twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބޮޑު ތިލަދުންމަތި ބިކަ ކުރުމުގެ ސިޔާސަތު

Dec 3, 2016

ދިވެހިރާއްޖޭގައި މާލެ ނެގުމަށްފަހު އެންމެ އާބާދީ ބޮޑު ދެ ސަރަހައްދަކީ ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނެވެ. ދެކުނަށް ބަލާއިރު އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ އާބާދީ އެއްކޮށް ގުނައިފިނަމަ، މާލޭން ދެކުނު އެހެން ހިސާބުތަކުގެ އާބާދީ އެއްކޮށްލިޔަސް އެ ދެސިޓީގެ އާބާދީއާ ނުބައްދަލު ވާނެއެވެ. ހަމަ މިބީދައިން އުތުރުއަށް ބަލައިފިނަމަ، ބޮޑު ތިލަދުންމަތީގެ އާބާދީ މާލޭން އުތުރުގެ އެހެނިހެން ހިސާބުތަކާ އަޅާބަލާއިރު ތަފާތު ވާނެ އެވެ.

ނަމަވެސް އުތުރާއި ދެކުނުގެ އާބާދީއަށް ބަލާއިރު ތަފާތު އެއްކަމެއް އޮވެއެވެ. އެއީ މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންގެ ތެރޭގައި އުތުރަށްވުރެ ދެކުނުގެ މީހުން ގިނަވުމެވެ. ހާއްސަކޮށް ބޮޑު ތިލަދުންމަތީގެ އާބާދީގެ ބޮޑުބައެއް އެސަރަހައްދުގައި އުޅެއެވެ. ވަކިން ހާއްސަކޮށް ކުޅުދުއްފުށީގެ މީހުންނަކީ ރަށުގައި އަމިއްލައަށް މަސައްކަތް ކޮށްގެން އާމްދަނީ ހޯދައިގެން އުޅޭ މީހުންނެވެ. ތަންކޮޅެއް ކުރީގެ ދުވަސްވަރަކަށް ބަލާލައިނަމަވެސް މަންޒަރު ފެންނަނީ އެހެންނެވެ. ކުޅުދުއްފުށީގެ މީހުންނަކީ ބޯޓު ދަތުރުކޮށްގެން އާމްދަނީ ހޯދި ބަޔެކެވެ. މާލެއަށް ގޮސްގެން ނޯކިރީ ކުރަން އުޅުން މީހުން މަދުވާނެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

އާބާދީ ބޮޑު ހިސާބުތަކުގެ ނުރައްކާ މާލެއަށް

ތާރީހަށް ބަލާއިރު، އަތޮޅު ތެރޭގައި އާބާދީ ބޮޑު ސަރަހައްދު ތަކުގެ ނުރައްކާ މާލެއަށް ވަނީ ފޯރާފައެވެ. އާބާދީގެ ސަބަބުންނާއި މީހުންގެ ހޭލުންތެރިކަމުގެ ސަބަބުން މާލޭ ސަރުކާރަށް ބައެއް ފަހަރު ވަނީ އުނދަގޫތައް ކުރިމަތި ވެފައެވެ. ދެކުނަށް ބަލާއިރު ޔުނައިޓެޑް ސުވަދީބު ނަމުގައި އަމިއްލަ ދައުލަތެއް އުފެދިގެން ދިއުމަކީ ސަރުކާރަށް ލިބުނު ބޮޑު ސިހުމެކެވެ. ހަމަ އެހެންމެ އުތުރު ގަޑުބަޑަކީވެސް މާލޭ ސަރުކާރުގެ މޭކަރައިގަތް ނުރައްކަލެކެވެ. އެހެންކަމުން އުތުރާއި ދެކުނުގެ މީހުން ތައުލީމީ ގޮތުންނާއި މާއްދީ ގޮތުން ކުރިއަރައިގެން ދިއުމަކީ އަބަދުވެސް މާލޭ ސަރުކާރަށް ކުރިމަތިވާ ގޮންޖެހުމެއްގެ ގޮތުގައި ސަރުކާރު ހިންގާ މީހުންގެ ވިސްނުމުގައި ހުންނާނެކަން ކަށަވަރެވެ.

