ކުޅުދުއްފުށީގައި ކޮރަލް ފުޓްސަލް 2010 ގެ ނަމުގައި ފުޓްސަލް މުބާރާތެއް އިއްޔެ ފަށައިފިއެވެ. “ކޮރަލް” ދަނޑުގައި ފުޓްބޯޅަ ކުޅޭ ޒުވާނުންގެ މެދުގައި ކުޅެވޭ މިމުބާރާތް އިއްޔެ ޝަރަފުވެރި ކޮށްދެވީ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާއެވެ.
ޖުމްލަ 12 ޓީމު ހިމެނޭ މިމުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ބައްދަލު ކޮށްފައިވަނީ، ބޫގީ ބޯއީސް އާއި ޓޮމާޒިއާ އެވެ. ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މިމެޗް ކާމިޔާބު ކޮށްފައިވަނީ 8 ލަނޑު 4 ލަނޑުން ޓޮމާޒިއާއެވެ. ދެވަނަ މެޗްގައި ބައްދަލު ކުރީ ޔުނީކް ސިޓީ އާއި ޑެލްޓާއެވެ. މި މެޗް 5 ލަނޑު 3 ލަންޑުން ކާމިޔާބު ކޮށްފައިވަނީ ޑެލްޓާއެވެ.
މިދިޔަ އަހަރު ބާއްވަން ފެށި ކޮރަލްސް ފުޓްސަލް މުބާރާތަކީ ކުޅުދުއްފުށީގައި މިގޮތުން ބޭއްވޭ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތެވެ. މީގެ ހަތަރު އަހަރު ކުރިން ފެށިގެން ބާއްވަމުން އައި މުބާރާތުގެ ނަން މިދިޔަ އަހަރު ވަނީ ކޮރަލް ފުޓްސަލް މުބާރާތުގެ ނަމަށް ބަދަލު ކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ޖުމްލަ 11 ޓީމު ބައިވެރިވެފައި ވެއެވެ. މުބާރާތް ހިނގަމުންދާ ވަގުތު އެސްއެމްއެސް ކްއީޒް މުބާރާތަކާއި މެޗުގެ ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް ކޮރަލްސް އިން މައުލޫމާތު ދެއެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ، އޮކްޓޯބަރ މަހުގެ 01 ވަނަ ދުވަހުއެވެ.