twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުރުވާހަކަ – ދިގު އިންތިޒާރު

Nov 28, 2015

ލިޔުނީ: މަޒީނާ މުހައްމަދު

ޖެހެމުން ދިޔަ ފިނި ވައިރޯޅި އެެއާޕޯޓުގެ ބޭރުގައި ހުރި ގޮނޑިތަކަށް ވަރަށްވެސް ހިތްގައިމުކަމާއެކު ބީހެމުން ދިޔައެވެ. އެތަނުގައި ވާ ހަލަބޮލިކަމުގެ ތެރޭގައި އިން މާހިލް އިނީ ކޮންމެސް އެހެން ދުނިޔެއްގައިކަން ބަލާލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އެތާނގައި ފެންނަމުން ދިޔައީ އެކަކު އަނެއްކަކަށް ދެމުން ދިޔަ ލޯތްބެވެ. ވަކިވާ މީހުންނާއި ބައްދަލުވާ މީހުންނެވެ. މާހިލް މަޑުމަޑުން ދަބަހުގައި އޮތް ވޮލެޓް ނަގައި ހުޅުވާލިއެވެ. އޭގައި އިން ތަސްވީރަށް ބަލާލީ ހިނިތުންވަމުންނެވެ. ފުން ނޭވާއެއްލައި ލޯ މަރާލިއެވެ. އެއާއެކު މާޒީގެ ކުލަ ތަސްވީރުތައް އެއްވެސް ތަރުތީބެއް ނެތި އޭނައަށް ފެންނަން ފެށިއެވެ.

އެއީ މީގެ 7 އަހރު ކުރީގެ ހަނދާން ތަކެވެ. ނަމަވެސް އެއީ މާހިލްއަށް އެންމެ ކައިރި ހަނދާން ތަކެކެވެ. ހިތުގައި އެންމެ ލޯތްބާއެކު ފޮރުވާފައިވާ ހަނދާންތަކެވެ. ގްރޭޑް 11 އަށް އަލަށް ކުދިން ވަން ދުވަހެވެ. މާހިލް އޭރު ކިޔަވަމުން ދިޔައީ ގުރޭޑް 12 ގައި އެވެ. ކުދިންތަށް ވަދެގެން އައިސް އެސެމްބްލީ ލައިނުގައި ހުއްޓެވެ. މާހިލްއާއި އޭނަގެ އެކުވެރިން އެކި ކުދިންނަށް ވަކިވަކިން ބަލަމުން ދިޔައެވެ. ކުއްލިއަކަށް މާހިލްގެ ލޮލުގައި އަޅައި ގަތީ ފިޔާތޮށި ކުލައިގެ ދަބަހެއް އަޅުވައިގެން ހުރި ކުއްޖެކެވެ. އެ ހިނިތުންވުމެވެ. މާހިލްވެސް ހުދު ހައިރާންވީ އަލަށް ފެނުނު ކުއްޖާއަށް ގެއްލިފައި ހުރެވުނު އިރެއްވެސް ނޭނގުމުންނެވެ.

ދުވަސްތައް ފާއިތުވަމުންގޮސް މާހިލް ނިންމީ އެކުއްޖާއަށް ‘އެފްބީ’ އިން ‘ފްރެންޑް އިކުއެސްޓް’ ފޮނުވުމަށެވެ. ދުވަސްކޮޅެއް ނުވެ ދެމީހުން ފޭސްބުކުން ވާހަކަ ދައްކަން ފެށިއެވެ. އެކުއްޖާއަށް ކިޔަނީ ލައިޝާ ކަމަށާއި އެއީ މާލޭގައި އުޅެބޮޑުވި ހަނިމާދޫ ކުއްޖެއްކަން ވެސް އެނގުނެވެ. ދެމީހުން ޗެޓް ކުރުމުގައި ހޭދަވަނީ ކިހާއިރެއް ކަމެއްވެސް ނޭނގެއެވެ. މާހިލް އަބަދުވެސް އެެދެނީ ލައިޝާއަށެވެ. ކުލާހުން ބޭރަށް ނުކުންނަ އިރު ލައިޝާ ފެނިއްޖެނަމަ އޭނާގެ ހިތް އުތުރި އަރައެވެ. ލައިޝާ ދެކެ މާހިލްއަށް ލޯބި ވެވުނީ އެވެ. ލައިޝާ އަކީ މިޒާޖު ތަފާތު ކުއްޖެކެވެ. އެއީ އެހާމެ ރީތިވެސް ކުއްޖެކެވެ. މާހިލްއަށް އޭނާގެ ރީތިކަމަށް ވުރެ އަބަދުވެސް ކަމުދިޔައީ އޭނާގެ މިޒާޖެވެ.

