twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށިން ދޫކުރާ 100 ގޯއްޗަށްއެދި 1100 ފޯމް ހުޅަހަޅައިފި

Jan 19, 2011

އިބްރާހިމް ހަމީދު

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކުޅުދުއްފުށިން ގޯތި ދިނުމަށް ހުޅުވާލި ފުރުޞަތުގައި ކުޅުދުއްފުށިން ދޫކުރުމަށް އިއުލާނުކުރި 100 ގޯއްޗަށް އެދި 1100 ފޯމް ހުށަހަޅައިފައި ވާކަމަށް ކުޅުދުއްފުށީ އޮފީހުން ހާމަކޮށްފިއެވެ. ކުޅުދުއްފުށީ ކަތީބު އިސްމާއިލް އިބްރާހިމް ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސަތޭކަ ގޯއްޗަށް 1181 ފޯމް ރަށު އޮފީހުން ދޫކޮށްފައިވާއިރު 1100 ފޯމް ލިބިފައިވާކަމަށެވެ. އަދި ޝޯޓު ލިސްޓް ކުރުމަށް އުފައްދާ ކޮމެޓީއަށް މެމްބަރުން ހަމަވިހާ އަވަހަކަށް ޝޯޓް ލިސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް އިސްމާއިލް ކަތީބު މައުލޫމާތު ދެއްވިއެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން ކަތީބު މިއަދު ވިދާޅުވީ، ގޯއްޗަށް އެދިފައިވާ ފަރާތްތައް ޝޯޓް ލިސްޓު ކުރުމަށްޓަކައި ކޮމެޓީއެއް ހޮވުމަށް ކުރިން އިއުލާން ކުރެވުނު ނަމަވެސް އެކޮމެޓީ އަށް މެމްބަރުން އަދި ހަމަނުވާކަމެށެވެ. އަދި މިއަދު ދެވަނަ ފަހަރަށް އެކޮމެޓީއަށް މެމްބަރުން ހޯދުމަށް އިއުލާނު ކުރާނެކަމަށްވެސް ކަތީބު ވިދާޅުވިއެވެ.

ކުޅުދުއްފުށިން ގޯތި ދިނުމަށް ހުޅުވާލި ފުރުޞަތުގައި ގިނަ ބަޔަކު ގޯއްޗަށް އެދި ހުށަހަޅާފައި ވީކަމަށްވިޔަސް ލޯކަލް ކައުންސިލް ތަކުގެ އިންތިހާބު އައުމުގެ ކުރިން ގޯތި ދޫކުރެވޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ކުޅުދުއްފުށީ އޮފީހުން ބުނެފިއެވެ. އެއީ ކައުންސިލް އިންތިހާބު އައުމުގެ ކުރިއަށް ގޯތި ދޫކުރުމަށްޓަކައި ނިންމަންޖެހޭ އިދާރީ މަސައްކަތްތައް ނިންމާލެވޭވަރު ނުވާނެތީކަމަށްވެސް އޮފީހުން ހާމަކުރެއެވެ.

މިފަހަރު ކުޅުދުއްފުށިން ދޫކުރުމަށް ހަމަޖެހިފައިވަނީ 1400 އަކަ ފޫޓުގެ ގޯއްޗެވެ. މިބުރުގައި ކުޅުދުއްށިން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ޖަލާލުއްދީން ސްކޫލްގެ ހުޅަނގުން އޮންނަ ހުސްބިމުންނެވެ.

ކުޅުދުއްފުށީގައި އަލަށް ގޯތި ދޫކުރުމަށް ނިންމި އިރު މީގެ ކުރިން ދޫކޮށްފައިވާ ގިނަ އަދަދެއްގެ ގޯތީގެ ކަން ރޭނުން ފިޔަވާ އިތުރު މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ. އަދި ރަށުތެރޭގައިވެސް މީހުން ދިރިނޫޅޭ ފަޅު ގޯތިތައް ހުރިއިރު ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމާބެހޭ ގާނޫނު ބުނާގޮތުން މިފަދަ ކަންކަމުގައި ގޮތް ނިންމާނީ އަލަށް އިންތިހާބުވާ ރަށު ކައުންސިލުންނެވެ. އަދި، ކައުންސިލް އުފެއްދުމުގެ ކުރިން މިފަދަ ނިންމުމެއް ސަރުކާރުން ނިންމާފައިވާތީ ބައެއް މީހުންގެ ފާޑުކިޔުން ސަރުކާރަށްވަނީ އަމާޒުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355