Kulhudhuffushi.com » ފަންއަރި

މީ، މައިސެލްފް އެންޑް އައި
ފަންއަރި

ރައީސް  މައުމޫނަށް ބިރުދައްކައި ދަތިކުރުމުގެ ޢަމަލުތަކެއް އެމްޑީޕީގެ ބައެއް  މެންބަރުންނާއި މިހާރުގެ ސަރުކާރުގައި އުޅުއްވާ ބައެއް މިނިސްޓަރުން  ހިންގެވިކަމަށް ވިދާޅުވެ، މިކަންކަން ހުއްޓުވުމަށް އިލްތިމާސްކުރައްވައި އެމަނިކުފާނު،  ރައީސް ނަޝީދަށް ސިޓީ ފުޅެއް ފޮނުއްވި ވާހަކަ މީޑިއާގައި އެބަ ދެކެވެއެވެ. މި  ސިޓީފުޅު ފޮނުވިކަމަށް ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

މިޔާ ވިއްދައި،  ރައީސް އޮފީހުގެ ޕްރެސް ސެކެއްޓެރީ، ޒުހައިރު ވިދާޅުވެފައި ވަނީ، މި ޢަމަލުތަކަކީ  އެމްޑީޕީ ކުރުވިކަމެއް ނޫންކަމަށާ، މިކަމުގައި ބައިވެރިވި ސަރުކާރުގެ މިނިސްޓަރުން  ވެސް ބައިވެރިވީ އެބޭފުޅުންގެ އަމިއްލަ ހައިސިއްޔަތުން ކަމުގައެވެ.

މިއީ ވަރަށް  ރީތި މޮޅު ވާހަކަކޮޅެކެވެ. މިނިސްޓަރެކޭ ބުންޏަސް އެބޭފުޅަކު ނުރަސްމީކޮށް  ކުރައްވާ އަމިއްލަ ކަންކަން ހުންނާނެއެވެ. މިސާލަކަށް އެބޭފުޅުން އެބޭފުޅުންގެ  އަނބިދަރީންނާ އެކު ހޭދަކުރައްވާ ވަގުތުތަކުގައި ޢާއިލާ ކުރިމަތީ އެއީ  މިނިސްޓަރުންނެއް ނޫނެވެ. އެވާނީ ބައްޕައަކަށް ނުވަތަ މަންމައަކަށް ނުވަތަ  ފިރިމީހައަށް ނުވަތަ އަނބިމީހައަށެވެ.

ކަން މިހެން  އޮތް އިރު، ތިމާއަށް ތިމާ ބޭނުންވާ ކޮންމެ ކަމެއް ވެސް “އަމިއްލަ  ޙައިސިއްޔަތުން” ކުރެވިދާނެތާއެވެ.

ގާޒީއަކު ވެސް،  އޭނާގެ އަމިއްލަ ހައިސިއްޔަތުން، ބަދުއަޚްލާޤީ ޢަމަލެއް ވެސް ހިންގަންވީއެވެ.  އެއަށް ފަހު ބުނާނީ، ތިމަންނާ އެ ޢަމަލު ހިންގީ ގާޒީގެ ޙައިސިއްޔަތަކުން  ނޫންކަމުގައެވެ. އަދި ކިޔެއްތަ ތިމަންނަ އެއިރު އެކަން ހިންގީ މުސްލިމެއްގެ  ޙައިސިއްޔަތަކުން ވެސް ނޫނެވެ. ކޯޓުގައި އިންނަވާ އިރު ތިމަންނާއީ ގާޒީއެވެ.

ޓީޗަރުން ވެސް،  ޓިއުޝަން ދިނުން މަނާ ކުއްޖަކަށް ބޮޑު އަގު ނަގައިގެން ޓިއުޝަން ދިނުމަކުން  މައްސަލައެއް ނެތެވެ. އިސްކޫލުގެ ރަސްމީ ގަޑި ނިމުމުން އޭނާ އަމިއްލަ  ޙައިސިއްޔަތުން ކުރާނެ ކަންތައް ކުރަންވީއެވެ. ޓިއުޝަން ދިނަސް ވަރިހަމައެވެ.  އެކަން އޭނާ ކުރީ އެކުއްޖާގެ ކުލާސް ޓީޗަރުގެ ހައިސިއްޔަތަކުން ނޫނެވެ.

މިހެން ގޮސް  އަމިއްލަ ހައިސިއްޔަތުން ކޮންމެ ކަމެއް ވެސް ކުރަންވީއެވެ. ރައީސް ނަޝީދު ވެސް  އަމިއްލަ ހައިސިއްޔަތުން މަގުމައްޗަށް ނިކުންނަވައި، އާދައިގެ އެހެނިހެން ވެސް  މީހަކު ކޮށްލާ ކަހަލަ “ލާނެތް” ކަމެއް ކޮށްލަންވީއެވެ. އަނެއްދުވަހު  ރަސްމީ ގަޑީގައި އެއީ ރައީސުލްޖުމުހޫރިއްޔާއެވެ.

އަނގައެއް  އޮތިއްޔާ ކިޔާނެ ކިތައްމެ އެއްޗެއް ހުންނާނެތާއެވެ. ޕްރެސް ސެކެއްޓެރީގެ ވެސް  އަނގަފުޅެއް އޮންނަންޏާއެވެ. އެކަމަކު އަޑު އަހާ މީހުންނަށް އެ ދައްކަވާ ވާހަކަ  ގަބޫލުކުރުމާ ނުކުރުމުގެ “އަމިއްލަ ހައިސިއްޔަތެއް” ވެސް އޮވެއެވެ.

ދެކުނު ދާއިރާ ބަޙުޘަށްފަހު ހިތުގައި އުފެދުނު ޝުޢޫރެއް
ފަންއަރި

ރޭ ޓީވީއެމުން  ދެއްކި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ ބަޙުޘް ބަލަން ވެގެން އަޅުގަނޑު  ތައްޔާރުވަމުން އައީ މީން ޒަމާނަކު ޓީވީ ޕްރޮގްރާމެއް ބަލަން ތައްޔާރުނުވާ ވަރަކަށެވެ.  ޕްރޮގްރާމް ބަލަން އިށީނުމުގެ ކުރިން ވެސް ހިތަށް އެރި ވާހަކަތަކެއް ހުއްޓެވެ.

ދިވެހި  ރާއްޖޭގެ ތާރީޚްގައި ވެސް މިއީ، ކުޅުދުއްފުއްޓަށް ޚާއްޞަކުރެވިގެން ގޮނޑިއެއް،  ނުވަތަ ދެ ގޮނޑި ރައްޔިތުން މަޖިލީހުގައި ބެހެއްޓޭ ފުރަތަމަ ފަހަރު ވިއްޔާއެވެ.  ވީމާ މި ތާރީޚީ ފުރުޞަތު ކުޅުދުއްފުށީ ރައްޔިތަކަށް ލިބުމަށް އެދި ހިތުގައި  އުފެދުނު މާނައިންފުރިގެންވީ ޝުޢޫރުތަކެވެ.

މި ޝުޢޫރުތައް  މިހެން ހުރެމެ، ސިކުނޑީގައި ކޮއްޓާ އެހެން ފިކުރުތަކެއް ވެސް ހުއްޓެވެ. އެއީ،  މިކަމުގައި ރަށު ތަޢައްޞުބު ވުމަށް ވުރެން ރަނގަޅީ ރަށަށް ފައިދާހުރި ގޮތެއް  ކަނޑައެޅުމެވެ. ރަށުން އެކަމަށް ލާއިޤް މީހަކު ކުރިމަތި ނުލާ ނަމަ، އެކަމަށް  އެންމެ ލާއިޤް އެހެން މީހަކު ހޮވުމަކީ ވެސް ނެތްކަމެއް ނޫންތޯއެވެ؟

މިކަހަލަ  ކަންކަމުގައި ތަޖުރިބާ ހުރި ރަށު މީހަކު އެބަހަރިބާއެވެ؟ ދެން އެތިއްބެވީ،  ޢިލްމާއި ތަޖްރިބާއާއި ނުފޫޒަށް ބެއްޔަސް، ރަށު މީހުންނަށް ވުރެ ކުރީގައި  އުޅޭބައެއް ނޫންތޯއެވެ؟

މިކަހަލަ  އެތައް ބައިވަރު މަސްހުނި ޚިޔާލުތަކެއްގައި އިނދެ ޕްރޮގްރާމް ބަލަން އިއްތީމެވެ.  އެކަކީ ސިޔާސީ ދާއިރާގައި ތަޖްރިބާހުރި، ޤާނޫނީ ރޮނގުން ޑިގްރީ އޮތް، މުޅި  ރާއްޖެއިން ހޮވާލެވޭ ވަރު މޮޅު ވާހަކަދެއްކުންތެރިއެކެވެ. ދެން އެހުންނެވީ، އެތައް  ސަނަދެއް ނަންގަވައިގެން ހުންނެވި މަޝްހޫރު ޤާނޫނީ ވަކީލެކެވެ. އެޔާ ޖެހިގެން، ދެން  އެ ހުންނެވީ ނުހަނު ކާރުސާނާކަން ހުރި ވިޔަފާރިއެއް ހިންގަވާ ބޮޑު މުއްސަންޖެކެވެ.

