twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެމްއެންބީސީ ވޮއިސް އޮފް މޯލްޑިވްސްގެ ކުޅުދުއްފުށީ ސަރަހައްދުގެ އޮޑިޝަން މިއަދު ބާއްވައިފި

Sep 21, 2010

ރާއްޖޭގެ އެންމެ މަޤުބޫލު ލަވަކިޔުންތެރިޔާ ހޮވުމަށް އެމްއެންބީސީން އިންތިޒާމްކޮށްގެން ބާއްވާ “ވޮއިސް އޮފް މޯލްޑިވްސް”ގެ ކުޅުދުއްފުށީ ސަރަހައްދުގެ އޮޑިޝަން މިއަދު ބާއްވައިފިއެވެ. ކުޅުދުއްފުށީގައި އޮޑިޝަން ކުރިއަށް ދިޔައީ، ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައެވެ.

ކުޅުދުއްފުށިން އޮޑިޝަންގައި ބައިވެރިވުމަށް 30 ކުދިން އެސްއެމްއެސް ކޮށްފައިވާއިރު މޫސުން ތަންނުދިނުމުގެ ސަބަބުން އޮޑިޝަނަށް ހާޒިރުވެފައިވަނީ 7 ކުދިންކަމަށް އެމްއެންބީސީން މައުލޫމާތު ދެއެވެ. ކޮންމެ ދާއިރާއަކުން ތިންކުދިން ހޮވުމަށް ނިންމާފައިވީ ނަމަވެސް ވޮއިސް އޮފް މޯލްޑިވްސްގައި ވާދަކުރުމަށް ހޮވާފައިވަނީ އެންމެ ކުއްޖެކެވެ. މިއަދު ބޭއްވި އޮޑިޝަނުން އެއްކުއްޖަކު ހޮވީ އޮޑިޝަނަށްދިޔަ ކުދިންގެ ނިސްބަތަށް ބަލާފައި ކަމަށާ އެހެންނަމަވެސް އެހެން ދާއިރާތަކާއި އެއްގޮތަށް އެދާއިރާއިންވެސް ޖުމްލަ ތިން ކުދިން ހޮވާނޭ ކަމަށް މިއޮޑިޝަނަށްދިޔަ އެމްއެންބީސީ ވަންގެ ޕްރޮޑިއުސަރ މުސާ ރިޟުވާނާ ހަވާލާދީ އެމްއެންބީސީން މައުލޫމާތު ދެއެވެ.

އެއްލައްކަ ރުފިޔާގެ އިނާމު ހުށަހެޅިފައިވާ “ވޮއިސް އޮފް މޯލްޑިވްސް”ގެ ކުޅުދުއްފުށީ ސަރަހައްދުގެ އޮޑިޝަނުގައި އިސްކޮށް ހަރަކާތްތެރި ވަނީ މަޝްހޫރު ލަވަ ކިޔުންތެރިޔާ މުމްތާޒް މޫސާއެވެ. “ވޮއިސް އޮފް މޯލްޑިވްސް”ގެ އޮޑިޝަންތައް ނިމުމުން ފައިނަލް ބުރުގައި މާލޭގައި ލަވަ ހުށަހަޅައިދޭނީ 15 ކުދިންނެވެ. މި މުބާރާތުގެ ޖަޖުންގެ ގޮތުގައި ހަމަޖައްސާފައިވަނީ، ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިންނެވެ. ބާރަ ޝޯ ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އެއްވަނަ ލަވަކިޔުންތެރިޔާ ހޮވަނީ މީހުންކުރާ އެސްއެމްއެސްގެ 40 އިންސައްތަ އަދި ޖަޖުންގެ 60 އިންސައްތަ ވޯޓާއެކުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355