ގްރޭޑް 11 ގެ ފުރަތަމަ ޓާމު ނިމުނުތަނާ ލައިޝާ ނިންމީ ޕްރީ ސްކޫލް ޓީޗަރަކަށް ވުމަށް ކޯސް ހެދުމަށް ދިޔުމަށެވެ. އެވާހަކަ މާހިލް ގާތު ބުނުމުން އޭނާގެ ހިތް ކުދިކުދި ވި ކަހަލަ އެވެ. ހިތުގައިވާ ލޯބި ހުށަހެޅުމަށްވެސް ހިތައް އެރިއެވެ. އެކަމަކު އެކަމަށް ފަސް ޖެހުނީ ލައިޝާ ނޫނެކޭ ބުނެފާނެތީއެވެ. ލޯތްބަށް އިންކާރުކޮށް ދެމީހުންގެ އެކުވެރިކަމަށް ބުރޫ އަރާފާނެތީއެވެ. އަދި މާހިލްއަށް ވިސްނުނުގޮތުގައި ލައިޝާއަކީ މާ ރީތި ކުއްޖަކަށް ވެފައި މާހިލް ހުންނަލެއް ބޮޑުކަމާއި ‘ފަލަ’ ކަމުން އެކަމަށް އެއްވެސް ކުރި މަގެއް ނެތް ކަމުގައެވެ.

އޭނާ ހިތުގައި އެލޯބި ކަފުންކޮށް ވަޅުލަން ނިންމިއެވެ. ނަމަވެސް ދެމީހުން ފޭސްބުކުން ވާހަކަ ދައްކައެވެ. މާހިލް ކިތަންމެ ދެރަވެފައި އިނަސް ލައިޝާ ބުނެލާ އެއްޗެއް އޭނަ ހެއްވާލައެވެ. ދެމީހުން ނުފެނުނެއް ކަމަކު ހިތުގައި ވި ލޯތްބަށް ބަދަލެއް ނައެވެ.

ގްރޭޑް 12 ނިންމުމަށްފަހު މާހިލް ނިންމީ އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އިންޑިޔާގެ ބެންގަލޫރުގައި ހުންނަ ޔުނިވާސިޓީން އާކިޓެކްޗަރ އެންޑް ޑިޒައިން ކޯސް ހެދުމަށް ދިޔުމަށެވެ. ލައިޝާއަށް އެ ހަބަރު ލިބުނީ މާހިލް ފުރައިގެން ދިޔަ ފަހުންނެވެ. އަދި ބައްދަލު ނުކޮށް ދިޔުމުން އެކަމާ ވަރަށް ޝަކުވާ ވެސް ކުރިޔެވެ. ނަމަވެސް ބައްދަލު ކޮށްފި ނަމަ އޭނާއާށް އަލްވަދާއު ކިޔަން ދަތި ކަމަކަށް ވާނެތީ ބައްދަލު ނުކުރީ އެވެ.