އެހެންނަމަވެސް  ދަންނަވަންތޯއެވެ؟ ކުޅުދުއްފުށީ މަތިފުށުން ވަޑައިގެން ތިއްބެވި ބޭފުޅުން ރޭގެ  ބަޙުޘްގައި ދެއްކެވީ އަޅުގަނޑު ހީވެސް ނުކުރާފަދަ ޤާބިލްކަމެކެވެ. އެހެންކަމުން މި  ބޭފުޅުންނަށް ހަމަ އައްސަރިބަހާއި ސާބަސް ޙައްޤެވެ.

މިހެން  ދެންނެވީމާ، ރަށުމީހުންނާ މެދު މީއްޗަކު މި ދެކެނީ ހާދަ ވާ އެހެންކަހަލަ ގޮތަކަށޭ  ހީނުކުރައްވާށެވެ. ހަގީގަތުގައި ދެން އެތިއްބެވި ބޭފުޅުންނަކީ މުޅި ރާއްޖޭގައި  “ބޮޑުގުޅަ” ބައެކެވެ. ރަށުން ނިކުންނެވި ބޭފުޅުންނަކީ މިކަހަލަ  ދާއިރާއަކުން ކުރިން ފެނިފައި ނެތް ބައެއްކަމުން، މިކަމުގައި އަޅުގަނޑަށް  އެބޭފުޅުންގެ ފުށުން މާ ވަރުތަކެއް ފެނިގެންދާނެކަމަށް ބެލެވިފައި ނެތީއެވެ. އެހެންކަމުން،  ބަނޑޭރިގަނޑު އެއީ ފޮތުގެ މޮޅުކަން ދޭހަކޮށްދޭ އެއްޗެއް ނޫންކަން އެއީ  ޙަޤީޤަތެކެވެ.

ރަޝާދަކީ  އަޅުގަނޑު ހިތުން ރަށުގައި ވަރަށް އިވޭ ނަމެކެވެ. އަޅުގަނޑު ކުޑައިރުން ސުރެ ވެސް،  ބައްޕަމެން ބޮޑުބޭބެމެން މާ ގިނައެއްކޮށް، ކޮންމެވެސް ‘ރަސާދެއް’ ގެ ވާހަކަ ކިޔާތީ  އިވެނީ އެއީ ވަރަށް މުހިއްމު މީހެއްކަން ދޭހަވާ ދަރަޖައަށެވެ.

ދެން  އެހުންނެވި އެމްޑީޕީގެ ކެނޑިޑޭޓަކީ ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫން  ދެއްތޯއެވެ؟ މިހާރު މި ބޭއްވޭ ދާއިރާ ބަޙުޘްތަކާއި، އަދި ރޭގެ ބަޙުޘް ބެލި މީހަކު  ވިއްޔާ ގަބޫލުކުރާނެ ފަދައިން، އޭނާއަކީ ވާހަކަ ނުދެއްކޭ މީހެއް ނޫނެވެ. އަދި  ރާއްޖޭގައި ފެށުނު ސިޔާސީ އިޞްލާޙީ ޙަރަކާތްތަކުގައި ވަރަށް ޖޯޝާއި ފޯރީގައި  ޙަރަކާތްތެރިވި އެއްބޭފުޅެކެވެ. އާދަމް ވަހީދެވެ.

އިރުދޭމާގޭ  ޢަބްދު ﷲ ޢަލީ އަކީ އޭނާ ވިދާޅުވި ފަދައިން، ރަށު އިސްކޫލުގައި ނަންހިނގާލި  ދަރިވަރެކެވެ. އޭގެ ފަހުން އޭނާ މަޖީދިއްޔާގައި ތަޢުލީމު ޙާޞިލްކުރެއްވި  ދުވަސްވަރު، ޓީވީން ދެއްކި ސްކޫލުކުދިންގެ ޕްރޮގްރާމެއްގައި، މަޖީދިއްޔާ  ތަމްޘީލްކުރި ދަރިވަރުންގެ ތެރޭގައި ހިމެނުނުކަން އަޅުގަނޑުގެ ހަނދާން އެބަ  ބުނެއެވެ. ޕްރޮގްރާމްގެ ނަމަކީ އަޅުގަނޑު ހަނދާންވާގޮތުން “އުދަރެސް”  އެވެ. ޔަގީނެއް ނޫނެވެ. އޭގެ އިތުރުން، ވާހަކަދެއްކުންތެރިކަން އޭނާގެ ކިބައިގައި  ހަމަ ރަނގަޅަށް އެބަހައްޓެވެ.

ކޮންމެއަކަސް،  ޢަބްދު ﷲ ޢަލީމެން ހދ އަތޮޅު ތަޢުލީމީ   މަރުކަޒުގައި ކިޔަވަމުން ދިޔަ ދުވަސްވަރު، ހަމަ އެ އިސްކޫލު ގްރޭޑް 1 ގައި  އަޅުގަނޑާ އެކު ވަރަށް ރަޙްމަތްތެރި މިޒާޖެއްގެ ކުއްޖަކު އުޅުނެވެ. އެއީ ކަނޑޫދޫގޭ  ޢަލީ މުޙައްމަދެވެ. އަޅުގަނޑުގެ ރައްޓެއްސެކެވެ.

ރޭގެ  ޕްރޮގްރާމްގައި ޢަލީ ހުއްޓާ ފެނުމުން، ހިތަށް އެރީ މީނާ ކިހާވަރަކުން ދާނެބާއެވެ؟  ކްލާސްމޭޓެކޭ ކިޔައިގެން އެތާ އިނދެ ފޮނި ވެސް ކަނޑަން ފެށީމެވެ. ހަގީގަތުގައި ޢަލީ  ދެއްކި ވާހަކަތަކުން ސާބިތުވީ އޭނާ އަކީ އެކަމަށް ވަރަށް ޤާބިލް ޒުވާނެއްކަމެވެ. ވާހަކަދެއްކުންތެރިކަން  ވެސް އެބަހައްޓެވެ. މާޙައުލުން، އޭނާގެ ވުޖޫދު އިޙްސާސްކުރެވެއެވެ. ހައިބަތަކާއި  ޝަޚްޞިއްޔަތެއްވެސް ހުއްޓެވެ. ވީމާ އަޅުގަނޑު ޢަލީއަށް ވޯޓުލިޔަސް ލާނީ އެއީ  ރައްޓެއްސަކަށް ވީތީ ދޭ ވޯޓެއް ނޫންކަމުގެ ހިތްހަމަޖެހުމާއެކީއެވެ.

އަޅުގަނޑަކީ  އުތުރު ދާއިރާ މީހަކަށްވީ އިރު، މިއިން އެކަކަށް ވެސް ވޯޓުލެވޭކަށް ނުމެ ނެތްމެއެވެ.  އެހެންނަމަވެސް، ހިތް އޮތީ މިދެންނެވި ހަތަރު ބޭފުޅުންނާއެކީއެވެ. އަމުދުން މިއިން  ބޭފުޅެއްގެ ފަސްބައި ހަޑިވެފައިވާކަމެއް އެނގޭކަށް ނެތެވެ.

ވީމާ މި ތާރީޚީ  ފުރުޞަތު ކުޅުދުއްފުށީ ޒުވާނަކަށް ނުދޭންވީ އެއްވެސް ސަބަބެއް މިހާރަކު ނެތެވެ.  އަދިކިޔެއްތޯއެވެ. އަޅުގަނޑުގެ ނަޒަރުގައި އެއިން ބޭފުޅަކު ހޮވިއްޖެ ނަމަ ރަށަށް  ވަރަށް ބޮޑު މަޢުނަވީ ފައިދާތަކެއް ކުރާނެއެވެ. އެއިރުން ކުޅުދުއްފުށީގައި ސިޔާސީ  ލީޑަރުން އުފެއްދުމުގެ ފަށަން ބާއްވާލެވުނީއެވެ. އަދި އެއީ ސިޔާސީ މައިދާނަށް  ނިކުންނަން ތިބި އެހެން ޒުވާނުންނަށް ލިބޭ ހިތްވަރަކަށް ވެސް ވާނެއެވެ.

