twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް، އަދި ނޮޅިވަރަންފަރަށް ތިން ރަށެއްގެ މީހުން ބަދަލުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް ސަރުކާރުން ހާމަކޮށްފި

Sep 19, 2010

ހދ ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އުފެއްދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި ހިމެނޭނީ ކުޅުދުއްފުށީގެ އިތުރުން ނޮޅިވަރަމް، ނޮޅިވަރަންފަރު އަދި ކުމުންދޫކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. ސަރުކާރުން މިހެން ހާމަކޮށްފައިވަނީ، ލޯކަލް ކައުންސިލް އިންތިހާބުގައި އިދާރީ ގޮތުން އެއްކޮށްލާ ރަށްތަކުގެ ލިސްޓް އާންމު ކުރައްވަމުންނެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކާއެކު މީގެ ކުޑަދުވަސްކޮޅެއް ކުރިން ކުރި މަޝްވަރާތަކުގައި، އިދާރީ ގޮތުން ގުޅުވާލެވޭ ރަށްރަށް ކަނޑައެޅޭނީ އެރަށްރަށުގެ ރައްޔިތުންގެ މެދުގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓަކުން ކަމަށް ދެފަރާތުންވެސް ވަނީ އެއްބަސްވެފައެވެ. އަދި، ކުޅުދުއްފުށްޓާއި ފުވައްމުލަކުގެ އިތުރުން އައްޑު އަތޮޅުގައި ސިޓީ ކައުންސިލެއް އުފެއްދުމަށްޓަކައި ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަށް ސަރުކާރުން ހުށަހަޅުއްވާނެ ކަމަށްވެސް ސަރުކާރުން ހާމަކުރެއެވެ. އަދި ސިޓީ ކައުންސިލްތައް ވެސް އުފައްދާނީ އެސަރަހައްދުތަކުގެ ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިގެންކަމަށްވެސް ސަރުކާރުން ބުނެއެވެ.

ކުޅުދުއްފުށީގައި ސިޓީކައުންސިލް އުފެއްދުމަށްޓަކައި ކުޅުދުއްފުއްޓާ އެއްކޮށްލެވޭ ތިން ރަށަކީ ނޮޅިވަރަމް އަދި ނޮޅިވަރަންފަރުގެ އިތުރުން ކުމުންދޫއެވެ. މީގެ ތެރެއިން ނޮޅިވަރަންފަރަށް ހދ. ކުނބުރުދުއާއި މާވައިދުއާއި ފަރިދޫ ރައްޔިތުން ބަދަލުކުރެއްވުމަށް ކުރައްވަންހުރި މަސައްކަތްތައް، މިހާރު ހަލުވިކަމާއެކު ހިންގަވަމުން އެބަ ގެންދަވާ ކަމަށާއި، އެމަސައްކަތްތައް ވަރަށް އަވަހަށް ނިންމެވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ހާމަކުރައްވާފައެވެ.

މި ތިން ރަށުގެ މީހުން ބަދަލުކުރެއްވުމަށް ނޮޅިވަރަންފަރުގައި މިހާރު 134ގެ ވަނީ ޢިމާރާތް ކުރައްވާފައެވެ. އަދި ޗައިނާ ސަރުކާރުގެ އެހީގައި ހިންގަވާ 47ގެ ޢިމާރާތް ކުރުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހު ނިމޭނެ ކަމަށް ލަފާކުރެވޭކަމަށް ރައީސްއޮފީހުން މައުލޫމާތު ދެއެވެ. ހަމައެއާއެކު، އެސަރަޙައްދުގެ ޔުޓިލިޓީ ކުންފުނިން އިލެކްޓްރިސިޓީއާއި ނަރުދަމާގެ ޚިދްމަތް ދެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައްވެސް ދަނީ ހިނގަމުންނެވެ. މިކަމަށް 1.6 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާކަމަށާއި މިކަމާބެހޭ ދިރާސާތައްވެސް މިހާރު ކުރެވިފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި މިކަމަށް ބޭނުންވާ ފައިސާ ހޯއްދެވުމުގެ މަސައްކަތް، ޔުޓިލިޓީ ކުންފުންޏާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން މިހާރު ކުރިއަށް ގެންދަވަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355