އޭގެ ފަހުން މާހިލް ރާއްޖެ އެ އަންނަނީ 6 އަހަރަށް ފަހު އެވެ. ޔުނިވާސިޓީގެ ފަހުރުވެރި އެއް ވަނަ ހޯދައިގެންނެވެ. ލިބުނު ޗުއްޓީއެއްގައިވެސް ރާއްޖެ އަންނަން ބޭނުން ނުވީއެވެ. އޭނާގެ ހުރި ހަމައެކަނި މީހަކީ އޭނާގެ ބައްޕައެވެ. ބައްޕަ ނިޔާވީ މާހިލްގެ ކިޔެވުމުގެ 2 ވަނަ އަހަރު ނިމުމަކާ ގާތް ވެފައި ވަނިކޮށެވެ. ދެން ހުރީ އޭނާ އެންމެ ބައްދަލުކޮށްލަން ބޭނުންވި ލައިޝާއެވެ. ތެދެކެވެ. ތިމާ ލޯބިވާ މީހަކަށް އިންތިޒާރު ކުރުމަށް ދެގޮތެއް ނުވެ އެމީހަކު ދެކެ ލޯބިވުމަށް 6 އަހަރު ކެތް ކުރަން ތޯއެވެ. މުޅި އުމުރުވެސް އެއީ ކުޑަ އެއްޗެކެވެ. މާހިލްގެ އަބަދުވެސް ދުޢާ އަކަށް ވީ ދުވަހަކުވެސް ލައިޝާއާ ބައްދަލު ނުވިޔަސް އަބަދުވެސް އުފަލުގައި އޭނާ ހުރުމެވެ.

މާހިލް ސިއްސައިގެން ދިޔައީ އޭނާއާ އެކު ރާއްޖެ އައުމަށް ގޮސްހުރި އޭނާގެ އެކުވެރިޔާ ޒިޔާދު އޭނާއާށް ގޮވާލުމުންނެވެ. ދާން އައުމަށް އަތުގެ އިޝާރާތުން އޭނާ ހަރަކާތް ކޮށްލުމުން މާހިލްގެ ވޮލެޓްގައި އިން ލައިޝާގެ ތަސްވީރަށް ބަލާލައިފައި ހިނގައިގަތެވެ. ބޯޓުގައި އިން އިރުވެސް މާހިލް ވިސްނަމުން ދިޔައީ ލައިޝާއާ ދޭތެރެ އެވެ. ފޭސްބުކުން އޭނާގެ ފޮޓޯ ފެނުނަސް މިހާރު ހުރެދާނެ ގޮތަކާ މެދުއެވެ. ބައްދަލު ވާނެ ބާއެވެ؟ ކޮބައިބާވައެވެ؟ ދިރިއުޅުމެއް ފަށައިފި ބާވައެވެ؟ ހޯދަންވީ ބާވައެވެ؟ މިކަހަލަ ހިޔާލުތަކެއްގައި އިންދާ ބޯޓު ޖައްސާފިއެވެ. އެއާޕޯޓުން ނުކުމެ މާހިލް ހިނގައި ގަތެވެ. އެހާ ދިގު މުއްދަތަކަށް ފަހު އަމިއްލަ ފަސްގަނޑުގައި ފައި ޖެހުމުން އުފާވެސް ވިއެވެ.

މާހިލް ފޯނު ހިފައިގެން ހުއްޓާ ކުއްޖެއްގެ ހުނުމުގެ އަޑު އިވުނެވެ. ވަރަށް ދަންނަ އަޑެކެވެ. މާޒީގެ ތެރެއިން އޭނާ އެ އަޑު ދެނެގަތީ ވަރަށް ފަސޭހަކަމާ އެކުއެވެ. މާހިލްއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. އިސް އުފުލާ ވަށައިގެން ހޯދާލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އެ މޫނެވެ. އެ ހިނިތުން ވުމެވެ. ހުވަފެނެއް ބާއޭވެސް ހިތައް އެރިއެވެ. މާހިލް ހުރީ ހުއްޓުން އަރާފަ އެވެ. އެހެންވެސް ވެދާނެ ބާވައެވެ. އޭނާގެ ހަޔާތުގެ އެ 6 އަހަރުގައި ލައިޝާ މަތިން ހިތައް ނާރާ ދުވަހެއް ނުދެއެވެ. އެހާ ދުވަހަށް ފަހު ކުއްލިއަކަށް އޭނާއާ ބައްދަލު ވެދާނެ ބާއެވެ. މާހިލް އެތައް އިރަކު ސުވާލު މާކެއްގައި ހުރެފައި ހިނގައިގަތެވެ. ލައިޝާއާ ދިމާލަށެވެ.