އަޅުގަނޑުގެ މި ލިޔުމަކީ  ރަށުން ބޭރު ކެނޑިޑޭޓުންނަށް ނެގެޓިވްވާ ގޮތަށް އެއްޗެއްހިތަކެއް ލިޔުމެއް ނޫނެވެ.  ގޮނޑިއަކީ ސީދާ ކުޅުދުއްފުއްޓަށް ޚާއްޞަ ގޮނޑިއަކަށް ވެފައި، ކުޅުދުއްފުށިން  އެކަމަށް ކަމަރުބަނދެލައިގެން ނުހަނު ހިތްވަރާއެކު ނިކުންނެވި ބޭފުޅުންނަކީ  އެކަމަށް ޤާބިލް ބައެއްކަން ސާބިތުކޮށްދީފި ހިނދު، ކުޅުދުއްފުށްޓަށް އުފަންވެ،  ކުޅުދުއްފުށީގައި މަސްވަޅުރުކެއް ހުރި، ކުޅުދުއްފުށީ މޫދަށްއެރި، ކުޅުދުއްފުށީ  އަވިން ކަޅުވެ، ކުޅުދުއްފުށީ އާބުހަވާއިން ކުލަޖެހިފައިތިބި ޝަޚްޞިއްޔަތުން ދިވެހި  ސިޔާސީ މައިދާނުން ފެންނަންވެއްޖެކަމީ މިހާރު ދެން ޒަރޫރީ ކަމަކަށް ވެއްޖޭ  ހީވާލެއް ބޮޑުކަމުން މިހެން ލިޔެވުނީއެވެ.

ސިޔާސީ ރޮބަޓެއް ހައްދަވާނީ ކިހިނެއް؟
ފަންއަރި

ޖަޕާނަކީ ފާޑުފާޑުގެ ރޮބަޓު ވަރަށް ގިނައިން  ހަދާތަނެއް ދޮއްތޮއެވެ؟ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ވެސް އޮވޭ ނޫންތޯއެވެ؟ މި  މީހުން ރޮބަޓު މައުރަޒު ވެސް ބާއްވައެވެ.

ރާއްޖޭ މީހުންނަކީ ވެސް ދެން ޚިޔާލު ތަނަވަސް  އުފެއްދުންތެރި ބައެއްތާއެވެ. މި ކުޅުދުއްފުށީގެ ބޮޑު ޢީދުގައި ބާއްވާ  ޕެރޭޑުތަކުން ވެސް މުއްސަނދި ޚިޔާލުގެ އުފެއްދުންތެރިން ފެންނަނީ މަދެއްކޮށް  ނޫނިއްޔާއެވެ.

ޖަޕާނު މީހުން ރޮބަޓު ހަދަނީ އެމީހުންގެ އެކި  އެކި މުހުތާދުތައް ފަސޭހައިން ފުއްދާލެވޭނެ ގޮތް ވިސްނުމުގައި ބަހައްޓައިގެންނެވެ.  އެމީހުންނަކީ ވެސް ދިވެހިންނެކޭ ދާދި އެއްގޮތަށް ކުދިކޮން ތިބޭ ބައެއް ކަމަކު،  އެމީހުންގެ ދިރިއުޅުމުގެ ބޭނުމާ އަޅުގަނޑުމެންގެ ބޭނުންތަކާ އުޑާ ބިމާހާ  ތަފާތުވާނެއެވެ. އެމީހުންގެ ލޮލާއި ހަމުގެ ކުލަ އަޅުގަނޑުމެންނާ ތަފާތުވާ ހެންނެވެ.

ދިވެހިންނަށް މިހާރު އެންމެ ކަންބޮޑުވާ  މައްސަލައަކީ ސިޔާސީ މައްސަލަތަކެވެ. މިސާލަކަށް މަޖިލީހަށް މެންބަރަކު ހޮވާ އިރު  މޮޅަށް ވާހަކަދައްކާލެވޭ، ރައްޔިތުންގެ ޝުޢޫރު ދަންނަ މެންބަރަކު ހޮވުމުގެ ފިކުރަކީ  ކުޑަ ފިކުރެއްތޯއެވެ؟ ވީމާ އަވަސްކުރައްވާށެވެ. ވަކި ފަރާތަކަށް ނުވިކޭނެ،  މޫސުމަށް ބަދަލުނުވާނެ ގިނަދުވަހަށް ދެމިހުންނާނެ މެންބަރެއް، ނުވަތަ ސީޔާސީ  ރޮބަޓެއް ތައްޔާރުކުރާނެ ގޮތް ބުނެދީފާނަމެވެ.

ހޯއްދަވާނެ ތަކެތި:

އޮމާން ޓިނު ( އާދަމުގެ ދަރިޔެއްގެ ބޮޑުމިނަށް ހުންނަ ރޮބަޓެއްގެ ތޮށިގަނޑު  ހަދާލެވޭވަރުގެ)

ޓިނު ކަފާ ކަތުރު

ރިވެޓް ޖަހާ ދައްޗާއި ފުދޭވަރަކަށް ރިވެޓް

އަޑު ރިކޯޑުކޮށް، އޮޓޯއިން ކުޅެލެވޭ ކަހަލަ ޑިޖިޓަލް ސިސްޓަމެއް.

ހައްދަވާނެ  ގޮތް:

ކަނބުރުގެޔަކަށް  ވަންނަވައި އަޅި ނުބުރުއްވިޔަސް، ގޭތެރޭގައި ނުވަތަ ގޯތި ތެރޭގައި ވެސް މިކަންތައް  ކޮށްލެއްވިދާނެއެވެ. ކުޑަކުދިން ވަދެނިކުމެވޭ ތަނެއްގައި މިކަމާ ނޫޅުއްވާށެވެ.  ބުއްދިވެރިކަމެއް ނޫނެވެ.

ފުރަތަމަ  ފިޔަވަހި:

ހެޔޮވަރު  މީހެއްގެ ސިފައަށް ދެފޮތި ޓިނު ކައްޕަވާށެވެ. އެޔަށްފަހު މަރުތޭލައިން ތަޅުއްވައި  އޭތި ގޮނިކުރައްވައި، އިންސާނެއްގެ، އައްދެ.. (މާފުކުރައްވާތި) ރޮބަޓެއްގެ  ވަނާތައް ހުންނާނެ ބައްޓަމަށް ގޮނިކުރައްވާށެވެ. އެއަށްފަހު ރިވެޓް ޖައްސަވައިގެން  ދެފަޅި ތަތްކުރައްވާށެވެ. މިހާރު ތިހަރީ ރޮބަޓުގެ އޮނިގަނޑު ތައްޔާރުކުރެއްވިފައެވެ.

ދެވަނަ  ފިޔަވަހި:

މި  ފިޔަވަހީގައި ހައްދަވާނެ ގޮތަކީ ހުރިހާ މުނާސަބަތަކާ ވެސް ގުޅޭނެ ހައެއްކަ  ވާހަކަކޮޅު ތައްޔާރުކޮށްލެއްވުމަށްފަހު އެއްކަލަ ޑިޖިޓަލް ސިސްޓަމަށް  ރިކޯޑުކުރައްވާށެވެ.

މިސާލަކަށް:

” ވޭތުވެދިޔަ  ތިރީސް އަހަރު ސަރުކާރުން ވެފައިވާ ޚިޔާނާތްތަކާއި ވެފައިވާ އަނިޔާގެ ސަބަބުން މި  ހުރިހާކަމެއް މިވަނީ. ”

މި  އިބާރާތްކޮޅަކީ ކޮންމެ މުނާސަބަތަކަށް ވެސް ފުދޭނެ އިބާރާތްކޮޅެކެވެ. ސިޔާސީ  ގޮތުން ނޫސްވެރިޔަކު ކޮންމެ ސުވާލެއް ކުރިޔަސް، މަޖިލީހުގައި ކިތައްމެ ދިގުކޮށް  ވާހަކަދައްކަވަން ޖެހުނަސް، މި އިބާރާތްކޮޅުން ފުދޭނެއެވެ. މަޖިލީހުގައި  ވާހަކަދައްކުވާ ނަމަ، ތަންކޮޅެއް ދިގުކޮށް މި ވާހަކަކޮޅު ތަކުރާރުވާގޮތަށް ހައްދަވައިލައްވާށެވެ.  ނޫސްވެރިޔެއް ކުރިމައްޗަށް ނެރުއްވަން ޖެހިއްޖެ ނަމަ، އޭނާ ކޮންމެ ސުވާލެއް  ކުރިޔަސް ރޮބަޓު މިހެން ބުނާގޮތަށް ޕްރޮގްރާމްކުރައްވާށެވެ. ޖަވާބު ވަރަށް ސިޔާސީ  ވެފައި ފުރިހަމަވާނެއެވެ. އެއަށްފަހު މީތި، ރޮބަޓުގެ އަނގަތެރޭގައި ހަރުކުރައްވާށެވެ.

