twitterviber whatsapp telegramfacebookyoutube instagram
20th April 2024

ނުކުޅެދުންތެރި ފާޑުކިޔުމާއި އޭގެ ރައްދު ހަމަލާ

Oct 18, 2010

ނަބީލް

ލޯފަން މީހަކު މަތިންދާ ބޯޓެއް ސިފަކޮށްފައި ބުނީ އޭތީގެ ބައްޓަން ހުރީ މުސަޅަކާ އެއްގޮތަށް ކަމަށެވެ.

ހަމަ އެވަގުތު އެތާގައި ހުރި ބީރު މީހަކު އޭނާއާ ބައިވެރިވެލާފައި ބުނީ އޭގެ އަޑު ވައްތަރީ ހާގޮވާ އަޑާ ކަމަށެވެ.

ރަހަބެލުމުގެ ހިއްސުކެނޑިފައިހުރި މީހަކު، އާފަލެއްގެ މީރުކަމަށް އިންސާފުކުރަމުން ބުނެ އަންގަނީ ކުޅިރަހަ ތަންކޮޅެއް ގަދައީ ކަމަށެވެ.

ހުރިހާ ހިއްސެއް އުނިވެފައި ހުރި މީހަކު ބޯ ތިރިއަށް ލަނބާލީމާ، އަހަރެމެން ބަލަނީ އޭނާވެސް އެއްބަސްވީ ކަމަށެވެ. ދެ އަތަށް ބޯ ހޫރާލީމާ ވިސްނެނީ ދެކޮޅު ހެދީ ކަމަށެވެ.

އެހެނަސް މި ފަދަ މަންޒަރުތައް ފެންނަ ހިއްސުތަކާއި ގުނަންތައް ސަލާމަތުން ހުންނަ މީހާ، އިސްވެ ބުނެވުނު މީހުންގެ ބަހަށް މަލާމަތްކޮށް، ހަޖޫޖަހައި، ނުވިތާކަށް ރުޅިއައިސް އަތާއި ފައި އިސްކުރާ ނަމަ….

ތެދެކެވެ. އެއްބަހެވެ.

ފެނިފައި ނުވާ މަންޒަރުތައް ހިތަށް އައިހާ ގޮތަށް ތަސްވީރުކުރީމާ، މަންޒަރު ދުށް މީހާގެ ކުރިމަތީ ތިމާ ބޭޒާރުވާނެއެވެ.

އިވިފައި ނުވާ އަޑުއަޑަށް ރީތި ހުތުރު ކީމާ، އިވުނު މީހާގެ ކުރިމަތީ ފަޟީޙަތްވާނެއެވެ.

ރަހަ ނުބަލާހުރެ ކާއެއްޗެއްސަށް މީރު ނުމީރު ކީމާ، ރަހައެނގޭ މީހާ ކުރިމަތީ ފަޅާއަރާނެއެވެ.

އެހެންވީމާ ނޭނގޭ ކަންކަމުގެ ތެރަށް އަމިއްލައަށް ވެއްޓިގަތީމާ، އެމީހެއްގެ ހިއްސުތައް ސަލާމަތުންހުރީ ކިހާ ވަރަކަށް ކަމާ މެދު ސުވާލުއުފެދޭނެއެވެ. ހިއްސުތައް މަދު މީހާއަށް ވުރެ އޭނާ މަދުވެފައި، ގުނަންތަކުން އުނިމީހަކަށް ވުރެ އޭނާ އުނިކަމުގައި ނިންމަންޖެހޭނެއެވެ.

އެހެނަސް އެއްޗެއް ނޭނގޭ މީހަކު، ނުވަތަ މި ދެންނެވި އުސްލޫބުން އެޔަށްވުރެ އުނި އެހެންނާ މަދު މީހަކު، އޭނާގެ ބަސްތަކަށް އާނހޫނ ކިޔުމަކީ މައްސަލައެއް ކަމުގައި ނުނިންމޭނެއެވެ.

ޚިޔާލަކީ ފާޅުކުރެވެން ޖެހޭނެ އެއްޗެއްކަމާއި އެކަމުގެ މަގަކީ ކޮންމެ އިންސާނަކަށް ލިބިފައިވާ ޙައްޤެއް ކަމާމެދު ވަސްވާހަކަށް ތަނެއް ނެތެވެ. އެހެނަސް ޅަކުއްޖެއްގެ އަތަށް ތޫނު ވަޅިއެއް ދީފައި ބަލަން ތިބުމަކީ އެހާމެ ބިރުހުރިކަމެއް ކަމުގައިވެސް ޝައްކުކުރާނޭ ޖާގައެއް ނެތެވެ. ބަލަން ތިބެވުނަސް އެކުއްޖާ ގޮސް ނިދާފައި އޮތް މައިމީގެ ކަރުގައި ވަޅީގެ މިޔަ ހިންގާލަން އުޅޭ ނަމަ އެކަމަށް ކެތްކޮށްލެވޭނެ ހިތެއް ވެސް ނެތެވެ.

ނަމަވެސް،…………….ނަމަވެސް އޭގެ ދިފާޢުގައި ތެދުވާ މީހާ، މުޖުތަމަޢުން ނުބައިތައް ލުއްސާލަން އުޅޭ މީހާ، އިސްލާހުގެ ނަމުގައި ހިނގާ މީހާ، އެވަޅިން އެކުއްޖާ ޤަތުލުކޮށް، ވަޅުލީމާ، ދެން އެތަނުން ފަޅައިގެން ހެދޭނީ ކެތްތެރިކަމާއި އެކުވެރިކަމާއި ތަސާމުހުގެ ބަގީޗާއެއް ކަމަށް ވާނޭ އެންމެ ގޮތެއް ވެސް ނެތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355