twitterviber whatsapp telegramfacebookyoutube instagram
28th March 2024

ބޯހިޔާވަހިކަމަށް އަދިވެސް ހައްލެއް ނުލިބިފައި

Jan 19, 2017

-މީމް އަލިފު-

ބޯހިޔާވަހިކަން ނުވަތަ ގެދޮރުވެރިކަން މިއީ ކޮންމެ އިންސާނެއްގެވެސް ވަރަށް އަސާސީ މުހުތާދެކެވެ. އެހެނީ އިންސާނުންނަކީ ދުވާލުގެ ވަގުތު މަސައްކަތުގައި ޝާމިލްވެ އުޅުމަށްފަހު ރޭގަނޑުގެ ވަގުތުގައި ނިދުމާއި އަރާމްކޮށް ފަތިހާ ހޭލުމުގެ އަސާސް އަކަށް ބިނާވެތިބިބަޔަކެވެ. ދިރިއުޅުމަށްޓަކާ އިންސާނާ ކުރާ ބުރަ މަސައްކަތުން ވަރުބަލިވާ ވަގުތު ބުރަކަށި ދަމާލާ ހަށިގަނޑަށް އަރާމެއް ހޯދާލަން ބޭނުންވާނެއެވެ. ދިރިއުޅުމަކަށް ޢާއިލާއެއް ބޭނުންވެއެވެ.ކޮންމެ ޢާއިލާއެއްގެ ފެށުމަކީ ފިރިހެނަކާއި އަންހެނެއްގެ ޒަވާޖީ ހަޔާތަކަށް އެއްބަސްވެ ދެފަރާތް ރުހިޤަބޫލުވެތިބެ ޝަރުއީ ދަރުބާރުގައި ވާ އަޙްދެވެ.

ދިރިއުޅުމަކަށް ފަށާދަތުރުގެ ކުރުދިގުމިނެއް އެނގޭނެ ގޮތެއްނެތެވެ.އެއްދުވަސް ނުވަތަ ދެދުވަސް ނަމަ މީހެއްގެ ގޭގެ އަސްކަނިދަށުގައި މަޑުކޮށްލެވިދާނެއެވެ. އެކަމަކާ ހިތުގައި އެއްވެސް ބަރުހިތެއްނެތެވެ. ބުރަ ބަހެއްވެސް ބުނާކަށް ބޭނުމެއްވެސް ނޫނެވެ. އެހެނަސް އެއީ އެކަން ހިނގާގޮތްނޫންކަމުން ދިރިއުޅުމުގެ ޒަރޫރަތު ފުއްދުމަށްޓަކާ ފުރިހަމަވުމަށްއެދޭ ކަންކަން ހުރެއެވެ.ނިދުމާއި،ކާންތިބެލާނެތަނަކާއި، ފެންވަރާނެނިވަލަކާއި، ބޮޑުގިފިއްޔާއި ކުޑަގިފިލި ކޮށްލާނެ ނިވަލެކެވެ. ބަނޑުފުރާނަމުއްތުކުރާނެ ކާއެތިކޮޅު ތައްޔާރުކޮށްލާނެތަނެކެވެ. އާއިލާއާއެކު ވާހަކަދައްކާލާ ކަންކަމުގައި މަޝްވަރާކޮށްލާން ތިބޭނެތަނެކެވެ.

ދިރިއުޅުމަށް،ނުވަތަ ދިރިހުރުމަށް ބޭނުންވާ އެންމެއަސާސީ މިންވަރަށް ކަންކަން ހަމަޖެއްސުމަށްބޭނުންވާ ފައިސާހޯދުމަށް ކޮންމެވެސް މަސައްކަތެއްކުރަންމަޖުބޫރެވެ. އުފަންވި އަމިއްލަ ރަށުގައި މިދެންނެވިފަދަ މަސައްކަތެއް ލިބެންނެތުމުން ލޯބިވާރަށާއި، ލޯބިވާ އާއިލާއާއި ވަކިންދުރުގައި ހުންނަށް މަޖުބޫރުކަމަކަށްވެ އެކަން މިއަދުވެއްޖެއެވެ. ކުދިރަށްރަށުގައި ދިރިއުޅޭ މަދުމީސްކޮޅަކަށް އަމާޒުކޮށް ވިޔާފާރިއަށް އިންވެސްޓްކުރުމަކީ ދުނިޔޭގެ އެއްވެސްޤައުމަކުން ކުރާނެކަމެއްނޫނެވެ. ބުއްދީގެހަމައިން ބަލާއިރު މިއީ ކުރެވޭނެ ކަމެއްވެސް ނޫނެވެ.

