twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުރުވާހަކަ: މާޒީގެ އެ ހިތި ހަނދާން

Dec 3, 2015
1

ލިޔުނީ: އާމިނަތު ހިއްމަތު

އެއް ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އާދައިގެ މަތިން އަހަރެން އަވަސް އަވަހަށް ސައި ތައްޔާރު ކޮށްފަ ދިޔައީ ފެންވަރައި ތަޒާވެލުމަށެވެ. އޮފީހަށް ދިއުމުގެ ވަގުތު ކުޑަތަން ވަމުން އައިކަމުގައި ވިޔަސް ފިރިމީހާއަށް ކޮށްދޭންޖެހޭ ކަންތައްތައް ގަވައިދުންކޮށްދީފައި ނޫނީ އަހަރެން އޮފީހަކަށް ނުދަމެވެ. ގަޑިން މިހާރު 8:30 ވީއެވެ. “ޓީޓީޓީ” އެއިވުނީ އަހަރެންގެ އެކުވެރި ސާތިރާ އަހަރެން ބަލައި އައި އަޑެވެ. ޑްރެސިން ޓޭބަލް މަތީހުރި ސެންޓުފުޅި ގަޔަށް ބުރުވާލުމަށްފަހު އަހަރެން ކޮޓަރިން ނިކުތުމުގެ ކުރިން އަހަރެންގެ ފިރިމީހާއަށް އޮފީހަށްދާން ގޮވީމެވެ. އޭނާ އަބަދުވެސް އޮފީހަށްދާނީ އަހަރެންނަށްވުރެ ބައި ގަޑިއިރު ފަހުންނެވެ.

މިއަދަކީ އެހެނދުވަސްތަކާ ހިލާފަށް އޮފީހުގައި މަސައްކަތް ގިނަ ދުވަހެކެވެ. ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަންތައް ލިބުމާ ގުޅިގެން ކަމަށްވެސް ވެދާނެއެވެ. އަހަރެން އަހަރެން ކެބިންގައި އިނީ ބިޒީކަމާއެކު މަސައްކަތަތަށް އަވަހަށް ނިންމާލުމަށެވެ. ފިރިމީހާއާއެކު ވަގުތު ހޭދަކުރުމަށް މިއަދު ބޭނުންވާލެއް ބޮޑުކަމުން ތޯއްޗެއެވެ. އެހެންނަމަވެސް އިރުކޮޅަކުން އަހަރެންގެ މަސައްކަތްތަކަށް ހުއްޓުމެއް އާދެއެވެ. ކައިރި ކެބިންގައި އަހެރެންގެ އެންމެ ގާތް އެކުވެރިޔާ ސާތިރާގެ އުނދަގުލާ ހެދިއެވެ. އާއެކެވެ. އެއީ އޭނާގެ ގޮތެވެ. އަހަންނަށް ޖެއްސުމެއް ކޮށްނުލެވޭހާ ހިނދަކު އޭނާގެ ހިތަށް ފިނިކަމެއް ނާންނާނެއެވެ. މަސައްކަތުގައި އަވަދިނެތި އިނުމުގެ ސަބަބުން މިއަދު މަންމަގެ ހަބަރު ބަލާލަންވެސް އަހަރެން ހަނދާން ނެތުނެވެ. މަންމަވީ މަންމަގެ ހަމުގެ ބައްޔަށް ޝިފާއެއް ލިބޭތޯ ރާއްޖޭން ބޭރަށް ބޭސްކުރަން ގޮހެވެ. އެކަމުގައި ބޭރުގައި ދުވަސްތައް ހޭދަކުރާތާ މިހާރު ދެ މަސް ވީއެވެ.

