twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެންމެ ބޮޑު އުއްމީދަކީ ވިޔަފާރިވެރިން ކުޅުދުއްފުށީ ޕޯޓް ލިމިޓެޑާ ގުޅިގެން މަސައްކަތް ކުރުން: އެކްޓިން މެނޭޖިންގ ޑައިރެކްޓަރ

Jan 11, 2011

އިބްރާހިމް ހަމީދު

ކުރިން ޓްރާންސްޕޯޓް މިނިސްޓްރީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއާ ދެމެދު ކުރިވެފިފައި އޮތް މެނޭޖްމަންޓް ކޮންޓްރެކްޓްއެއްގެ ދަށުން އެމްޕީއެލްއިން ހިންގަމުން ދިޔަ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ހިންގުން ކުޅުދުއްފުށީ ޕޯޓްލިމިޓެޑާއި ދާދިފަހުން ހަވާލުވެގެން ދިއުމަށްފަހު، މިބަނދަރުގެ ކުރިއެރުމަށް އެންމެ މުހިއްމީ އަދި ކުންފުނިން ކުރާ އެންމެ ބޮޑު އުއްމީދަކީ ވިޔަފާރިވެރިން އެކުންފުންޏާއި ގުޅިގެން ބަނދަރުގެ ބޭނުން ހިފަމުންދިއުން ކަމުގައި އެކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑައިރެކްޓަރ އަހްމަދު އާތިފް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން އާތިފް ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ވިޔަފާރިވެރިން އެކުންފުންޏާ ގުޅިގެން ރާއްޖޭން ބޭރުން ބޯޓުފަހަރުގައި މުދާ ގެނެސް ބަނދަރުގެ ބޭނުން ކުރުން ކަމަށެވެ. އަދި ކުޅުދުއްފުށީގެ ބަނދަރުގައި އެސްޓީއޯގެ ޑިސްޓްރިބިއުޝަން ސެންޓަރެއް ގާއިމު ކުރުމުގެ މަސައްކަތް މިހާރު ނިމުމުގެ މަގުމަތީގައި ވާކަމަށާއި ލަފާ ކުރެވޭ ގޮތުގައި މިއަހަރުގެ ފެބްރުއަރީ މަހު އެސްޓީއޯގެ ބޯޓުފަހަރު ސީދާ މިބަނދަރަށް މުދާ ގެނެސް އާއްމު ރައްޔިތުންނާއި ހަމައަށް އެހިދުމަތް ލިބިގެންދާނެ ކަމަށްއުއްމީދު ކުރެވޭ ކަމަށެވެ.

މީގެއިތުރުން މިހާރު ރަށުގެ ވިޔަފާރިވެރިންވެސް މިބަނދަރުގެ ބޭނުން ކޮންމެވެސް ވަރަކަށް ހިފަމުންދާކަމަށާއި މިބަނދަރުގެ ހިދުމަތް ބޭނުން ކޮންމެ ފަރާތް ހުޅުވިފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ. އަދި މިކުންފުނީގެ މެޝިނަރީގެ ހިދުމަތް ލޯކަލް ބަނދަރުން ވެސް ލިބޭނޭ ކަމަށް ވިދާޅުވިއެވެ.

ކުޅުދުއްފުށީ ޕޯޓް ލިމިޓެޑަކީ 2009 ވަނަ އަހަރު ޖުލައިމަހު ރައީސުލްޖުމްހުރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ސަރުކާރު 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. މިކުންފުނީގެ ޗެއަރމަން އަކީ އަހުމަދު ޝަފީގެވެ. އަދި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރގެ ގޮތުގައި އަހްމަދު އާތިފް ހުންނަވާއިރު، ބޯޑުގައި ދެންހިމެނޭ 5 މެންބަރުންނަކީ އަބްދުއްރަހީމް އަލީ، އާދަމް ޝަރީފް، މަސީހް އިމާދު، މުހްތާރު ހަސަން އަދި ޝައްމޫންއެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން އާތިފް ވިދާޅުވީ އެކުންފުންޏާއި މަތިއުތުރު ޕްރޮވިންސް އޮފީހުގެ ބިޒްނަސް ޑިވޮލޮޕްމަންޓް ޔުނިޓާއި ގުޅިގެން ވިޔަފާރިވެރިންނަށް އަމާޒު ކޮށްގެން އެބަނދަރުގެ ހިދްމަތްތަކާއި ބެހޭގޮތުން މައުލޫމާތުދީ ހޭލުންތެރިކުރުމަށާއި، އިމްޕޯރޓް އެކްސްޕޯރޓްގެ ފައިދާއާއި ބެހޭ ގޮތުން މައުލޫމާތުދިނުމަށް މިޖެނުއަރީ މަހު ފޯރަމެއް ބާއްވާ ގޮތަށް ރާވާފައިވާކަމަށެވެ.

ކުޅުދުއްފުށީ ޕޯޓް ލިމިޓެޑްގައި 44 މުވައްޒަފުން ވަޒީފާ އަދާކުރަމުން ދާއިރު، އެކައުންޓެންޓެއްގެ ވަޒީފާ އާއި ކުންފުނީގެ ބޯޑްގައި މަސައްކަތް ކުރައްވާނެ އެޑްމިނިސްޓްރޭޓިވް އޮފްސަރެއްގެ ވަޒީފާ ވަނީ އިއުލާން ކޮށްފައެވެ. އަދި ތަނުގެ ހިދުމަތްފުޅާ ވެގެންދާންފެށުމާއެކު އިތުރު މުވައްޒަފުންނާއި އިތުރު އިކުއިޕްމެންޓްތައް ހޯދަންޖެހޭނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355