” ހޭ. ލައީ….” މާހިލްއަށް ބުނެވުނީ ބޭއިހްތިޔާރުގައި އެވެ. ލައިޝާ މާހިލްއަށް ބަލާލިއެވެ. ދެމީހުން ހަތަރު ކަޅި ހަމަވިއެވެ. ނަމަވެސް ލައިޝާގެ ލޮލުގައިވީ ބީރައްޓެހި ކަމަކެވެ.

“އެމް… ޑޫ އައި ނޯ ޔޫ؟” ލައިޝާ ނޭގުމެއްގައި ހުރެ ސުވާލު ކޮށްލިއެވެ.

” ނޭގުނުތަ؟ މީ މާހިލް އޭ” މާހިލް ހިނިތުން ވަމުން ބުންޏެވެ.

“މާހިލް…މާހިލް….މާހި ….ޗަބީ؟ ތީ އެ މާހިލްތަ؟ ސިކްސް ޕެކް ކަމިން ސޫން މާހިލް ދޯ؟” ލައިޝާ އޭނާގެ ކޮށިވެފައިވި ހަނދާން އާކޮށްލީ މާހިލްއަށް އޭނާ ލޯބިން ކީ ނަންތައް ހަނދާން ކުރަމުންނެވެ.

“ޔެސް.. މި ހަމަ އެ ޗަބީ މާހިލް” މާހިލް ހެމުން ސަލާމް ކޮށްލުމަށް އަތް ދިއްކޮށްލިއެވެ.

“ބަޓް އެކަމް ހާދަ ތަފާތޭ ނޭނގުނު އެފްބީގަ ފޮޓޯއެއްވެސް ނުހުރޭ ވިއްޔަ. ހާދަ ހިތްކޭ. ހާދަ ސްމާޓޭ ދޯ… ވާއޮ ޔޫ ލުސްކް ހެންޑްސަމް” ލައިޝާ މާހިލްއަށް އައިސްފައިވާ ބަދަލު ފާހަގަކޮށްލިއެވެ.

“ހެހޭ އާން ދޯ ލައި ނުވޭ އެކަމް ބަދަލެއް” މާހިލް ބުންޏެވެ.

މާހިލްގެ ހިތުގައި ވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާންނަކަމުގެ އިހުސާސް އޭނާއަށް ކުރެވުނީ ދެނެވެ.

“ހޭ…ހިނގާ ދާން …” ކުޑަ ދަބަހެއް އަޅުވައިގެން ހުރި މީހަކު ލައިޝާގެ ކައިރިޔަށް އައިސް ހުއްޓިފައި ބުންޏެވެ.

“އޯ… އަކްރަމް…. މިއީ އަހަރެން ކުރީގެ ވަރަށް ގާތް ރައްޓެއްސެއް މާހިލް. މާހިލް މިއީ އަހަރެންގެ ލޯބިވެރިޔާ އަކްރަމް..” ލައިޝާ އަކުރަމްގެ އަތުގައި ހިފުމަށްފަހު ބުންޏެވެ.

މާހިލްގެ ހިތް ކުދިކުދި ވި ކަހަލަ އެވެ. ލައިޝާއާ ބައްދަލު ކުރެވުނީތީ އެކަމާ ހިތާމަ ކުރެވުނެވެ. އަތުގައި އޮތް އަވި އައިނު އަޅާލީ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަ ފޮރުވުމަށެވެ.

