެ. ޤާނޫނީ ވަކީލެއްގެ އެހީ އެއްކުއްވެރިއަކަށް ލިބޭއިރު އަނެއް ކުށްވެރިޔާއަށްވެސް އެ ޙައްޤު ލިބިދިނުމެވެ. ހަމަހަމަކަމާއި ބެހޭ މިމާއްދާ ޤާނޫނު އަސާސީއަށާއި ޤާނޫނުތަކަށާއި އަދި ޢަދުލު އިންސާފުޤާއިމްކުރާ ފަރާތުން ނެރޭ ނިންމުންތަކަށްވެސް ބާރު ފޯރުވައެވެ.

އެއްވެސް މީހަކަށް ޤާނޫނުގައި ބަޔާންވެގެން ވާގޮތަށް މެނުވީ އަދަބު ދެވިގެންނުވާނެއެވެ. އަދި އަނިޔާއަކީ އޭގެ ހުރިހާ މާނައެއްގައި މުޅީން މަނާވެގެންވާންޖެހޭކަމެކެވެ. އެހެނީ އަނިޔާއަކީ ޙައްޤުގެ އިދިކޮޅެވެ. ބާތިލްގެ ނަތީޖާއެވެ.

(ނުނިމޭ)

ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބޭ ޙައްޤުތައް (2)
އަހްމަދު  އަބްދުލް މަތީން

(138  ވަނަ މާއްދާއާއި ގުޅޭ)

ޤާނޫނު  އަސާސީގެ މިމާއްދާއިން ރައްޔިތުންނަށް ލިބިދޭން ޖެހޭކަމަށް ބުނާ ޙައްޤަކީ ކުރީގެ  ޢަދަދުގައި ބަޔާންކޮށްފައިވާނެ ފަދައިން މަނާކުރެވިފައިނުވާ ކަންތައްތައް ކުރުމުގެ  ޙައްޤެވެ. ކުރީގެ ޤާނޫނު އަސާސީގައި މިފަދައިން މިޙައްޤު  ބަޔާންކޮށްދީފައެއްނުވެއެވެ.

މިހާރު  ޢަމަލުކުރެވެމުންދާ ޤާނޫނު އަސާސީގައި ކަމެއް މަނާކުރެވޭނީ ޤާނޫނަކުންކަމަށް  ބުނެފައިވާތީ ޤާނޫނަކީ ކޮބައިކަމާއި އަދި އެގޮތަށް ބަޔާންކުރި ސަބަބުވެސް  ހޯދަންޖެހެއެވެ.

ޤާނޫނަކީ  އާއްމު ބަހުރުވައިން މިކިޔާ ޤާނޫނެއްނޫނެވެ. އާއްމުގޮތެއްގައި ރައްޔިތުންގެ  ތެރޭގައި “ޤާނޫނާއި ޚިލާފަށް” މި ބަސް ވަރަށް ގިނައިން  ބޭނުންކުރެވެއެވެ. އެހެންނަމަވެސް “ޤާނޫނު” މިބަހުގެ މާނައަކީ މިހާރު  ޢަމަލުކުރެވުންދާ ޤާނޫނު އަސާސީގެ 70 (ށ) 2. ގައި ބަޔާން ކުރާގޮތުގެ މަތިން  ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކެވެ. ޤާނޫނަކުން ނޫނީ ކަމެއް  މަނާނުކުރެވޭ ގޮތަށް އޮތުމުން ލިބޭ ފައިދާތައް ތަނަވަސްވެފައި ސާފެވެ. ފުރަތަމަ  ކަމަކީ ރައްޔިތުންގެ ޢަމަލުތައް މަނާކުރުމުގެ ބާރު އެމީހުންގެ މަންދޫބުންނަށް  ދިނުމެވެ. އެއީ އެކަމުގައި މާނައެއް ހުރިކަމެކެވެ. ޤާނޫނު ހަދާ މަޖިލީހުން ހަދާ  ކޮންމެ ޤާނޫނަކީ ޤާނޫނީ މަޞްދަރުތަކުގައި ދެވަނަ ދަރަޖަ ދެވިފައިވާ އެއްޗެކެވެ.  ޤާނޫނު ހަދާމަޖިލީހަށް ރައްޔިތުންގެ މަންދޫބުން އިންތިޚާބުކޮށް ރައްޔިތުންގެ  މައްޗަށް ޢަމުރު މަޢްރޫފް ހިންގުމަށް އެކަށައެޅެއެވެ.