ހިޖުރަކުރުމަށް މަޖުބޫރުވުން

ހިތުތެރޭގައި ކޮންމެ ނިޔަތެއް ބާއްވައިގެން ވިޔަސް ނުވަތަ ފޮރުވިފައި ސިޔާސަތެއް އޮވެގެންވިޔަސް، ތަރައްގީ ވެގެން ދިޔައީ މާލެ އެވެ. ކޮންމެ ގައުމެއްގައިވެސް ވެރިކަން ކުރާރަށް ތަރައްގީ ވާނެ އެވެ. ނަމަވެސް ރާއްޖޭގައި ވެރިކަންކުރާ ރަށް ތަރައްގީ ވެގެން ދިޔައިރު، ރާއްޖެތެރެ އޮތީ ވާނެ އެއްޗެއް ވާން ދޫކޮށްލާފައެވެ. މާލެ ފިޔަވާ ރާއްޖޭގެ އިތުރު އެހެން ސަރަހައްދެއް ތަރައްގީ ކުރަން ވިސްނާފައި އޮތްކަމަކަށް ތާރީހަކުން ނުފެނެއެވެ. އެހެންކަމުން، ރަށުން ލިބެންނެތް ބޭސްފަރުވާއާއި ދަރިންނަށް ރަނގަޅު ތައުލީމު އުނގަންނައިދިނުމަށް މާލެއަށް ހިޖުރަކުރަން މަޖުބޫރު ވެގެންދިޔައެވެ. އަދި މާލޭގެ ކުލީގެ އަހުލުވެރިންނަށް ވެގެންދިޔައީއެވެ. ބައެއް ރަށްތައް ފަޅުވެގެން ދިޔައެވެ. މިހާރަށް ބަލާއިރު، އައްޑޫ ސިޓީއަކީ މާލެ ފިޔަވާ އެންމެ އާބާދީ ބޮޑު އަތޮޅޭ ބުނިކަމުގައިވިޔަސް، އައްޑޫގައި ދިރިއުޅޭ މީހުން މިހާރު މަދުވެއްޖެ އެވެ. ގެތަކެއް ވަނީ ފަޅުވެފައެވެ.

ހުޅުމާލެއަށް ހިޖުރަ ކުރުމަށް ދައުވަތު

ކުރީގައިނަމަ ރަށްރަށުގެ މީހުން މާލެއަށް ހިޖުރަ ކުރަމުން ގެންދިޔައީ އެގޮތަށް މަޖުބޫރު ވެގެންނެވެ. ނަމަވެސް މިހާރު އެއާ މުޅިން ތަފާތެވެ. ސަރުކާރުގެ އެންމެ އިސްވެރިން ޕޯޑިއަމްތަކާއި ޓީވީތަކުގައި ހުޅުމާލެއަށް ހިޖުރަ ކުރުމަށް ވަނީ ދައުވަތު ދީފައެވެ. ހުޅުމާލެއަކީ ރާއްޖެތެރޭ މީހުންގެވެސް ރަށެއް ކަމަށާއި ކޮންމެ މީހަކަށްވެސް ހުޅުމާލެއަށް ބަދަލުވުމުގެ ފުރުސަތު އޮތްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެއީ ޒުވާނުންގެ ޝަހަރުކަމަށް ސިފަކޮށް، ޒުވާނުން ހުޅުމާލޭ ފްލެޓްތަކަށް އަޅާލުމުގެ ޕްލޭންތައް ވަނީ ހަދާފައެވެ. ރާއްޖެތެރޭގެ އެންމެހައި ޒުވާނުން ހުޅުމާލެއަށް ބަދަލުވެއްޖެނަމަ މުސްތަގްބަލުގައި ރާއްޖޭގެ ގިނަ ބަޔަކު އުޅޭނީ ހުޅުމާލޭގައެވެ. ޕްލޭންއަކީ ރާއްޖެތެރެ ހުސްކޮށްލުމެވެ.

