twitterviber whatsapp telegramfacebookyoutube instagram
29th March 2024

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ ޑީއާރުޕީއަށް ވަރަށް މުހިއްމު އިންތިހާބެއް: ޑީއާރުޕީގެ ޒައީމް

Jan 15, 2011

އިބްރާހިމް ހަމީދު

ލޯކަލް ކައުންސިލް ތަކުގެ އިންތިހާބަކީ ޑީއާރުޕީއަށް ވަރަށް މުހިއްމު އިންތިހާބުތަކެއް ކަމުގައި ޑީއާރުޕީގެ ޒަޢީމް އަލްއުސްތާޒް މައުމޫން އަބްދުއްލް ގައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީން ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް މިހާރު ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށަށް ކުރައްވަމުންދާ ޒިޔާރަތުގައި ކުޅުދުއްފުށީ ޝަހީދު ހުސެއިން އާދަމް ގޮފީގެ ފަރާތުން އިންތިޒާމް ކޮށްގެން ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ރޭ ބޭއްވި ޑީއާރުޕީ ޖަލްސާއެއްގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލާއި އަދި ރަށު ކައުންސިލްތަކަށް ޑީއާރުޕީގެ ފަރާތުން ކުރިމަތިލާފައިވާ ކެނޑިޑޭޓުން ކާމިޔާބު ކުރައްވައިގެން ނޫނީ ދިވެހިރައްޔިތުން ބޭނުންވާ ކަންތައްތަކެއް ރާއްޖޭގައި ނުހިންގޭނެ ކަމަށާއި ގަބޫލު ކުރާ އުޞޫލުތަކެއް ރާއްޖޭގައި ނުފެތުރޭނެކަމަށާއި ބޭނުންވާ ލަނޑު ދަނޑިތަކެއް ހާސިލެއް ނުކުރެވޭނެކަމަށާއި އަދި މީގެ އިތުރުން ރައްޔިތުން ބޭނުންވާ އުއްމީދުތައް ހަގީގަތަކަށްވެސް ނުހެދޭނެ އެމަނިކުފާނު ވިދާޅުވިއެވެ.

މިކަންކަން ކުރެވޭނީ ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިހާބު ދިވެހިރައްޔިތުންގެ ޕާޓީގެ ކެންޑިޑޭޓުން ކާމިޔާބު ކުރައްވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއިންތިހާބު ޑީއާރުޕީން ކުޅުދުއްފުށިން ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް ކުޅުދުއްފުށީގެ ޑީއާރުޕީގެ މެމްބަރުންގެ އިތުރުން ކުޅުދުއްފުށީ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުން ދުރުގައި އަހަރެއްހާ ދުވަހު ހުންނެވުމަށްފަހު އެނބުރި ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވި ފަހުން ކުޅުދުއްފުށްޓަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، ކުޅުދުއްފުށި ފިޔަވާ ރާއްޖޭގެ އެހެން އަތޮޅު ތަކުގެ ރަށްރަށުންވެސް ޑީއާރުޕީގެ ފަރާތުން ކުރިމަތިލާފައިތިބި ކެނޑިޑޭޓުންނަށް ވޯޓް ދެއްވުމަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކޮށް ގޮވާލެއްވިއެވެ. އަދި ޑީއާރުޕީގެ ކެނޑިޑޭޓުންނަށް ދެވޭ ވޯޓަކީ މިގައުމުގެ ރައްޔިތުންގެ ކުރިމަގަށް ދެވޭ ވޯޓެއްކަމަށް ވިދާޅުވެ އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ. އަދި ޑީއާރުޕީ އަކީ ވަރަށް މަތިވެރި އުއްމީދުތަކަކާއިއެކު 2005 ވަނަ އަހަރު އެންމެން ގުޅިގެން އުފެއްދެވި ސިޔާސީ ޕާޓީއެއްކަމަށް ވިދާޅުވެ އަދި މިއަދު އެޕާޓީގެ ލޮބުވެތި މެމްބަރުންކުރެއްވި އަގުހުރި މަސައްކަތުން ވަރަށްމަތީ ދަރަޖައަކަށް ރައްޔިތުންގެ މަގްބޫލުކަން ހޯދާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޕާޓީ ތެރޭގައި ހިޔާލް ތަފާތުވުން ތަކެއް އުޅުނުކަމުގައިވިޔަސް އެއީ ޕާޓީ ބައިބައި ކުރުވަނި ކަމެއް ކަމުގައި ހަދައިގެން ނުވާނެ ކަމަށާއި ޕާޓީ އޮންނާނީ އަބަދުވެސް އެއްޕާޓީއެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ. އަދި އަބަދުވެސް މަސައްކަތް ކުރައްވާނީ އެއްއަޒުމެއްގައި އެއްރޫހެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދިވެހިރައްޔިތުން ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ އުއްމީދުތައް ހާސިލް ކުރެވޭނެ ހަމައެކަނި ޕާޓީއަކީ ދިވެހިރައްޔިތުންގެ ޕާޓީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ކުޅުދުއްފުށީގެ ރައްޔިތުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ކުޅުދުއްފުއްޓަކީ ކުރިއެރުމާއި ތަރައްގީގެ ވަސީލަތްތައް ހުރި އުފެއްދުންތެރި ރައްޔިތުން ތަކެއް އުޅެމުންދާ ރަށެއްކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ރައީސްކަމުގެ ދައުރުގައި ކުޅުދުއްފުއްޓަށް ހޯއްދަވައި ދެއްވި ކުރިއެރުންތަކުގެ މައްޗަށް އަލި އަޅުވާލާ ވާހަކަފުޅު ދެއްކެވިއެވެ.