ދެވަނަ  ކަމަކީ ވެރިކަންކުރާ ބާރު މިފަދަ ކަންތައްތައް ކުރުމުން ނަފީކުރުވުމެވެ.  ވެރިކަންކުރާ ބާރުން ގިނަފަހަރަށް ކަންތައްތައް ކުރެވިފައި ހުންނާނީ އެމީހުންނަށް  ތާޢީދުނުކުރާ ފަރާތްތަކަށް ދަތިވާނެ ފަދަ ގޮތަކަށެވެ. އެހެންކަމުން  އިސްވެދެންނެވުނު ގޮތަށް ތާޢީދުނުކުރާފަރާތްތަކަށް ދަތިކުރުމުގެ ނިޔަތުގައި ނޫނީ  ސިޔާސީ ހަސަދައެއްގެ ސަބަބުން ރައްޔިތުންގެ ތެރެއިން ބައެއްގެ މިނިވަންކަން  ޤަވާއިދުތަކުން ހިފަހައްޓަފާނެއެވެ. އެބާރު ބޭނުންކުރާނީ “ޤަވާޢިދު”  ތަކުންނެވެ.

މިޡާލަކަށް ކުރީގެ ޤާނޫނު އަސާސީގެ 26 ވަނަ  މާއްދާގައި ވަނީ ” ޤާނޫނާއި ޚިލާފު ނުވާގޮތުގެމަތިން،  ޞުލްޙަވެރިކަމާއިއެކުގައި މީސްތަކުން އެއްވެއުޅުމަކީ މިނިވަން ކަން  ލިބިގެންވާކަމެކެވެ” މިމާއްދާގައި ބުނާ ގޮތުން އެއްވާ ކޮންމެ އެއްވުމަކީވެސް  ޤާނޫނާއި ޚިލާފަށް އެއްވާ އެއްވުމެއްނަމަ އެއްވުމަކީ ޣައިރު ޤާނޫނީ އެއްވުމެކެވެ.  އެހެންކަމުން ޤާނޫނާއި ޚިލާފް ނުވުމަކީ ކޮބައިތޯ ބަލަންޖެހެއެވެ. ޤާނޫނެއްގެދަށުން  ނުވަތަ ޤާނޫނެއްގެ ބާރު ލިބިދޭ ކޮންމެ އެންގުމެއްގެ ދަށުންވެސް އެއްވެއުޅުން މަނާކުރެވިދާނެއެވެ.  ނަމަވެސް އެހެންނަމަވެސް އެޙައްޤު މުޅީން ޤައިދުކުރުމަކީ ކުރީގެ ޤާނޫނު  އަސާސީންވެސް ހުއްދަ ދޭކަމެއްނޫނެވެ. ކުރީގެ ޤާނޫނު އަސާސީގެ 156 ވަނަ މާއްދާގައި  ވާ ގޮތުގެ މަތިން “ޤާނޫނު”ގެ މާނައެއް ކަމުގައި ބުނެވޭނީ ރައްޔިތުންގެ  މަޖިލީހުން ފާސްކުރާ ޤާނޫނު ތަކާއި އަދި އެޤާނޫނުތަކުން ބާރު ލިބިގެން ހަދާ  ޤަވާއިދުތަކާއި އަދި އެމައްޗަށް ސަރުކާރުން ޢަމަލުކުރަމުން އައިސްފައިވާ  އުސޫލުތައްވެސް ހިމެނެއެވެ. އަދި “ޤާނޫނު” ކަމުގައި ކީރިތި ޤްރުއާނާއި  ސުންނަތުން ސާބިތުކޮށްދީފައިވާ ޝަރީޢަތުގެ އަސްލުތަކާއި އަދި ހަމައެހެންމެ ކީރިތި  ޤްރްއާނާއި މާތް ރަސޫލާ(صلى الله عليه وسلم) ގެ ސުންނަތްވެސް ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން  ކުރީގެ ސަރުކާރުން، ބަޔާންކުރެވުނު  މާއްދާގެ ދަށުން އެއްވެ އުޅުމާއި ބެހޭ ޤަވާއިދެއް ހެދި އެކަން އެޙައްޤު މަޙްދޫދު  ކުރެވުނީ ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދުނު ޤަވާއިދަކުންނެވެ. އެފަދަ  މައްސަލަތައް ކުރީގެ ޤާނޫނު އަސާސީގައި ހުރިކަމަށް ބަލައި ޤާނޫނު އަސާސީ  އިސްލާހުކުރުމުގެ މަސައްކަތްފަށައި މިހާރު ޤަވާއިދަކުން މިފަދަ އެއްވެސް ކަމެއް  މަނާކުރުމަކީ މިހާރުގެ ޤާނޫނު އަސާސީ ހުއްދަދޭކަމެއްނޫނެވެ. އެފަދަ ޤަވާއިދެއް  އަތުވެއްޖެނަމަ އެއީ ޤާނޫނުގެ ކުރިމަތީގައި އެއްވެސް ބުރަދަނެއްނެތް ބާތިލް  އެއްޗަކަށް ވާނެއެވެ. ނަމަވެސް ނުކުތާއަކީ މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނު  އަސާސީއަކުން އެބާރު “ވެރިކަން ކުރާފަރާތަށް” ލިބިދީފައި ނުވާކަމެވެ.