ބްރޭކް ގަޑި ޖެހިއްޖެއެވެ. އަހަރެން އަދިވެސް މަސައްކަތް ކުރަނީއެވެ. އެކަމާ ހަޖަމް ނުވެގެން ސާތިރާ އަހަރެން ގޮވައިގެން ކޮފީއަކަށް ހިނގައްޖެއެވެ. ނުދާން ގަދަހެދިކަމުގައި ވިޔަސް އެކުވެރިޔާގެ އާދޭސްތަކަށް ފުރަގަސް ދޭކަށް އަހަރެންނަށް ނުކެރުނެވެ. ހަމަހިމޭންވެފައިވާ މާ ހޯލެއްގައި ކޮފީބޯން އަހަރެން އިނީ ވަރަށްވެސް ހަމަޖެހިލައިގެންނެވެ. އެހެނެއްކަމަކު ސާތިރާއަކަށް މަޑަކުން ނުއިދެވުނެވެ. ކޮންމެވެސް ގޮތެއް އަތަށާއި ދެފަޔަށް ހަދާލައެވެ. ތުންފިއްތަމުން އެހެންމީހަކު ނެތީތޯ ބެލުމަށް ކޮޅުކޮޅަށް ބޯހޫރުވާ އިނެވެ. މުޅި ހޯލު ހަމަހިމޭންވި ވަގުތު އެހަމަހިމޭންކަން ފަޅާލީ އަހަރެންގެ އެކުވެރިޔާއެވެ. ސިއްސައިގެންދާފަދަ ތޫލި އަޑެއް އޭނާގެ އަނގައިން ނެރުނެވެ. އަވަސް އަވަހަށް އަހަރެން ސުވާލު ކުރީމެވެ. “ސާތި ކީއްވީތަ މިހާރު؟ އަޅެ އެއްފަހަރުވެސް މަޑުން އިނދެބަަލަ” ސާތިރާ ތުންފިއްތާލާފައި ބުންޏެވެ.

“ތިހާ މަޑުން އިންނަން ވެއްޖެންޏާ އަހަރެން ބަލިވެދާނޭ” އެއީ އޭނާގެ ގޮތެވެ.

ތާކުންތާކު ނުޖެހޭކަހަލަ އެތައް ކަމެއް ކޮށްފާނެއެވެ. އަދި ދައްކާނެ ބަހަނާ ހުހެއްވެސް ނުވާނެއެވެ. ކޮފީތަށި ބޮއެ ނިމިގެން އަހަރެން ދެ އެކުވެރިން އެބުރި މަސައްކަތަށް ދިޔައީއެވެ. އެހެންޏާ ކޮފީގައި ތިބެގެން ދައްކާހާ ވާހަކަތަކެއް މިއަދު ނުދައްކަމެވެ. އަހަރެންނަށް މިކަހަލަ ބަދަލެއް މިއައީ ކީއްވެގެންކަމެއް ހުދު އަހަރެންނަކަށްވެސް ނުވިސްނުނެވެ.

ވަގުތު ހިނގަމުން ދެއެވެ. އަހަރެން އިނީ ކެބިން ތެރޭގައި އަހަރެންގެ މިޒާޖައް އައި ބަދަލާމެދު ފިކުރުކުރާށެވެ. އަނެއްކާވެސް އަހަރެންގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލީ މޭޒުމަތީގައި އޮތް ފޯނު ރިންގުވުމުންނެވެ. އެއީ އަހަރެންގެ ލޯބިވާ ފިރިމީހާކަން އެނގުމުން އަވަސް އަވަހަށް ފޯނު ނެގީމެވެ. ދެމީހުންގެ ދެމެދުގައި އެތައް ވާހަކައެއް ދެއްކުނު ނަމަވެސް އަހަރެމެން ދެމީހުންގެ ކައިވެންޏަށް 1 އަހަރު ފުރުނު ވާހަކައެއް އެކަކުވެސް ނުދައްކައެވެ. ފޯނު ބޭއްވުމަށްފަހު އަނެއްކާވެސް ސުވާލުތަކެއް އަހަރެންގެ ހިތުގައި ފުނި ޖެހިއްޖެއެވެ. މީގެ ކުރިން އަހަރެންގެ މަސައްކަތް ކިތައްމެ ބުރަ ކަމުގައި ވިޔަސް ފިރިމީހާއާ ވާހަކަ ދައްކާލުމުން ހިތަށް ވެރިވަނީ ހަމަޖެހުމެކެވެ. އެހަންނަމަވެސް މިއަދު އަހަރެންގެ ހިތްނުތަނަވަސް ކަމުން މި ފުރެނީ ކީއްވެ ހެއްޔެވެ؟ އަހަންނަށް ފިރިމީހާ ހިތްހަމަނުޖެހޭ ފަދަ ކަމެއް ކުރެވުނީ ހެއްޔެވެ؟ މިއަދު މިހާ ބިޒީކޮށް މި މަސައްކަތް ކުރަނީ އަލަތު ކައިވެންޏަށް އެއްއަހަރު ފުރުމުން އެކަން ފާހަގަކޮށްލަން ގެއަށް އަވަހަށް ދާށެވެ. ގިނަ ވަގުތު ފިރިމީހާއާއެކު ވަގުތު ހޭދަކުރެވޭނަ ކަމުގެ ފޮނި އުންމީދުގައި އެވެ. އެހެންނަމަވެސް ކަންތައްތައް ބަދަލު މިވަނީ ކިހިނެތް ހެއްޔެވެ.؟