“ހިނގާ ދާން އަހަރެންގެ ގެއަށް. ވަރަށް ގިނަ ވާހަކަ އެބަހުއްޓޭ” ލައިޝާ މާހިލްއަށް ބަލަުމުން ބުންޏެވެ.

އެރޭގެ ވަގުތެވެ. މާހިލް ކައިގެން އައިސް ލެޕްޓޮޕް ހިފައިގެން އިށީނެވެ. އެފްބީ އަށް ވަދެ އޮންލައިން ވި އިރު ލައިޝާވެސް އިނެވެ. ލައިޝާ ވާހަކަ ދައްކަން ފެށިއެވެ. ކުރީގެ ހަނދާންތައް އާވާން ފެށިއެވެ.

ލައިޝާގެ ވާހަކައިން އަކުރަމް އަކީ ފިލްމް ކުޅޭ މީހެއްކަން އެނގުނެވެ. އަދި ލައިޝާއަކީ އަދިވެސް ޕްރީސްކޫލް ޓީޗަރެއްކަންވެސް އެނގުނެވެ. ލައިޝާވެސް މާހިލްވެސް ވަރަށް ގިނަވާހަކަ ދެއްކިއެވެ. އަކުރަމްއާއި ބައްދަލުވި ގޮތުގެ ވާހަކަ އެވެ. ލައިޝާގެ މަންމަ ނިޔާވި ވާހަކައެވެ. ދޭތެރެ ދޭތެރެއިން ކުރީގެ ހަނދާންތައްވެސް އާކޮށްލައެވެ. ދެމީހުންގެ ވާހަކައިންގެ ތެރެއިން މާހިލްގެ ލޯބިވެރިޔާއާ ބެހޭގޮތުން ސުވާލުކުރިޔެއެވެ. މާހިލް ޖަވާބު ދިނެވެ.

“ހެ..ހެ..ހެ.. އަހަރެންގެ ބިޓެއް ނުހުރޭ އެކަމް ވަރަށް ލޯބިވާ ކުއްޖެއް ހުރޭ. ދުވަހަކުވެސް އޭނަ ދެރަވާކަށް ނޭދެން އެހެންވެ މިހާރުވެސް މި މަޑުކުރަނީ ”

އެކުއްޖާއާއި ބައްދަލު ކުރުމަށް ލައިޝާ އެދުނެވެ. ޖަވާބުގައި މާހިލް ވާހަކަ ބަދަލުކޮށްލި އެވެ.

ވާހަކަ ދައްކަމުންގޮސް ދަންވަރު 2 ޖެހިއިރުވެސް ދެމީހުންނަށް ނޭނގުނެވެ. އެރޭ ވާހަކަ ނިންމާލީ ލައިޝާގެ އެދުމުގެ މަތިން މާހިލްގެ ނަންބަރުވެސް ދީފައެވެ. އަދި އަނެއް ދުވަހުގެ ރެއިން މައިޝާއާއި އަކުރަމް އާއެކު ރޭގަނޑުގެ ކެއުމަކަށްވެސް ދައުވަތު ދެމުންނެވެ.

ލައިޝާގެ އާދޭސްތަކަށް އާއެކޭ ބުނުމަށްފަހު މާހިލް ފުން ނޭވާއެއް ލިއެވެ.

މިކުރެވެނީ ރަނގަޅު ކަމެއް ބާވައޭ ހިތާ ހިތުން ސުވާލު ކުރަމުން ދިޔައެވެ.

ކެތްތެރިކަމާއެކު މާހިލް އިންތިޒާރު ކުރަމުން ދިޔައީ އެރޭގެ 8:30 ވާނެ އިރަކަށެވެ. ގަދަ ނޫކުލައިގެ އަތްދިގު ގަމީހުގެ އަތް އޮޅަން ލޯގަނޑު ކުރިމަތީގައި ހުރިއިރުވެސް މާހިލްގެ ހިތުގައިވީ އެންމެ ނަމެކެވެ. “ލައިޝާ އެވެ.”