ތިންވަނަ  ސަބަބަކީ ކުރީގެ ޤާނޫނު އަސާސީން ލިބިގަތް ހިތި ނަތީޖާއެވެ. ކުރީގެ ޤާނޫނު  އަސާސީގައި އަސާސީ ޙައްޤުތަކާއި ބެހޭ ބާބުގައި އޮންނަނީ “ޤާނޫނު މަނާނުކުރާހާ  ހިނދެއްގައި” ނޫނީ ” ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން” މިފަދަ  ޢިބާރާތްތަކެވެ. އެ ޤާނޫނު އަސާސީގައި ޤާނޫނަކީ ކޮބައިތޯއެވެ. ޤާނޫނަކީ ކޮބައިކަން  ބުނެދީފައިވަނީ ޤާނޫނު އަސާސީ މާނަކުރުމުގެ ބާބުގައެވެ. 152 ވަނަ މާއްދާގެ (ބ)  ގައިވަނީ ޤާނޫނަކީ ކޮބައިކަން ބަޔާންކޮށްފައެވެ. އެގޮތުން އެއީ ޤާނޫނު އަސާސީއާއި  ޤާނޫނު ތަކާއި ޤަވާއިދުތަކާއި އެމައްޗަށް ދަޢްލަތް ހިންގުމަށް ފަސޭހައަކަށް  ރައީސުލް ޖުމްހޫރިއްޔާ އެކަށައަޅާ އުސޫލުތަކެވެ. މިހާރު ޤާނޫނަކީ އެދަރަޖަ ދެވޭ  ފަދަ މަޤާމެއްގައި ވާ އެއްޗެއް ނޫނެވެ. ކުރީގެ ޤާނޫނު އަސާސީގައި އެގޮތަށް  ބަޔާންކޮށްފައިވާތީ އަދި އެއިން ކަމަކަށް މީހަކު އިންކާރުކޮށް ދެކޮޅުހަދައި  ޚިލާފުވެއްޖެނަމަ އެއީ އަމުރަށް ނުކިޔަމަންތެރިވީމީހެއްކަމަށް ކަނޑައަޅައެވެ.  އެހެންކަމުން މިބިރުވެރިކަން ފިލައިދިއުމަށްޓަކައި މީގެ ފަރުވާއަކަށް  މިމާއްދާފުދެއެވެ.