ގެއަށް އާދެވުނުއިރު ހަވީރު ވެއްޖެއެވެ. މަސައްކަތުގެ ބޮޑުބައި ނިންމަން އަޒުމް ކަނޑައަޅައިގެން އޮފީހަށް ދިޔަ ކަމުގައި ވިޔަސް ބްރޭކުގެ ފަހުން އަހަންނަކަށް މަސައްކަތެއް ނުކުރެވުނެވެ. ވިސްނުމާއި ފިކުރުކުރުމުގައި އަހަރެންގެ އަހަރެންގެ ވަގުތުތައް ހޭދަ ކުރުމުގެ ސަބަބުން ބޮލުގައި ރިއްސާހެން ވެސް މިހާރު އެބަ ހީވެއެވެ. ސޯފާ މަތީގައި ޖައްސާލީ ފެންތައްޓަކާއި ބޭސް ގުޅައެއް ހިފައިގެންނެވެ. އެއިން ކުޑަވެސް އަރާމެއް ލިބޭނެކަމަށް ޔަގީން ކޮށްގެން ބޭސް ގުޅަ ކާލީމެވެ. އަދި ފިރިމީހަ އަައުމުން ވާހަކަ ދައްކާނީއޭ ހިތާ ހިތުން ކިޔާލަމުން ސޯފާގައި ދެފައި ދަމާ އޮށޯއޮތީމެވެ.

އިރުކޮޅެއް ފަހެވެ. އަހަންނަށް ހޭލެވުނީ ފޯން ރިންގުވާ އަޑަށެވެ. އަހަރެން މޯބައިލް ނެގުމުން ރިންގުވަނީ ގޭ ފޯނުކަން އަހަންނަށް އިނގުނެވެ. ނަމަވެސް ފޯނާ ހަމައަށް ދެވުމުގެ ކުރިން ފޯން ކެނޑިއްޖެއެވެ. ކުޑައިރުކޮޅެއްގެ ފަހުން އަހަރެންގެ މޮބައިލްއަށް މެސެޖެއް އައެވެ. އެމެސެޖް އަހަރެން ވަރަށް ސަމާލުކަމާއެކު ކިޔާލީމެވެ.

“އަހަރެންނަށް ގެއަށް ދެވޭއިރު ލަސްވެދާނެ. އޮފީސް ކަމެއްގައި ވިލިނގިއްޔަށް ފުރަން މިދަނީ” އެއީ އަހަރެންގެ ލޯބިވާ ފިރިމީހާގެ މެސެޖެކެވެ.

އަހަންނަށް ގިސްލެވުނެވެ. އެއީ މިރޭ އަހަރެންނާއެކު ފިރިމީހައަށް ވަގުތު ހޭދަ ނުކުރެވޭތީއެއް ނޫނެވެ. ސަބަބަކީ ސަބަބަކަށް ވާވަރުގެ ސަބަބެއް ކަމެއް ހުދު އަހަރެންނަކަށްވެސް ނޭނގެއެވެ. މިއަދު ފިރިމީހާ ކަންކުރާގޮތް ތަފާތުވީ ކީއްވެ ހެއްޔެވެ؟ ކިތައްމެ ބިޒީކޮށް އުޅެމުންވެސް އޭނާ އަހަންނަށް މެސެޖެއް ކޮށްފިއްޔާ މެސެޖުގެ ފަހަތުގައި “އައި ލަވް ޔޫ” ނުޖަހައެއް ނުފޮނުވާނެއެވެ.