ތިންވަނަ  ފިޔަވަހި:

މި  ފިޔަވަހީގައި ކުރައްވަންޖެހޭ ކަމަކީ ރޮބަޓުގައި ކުލަޖައްސަވައިލައްވައި މޫނުމަތި  ހަދައިލެއްވުމެވެ. ދެން ހެދުން އެޅުއްވުމެވެ. ދޮންކުލަ ޖެއްސެވީމާ މީހުން  ތަންކޮޅެއް ގަޔާވާނެކަމަށް ފެނެއެވެ. ދެން އޮތީ ރީތި މޫނެއް ކުރެއްސެވުމެވެ.

މިއީ ކޮންމެ  ކޮންމެ މީހަކަށް ފަސޭހަކަމެއް ނޫނެވެ. އެންމެ މޮޅުގޮތަކީ ރީތި މޫނެއް  ޕްރިންޓުކުރެއްވުމެވެ. ރީއްޗަށް ބަލަންޏާ އެންމެ ބުއްދިވެރި ގޮތަކީ ފިލްމުސްޓާރެއްގެ  މޫނު އިޚްތިޔާރުކުރެއްވުމެވެ. ރާއްޖޭގައި ވަރަށް ރީތި ތަރިން އެބަ އުޅެއެވެ.  މެންބަރަކަށް އެންމެ އެކަށީގެންވާ ޢުމުރުގެ ތަންކޮޅެއް ހޭންޑުސަމް ކަމަށް މަޝްހޫރު  ތަރިޔެއް ބަލާފައި ޕްރިންޓުކޮށްލައްވާށެވެ.

މިހާރު ތިހަރީ އެއްވަނައިގެ  ސިޔާސީ ރޮބަޓެއް ތައްޔާރުކުރެއްވިފައެވެ. ދެން މިޔަށް ރީތި ނަމެއް ދެއްވާށެވެ.  ރޮބަޓަކާ ގުޅޭ ރީތި ނަމެކެވެ. މިސާލަކަށް، ފްރީކޯ2009 ވެސް ރަނގަޅުވާނެއެވެ.

މާކަނާ ކަލޯ ވާހަކަ
ފަންއަރި

މި  ވާހަކައަކީ އަޅުގަނޑުމެން ކުޑައިރު މަންމަމެން ކިޔައިދޭ ވާހަކައެކެވެ. ވާހަކައިގެ  ޢިބާރާތްތައް ހަނދާނެއް ނެތެވެ. ނަމަވެސް އޭގެ ހާދިސާތައް ކޮންމެސް ވަރަކަށް  ހަނދާން އެބަހައްޓެވެ.

މާކަނާ  ކަލޯ ވާހަކައިގެ މާލޭ ވަރުޝަނަށް ކިޔަނީ އަޅުގަނޑު ހިތުން، “މާކަނާ  ޅިޔަންބެ” އެވެ. ޔަގީނެއް ނޫނެވެ.

މީގައި  އުޅެނީ މާކަނާއަކާއި ރާބޮންޖެކެވެ. ކޮންމެއަކަސް މިއީ ދެ ޅިޔަނުންނޯލައެވެ. އެއްދުވަހަކު  ރާބޮނދި މާކަނާގޭ ދޮށަށް ގޮސް ގޮވާލާފައި މި ބުނަނީ ރަނގަޅު މަސައްކަތެއް ފަށަންވީ  ވާހަކައެވެ. އަދި ދެ ޅިޔަނުން ސައްލާކޮށް، މި ނިންމީ ކައްޓަލަ ދަނޑެއް ހައްދާށެވެ.

ދެޅިޔަނުން  ވެގެން ދަނޑުކޮށައި، ފަސްގަނޑު ޖެހުމަށްފަހު ކައްޓަލަ އިންދާތްޕެވެ. އަދި ވަރަށް  ރަނގަޅަށް ދަނޑު ބެލެހެއްޓިއެވެ. އެންމެ ފަހުން ކައްޓަލަ ކޮންނަވަރު ވުމުން  ރާބޮނދި ބުނެއްޕެވެ.

މިހާރު  މިއޮތީ މަސައްކަތުގެ ނަފާ ދެމީހުންނަށް އެއްވަރަކަށް ބަހަންވެފައެވެ. ޅިޔަންބެ  ބޭނުން ބައެއް ނަގާށެވެ. އެކަކު ނަގާނީ ބިމުން މައްޗަށް ފެންނަންހުރި ބައެވެ.  އަނެކަކު ނަގާނީ ބިމު އަޑިއަށްވާ ބައެވެ.

މާކަނާ  ހިތުގައި ޖެހުނެވެ. ބިމުން އަޑިއަށް ހުންނާނީ ހަޑިވެ ވެލިތަތްލައިފައި ހުރި  މޫބޮނޑިއެވެ. މަ ނަގާނީ އެހެރަ ނަލަ ފަތްތަކެވެ. މިހެން ހިތާ މާކަނާ ނެގީ ބިމުން  މައްޗަށްވާ ބައެވެ. ރާބޮނދި ހުރިހާ ކައްޓަލަތަކެއް ކޮނެގެން ގެންގޮސްފިއެވެ.  އެދުވަހު ގެއަށް ދިޔުމުން މާކަނާ އަންހެނުން ވަރަށް ރުޅިއައިސްގެން ބެވިކަމަށް  ވެއެވެ.

އަނެއްކާ  ވެސް ދަނޑުހައްދާ މޫސުން ލައިގަތީމާ އެއްކަލަ ރާބޮނދި އައިސް ޅިޔަނަށް ގޮވާލިއެވެ.  މިފަހަރު ދެމީހުން ސައްލާކުރުމަށްފަހު ނިންމީ ޒުވާރި އިންދާށެވެ. އަދި މިގޮތުގެ  މަތީން ޒުވާރި އިންދައި، ގަސްތައް ހެދި، ޒުވާރި އަޅައި، ގޮވާންކަނޑާވަރުވުމުން  ރާބޮނދި އަނެއްކާ ވެސް ވަރަށް ހެޔޮއެދޭ މީހެއްގޮތަށް އެއްކަލަ ސުވާލުކޮށްފިއެވެ.

މާކަނާ  ހިތަށްއެރިއެވެ. ކުރީފަހަރު މަށަށް ލިބުނީ ލަނޑެކެވެ. އެހެންވީމާ މިފަހަރު މަ  ނަގާނީ ބިމުން އަޑިއަށްވާބައެވެ. އަދި އޭނާގެ އިޚްތިޔާރު ރާބޮންޖަށް އިއްވާތްޕެވެ.  ރާބޮނދި ހުރިހާ ޒުވާރިކޮޅު ކަނޑާލައިގެން ގެއަށްދިޔައިރު، މާކަނާ ގެޔަށް  ގެންދިޔައީ ޒުވާރި ގަހުގެ މޫބޮނޑިއެވެ. މިފަހަރު ވެސް މާކަނާ އަންހެނުން  އަރައިގަތް ރުޅިން ހެއްދެވި ނެހެއްދެވިއަށް ގޮވިއެވެ.

ވާހަކައިގައި  ވަނީ މިކަހަލަ ގޮތެކެވެ. މި ވާހަކައިން ވަރަށް ގިނަ ޢިބްރަތް ލިބިގަނެވިދާނެއެވެ.  ފަރުދެއްގެ ޙައިސިއްޔަތުންނެވެ. ރަށެއްގެ ޙައިސިންޔަތުންނެވެ. އަދި ޕްރޮވިންސެއްގެ  ޙައިސިއްޔަތުންނެވެ. އަދި ކޮބައިތޯ މާލޭން އުތުރުގެ ޙައިސިއްޔަތުންވެސްމެއެވެ.  އެހެންނަމަވެސް އަޅުގަނޑުމެން ހުރިހާ ދިވެހިންނަކީ ޅިޔަން ފަހަރިކަމަށް ވުރެ  ގާތްބައެއްކަމާއި މިއީ ހައްތާވެސް އަޚުންކަމުގައި މި ފުރުޞަތުގައި  ފާހަގަކޮށްލާނަމެވެ.

