twitterviber whatsapp telegramfacebookyoutube instagram
18th April 2024

ކުޅުދުއްފުށީ ރެހެންދި ޖަމިއްޔާގެ ބަށިޓީމް މާފަންނު ބަށިޓީމާއެކު އެކުވެރިކަމުގެ ބަށި މެޗެއް ކުޅެފި

Oct 8, 2010

ކުޅުދުއްފުށީ ރެހެންދި ޖަމިއްޔާގެ ބަށި ޓީމް މާލޭގައި އެކުވެރިކަމުގެ ބަށި މެޗެއް ކުޅެފިއެވެ. މިއަދު ހަވީރު މާފަންނު ބަށިކުޅޭ ސަރަހައްދުގައި، މާލޭގެ މާފަންނު އަވަށަށް ނިސްބަތްވާ ބަށި ޓީމާ ބައްދަލު ކުރި މެޗް ކާމިޔާބު ކޮށްފައިވަނީ، މާލޭގެ މަފަންނު އަވަށު ބަށިޓީމެވެ.

“ދިވެހި އަންހެނުންގެ އެކުވެރިކަމުގެ ނަމޫނާ ބަށި މެޗް” ގެ ނަމުގައި ކުރިއަށް ދިޔަ މި މެޗް މާފަންނު ބަށިޓީމް ކާމިޔާބު ކޮށްފައިވަނީ، 24 ލަނޑު 7 ފޯލި 13 ލަނޑު 11 ފޯލިންނެވެ. ފުރަތަމަ އިނިންގްސް ނިމުނުއިރު ކުޅުދުއްފުށީ ޓީމަށް ހޯދިފައިވަނީ 6 ލަނޑު 4 ފޯލިއެވެ. މާފަންނު ބަށިޓީމް މި އިނިންގްސް ގައި 12 ލަނޑު 11 ފޯލި ހަދާފައިވެއެވެ. ބަށި މުބާރާތުގެ އާ ޤަވައިދުގެ ދަށުން ކުޅުނު މި މެޗްގެ ދެވަނަ އިނިންގްސް ނިމުނުއިރު 12 ލަނޑު 8 ފޯލި މާފަންނު ބަށިޓީމް ހޯދާފައިވެއެވެ. ރެހެންދި ޖަމިއްޔާގެ ކުޅުން ރަނގަޅު ކޮށް މިއިނިންގްސްގައި 7 ލަނޑު 8 ފޯލި ހޯދާފައިވެއެވެ.

ކުޅުދުއްފުށީ ރެހެންދި ޖަމިއްޔާގެ ބަށިޓީމަށް ލިބުނު ދައުވަތަކަށް ކުޅުނު މިމެޗްގައި ރެހެންދި ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން ކުޅެފައި ނުވާކަމަށް އެޓީމުން މައުލޫމާތުދެއެވެ. އަދި، މެޗާދޭތެރޭ ހިތްހަމަ ޖެހޭކަމަށާއި، ލިބުނު ދަޢުވަތު ގަބޫލުކުރުމަށް ބައެއް މުހިއްމު ކުޅުންތެރިން ނުހިމަނައި އަންނަން ޖެހުނީ ކަމަށް ރެހެންދި ޖަމިއްޔާގެ ބަށިޓީމުން މައުލޫމާތުދެއެވެ.

މެޗަށްފަހު ވާހަކަދައްކަވަމުން، މާފަންނު ބަށިޓީމުން ބުނެފައިވަނީ މިމެޗާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި، މާފަންނުގެ ނަމުގައި ނުކުތް ކަމުގައި ވީނަމަވެސް އެހެން އަވަށްތަކުގެ ބަށިޓީމުން 3 ކުޅުންތެރިން ޓީމުގައި ހިމަނާފައިވާ ކަމަށެވެ. ކުޅުދުއްފުށީގެ ޓީމު ބަލިވުމާ ދެތޭރޭ މާފަންނު ބަށިޓީމުން ބުނެފައިވަނީ، ކުޅުދުއްފުށީ ރެހެންދި ޖަމިއްޔާގެ ބަށިޓީމުގެ ކުޅުން ވަރަށް ފާހަގަ ކުރެވޭ ކަމަށާއި އެހެންނަމަވެސް ބަށި ކުޅުމުގެ އާ ގަވާއިދަށް މިމެޗް ކުޅެފައިވާތީ، ކުޅުދުއްފުށީ ޓީމަށް އުނދަގޫތަކެއް ކުރިމަތިވިކަމަށް ގަބޫލުކުރާކަމަށެވެ. އަދި، ދައުވަތު ގަބޫލުކޮށް ކުޅުދުއްފުށީ ބަށިޓީމު މާލެއައިސް މެޗުކުޅުނުކަމަށްޓަކައި، މާފަންނު ބަށިޓީމުގެ ފަރާތުން ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައިވެއެވެ. އަދި މިއީ، ދިވެހި އަންހެނުންގެ އެކުވެރިކަމުގެ ނަމޫނާއެއްކަމަށް އެޓީމުން ބުނެއެވެ.

ކުޅުދުއްފުށީ ރެހެންދި ޖަމިއްޔާއަކީ، ކުޅުދުއްފުށީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ އަމިއްލަ ޖަމިއްޔާއެކެވެ. މިމެޗަށްފަހު ކުޅުދުއްފުށީ ބަށިޓީމު އެނބުރި ރަށަށް ދިއުމަށް މާލެއިން ފުރަން ހަމަޖެހިފައިވަނީ މާދަމާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355