ކުޅުދުއްފުށި އަދި ތިލަދުންމަތި އެކަހެރިކުރުން

ކުރިންވެސް ފާހަގަ ކުރިގޮތަށް ރާއްޖެތެރޭގެ ގިނަ ބަޔަކު މާލެއަށް ހިޖުރަކޮށް ކުލީގެ އަޅުންނަށް ވެގެން ދިޔައިރު، ކުޅުދުއްފުށީގެ ގިނަ ބަޔަކު އަދިވެސް ރަށުގައި އެބަތިއްބެވެ. ރަޖިސްޓަރވެފައިވާ އާބާދީ އާއި މީހުން ދިރިއުޅޭ އާބާދީއަށް ބަލާއިރު، ރަށުގައި އުޅޭމީހުންގެ އަދަދު އެންމެ ގިނަ އެއް ރަށަށް ކުޅުދުއްފުށި ވާނެ އެވެ. އެހެން ކަމުން ކުޅުދުއްފުށި މީހުން ރަށުން ލުހެލައިގެން ގެނެސް މާލެއަށް އަޅާލުމަކީ މިހާރުގެ އަމާޒެއްކަން ޔަގީނެވެ.

ތިލަދުންމަތީގައި ސްކޫލު ނިންމާ ދަރިވަރުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ނަމަވެސް އެއާ ގާތްކުރާ އަދަދަކަށްވެސް ސަރަހައްދުގައި ވަޒީފާއެއް ނުއުފެދެއެވެ. ސްކޫލު ނިންމުމަށްފަހު ދާނެ ވަޒީފާއެއް ނެތުމުގެ ސަބަބުން ކޮންމެ ކުއްޖެއްގެވެސް މިސްރާބު އަނބުރާލަނީ މާލެއަށް ކިޔަވަން ދިއުމަށެވެ. ނުވަތަ ރިސޯޓަކަށް ވަޒީފާއަކަށް ދިއުމަށެވެ. ނަމަވެސް ހއ ގައި އޮތް ދެތިން ރިސޯޓް ފިޔަވައި އިތުރު ރިސޯޓެއް ކައިރީގައި ނެތުމުން ޒުވާނުން ބަދަލުވަނީ މާލެ ނޫނީ މާލެކައިރިން ރިސޯޓަކަށެވެ.

އިހަވަންދިއްޕޮޅުގައި މެގަ ޕްރޮޖެކްޓެއް ފަށާވާހަކަ އަބަދުވެސް ދައްކައެވެ. ނަމަވެސް އެއީ ހަމައެކަނި ކަރުދާހުގައި އޮތް ކުރެހުމެކެވެ. އެކަން ހަގީގަތަކަށް ހެދުމުގެ އެއްވެސް ވިސްނުމެއް ނެތެވެ. މާލެ ފިޔަވާ އެހެން ސަރަހައްދަކަަށް އެވަރުގެ ބޮޑު އިންވެސްޓްމަންޓެއް ގެނެސްފާނެހެން ހީވޭ ހެއްޔެވެ. ހދ ގައި އަދިއަދަށްދާންދެންވެސް އެންމެ ރިސޯޓެއް ވެސް ނުހުޅުވެއެވެ. ތިން ރިސޯޓެއް ހަދާތާ 10 އަހަރު ވެއްޖެއެވެ. އަދިވެސް ހުޅުވޭ ކަމަކަށް ނުވެއެވެ. އެކަން އެހެން އޮށްވާ ރައީސް ވަޑައިގެން އިތުރު 5 ރިސޯޓު ހދ ގައި ހުޅުވާނެކަމަށް އިއުލާން ކުރިކަމުގައި ވިޔަސް އެއީ އިހުލާސްތެރިކަމެއް ނެތް ބަސްތަކެއްކަން މިއަދު ހާމަވެއްޖެ އެވެ. ވިދާޅުވި 5 ރަށުގެ ތެރެއިން އެންމެ ރަށެއްގައި ވެސް އެއްވެސް މަސައްކަތެއް ކުރޭތޯ ނިކަން ބައްލަވާށެވެ.

މިއީ ހަމަ ދެތިންކަމެކެވެ. ތިލަދުންމައްޗާއި ކުޅުދުއްފުށީގެ ތަރައްގީ ވަނީ މަޑުޖައްސާފައެވެ. ބޭނުކަމީ އެންމެ ބޭނުމެކެވެ. އެއީ އަހަރެމެން ބިކަ ކުރުމެވެ. މާލެ އާއި ހުޅުމާލެއަށް ހިޖުރަ ކުރަން މަޖުބޫރު ކުރުމެވެ. މިއީ ހަގީގަތެއް ނޫންނަމަ ތަރައްގީ އަމަލުން ދައްކަވައި ދެއްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355