ކޮންމެސަބަބަކާއިހެދި ނަމަވެސް މިއަދު އުޅެމުންމިދަނީ ދުނިޔޭގެ ނިސްބަތުން އެންމެ އާބާދީ ގިނަ އެއްރަށުގަ އެވެ. ހަނިއެހާމެ ކުދިމަގުތައްވަނީ ވެހިކަލްތަކުން ފުރިފައެވެ. ކުރިއަރަމުން އަންނަ އުމުރާނީ ތަރައްޤީ އާއި އެކު ދުވާރުމަތިވަނީ ފުރިފައެވެ.ވީރާނާވަމުންދާ މަގުތައް މަރާމާތުނުކޮށް ވާކަށްވެސް ނެތެވެ. މަގުނުކޮނެ ފަރުޖެއްސޭކަށްވެސްނެތެވެ. މަދުރަސާދޮށަށް ދެވެނީ އޮނަތިރީސް މިނުޓުންކަމަށްވިޔަސް ނުގޮސްވާކަންނެތެވެ. އެކިއެކި ސަބަބުތަކާއި ހެދި ބޯންބޭނުންވާ ފެންފޮދު ގެނެސްދޭ ލޮރީއަށް ފެންކޭސްބާލަން މަޑުކޮށްލެވޭކަށްވެސްނެތެވެ. ފެންނުގެނެސްވެސް ވާކަންނެތެވެ. ބަލިމީހަކު ކާރަން އަރަންދެން ކާރުގެފަހަތުގަ އެއްވެސް ވެހިކަލް އަކަށް މަޑަކުން ނޯވެއެވެ. ބަރުގަނު އަޅާވަރުން ކުއްޖަކަށް ނިދާލަން ނޯވެވޭތާ ފިލާވަޅެއް ހަދާލެވޭކަށްވެސްނެތީއެވެ. މިއީ ދިރިއުޅެމުން މިދާ މާލޭގެ ޙާލަތެވެ.

މަށާ، މަގޭނަވާރަ އަހަރުގެ އަންހެން ދަރިފުޅާއި، މަގޭފިރިމީހާއާއި، މަގޭ ސަތާރަ އަހަރުގެ ދަރިފުޅާއި، އެންމެން އެއްވެސް އަރާމެއްނެތި އެކަކުއަނެކަކާއި ބައްދަލުވެލާނެ ވަގުތުނުލިބި ރެޔާއި, ދުވާލު ކުރިމަސައްކަތުން ދިރިއުޅޭތަނުގެ ކުލިދައްކާފަ، ފެންބިލާއި، ކަރަންޓްބިލާއި، ފޯންބިލާއި، ޓީވީ ބިލާއި، މިހެންގޮސް ހުރިހާ ބިލްތަކަށް ފައިސާ ދައްކާނިމިގެން ކުއްޖަކަށް ކާއެއްޗެއް ގަނެލަން ބަލާއިރު ދަބަހުގައި އޮންނަނީ ހާހެންހާ ރުފިޔާއެވެ. މިހާވަރުން ހޭދަކޮށްލާއިރު ތަނުގެޖާގަ ހުންނަގޮތުން މަންމަ އާއި ދައްތައަށް ކޮޓަރިދީފައި ފިރިހެން ދަރިފުޅަށް ބަދިގޭގައި ހުރި ސޯފާ ދީފަ ބައްޕަ ނިދާލަނީ ތަޅުންމަތީ ގޮދަނޑިއެއް އަޅައިގެންނެވެ.

މިހެންކަންހުރުމުން އާއިލާގެ އޮންނަންވާ ބަދަހިގުޅުން ގެއްލި އާއިލާގެ އުފާވެރިކަންނެތި އުއްމީދާއެކު ދިރިއުޅުމަށް ފެށި ދަތުރުގަ ކަނޑައެޅި އެއްވެސް މަންޒިލަކަށް ވާސިލްނުވެ ފަރަންއެރި އޮޑިތަކުގެ އަދަދެއްނޭގެއެވެ.ބައެއް އޮޑިފެތިގެން ދިޔައިރު އެތައް އޮޑިއެއްގެ ކައްޕިތާނުންވީތަނެއް އަދިވެސް ނޭގެއެވެ.

ފެންހިއްކާލާނެ މީހަކުނެތި ދިޔަވެފަ ހުރިއޮޑިތައްވެސް މަދެއްނޫނެވެ. މިއީ މިއަދުގެ ޙާލަތެވެ.މިހާދަތި ދިރިއުޅުމެއްގައި އުޅެނިކޮށް ބައެއްގެ ހެޔޮކަމަކުން، ދީލަތިކަމަކުން، އޯގާތެރިކަމަކުން ބޯހިޔާވަހިކަމެއް ލިބުމުން ހާދަ އުފާވާނެއެވެ.ޝުކުރުން ހިތްތައްފުރޭނެއެވެ.

ކޮންމެ އޮފީހަކުންވެސް އެއޮފީހެއްގެ މުވައްޒަފުންނާއިމެދު ނިންމާ ނިންމުންތަކުގެ އެންމެކުރިޔަށްގެދޮރުވެރިކަން ދަފްތަރުކުރާނަމަ ހާދަރަނގަޅޭ ހިތަންއަރައެވެ.އެމީހެއްގެ އަސާސީ މުސާރައިގެ ފަންސަވީސް އިންސައްތަ ކުލީގެ ގޮތުގައި ދައްކައިގެން ދިރިއުޅޭނަމަ އޮފީހާއިމެދު އޮންނަ ކުލުނާއި، ޝަޢުޤްވެރިކަން ހާދަ ބޮޑުވާނެއެވެ.މިހެންވެއްޖެނަމަ ޢާއިލާތައް އުފަލުންފޮޅޭނެއެވެ. ރައްބްލްކާއިނާތުގެ ވެރިރައްބް އަޅަމެނަށް މިދުވަސް ދައްކަވައިފާންދޭވެ.އާމީން.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355