އަދި މިޖަލްސާގައި އަތޮޅުތަކުން ވަޑައިގެންނެވި ބޭފުޅުންނަށާއި ކުޅުދުއްފުށީ ޑީއާރުޕީ ޝަހީދު ހުސެއިން އާދަމްގޮފީގެ މެމްބަރުންނަށާއި ކުޅުދުއްފުށީގެ ރައްޔިތުންނަށާއި އެމަނިކުފާނާއި އެކު މިދަތުރުފުޅުގައި ބައިވެރި ވަޑައިގެންނެވި ވަފްދުގެ އެންމެހާބޭފުޅުންނަށް ޝުކުރުދެއްނެވިއެވެ. މިޖަލްސާ ގައި ޑީއާރުޕީން ވަކިކޮށްފައިވާ އެޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ވާހަކަ ދައްކަވާފައެވެ. އޭގެތެރޭގައި އިލްހާމާއި މަހްލޫފް އަދި އަހްމަދު ނިހާން ހުސެންމަނިކު ހިމެނެއެވެ. އެބޭފުޅުންގެ ވާހަކައިގައިވެސް ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދީ މިއިންތިހާބު ކާމިޔާބު ކުރުމަށް ގޮވާލާފައިވެއެވެ. އަދި ޑީއާރުޕީގެ ޒައީމް ނިކުންނެވީ ކަންތައްތަކެއް ބޭނުންވެގެން ނޫންކަމުގައި ވިދާޅުވެ ވާހަކަފުޅުދެއްކެވިއެވެ. މިގައުމު ބަދަލަކަށް އެދިގެން ލީ ވޯޓު މިހާރު މިވަނީ އަނެއްކާ ވެސް ބަދަލަކަށް ވޯޓު ލާންޖެހިފައިވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވިއެވެ.

ރޭގެ ޖަލްސާގައި ޝުކުރު ދެއްނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ އަތޮޅު ކައުންސިލަށް ވާދަކުރައްވާ ޑީއާރުޕީގެ ކެނޑިޑޭޓް އަލީ އިބްރާހިމެވެ. އަދި މިޖަލްސާ ގައި ހދ. ހއ. ށ. މިތިން އަތޮޅުންނާއި ކުޅުދުއްފުށީ ޑީއާރުޕީގެ މެމްބަރުންނާއި ގިނައަދަދެއްގެ އާއްމު ރައްޔިތުން ބައިވެރިވެފައިވެއެވެ.

ރޭގެ ޖަލްސާއަށްފަހު ޑީއާރުޕީގެ ކެމްފޭން ޖަގަހަ ވަނީ ހުޅުވާފައެވެ. މިޖަގަހަ ހުޅުވައި ދެއްވީ ޑީއާރުޕީގެ ޒައީމްގެ ދަރިކަނބަލުން ދުންޔާ މަޢުމޫނެވެ. މިޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާޓީގެ ޒައީމު ފިޔަވާ މިވަފްދުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުން ބައިވެރި ވަޑައިގެންނެވިއެވެ. މިޖަލްސާ ނިމިގެންދިޔައީ ކުޅުދުއްފުށީ ހަރުމަލް ގުރޫޕްގެ ބޮޑުބެރު ޖެހުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355