twitterviber whatsapp telegramfacebookyoutube instagram
24th April 2024

ގޭތެރޭގައި ގަސްއިންދާ ހައްދާނެގޮތުގެ މަޢުލޫމާތު ދިނުމަށް ބޭއްވި ޓްރެއިންގ ޕްރޮގުރާމް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފި

Jan 2, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ ޒުވާނުންގެ ޖަމްއިއްޔާ އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގުރިކަލްޗަރ އާއި ގުޅިގެން ގޭތެރޭގައި ގަސް އިންދާ ހައްދާނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ބޭއްވި ޓްރެއިން ޕްރޮގުރާމް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. މިކަމަށްޓަކައި ހުކުރު ދުވަހުގެރޭ ކުޅުދުއްފުށީ އޮފީހުގައި ބޭއްވި ރަސްމިއްޔާތު ފެށިގެންދިޔައީ ކޯހުގެ ބައިވެރިއެއް ކަމަށްވާ އަބްދުއްސައްތާރުގެ ގުރުއާން ކިޔެވުމުންނެވެ.

މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އިބްރާހީމް ވަހީދު ދެއްކެވި ވާހަކަފުޅުގައި ޒުވާނުންގެ ޖަމްއިއްޔާއިން  މިފަދަ ޓްރެއިން ޕްރޮގުރާމެއް ހިންގި ކަމަށްޓަކާއި އެޖަމްއިއްޔާގެ ވެރިންނަށް ޝުކުރު ދެއްނެވިއެވެ. އެއަށްފަހު ކޯހުގައި ބައިވެރިވެ ސެޓްފިކެޓް ހާސިލް ކުރި ބައިވެރިންނަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި މިކޯހުން ލިބުނު މަޢުލޫމާތު ތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބައިވެރިންނަށް ނަސޭހަތް ތެރިވިއެވެ.

ހުކުރު ދުވަހުގެ ރޭރަސްމިއްޔާތުގައި ވަނީ އެ ޖަމިއްޔާއިން ހިންގި ކޯހުގެ މަޢުލޫމާތު ހިމެނޭ ދެ ލުއި ފޮތެއް ބައިވެރިންނަށް ހަދިޔާކޮށްފައެވެ. މިދެފޮތް ބައިވެރިންނަށް ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް ޢަލީ އިބްރާހިމާއި ކުޅުދުއްފުށީ ކަތީބުކަން ގިނަ އަހަރުތަކެއް ވަންދެން ކުރައްވާފައިވާ މޫސާ ޢަލީއެވެ. މިފޮތްތައް ހަވާލުކުރެއްވުމަށްފަހު މޫސާ ޢަލީ ދެއްކެވި ވާހަކަ ފުޅުގައި ކުޅުދުއްފުށީ ޒުވާނުންގެ ޖަމްއިއްޔާއަކީ ވަރަށް ކުރިށްސުރެން މިރަށުގައި އުފެދިފައިވާ ވަރުގަދަ ޖަމްއިއްޔާއެއް ކަމަށާއި މިރަށުގައި ހިންގާ އިޖްތިމާއީ ހުރިހާކަމެއްގައި މީގެ ކުރިންނާއި މިހާރުވެސް ބައިބެރި ވަމުން އަންނަ ޖަމްއިއްޔާއެއްކަން ފާހަގަ ކުރެއްވިއެވެ.

މިގޮތުން ކުޅުދުއްފުށީ އޮފީހުގައި މޫސާ ޢަލީ ހިދުމަތް ކުރެއްވި ދުވަސްވަރު، ކުޅުދުއްފުށީގެ މަގުތަކުގައި ނަން ބޯޑް ޖެހުމާއި އަދި އެނޫންވެސް ރަށަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްފައިވާ ޖަމްއިއްޔާއެއް ކަމަށް ވިދާޅުވިއެވެ. އެއަށްފަހު ކޯހުގެ އިންސްޓްރަކްޓަރ އެގްރިކަލްޗަރ އޮފިސަރ ދެއްކެވި ވާހަކައިގައި މިކޯހުގެ ބައިވެރިންނަށް މިހާރު ގޭތެރޭގައި ގަސްއިންދާ ހައްދާނެގޮތް ރަނގަޅަށް އެގޭނެ ކަމަށް ވިދާޅުވިއެވެ.

ކޯހުގެ ނިމުން ފާހަގަކުރުމަށް ރަސްމިއްޔާތުގައި މިކޯހުގެ ކޯޑިނޭޓަރ އަބޫބަކުރު ހުސެއިންވެސް ބައިވެރިންނާ މުހާތަބުކޮށް ވާހަކަދެއްކެވިއެވެ. އަބޫބަކުރު ހުސައިންގެ ވާހަކައިގައި މިކޯހަށް ވަރަށްބޮޑު ތަރުހީބެއްލިބުނުކަން ފާހަގަ ކުރެއްވިއެވެ. އަދި ވަރަށް އަވަހަށް އެޖަމްއިއްޔާގެ ފަރާތުން މިފަދަ ކުރު ކޯސްތައް ބޭއްވުމަށް ރާވަމުންދާ ކަމަށް ވިދާޅުވިއެވެ.  މިކޯހުގެ ބައިވެރިންގެ ފަރާތުން ވާހަކަ ދެއްކެވީ  ސުހާނާ ހުސެއިން އެވެ. ސުހާނާގެ ވާހަކަފުޅުގައި މިކޯހުން ގަސްއިންދާނެ ގޮތާއި ގަސްމުޑުވައްކުރާނެ ގޮތް އަދި ގަސްތަކަށް ޖެހޭ ބަލިތަކާއި އެބަލިތަކުން ސަލާމަތްވާނެ ގޮތުގެ މަޢުލޫމާތު ވަރަށް ރަނގަޅަށް އެގިގެން ހިނގައްޖެ ކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތު ތައާރަފް ކޮށް ޝުކުރު ދެއްނެވުމުގެ ގޮތުން ވާހަކަ ފުޅު ދެއްކެވީ ކުޅުދުއްފުށީ ޒުވާނުންގެ ޖަމްއިއްޔާގެ ހިންގާ ސެކެޓްރީ އަލީ އަބްދުއްރަހުމާނެވެ. ޓްރޭނިންގް ފުރިހަމަ ކުރެއްވި ބައިވެރިންނަށް ސެޓްފިކެޓްތައް ބައްސަވައިދެއްވީ މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355