twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޑީއާރުޕީގެ ތެރޭގައި އުފެދިގެންއުޅޭ ހިޔާލު ތަފާތުވުންތައް ނައްތާލާނަން: ތަސްމީން

Jan 2, 2011

އިބްރާހިމް ހަމީދު

ޑީއާރުޕީގެ ތެރޭގައި އުފެދިގެންއުޅޭ ހިޔާލްތަފާތުވުންތައް ނައްތާލާނެކަމަށް އެޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުޅުދުއްފުށީ ކައުންސިލަށް ކުރިމަތިލަށްވާފައިވާ ޑީއާރުޕީގެ ކެނޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވުމުގެ ގޮތުން ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގެ ކުރިން، ކުޅުދުއްފުށީ އޮންލައިން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެއްވަމުން ތަސްމީން ވިދާޅުވީ ޑީއާރުޕީގެ ތެރޭގައި އުފެދިގެންއުޅޭ ހިޔާލު ތަފާތުވުންތައް ނައްތާލައްވާނެކަމަށާއި ޑީއާރުޕީއަކީ އަބަދުވެސް ގައުމުގެ މަސްލަހަތަށާއި ގާނޫނާއި ގަވައިދުތަކަށް ބޯލަނބައިގެން ސާބިތުކަންމަތީ ކެރިގެން، ރައްޔިތުންގެ ވިންދާއި އެކީ ކުރިއަށް ދާނެ ޕާޓީއެއް ކަމަށެވެ. އަދި އެއްވެސްއިރެއްގައި ޑީއާރުޕީއަކީ މަސްލަހަތު ނަގާލަން މަސައްކަތް ކުރާ ޕާޓީއެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑީއާރުޕީ ޝަހީދު ހުސެއިން އާދަމްގޮފީގެ ފަރާތުން އިންތިޒާމްކޮށްގެން ރޭ ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، ލޯކަލް ކައުންސިލް އިންތިހާބުގައި އެޕާޓީން ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ވޯޓްދީ އެއިންތިހާބު ޑީއާރުޕީއަށް ކާމިޔާބު ކޮށްދިނުމަށް ތަސްމީން އެޕާޓީގެ މެމްބަރުންނާއި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ޖަލްސާގައި އެމަނިކުފާނު ވާހަކަ ދައްކަވަމުން ވިދާޅުވީ މިއިންތިހާބަކީ ވަރަށް މުހިއްމު އިންތިހާބެއް ކަމަށާއި ކުޅުދުއްފުށިން ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރައްވާ ޑީއާރުޕީގެ ކެނޑިޑޭޓުންނަކީ މިކަމަށް އެންމެ ގާބިލު ބޭފުޅުންކަމަށެވެ. ތަސްމީނު އިތުރަށް ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ޝަހީދު ހުސައިން އާދަމް ގޮފީގެ ފަރާތުން ކުރަށްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

މިޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދާއި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު މުޖްތާޒާއި ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމާއި ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމް އަދި ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ މައުސޫމް ވާހަކަ ދެއްކިއެވެ.

މިޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުންވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުއަށާއި ސަރުކާރުން ކުރަށްވާ ކަންތައްތަކަށް ފާޑުކިޔާފައެވެ. އަދި ޑީއާރުޕީގެ ލީޑަރޝިޕް ބަދަލު ނުކުރެވޭނެ ކަމަށާއި ޑީއާރުޕީއަކީ އެއަށްވުރެ ވަރުގަދަ ގާބިލް ބޭފުޅުން ތިއްބެވި ޕާޓީއެއްކަމަށް ވިދާޅުވެ ވާހަކަ ދައްކާފައިވެއެވެ. އަދި ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް މިއިންތިހާބު ކާމިޔާބު ކުރުމަށް ގަދަ އަލާ މަސައްކަތް ކުރުމަށް ވިދާޅުވިއެވެ.

މިޖަލްސާގައި ޕާޓީގެ މެމްބަރުންނާއި ގިނައަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355