މިހަފްތާ ނިމެންވާއިރަށް ހުރިހާ ސްކޫލުތަކެއްގެ ފޮތްބައި ހަމަވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެޑިޔުކޭޝަން މިނިސްޓަރުގެ ނައިބު ވިދާޅުވީ، ރާއްޖޭގެ ބައެއް ސްކޫލުތަކުގެ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ނުލިބި ލަސްވުމަށް މެދުވެރިވީ އެމިނިސްޓްރީއަށް ފޮތްތައް ޗާޕުކޮށްގެން ގެނައުން ލަސްވެފައިވާތީ ކަމަށެވެ. އަދި މިހާރު ބައެއް އަތޮޅުތަކަށް ފޮތްތައް ފޮނުވާފައިވާ ކަމަށާއި މިހަފްތާގެ ތެރޭގައި ފޮތްތައް ހަވާލުކޮށް ނިންމާލެވޭވަރު ވާނޭކަމަށް އެމިނިސްޓްރީން މައުލޫމާތު ދެއެވެ.
ކުޅުދުއްފުށީގެ ބައެއް ސްކޫލްތަކުގައި ވެސް ފޮތްތައް ހަމަނުވާކަމުގެ ޝަކުވާ ބެލެނިވެރިންދަނީ ކުރަމުންނެވެ. ދަރިފުޅު އާ ގްރޭޑަކަށް ދިޔައިރު އެކުއްޖާގެ ފޮތްތައް ހަމަނުވެ ހުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް މިނޫހަށް މައުލޫމާތު ދިން ބައެއް ބެލެނިވެރިން ވަނީ ބުނެފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވަނީ، މިދިޔަ އާދީއްތަ ދުވަހު އާ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ލިބިފައި ހުންނާނެކަމަށެވެ. އެދުވަހު އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަބްދުއްސަމީއު ހަސަން ވިދާޅުވީ އާ ދިރާސީ އަހަރުގެ ކިޔެވުން ފެށޭ އިރު، ދަރިވަރުންނަށް ބޭނުންވާ ވަރަށް މަދު ފޮތެއް ފިޔަވައި ހުރިހާ ފޮތެއް ވެސް ސްކޫލްތަކަށް ލިބިފައި ހުންނާނެ ކަމަށެވެ.