އިންތިޒާރު ކުރި ވަގުތު ޖެހިއްޖެއެވެ. ލައިޝާ އުޅޭ އިމާރާތުގެ ބޭރުގައި ހުއްޓާ މާހިލްއަށް ފޯނެއް އައެވެ. އޭނާ ފޯނުގައި ހުއްޓާ ކުއްލިއަކަށް އިވުނީ ބާރު އަޑެކެވެ. މަތި ބަލާލިއިރު ފެންނަނީ އެ އިމާރާތުގެ ފަސްވަނަ ބުރީގައި އަލިފާން ރޯވެފައި ވަނި ކޮށެވެ. މާހިލް ކުއްލިއަކަށް ހަނދާން ވީ އެއީ ލައިޝާ ދިރިއުޅޭ އެޕާރޓްމެންޓަ ކަމަށެވެ. ފަޔަށް ބާރު ލާފައި މާހިލް ދުއްވައި ގަތެވެ.

އެތެރެއަށް ވަތް އިރު ލައިޝާގެ ހިލަމެއް ނުވިއެވެ. މުޅި ތާނގައި ވަނީ އަލިފާން ހިފާފައެވެ. ދުމުގެ ތެރެއިން މާހިލްގެ އަމިއްލަ ނަފްސަށް އެއްވެސް ބެލުމެއް ނެތި އެތެރެއަށް ވަނީ ވަރަށް އުނދަގޫ ކަމާ އެކުއެވެ. ލައިޝާ އޮތީ ބިންމަތީގައި އެވެ. މާހިލް އަވަހަށް އޭނާ ނަގައި ގަނެގެން އެތަނުން ނުކުތެވެ. ވަރަށް އަވަހަށް އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ. އަކްރަމްވެސް ހޮސްޕިޓަލަށް އައެވެ.

މާހިލްގެ ގައި އެތައް މިތުނުން ފިހިފައި ހުރި ނަމަވެސް ލައިޝާއަށް ކަމެއް ވެދާނެތީ އޭނާގެ ހިތުގައި އަޅާ ވޭން މާ ބޮޑެވެ.

ސޯޅަ ގަޑިއިރު އައިސީޔޫގައި، އޭނާ ހޭ ނާރާ އޮތެވެ. ޑޮކްޓަރު ބުނުއްވީ ލައިޝާގެ މޫނު އެއްފަޅި ވަރަށް ބޮޑަށް ފިހިފައި ހުރުމާއެކު ސިފަ ވަރަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ވައަތު ފަޔަށް ލިބިފައިވާ ގެއްލުން ބޮޑުކަމުން ހިނގުމުގައި އެހީއަށް ބޭނުން ވާނެ ކަަމަށެވެ. މާހިލްއަށް ރޮވުނެވެ. ނަމަވެސް އަކުރަމްގެ މޫނުމަތިން ފެންނަން ހުރީ ފޫހި ކަމެކެވެ.

ހޮސްޕިޓަލްގައި އޮންނަތާ ދެ ދުވަސް ފަހުން ލައިޝާއާށް ހޭވެރިކަން ވިއެވެ. ވީ އެންމެ އަވަހަށް އަކްރަމްއަށް އެދުނެވެ.

“ލައިޝާ އެއްވެސް އެއްޗެއް ބުނުމުގެ ކުރިން އަހަރެން ވާހަކަ ދައްކާނީ” ހަރުކަށި ކަމާއެކު އަކުރަމް ބުންޏެވެ.