އެހެންކަމުން، މިއީ އަޅުގަނޑުމެންގެ  ކުޑައިރުގެ ހަނދާންއާކޮށްލުމެއްކަމުގައި ތިޔަބޭފުޅުން ހިއްތަވާށެވެ. ވީމާ،  ކުއްލިއަކަށް މި ދަނޑިވަޅުގައި މާކަނާކަލޯވާހަކަ ލިޔުމުގެ އެހެން މަޤްޞަދަކާއި  އެހެން މާނައެއް އޮންނާނެކަމުގައި ދެކިވަޑައިގެން، އަޅުގަނޑުގެ ލޮކި ބަނޑު  ނުފެޅުއްވުން އެދެމެވެ.

ރައީސް ނަޝީދުގެ އިމޭޖިނަރީ ފުރެންޑުން
ފަންއަރި

ރިޔާސީ އިންތިޚާބު ދުވަސްވަރު ރައީސް  ނަޝީދުގެ އިމޭޖިނަރީ ތިން ފުރެންޑުން ތިއްބެވެ. އެއީ ކޮންބައެއްތޯއެވެ؟

އެކަކީ ކަނބުލޮއެވެ. އަނެކަކީ އާދަނެވެ. ދެން  ހުރީ ކަންމަތީ ފިހާރައިގެ ސޭޓެވެ. ހިތްޕުޅުތިރި ނަޝީދު އެދުވަސްވަރު ރަށަށް  ވަޑައިގެން، ކަނބުލޮކުރެން ކޮށްލައްވަނީ އެންމެ ސުވާލެކެވެ. ކަނބުލޯ ވެގެން މި  އުޅެނީ ކީއްހެއްޔެވެ؟ ޖަވާބުގައި ކަންބުލޮ ވެގެން އުޅޭގޮތް ދަންނަވައެވެ.

މި ދެންނެވި ތިން ފުރެންޑުން މިހާރު  ކޮބައިބާއެވެ؟ އެމީހުންގެ އަޑެއް ނީވެނީ މިހާރު ކިޔެއްވެބާއެވެ؟ ސައިކޮލޮޖިސްޓުން  ބުނާގޮތުގައި، އިމޭޖިނަރީ ފުރެންޑުންނަކީ ކުޑަކުދިން ވަކި ޢުމުރެއްގައި  ކްރިއޭޓްކުރާ ވަހުމީ ޝަޚްޞިއްޔަތުތަކެކެވެ. ޢުމުރުގެ ވަކި ހިސާބަކުން އެކަން  ހުއްޓިދެއެވެ. ނުވަތަ ބައެއް ފަހަރު ނުހުއްޓި ވެސް ހަމަ ހުރެދާނެއެވެ. ހޮލީވުޑްގެ  މަޝްހޫރު ފިލްމު، ‘ބިޔުޓިފުލް މައިންޑު’ ބެއްލެވިންތޯއެވެ؟ ބޮޑު ސައިންސުވެރިއަކު  ވެސް މިކަހަލަ ފުރެންޑެއް ގެންގުޅެދާނެކަން މި ފިލްމުން ހާމަވެއެވެ.

ތިންވަނަ ޕެރެގިރާފު ފެށުމުގެ ގޮތުން  ކޮށްފައި އެ އޮތް ސުވާލުގެ ޖަވާބުގައި ދެންނެވެން އޮތީ، ކަނބުލޮއާއި އާދަނާއި  ކަންމަތީ ފިހާރައިގެ ސޭޓަކީ އިމޭޖިނަރީ ފުރެންޑުން ގެ ގޮތުގައި، އެމަނިކުފާނުގެ  ސިޔާސީ ޅަފަތުގައި ކްރިއޭޓުކުރެއްވި ތިންމީހުންކަމުގައެވެ. މިހާރު  ބޮޑުފުޅުވީތާއެވެ.

ހަގީގަތަކީ، އެމަނިކުފާނަށް، އެ ތިން މީހުން  ޚިޔާލީ ބައެއްކަމުގައި ވިޔަސް، އެއީ ހަމަ މި ދޭހަށް ނޭވާލަމުން އަންނަ ހަގީގީ ތިން  ދިވެހިންކަމެވެ. އަދި ވެސް މާތް ކަލާނގެ ފަޟްލުވަންތަކަމުން، ދިރިދުނިޔޭގައި  ގަދަވެ ހެޔޮހާލުގައި އެ މީހުން އެބަ ތިއްބެވެ.

އެއީ އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ  ބައެކެވެ. އޭގެ ތެރެއިން ސޭޓު ފިޔަވާ ދެން އެތިބީ މިރަށު ދެމީހުންނެވެ.

ކަނބުލޮއަކީ މި ލިޔުންތެރިޔާގެ މާމައެވެ.  މާމަގެ ހަޔާތުގައި ދިމާވި އެންމެ ބިރުވެރި ދުވަހަކީ، ނަވާރަ ސަތޭކަ އަށްޑިހަ  އަށްވަނަ އަހަރުގެ ނޮވެންބަރު ތިނެއް ވީ ބުރާސްފަތި ދުވަހެވެ. މާމަ އެއިރު ވެސް  އިނީ މި ކުޅުދުއްފުށީގައެވެ. މިތާކަށް ބަޔަކު އެރީއެއް ނޫނެވެ. ދެން ބިރުގަތީ  ކިޔެއްވެތޯއެވެ؟

ސަބަބަކީ މާމަގެ ޒުވާން ދަރީންތައް އެވަގުތު  ތިބީ މާލޭގަޔާއި މާލެ ކައިރި ރިސޯޓުތަކުގައި ވަޒީފާގައެވެ. އެކުދިންނަށް ވެދާނެ  ގޮތަކާ މެދު މައިލަގޮނޑިއެއް އޮތް މީހަކަށް ކެތްވާނެތޯއެވެ؟ ދެން އެހެން ނޫނަސް  އެރި ބަޔަކު އަރައި ހިފީ ދިވެހިރާއްޖެއެވެ. ވީމާ ބިރު ނުގަނެއެއް ނުހުންނާނެއެވެ.

ބަޑިބުރާސްފަތި ދުވަހުގެ ބިރުވެރި ވާހަކަތައް  ރަށުތެރޭގައި ފެތުރިގަތް އިރު، ކަނބުލޮޔާއި، އަދި އެ ނޫނަސް ކިތައްމެ އަންހެނަކު  އެވަގުތު ތިބީ ވަލުގައި ބޮނބިތަޅާށެވެ.  މިވާހަކަ އަޑު އިވުމުން، “އަހަން ދަރިޔޭ.. އަހަން ދަރިޔޭ” ގޮވައި،  މަންމައިންގެ ރުއިމުގެ އަޑު ވަލުތެރޭގެ އެކި ދިމަދިމާއިން ގުގުމައިގަތެވެ. މިއީ  އިމޭޖިނަރީ ވާހަކައެއް ނޫނެވެ. ކުޅުދުއްފުށީ ވަލުގައި ކަންހިނގި ގޮތެވެ.

އާދަނަށް ވީ  ކިހިނެއްތޯއެވެ؟ އާދަނުގެ ހުރި ޒުވާން ފިރިހެންދަރި، ޝަހީދުވީއެވެ. ދީނަށްޓަކައި  ޤައުމަށްޓަކައެވެ. މިހާރު ދެން އާދަނަށް ލިބޭނެ އެންމެ ބޮޑު ތަސައްލީއަކީ ދަރިފުޅު  އޮހޮރާލި ލޭ، ގައުމުގައި ދެންތިބި މީހުން ބޭކާރުކޮށް ނުލުމެވެ.

ކަންމަތީ ފިހާރަ  ސޭޓުތޯއެވެ؟ އޭނާއަކީ މިރަށާ ވާ މީހެއް ވެސް ނޫނެވެ. އެއީ މާލޭ ގައި ފިހާރަގަނޑެއް  ހުޅުވައިގެން އުޅޭ މެދުފަންތީ މީހެކެވެ. އޭނާގެ މިދެންނެވި ފިހާރަ ވެސް އެދުވަހުގެ  ޝިކާރަޔަކަށް ވިއެވެ. ބާޣީން އެތަން ލޫޓޫވާލައި، އެތަނުގައި ހުރި ލުއިކާނާގެ  ބާވަތްތަކާއި، ދަޅުކޭސްތަކެއް ގެންދިޔައެވެ. ފުރާނަ ހުރީތީ އަދިވެސް އޭނާ  ޝުކުރުވެރިވެއެވެ.