ލިޔުންތެރިޔާގެ ތަޢާރަފް : އަޙްމަދު ޢަބްދުލް މަތީނަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި އެޑްވާންސް ޑިޕްލޮމާ އިން ޝަރީޢާ އެންޑް ލޯ ފުރިހަމަކޮށްފައިވާ މިހާރު ބެޗެލަރ އޮފް ލޯސް (އެލްއެލްބީ) އަދި ބެޗެލަރ އޮފް ޝަރީޢާގެ ފަހުއަހަރުގައި ކިޔަވަމުންދާ ޤާނޫނީ ވަކީލެކެވެ. އަޙްމަދު ޢަބްދުލް މަތީނަކީ ތ.ވިލުފުއްޓަށް އުފަން ޒުވާނެކެވެ.

ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބޭ ޙައްޤުތައް (1)
އަހްމަދު އަބްދުލް މަތީން

މިއީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނު  އަސާސީގެ ދެވަނަ ބާބުގައިވާ އަސާސީ ހައްޤުތަކާއި މިނިވަންކަން، މިބާބުގެ މައްޗަށް  ލިޔަމުންދާ ސިލްސިލާ އެކެވެ. މި ލިޔުމުގައި ކޮންމެ ހައްޤަކަށް ވަކިވަކިން  ބަލާލެވިފައިވާނެއެވެ.

މިނިވަންކަމަކީ އޭގެ ޒާތުގައި ވަރަށްގިނަ  ތަސައްރަފާތުތަކެއް އެމައްޗަށް ހުއްޓިފައިވާ އަސާސެކެވެ. މިނިވަންކަން  މާނަކޮށްދެނީ އާއްމު ބަހުރުވައިންނަމަ ތިމާގެ އަމަލުތަކުގައި ޤައިދެއް ނުވާކަމެވެ.  އެއީ ތިމާގެ އަމިއްލަ މަޤާޞިދުތައް ހާސިލްކުރުމަށް ތިމާ އެދޭ މަންޒިލަކަށް  ދިއުމެވެ.

ނަމަވެސް މިނިވަންކަން އޭގެ އަސްލުމާނައިގައި ބޭނުންކުރެވޭނީ  ޤާނޫނުތަކަށް ބޯލެބުމާއި އެކުގައި އަނެކާގެ ހައްޤަށް އަރައިނުގަނެވޭގޮތަށް ތިމާ  އެހައްޤެއް ބޭނުންކުރުމަށެވެ. ފްރެންޗް ފިލޯސަފަރެއްކަމަށްވާ JEAN JACQUES ROUSSEAU

ބުނެފައިވަނީ  “Man is born free, but everywhere he is in chains” ، އިންސާނާ އުފަންވަނީ  މިނިވަންކަމާއި އެކުގައެވެ. އެހެންނަމަވެސް ކޮންމެތަނެއްގައި އޭނަވަނީ  ބަނދެވިފައެވެ. ބައެއް ފިލޯސަފަރުން ދެކޭ ގޮތުގައި އިންސާނުން އަބަދުވެސް ވަނީ  މިނިވަންކަމުގެ މަތީގައެވެ. މީގެ އަސްލަކީ އިންސާނާއަށް އަބަދުވެސް  ކޮންމެކަމެއްގައިވެސް ދެވަނަ ގޮތެއް ، އިޚްތިޔާރުތަކެއް ލިބިދޭތީއެވެ. އަޅުގަނޑު  މިލިޔުން ފެށުމުގެކުރިން މިގެނެސްދިނީ މިނިވަންކަމާއި ބެހޭ ކުޑަމަޢްލޫމާތުކޮޅެކެވެ.

އަޅުގަނޑުމެންގެ ޤާނޫނު އަސާސީގައި އަސާސީ  ހައްޤުތަކާއި އަދި އެހައްޤުތައް ހިފެހެއްޓޭނެ ގޮތާއި އެކަމުގައި  މަސްޣޫލުކުރެވިފައިވާ ފަރާތްތަކުގެ ޒިންމާވެސް ބަޔާންކޮށްދީފައިވެއެވެ. އަދި  އެހައްޤުތަށް ކަށަވަރު ވެފައިވާ ގޮތްވެސް ލިޔެވިފައިވެއެވެ.

