twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޖަލާލުއްދީން ސްކޫލުގެ ކެޑޭޓުން ހުވާކޮށް ހަތިޔާރު ހަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

Sep 26, 2010

ޖަލާލުއްދީން ސްކޫލުގެ ކެޑޭޓް ކުދިންގެ ހުވާކުރުމާއި ހަތިޔާރު ހަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިރަސްމިއްޔާތު ބާއްވާފައިވަނީ ހޮނިހިރު ދުވަހުގެރޭ ޖަލާލުއްދީން ސްކޫލު ހޯލުގައެވެ.މިރަސްމިއްޔާތުގައި ޖަލާލުއްދީން ސްކޫލުން މިއަހަރު އަށާރަ ކެޑޭޓުން ހުވާކޮށް ހަތިޔާރު ހަވާލު ކުރިއެވެ.

ރަސްމިއްޔާތުގެ ސަރަފް ވެރި މެހެމާނަކީ މަތި ދެކުނު ޕްރޮވިންސްގެ ތައުލީމާ ބެހޭ ޔުނިޓް ހިންގުމާއި ހަވާލުވެހުންނެވި އަލްފާޟިލް މުހައްމަދު ޝަކީލް އެވެ.

ރަސްމިއްޔާތު ފެށުނީ  ކެޑޭޓް  ލާންސް ކޯޕްރަލް އިބްރާހިމް އީހާބް އެމް .އެން.ޑީ .އެފްގެ ފަސްޓް ލެފްޓިނެންޓް އިބްރާހިމް ރަޝާދުގެ އަރިހުން މިރަސްމިއްޔާތު ފެށުމުގެ  ހުއްދައަށް އެދުމުން ނެވެ. އެއަށް ފަހު ކުރިއަށް ދިޔައީ ކެޑޭޓް ރެކްރޫޓް މުހައްމަދު ފާރިހް ހަމްޒާގެ ގުރުއާން ކިޔެވުމެވެ. ރަސްމިއްޔާތު ތައާރަފް ކުރުމުގެ ގޮތުން ވާހަކަ ފުޅު ދެއްކެވީ ޖަލާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަޅް އަލްފާޟިލް އަލީ އިސްމާއީލް އެވެ.  ޖަލާލުއްދީން ސްކޫލްގެ ފަރާތުން ވާހަކަފުޅު ދެއްކެވީ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް ސައީދު އަހުމަދުއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޖަލާލުއްދީންސްކޫލު ކެޑޭޓް ކުދިންނަކީ އަމިއްލަޔަށް އިސްނަގައިގެން މަސައްކަތް ކުރާ ކެޑޭޓުން އުފެދެމުން އަންނަ ސްކޫލެއްކަމަށާއިރާއްޖޭން ބޭރުގައިވެސް މިސްކޫލުގެ ކެޑޭޓުން ވަނީ ސްކޫލަށް ރީތިނަން ހޯދައިދީފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރިއެވެ.

އަދި ސްކޫލްގެ ކެޑޭޓް ހަރަކާތް ހީނަރުވަމުންދާތީ އެމް އެން ޑީ އެފްގެ މިރީޖަނަލް ކޮމާންޑަރ އަލްފާޟިލް އަހުމަދު މުހައްމަދު އާއި ބައްދަލް ކޮށް މަޝްވަރާ ކުރެވިފައިވާކަމަށާއި، މިމަޝްވަރާ ބައްދަލްވުމުގައި އެމް އެން އެން ޑީ އެފްގެ ފުރިހަމަ އެއްބާރުލުމާއި ތަމްރީންތައް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އެއަށްފަހު ކުރިއަށް ދިޔައީ ހުވަޔާއި ބެހޭ ގޮތުން ވާހަކަ ފުޅުދެއްކުމާއި ހުވާލާ ދެއްވުމެވެ. ހުވާލައިދެއްވުމުގެ ކުރިން ހދ. އަތޮޅުގެ އިސްމެޖިސްޓްރޭޓް އަލްފާޟިލް މުހައްމަދު ނިޔާޒް، ކީރިތި ގުރުއާނުގަޔާއި އިސްލާމްދީންގައި ހުވަޔަކީ ކިހާވަރެއްގެ ކަމެއްކަން ކެޑޭޓުންނަށް އޮޅުން ފިލުވައި  ދެއްވިއެވެ.

ހުވާކުރުމަށްފަހު ކެޑޭޓުންނަށް ހަތިޔާރު ހަވާލުކުރުމުގެ ކުރިންއަންގާ އެންގުމަށް ފަހު  ހަތިޔާރު ހަވާލު ކޮށްދެއްވީ، އެމް.އެން.ޑީ. އެފްގެ.ފަސްޓުލެފްޓިނެންޓް އިބްރާހިމް ރަޝާދު އެވެ. އެއަށްފަހު ކުރިއަށްދިޔައީ މިރަސްމިއްޔާތުގެ ސަރަފްވެރި މެހެމާންގެ ވާހަކަފުޅުދެއްކުމެވެ. ސަރަފްވެރިމެހެމާން ގެ ވާހަކަފުޅުގައި ކެޑޭޓުން  އެހެންމީހުންނަށް ނަމޫނާއަކަށް ވާންޖެހޭނެކަމަށާއި އަމިއްލައަށް ކަންކަމަށް އިސްނަގައިގެން ކުރިއަށްދާ ންޖެހޭނެކަމަށާއި އަދި ތިމާޔަކީ ކާކުކަން އެހެންމީހުންނަށް ސިފަކޮށްދޭނެ ގޮތެއް ތިމާ އަމިއްލަޔަށް އިހްތިޔާރު ކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ބެލެނިވެރިންވެސް މިކުދިން މިކަހަލަ ހަރަކާތް ތަކުގައި ބައިވެރި ކުރުމަށް ބާރު އަޅުއްވައި ދިނުމަށް އެމަނިކުފާނުގެ ވާހަކަ ފުޅުގައި އަލި އަޅުވާ ލެއްވިއެވެ.  މިރަސްމިއްޔާތުގައި ޝުކުރު ދެއްނެވުމުގެ ގޮތުން ވާހަކަ ފުޅުދެއްކެވީ ކެޑޭޓް ޕްރައިވެޓް އާމިނަތު ނަހުދާ އަހްމަދު އެވެ.

ޝަރަފުވެރި މެހެމނުގެ ވާހަކަފުޅަށްފަހު ރިޕޯޓް އިއްވައިދެއްވީ ކެޑޭޓް ލާންސްކޯޕްރަލް އިބްރާހިމް އީހާބް އެވެ. ރަސްމިއްޔާތު ނިމިގެން ދިޔައީ ސްކޫލް ބޭންޑުގައި ސްކޫލް ލަވަ ކުޅުމަށްފަހުގައެވެ. މިރަސްމިއްޔާތުގައި ޕްރޮވިންސްތަކުގެއެޑިޔުކޭސަން ޔުނިޓް ތަކުގެ އިސްވެރިން ނާއި އެމް.އެން.ޑީ އެފްގެ ބޭފުޅުން ނާއި ޕޮލިސް ސާވިސްގެ ބޭފުޅުން ގެ އިތުރުން ބެލެނިވެރިން  ބައިވެރިވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355