twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފިޔޯރީ އޮންލައިންގެ ނަމުގައި ހިންގަމުންދާ ވެބްސައިޓަކުން ކުޅުދުއްފުށީ އޮންލައިންގެ ގިނަ ލިޔުންތަކެއް ހުއްދައަކާނުލައި ބޭނުންކޮށްފި

Jan 4, 2011

އިބްރާހީމް ހަމީދު

ފިޔޯރީ އޮންލައިންގެ ނަމުގައި ހިންގަމުންދާ ވެބްސައިޓަކުން ކުޅުދުއްފުށީ އޮންލައިންގެ ގިނަ ލިޔުންތަކެއް ހުއްދައަކާނުލައި ބޭނުންކޮށްފައިވާތީ، އެކަން ކުޅުދުއްފުށީ އޮންލައިންގެ މެނޭޖްމަންޓުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ. ކުޅުދުއްފުށީ އޮންލައިންގެ އެގްޒެކެޓިވް އެޑިޓަރ މުޙައްމަދު އިސްމާއީލް ވިދާޅުވީ، ފިޔޯރީ އޮންލައިންގެ ނަމުގައި ހިންގަމުންދާ ވެބްސައިޓަކުން ކުޅުދުއްފުށީ އޮންލައިންގެ ގިނަ އަދަދެއްގެ ލިޔުންތަކެއް “ވަގަށް” ނަގާފައިވާ ކަމަށެވެ. މިފަދަ ކަންތައްތަކަކީ މީހުންގެ ފިކުރީ މުދާ ވަގަށް ނެގުން ކަމަށްވާތީ އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާކަމަށާއި އަދި އެކަން ތަކުރާރު ނުކުރުމަށް އެފަރާތަށް ނަސޭހަތްތެރިވިއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުޅުދުއްފުށީ އޮންލައިނުން ވަގަށް ނަގާފައިވާ ގިނަ ލިޔުންތައް ފިޔޯރީގެ ވެބްސައިޓުގައި ޖަހާފައިވަނީ “މުހައްމަދު ޝަމީމް” ކިޔާ މީހެއްގެ ނަމުގައެވެ. ކުޅުދުއްފުށީ އޮންލައިންގެ ހުއްދައަކާ ނުލައި ބޭނުންކޮށްފައިވާ ލިޔުންތަކުގެ ތެރޭގައި، “އިންތިހާބުތަކަށް ނުފޫޒު ފޯރުވުމުގެ ސަގާފަތް ނައްތާލަންޖެހެއެވެ.” ، “އަންހެން ކުއްޖެއްގެ ފޯނު ނަންބަރު ހޯދާނީ ކިހިނެއް؟” ، “އަނެއް ދިވެހިރާއްޖެ، އަނެއް ފިކުރު އަދި އަނެއްވައްތަރު ފަނި!” ، ” ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ފައިދާއެއް ލިބޭކަމަށް ގަބޫލުކުރެވޭތޯއެވެ؟” ، “ފިޔޯރީ (ކުޅުދުއްފުށި) އާ ހަރުފަތެއް ގިރާކުރަން ޖެހިފައި.” ، ” ރަށުކައުންސިލް ތަކުގެ ދައުރު ރައްޔިތުންނަށް އެނގެނީ ކިހާމިންވަރަކަށް؟” ހިމެނެއެވެ.

ކުޅުދުއްފުށީ އޮންލައިން އަކީ ޑިޕާރޓްމަންޓް އޮފް އިންފޮމޭޝަނުގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ އޮންލައިން ނޫހެކެވެ. އަދި، 2007 ވަނަ އަހަރުން ފެށިގެން އިޖްތިމާއީ ތަފާތު މައުޟޫތަކަށް ގިނަ މަޒްމޫނުތަކެއް ގެނެސްދީފައިވާ ވެބްސައިޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355