twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުނި އުކާލުމާއި ކުނި ނައްތާލުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނާނަން: ޔުނުލްގެ ޖެނެރަލް މެނޭޖަރ

Oct 20, 2010

އަޕަރ ނޯތް ޔުޓިލިޓީޒް އިން ކުޅުދުއްފުށީގެ ކުނި ނައްތާލުމުގެ މަސައްކަތް ފެށުމުން މަންޒަރު މުޅިން ބަދަލުވާނެ ކަމަށާއި މިހާރު ހުރި ކުނި ގޮނޑު ކުނި ކޮށްޓަކަށް ބަދަލު ކުރާނެކަމަށް އެކުންފުނިން ބުނެފިއެވެ. އަޕަރ ނޯތް ޔުޓިލިޓީޒްގެ ޖެނެރަލް މެނޭޖަރ ޢަލީ ހާޝިމް ކުޅުދުއްފުށީ ޑޮޓް ކޮމް އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ، މިހާރު ކުޅުދުއްފުށީގައި ކުނިނައްތާލަމުން ގެންދާ ގޮތް މުޅިން ބަދަލު ކުރައްވާނެކަމަށާއި އެކުންފުނީގެ ދަށުން މަސައްކަތް ހިންގަން ފެށުމުން ބޮޑެތި ބަދަލުތަކެއް ކުނި ނައްތާލުމުގެ ނިޒާމަށް އަންނާނެކަމަށެވެ.

ކުނި ނައްތާލުމުގެ މަސައްކަތް އަޕަރ ނޯތް ޔުޓިލިޓީޒް އާއި ހަވާލުވާއިރު ހއ ދިއްދޫ ގެ އިތުރުން އެއަތޮޅު އިހަވަންދޫގައި ކުނި ނައްތާލުމުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދާފައިވާކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކުޅުދުއްފުށީގައިވެސް މުވައްޒަފުން ހޯދަން އިއުލާން ކުރެވޭވަރު ވާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

މަތިއުތުރު ޕްރޮވިންސްގެ ރަށްރަށުގައި އުފެދޭ ކުނި ނައްތާލުމުގެ މަސައްކަތް މީގެ ކުރިން އެންމެ އެދެވޭ ގޮތުގައި ނުކުރެވޭކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އަޕަރ ނޯތް ޔުޓިލިޓީޒްގެ އުއްމީދަކީ ވީހާވެސް އަވަހަށް އެމަސައްކަތް ފެށުން ކަމަށާއި ގިނަ ދުވަސްތަކެއް މިކަމުގައި ނެގީ ރަނގަޅު ފެންވަރަކަށް މަސައްކަތް ފަށައިގަތުމަށް ތައްޔާރު ވާންޖެހުމުންކަމަށް ޢަލީ ހާޝިމް ވިދާޅުވިއެވެ. އެގޮތުން އަގުތަކާއެކީ ކުނިނައްތާލުމާބެހޭ ގަވާއިދެއް ހަދައި އެންވަޔަރމެންޓް ޕްރޮޓެކްޝަން އޭޖެންސީއަށް ހުށަހަޅާފައިވާ ކަމަށާއި އަދި އެކުންފުންޏަށް ހޯދި ވެހިކަލް ތަކުގެ ރަޖިސްޓްރޭޝަންގެ ކަންތައްތައް މިހާރު ނިމިފައިވާ ކަމަށް ހާޝިމް ވިދާޅުވިއެވެ.

ޖެނެރަލް މެނޭޖަރ ޢަލީ ހާޝިމް ހާމަކުރެއްވި ގޮތުގައި ކުނި ނައްތާލުމުގެ މަސައްކަތާއި އެކުންފުނިން ހަވާލުވުން ލަސްވެފައިވަނީ އެންވަޔަރމެންޓް ޕްރޮޓެކްޝަން އޭޖެންސީ އަށް ހުށަހަޅާފައިވާ ގަވައިދު ފާސްކުރަން އެ އޭޖެންސީއިން ގިނަދުވަސްތަކެއް ނަގަމުންދާތީއެވެ. އަދި ވެހިކަލްތަކުގެ ރެޖިސްޓްރޭޝަންއަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރމެންޓުން ދޭންޖެހޭ ކަސްޓަމްސް ޑޮކިއުމެންޓްތައް ލިބުމުގައި ވަރަށް ބޮޑެތި ދަތިތައް ދިމާވި ކަމަށާއި ނަމަވެސް އެތަނުން އެތަކެތި ހޯދާ، ރެޖިސްޓްރޭޝަންގެ ހުރިހާކަމެއް މިހާރު ނިމިފައިވާ ކަމަށްވެސް ހާޝިމް ވިދާޅުވިއެވެ. ކުޅުދުއްފުށި ޑޮޓްކޮމްއަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ޕްރޮސެސްއަށް ހަތަރު މަސްދުވަސް ހޭދަވެފައިވެއެވެ.

ކުޅުދުއްފުށީ ކުނި ކޮށީގައި މިހާރު އެއްވެސް އިންތިޒާމެއް ނެތް އިރު ކުނި ނައްތާލެވެމުންދަނީ ތިމާވެއްޓާއި ރަށްޓެހި ގޮތަކަށްވެސް ނޫނެވެ. އަދި، ކުނި ކޮށީގައި ކުނިތައް އަންދަމުންދާއިރު ކައިރީގައި އޮންނަ ސްޓޭޑިއަމްގައި ކުޅިވަރު ކުޅެމުންދާ ފަރާތްތަކަށް ތަފާތު އުނދަގޫތައް ކުރިމަތި ވަމުންދާކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ބައެއް މޫސުން ތަކުގައި ކުނި ކޮށިން އަރަމުންދާ ވިހަ ދުންތަކުގެ އަސަރު ވަރަށް ބޮޑަށް ކުޅިވަރު ކުޅޭ ސަރަހައްދަށް އަރަމުންދާކަމަށް އެތަނަށް ކުޅިވަރު ކުޅެންދާ ފަރާތްތަކުން ބުނަމުންދެއެވެ.

ކުޅުދުއްފުށީ ކުނި ކޮށްޓާއި އަޕަރ ނޯތް ޔުޓިލިޓީޒް އިން ހަވާލުވުން އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ކުނި ނައްތާލުމުގައި މިހާރު ގެންގުޅޭ ތިމާވެއްޓާއި ބީރައްޓެހި ގޮތް ބަދަލު ކުރުންކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން އެކުންފުނިން ކުނި ނައްތާލުމުގެ ކަންތައްތައް ހަމަޖެހިފައިވާ ގޮތުން ދުމެއް ނާރާނެ ކަމަށާއި އަދި އެހިސާބުގަނޑަށް ފެތުރިފައިވާ ނުބައި ވަސް އޭރުން ނުހުންނާނެކަމަށް ވެއެވެ. އަދި، އެކުންފުނީގެ ހިދުމަތް ހޯދާ ގެތަކުގައި ސްޓީކާ އެއް ހަރުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެކުންފުނީގެ ހިދުމަތް ހޯދާ ފަރާތްތަކުގެ ގެތަކުން ކުނި އުކާދޭނީ އެކުންފުނިންނެވެ. އެކަމަށް ނަގާނެ އަގު ދަންނަވަން އެނގޭނީ އީޕީއޭ އިން އެގަވާއިދާމެދު ނިންމަވާ ގޮތެއްގެ މައްޗަށް ކަމަށް ހާޝިމް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355