މަނާކުރެވިފައިނުވާ ކަންތައްތައް ކުރުމުގެ  ޙައްޤު (ޤާނޫނު އަސާސީގެ 19 ވަނަ މާއްދާ)

މިމާއްދާގައި ރައްޔިތުންނަށް  ކަށަވަރުކޮށްދެނީ އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން  މަނާކޮށްފައިނުވާ ކޮންމެކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިދޭކަމަށެވެ.  އެހެންކަމުން ކަމެއް މަނާކުރެވޭނީ އެކަމެއް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން  މަނާކުރެވިފައިވާނަމައެވެ. އަދި ޤާނޫނަކުން ކަނޑައެޅިގެން  މަނާކުރެވިފައިވާނަމައެވެ. އިސްލާމީ ޝަރީޢަތުގައި  ”ހުރިހާ އެއްޗެއްގެވެސް އަސްލަކީ  ހުއްދަވުމެވެ. ނަމަވެސް އެއްޗެއް ހަރާމް ކަމުގެ ދަލީލެއް އަތުވެއްޖެނަމަ އެގޮތަށް  ޢަމަލުކުރެވޭނެއެވެ. އެހެނީ ހަރާމްކަމަކަށް ބެލެވޭނެއެވެ”. އެކަމަކު ކުރުން  ހަރާމްކަންތައްތަކާއި އަދި ހުއްދަނޫން ކަންތައްތައްވެސް ބަޔާންކުރައްވާފައިވެއެވެ.  މިއީ ޢިލްމްވެރިންގެ އެއް ރަޢްޔެވެ. ކަނޑައެޅިގެން އިސްލާމްދީނުގައިވެސް ހަރާމް ހަލާލް ބަޔާންކުރެވިފައިވެއެވެ. ކިރިތި ރަސޫލާ  ހަދީޘްކުރައްވާފައިވެއެވެ. “وما سكت عنه فهو مما عفا عنه “   މާނައަކީ ‘އަދި ޝަރީޢަތުގައި އެއްޗަކާއި މެދު ހަލާލް ނުވަތަ ހަރާމް  ބަޔާންނުކޮށް ދޫކޮށްލާފައިވާ ތަކެތި ބޭނުންކުރިޔަސް މައްސަލައެއްނެތެވެ.”  މިއީ ހަސަން ދަރަޖައިގެ ހަދީޡެއް ކަމަށް  ޢިލްމްވެރިން ވިދާޅުވެއެވެ. ( ދެންއަންނަ ޢަދަދެއްގައި މިހަދީޡްގެ ސަނަދު  ބަޔާންކުރާނަމެވެ.)

މިމާއްދާ މިގޮތަށް ގެނެސްދިނުމުގެ ބޭނުމަކި  ރައްޔިތުންނަށް ވެރިކަމުގެ ފަރާތުން ކަންތައްތައް މަނާކުރެވެމުން ގޮސްފައިވުމާއި  އެކަމުގެ ސަބަބުން އަމުރަށް ނުކިޔަމަންތެރިވީކަމަށް ބަލައި ދަޢްވާކުރެވި  ޖަލަށްލެވި، އެތައް ޢުޤޫބާތެއް ދެވުމެވެ. އެހެންކަމުން ކޮންމެކަމެއްވެސް  މަނާކުރެވެން ޖެހޭނީ ޤާނޫނަކުންކަމަށް ބުނެފައިވުމުން ވެރިކަންކުރާބާރުން  ރައްޔިތުންނަށް ސިޔާސީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަދި އިޤްތިޟާދީ ގޮތުންވެސް  ކަމެއް މަނާކުރުމަކީ އުނދަގޫކަމަށް ވާނެއެވެ. (ނުނިމޭ)