އިބްރާހިމް ހަމީދު
ކުޅުދުއްފުށީ ރެހެންދި ޖަމްއިއްޔާގެ ބަށިޓީމުން އިންތިޒާމް ކޮށްގެން ކުމުންދޫ ކުރެވި ޖަމްއިއްޔާގެ ޒީރު ބަށި ޓީމާއި އެކު އިއްޔެ ހަވީރު ކުޅުދުއްފުށީ ހިއްކި ބިމު ގައި ބަށިމެޗެއް ކުޅެފިއެވެ. މިމެޗް 04 ލަނޑު 11 ލަނޑުން ކާމިޔާބުކުރީ ކުޅުދުއްފުށީ ރެހެންދި ޖަމްއިއްޔާގެ ބަށި ޓީމެވެ.
މިމެޗް ފެށުމުގެ ކުރިން ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ރެހެންދި ޖަމިއްޔާގެ ބަށި ޓީމްގެ އޮފިޝަލެއްކަމުގައިވާ ގަމަރުއްނިޝާ ވިދާޅުވީ މިއީ އާއަހަރުގެ މުނާސަބަތުގައި ކުޅެވުނު ބަށި މެޗެއްކަމަށާއި އަދި މިމެޗްގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާފައިވަނީ ރެހެންދި ޖަމިއްޔާ ޓީމްގެ ކުޅުންތެރިންކަމަށެވެ. ގަމަރުއްނިޝާ ވަނީ ކުމުންދޫ ކުރެވި ޖަމްއިއްޔާގެ ޒީރު ބަށި ޓީމް މިދައުވަތު ގަބޫލުކޮށް މިމެޗް ކުޅެދިން ކަމަށްޓަކައި އެޓީމަށް ޝުކުރު ދަންނަވާފައެވެ.
މިމެޗް ޝަރަފް ވެރި ކޮށްދެއްވީ ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ކައިންސިލް މެންބަރުކަމަށް ކުރިމަތި ލައްވާފައިވާ މުއުމިނާ އިގުބާލާއި ކުޅިވަރުގެ މައިދާނުގައި ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށްވާ އާދަމް އިސްމާއީލެވެ.