ރޭގަނޑަށް ކެއްކީ ނޫޑުލްސް އެވެ. އެހެނެއް ކަމަކު ކާހިތެއް ނުވެއެވެ. އަދިވެސް އެކަންކަމާ ވިސްނާފައި އަހަންނަށް ގިސްލެވެނީ އެވެ. ގޭގައި ފޫހިވިޔަސް އެކުވެރިއަކާ ބައްދަލު ކުރާހިތެއް ނުވެއެވެ. އެކި ކަންކަމާ ފިކުރު ކުރަން އިންދައި އަހަރެންގެ ސިކުނޑި ގޮސް ހުއްޓުނީ އެތައް ދުވަސް ތަކެއް ފަހަތަށެވެ. ތަފާތަކީ އޭރުގައި އަހަރެންނާއި އަހަރެންގެ ފިރިމީހާ އުޅެނީ ކައިވެނިކޮށްގެން ނޫންކަމެވެ. އެއީ އަހަރެމެން ރައްޓެހިވެގެން އުޅޭތާ 1 އަހަރު ފުރުނު ދުވަހެވެ. އެދުވަހުވެސް ކަންތައް ވީ ހަމަ ދާދި މިހެންނެވެ. މާޒީގެ ފުން ހިޔާލުތަކުގެ ތެރެއަށް އަހަރެން ގެނބިގެން ދިޔައީ އެއްވެސް އިހުތިޔާރަކާ ނުލައެވެ.

ފަތިހުގެ އެ ހިތްގައިމު ވަގުތުގައި އަހަރެން އިނީ ބެލްކަނިން ބޭރު ބަލާށެވެ. ވިސްނަމުން ދިޔައީ މިއަދު ހާއްސަ ކުރުމަށްޓަކައި ކޮށްލާނެ ކަމަކާއި މެދުއެވެ. “ހެޕީ އެނިވާސަރީ” މިހެން ޖެހުމަށްފަހު ރޭގަ 12 ޖެހިއިރު މެސެޖް އަހަރެން ކުރީމެވެ. އެހެންނަމަވެސް މާހިދު އަހަރެންގެ މެސެޖަކަށް ރިޕްލައިއެއް ނުކުރެއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ނުވާގޮތެކެވެ. ނަމަވެސް އަހަރެންގެ ހިތަށް އަހަރެން ވިސްނައިދިނީމެވެ. ހަނދާން ނެތުމަކީ އިންސާނާގެ ތަބީއަތުގައި ވާ ކަމެއް ކަމަށެވެ.

އެވަގުތު ކުއްލިއަކަށް ފޯނާ ދިމާލަށް ބަލައިލެވުނެވެ. މެސެޖެއް އައުމުންނެވެ. އަހަރެން އަވަސް އަވަހަށް ފޯނު ނަގައި މެސެޖް ބަލައިލީ މާހިދުގެ މެސެޖެއް ކަމުގެ ފޮނި އުންމީދުގައި އެެވެ. ނަމަވެސް ކަން ދިމާވީ އަހަރެން ހީކުރި ގޮތާ މުޅިން އިދިކޮޅަށެވެ. އެެއީ އަހަރެންގެ އެކުވެރި ސާތިރާ އެވެ. މެސެޖް ކޮށްފައި އެވަނީ އެނިވާސަރީ ވިޝްކުރާށެވެ. އަދި މިއަދުގެ ޕްލޭނާ މެދު ސުވާލު ކުރުމަށެވެ. ރިޕްލައި އަކަށް ލިޔާނެ އެއްޗެއް އަހަރެންނަކަށް ނުވިސްނުނެވެ. އެއީ މާހިދުގެ ރިޕްލައި ނާންނާތީއެވެ. އަހަރެންގެ މޫޑް އޮފް ވީއެވެ.

އާދައިގެ މަތިން މިއަދުވެސް ސާތިރާ އަހަރެން ބަލައި އައީ ކޮފީއަށް ދާށެވެ. އަދި މިއަދު ދެން ކުރަން އޮތް ކަންތައްތަކާ މެދު މަަޝްވަރާ ކުރުމަށެވެ. ކެފޭތެރޭގައި އަޑުގަދަކަމުން އަހަރެންނަށް އުނދަގޫވަގޮތް ވިއެވެ. ބޭނުންވަނީ ސިކުނޑި ހަމަޖައްސާލާށެވެ. އަދި ހިތުގައި އުފެދޭ ޝައްކުތައް ނައްތާލާށެވެ. އެހެންކަމުން ސާތިރާ ކައިރީގައި ބުނެގެން އަހަރެން މާހިދު ގެއަށް ދިޔައީ މެވެ. މިހާރު މާހިދުގެ ގޭގައި އުޅެނީ އޭނަ އެކަންޏެވެ. އެއީ އޭނަގެ ބައްޕައާއި މަންމަ ރާއްޖެއިން ބޭރަށް ބޭސްކުރަން ގޮސްފައިވާތީއެވެ. މާހިދުގެ މަންމައަކީ ހިތުގެ މައްސަލަ ވަރަށް ބޮޑަށް ހުންނަ މީހަކަށް ވުމުން އެކަމަށް ޝިފާއެއް ލިބޭތޯއެވެ.