ކޮންމެއަކަސް،  މި ބުނާ ތިން މީހުންގެ މޫނުމަތީގައި ތަކުރާރުވޭވެ ހުންނަ ގޮތެއްގައި މިހިރަ ވެވޭ  ބޮޑު އިހާނާތާއި، މި ކުރެވޭ މަލާމާތާ މެދު ވިސްނާލީ ކާކުތޯއެވެ؟

ސިޔާސީ ކަތިލުންތަކާއި ދިވެހިންގެ އަގުހުރި ތަރިކަ
ފަންއަރި

ސިޔާސީ ކަތިލުމޭ ކިޔާ އާ ބަހެއް ދިވެހިންގެ ތެރެއަށް ތަޢާރަފުވެގެން މި އައީ ދާދި މިދާކަށް ދުވަހުއެވެ. މައްސަލައެއް ނެތެވެ. އެކަކު އަނެކަކު ކަތިލަހަށެވެ. އަހަރެމެންވާ ޗުއްޕު ވެސް ނުބުނެ ތިބެދާނަމެވެ. އެކަމަކު އަހަރެމެންގެ ކާބަފައިންގެ އަގުހުރި ތަރިކައަށް ތިޔަ ކަތިލުންތަކުގެ ލޭ ނުބުރުވާށެވެ.

އެންމެ ފުރަތަމަ އަހަރެން ލޭކެކި، ގޮތްގޮތްވާން ފެށީ އަހަރެމެންގެ މުސްލިމު ކާބަފައިން، އަހަރެމެންނަށްޓަކައި ދޫކޮށްފައިހުރި އަގުހުރި ތަރިކަ ކަމުގައިވާ އަލްއަޒްހަރު ޔުނިވަރުސިޓީއާ މި މީހުން ފޮށެން ފެށި ހިސާބުންނެވެ. އެތާގެ ވަޤާރުވެރި ދަންނަބޭކަލުންގެ ފަސްބަޔަށް މިބައިމީހުންގެ ނަޖިހުން ސަލާމަތެއް ނުވެވުނެވެ.

އެތަނަކީ މުސްލިމުންގެ ޚިލާފަތުގެ ވެރިރަށެއްކަމުގައިވި ޤާހިރާގައި ފާޠިމީން ހުޅުވި ތަނެކެވެ. އޭގެ ފަހުން މުސްލިމުންގެ މަޝްހޫރު ތާރީޚީ ބަޠަލް، ޞަލާޙުއްދީނުލް އައްޔޫބީ، އެތަން ސުންނީ މަޛްހަބަށް ކިޔަވައިދޭ ގޮތަށް ބަދަލުކުރިފަހުން، އަދި އަދަށް ދާންދެން ވެސް އެއީ، އިސްލާމީ އުއްމަތް ޢިލްމީ ނޫރުން އަލިކުރަމުން އަންނަ އަގުހުރި މަނާރެކެވެ.

ތެދުތެދަށް ދަންނަވާ ނަމަ، މުސްލިމުންގެ ޚިލާފަތްތަކުގެ ރަން ޒަމާނުގެ ތަރިކަތަކުގެ ތެރެއިން، ދާރުލްއާސާރަށް ނުލައި އަދި އަދަށް ދާންދެން ދިރިދިރި އޮތް ހަމައެކަނި ތަރިކަ އަކީ މި ބުނާ ޤަދީމީ ޔުނިވަރުސިޓީއެވެ. ވީމާ ކޮންމެ މުސްލިމަކަށް ވެސް އެތަނާ މެދު ފަޚުރުވެރިވެވޭނެއެވެ.

ޚާއްޞަކޮށް ދިވެހިންގެ ޢިލްމީ ތާރީޚުގައި ވެސް އެންމެ ގިނަ ދިވެހިންނަށް ކިޔަވައިދީފައިވަނީ ދެވަނަ އެހެން ތަނަކުން ނޫނެވެ. ވީމާ ދިވެހިން އެތަނަށް ދަރާފައި އޮތް ދަރަނި އެހެން އެއްބަޔަކަށް ވުރެން ބޮޑެވެ.

ދެން ހަމަ އެދުވަސްވަރުގައިމެ ފެންނަމުންދިޔަ މުޑުދާރު އަނެއް ޢަމަލަކީ މިބައިމީހުންގެ ކޯޅުމުގެ ޝިކާރަޔަކަށް ދިވެހި ބަސް ހަދަމުންދާ މަންޒަރެވެ. ދެފަރާތުގައި ވެސް ތިއްބެވީ ދިވެހިބަހަށް ނުހަނު އަރައި ތިއްބެވި ދެބޭފުޅުންނެވެ. ކޮންމެ ބޭފުޅަކު ވެސް އެބޭފުޅެއްގެ ޚާއްޞަ ބަސްކޮށާރެއް ގެންގުޅުއްވައެވެ. ސާދާ ރީތި ދިވެހި ބަހެވެ. ނަމަވެސް އެއްކަލަ ކަތިލުމުގެ ޖައްލާދުން، މި ބުނާ ރީތި ބަސްތަކަށް މަލާމާތްކޮށް ހަޖޫޖަހައި، އެފަދަ ބަސްބަސް އެހެން މީހުން ބޭނުންކުރަން ލަދުގަންނަވަރުކޮށްލިއެވެ.

ވެރިކަން ބަދަލުވެއްޖެއެވެ. މިހާރު ކަނޑި އޮތީ ކުރީގެ ވެރިކަންކުރި ޕާޓީގެ އަތުގައެވެ. މިބައިމީހުން ވެސް ހަމަ މިކުޅިވަރު ކުރިޔަށް އެބަ ގެންދެއެވެ. ދިވެހިންގެ ތަރިކައަށް ފުރައްސާރަކުރުމުގެ މުޑުދާރު ކުޅިވަރެވެ.

މިހާރު މިބައިމީހުންގެ ޝިކާރަޔަކަށް ވެފައިވަނީ ދިވެހިން ފަޚްރުވެރިވުން ޙައްޤު މުލީއާގެއެވެ. މުލީއާގެއަކީ ދިވެހިންގެ ޢިމާރާތްކުރުމުގެ ފަންނުވެރިކަމާއި ރީތިހުތުރު ދަންނަކަމުގެ ޙިއްސު ތަމްޘީލުކޮށްދޭ ލާމަސީލު މިސާލެކެވެ. އެތާގެ ކުކުޅުވެހިކޮޅުގައި ކުރަހާފައި ހުރި ކުރެހުންތަކާއި ވެޔޮގަނޑުތަކުގައި ޖައްސާފައި ހުރި ރީތި ނޫކުލަ އަކީ، ދިވެހިންގެ ކާބަފައިންނަށް ކުލަޖައްސަން އެނގޭކަމުގެ ނަމޫނާއެކެވެ. ތަނުގެ މަކާނާއި، ބިނާކުރެވުނު ޒަމާނާއި ތަނުގައި އެކި ދުވަސްވަރު ދިރިއުޅުއްވި ބޭފުޅުންނާއި، ތަން ބޭނުންކުރެވުނު އެކި އެކި ބޭނުންތަކަށް ބަލާލިޔަސް އެއީ ތާރީޚީ މަޤާމެއް ލިބިފައިވާ ތަނެކެވެ.

އަހަރެން އެންމެ ބިރުގަތް ކަމަކީ އެރީތި ގަނޑުވަރުގައި ހުރި ނޫކުލަ، ރައީސް ނަޝީދު ގެ ރީނދޫކުލައަށް ބަދަލުކޮށްލަފާނޭ ހީކޮށެވެ. ނަމަވެސް ނަސީބަކުން ރައީސް ނަޝީދަކީ އެހާ ޖާހިލު ބޭފުޅަކަށް ނުވިތާއެވެ. އެކަމަކު ހިތާމައިގެ ކޮޅެއް ނެތެވެ. މިހާރު ޑީއާރުޕީގެ ނޫހުން އެތަން އެހެރަ ސިފަކުރަނީ، އެއީ ޝަމްސުއްދީން ޒަމާނުގައި ފާޙިޝް ޢަމަލުތައް ހިންގި ކޯއްޓޭއެއް ކަމުގައެވެ. ބިރުވެރި ބަދުރޫޙުތައް ދިރިއުޅޭ ހާއްޔެއްކަމުގައެވެ. ހަންޑިއަވަލާފައި ހުރި ގެއެއްކަމުގައެވެ.

މިބައިމީހުންގެ ސިޔާސީ ކަތިލުމަކާ އަހަރެމެން ކާބަފައިންގެ ތަރިކައަކާ ކީކީއްހެއްޔެވެ؟ މި އުޅެނީ ކިޔެއް ވެގެން ހެއްޔެވެ؟ ރުޅި އަންނަ މީހަކު ރުޅިއައިސްގެން ކުނޑިކުނޑި ނުވިއްޔާ ވާ ރަނގަޅެވެ.