” އަހަރެން މީ ވަރަށް އުޖާލާ ކުރިމަގެއް އޮތް ޒުވާން އެކްޓަރެއް … އަހަރެން ބޭނުމެއް ނޫން ތީ އަހަރެންގެ ބަލިފަޔަށް ވާކަށް. ކަލޭގެ ތި ސިފައިގެ ސަބަބުން މީހުން އަހަރެންނަށް މަލާމަތް ކުރާނެ. އަހަރެންނަށް ދެން ލައިޝާއާއެކު އުޅެވޭކަަށް ނެތް… ސޮރީ އަހަރެންނާއެކު ގުޅުން ބާއްވަން މަސައްކަތް ނުކުރާތި” އަކުރަމްގެ ހިމަ ހިތުގައި ކުޑަވެސް ހަމްދަރުދީއެއް ނެތެވެ.

ލައިޝާގެ ހިތް ފަޅައިގެން ދިޔަ ކަހަލައެވެ. ރޮމުން ގިސްލަމުން އަމިއްލަ ނަފްސަށް ނަފުރަތު ކުރިއެވެ. ލައިޝާއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އަކުރަމް އެތަނުން ނުކުތުމުން ހުރިހާ ވާހަކައެއް އަޑުއަހަން ހުރި މާހިލް އެތެރެއަށް ވަނެވެ. އަދި އޯގާތެރި ފިރުމުންތަކުން ލައިޝާ ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ.

ދުވަސްތައް މާޒީގެ ތެރެއަށް ދޫވަމުން ދިޔައެވެ. މާހިލް ހުރިހާ ވަގުތެއްހެން ހޭދަކުރީ ލައިޝާ އާއެކުއެވެ. އެ ހާދިސާއަށް އަހަރު ވީ އިރު ލައިޝާގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ. ނަމަވެސް ހިނގުމުގައި ދަތިތަކެއް ހުންނާތީ ބައެއް ފަހަރު އަދިވެސް ދަނޑިގަނޑުގެ ބޭނުން ޖެހެއެވެ. މޫނުމަތީގައި އެކަމުގެ އަސަރު ވަރަށް ބޮޑަށް ހުރެއެވެ. ނަމަވެސް މާހިލް ދެކޭގޮތުގައި އެއީ ދުނިޔޭގެ ހުރިވެސް އެންމެ ރީތި ކުއްޖާއެވެ.

މާހިލްގެ ހިތުގައިވާ ލޯބި ހުށަހެޅުމަށް އޭނާ ވިސްނަމުން ދިޔައެވެ. ދިގު އިންތިޒާރަށް ނިންމުން ގެންނަން މާހިލް ބޭނުންވިއެވެ. ލައިޝާގެ ހަރަކާތްތަކުން އޭނާވެސް ލޯބިވާހެން ހީވެއެވެ. އެހެންކަމުން ހިތުގައިވާ ބިރު އެއްފަރާތް ކޮށްލައި މާހިލް ނިންމީ އެވާހަކަ ބުނުމަށެވެ.

ކަޅު ގަމީހެއްގައި ރަތް މާބޮނޑިއެއް ހިފައިގެން މާހިލް ދިޔައީ ލައިޝާ ގެއަށެވެ. ބެގީ ކޮށްފައި ހުރި އިރު މާހިލްގެ ފިރިހެންވަންތަކަން ވަރަށްވެސް ފުރިހަމައެވެ. ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ ލައިޝާއެވެ. ރަތް ހެދުމެކެވެ. ކަޅު ބުރުގާއެކެވެ. ޗާލު ފުރިހަމަ ފިނިފެންމަލެއް ފަދަ އެވެ.

“ވާއު ޔޫ ލުކްސް ސޯ ޕްރިޓީ” މާހިލް ހިނިތުން ވަމުން ބުންޏެވެ. އަދި އޭނާގެ ދަނޑިގަނޑަށް އަތް ދިއްކޮށްލަމުން ލައިޝާ ބުންޏެވެ.