މާހިދުގެ ގޯތި ދޮރު މައްޗަށް އަހަރެން ބާލުވާފައި ސާތިރާ ސައިކަލް ދުއްވާލީ ލާނެއް ހިނިތުންވުމާއެކު އެވެ. ދޮރުގެ ތަޅު އަނބުރާލީމެވެ. އެހެންނަމަވެސް ދޮރު ހުރީ ތަޅުލައިފައި ކަމުން އަހަރެންގެ ދަބަހުން ތަޅުދަނޑިއެއް ނަގައި ދޮރު ހުޅުވީމެވެ. އެއީ މާހިދުގެ ގޭގެ ޑަބަލް ތަޅުދަނޑިއެވެ. މާހިދުގެ މަންމައާއި ބައްޕަ ރާއްޖެއިން ބޭރަށް ދިޔުމުން އަހަރެންގެ އަތަށް މާހިދު އެ ތަޅުދަނޑި ދިނީއެވެ. ހުސް ވަގުތުގައި އަހަރެމެން ބައްދަލުވުމުގެ ނިޔަތުގަ އެވެ. އަހަރެމެންގެ ލޯބީގެ ބަގީޗާގައި މާތައް ފޮޅުވުމަށެވެ. ދޮރު ހުޅުވުމަށްފަހު އަހަރެން ވަދެގެން ދިޔައީ މާހިދު ކޮޓަރިޔާ ދިމާލަށެވެ. އެހެންނަމަވެސް ހުރި ފިޔަވަޅު މައްޗައް އަހަރެންނަށް ހުއްޓެވުނީ މާހުދުގެ ކޮޓަރިން އިތުރު އެހެން މީހެއް ވާހަކަ ދައްކާ އަޑު އިވިގެންނެވެ. އަހަރެންނަށް އެ ހުރިތާ ހުއްޓުން އަރައި ހުރެވުނީ އެވެ. ގަބޫލުކުރަން ކިތަމެ ބޭނުންނުވިޔަސް އެެއީ އަނަހެން ކުއްޖެއްގެ އަޑެވެ. އެމީހުން ހީ ހީފައި ވާހަކަ ދައްކަނީއެވެ.

ކޮޓަރި ދޮރު ކައިރީގައި ގަބުވެފައި ހުރި މީހެއް ފަދައިން އަހަރެން ހުއްޓައި މާހިދު އާއި އެ އަންހެން ކުއްޖާ އަތުގުޅުވާލައިގެން ނުކުތެވެ. މާހިދުއަށް އަހރެން ފެނުމުން ބޭއިހްތިޔާރުގައި އެކުއްޖާގެ އަތުން އޭނާގެ އަތް ދަމައި ގަނެވުނެވެ. އެހެން ނަމަވެސް ދެން ފޮރުވަން އޮތީ ކޮން އެއްޗެއް ހެއްޔެވެ؟ އޭރުގައިވެސް ލައިގެން ހުރީ އަބަދުވެސް އޭނާ ނިދަންލާ ސޯޓު ބުރި އެކަންޏެވެ. އެދެމީހުންގެ ދޭތެރޭގައި ހިނގާފައިވާނެ ކަމަކީ އަހަރެން ހިތަށްވެސް އަރުވަން ބޭނުންވާވަރުގެ ކަމަކަށް ނުވާނެކަން އަހަރެންނަށް ހަމަ ގައިމުންވެސް ޔަގީން ވިއެވެ. ފިޔަވަޅުތައް ފަހަތައް ނަގަމުން ދެފަޔަށް ބާރުލައިފައި އަހަރެން ދުވައިގަތީމެވެ. މާހިދު އެތައް ފަހަރަކު މަޑުކުރަން އެދުނު ކަމުގައި ވިޔަސް މިއަދު އެ އަޑެއް އަހަރެން ނާހަމެވެ. އެކުވެރިޔާގެ ސައިކަލް ފަހަތަށް އެރުމާއެކު އަހަރެން ގެޔަށް ދިޔުމަށް އެދުނީ މެވެ. އޭރު މަޑު ގިސްލުމަކާއެކު އަހަންނަށް ރޮވުނީއެވެ. އެ އަޑު އިވުމުން ސާތިރާގެ އަނގަ ހުޅުވާލުމަށްފަހުވެސް މަޑުކޮށްލިތަން އަަހަރެން ދުށީމެވެ. އެކުވެރިޔާއަށް ވިސްނުނީތާއެވެ. ނުވިސްނެންވީ ކޮންކަމަކާ ހެއްޔެވެ.؟ އުމުރު ދުވަހު އެކީ އުޅުނު އިރުވެސް ވަރަށް ބޮޑު ކަމެއް ނުވަނީސް އަހެރެމެން ނުރޮމެވެ.