ޢަލީ ސުލައިމާން ވަރެއް، ހަމަ ނެތް..!
ފަންއަރި

ދިވެހިރާއްޖޭގެ ޤައުމީ ޓީވީއަށް އައި އެންމެ ހެޔޮ އެއް ބަދަލަކީ އަތޮޅުތަކުގެ ބިއުރޯތައް އުފެދި ކޮންމެ ރެޔަކު ވެސް އަތޮޅުތަކުން ޚަބަރުތަކާއި ރިޕޯޓުތައް ފެންނަން ފެށުމެވެ.

އާއެކެވެ. އަހަރެން ވެސް އެއްބަހެވެ. ޓީވީއެމުން ފޮނުވާ އަތޮޅު ރިޕޯޓުތަކުގައި ފެންނަ ވީޑިއޯތަކަކީ އެހާ ސާފު “ހައި ޑެފިނިޝަން” މަންޒަރުތަކެއް ނޫނެވެ. އެޔަށް ވުރެ މާ ސާފުކޮށް އަހަރެމެން މި ގެންގުޅޭ މޯބައިލް ފޯނުން ވެސް ވީޑިޔޯކުރެވެއެވެ. އެހެންނަމަވެސް، ފަހަރަކު ކަމެއްތާއެވެ. އަތޮޅު ޚަބަރުތައް ގެނެސްދޭކަން އެއީ ވެސް ޝުކުރު ޙައްޤުވާ ފަދަ ކުރިއެރުމެކެވެ.

ޓީވީއެމް ގެ ސިޔާސަތެއް އަހަރެމެންނަކަށް ނޭނގެއެވެ. އަދި އަތޮޅު ބިއުރޯތަކަށް އަންގާފައި އޮންނަނީ ކީކޭކަމެއް ވެސް ނޭނގެއެވެ. އެކަމަކު ފާހަގަވާ ކަމަކީ، ޓީވީގެ ބައެއް މުރާސިލުން ހަފްތާއަކު ހައެއްކަ ރިޕޯޓު ތައްޔާރުކޮށް އެފުލުފުލުގައި ފޮނުވާލާއިރު، އަނެއްބައި މުރާސިލުން ތިބެނީ މާނިދި މަތުރާފައިކަމެވެ.

އަހަންނަށް މުޅި ޓީވީއެމުން ވެސް ފާހަގަވާ ނަމެއް އޮވެއެވެ. އެއީ ޢަލީ ސުލައިމާނެވެ. އޭނާއަކީ އޭނާ ހުންނަ ކޮންމެ ތަނަކުން ވެސް ވަރަށް ތަފާތު ރިޕޯޓުތައް ތައްޔާރުކޮށްފައި އަހަރެމެންނާ ހަމަޔަށް ގެނެސްދޭ ކުޅަދާނަ މުރާސިލެކެވެ. އަހަރެން ހިތުން، ގަސް ނެތް ފިނޮޅަކަށް އޭނާ ދޫކޮށްލިޔަސް، އަނެއްދުވަހު ވަރަށް ޝައުޤުވެރި ރިޕޯޓެއް، ބެލުންތެރިންނާ ހަމަޔަށް ހުށަހަޅާލަދޭނެއެވެ. އެހެން ވާންޖެހޭނެއެވެ.

ހަމަ ގައިމު ވެސް ތިލަދުންމައްޗަކީ ފިނޮޅެއް ނޫނެވެ. މިއީ ޚަބަރާއި ރިޕޯޓު، ބިސްއަޅައިގެން ވިހަން އެންމެ އެކަށީގެންވާ ހާއްޔެވެ. މީހުންގިނަ، ބޮޑު ސިންގާ އަތޮޅެކެވެ. އެހާމެ ހަރަކާތްތައް ގިނައެވެ.

ދުނިޔޭގައި ނެތްވަރުގެ ޒާތްކޮޅުބޮޑު ކުޅުދުއްފުއްޓެއް މިއޮތީ ތިލަދުންމަތީގައެވެ. އިންސާނީ މަދަނިއްޔަތެއްގައި ބަޔަކު ކުރާނެ ހުރިހާ ކަމެއް ކުރާ މީހުން މިރަށުގައި އެބަ އުޅެއެވެ. ރާއްޖޭގެ އެންމެ ބޮޑު ބިލެތް އިންޑަސްޓްރީ އޮތީ މިއަތޮޅު ނޮޅިވަރަމުގައެވެ. ކަރާއުފެއްދުމުގެ ދިވެހި ލެޖެންޑަރީ ތޮއްޑުއަށް މިދިޔަ ރޯދަމަހު ކަރާ ވިއްކީ މިއަތޮޅު ވައިކަރަދޫ ދަނޑުވެރިންނެވެ. ހަނިމާދޫއަކީ އެއްފަސްކުރާ ރަށެކެވެ. ބޮޑެތި ޞިނާޢީ މަޝްރޫޢުތައް ހިންގާތަނެކެވެ. ގިނިރާޖާ ކިޔާ ބާވަތެއްގެ ކުކުޅެއް އެރަށުގައި ގެންގުޅެއެވެ. އަދި މިނޫނަސް ދަނޑުވެރިކަމާއި ވިޔަފާރިއާއި ފަތުރުވެރިކަމުގެ ޙަރަކާތްތައް މި އަތޮޅުގައި ކުރިޔަށް އެބަ ދެއެވެ.

މި ހުރިހާ ކަންކަމަކާ ގުޅިގެން މީޑިޔާގެ ސަމާލުކަން ބޭނުންވާނެ ވަރަށް ބައިވަރު ކަންތައްތައް ހިމެނޭނެއެވެ. މީހުންނަށް ދިމާވާ ތަފާތު ދަތިތަކާއި މައްސަލަތަކެވެ. ތިމާވެށީގެ މައްސަލަތަކެވެ. އެއްފަސްވާން ހިޖުރަކުރަން ބޭނުންވެފައި ތިބި ރަށްރަށް ވެސް މިއަތޮޅުގައި އެބަހައްޓެވެ.

ދާދި މިދާކަށްދުވަހު ތިލަދުންމަތީ ރަށެއްގެ ވެބްސައިޓެއް ބަލައިލީމެވެ. އެއީ މިހާރުގައި ނަމަ މަތިއުތުރު ރަށެކެވެ. ވީމާ އެރަށަށް ދިމާވާ ކޮންމެ މައްސަލައަކާ އަޑުއުފުލުމުގެ ޙައްޤު މަތިއުތުރު ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ. އެ ސައިޓުގައި އޮތީ ރަށު އިސްކޫލުގައި ސައިންސް ކިޔަވާކުދިން ލެބޯޓަރީ ގަޑި ނަގަން، ދުއްވާފައި ކުޅުދުއްފުއްޓަށް އަންނަންޖެހޭ ވާހަކައެވެ.

މިކަހަލަ ކަންކަމަކީ ރަށުގެ ޒުވާނުން ހަދާލާ ވެބްސައިޓަކުން ސަރުކާރުގެ ސަމާލުކަން ލިބޭވަރަށް ވުރެ ބޮޑެތި މައްސަލަތަކެވެ. މިއީ ޤައުމީ ޓީވީން ރިޕޯޓުހަދަންޖެހޭ މައްސަލަތަކެވެ.

ޢަލީ ސުލައިމާނަކީ އެންމެ ފުރާނައެކެވެ. އޭނާއަކަށް ހުރިހާ އަތޮޅެއް ކަވަރެއް ނުކުރެވޭނެއެވެ. މަތިއުތުރު ބިއުރޯ ހޭލާނީ ކޮންއިރަކުން ބާއެވެ؟

ނޯޓު: އަހަރެން ފާހަގަކޮށްފައި މިހިރަ ބައެއް ކަންކަމަކީ ފަހަރެއްގައި ޓީވީއެމް ރިޕޯޓުތަކުގައި ގެނެސް ދީފައި ހުރި ކަންކަން ނޫންކަމެއް ވެސް ނޭނގެއެވެ. އެކަމަކު މަގޭ ޕޮއިންޓަކީ، ތިލަދުންމަތީން ރިޕޯޓުތައް ފެންނަލެއް މާ ބޮޑަށް ވެސް މަދުވުމެވެ. އަދި ޢަލީ ސުލައިމާން ފަދަ މުރާސިލަކަށް މިތަން ލިބިއްޖެނަމަ ފުރަތަމަ ދުއްވައިގަންނަންވީ ކޮޅެއް ނޭނގޭހާ ވެސް ގިނަ ހަރަކާތްތައް މިތާ އެބަ އޮތޭ ބުނުމެވެ.

މަސްހުނި ރުނބައެއް
ޝުކުރިއްޔާއޭ ނުބުންޏަސް..

