twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ ކުނި ކޮށީގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވެފައި

Oct 17, 2010

އިބްރާހީމް ހަމީދު

އާބާދީގައި އައްހާހަށްވުރެ ގިނަމީހުން ދިރި އުޅެމުންދާ ކުޅުދުއްފުށީގެ ކުނި ކޮށީގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2003 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. އަމިއްލަ ފަރާތަކާއި ހިންގުން ހަވާލުކޮށްގެން ފެށި ކުނިކޮށީގެ މަސައްކަތް އެއް ދުވަހުން އަނެއް ދުވަހަށް ދަށަށް ދާކަން ފާހަގަ ކުރެވެއެވެ. އެކި ދުވަސްވަރު ތަފާތު ފަރާތްތަކާއި ހަވާލުކޮށްގެން ހިންގި ކުނިކޮށީގެ މަސައްކަތް މިހާރު ބަލަހައްޓަނީ ކުޅުދުއްފުށީ ރަށު އޮފީހުންކަމަށް ކުޅުދުއްފުށީ ކައުންސިލަރ ޖަމްޝީދު މުޙައްމަދު ވިދާޅުވިއެވެ.

އާބާދީ އާއި ބިން ބޮޑު ކުޅުދުއްފުށީގެ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ހެދި ކުނިކޮށީގެ މަސައްކަތް ރަށު އޮފީހުން ކުރަމުންދަނީ ޕްރޮވިންސް އޮފީހާއި ކުޅުދުއްފުށީ މަގުހަދާ ޔުނިޓުގެ އިތުރުން މިހާރު ކުޅުދުއްފުށީގައި މަސައްކަތް ކުރަމުންދާ އެމްޓީސީސީ އާއި އެމްޑަބްލިޔު އެސްއޭގެ އެހީތެރިކަމާއެކު ކަމަށް ކައުންސިލަރ މައުލޫމާތު ދެއްވިއެވެ. ގިނަ ބައެއްގެ އެހީތެރިކަމާއެކީ ހިންގަމުންދާ ކުނިކޮށީގެ މައްސަލަތައް ބޮޑުވަމުންދާއިރު ކުނިކޮށި އެންމެ ރަނގަޅު ގޮތުގައި ނުބެލެހެއްޓޭކަމަށް ކުޅުދުއްފުށީގެ ގިނަ ބަޔަކު އެއްބަސްވެއެވެ.

ކުނިކޮށި ބަލަހައްޓަން މުސާރަދީފައި މުވައްޒަފެއް ނުބަހައްޓާކަމަށާއި އެހެންމަވެސް ރަށު އޮފީހުގެ މުވައްޒަފެއް އެތަން މޮނިޓަރ ކޮށް ބަލަހައްޓަމުންދާކަމަށް ޖަމްޝީދު ވިދާޅުވިއެވެ. މިފަދަ މަސައްކަތްތައް ކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏަކީ އަޕަރ ނޯތް ޔުޓިލިޓީޒްކަން ފާހަގަކުރެވެއެވެ.

އަޕަރ ނޯތް ޔުޓިލިޓީޒްގެ ޖެނެރަލް މެނޭޖަރ ޢަލީ ހާޝިމް ކުޅުދުއްފުށީ ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަތިއުތުރުގެ ރަށްރަށުގެ ކުނި ނައްތާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި އެކަމަށް ހަދަން ޖެހޭ ގަވާއިދު ހަދައި ނިމިފައިވާކަމަށެވެ. އަދި އެގަވާއިދު މިހާރު އެންވަޔަރމަންޓް ޕްރޮޓެކްޝަން އޭޖެންސީ އަށް ހުށަހަޅާފައިވާކަމަށާއި ލަސްވަނީ އެތަނުން ނިންމަންޖެހޭ މަސައްކަތް ނުނިމި ގިނަ ދުވަސްވާތީކަމަށެވެ.

ކުޅުދުއްފުށީ ކުނިކޮށި އެޅުމުގެ ކުރިން ކުނިއަކާލަމުންދިޔައީ ރަށުގެ އެކި ސަރަހައްދު ތަކަށެވެ. ކުނި ކޮށީގެ ސަބަބުން ރަށުގެ އެކި ހިސާބުތަކުގައި ކުރިން އޮތް ގޮނޑުތައް ނެތިފައިވީނަމަވެސް ކުނި ކޮށީގެ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ނުދާކަމަށް ކުޅުދުއްފުށީގެ ގިނަ ބަޔަކު ބުނަމުންދެއެވެ. އަޕަރ ނޯތް ޔުޓިލިޓީޒްގެ ޖެނެރަލް މެނޭޖަރ ވިދާޅުވީ ކުނި ކޮށީގެ މަސައްކަތް އެކުންފުނިން ކުރަން ފެށުމުން ބޮޑެތި އަދި މުޅިން އާ ބަދަލުތަކެއް ފެންނާނެކަމަށެވެ. ރައްޔިތުންގެ އުއްމީދަކީ ވީހާވެސް އަވަސް ކުރިމަގެއްގައި ރަނގަޅު ފެންވަރަކަށް ކުނި ނައްތާލުމުގެ މަސައްކަތް ކުރިއަށް ދިއުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355