ކޮޓަރިއަށް ވަނުމާއެކު އެނދުމައްޗަށް ފުންމައި ގަތް ގޮތަށް އަޑުން އަޑުނަގާ ރޯން ފެށީމެވެ. އެތައް އިރަކު ރޮވުނެވެ. ހަމައެހެންމެ ސާތިރާ އަހަރެން ހުއްޓާލެވޭތޯ ނުކުރާކަށް ކަމެއް ނެތެވެ. ކިހިނެތް ވީ ހޭ ސުވާލުކޮށް އޭނާ ވަރުބަލި ވާވަރު ވެއްޖެއެވެ. ރުއިން ހުއްޓާލުމަށްފަހު އަހަރެން މަސައްކަތް ފެށީ ސާތިރާއަށް އޮޅުން ފިލުވައިދޭށެވެ. އަދި އެތައް އިރެއްގެ ވަގުތުތަކަަކަށްފަހު ވީ ގޮތް ކިޔައިދެވުނެވެ. ސާތިރާގެ ހިތުގައި މާހިދުއާ ދޭތެރޭ ނަފްރަތު އުފެދުނެވެ. އަހަރެން މާހިދުއާ ރައްޓެހިވި އިރުވެސް ސާތިރާ އެކަމަކަށް އެހާ ގަބޫލެއް ނޫނެވެ. ސާތިރާއަކަށް މާހިދު ކަމަކު ނުދެއެވެ. އޭނާ އުޅުމާމެދު ސާތިރާ އަހަރެންގެ ގާތުގައި އަބަދާއި އަބަދަށް ޝަކުވާ ކުރާނެއެވެ. އެހެނެއް ކަމަަކު އެ ޝަކުވާތައް ކުރުންް ސާތިރާ ހުއްޓާލީ މާހިދު ދެކެ އަހަރެންވާ ލޯބި އެނގުމުންނޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އަހަރެންގެ ކައިރީގައި އެތައް އިރަކު އިނދެފައި އެކުވެރިޔާ ގެޔަށް ދިޔައީ ރޭގަނޑު ވުމުންނެވެ. އޭރު އަހަރެންނަށް އޮތީ ނިދިފައި އޮތުމުން، ގެއަށްދާ ވާހަކަ ބުނުމަށްފަހު އަހަރެންގެ މޯބައިލްއަށް މެސެޖެއްކޮށްފައި އޮތެވެ.