ފަންއަރި

އެންމެ ފުރަތަމަ މަންމައަށް  ޝުކުރުއަދާކުރާށެވެ. ގަޑިންގަޑިއަށް ކާންދީ، ކާއިރު ތަށިމަތި ބަލަހައްޓާ، ކައި  ނިމުމުން ކޭތަށިތައްނަގާ ދޮވުން މިއީ ކުޑަކަމެއްތޯއެވެ؟ ކައި ނިމިގެން ކޮންމެ  ފަހަރަކު ޝުކުރިއްޔާއޭ ނުބުންޏަސް މަންމައަށް ވަރިހަމަވާނެއެވެ. އެކަމަކު އެންމެ  ކުޑަމިނުން ކާންހުރި އެއްޗެއްސަށް ފާޑު ނުކިޔާ މީރިއްޔާ މީރޭ ބުނެލުމަކީ ހަމަ  ޔަގީނުން ވެސް ކެއްކި މީހަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ.

ކަލޭގެ ބަރު ޖީންސުތަކާއި އެތައް ބައިވަރު  ފަޓުލޫނަކާއި ގަމީހެއް، ދާކޮށް ގުޅައަކަށް ޖެހުމުން، އެއެއްޗެހި ނަގާ ދޮވެ  އިސްތިރިކޮށްދޭ އަންހެން ކޮއްކޮ އެހުރިހާ ކަމެއް ކޮށްދެނީ ކޮން  ޙައިޘިއްޔަތަކުންތޯއެވެ؟ ކޮއްކޮއަށް ކަލޭގެ ފުށުން ލިބެނީ ކޮން ފަސޭހައެއްބާއެވެ؟  ކުޑަމިނުން ކޮއްކޮ ޓިއުޝަނަށް ދާއިރު، އޭނާ މަގުމަތީގެ ނުރައްކަލުން  ރައްކާތެރިކޮށްދޭން ތިޔަ ބާރުގަދަ މުލައްދަނޑީގެ ބޭނުން ހިފުނުތޯއެވެ؟  ޝުކުރުކުރާށެވެ.

އަނބިމީހާ އަށް ތަޢުރީފުކޮށް އޭނާގެ މަސައްކަތުގެ  އަގުވަޒަންކުރެވޭބާއެވެ؟ ކެއްކި އެއްޗެއްގައި ތަންކޮޅެއް ލޮނު މަޑުނަމަ ދުނިޔެ  ގިޔާމަތްވުމާ އެއްފަދަކުރާ އިރު، މީރުކޮށް ކެއްކޭ ފަހަރު މީރޭ ބުނެލެވުނުތޯއެވެ؟

ނޫނެކެވެ. ކުށެއް ފެނިއްޖެންޏާ އެކަން  ފާހަގަކުރެވެއެވެ. އެކަމަކު ހެޔޮކަމެއް ކޮށްދޭ އިރު އެކަން ފެންނަކަމަކަށް  ނުވެއެވެ.

ޝުކުރިއްޔާއޭ ބުނުމަކީ އަޅުގަނޑުމެންގެ  ތެރޭގައި ވަރަށް ނާދިރުކަމެކެވެ. ބައެއްފަހަރު ލަދުވެސް ގަންނަކަމެކެވެ. ބައެއް  މީހުންގެ ނަޒަރުގައި އެއީ ހަމަ އެކަނި ދުރުހިލޭ މީހުންގާތު ބުނަންޖެހޭ އެއްޗެކެވެ.  ރައްޓެއްސަކަށް ޝުކުރިއްޔާއޭ ބުނުމަކީ އޭނާ ދުރުހިލޭކޮށްލުމޯލައެވެ.

އެއީ ކުށްހީއެކެވެ. ހަގީގަތުގައި ކޮންމެ  ފަހަރަކު ޝުކުރިއްޔާއޭ ގޮވަމުން ނުދުވިޔަސް ފުދޭނެއެވެ. ބައެއްފަހަރު މީހަކު  ހެޔޮކަމެއް ކޮށްދިނުމުން “ހާދަ ރަނގަޅޭ” ނުވަތަ “ވަރަށް  އުފާވެއްޖެ” ނޫނީ “އައިސްތު ވަރެއް ހަމަ ނެތޭ” ކަހަލަ ޢިބާރާތަކުން  އަނެކާ ހިތްހަމަޖައްސާލަދިނުމަކީ ވެސް ހަމަ ޝުކުރުއަދާކުރުމެވެ.

މިއީ ފާރެއް ނޫނެވެ.

ފަންވަތް

ތިޔަ ހީފުޅުކުރެއްވީ  އަދި މުޅިން ރަނގަޅަކަށް ނޫނެވެ. މިއީ  ކުޅުދުއްފުށީގެ މަގުފާރެއް ނޫނެވެ. ތަކުރާރުކޮށް ބާރުލައިފައި ދަންނަވަމެވެ.  ބައެއް ބޭފުޅުން އެބޭފުޅުންގެ ހިތްޕުޅަށް އަރާ، ފުޅަ ބަސްތަކާއި ޚިޔާލު ސްޕްރޭ  ދަވާދުން ކުޅުދުއްފުށީގެ މަގުފާރުގައި ލިޔުއްވާގޮތަށް މިތަނުގައި ލިޔުއްވަން މިއީ،  އެފަދަ ފާރެއް ނޫނެވެ. ވީމާ، އާދޭހާ އެކު ދަންނަވަމެވެ. ތިޔަހެން ނުހައްދަވާށެވެ.

މިތަނުގައި ހުންނަ ލިޔުންތަކުގެ ޢިބާރާތަށާއި  ހުށަހަޅާފައިވާ ޚިޔާލާއި މައުލޫމާތަށް ނިކަން، ވިސްނަވާށެވެ. މިއީ ތަހުޒީބު  ތަނެއްކަން އެނގިލައްވާނެއެވެ. މި ތަނުގެ މަގުސަދަކީ، އެދެވޭ ހެޔޮބަދަލެއް ފިކުރަށް  ގެނައުމެވެ. މިއީ ފިކުރީ މަސައްކަތެކެވެ. އެއްގޮތަކަށްވެސް ބާޒާރުމަތީ ޚިޔާލާއި،  ރަށުތެރޭގެ ‘ގޮސިޕް’ އަށް މިތާނގައި ޖާގައެއް ނެތެވެ. އަޅުގަނޑުމެންނަށް އެފަދަ  ގޮސިޕެއް ކަމަކު ނުދެއެވެ.

މިއީ އަޅުގަނޑުމެންގެ މޫނު ބަލާ ލޯގަނޑެވެ.  މިތަނުން މި ފެންނަނީ ސޫރައެކެވެ. އެ ސޫރަ އަޅުގަނޑުމެން  ބެހެއްޓޭތޯ މި ބަލަނީ ރީތި، ތަހުޒީބު  ސިފައެއްގައެވެ. އެސޫރަ ތިޔަބޭފުޅާގެ ހިތްޕުޅުގެ ކޮންމެވެސް ގޮނޑު ހިސާބަކުން  ފައިދާވާ ހަޑިން، ހަޑިނުކުރައްވާށެވެ. ހަނދުމަފުޅު ބަހައްޓަވާށެވެ. މިތަނުގައި  ފާޅުކުރައްވާ ޚިޔާލުން ދޭހަވަނީ އަޅުގަނޑުމެންގެ ސަގާފަތާއި ފިކުރު ހުންނަގޮތެވެ.  ފުޅަ ބަހުރުވައާއި އެފަދަ ޚިޔާލުން މިތަން ކަޅިކުރެއްވުމުން، އެއީ ވެސް އަޅުގަނޑުމެންގެ  ސަގާފަތް ކަމުގައި އެބަ ހިމެނެއެވެ. ވީމާ، މިހާރު ތިޔަ ކަންކުރައްވާގޮތް  ބަދަލުކުރައްވާށެވެ.

އަޅުގަނޑުމެންގެ ޒުވާނުންނާއި،  ކުޑަކުދިންވެސް، މި ތަނަށް ލެފިލައި، މިތަނުން ފައިދާ ހޯދިޔަ ދެއްވާށެވެ. ރަނގަޅު  ފުރުސަތެއް ލިބިވަޑައިގަތުމުން ޝުކުރިއްޔާއޭ ވިދާޅުނުވެ، ޝުކުރުވެރިވެވޭނެ އެއް  ގޮތަކީ ހެޔޮގޮތުގައި، ފުރުސަތުގެ ބޭނުން ހިއްޕެވުމެވެ. މި ތަނުން ތިޔަ  ލިބިވަޑައިގެންނެވީ ރަނގަޅު ފުރުސަތެކެވެ.