“މާހިލް ހުއްޓާ އިތުރު އެއްޗެއްގެ ބޭނުމެއް ނުޖެހޭނެ”

ލައިޝާ ގޮވައިގެން މާހިލް ދިޔައީ ވިލިގިނލި އަތިރި މަތީގައި ތައްޔާރު ކުރެވިފައިވާ މޭޒެއް ކައިރި އަށެވެ. އުޑުމަތި ސާފު ރެއެކެވެ. އުޑުގައިވާ ތަރިތައް ވެސް ހީވަނީ އެމީހުންނަށް ތައުރީފު ކުރާ ހެންނެވެ. ކެއުމަށް ހުރީ، ލައިޝާއަށް އެންމެ މީރު ޗޮކްލެޓް ޑިޝްއެކެވެ. އެއަށް އިންސާފު ކުރުމަށްފަހު މާހިލް ލައިޝާގެ އަތުގައި ހިފާލިއެވެ. އަދި ވަހަކަ ދައްކަން ފެށިއެވެ.

“ލައިޝާ ފުރަތަމަ ފެނުނު ދުވަހު އަޅައިގަތީ ތި ހިނިތުން ވުމުގައި. އަހަންނަށް ލައިޝާ އޭރުއްސުރެ ވަރަށް ކަމުދޭ. އަހަރެން ވަރަށް ލޯބިވޭ ލައިޝާ ދެކެ. އޭރުވެސް. މިހާރުވެސް. އަހަރެން އެހެން ކުއްޖަކަށް ބަލާލާހިތެއްވެސް ނުވޭ. އަހަރެން ބޭނުމީ ލައިޝާ އަހަރެންގެ މީހަކަށް ހަދަން…”

ވާހަކަ މިހާ ހިސާބަށް ދިޔަ އިރު ލައިޝާ އިނީ ފެންކަޅި ވެފައި އެވެ.

“އަހަރެންވެސް ލޯބިވޭ މާހިލް ދެކެ އެކަމަކު އަހަންނަކީ މިހާރު ހުތުރު މީހެއް. މާހިލްއަށް މީހުން މަލާމަތް ކުރާނެ..”

“މީހަކު ކިޔާނެ އެއްޗަކަށް ނުވިސްނާ. އަހަރެން ލޯބިވީ ތި ސޫރަ ދެކެއެއް ނޫން ތި ހިތް ދެކެ… ލައިޝާގެ މިޒާޖުގެ ފުރިހަމަ ކަމުން” ލައިޝާގެ ވާހަކަ ހުއްޓުވަމުން މާހިލް ބުންޏެވެ.

މާހިލް މަޑުމަޑުން ތެދުވަމުން ޖީބުގައި އޮތް އަނގޮޓި ނެގިއެވެ. އަދި ލައިޝާގެ ކުރިމަތީގައި ކަކޫ މައްޗަށް ތިރިވެ ހިނިތުން ވެލިއެވެ.

“އަހަރެންނާ ކައިވެނި ކުރާނަން ތަ؟”

ލައިޝާގެ ހިތްވެސް އުފަލުން ފޮޅުނެވެ. އަދި އާއެކޭ ބުންޏެވެ. މާހިލްގެ ދިގު އިންތިޒާރުގެ ނިމުން އައީ ފޮނި ކޮށެވެ. ލޯތްބަކީ އެއް ހިތުން އަނެއް ހިތާ ގުޅޭ އެއްޗެކެވެ. ލޯބިވެވެނީ މީހެއްގެ ސޫރައަކާ ނޫނެވެ. މާހިލް ލައިޝާ ދެކެ ވީ ހަގީގީ ލޯތްބެވެ. ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުން ދިޔައީ އެދުވަހަށެވެ. ލައިޝާގެ ހުރިހާ ހިތާމަޔާއި އުފަލުގައި އަދި ހުރިހާ ވަގުތެއްގައިވެސް ދެގޮތެއް ނުވެ އެކީ އުޅުމަށް ވައުދު ވަމުން އޭނާގެ ގައިގައި ބައްދާލީ ވަރަށް ލޯބިންނެވެ.

ނޯޓް: މިއީ ސްކޫލުތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުޅުދުއްފުށި އޮންލައިން އިން ބޭއްވި 5 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 ސީ ގެ މަޒީނާ މުހައްމަދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355