ދަންވަރުގެ ވަގުތުގައި އަހަންނަށް ހޭލެވުނީ މާހިދުގެ ހިޔާލުތައް އަހަންނަށް އުނދަގޫ ކުރާ ވަރުންނެވެ. ލޯބީގެ އެ ހުވާތަކާ އެކުގައި ފޮޅުވި ނަލަ މާތަކުގެ މަތިން ހަނދާން ވާވަރުންނެވެ. އަހރެންނަށް ކުރެވޭނެ ކަމެއް ނެތެވެ. މާހިދުގެ ހަނދާންތަކާ ދުރަށް ދާން ކިތައްމެ ބޭނުންވި ކަމުގައި ވިޔަސް މާހިދުއާއެކު ކޮންމެ ރެއެއްގައި ހިތްހަމަޖެހުން ހާސިލް ކޮށްފައިވާ ކަމުގެ ސަބަބުން އޭނާއާއި ދުރަށް ދިއުމަކީ ނުވާނެ ކަމެކެވެ. ހިތު ތެރޭގައި ފުރި އުތުރި އަރަނީ މާހިދު ދެކެ ވާ ލޯތްބެވެ. ނަފްރަތުގެ ހުޅުކޮޅެއް ރޯވާނެހާ ޖާގައެއް ނުދެވުނެވެ. ލޯތްބަކީވެސް ކޮންފަދަ އެއްޗެއް ތޯއެވެ. ހިޔާލުތަކާއި އެހަނދާންތަކުގެ ތެރެއިން ސިކުނޑިއާ ހިތް ނެރެލުމަށްފަހު ގަޑި ބަލާލުމަށް ފޯނު ނެގީމެވެ. އޭރު ދަންވަރު 2  ޖަހައިފި އެވެ. އެތައް މެސެޖުތަކަކާއި އެތައް ކޯލްތަކެއް މިސް ވެފައި ހުއްޓެވެ. ނިދުނީ ފޯން ސައިލެންޓުގައި އޮއްވާކަން ހަނދާންވީ ދެނެވެ. މެސެޖުތަކާއި މިސްކޯލްތައް ބަލާލުމުން ހިތުގެ ވިންދު ބާރުވިއެވެ. މާފަށް އެދި އެތައް މެސެޖުތަކެއް މާހިދު ކޮށްފައި ވެއެވެ. އަދި އަހަރެން ގެއަށް އައި ވަގުތުންފެށިގެން މެދު ނުކެނޑި ގުޅާފައި ވެއެވެ. އެހެންނަމަވެސް އަހަރެން ހިތާއި ހަށިގަނޑާ ދެކޮޅަށް އެމެސެޖުތައް ފުހެލީމެވެ.

ފަތިސް ވީއެވެ. ރޭ ދަންވަރު ހޭލުމަށްފަހު އަހަންނަކަށް ނުނިދުނެވެ. އެހެންނަމަވެސް އަހަރެން ހިތްވަރު ކޮށްފައި ނޯމަލް ވެވޭތޯ މަސައްކަތް ކުރީމެވެ. އަދި އާދައިގެ މަތިން ކޮފީއަށް ދާން ތައްޔާރު ވެލީމެވެ. މޫނުމަތި މިލާފައިވުމުން ތަންކޮޅެއް ގަދައަށް މޭކަޕް ކޮށްލީމެވެ. އެހެނެއް ކަމަކު ހިތަށް ކޮށްފައިވާ އަސަރުތައް އަހަރެން ފޮރުވާނީ ކޮންފަދައަކުން ހެއްޔެވެ؟ ސާތިރާ ނައިސްގެން ލަސްވީމާ އަހަރެން ގުޅީމެވެ. އެކުވެރިޔާ ހީކުރީ އަހަރެން ބޭރަށް ނުނިކުންނާނެ ކަމަށެވެ. އެހެންނަމަވެސް އަހަރެން ކޮފީއަށް މިއަދުވެސް ދާނަމޭ ބުނުމުން އޭނާވެސް އަވަހަށް ތައްޔާރު ވެލައިގެން އަހަރެން ބަލައި އަތުވެއްޖެއެވެ.

ކޮފީއަށް ދިޔައިރުވެސް އެތާނގައި މާހިދު އަހަރެން އަންނާނެކަމުގެ އިންތިންޒާރުގައި ހުއްޓެވެ. އަނެއްކާވެސް އެތައް ފަހަރެއްގެ މަތިން މާފަށް އެދުނެވެ. ނަމަވެސް އަހަރެން އަޅައިވެސް ނުލައި ޓޭބަލެއް ކައިރީ އިށީނީމެވެ. އަދި ކޮފީއަކަށް އޯޑަރު ކޮށްގެން ތިބީމެވެ. އެކި ވާހަކައިގައި ވަގުތުތައް ހޭދަކުރަމުން ދިޔަ ކަމަކު އަހަރެންގެ ހިތުގައި ވަނީ މާހިދެވެ. މުޅި ހަށިގަނޑުވަނީ އޭނާގެ ކޮންޓްރޯލްގައިހެން އަހަންނަށް ހީވެއެވެ. އަހަރެންގެ ހިތް މާހިދުގެ އާދޭސްތަކަށް ލެނބޭގޮތް ވިއެވެ. އިތުރު ފުރުސަތެއް ދޭށޭ ކިޔަކިޔާ ހިތް ރޮނީއެވެ. އަހަރެންގެ ދިރިއުޅުމަށް ބަދަލު ގެންނަން ބޭނުން ނުވި ކަމަކު އެތައް ބަދަލުތަކެއް އަތުވެއްޖެއެވެ. މާހިދާ ނުލާ މި ހިތް ވިރިގެން ގޮސްދާނެ ކަހަލަ އެވެ.

ދެތިން މަސް މިގޮތުގައި ވޭތުވެގެން ހިނގައްޖެއެވެ. އެހެންނަމަވެސް އަދިވެސް މާހިދު އަހަރެންގެ ކައިރިން މާފަށް އެދެއެވެ. އިތުރު ފުުރުސަތަކަށް އެދެއެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލައި މާހިދުއަށް އިތުރު ފުރުސަތެއް ދެވުނީއެވެ. މާހިދު ބަލިވެގެން އުޅޭކަމުގެ ހަބަރު އަހަރެންނަށް ސާތިރާ ދިނުމާއެކު އޭނާ ދެކިލަން ނުގޮސް ހުންނާކަށް އަހަންނަކަށް ކުޅާދާނައެއް ނުވިއެވެ. އެހެނެއް ކަމަކު މި ބައްދަލުވުން ނިމިގެން ދިޔައީ ލޯބީގެ މަލެއް ފޮޅިގެންނެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލީ މާހިދުގެ އެ ހޫނު ހަށިގަނޑާލައި އަހަރެން ފިއްތާލި ވަގުތުންނެވެ. ދުވަސްތައް ވޭތުވެ މާޒީއާ އެކުވެގެން ހިނގައްޖެއެވެ. އަހަންނަށް ރޭކާލީ މީހެއްގެ ހޫނު ނޭވާ އަހަރެންގެ މޫނުގައި ބީހެމުން ދާކަހަލަ އިހްސާސެއް ވުމުންނެވެ. ފުންމައިގެން ސޯފާމައްޗަށް އެރީ ސަލާމަތް ހޯދުމަށެވެ. އެހެނަސް ކައިރީގައި ހުރި ލޯބިވާ ފިރިމީހާ ފެނުމުން އިސްޖަހާލެވުނެވެ. ފިރިމީހާ ބުންޏެވެ. “ކޮޓަރިއަކަށްވެސް ނުވަންނަން ދޯ އަދި؟” އެ ސުވާލު ކުރުމުން އަހަންނަށް ސިހުމެއް ލިބުނަސް އެއްޗެކޭ ނުބުނެ ބޮލުގެ އިޝާރާތުން އަހަރެން ޖަވާބު ދިނީ މެވެ. އޮފީހުގެ ދަބަސް މޭޒުމަތީގައި ބޭއްވުމަށްފަހު އަހަރެންގެ އަތުގައި ހިފައިގެން ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ. ކޮޓަރި ދޮރު ހުޅުވާލުމުން އަހަންނަށް ލިބުނީ ބުނަން ނޭނގޭ ކަހަލަ އުފާވެރި ކަމެކެވެ.

ތެދެކެވެ! މީހުން ބަދަލުވެސް ވެއެވެ. އެއްފަހަރު އޮޅުވާލިކަމުގައި ވިޔަސް އޭގެ މާނަ އަކީ އަބަދުވެސް އޮޅުވާލާނެ އެކޭ ނޫނެވެ. އަހަރެންގެ ފިރިމީހަ މާހިދު ވަނީ ފުރަން ޖެހޭކަން އެނގުމުން ގެއަށް އައިސް ކޮޓަރި ޒީނަތްތެރި ކޮށްފައި އެވެ. ރަތް ކުލައިގެ ފިނިފެން މަލުން މުޅި ކޮޓަރި ވިދާކަހަލައެވެ. އަހަންނަށް އުފަލުން ގޮސް ރޮވުނެވެ. އަދި މީގެ ފަހުންދުވަހަކުވެސް މާޒީގެ އެ ހިތި ހަނދާން އަހަރެންގެ ހިޔާލަށްވެސް ނުގެންނާނެކަމުގެ ހިތާހިތުން ވައުދު ވެވުނެވެ.

ނޯޓް: މިއީ ސްކޫލުތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުޅުދުއްފުށި އޮންލައިން އިން ބޭއްވި 5 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 އޭ ގެ އާމިނަތު ހިއްމަތު އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355